ވާހަކަ: ލީޝަން – 34

(8 މާާޗް 2023 ގެ ނޫހާއި ގުޅޭ)

ޔައީނުގެ ނަޒަރު ވަނީ ލީޝަން އަށް ހުއްޓިފައެވެ. ކުރު ހުދު ޓޮޕަކާއި ޖީންސެއް ލާފައިވާ ލީޝަން ހުރީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. ތުނި ހުދުކުލައިގެ ހެދުންވަނީ ފެނާއި ތަފާތު ކުލަތަކުން ކޮންމެވެސް ވަރަކަށް ތެމިފައެވެ.  ބާރަށް ދުވެހަދާ އޮޅުލުމުގެ ސަބަބުން ބޮލުގައިވާދަތި ވެއްޓި އޭނާގެ ފަން އިސްތަށިގަނޑު ވަނީ ހާމައަށް ދޫކޮށްލެވިފައެވެ. އޭގެ ސަބަބުން ލީޝަންގެ  ފުރިހަމަކަންވަނީ އޭގެ އިންތިހާއަށް ގެނުވައި ދީފައެވެ. އޭނާގެ ދޮންމޫނާއި ރީތި ތުންފަތުގެ ޖާދޫގައިޖެހި ޔައީނަށްވަނީ އާދަޔާ ޚިލާފު އަސަރެއް ކުރުވާފައެވެ. ކިތަންމެ ކެތްތެރި ފިރިހެނަކަށްވެސް ލީޝަންގެ ފުރިހަމަ އަންހެންވަންތަ ކަމުގައި އެ ހިމޭން ކަމުގައެއް ނުހުރެވޭނެއެވެ. ކިތަންމެ ނަފުރަތު ކުރެވުނަސް މިހާރު ޔައީނަކަށް ލީޝަންއަކަށް މާފު ނުކޮށެއް ނުހުރެވޭނެއެވެ.

"ލީޝަން ރަނގަޅުތަ. " ޔައީން އާދައިގެ ރާގެއްގައި ބުންޏެވެ.

" އަހަރެން ހަމަރަނގަޅު."  ޔައީނު ބަލަން ހުރިގޮތުން އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ.  އެ ބެލުމަކީ އޭނާގެ ހަށިގަނޑުގެ އެންމެ ފުނަށް އަސަރު ކުރުވާ ބެލުމެކެވެ. އެ ރީތިލޮލުން އޭނާއަށް ހިތްގައިމު އެތައް ވާހަކަތަކެއް ބުނެދެއެވެ. ފުރަތަމަ ފަހަރަށް އޭނާ ޔައީންއާ ހަތަރުކަޅި ހަމަކޮށްލުމުގެ ކުޅަދާނަކަން ލިބުނެވެ. އެއީ އޭނާގެ އިޚްތިޔާތަކު ނޫނެވެ. ނަމަވެސް އަޖައިބެއްކަހަލަ ބާރެއް އޭނާ ޔައީނުގެ ލޮލާއި ކައިރި ކުރުވީއެވެ.

ލީޝަންގެ ހިމޭންކަން ޔައީނަށް ބޭ އިޚުތިޔާރުގައި ލީޝަންގެ ގާތަށް ޖެހެވުނެވެ. ގަނޑުވެފައިވާ ލީޝަންގެ ނަޒަރު ޔައީންގެ ހަރުކަށި ހިތް ފަތަހަ ކޮށްފިއެވެ. އޭނާގެ ހަރުދަނާކަން ގެއްލި އިންތިހާއަށް އަސަރުކުރިއެވެ. ލީޝަންގެ "އެސްކާޑާ" ގެ މީރުވަހުން އޭނާގެ ހިއްސުތަކުގެ ބާރު ހިނގައްޖެއެވެ. ލީޝަންގެ ކޯތާފަތް މައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރަނގަޅު ކޮށްލަން ބޭނުންވިއެވެ.  ނަމަވެސް ހަމަ އެހިނދުކޮޅު އޭނާގެ ޖަޒުބާތުތަކަށް ބާރުފޯރުވާ އެކަމަށް ހުރަސް  އެޅިއެވެ.

