ނަފްސު ރައްކާތެރިކުރުން

ﷲ سبحانه وتعالى ގެ ޙަޟްރަތުގައި ނަފްސަކީ، އެހެން އެއްޗަކަށް މަތިވެރި މަޤާމަކާއި ޤަދަރެއް ލިބިފައިވާ އެއްޗެކެވެ. ނަބިއްޔާ صلى الله عليه وسلم  ގެފުޅުގެ އަރިހުގައި ހުއްޓި ވަޑައިގެން ހުންނަވައި، ޙަދީޘް ކުރެއްވި ބަސްފުޅުގެ މަތިން ހަނދާންކޮށްލަމާ ހިނގާށެވެ! އެކަލެގެފާނު ގެފުޅާ މުޚާޠަބު ކުރައްވައި، ޙަދީޘްކުރެއްވި ބަސަފުޅެއްގެ މާނައިގާ ވެއެވެ. "ތިބާގެ ރަނގަޅުކަމާއެވެ! އަދި ތިބާގެ ވަހުގެ މީރުކަމާއެވެ! ތިބާގެ މަތިވެރިކަމާއެވެ. އަދި ތިބާގެ ހުރުމަތްތެރިކަމުގެ މަތިވެރިކަމާއެވެ! މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ﷲ ގެ ޙަޟްރަތުގައި މުއުމިނާގެ މުދަލާއި އޭނާގެ ފުރާނައާއި، އޭނާއާމެދު ހެޔޮކޮށް މެނުވީ ހީނުކުރުމުގެ ޙުރުމަތް، ﷲ ގެ ޙަޟްރަތުގައި ތިބާގެ ޙުރުމަތަށްވުރެ ބޮޑުވެގެން ވެއެވެ."

މާތް ﷲ ގެ ޙަޟްރަތުގައި އިންސާނާގެ ނަފްސުގެ މާތްކަމާއި، ވެރިކަމުގެ ބޮޑުކަން ނިކަން ތަސައްވުރަށް ގެނެސް ބަލާށެވެ! މާތް ﷲ މިނަފްސު ރައްކާތެރިކުރުން ވާޖިބު ކުރެއްވިއެވެ. މި ނަފްސަށް އަނިޔާކުރުމާއި ގޯނާކުރުން ނަހީކުރެއްވިއެވެ. މި ނަފްސުގެ ޙައްގުތައް އަދާކުރުމަށް އަމުރުކުރެއްވިއެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  ‎﴿ مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا  ‎﴾‏  މާނައީ: "އެކަމަށްޓަކައި އިސްރާއީލުގެ ދަރިންގެ މައްޗަށް ތިމަން ރަސްކަލާނގެ ކަނޑައެޅުއްވީމެވެ. ނަފްސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފްސު ދިރުވައިފި މީހާ (އެބަހީ ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ."
މާތް ﷲ ގެ އަޅުތަކުންނޭވެ! ނަފްސަކީ، ހާދަ އަގު ބޮޑު އެއްޗެކެވެ. އެއީ އިންސާނުންނަށް އުފެއްދޭނެއެއްޗެއްނޫނެވެ. ހަލާކުވުމުން މަރާމާތުކޮށް ރަނގަޅުކޮށްލެވޭނެ އެއްޗެއްވެސްނޫނެވެ.
މާތް ﷲ ވަނީ ނަފްސާ މުޢާމަލާތުކުރާއިރު ހުއްދަވެގެންވާ ކަންތައްތަކާއި، ހުއްދަވެގެންނުވާ ކަންތައްތައް ބަޔާންކޮށް ދެއްވާފައެވެ. ނަފްސް ހަލާކަށް ހުށައެޅުން މަނާކުރައްވައި، މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿  وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ ‎﴾ މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. މި ނަފްސު މެރުން ޙަރާމް ކުރައްވައި، މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  ﴿ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ‎﴾ މާނައީ،  އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ."

މާތް ﷲ ގެ އަޅުތަކުންނޭވެ! އިޙްސާންތެރިއަކަށް ވެވޭތޯ މަސައްކަތް ކުރާށެވެ! އިޙްސާންތެރިކަމުގެ ތެރޭގައި، ތިމާގެ ނަފްސާއި އެހެން މީހުންގެ ނަފްސު ،ރައްކާތެރިކުރުމާއި ނުރައްކަލަށް ހުށަނޭޅުން ވެއެވެ. މަގުމަތީގައި ދުއްވަން ކަނޑައަޅާފައިވާ ބާރުމިނާ ޚިލާފަށް، އެއްގަމު އުޅަނދުތަކާއި، ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ، ނަފްސު ހަލާކަށް އެއްލައިލުމެކެވެ. މަގުމަތީގައި، ނުވަތަ ކަނޑުމަތީގައި، އެކަކު އަނެކާ ވާދަކޮށް، ރޭސް ޖެހުމަކީ، ނަފްސު ހަލާކަށް ހުށަހެޅުމެވެ. ވަރުބަލިވެ، ނިދިއައިސް ތާއްޔާ ޖެހެމުންދާ ހިނދު، ނުވަތަ ތިމާގެ ނަފްސު ކޮންޓރޯލް ނުކުރެވޭ ޙާލަތުގައި، މަގުމައްޗަށް ނުކުމެ އުޅުމަކީ ވެސް ނަފްސު ހަލާކަށް އެއްލައިލުމެކެވެ. ފޯނާ ކުޅެމުން އުޅަނދުފަހަރު ދުއްވަނިކޮށް އެކްސިޑެންޓުވަނީ ކިހާ ވަރަކަށް ހެއްޔެވެ؟ މަގުމަތި އޮތީ ހުސްކޮށް ކަމަށް ހީކޮށް، ހިސާބަށްވުރެ ބާރަށް ދުއްވަމުންދަނިކޮށް، ރައްކާތެރި ޙާދިސާތައް ހިނގާފައި ހުރީ ކިތައް ފަހަރު ހެއްޔެވެ؟
މާތް ﷲ ގެ އަޅުތަކުންނޭވެ! މިފަދަ އަމަލުތަކުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ މައިންބަފައިން ހިތާމައިގެ ކަނޑަށް ޣަރަޤު ވުމެވެ. ލޯބިވާ ފިރިމީހާ ދުށުމުގެ އިންތިޒާރުގައި ގޭގައިއިން އަނބިމީހާއަށް ކުއްލިއަކަށް ހިތާމަވެރި ފޯނު ކޯލެއް ލިބުމެވެ. އޭނާގެ ޅަ ދަރިން ޔަތީމުވެ، އެކުދިންގެ ކުރިމަގު ބަނަވުމެވެ. ޤައުމަށް ފައިދާހުރި ހަކަތަ ތަކެއް ގެއްލިގެން ދިޔުމެވެ. ބައެއް މީހުން ދުނިޔެއާ ވަކިވަނީއެވެ. އަނެއް ބަޔަކު ނުކުޅެދުންތެރިވެ، ބަޔަކު އުފުއްލަން ޖެހޭ ބުރައަކަށް ވަނީއެވެ. ޢާއިލާއަށް ބަރުދާސްތުކުރާންޖެހޭ ދާއިމީ ހިތާމައަކަށް ވަނީއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *