(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
ރަނާ އޮތީ ކޮޓަރީގައެވެ. ރޭގަނޑު ނުނިދުމުގެ ސަބަބުން އޭނާގެ ދެލޯވަނީ ރަތްވެފައެވެ. ވަހީދާ ކޮޓަރިއަށް ވަނުމުން ރަނާ ތެދުވިއެވެ. މަންމައާއި ކުރިމަތިލާކަށް އޭނާއަކަށް ނުކެރުނެވެ. މަންމަގެ މޫނަށް އޭނާއަށް ސިއްރުން ބަލާލެވުނެވެ. ކުރިން އޯގާވެރިކަން ފެނުނު ވަހީދާ މޫނުން ފެންނަނީ ހަރުކަށިކަމެވެ. ވަހީދާ ކުރަންނިންމާފައިވާ ކައިވެނީގެ ވާހަކަ ރަނާ ގާތު ބުންޏެވެ. މިކަމުގައި ރަނާގެ ރުހުން އޮތްތޯ ނުވަތަ ނޫންތޯ ބަލަން އޭނާ ބޭނުން ނޫންކަމުގައި ބުންޏެވެ.
ވަހީދާ ބޭނުންވީ ކައިވެނީގެ ރަސްމިއްޔާތު ވަރަށް ބޮޑުކޮށް ބޭއްވުމަށެވެ. ކުއްލިއަކަށް ކައިވެނި ކޮށްފިނަމަ ރަށުމީހުން ޝައްކު ކޮށްފާނެތީ އޭނާ ޖެހިލުން ވަނީއެވެ. ރަށުގައި ވާހަކަ ދެކެވެނީ އެކައިވެންޏަކީ ހަމްޒާ އެދުމުގެ މަތީން ކުރާ ކައިވެންޏެއް ކަމުގައެވެ. ރަށުއެންމެންވެސް އެކަމަށް ތާއީދު ކުރެއެވެ. ދިރިހުރުމުގެ އުންމީދު ގެއްލިފައިވާ ހަމްޒާގެ ދަރިފުޅު ހަރުދަނާ މީހަކާ ހަވާލުކުރެވޭތަން ފެނުމަކީ ރަށުމީހުންވެސް ގަބޫލު ކުރާ ގޮތެވެ.
"ރަނާ. ހާދައަވަހަކަށް ކައިވެނިކުރަނީ. ކިޔެވުން ހުއްޓާލީ ކީއްވެ؟"
"ރީނާޒަށް ހަމަ ނޭނގެނީތަ؟ ހަމްޒާބޭ އެހާލުގައި އޮއްވާ ދެން ރަނާދައްތަ ދާހިތްވާނެތަ؟" އިނާޒުގެ މިޖުމްލައިން މިއަދު ރަނާ ސަލާމަތްވިއެވެ. މިގޮތަށް ސިއްރު ފޮރުވާފައި ބާއްވާނީ ކިހާދުވަހެއް ވަންދެން ބާވައެވެ؟
ކައިވެންޏަށްޓަކައި އަސަދުމެންގެ ރައްޓެހިންނާއި އާއިލާ ގުޅިގެން ރަނާމެންގެ ގެ ތައްޔާރު ކުރެވެނީ ވަރަށް ފުރިހަމަކޮންނެވެ. ދިވެހިވަންތަ މަންޒަރެއް ދައްކުވައިދޭ ހަރުގެއިން ފެންނަމުން ދަނީ މުއްސަނދިކަމާއި ތަނަވަސްކަމެވެ. ކައިވެނި ކުރުން އޮތީ ނުވައެއްޖަހާއިރު އެންމެންގެ ކުރިމަތީގައެވެ. އޭގެފަހުން މެހެމާނުންނަށް ތައްޔާރު ކުރެވިފައިވާ ކެއުމުގެ މީރުވަހުން މުޅިތަންވަނީ އެއްވަސް ކޮށްފައެވެ. ނުވަގަޑި ފަހެއްވީއިރު ކޯޓުގެ މީހުންނާއި ދެހެކިން އައިސް ގޮނޑީގައި އިށީނދެ ތިއްބެވެ. ރަނާވެސް މޭޒުގެ އަނެއްފަރާތުގައި އިށީނދެގެން އިނެވެ. ނުވަގަޑިފަނަރަ ވެއްޖެއެވެ. އަސަދުގެ ޚަބަރެއް ނުވެއެވެ.
" އަސަދު ކޮބައި؟ މާބޮޑަށް ލަސްވާނަމަ އަޅުގަނޑުމެންނަކަށް ނުތިބެވޭނެ." މެހެމާނުންގެ އިތުރަށް ގާޒީވެސް ސުވާލު ކުރަން ފަށައިފިއެވެ.
"އަދި އިންތިޒާރު ކޮށްލައްވާ. ކަމެއް ދިމާވެސް ވެދާނެ. ޔަގީނުންވެސް މިހާރު އަންނާނެ." ވަހީދާ އުންމީދުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. އިންތިޒާރު ކުރެވެމުން ދަނީއެވެ. ރަނާގެ ހިތް ވަސްވާސްތަކުން ފުރެމުން ދަނީއެވެ. އެންމެފަހުން ދިހައެއް ޖެހުމުންވެސް އަސަދުގެ ޚަބަރެއް ނުވިއެވެ.
"މާފު ކުރައްވާ. ގަވާއިދުގެ އިތުރުންވެސް އަޅުގަނޑުމެން ގިނަވަގުތު ތަކެއް މަޑުކޮށްފިން. ދެން ދަނީ." ގާޒީ ތެދުވެއްޖެއެވެ. ކައިވެނީގެ މަޖްލިސް ކެންސަލް ކުރުމުގެ ހިތާމަވެރި ޚަބަރު ދީފައެވެ. އެތައް ހިތާމައަކަށް ކެތްކުރަމުން ދިޔަ ވަހީދާގެ މޭ ތޮރުފުނު ކަހަލައެވެ. ލަނގޮނޑި އޮތްދިމާއިން ނިކުންނަން އުޅެނީއޭ އޭނާއަށް ހީވިއެވެ. އެތައް އިރަކު އިންތިޒާރު ކުރުވާފައި އުންމީދުގެ ހުޅުކޮޅު ރޯކުރުވާފައި ދިރިއުޅުން އަނެއްފުށަށްޖަހަނީކަން ޔަގީންވެއްޖެއެވެ.
" އަސަދު ނައީ ކީއްވެތަ؟ މީގެެ ކުރިން ރަނާއާއި އޭނާ ދިމާވީތަ؟" ވަހީދާ ގޮތްހުސްވެގެން ހަޅޭއްލަވަނީއެވެ.
"ނޫން"
"ދެންކީއްވެތަ އޭނާ ނައީ. މީހުސް ކަލޭގެ ނުބައިކަމުގެ ނަތީޖާ. މަ އޭރުވެސް ބުނިން މިރާއްޖޭން ބޭރަށް ކަލޭ ނުފޮނުވާށޭ." ދުވަހަކުވެސް ހަޅޭއްނުލަވާވަރަށް ވަހީދާ ހަޅޭއްލެވިއެވެ.
އަސަދަށް ވީގޮތް އޮޅުންފިލުވަން ވަރަށް ގިނަ މީހުން ބޭނުންވިއެވެ. ނަމަވެސް އެރޭ އަސަދުގެ މަންމަ ފިޔަވައި އެހެން މީހަކަށް އޭނާ ވީ ތަނެއްވެސް ނޭނގެއެވެ. އަސަދު ފިލީއެވެ. ރަނާއާއި ކައިވެނި ކުރަން އޭނާ ފޫހިވީއެވެ. އޭނާގެ ރީތިކަމާއި ފަރިކަމުގެ ފަހަތުގައި އޮތީ އޮޅުވާލުމެވެ. އާއިލާގެ އިއްޒަތްތެރިކަމުގެ ފޮރުވިފައިވާ ސިއްރަކީ މަކަރުވެރިކަމެވެ. ކުރެވެމުންދިޔަ އިހުތިރާމްގެ ނުފެންނަ ހަގީގަތަކީ ދީނާ ޚިލާފު މުޑުދާރު ފާހިޝް ޢަމަލުތަކެވެ.
ކައިވެނީގެ ހަފްލާގައި ކަންތައް ވީގޮތުން ވަހީދާ ވަނީ ރަނާދެކެ ކުރިއަށްވުރެ ބޮޑަށް ރުޅިއައިސްފައެވެ. އޭނާ ރަނާއާއި އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކައެވެ. މުޅި ގޭގައި އެކަހެރި ކޮށްލައިފިއެވެ. ރަނާ ދެރަވީ އޭނާގެ ކައިވެންޏަށްޓަކައި އަސަދު ނައުމަކުންނޫނެވެ. އެ ބޭގަރާރުކަމުގައި މޮޔައެއްފަދައިން މަންމަ އުޅުނު ގޮތުންނެވެ. ހާސްކަމާއި ހިތާމައިން ފުރިގެންވީ ކަންބޮޑުވުންތައް ފެނުމުންނެވެ. ތަކުރާރުކޮށް ބައްޕަ ގާތު ދައްކާ މޮޔަވާހަކަ ތަކުންނެވެ.
"މީ އަޅުގަނޑުމެން ކޮންކަމެއްކޮށްގެން ލިބުނު ސަޒާއެއް. ދުވަހަކުވެސް އަޅުގަނޑު މީހަކަށް ގޯނާއެއްނުކުރަން. މީ ހުސްވެސް ހަމްޒާގެ ކަންތައް. އަޅުގަނޑު ކިހާވަރަކަށް އާދޭސްކުރިން އެމަންޖެ ވިލާތަށް ނުފޮނުވަން. އެތަނަށް ދާކުއްޖެއްވިއްޔާ އަންނަނީ މަގު އޮޅިގެން. ރާބޮއި ދީންގެއްލުވާލައިގެން ކަން އަޅުގަނޑަށް އެނގޭތީ އެމަންޖެ ނުފޮނުވަން އެހާ ވަރުދެއްކީ." ވަހީދާ ހުރީ ހަމަޔަކު ނޫނެވެ. އޭނާ ހަމްޒާގެ މޫނުމަތީގައި ޖެހިއެވެ. އެ ވާހަކަ ނުދެއްކޭ ބަލިމީހާގެ ކަރުން ބާރު އަޑެއް އިވުނެވެ. އިނާޒަށް މި މަންޒަރު ބަލާކަށް ކެތެއްނުކުރެވުނެވެ.
"ދައްތާ. ބޭބެއަކަށް އެއްވެސް އެއްޗެއް މިހާރަކު ނޭނގޭނެ." އިނާޒު ވަހީދާ އަތުގައި ހިފާ ބޭރަށް ނެރުނެވެ.
ރަނާ ކޮޓަރީގައި ހިނގާލަ ހިނގާލަ ހުއްޓެވެ. ހުދުކުލައިގެ އަގުބޮޑު ކައިވެނީގެ ހެދުމުގައި އޭނާ ހުރިއިރު އެހެން އަންހެން ކުދިންނާއި ޚިލާފަށް އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. އަސަދު ކައިވެންޏަށްނައި ސަބަބެއް ނޭނގުމުން އޭނާއަށް އެކިގޮތްގޮތަށް ވިސްނެމުން ދިޔައެވެ. އޭނާއަށް ރަނާގެ ހާލަތު އެނގުނީބާވައެވެ. ކައިވެނި އަވަސްކުރުމުގެ އަސްލު ސަބަބު އޭނާއަށް އެނގުނީއެވެ. ވީއިރު އޭނާ ނައީ ކީއްވެހެއްޔެވެ؟ އެހެން ފިރިހެނުން ފަދައިން ރަނާއަށް ހަޅޭއް ނުލެވީ ކީއްވެހެއްޔެވެ؟ އެންމެންގެ ތެރޭގައި ބޭޒާރުކޮށްނުލާ ހަނުހުރީ ކީއްވެހެއްޔެވެ؟ ކޮންމެވެސް ކަމެއް ވެއްޖެއެވެ. ރަނާ ބޭރަށް ނިކުތެވެ. ހުސްފައިގާ އޭނާ ހިނގާފައި ދިޔައީ އަނދިރި ގޯޅި ތަކަކުންނެވެ.
