ޒައިބާގެ ގައިގައި މަރީ އަތްޖައްސާލުމާއެކު ޒައިބާ ބަލާލީ ކަރުނައިން ފުރިގެންވާ ލޮލަކުންނެވެ. ޝަކީލާގެ ވާހަކައިން އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފައިވާކަން މަރީއަށް އެނގުނެވެ. އެހެންކަމުން މަރީ ބޭނުންވީ ޒައިބާ ހަމައަކަށް އަޅުވާށެވެ.
" އެދައިތަ ދައްކާނެތަ ތެދު ވާހަކައެއް؟ އެވާނީ ދޮގަކަށް! "
ހަމަޖެހިލާފައި މަރީ ބުނެލިއެވެ. އޭރުވެސް ޒައިބާހުރީ އެތެރެއަށް ރޮއިލަރޮއިލައެވެ. ބާރަށް ރޮވިދާނެތީ އޭނާ މަސައްކަތްކުރަމުން ދިޔައީ އުދާސްތައް އެތެރެއަށް ހިންދާލެވޭތޯއެވެ.
" އެހާވަރަށް ނުވިސްނަބަލަ! އަހަރެން އަބަދުވެސް ބުނަމެއްނު ހަމަޖެހިގެން އުޅޭށޭ! ޒައިގެ އެއްވެސް ކުށެއް ނެތެއްނު ! "
މަރީ އެހެން ބުނުމުން ޒައިބާ މަޑުމަޑުން މޫނު ފުހެލިއެވެ. އަދި ބޮލުގެ އިޝާރާތުން ދާން ހިނގާށޭ ބުނެލިއެވެ.
ކައުންޓަރު ކައިރީ މަރީ ހުއްޓުމުން ޒައިބާ މަޑުނުކޮށް ދިޔަގޮތަށް ދިޔައީއެވެ.
" ޝަކީލާ އެދިޔައީ ވަރަށް ފާޑުފާޑުގެ ވާހަކަ ދައްކާފަދޯ! އައްޔަމެން ތިބޭ އެމީހުން ދައްކާހާ ވާހަކައެއް ޤަބޫލުކޮށްގެން.."
އަލީ އަތަށް ކޮތަޅު ދިއްކޮށްލަމުން މަރީ މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަން ފެށުމުން އަލީ ހޭންފެށިއެވެ.
" ޝަކީލާ އައިސް ދައްކާނެ ދުނިޔޭގަ ލެއްވިހާ ވާހަކައެއް! އަސްލު މަށަކަށް ނޭނގެ އެކުއްޖާ ފިހާރައިގަ ހުރިކަމެއް! އޭނައަށް އަޑު އިވުނުތަ؟"
އަލީވެސް ހުރީ ކޮންމެވެސް ވަރަކަށް ލަދުގަނެފައިކަން މަރީއަށް އެނގުނެވެ. އެހެންކަމުން މަރީ ބޭނުންވީ އިތުރަށް އަލީ ދެރަކޮށްލާށެވެ.
" އަލީމެންނެކޭ ރަނޑު އަންހެންވެރިންނެކޭ އެއްވަރު! ފިހާރައަށް އަންނަ ދެބައި އުމުރުގެ އަންހެން ވެރިންގާތު ވާހަކަ އަހަން ތި އިންނަނީ ކައުންޓަރުގަ! ޒައިބާއޭ ކިޔައިގެން އެމީހުން އެދައްކާ ވާހަކައަކީ އެއްވެސް ޙަޤީޤަތެއް ހުރި ވާހަކަތަކެއް ނޫން! "
ވާހަކައިގައި ހުރެ، ކޭޝްކާޑުން ބިލް ކަނޑާލުމަށްފަހު އަލީ އެއްޗެއް ނުބުނެ އުޅެނިކޮށް މަރީ ހިނގައިގަތެވެ. މަރީ ނިކުތްއިރު ޒައިބާ ހުރީ ފިހާރަ ބޭރުގައި މަޑުކޮށްލައިގެންނެވެ،
" އަހަންނޭ ކިޔާފަ މިރަށުތެރޭގައި ހާދަ ފާޑުފާޑުގެ ވާހަކަތައް އެބަ ދެކެވެޔޭ އަސްލު! މިއަދު ވަރަށް ލަދުވެސް ގަނެއްޖެ! އަހަންނަކީ ކޮންމެ ދުވަހަކު އެތައް ބަޔަކާ ކުރިމަތިލާންޖެހޭ މީހެއް! އެކި މީހުން އަހަންނާމެދު އެކި ގޮތަށް ދޯ ދެކޭނީ! މަރީ! އަހަރެން މިރަށުން ދާންވީހެން ހީވަނީ! ނުހުރެވޭނެ މިތާކު ދެނެއް!"
މަރީގެ ސައިކަލް ފަހަތަށް އަރަމުން ޒައިބާ މާޔޫސީ ރާގަކަށް ބުނެލިއެވެ. އެހެނަސް އެކަމާ މަރީ ވަގުތުން ދެކޮޅު ހެދިއެވެ. ސައިކަލް ދުއްވާލަމުން މަރީ ދެފަރާތަށް ބޯހޫރާލިއެވެ.
" މީހުންގެ އަނގަޔަކު ނުހިފެހެއްޓޭނެ! ޒައި ވަޒީފާއިން ކެނޑިގެން ކޮންތާކަށް ދާން ތި ވިސްނަނީ؟ ތީ މޮޔަ ޚިޔާލެއް! "
" މަރީއަށް ނީވޭތަ އަކްރަމް މަންމަ ދެއްކި ވާހަކައެއް! އަކްރަމް އަހަރެން ދޫކޮށްލަނީއޭ ބުންޏެއްނު! އޭނަ ރިސޯޓުން މީހަކާ އިންނަނީއޭ ބުނި އަޑެއް ނީވޭތަ؟ "
މަޑުމަޑުން ޒައިބާ އަހާލިއެވެ. ޒައިބާ އަހާލި ގޮތުންވެސް އޭނާ ހިތުގައި ޖެހިފައިވާވަރު މަރީއަށް އިޙްސާސް ކުރެވުނެވެ. ގެކައިރިއަށް ސައިކަލް މަޑުކޮށްލުމުން ޒައިބާ ސައިކަލުން ފޭބިއެވެ.
" މަރީ! އޯކޭތަ އަހަރެން ރޫމަށް ދިޔަޔަސް؟ މިއަދު އެހާ ގިނަ އެއްޗެހި ނުކައްކާނަމޭ ބުނީމެއްނު! "
ޒައިބާ އެހެން އެހުމުން އިންކާރު ކުރާކަށް މަރީ ބޭނުމެއް ނުވިއެވެ.
" އާނ! އޯކޭއޭ! "
ހީލަމުން މަރީ ބުންޏެވެ. ޒައިބާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަދެ އެނދުމަތީގައި އިށީނދެލިއެވެ. އޭރުވެސް ޝަކީލާ ދެއްކި ވާހަކަތައް އޭނާއަށް އިވެމުންދާ ކަހަލައެވެ.
" ނޫން.. އަކޫ އެހެންނެއް ނަހަދާނެ! އަކޫ އެހާ ފަސޭހައިން އަހަރެން ދޫކޮށެއް ނުލާނެ! އެހެންމީހަކާ ނީންނާނެ! "
ދެކަންފަތްމަތީގައި އަތް އަޅަމުން ޒައިބާއަށް ބުނެވުނެވެ. ޝަކީލާގެ އެ ޖުމްލަތަކުން ޒައިބާގެ ހިތުގައި ކަޅުލައްގަނޑެއް ޖެހުނު ކަހަލައެވެ. އަކްރަމް އެހެން މީހަކާ އެއްވެސް ގުޅުމެއް ބާއްވާކަށް ޒައިބާގެ ހިތެއް ނޭދުނެވެ. ނޭނގުމެއްގެ ތެރޭގައި ކަޅުއަނދިރީގައި އަކްރަމް ހުރެ، އޭނާ ދޫކޮށްލަފާނެތީ ޒައިބާ ނުހަނު ކަންބޮޑުވެއްޖެއެވެ. އޭނާއަކަށް މަޑަކުން ނުހުރެވުނެވެ. ކޮޓަރިން ނިކުމެ ބޭރަށް ދުއްވައިގަނެވުނެވެ.