"ސޮރީ."  ޔައީން ދުރަށް ޖެހިލިއެވެ.

ޔައީންގެ މިހަރަކާތުން ލީޝަން އިންތިހާއަށް ދެރަވެއްޖެއެވެ. ސޮރީއޭ ބުނެ ދޫކޮށްލާފައި ދިޔައީ ކީއްވެ ހެއްޔެވެ؟ ޔައީނެވެ. އަންނާށެވެ. ތިގޮތަށް އަހަރެން ދޫކޮށްލާފައި ނުދާށެވެ. ޔައީންގެ މީހަކަށް އަހަރެން ހަދައި ދޭށެވެ. ޒީޝަންގެ މަންމައަކަށްވެގެން ދެމީހުން އެކުގައި އާހަޔާތެއް ފަށަށް އަންނާށެވެ. ނަމަވެސް އާދޭސްކުރުވަނިވި މިހުރިހާ ބަސްތަކެއް އޭނާގެ ދުލަކުން ބޭރެއް ނުވިއެވެ. އޭނާ ޝަކުވާގެ ނަޒަރަކުން ޔައީނަށް ބަލަން ހުރެވުނީއެވެ.

ކުއްލިއަކަށް ޔައީން ދުއްވައިގަތީ ބަޔަކު ހަޅޭއްލަވަމުން އަންނާތީއެވެ. އޭރު ރީމާ ބަދިގޭ އުނދުންމަތިން ދެންމެ ބޭލި ތާހެއް ހިފައިގެން ނިކުންނަނީއެވެ. ޔައީން ދުއްވައިގަތީ ރީމާ ފަހަތުންނެވެ. އޭރު އެހެން ފިރިހެނުން ރީމާއާއި އަރާ ހަމަކުރަން އުޅެނީއެވެ. ތާސް ލީޝަންއާ ހަވާލު ކުރުމާއެކު ލީޝަން ދުއްވައިގަތެވެ. އެހޫނު ތާސް ފޮތިގަނޑަކަށްވެސް ނުލާ ހިފައިގެން އޭނާ ދުވެފައި ފާރުބުރި މަތިން ގޮސް ފިރިހެންވެރިންނަށް ފިލައިފިއެވެ. ނަމަވެސް އޭނާއަށް ޔައީންގެ ނަޒަރަކުން ސަލާމަތެއް ނުވެވެނުނެވެ. ޔައީން ދުވެފައި އައިސް ތާހުގައި ހިފައިފިއެވެ.

"ތި ވަރަށް ހޫނު. އަން މި ފަތްލާފަ ހިފާ." ވެއްޓިފައި އޮތް އުނިފަތްތަކެއް ދިއްކޮށްލަމުން ލީޝަން ބުންޏެވެ. ލީޝަން ބޮނޑި ގަސްތުގައި ޔައީނާ ހަވާލު ކުރިއެވެ. އެއީ ރަށުގެ ހުރިހާ އަންހެނުންނަށް ހުތުރުވާކަމެއް ނަމަވެސް އޭނާ އަކަށް ފަރުވާލެއް ނެތެވެ. އޭނާ އެދެނީ ޔައީނަށް ބޮނޑި ގެންދެވުމުން ލިބޭނެ ކާމިޔާބަކަށެވެ. މިވީހާތަނަށް އޭނާއަށް ޔައީނަށް ކޮށްދެވުނު ކަމެއްނެތެވެ. ރަށު ހުރިހާ އަންހެންވެރިން އޭނާ ދެކެ ރުޅިއަޔަސް ޔައީންގެ ކާމިޔާބަށްޓަކައި އޭނާ ހިތުންރުހުމުން ޔައީނަށް ބޮނޑި ހަވާލުކުރިއެވެ. ޔައީން ބެލުމެއްވެސް ނެތި ބޮޑި ހިފައިގެން ގޮސް ބޮނޑި ފޮރުވައިފިއެވެ.