ހިތަށް ވެރިވެފައިވާ އުދާސްތަކުން އޭނާއަށް އުޅެވޭގޮތެއް ނޭނގެއެވެ. އޭނާގެ ސަބަބުން ބައްޕަ އުންމީދެއްނެތް ބައްޔެއްގައި އެނދުމަތި ކުރެވުނީއެވެ. މަންމަގެ ހިތް ފުނޑުފުނޑުވީއެވެ. ރަށަށް ބޭޒާރުވުމުގެ ކުރީން ކުރަންއުޅުނު ކައިވެނި ހުއްޓުނީއެވެ. އަސަދަށް ވީގޮތެއް ނޭނގުނެވެ. ރަނާ ދުއްވައިގަތެވެ.
ރަނާއަށް ދެވުނީ ރަށު ތުނޑިޔާ ދިމާއަށެވެ. މިލަ ހަނދުވަރުގެ ހެދުންލައިގެން އޮތް ތުނޑީގައި ވަނީ ފަޅުކަމެވެ. ފިނީގެ ސާލެއް ފެތުރިފައިވާ ޖައްވުގައި ރަސްކަން ކުރަމުންދަނީ ފަނިފަކުސާގެ މިއުޒިކެވެ. ހިމޭން މާހައުލުގައި ވަނީ މެދުކެނޑުމެއްނެތި ގޮނޑުދޮށުގައި ފިރުމާލަމުންދާ ރާޅުތަކުގެ އަޑެވެ. ހަނދުގެ ދަޅައެޅިފައިވާ ރިހިމޫދު ފެނުމުން އޭނާއަށް ހުއްޓެވުނެވެ. ކުރަންމިއުޅޭ ކަންތަކުގެ ނުރައްކާ އެނގުމުން އޭނާ ބިރުން ރޫރޫ އަޅައިގަތެވެ. ރަނާ ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނެވެ. އޭނާ ބާރަށް ރޯންފެށިއެވެ. އަދި ހުރިތަނާ ދިމާ ތިރީގައި އިށީނދެވިއްޖެއެވެ. މޫދަށް އެރިގެން މަރުވުމުން އޭނާއަށް އިންސާފު ނުލިބޭނެކަން ޔަގީންވީ ކަމަށްވެސް ވެދާނެއެވެ.
"ރަނާ." ހިމޭންކަމުގެތެރޭން ފުރޭނިގެން އައި ފިރިހެނެއްގެ އަޑަށް ރަނާ ހުއްޓުން އެރިއެވެ. މަޑުމަޑުން އެއަޑެއް އައި ދިމާއަށް ރަނާއަށް ބަލާލެވުނެވެ. ގަބޫލުކުރަން ދަތިވިޔަސް ކުރިމަތީގައި ހުރީ އަސަދެވެ. ކައިވެންޏަށްޓަކައި ލާފައިވާ ކޯޓުލައިގެންނެވެ.
"ރަނާ. ކައިވެނި އެހާ އަވަހަށް ކުރަން އުޅުނުއިރު އަހަރެންނަށް ޝައްކުނުވީތީ ދެރަވޭ. ކީއްވެތަ އަހަރެން އެހާ މޮޔައީ؟" އަސަދުގެ އަޑުގައި ވަނީ ހިތްދަތި ކަމެވެ.