" އޭ އޭ ޒައި! ކިހިނެއްވެގެން ތިއުޅެނީ؟ "
ބޭރު ސިންކު ކައިރީގައި ހަނޑޫ ދޮންނަން ހުރި މަރީއަށް ޒައިބާ ފެނުމާއެކު އޭނާ ބާރުބާރަށް ޒައިބާއަށް ގޮވިއެވެ. މަރީގެ އަޑަށް ޒައިބާ ހުއްޓުނީ ވަށާފާރުކައިރީގައެވެ.
" ތިހެން ހުރެ ކޮންތާކަށް ތި ދުވަނީ ؟ "
ތެލި ބަހައްޓާފައި ޒައިބާގާތަށް މަރީ ހިނގައިގަތެވެ.
" މިދަނީ… މިދަނީ އަކްރަމްގާތަށް! އޭނަ މީހަކާ އިންނަން އުޅެނީއޭ ބުންޏެއްނު އަކޫ މަންމަ! ބުންޏެއްނު އެހެން.. އަދި ބުނި އަހަރެން ވަރިކުރާ ވާހަކަވެސް.. މަރީއަކަށް އަޑެއް ނީވުނުތަ އެހެން ބުންޏެއްނު! "
ރޮވެމުން ކަހަލަ ގޮތަކަށް ޒައިބާ ވާހަކަ ދެއްކުމުން ޚުދު މަރީވެސް ވަރަށް ދެރަވިއެވެ. ނަމަވެސް މަރީ އިސްކުރީ ކެތްތެރިކަމެވެ.
" ޒައީ! ހަމަޖެހިލަބަލަ! އާދެބަލަ! ހިނގާބަލަ އެތެރެއަށް!"
ޒައިބާގެ އަތުގައި ހިފައިގެން، ގެއަށް ވަންނަން މަރީ ހިނގައިގަތެވެ.
" މިގަޑީގަ ހުކުރަށްދާ މީހުންތައް އުޅޭނެ މަގުމަތީގަ! ހުކުރު ވަގުތު ނިމުނީމަ އަހަރެމެން ދެމީހުން އެގެއަށްދާނީ! ހުއްޓާލާ އަވަހަށް! "
ސިޓިންގރޫމް ސޯފާގައި އިށީންނަމުން މަރީ ބުނެލިއެވެ. އެހެނަސް ޒައިބާއަށް އޭރުވެސް ރޮވެއެވެ.
" އަހަރެން ބޭނުމެއް ނޫން އަކްރަމް ނޫން އެހެން މީހެއް! އަހަރެންގެ ކުށެއްނެތްކަން ސާބިތު ކޮށްދޭން އަހަރެން ކީއްތަ ކުރަންވީ މަރީ؟"
ތުރުތުރުއަޅާ އަޑަކުން ޒައިބާ ބުނެލިއެވެ. ޒައިބާއަށް ހިތްހަމަޖެހުމެއްލިބޭނީ އަކްރަމްގެ ފަރާތުންކަން މަރީއަށް އެނގެއެވެ. އެހެންކަމުން ޒައިބާގެ އުފަލަށްޓަކައި މަސައްކަތްކުރަން މަރީ ބޭނުންވިއެވެ.
" އަހަރެން އަކްރަމާ މީޓްކޮށްލާނަން މިއަދު! ބުނާނަން މިގެއަށް އައިސްދޭށޭވެސް.. ޒައި އެކަނި އެގެއަށް ގޮސްގެން ނުވާނެ! ޕްލީޒް.." އޯގާތެރިކަމާއެކު މަރީ ބުނެލި ޖުމްލައިން ޒައިބާގެ ހިތަށް ފިނިކަން ލިބުނު ކަހަލައެވެ. އަރާމްކޮށްލުމަށް ބުނެ، މަރީ އަނެއްކާވެސް ބަދިގެއަށް ދިޔައެވެ.
***
ހުކުރުން ފައިބައިގެން އައިސް އަކްރަމް އޮތީ ޖޯލިފަތީގައެވެ. ކާހިތް ނުވެފައެވެ. ކާގެތެރެއިން ދެތިން ފަހަރަކު ޝަކީލާއާ އާތިކާވެސް އޭނާއަށް ކާން ގޮވިއެވެ. ނަމަވެސް ނާޝިޒްއާ އެއްމޭޒެއްގައި ތިބެ އެެއްވެސް އެއްޗެއް ކާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ނާޝިޒް ފެނުނަސް އެތެރެހަށި އަނދާހެން އޭނާއަށް ހީވެއެވެ. ނަމަވެސް އެހުރިހާ ރުޅިވެރިކަމެއް ހިތަށް ހިންދާލަން މަޖުބޫރުކުރުވަނީ މަންމަގެ އާދޭހުގެ ބަސްތަކެވެ.