ހައްޖުދުވަހުގެ މަޖާގަނޑަށްފަހު އެންމެންނަށްވެސް ގެއަށްދެވުނުއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. ހުރިހާ އަންހެންވެރިން ދެރަވެފައިތިބީ އެމީހުންނަށް ނާކާމިޔާބުވީމައެވެ. ނަމަވެސް ލީޝަން ގަސްތުގައި ޔައީނަށް ބޮނޑި ހަވާލުކުރިކަން އެނގޭ ހަމަ އެކަކުވެސް ނެތެވެ. މިކަމާ ލީޝަން އުފާ ކުރިއެވެ. ގެއަށްވަދެ ފެންވަރާލާ ތާޒާވެލުމަށްފަހު އޭނާ ގޯތިތެރެއަށް ނިކުމެލިއެވެ. އޭނާގެ މަގުސަދަކީ ކޮންމެވެސް ދިމާއަކުން ޔައީން ފެނުމެވެ. ނަމަވެސް އޭނާއަކަށް ޔައީނެއް ނުފެނުނެވެ. ޔައީނަށް ބޮނޑިހަވާލުކުރުމުންވެސް ޔައީން ޝުކުރުވެރި ނުވާތީ ލީޝަން ދެރަވިއެވެ. އެވަރު ބޮޑު ކަމެއް އަންހެނަކު ކުރާނީ ހަމަގައިމުވެސް ކޮންމެވެސް ކަމެއްވީމާކަން އޭނާ ގަބޫލު ނުކުރާތީއެވެ.

ލީޝަން ކޮޓަރިއަށް ނިދަންވަނީ ޔައީން ދުށުމުގެ އިންތިޒާރީގައި ދިހައެއްޖަހަންދެން އިނުމަށްފަހު އެއްވެސް ޚަބަރެއް ނުވުމުންނެވެ. ނިދިއައިސް ފައިވާ ލީޝަން ކޮޓަރިއަށްވަދެ ހެދުން ބަދަލުކޮށްލާ އެނދުގައި އޮށޯންނަން ދަނިކޮށް ޔައީން އެނދުގައި އޮއްވާފެނުނެވެ. ގައިމަތީގައި ބެޑުޝީޓެއްއަޅައިގެން ނިދިފައި އޮތް ޔައީން ފެނުމުން އޭނާ ތެޅިގަތެވެ. އާދަޔާޚިލާފަށް ހިތުގެ ވިންދުޖެހުން އަވަސްވެ ހަރަކާތް ލަސްވިއެވެ. ލީޝަން ނިދާކޮޓަރިން ޔައީން ފެނުމުން އެތައް އަސަރުތަކެއް ކޮށްފިއެވެ. ޔައީން އޭނާއަށް މާފު ކުރީބާވައެވެ؟ ޔަގީނެވެ. އޭނާ ލީޝަންއަށް މާފުކުރީއެވެ. މިއަދު ހަވީރު ހިނގި ހާދިސާއިން ޔައީން ލީޝަންއަށް ސަމާލުކަން ދެވުނީއެވެ. އެހެންނޫންނަމަ އެގޮތަކަށް އޭނާއަކަށް ޔައީނެއް ނުބެލީސްކަން ކަށަވަރެވެ. މިފަދަ އެތައް ޚިޔާލެއްގައި އޭނާ ވަނިކޮށް ކައިރީގައި ހުރި މޭޒުގައި އަޅައިގެންފައި މޭޒުމަތީ ހުރި މާ ޖަހާ ވަށިގަނޑު ވެއްޓިއްޖެއެވެ. ހަމަ އެއަޑާއި އެކު ސިއްސައިގެން ގޮސް ޔައީނަށް ހޭލެވިއްޖެއެވެ.

"ކިހިނެއްވީ." ޔައީން ތެދުވެލާފައި ބުންޏެވެ.

"މޭޒުގައި އަޅައިގަތީ……… ސޮރީ." ލީޝަން ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

"މަންމަ ޒީޝަން ނިންދަވަން އަންނާތީ މިކޮޓަރިއަށް އާދެވުނީ…….ސޮރީ…." ޔައީން ތެދުވަން އުޅުނެވެ. އައްދިއްޔޯތް…….އަހަރެންގެ ފައި…." ތެދުވުމަށްޓަކައި ހަރަކާތްކުރި ޔައީނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"ފަޔަށް ކިހިނެއްވީ." ލީޝަން ހާސްވެފައި އެހިއެވެ.

