(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"ރަނާ. އިތުރު ވާހަކައެއް ދެއްކުމުގެ ބޭނުމެއްނެތް. ބައްޕައަށް މިހާރު އެކަކުވެސް ނޭނގޭ. ބުނަން އުޅޭއެއްޗެއް ރަނގަޅަށް ބުނެފާ ނުކުމޭ." ވަހީދާ ހިފަހައްޓަމުން ދިޔަކަރުނަތަކެއް ރަނާއަށް ނުފެންނަގޮތަކަށް ނުހެދުނެވެ.
"އަޅުގަނޑު އިނާޒާއި ކައިވެނި ކުރަން ނިންމައިފިން."
"ކީކޭ. އޭނައަކަށް ތިކަމެއް ނުކުރެވޭނެ. އޭނާގެ މަންމަ އަދި ދުނިޔޭގައި އެބައިން. މިގޭގައި އުޅުނަކަސް އެމީހުން ނުގަބޫލުނަމަ ތިކަމެއް ނުކުރެވޭނެ." ވަހީދާ އަށް ބުނެވުނެވެ. އޭނާ ރުޅިއަންނަން މަސައްކަތް ކުރިއަސް އެކަމެއް ނުވެއެވެ. އެއީ އޭނާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ޒަމާންތަކެއް ފަހުން ލިބުނު އެދަރިފުޅު އޭނާއަށް ގެންގުޅެވުނީ ބާރަ އަހަރު ވަންދެނެވެ. އޭގެ ހަ އަހަރު ފަހުން އޭނާގެ ގާތަށް އައުމުން ކިތަންމެ ނުރުހޭކަމެއް ކުރިނަމަވެސް އޭނާއަށް ރުޅި އާދެވޭނީ ކިހިނެއްހެއްޔެވެ؟
"ދައްތާ. ދައްތަމެން އަޅުގަނޑަށް ވަރަށް އޯގާތެރި ވެލެއްވި. އަޅުގަނޑަކަށް ރަނާދައްތައާއި ބޭބެގެ ހާލު އެނގިހުރެ އެހީތެރި ނުވެއެއް ނުދެވޭނެ. މިކަމާ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް." އިނާޒު ކައިވެންޏަކަށް ކިތަންމެ ޅަޔަސް ހަރުދަނާއެވެ. މިކަން ވަހީދާގެ ހިތުގެ އަޑީން ގަބޫލު ކުރެއެވެ.
"މަންމަ އެމީހުންނާއި ވާހަކަ ދައްކަވަން ވީނޫންތޯ؟" ބިރުން ހުރެފައި ރަނާ ބުންޏެވެ.
"ނިކުމޭ. އަހަރެން ތިކަހަލަ އެއްވެސް ކަމަކާއި ނޫޅޭނަން." މިފަހަރު ވަހީދާ ހަޅޭއްލަވައިގަތެވެ. އެދެކުދިން ގޮތް ހުސްވެގެން ތިބި ހާލު ބިރުންހުރެ އެކޮޓަރިން ނިކުތެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނެވެ. ރަނާ އަދިވެސް ކޮޓަރިއަކުން ނުނިކުމެއެވެ. ވަހީދާގެ މައިވަންތަކަން ރަނާގެ އެދުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. ރަނާގެ ވިސްނުންވެސް ރަނގަޅެވެ. އަދި މިފަދަ ގޮތްހުސްވެފައިވާ ހާލަތުގައި ރަނގަޅު ވިސްނުމެއްކަން އޭނާވެސް ގަބޫލުކުރެއެވެ. ވަހީދާ ދިޔައީ އިނާޒުގެ މަންމަ ގެއަށެވެ. ދިމާވެގެން އުޅޭ ހުރިހާ މައްސަލައެއް ވަހީދާ ތެދުވެރިކަމާއެކު އިނާޒުގެ މަންމައަށް ކިޔައިދިނެވެ. އޭނާ ހުރިހާ ވާހަކައެއް ވަރަށް ރަނގަޅަށް އަޑުއެހިއެވެ.