" ކާން ދާށޯ! "
އިލޮށިގަނޑަކުން ދަތްކޮށްޓަމުން އައިސް ބައްޕަ އިށީނީ އަކްރަމާ ޖެހިގެން ހުރި ޖޯލީގައެވެ. އަކްރަމް އެއްޗެއް ނުބުނުމުން ޙަކީމް ވާހަކަ ދައްކަން ފެށިއެވެ.
" ބައްޕަ ބުނަންތަ ވާހަކައެއް؟ ޒައިބާއަކީ ވަރަށް އޯގާތެރި ކުއްޖެއް! ވަރަށް އަޚްލާޤް ރަނގަޅު، އެހާ މަޑުމައިތިރި ކުއްޖެއް! މިގޭ އެންމެންނަށްވެސް އޭނަ ވަރަށް ރަނގަޅު!"
ޝަކީލާ އާދޭތޯ ގެއާ ދިމާއަށް ބަލާލަމުން އަނެއްކާވެސް ޙަކީމް ވާހަކަ ދައްކަން ފެށިއެވެ.
" މަންމަ މަޖުބޫރު ކުރިޔަސް ދަރިފުޅު އެމަންޖެ ދޫކޮށްނުލައްޗޭ! މިޒަމާނުގަ އެހާ ރަނގަޅު ކުއްޖެއް ނުލިބޭނެ! "
ކުއްލިއަކަށް ބައްޕަ ޒައިބާގެ ވާހަކަ ފެށުމުން އަކްރަމް ޝައުޤުވެރިވިއެވެ. މީގެ ކުރިން ބައްޕައަކީ އެގޮތަށް ވާހަކަ ދައްކާ ހަދާ މީހެއް ނޫނެވެ. މަންމައާ ދެކޮޅަށް ބައްޕަ ޗުއްޕުވެސް ނުބުނާނެއެވެ.
" ދެން އަހަރެން ކިހިނެއްތަ ހަދަންވީ؟"
ބައްޕަގެ މޫނަށް އަކްރަަމަށް ބަލާލެވުނީ ގޮތްހުސްވެފައިވާ ފަދަ ދޮތަކަށެވެ
" ޒައިބާ ގޮވައިގެން މިރަށުން ދޭ! "
" އޭރުން މަންމަޔޯ؟"
ޙަކީމް ދިން ޚިޔާލުން އަކްރަމްގެ ހިތަށް ލިބުނީ ވަގުތީ ފިނިކަމެކެވެ. އިސާހިތަކު އޭނާގެ މޫޑު ބަދަލުވެއްޖެއެވެ.
" މަންމަ އަހަންނާމެދު ކަންތައް ކުރާގޮތުން އަހަރެން ކިތަންމެ ދެރަވިޔަސް އަހަރެންގެ ސަބަބުން މަންމަ ހިތުގައި ޖެހުނަކަ ނުދޭނަން…"
އަކްރަމް އަސަރާއެކު ބުނެލިއެވެ. އެއާއެކު އަނެއްވެސް ޝަކީލާ އަކްރަމަށް ގޮވާލިއަޑު އިވުނެވެ.
" ދެން ދޭ ކާން! ނުކައި ހުންނާކަށް ނުވާނެ! "
ބައްޕަގެ އެދުމަށް އަކްރަމް ތެދުވެގެން ހިނގައިގަތެވެ. އަކްރަމް ކާގެއަށް ވަތްއިރުވެސް ނާޝިޒްއިނީ ކާށެވެ.
" މަންމަ މިދަނީ ނަމާދުކޮށްލަން! ދަރިފުޅު ކާން ނައިސްގެން މި މަޑުކުރަނީ! "
ހިނިތުންވެ ހުރެ ޝަކީލާ ބުނެލިއެވެ. އަކްރަމް އިށީނީ ނާޝިޒްގެ ކުރިމަތީގައެވެ. އޭރު އޭނާގެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. ނާޝިޒްގެ މޫނަށްވެސް ބަލާލަން އޭނާ ބޭނުމެއް ނޫނެވެ.