"އަހަރެން އިނީ ހައްޔަރުގައިކަން އަސަދަށް އެނގުނީދޯ." ރަނާއަށް އަދިވެސް ރޮވެނީއެވެ.
"އެނގިއްޖެ. އެކަމަކު އެއީ ކިހިނެއް ވީކަމެއް؟"
"މިހާރު އެވާހަކަ ދައްކައިގެން އަހަރެމެން ދެމީހުނަށް ވެސް ލިބޭނީ ހިތްދަތިކަން." އެވާހަކަތައް ކިޔައިދޭނެ ހިތްވަރެއް އޭނާގެ ނެތެވެ.
"އަހަރެންނަށް މާފުކުރޭ. ރަނާއަކީ ކިތަންމެ ރީތި ކުއްޖަކަސް ދީނުން ގެއްލިފައިވާ ކުއްޖަކަށްވާތީ އަހަރެންނަކަށް ގަބޫލެއް ނުކުރެވޭނެ. އަހަރެންވެސް ބޭނުމީ ސޯލިހު ދަރިންތަކެއް ތަރުބިއްޔަތު ކުރާނެ ދީންވެރި މަންމައެއް." އަސަދު އަނެއްފަރާތަށް އެނބުރުނެވެ. އޭނާ ކުރިއަށް ހިނގައިގަތެވެ.
" އަސަދު." ރަނާ ގޮވިއެވެ. މަޑުކުރުމަށް އާދޭސް ކުރިއެވެ. ނަމަވެސް އޭނާ ފަސްއެނބުރި ބަލާވެސް ނުލިއެވެ. ހިރުވާތަން ކަހާވެސް ނުލާފަދައިން ރަނާގެ އާދޭހަކަށް އަސަދުގެ ހިނގުމެއްވެސް ނުހުއްޓުނެވެ.
" އަސަދު." އެންމެ ފަހުން ދުވެފައި އައި ރަނާ އަސަދުގެ ކުރިމައްޗަށް އެރިއެވެ. މާނޭވާލަމުން ދާއިރު ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ.
" އަސަދު. މާތްﷲ ޓަކައި އަހަރެންގެ މިސިއްރު އެއްވެސް މީހެއްގެ ގާތުގައި ނުބުނެ ސިއްރުކޮށްދީ!"
"އެންމެ ރަނގަޅު. މާﷲގެ ނަންފުޅުގަނެ އާދޭސް ކުރީތީ އަހަރެން ވައުދުވަން. ދުވަހަކުވެސް އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް މި ކައިވެނި ނުކުރެވުނީ ކީއްވެގެން ކަމެއް ނޭނގޭނެ." އަނެއްކާވެސް އަސަދު ހިނގައިގަތެވެ. އެ އަނދިރި މާހައުލުގައި އަލިކަމެއްނެތް ދިރިއުޅުމަކަށް ދޫކޮށްލާފައެވެ. އޭނާ ދޮންވެލިގަނޑުމަތީ އިށީނެވެ.