"ހޫން… މަށަށް އަޑު އިވިއްޖެ." އިނާޒުގެ މަންމަ ދުފުންގަނޑު ހެޔޮވަރު ކޮށްލިއެވެ.
"އިނާޒަކަށް އެއްވެސް ދެރަގޮތެއް ނުވާނެކަން އަހަރެން ޔަގީންކަން ދެން." ވަހީދާ އާދޭހުގެ ރާގެއްގައި ބުންޏެވެ.
"އިނާޒަށް ކޮންމެ ގޮތެއްވިޔަސް މަށަށް ވަރިހަމަ. ތިކަމާ އަހަރެންގެ މައްސަލައެއް ނެތް. އިނާޒަކީ ތިހާ އަގު ބޮޑުވާނެ ކުއްޖެއްކަމެއް މަށަށް ކުރިން އެނގުނުނަމަ…. އެންމެ ރަނގަޅު. މަށަށް ލާރިކޮޅެއްދީ. އަހަރެން ތިކަމަކާ ދެކޮޅެއް ނުހަދާނަން." އިނާޒުގެ މަންމައަށް އުފަލުން ވާހަކަ ދެކެވެނީ ކިރިޔާއެވެ. ދެވަނަފަހަރަށް ދުންފަތްގަނޑު އަނގަޔަށްލާ މީރުކޮށްލިއެވެ.
"ކިހާވަރެއްތަ ދޭންވީ؟"
"މާ ގިނައަކުން ނޫން. އޭގެ ބަދަލުގައި މަށަށް މިގެ މިއަށްވުރެ އުސްކޮށްލެވޭ ވަރަށް. އަދި މިތާނގެ ތަރުފާލުގަނޑުގެ ބަދަލުގައި މުށިކޮޅެއް ޖަހާލެވޭވަރަށް ފައިސާކޮޅެއް ގެނޭ…. އެކަމާ ނުވިސްނާ. ތި ކައިވެނި ކުރެވޭނެ." އެ ދަހި އަންހެންމީހާ ހިނިގަނޑެއް ޖަހާލިއެވެ. އޮލަކޮށްފައިވާ ރަތްކުޅުގަނޑު ބިންމައްޗަށް ޖަހާލިއެވެ.
"އަހަރެންގެ ވަރަށްބޮޑު އެދުމެއް އެބައޮތް." ވަހީދާ އިސްޖަހާލިއެވެ.
"ބިރުނުގަނޭ. މަށަށް އިތުބާރުކުރޭ. ކަލެއަށް މަގޭ އިނާޒު ދީފިން. އަދި މިކަން އެއްވެސް މީހަކަށް ނޭނގޭނެ." އެމީހާއަށް ވަހީދާ ބުނަން އުޅުނު އެއްޗެއް އެނގިގެން ބުންޏެވެ.