" އަހަންނާހެދި އަކްރަމްގެ ދިރިއުޅުން ހަލާކުވެދާކަށް ބޭނުމެއް ނޫން! އެކަމަކުވެސް ޒައިބާ ހުރިހާ ކަމެއް އެޅުވީ އަހަރެންގެ ބޮލުގަ! އެހެންވެ އަހަންނަށް ފެނުނު މަންޒަރުތައް ކިޔައިދޭން އަހަންނަށް މަޖުބޫރުވީ! "
ހިނގާދިޔަ ކަންތަކާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ނާޝިޒް ، އަކްރަމާ ވާހަކަ ދެއްކިއެވެ. މަތިމައްޗަށް އޭނާ ހަދަމުންދިޔަ ދޮގުތައް އަކްރަމް އަޑުއަހަމުންދިޔައީ ރުޅިވެރިކަމާއެކުއެވެ.
" ދޮންތަބޭއަކަށް ނުފެނޭ އަކްރަމް ދެން ތި ގުޅުން ކުރިއަށް ގެންދާކަށް! އާއިލާގެ އަގު ވައްޓާލި މީހަކަށް ފުރުޞަތެއް ދޭނެ ކަމެއްނެތް! މުޅި ރަށުގައި އެދައްކަނީ ޒައިބާގެ ވާހަކަތައް! "
އަވަސް އަވަހަށް ކަމުން ކަމުން ނާޝިޒް ބުންޏެވެ. އަތުގައި އޮތް ރޮށި ބާރުބާރަށް މޭޒުމައްޗަށް ޖަހަމުން އަކްރަމަށް ފުންމައިގެން ތެދުވެވުނީ އައިސްފައި ހުރި ރުޅި އިންތިހާއަށް މައްޗަށް ދިޔުމުންނެވެ.
" ތި ވިހަގަދަ ދުލުން ޒައިބާގެ ނަން ދެވަނަ ފަހަރަށް ބޭރު ނުކުރާތި! އަހަރެން މަޑުން މި ހުންނަނީ އެއްވެސް އެއްޗެއް އަހަންނަށް ނޭނގޭތީއެއްނޫން! އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގޭ! ތީ ވަރަށް ނުބައި މީހެއް! "
މޭޒުގައި ބާރުބާރަށް ދެއަތް ޖަހަމުން އަކްރަމް ކުޑަކޮށް ގުދުވެލިއެވެ. އަދި ރުޅިވެރި ލޮލަކުން ނާޝިޒަށް ބަލަހައްޓައިގެން ހުރެ އަނެއްކާވެސް އޭނާ ވާހަަކަ ދައްކަން ފެށިއެވެ.
" ޒައިބާ އަހަންނަކަށް ދޮގެއް ނަހަދާނެ! އޭނަ އަހަންނަށް އޮޅުވައެއްވެސް ނުލާނެ! ތީ މަގޭ ދޮންތަގެ ފިރިމީހާ ނޫންނަމަ އަހަރެންގެ މި ދެއަތުން ކަލެއަށް ހަދާލާނެ ގޮތް ހިތަށް ސިފަވެސް ނުކުރެވޭ!"
ދަތްކުނޑިވިކާލާފައި އަކްރަމް އެހެން ބުނި އިރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ހިތަށް ބިރުވެރިކަން ވެރިވެފައި އިން ނާޝިޒަށް ގުޑިލާންވެސް ނުކެރުނެވެ. ބުނާނެ އެއްޗެއްވެސް އޭނާއަކަށް ނޭނގުނެވެ.
" ތީ ކަ..ކާކު ބުނި އެއްޗެއް ؟"
ބިރުން ހުރެ ނާޝިޒް ސުވާލުކޮށްލިއެވެ.
" ނުޖެހޭނެ ބަލާކަށް! "
ބާރުބާރަށް އެހެން ބުނުމަށްފަހު ނުވެސްކައި އަކްރަމް ނިކުމެގެން ދިޔައެވެ. އަކްރަމް ދިޔުމުން ނާޝިޒްވެސް ތެދުވެއްޖެއެވެ. އޭރު މުޅިމީހާވަނީ ހާސްވެގެން ދާހިއްލާ ފޯވެފައެވެ. އަކްރަމް ކީ އެއްޗެހީގެ ވާހަކަ އާތިކާގާތު ބުނެފިނަމަ ކަންތައްވާނެގޮތާމެދު އޭނާ ވިސްނިއެވެ. އާތިކާ އަކްރަމާ ސުވާކުރާނެކަން އޭނާއަށް ޔަޤީނެވެ. އެހެންކަމުން ނާޝިޒަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އަކްރަމާ ދެބަސް ވެވުނުކަން އާތިކާއަށް ސިއްރުކުރުމެވެ.