********** *
"ރަނާ ދައްތާ. އަހަރެން ގަބޫލު ވެދާނަން." ބޭރުގައި ހުރި ރުއްބުޑެއްގައި އިރުގަނޑެއްވަންދެން ވިސްނަން އިން އިނާޒު އެތެރެއަށް ވަދެލަމުން ބުންޏެވެ. މިކަމުގައި ރީނާޒާއި މަޝްވަރާކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. މިވަގުތު އެންމެ މުހިންމީ ރަނާދައްތައަށް އެހީވުމެވެ. އަމިއްލައަށް މަރުވާން އުޅުމުން ރައްކާތެރިކޮށްދިނުމެވެ. އެއީ ފާފަކަންބޮޑު ކުށެއްކަން އޭނާއަށް އެނގެއެވެ. ރަނާ އަމިއްލައަށް މަރުވުމަކީ އޭނާދެކެން ބޭނުންވާ ކަމެއް ނޫނެވެ. ރަނާއާއި އޭނާގެ މައިންބަފައިން ނެތްނަމަ އޭނާ އުޅެންޖެހޭނެ ބިކަ ހާލު އިހުސާސްވެއެވެ. އަދަދުނުކުރެވޭ ބުރަ މަސައްކަތް ކުރުވާފައިވީ ނަމަވެސް ބަނޑުފުރާނަ މުއްތި ކުރެވޭވަރަށް ކާއެތިކޮޅު ލިބުނީ އެމީހުންގެ ދީލަތިކަމުންނެވެ. މަންމަގެ ގާތުގައި މަސައްކަތް ކޮށްފައި ކާންނުލިބުނުތާނގާއި ލިބުނު ޖިސްމާނީ އަނިޔާތަކެއް މިގެއަކުން އޭނާއަކަށް ނުލިބެއެވެ. އެއީވެސް ގޮތެއްނެތް ކުއްޖަކަށް ދިރިހުރުމަށްޓަކައި ލިބުނު ވަރަށް ބޮޑުވަރެކެވެ.
"ކޮއްކޯ. މީ ހަމައެކަނި ނަމެއްގައި ކުރެވޭކަމެއް. އަހަރެންނަށް ދިމާވި ފަދަ ހިތްދަތިކަމެއް އެހެން މީހަކަށް ވާކަށް ނޭދެން. އެކަންތައްތައް އެއްވެސް މީހަކަށް ކިޔައިދޭނެ ހިތްވަރެއް އަހަރެންގެ ނެތް." ރަނާ އިނާޒުގެ އަތުގައި ހިފާލިއެވެ. އޭރު އިނާޒަށް ރޮވެނީއެވެ. ރަނާގެ އަތުން އިނާޒުގެ ކަރުނަ ފޮހެލަދިނެވެ.
"ދެން ނުރޮއި ކޮއްކޯ. ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ." އިނާޒަށް ހިތްވަރު ދެމުން ދާއިރު ރަނާއަށްވެސް ރޮވެނީއެވެ. އިނާޒުގެ އަތުގައި ރަނާ ހިފިއެވެ. އަދި ބާރު ހިނގުމެއްގައި އެ ބާ އިމާރާތުން ނިކުތެވެ. ކުރިމަތިން ފެންނަންއޮތް ތަނަވަސް ބޮޑުގެއާއި ދިމާއަށް ރަނާ މިސްރާބު ޖެހިއެވެ. އެދެމީހުން އެތެރެއަށް ވަނެވެ. ހަމްޒާމެން ނިދާ ކޮޓަރީގައި އޭނާ ޓަކިޖަހާލިއެވެ. ވަހީދާ ދޮރު ހުޅުވާލުމާއެކު ރަނާ ކޮޓަރި ތެރެއަށް ވަނެވެ.
"ބައްޕާ. އަޅުގަނޑަށް މާފުކުރައްވާ. ހުރިހާކަމެއްވެސް ހިނގާދިޔައީ އެކަކުވެސް ބޭނުންވި ގޮތަކަށް ނޫން. އަސަދުގެ ފަރާތުން އަޅުގަނޑުގެ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން. އަޅުގަނޑު މިރޭ ގޮތެއް ނިންމައިފިން. މިކަމާ ރުހި ނުލައްވާނެހެނެއް އަޅުގަނޑަކަށް ހީއެއްނުވޭ." ރަނާ ވާހަކަ ދެއްކީ މަޑުންނެވެ. އޭނާގެ އަތުން ބައްޕަގެ ނިތްކުރީގައި ފިރުމާލިއެވެ. ހަމްޒާއަކަށް ރަނާ ގާތުގައި ހުރިހެނެއްހެންވެސް ހީއެއް ނުވެއެވެ. އޭނާ ފަރާތް ފަރާތަށް މޫނު އަނބުރަމުން ދިޔައެވެ.
(ނުނިމޭ)