"ކަމެއްނުވޭ….. މަންމަމެން ކޮބާ… ނިދީތަ؟" ޔައީން އޭނާގެ ސުވާލަކަށް ޖަވާބެއް ނުދީ ކޮޓަރިން ނިކުމެވޭތޯ އެނދުން ތެދުވިއެވެ. އެވަގުތު އޭނާއަށް ބެލެންސް ނުކުރެވިގެން އަރިއަޅާލިއެވެ. ލީޝަން ކުއްލިއަކަށް ޔައީންގެ ގައިގާ ހިފެހެއްޓިއެވެ. ވެއްޓެންދިޔަ ޔައީން ސަލާމަތް ކޮށްދިނެވެ.

"ޔައީން…. ފަޔަށްކިހިނެއްވީތަ؟" ޔައީން އިށީނުމުން ގައިން ދޫކޮށްލާ ދުރަށް ޖެހިލިއެވެ.

"ބޮނޑި ފޮރުވާފައި ކޮންމެވެސްގެއެއްގެ ގިފިލި ފާރުމަތިން ފުންމާލި ތަނާ ފައިޖެހުނުގޮތުން ތަދުވީ. މަންމަމެންނަށް އެނގިއްޖެއްޔާ ވަރަށް ބޮޑުކަމަކަށް ހަދާލާނެތީ އަހަރެން މަންމައާއި ފިލަން މިތަނަށް މިއައީ. މަންމަގާތު ނުބުނާތި." ޔައީން ފައިދައްކާލަމުން ބުންޏެވެ. ޔައީންގެ ފައިގެ ކުޑަހުޅުވަނީ ވަރަށްބޮޑަށް ދުޅަވެފައެވެ. އޭނާގެ ފަޔަށް ތަދުވާވަރުން ކެތްނުކުރެވޭހާވެއެވެ.

މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފުރިޖުގައި ހުރި އައިސް ކިޔުބުތައް ފިނި ފެންތަށްޓަކަށް އަޅައިގެން ކުޑަރުމާލެއް ހިފައިގެން ލީޝަން އައެވެ. އަދި ޔައީން އިންކާރު ކުރިނަމަވެސް ލީޝަން ޔައީންގެ ފައި ބޮނޑިތާން ކޮށްދިނެވެ. އޭރު އެދެމެދުގައި ވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ފަންކާ އެނބުރޭ އަޑު ފިޔަވައި އެއްވެސް އަޑެއްގެ ހިލަމެއްނުވާ އެކޮޓަރިއަށް ވެރިވެފައިވަނީ މަޑު ނިދާބޮކީގެ ފަނޑު އައްޔެކެވެ. ދެމީހުންވެސް ވިސްނަމުން ދަނީ އެއްކަމެއް ނަމަވެސް އެކަކު އަނެކަކަށް ވާހަކަދައްކަން ޖެހިލުން ވަނީއެވެ. ދެމީހުންގެ ހިތުގައި ހިނގަނީ އެއްޖަޒުބާތެއް ކަމަށްވިޔަސް ދެމީހުންވެސް ވަނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. އެކަކު އަނެކަކަށް ނަފުރަތުކޮށް މަލާމާތް ކުރި ދެމީހުން ވަނީ މަޑުމޮޅިވެފައެވެ. އެކަކު އަނެކަކަށް ޖަދަލުކޮށް ޖެއްސުން ކުރި ދެމީހުން އަނެކާގެ ބަހަކަށް އިންތިޒާރު ކުރަނީއެވެ. ދެމީހުންވެސް ތިބީ އިންތިހާއަށް އަނެކާއަށް ބޭނުންވެފައެވެ. އަނެކާގެ ލޯތްބަށް ބޭނުންވެފައެވެ. ނަމަވެސް ނުދަންނަ ބީރައްޓެހި ކަމެއް އެދެމީހުން ބީރަށްޓެހިންނަށް ހަދައިފިކަހަލައެވެ.