***
މަރީ ކޮޓަރިއަށް އައި އިރު ޒައިބާ ހުރީ ތައްޔާރުވެގެންނެވެ.
" ޒައި ދާނެ ކަމެއް ނެތޭ އަހަރެން ބުނެފީމެއްނު!"
ޑްރެސިންގ ޓޭބަލް ކައިރިއަށް ޖެހިލަމުން މަރީ ބުނެލިއެވެ. އެއާއެކު ޒައިބާ ދެފަރާތަށް ބޯ ހޫރާލިއެވެ.
" އަހަރެން އެގެއަކަށް ނުވަންނާނަމޭ! ބޭރުގައޭ ހުންނާނީ!" ކުރުނުކޮަށް ޒައިބާ ކިޔަމުން ދިޔައެވެ. ނަމަވެސް އެކަމާ މަރީ އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ.
" މީ އަހަރެންގެ ލައިފްއޭ މަރީ! އަހަރެންގެ ދިރިއުޅުން އެގޮތް މިގޮތަށް ދާތަން ބަލަން ހުންނަންވީތަ؟"
ރޮވޭފަދަ ރާގަކަށް ޒައިބާ އެހެން ބުނުމާއެކު މަރީ ވަރަށް ދެރަވިއެވެ. ގަޔަށް ސެންޓް ބުރުވާލަމުން މަރީ ޒައިބާއަށް ބަލާލިއެވެ.
" ޒައިއަށް ހީވަނީތަ އަހަރެން ޒައިގެ ލައިފާމެދު ނުވިސްނާނެޔޭ! އަހަރެން މިހާވަރުން މިއުޅެނީވެސް ޒައިގެ ކަމަކަށްވާތީ! ޒައި އަހަންނަށް ޓްރަސްޓެއް ނުކުރަންތަ؟ އަހަރެން ޒައި އެގެއަށް ގެންދަން ބޭނުން ނުވަނީ އެމީހުން ޒައިއާމެދު ކަންތައް ކުރި ގޮތުން.. އެމީހުން ދެންވެސް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ! އަނެއްކޮޅުން އަކްރަމްވެސް އެހުރީ ހަމަ އެމީހުންގެ ވާހަކަތައް ޤަބޫލުކޮށްގެން.."
މަރީ އަވަސް އަވަށް ބުނެލިއެވެ.
" އަހަރެން މަރީއަށް ޓްރަސްޓްކުރަން. ތިވަރުގެ ކެއަރިން އެކުވެރިއެއް އަހަންނަކަށް ނުލިބޭނެ! މަރީ ދައްކާ ވާހަކަތައްވެސް އަހަރެން ޤަބޫލުކުރަމޭ! އަހަންނަށް އެނގެޔޭ އެގޭ މީހުން އަހަރެން ފެނުނަސް އެއްޗެހި ކިޔާނެކަން.. އެކަމަކުވެސް… އަހަރެން ބޭނުމޭ ދާން! އަހަރެން ހުންނާނީ ބޭރުގަ. ޕްލީޒް…"
ޒައިބާގެ އާދޭހަށް މަރީ އެކަމަށް އެއްބަސްވިއެވެ. އެހެންކަމުން ދެމީހުން އެގެއާ ދިމާއަށް ދުއްވާލިއެވެ.
" އައްސަލާމް ޢަލައިކުމް.."
ދޮރާށިން އެތެރެއަށް ބޯދިއްކޮަށްލަމުން މަރީ ސަލާމް ގޮވާލިއެވެ. އޭރު ޒައިބާ އިނީ ސައިކަލްމަތީގައި ބޭރުގައެވެ.
" ވަޢަލައިކުމް ސަލާމް! "
އެތެރެއިން ސަލާމް ބަލައިގަތީ ޝަކީލާއެވެ. ޝަކީލާ ފެނުމުން މަރީ ވަރަށް ޖެހިލުންވިއެވެ. އަކްރަމާ ބައްދަލު ނުވެދާނެތީ އޭނާ ހުރީ ދެރަވެސްވެފައެވެ.