ވަހީދާ ދިޔައީ އިނާޒުގެ އުފަންދުވަހުގެ ސެޓްފިކެޓް ހިފައިގެންނެވެ. އޭގައި އިނާޒު ކައިވެނި ކުރާން ހުރަސްއަޅާ އެއްވެސް ކަމެއްނެތެވެ. އިނާޒުގެ މަންމަ ވަނީ އިނާޒުގެ އުމުރު އަށާރަ އަހަރަށް ބަދަލުކޮށްފައެވެ. އިނާޒުގެ ފަރާތުން ލިބޭނެ ފައިދާއަށްޓަކައި ދަރިފުޅުގެ އުމުރު ފަސްއަހަރު ކުރިއަށް ޖައްސާލުމަކީ އޭނާއަށް މާބޮޑުކަމެއް ނޫނެވެ. ބައްޕަޔަކާއި ނުލާ ލިބުނު ދަރިފުޅުދެކެ ރުޅިއަންނަ މިންވަރަކީ ރާއްޖޭގެ އެއްވެސް މީހަކަށް އިނާޒު ސްކޫލަށް ވެއްދުމަށް އިނާޒުގެ މަންމަ އެއްބަސް ނުކުރެވުނުކަމެވެ. ހިލޭ އެހީދޭނެ އެތައްބަޔަކު އާދޭސް ކުރިއިރު އޭނާ ފާޅުގައި އެކަމަށް އިންކާރު ކުރިއެވެ. އޭނާ ދިޔައީ އިނާޒު ލައްވާ ގޯތިގެދޮރުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުވަމުންނެވެ. އެ ޅަހަށިގަނޑަށް ކެތްނުކުރެވޭ ވަރަށް ބުރަކޮންނެވެ. އިނާޒުގެ ބައްޕަގެ ކިބައިން ބަދަލު ހިފުން ކާމިޔާބު ނުވުމުން އޭގެ ހުރިހާ އަނިޔާއެއް ލިބެމުން ދިޔައީ އިނާޒަށެވެ. އެ ޅަ ފިރިހެން ކުއްޖާ ވަހީދާއަށް ވިއްކާލީކަން އެނގެނީ އެ ދެމީހުންނަށެވެ. އަޅުން ގަނެ ވިއްކުން އެކާވީސްގަރުނުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ހިނގާ ފަދައިންނެވެ.
ނުހަނު ކުއްލި ގޮތަކަށް ކައިވެނި ކުރެވިއްޖެއެވެ. ކައިވެނި ކޮށްދޭން އުޅުނު މީހުން ފިޔަވައި ވަހީދާ ގެ ބައިވެރިވުން ލިބުނު މިކައިވެނީގެ ޚަބަރު ރަށަށް ލިބުނީ ދެތިން ދުވަސް ފަހުންނެވެ. މިކަމާ ރަނާ ކަންބޮޑެއް ނުވެއެވެ. މީހުންގެ ލޯތަކަށް އެމީހުން އުޅެނީ ނުހަނު އުފާވެރި ދިރިއުޅުކެވެ. އަދި ރަށުމީހުން ގަބޫލު ކުރާގޮތުގައި ވަހީދާ ދެރަވެފައި ހުންނަނީ ހަމްޒާގެ ބަލީގެ ސަބަބުނެވެ.
މިކަމާ އެންމެ ނުރުހުން ވީ ރީނާޒެވެ. ކޮންމެ ދުވަހަކު އެގެއަށް އަންނަ ރީނާޒުގެ ޚަބަރެއްނުވެއެވެ. އޭނާގެ ހިތަށް ވަނީ ވިހަ ޚަންޖަރެއް ހެރިފައެވެ. އޭގެ ސަބަބުން ނިކުންނަ ލޭގައިވަނީ ވޭނާއި ކެކުޅުމެވެ. އެހާގާތް ދެ ރަހުމަތްތެރިން އޭނާއަށް ކަޅާއި ދޮންވެސް އަންގާނުލީތީއެވެ. އެންމެ މުހިންމު ވަގުތު ބޭކާރު ކޮށްލީތީއެވެ. އިނާޒަށް މިކަން އިހުސާސް ކުރެވުނެވެ.
އިރު އުދަރެހުން ނިވާވެއްޖެއެވެ. ރަތްވިލާއިން ދުނިޔެ ރަންކޮށް ނިމެނީއެވެ. އަނދިރިކަން ދުނިޔެއަށް މަރުހަބާ ކިޔައިފިއެވެ. ރީނާޒް އިނީ މިސްކިތު ފާރުމަތީގައެވެ. ނަމާދުކޮށްގެން ގެއަށްދާންވެސް ބޭނުން ނުވެފައެވެ.
"ރީނާޒް" ކުއްލިއަކަށް އިނާޒު ގޮވާލިއަޑު އިވުނެވެ.
"ކިހިނެއްވީ" ރީނާޒުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
"ރުޅިނާދޭ. އަހަރެންނަށް މާފުކުރޭ. ހުރިހާކަމެއް ހިނގާދިޔައީ ވަރަށް އަވަހަށް. އެހެންވެ އަންގާ ނުލެވުނީ" އިނާޒުގެ އަޑުގައި ވަނީ ހިތާމައެވެ.
"ހީވަނީ އިނާޒު ތި ކުރި ކައިވެންޏާމެދު ހިތްހަމަ ނުޖެހޭހެން."
"ތިހެންވެސް ބުނެވިދާނެ."
"ދެން ކީއްކުރަން އިނީ. އާނ. އިނާޒުގެ ހުވަފެނަކީ މުއްސަންޖަކަށްވުން. ނުކިޔެވުނު މީހަކަށް މުއްސަނދިކަން ލިބޭނީ ތިކަހަލަ ގޮތަކަށް. ރަނާދައްތައޭ ކިޔައިގެން އުޅެފަ އޭނާޔާ އިނީ. އަހަރެންނަށް އަންގާވެސްނުލާ." ރީނާޒް ކަޅި އަޅާލިއެވެ. ރުޅިއައިސްގެން މޫނު ރަތްވެގެން ދިޔައެވެ.
"ރީނާޒް. ވަގުތުގެ ގޮތުން މަޖުބޫރުވާ އެތައްކަމެއް އޮވޭ."
"ދެންތިބުނީ އިނާޒަށް މަޖުބޫރުވީއޭތަ؟"
"އެހެން ހީކުރޭ. ދިރިއުޅުގެ މިހާތަނަށް އައިއިރު ދިމާވި ހުރިހާ މަޖުބޫރަކާއި އަނިޔާއަކާއި އަޅުވެތިކަމެއް އެންމެ ރަނގަޅަށް އެނގޭނީ ރީނާޒަށް. ނަމަވެސް މިއަދު އަހަރެންނަށް އެއްވެސް އެއްޗެއް ބުނެދެވޭކަށް ނެތް. އެ މަޖުބޫރު ވަނީ އަހަރެންގެ އަނގައިގާ ތަޅު އަޅުވާފައި. އަހަރެންނަށް މާފުކުރޭ." އިނާޒު ދާން ހިނގައިގަތެވެ. ރީނާޒް އިންގޮތަށް އިނީއެވެ.
އާދައިގެ މަތީން އިނާޒު މިރޭވެސް ނިދަން ދިޔައީ އޭނާއަށް ޚާއްޞަވެފައިވާ ބާ ޖިފުޓި ގަނޑަށެވެ. ރަނާގެ ހާލަތާމެދު އޭނާ ކަންބޮޑުވެއެވެ. ރަށުގެ ބައެއް މީހުންނަށް ރަނާގެ ހާލަތު މިހާރު އެނގި ތަފާތު ވާހަކަތައް ދައްކަމުން ދާތީއެވެ. އިނާޒުގެ މަންމަގެ ފަރާތުން އެއީ ކައިވެންޏެއް ނޫންކަމާއި ވިޔަފާރިއެއްކަން ގިނަބަޔަކަށް އެނގިގެން ދިޔައެވެ. ނަމަވެސް އެހެންރަށެއްގައި ކުރިން އުޅެފައިވާ އިނާޒުމެންގެ އުމުރާއި ބެހޭގޮތުން އެއްވެސް މީހަކަށް ޝައްކެއްވެސް ނުވެއެވެ. އިނާޒުގެ މަންމަ މިކަން ސިއްރުކޮށްފައި އޮތީ އެއްވެސް މީހަކަށް ނޭނގޭވަރަށެވެ. ޅައުމުރުގައި ދަރިން ކައިވެނި ކުރުވުމަކީ ގާނޫނުގައި ކިހާވަރެއްގެ ކުށެއްކަން އެނގޭތީއެވެ.
ކުރެވިދިޔަ ވަޢުދާއި ޚިލާފަށް އިނާޒު މަންމަގެ މި ޚިޔާނާތުގެ ސަބަބުން އިނާޒަށްވެސް ލިބެމުން ދިޔައީ ހިތްދަތިކަމެވެ. މިހުރިހާ އަޑުތަކަކުން އޭނާ ދެރަވަނީ ރަނާއަށް ލިބެމުންދާ ހިތާމަތައް ފެނިފައެވެ. ރަނާއަކީ އޭނާ ނުހަނު ލޯބިވި ކުއްޖެކެވެ. ކުޑައިރު އިނާޒު އެގެއަށް އަތުވެއްޖެނަމަ ރަނާ އޭނާ ކުޅެން ލައްވައެވެ. މީރު ކާއެއްޗިހިދެއެވެ. ރަނާ ދެންފެނުނު އިރު ހުރީ ޒުވާންވެ ފުރިހަމަވެފައެވެ. ކުޑައިރެކޭ އެއްގޮތަށް މިހާރުވެސް އެދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވެއެވެ.
"އިނާޒު. އާދޭ. މިތަނުގައި އޮވެ މީހަކަށް އެނގިއްޖެނަމަ ވަރަށް ގޯސްވާނެ." ރަނާ ވާހަކަ ދެއްކިއެވެ. މިރޭ އެދެކުދިންނަށް ވާހަކަ ދައްކަން އުނދަގުލެވެ. ތަނަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ދެކުދިންވެސް ތިބީ ދައްކާނެ ވާހަކައެއް ނެތިފައެވެ. ކުޑައިރުގެ ރަހުމަތްތެރިކަމުގެ ގުޅުން ކައިވެންޏަކާއި ހަމައަށް ދިޔުމުން އެމީހުންވަނީ ދެރަވެފައެވެ.
"އިނާޒު. ހުރިހާކަމެއްވެސް ދިމާވީ ކުއްލިއަކަށް. އަހަރެމެން މިކަމާ އުފާ ކުރަންވީ ކަންނޭނގެ. ބައްޕަ ނެތް ދުނިޔެއެއްގައި އަހަރެންނަށް އެހީވާނެ ތިއަށްވުރެ އިތުބާރު ކުރެވޭ އެހެންމީހެއް ހުންނާނެހެނެއް ހިއެއްނުވޭ. އަހަރެންގެ ހަޔާތުގައި ދިމާވި ކަންތައްތައް އެނގެން ތިޔަށްވުރެ ވަފާތެރި ރައްޓެއްސެއް ނެތް." ރަނާ ގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
އިނާޒު ވާހަކަ ދައްކަން ބޭނުންވެއެވެ. އޭނާ ވަނީ ހިމޭންވެފައެވެ. ހަމައެކަނި ރަނާއަށް ބަލަހައްޓައިގެން ހުރީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަނާއަކީ އޭނާއަށް ވުރެ މާރީތި މުއްސަނދި ކުއްޖެކެވެ. އޭނާއަށްވުރެ އިލްމުވެރި އަދި ތިމާގެ ނޫނަސް ދައްތައެކެވެ. އިނާޒު ރަނާގެ ގާތުގައި ހުއްޓުނެވެ.
"އިނާޒު. އަހަރެންނަށް މާފުކުރޭ. އަހަރެންނަށްޓަކައި އިނާޒުގެ އުފާ ގުރުބާން ކުރަންޖެހުނީތީ މާފަށް އެދެން." ރަނާއަށް އަދިވެސް ރޮވެނީއެވެ.
"ނޫން ދައްތާ. އަޅުގަނޑަކަށް ދައްތަ ރޯތަން ދެކޭކަށް ފަސޭހައެއް ނޫން. ދައްތަ ގޮތަށް މޮޅަށް ވާހަކަ ދައްކަން ނޭނގުނަސް އަޅުގަނޑު ވެސް ހިތުގައި އޮތް އެއްޗެއް ބުނެވޭތޯ ބަލާނަން." އިނާޒު ބުންޏެވެ.
"އިނާޒު. ދެން ދައްތަ ކިޔުން ހުއްޓާލާ. އަދި އަހަރެންނަށް ރީތިކޮށް ވާހަކަ ނުދައްކާ. މިއަދު އަހަރެން ވަނީ އިނާޒަށް މާބޮޑަށް އިހުތިރާމް ކުރަން ޖެހިފާ." ރަނާ ބުނެލިއެވެ. އަނެއްކާވެސް ހިނދުކޮޅެއްގެ ފުން ހިމޭންކަމެކެވެ.
"ހިނގާބަލަ ކޮންމެވެސް އަޒުމެއް ކަނޑައަޅާ އެގޮތުގައި އުޅެވޭތޯ ބަލަމާ." އެންމެ ފަހުން ރަނާ ބުންޏެވެ.
"ތިބުނީ."
"މިބުނީ މިއަދުން ފެށިގެން އަހަރެމެންނަކީ އެންމެގާތް ރަހުމަތްތެރިން. އެކަކު އަނެކަކަށް ކޮންމެ ވަގުތެއްގައިވެސް އެހީތެރިވާ ދެ ރައްޓެހިންނަށްވަމާ." ރަނާ ބުންޏެވެ.
އިނާޒުގެ އަތުގައި އޮތް ދެތިން ގަމީސް ހިފައިގެން ރަނާއާއެކު އެ އާއިމާރާތަށް ދިޔައެވެ. އެފުރިހަމަ މުއްސަނދި ކޮޓަރިއަށް އިނާޒު ވަދެލިއެވެ. އޭނާ ވަށައިގެން ބަލާލިއެވެ. ބޮޑު އެނދާއި ކުޑަތަންކޮޅެއް ދުރުގައި ސޯފާއެއް ބަހައްޓާފައިވެސް ކޮޓަރި ތަނަވަހެވެ. ފޮތްކިޔާ މޭޒުގައި އެތައް ފޮތްތަކެއް އަތުރާފައިވާތީ ރަނާއަކީ އިލްމަށް ލޯބިކުރާ ކުއްޖެއްކަން ދޭހަވެއެވެ. އިނާޒު ސޯފާގައި އިށީނދެލިއެވެ. ރަނާ އޭނާގެ އެނދުގައި އޮށޯވެލިއެވެ. ދުވަސްތަކެއް ފަހުން ރަނާއަށް ނިދާލެވުނެވެ.
އިނާޒަށް ވެވުނު އެންމެ ރަނގަޅަކަށް ރަނާއަށް އެހީތެރިވެދެއެވެ. އެކިތަންތަނުން ކާއެއްޗިހި ގެނެސް ދެއެވެ. ބަލިވީމާ ވެސް ނުހަނު އޯގާތެރިއެވެ. ގޭތެރޭގެ މަސައްކަތުގައި އަބަދުވެސް ހަރަކާތްތެރި ވަމުން ދެއެވެ. މިހެން އުޅޭއިރު ރަނާގެ އޯގާތެރިކަމުން އިނާޒު އުފާވާ އެތައް ކަންތައްތަކެއް ދިމާވެއެވެ. ރީނާޒް އޭނާގެ ހަޔާތުން ގެއްލިއްޖެއެވެ. އެފަދަ ގާތް ރަހުމަތްތެރިއެއްގެ އޯގާތެރިކަން ގެއްލުނީތީ އޭނާ ހިތާމަ ކުރެއެވެ. ރަނާވެސް ރީނާޒްގެ ގާތްކަން ނުލިބޭތީ ދެރަވެއެވެ.
(ނުނިމޭ)