"ލީޝަންގެ އަތަށް ކިހިނެއްވީ؟" ބޮނޑިތާން ކުރަމުން ދިޔަ ލީޝަން އަތް ހަރަކާތް ކުރާގޮތުން ތަދުވާކަހަލަ ގޮތެއް ހުންނަހެން ހީވާތީ ޔައީން އެހިއެވެ.

"އެއީ……. ކަމެއްނުވޭ." އެއީ ހޫނު ތާހުގައި ހިފީމާ ވީގޮތޭ ބުނާނީ ކިހިނެއްހެއްޔެވެ؟ ރަށުގެ އަންހެންވެރިންނަށްޓަކައި ފޮރުވަންދިޔަ ބޮނޑިލާފައިވާ ހޫނުތާހުން އޭނާގެ އަތް ފިހުނީއޭ ބުނާނީ ކިހިނެއްހެއްޔެވެ؟ އޭނާވަނީ އެތާސް ޔައީނަށް ދީފައެވެ. އެކަމުގައި އޭނާ ޚިޔާނާތްތެރިވީއޭ ބުނާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް ޔައީނަށް ނުވިސްނެންވީ ކީއްވެ ހެއްޔެވެ؟ އެހޫނު ތާސް އޭނާ ފޮރުވަން ގޮސް ޔައީން ފެނުމުން ޔައީނަށް އޭނާ ހިތުން ރުހުމުން ހަވާލު ކުރުމުން އެއީ އޭނާ ޔައީނަށްޓަކައި ވީގުރުބާނީއެއްކަން ނުވިސްނެނީ ކީއްވެ ހެއްޔެވެ؟

"އެކަމަކު އެހުރީ ފޮޅުލާފައެއްނު… ދެން ބޮނޑިތާން ނުކުރިއަސް އޯކޭ." ޔައީން އަވަހަށް އެމަސައްކަތް ހުއްޓުވާލިއެވެ. އެހެންކަމުން "ވޮލިނީ" ފުޅިއަކުން ޔައީންގެ ފައިގާ ބޭސް އުނގުޅައި ދިނުމަށްފަހު މުށިގަނޑުގައި އިށީނެވެ.

"ލީޝަން އެނދަށް އާދޭ. ކުޑަކޮށް ތަދުފިލުމުން އަހަރެން ބޭރަށް ހިނގައިދާނަން." ޔައީން ތެދުވަން އުޅުނެވެ. ނަމަވެސް އޭނާއަށް ހިނގާކަށް ފަސޭހައެއް ނޫނެވެ. އެހެންކަމުން އޭނާ ލިޝަންއަށް އެނދަށް އައުމަށް ދައުވަތު ދިނެވެ.

ލީޝަން އެނދުގައި އަނެއްފަރާތަށް އޮށޯވެލިއެވެ. އޭރުވެސް ބުނެދެން ނޭނގޭކަހަލަ އިހުސާސްތަކެއް އޭނާއަށް ކުރެވެއެވެ. އޭނާ ލޯމަރާލިއެވެ. އަދި ޔައީންއާ އޭނާއާއެކު ހޭދަކުރެވުނު ދުވަސްތައް ހަނދާން ކޮށްލިއެވެ. މިކަމުގައި އޮވެ އޭނާއަށް ފުރޮޅިލެވުނެވެ. އަދި ލޯހުޅުވާލާ ޔައީނާ ދިމާއަށް ބަލާލެވުނެވެ. އޭރު ޔައީނަށްވެސް ކުއްލިއަކަށް ލީޝަންއަށް ބަލާލެވުނީއެވެ.

"ބިރުން ނުނިދެނީދޯ. ހާސްނުވޭ އަހަރެން ލީޝަންއަކާ ނުބެހޭނަން." ޔައީން މިހެން ބުނުމާއެކު ދެމީހުންނަށްވެސް އެކުގައި ބަލާލެވުނެވެ. އެފަޅު ރަށުގައި ލީޝަން އެހެން ބުނި ބުނުން ހަނދާން ވުމުންނެވެ. އެރޭ ޔައީންގާތަށް ހިނިއައި ނަމަވެސް މިރޭ ފެންނަނީ ސީރިއަސްކަމެވެ. ލީޝަން ޖެހިލުން ވާފަދަ ހަރުކަށި ޝަހުސިއްޔަތެކެވެ.