" އަކްރަމް އުޅެންޏާ ގޮވާލަދީބަލަ! "
ޝަކީލާގާތު މަރީ އެހެން ބުނުމާއެކު ޝަކީލާގެ ދެލޯ ރަތްވެގެން ދިޔަކަހަލައެވެ.
" ކީއްކުރަން އަކްރަމް ހޯދަނީ؟ ތިޔަ ގޭގައި އުޅޭ އަންހެންމީހާގެ ކަންތައްދޯ؟ މިހާރު މިގެއަށް މީހުންވެސް ފޮނުވަން ފެށީތަ؟ "
" މަންމާ! "
ޝަކީލާގެ ވާހަކަ ދުރުގައި އަޑުއަހަން ހުރި އަކްރަމް އައިސް ތަންކޮޅެއް ބާރަށް މަންމައަށް ގޮވާލީ މަންމަ ހުއްޓުވާށެވެ.
" އަހަރެން މިއައީ އަކްރަމާ ބައްދަލުކޮށްލަން! "
މަރީ އަކްރަމަށް ބަލާލަމުން ބުންޏެވެ. އަކްރަމް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި މަރީ ހުރި އިރު ބޭރުގައި އިން ޒައިބާވެސް އިނީ ހަމަ އެ ޙާލުގައެވެ. ކަނުލާ އަޑުއަހަން އޭނާވެސް އިނެވެ.
" މަންމަ ހުއްޓަސް ރަނގަޅުވާނެ.."
މަންމަގާތު އެތަނުން ދާން އެދެފިނަމަ، ޒުވާބުކުރާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އަކްރަމް ބޭނުންވީ މަންމަގެ ހާޟިރުގައި މަރީއާ ވާހަކަ ދައްކާށެވެ. އަކްރަމް އެގޮތަށް ކަންތައް ކުރުމުން މަރީ ހުރީ ހިތްހަމަ ނުޖެހިފައެވެ.
" އަކްރަމް.. އަހަރެން ވާހަކަ ދައްކަން ބޭނުންވަނީ އަކްރަމާ ވަކިން! "
މަރީ އެހެން ބުނުމުން އަކްރަމް ބަލާލީ މަންމަގެ މޫނަށެވެ. ޙަޤީޤަތުގައި އެއީ އަކްރަމްވެސް ބޭނުންވާ ގޮތެވެ.
" އެ ކޮން ވާހަކައެއް ދަައްކަންބާ؟ އަކްރަމް ފަހަތުން ކަލޭމެން ނުނެއްޓިގެން ތިއުޅެނީ ކީއްވެގެންތަ؟ އަކްރަމް އެއުޅެނީ ޒައިބާ ވަރިކޮަށްފަ އެހެން މީހަކާ އިންނަން!"
ޖޯލިފަތިން ތެދުވަމުން ޝަކީލާ ބުނެލިއެވެ. އެއަޑަށް އަކްރަމަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.
" ދޮގެއްތަ މިބުނީ؟ ޒައިބާ ވަރިކުރާނަމޭ އަހަރެންގާތަކު ނުބުނަންތަ؟ ވަރިކުރާކަށްނޫންތަ ތިއުޅެނީ؟ "
ބާރުބާރަށް މަންމަ އެހެން އަހާލުމުން ގޮތްހުސްވެފައިވާ ޙާލު އަކްރަމް ބަލާލީ މަރީގެ މޫނަށެވެ. މަރީވެސް ހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
" އަހަރެން އަދި ވިސްނަން ވަގުތު ބޭނުން! "
އަކްރަމް އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ޝަކީލާގެ ރުޅި އިންތިހާއަށް ގަދަވެގެން ދިޔައެވެ.
" އާއިލީ ހަމަޖެހުމާ މަސްލަޙަތަށް ވުރެ އަކްރަމަށް މުހިއްމުވަނީ ޒައިބާތަ؟ "
" އަކްރަމް! އަހަރެން މިވަގުތު ގޮސްލާނަން! "
މަރީ އެހެން ބުނެ އަކްރަމްގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ހިނގައިގަތެވެ. މަރީގެ ފަހަތުން ދާން ބޭނުންވި ނަމަވެސް އަކްރަމް މަޑުކުރިއެވެ.
" އެއައީ ޒައިބާ ބުނެގެންކަމަށްވާނީ! ދަރިފުޅުދެން ޒައިބާގާތު ބުނަންވީނު އުޅެވެން ނެތްވާހަކަ! "
ޝަކީލާ އަކްރަމްގެ ކުރިމައްޗަށް އަރާ ވާހަކަ ދައްކަން ފެށުމުން އަކްރަމަށް ރޮވޭގޮތްވިއެވެ.
" މަންމާ! އެންމެ ފަހަރަކުވެސް އަހަންނާމެދު ވިސްނާލަބަލަ! އަހަރެން އިންތިހާއަށް ލޯބިވާ މަންމަގެ ދެއަތުން އަހަރެންގެ ދިރިއުޅުމުގައި ތި ހުޅު ޖަހަނީ ! "
އަސަރާއެކު އަކްރަމް ބުނެލިއެވެ.
" މީގެ ކުރިންވެސް އެތައް ގޮތަކުން އަކްރަމަށް މަންމަ ވިސްނައިދިނިން.. އަކްރަމް ޒައިބާ ދޫކޮށްލާ! އެހެން ނޫނީ މަންމަ ދޫކޮށްލާ!"
އެފަދަ ބަސްމަގު ބޭނުންކޮށްގެން ޝަކީލާ އަބަދުވެސް އަކްރަމްގެ ހިތް ދެރަކޮށްލައެވެ.
" އަހަންނަށް ދެމީހުންވެސް މުހިއްމު! "
ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު އަކްރަމް ގެއަށް ވަނެވެ.
" އެމީހުން އަހަރެންދެކެ ހާދަ ރުޅިއެކޭ އެ އަންނަނީ! ޙަޤީޤަތް އެނގި ތިބެވެސް އަކްރަމްގެ މަންމަ އަހަރެން ދުރުކުރަން އެއުޅެނީ؟ މަރީ އަހަންނަކަށް ހިއެއް ނުވެ ދެން އަހަންނަށް އަކްރަމް ފެންނާނެހެންވެސް…"
ދެރަވެލާފައި ޒައިބާ ބުނެލިއެވެ.
" އަސްލުވެސް! އަހަރެންވެސް މިއަދު ވަރަށް ފޫހިވި! ހީވަނީ އަކްރަމް ހުންނަނީ އެމީހާދެކެ ބިރުންހެން.."
އަވަސް އަވަހަށް މަރީ ބުންޏެވެ.
" ދެން އެކަމަކު… އަހަރެން ކިހިނެއްތަ ހަދާނީ؟"
މަރީގެ ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ޒައިބާ އެހިއެވެ. މަރީ ހިނިތުންވެލީ ދެނެވެ.
" ހިނގާ އިހަށް ސައެއް ބޯލަން! ސައިބޮއިގެން ދެން ތިކަމާ ވާހަކަ ދައްކާނީ! ޒައި ތިހުންނަނީ ނުކައި ނުބޮއިގޮސް ބަލިވެފަ! އެއީވެސް ރަނގަޅު ގޮތެއް ނޫނޭ!"
ބާރުބާރަށް ކާގެއާ ދިމާއަ
ށް ދިޔަ މަރީގެ ފަހަތުން ޒައިބާ ހިނގައިގަތެވެ.
***
ހެނދުނުގެ ވަގުތެވެ. ޓީރޫމްގައި ތިބީ މަރީއާ ލޫޠު އެކަންޏެވެ.
" މަށަށް ހީވަނީ ލޫޠުއަށް ދެން ޒައި ލިބިދާނެހެން.."
މަރީ ހީލަމުން އެހެން ބުނެލިއެވެ. އެކަމަކު ލޫޠުގެ މޫނުމަތިން ފެންނަން ހުރީ ހިތާމައިގެ އަސަރެވެ.
" މަ ޒައިދެކެ ކިތަންމެ ލޯބި ވިޔަސް އެއީ އަހަންނަށްޓަކައިވާ ލޯތްބެއް ނޫން.."
އެތެރެއަށް ވަންނަން އައި ޒައިބާގެ ކަންފަތުގައި ލޫޠުގެ އަޑު ޖެހުމާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
( ނުނިމޭ)