ނޫނެކެވެ. ބިރުގަންނަނީކީ ނޫނެވެ. ޔައީންގެ ލޯތްބަށްޓަކައި އަހަރެން ހަލާކުވަނީއެވެ. އަހަރެންނާއި ދުރަށްނުދާށެވެ. ލީޝަން މިހެން ބުނަން އުޅުނު ނަމަވެސް އޭނާއަކަށް ނުބުނެވުނެވެ. އޭރު ޔައީން އަނެއްފަރާތަށް އެނބުރިއްޖެއެވެ. ލީޝަންއަށް މިފުރުސަތުވެސް ބޭނުން ނުކުރެވުމުން އޭނާ އަމިއްލަ ނަފުސު ދެކެވެސް ފޫހިވެއްޖެއެވެ.

ހިނގާލެވޭ ވަރަށް ފައިން ތަދު ފިލުމުން ބޭރަށް ނިކުންނަށް އޮތް ޔައީންވެސް ވަނީ ލީޝަން ފަދައިން ދީވާނާވެފައެވެ. އޭނާއަށް ވަނީ ލީޝަންދެކެ އިންތިހާއަށް ލޯބިވެވިފައެވެ. ލީޝަންގެ އަންހެންވަންތަކަމާއި ރީތި މޫނާއި ފަން އިސްތަށިގަނޑު ލީޝަން ފިޔަވާ އެހެން އަންހެން ކުއްޖެއްގެ ކިބައިން ނުފެނެއެވެ. އެއީ ރީތިކަމުގެ ވެސް އިންތިހާއަށް ރީތިކަން ލިބިފައިވާ ކުއްޖެކެވެ.

ބައެއްފަހަރު ލީޝަންވެސް އޭނާދެކެ ލޯބި ވާކަމަށް ގަބޫލު ކުރެވެއެވެ. ނަމަވެސް ކުރީގެ ހާދިޘާތައް ހަނދާންވުމުން އެކަމަށް އިންކާރު ކުރެވެނީއެވެ. އެއީ އަމިއްލަ އެދުމާއިގެން ފޯވެފައިވާ އުޅުމެއް ނެތް ކުއްޖެކެވެ. އޭނާއަށް ބާރެއް ލިބޭދުވަހަކުން ޒީޝަން ގޮވައިގެން ދާނެކަން ޔަގީނެވެ. ނޫނެކެވެ. ލީޝަން ވަނީ މުޅިން ބަދަލުވެފައެވެ. އޭނާ މިހާރު ގެވެހިވެފައި މުރާއްޔެވެ. ތަރުތީބުވެފައި ސާފުތާހިރެވެ. އޯގާވެރިވެފައި ދީންވެރިއެވެ. ޒީޝަންއަށާއި ޔައީނަށް އޯގާތެރިއެވެ. ޔައީން އެދުނީ ލީޝަންގެ ކިބައިން އެކަންތަކަށް ނޫންހެއްޔެވެ؟ އޭނާ މިހާރު ވަނީ އެހުރިހާ ކަމެއް ޔައީން ބޭނުންވާގޮތަށް ބަދަލު ކޮށްފައެވެ. އޭނާގެ ފަރާތުން މިހާރު ފެންނަނީ އޯގާތެރިކަމާއި ލޯތްބެވެ. ހިތްތިރިކަމާއި އަންހެން ވަންތަކަމެވެ. އޭނާދެކެ ލީޝަން ލޯބި ވޭތޯ ކުރާ އިމްތިހާނަށް ކެތް ކުރަން ދަތިވާވަރު ވެއްޖެއެވެ. މިފަދަ އެތައް ޚިޔާލެއްގައި އޮއްވާ ދެމީހުންނަށް ވެސް ނިދިއްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *