ވާހަކަ: އީރަމް (6)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ފަތިސް ނަމާދު ކޮށްލައިގެން ކުރަންހުރި މަސައްކަތްތައް ނިންމާލާފައި ރަނާއިނީ ގޯތިތެރޭގައި ހުރި ބަގީޗާ ތެރޭގައެވެ. ގަސްތަކަށް ފެންދީ ހިކިފަތްތައް ނަގާ ސާފުކުރާށެވެ. އޭރުވެސް ރީތި މާގަސްތަކުގެ މީރުވަސް ފެތުރިފައިވެއެވެ.  އަނބު ގަސްދޮށުގައި ހަދާފައި ހުރި ބޮޑު މަސްޓޭންކާއި ކައިރިވެލިއެވެ. އަތުގައި އޮތްފުޅިން ފެންގަނޑު ތެރެއަށް ކާނާ އަޅާލިއެވެ. މަސްތައް ކާންއުޅޭ އަވަސް ހަރަކާތްތައް ބަލަން މަސްޓޭންކްގެ އަރިމަތީގައި އޭނާ އިށީނދެލިއެވެ. އެއްވެސް ޚިޔާލެއްނެތި ފެންގަނޑު ތެރެއަށް އަތްލައިގެން ކުޅެލަ ކުޅެލަ އިނެވެ.

"ރަނާ." މީހަކު ގޮވާލިއަޑަށް ރަނާ ސިއްސައިގެން ދިޔައެވެ. ކުއްލިއަކަށް ތެދުވަން އުޅުމުން އޭނާ މަސްޓޭންކާއި ދިމާއަށް އަރިއަޅާލިއެވެ. އިނާޒު ދުވެފައިގޮސް ރަނާ ހިފަހައްޓާލިއެވެ. އެ ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އެކަކަށްވެސް ދުރަށް ޖެހިލާކަށް ނޭނގުނެވެ.

"ސޮރީ. އަހަރެން އުޅުނީ ރަނާ ބިރު ގަންނަވާލާކަށް ނޫން." ރަނާ ރަނގަޅަށް ހަމަޖެހިލުމަށް ފުރުސަތު ދެމުން އިނާޒު ބުނެލިއެވެ.

"އައްޗި އަހަރެން ބިރެއް ނުގަނޭ." ރަނާ މިފަހަރު އިނާޒާއި ޖަދަލު ކޮށްލާ ހިތްވިއެވެ.

"ތިއެއްނޭނގެ. އަހަރެން ނައިނަމަ އޮތީހީ މަސްޓޭންކުގައި ފަތަފަތާ." އިނާޒު ވެސް މިހާރު ރަނާއާއި ސަކަރާތް ޖަހާ ހިތްވެއެވެ.

ދުވަސްތަކަކަށްފަހު ރަނާގެ މިޒާޖަށް އަންނަ އުފާވެރި ބަދަލު ފެނުމުން އިނާޒު އުފާވެއެވެ. އަބަދުވެސް ރަނާ އުފަލުގައި ހުރުމަށް އޭނާ ހިތް އެދެވެއެވެ.

"ކޮންމެހެން ތިހެން ކިޔާނެކަމެއްނެތް. އަހަރެންނަށް އެކަނިވެސް މަސްޓޭންކަށް ނުވެއްޓި ތެދުވެވުނީސް." ރަނާ ދެރަނުވާން ބުނެލިއެވެ.

"އެހެންތަ؟ އަހަރެން ރަނާ ސަލާމަތް ކޮށްދިނީ މިކުޑަކުޑަ ކުއްޖާއަށްޓަކައި." އިނާޒު ރަނާގެ ބަނޑަށް އިޝާރާތް ކޮށްލިއެވެ. އިނާޒު ދާން ހިނގައިގަތެވެ. އެވަގުތު ރަނާ ފެންގަނޑާއި ދިމާއަށް ގުދުވެލިއެވެ. މަޑުމަޑުން އެދިމާއަށް އަރިވަމުން ދިޔައެވެ.

"މަންމާ." ރަނާއަށް ގޮވާލެވުނެވެ. އިނާޒަށް ކުއްލިއަކަށް ރަނާއަށް ބަލާލެވުނެވެ. އޭރު ރަނާ ފެންގަނޑާ ދިމާއަށް އަރިވަނީއެވެ. އިނާޒު ރަނާގެ އަތުގައި ހިފާ ސަލާމަތް ކުރެވޭތޯ ދިޔައެވެ. ރަނާ އިނާޒުގެ އަތުން ދެމިގަނެ ސަލާމަތްވިއެވެ.  ބެލެންސް ނުކުރެވިގެން އިނާޒު އެބޮޑު މަސްޓޭންކާ ދިމާއަށްއަރި އަޅާލިއެވެ. އެވަގުތު ރަނާ އިނާޒުގެ ބުރަކަށީގައި އަތްއަޅާ މަޑުމަޑުން ކޮށްޕާލިއެވެ. ބާރު އަޑަކާއެކު އިނާޒު ފެންގަނޑަށް ވެއްޓިއްޖެއެވެ. ރަނާ މަސްޓޭންކު ކައިރީ އިށީނދެލިއެވެ. އޭނާއަށް ބާރަށް ހެވެނީއެވެ.

"މިހާރު ކާކުބާ ފަތަފަތާ މިއުޅެނީ." އިނާޒު ފެންމައްޗަށް ބޯ ހިއްލާލުމުން ރަނާ ބުންޏެވެ.

"މަށަށް އެނގޭ ރަނާ އަހަރެން ވައްޓާލަން ކުރިކަމެއްކަން. ހުރެބަލަ އަދި ލަނޑެއް ދޭނަން." އިނާޒު ރަނާގެ އަތުގައި ހިފިއެވެ. އަދި ފެންގަނޑާއި ދިމާއަށް ގެންނަން އުޅުނެވެ. ނަމަވެސް ރަނާއަށް ގެއްލުމެއް ވެދާނެތީ އޭނާއަށް މާބޮޑަށް ގަދަ ހަދާކަށް ނުކެރުނެވެ. ރަނާއަށް މިކަން އެނގުނެވެ. އެހެންކަމުން އޭނާ ބޭނުންވީ އިނާޒު އަދިވެސް ބޮޑަށް ބިރުގަންނަވާލާށެވެ.

"މަންމާ. އައްދޯތް." ރަނާ ގޮވަމުން ދިޔައެވެ. މިއަޑަށް ވަހީދާ ދުވެފައި އެދިމާއަށް އައެވެ. ރަނާމެންނަކަށް ވަހީދާ އަންނަކަމެއް ނޭނގެއެވެ. މިދެކުދިންގެ ސަކަރާތް ފެނިފައި އޭނާ އުފާވިއެވެ. މިހުރިހާ ދުވަހު ލިބެމުންދިޔަ ހިތާމަތަކަށް ނިމުމެއް އަންނަނީކަމަށް އޭނާއަށް ވިސްނުނެވެ.

"އިނާޒު." ވަހީދާ ވަރަށް ބާރަށް ގޮވާލިއެވެ. ދެމީހުންވެސް ވަހީދާގެ އަޑަށް ބިރުގަތެވެ. ރަނާ ތެދުވިއެވެ.

"ލައްބަ." އިނާޒު އިސްޖަހާލިއެވެ.

"ބޮޑުވީމަވެސް އަދިވެސް ތިކުޅިވަރު ނުނިމޭދޯ. މަސްޓޭންކް ސާފުވެސް ކޮށްލާތި އިނގޭ." ވަހީދާ ހިނިތުން ވެލިއެވެ. އޭނާ ރަނާގެ ބޮލުގައި ފިރުމާލިއެވެ. ވަހީދާގެ ފަހަތުން ރަނާވެސް ދިޔައެވެ. އަދި ފަހަތަށް އެނބުރިލާފައި އަތުގެ އިޝާރާތަކުން އިނާޒު ބަލިވީއޭ ބުނާކަހަލަ ހަރަކާތެއް ކޮށްލިއެވެ.

ބައެއްފަހަރަށް އެމީހުން އެކަކު އަނެކަކަށް ސަކަރާތް ޖަހާ ހަދައެވެ. އެކަމަކު އަދިވެސް ގިނަވަގުތު ތަކެއް އެމީހުން ހޭދަކުރަނީ ހިމޭންކަމުގައެވެ. ބައެއްފަހަރު ދައްކާނެ އެއްވެސް ވާހަކައެއް ނުހުރެއެވެ. އަނެއްބައިފަހަރު އަހާނެ ވާހަކަތައް ގިނަކަމުން ވާހަކަ ދައްކަން ނުކެރިފައިވެސް ތިބެއެވެ. މިރެއަކީވެސް އެކަހަލަ ރެއެކެވެ. ރަނާއިނީ އެނދުގައެވެ. އިނާޒު އިނީ ސޯފާގައެވެ. އެކަކު އަނެކަކަށް ވާހަކަ ނުދައްކާތާ ގަޑިއެއްހާ އިރުވީއިރުވެސް ވާހަކައެއް ނުދައްކައެވެ.

"ގުޑްނައިޓް." ރަނާ ބެޑްޝީޓް ނަގާ އޮށޯންނަމުން ބުނެލިއެވެ.

"ކީކޭ." ދިވެހި ލިޔަން ކިޔަން ކިރިޔާ އެނގޭ އިނާޒަށް ރަނާ ބުނިއެއްޗެއް ނޭނގިގެން ބަލަހައްޓައިގެން އޮތެވެ.

"މިބުނީ ބާއްޖަވެރި ރެއަކަށް އެދެމޭ. އަހަރެމެން ކޮންމެ ރެއަކު ނިދާއިރު މިހެން ބުނެލަން."

"އާނ. ގުޑް ނައިޓް." އިނާޒުވެސް އޮށޯވެލިއެވެ.

ގައިމަތީގައި ބެޑުޝީޓް އަޅައިގެން ނިދާކަމަށް ހަދައިގެން އޮތަސް ރަނާއަކަށް ނުނިދުނެވެ. އޭނާ ތެދުވިއެވެ. ކިޔަވާ މޭޒުކައިރިއަށް ގޮސް އެމޭޒަށް ޚާއްސަކުރެވިފައިވާ ބޮކި ދިއްލާލިއެވެ. ފޮތަކާއި ގަލަމެއް ނަގާ އެއްޗެއް ލިޔަން ފެށިއެވެ. އިރުތަކެއްވަންދެން އޭނާ ލިޔުނެވެ. ފޮތްލައްޕާލާ އިނާޒަށް އެޑްރެސް ކޮށް ފޮތް ވަތްގަނޑަށް ލިއެވެ. މާދަމާ އިނާޒަށް ހަވާލު ކުރުމަށެވެ.

ކުއްލިއަކަށް ރަނާއަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. މުޅިމީހާ ވަނީ ދާހިތްލާފައެވެ. ރަނގަޅަށް ދެ ލޯ ހުޅުވާލާ ކޮޅަށް ތެދުވިއެވެ. އޭރު އިނާޒު ގަދަނިދީގައި ސޯފާގައި އޮތެވެ. ރަނާ ޖަގުން ތައްޓަށް ފެން އަޅަން އުޅުނެވެ. ހާސްވެފައި ހުރިވަރުން ޖަގުން ތަށީގައިޖެހި ވެއްޓުނެވެ. ތަށި ތަޅައިގެން ދިޔައަޑާއެކު އިނާޒަށް ސިއްސައިގެން ތެދުވެވުނެވެ. ހާސްވެފައި އިން ރަނާއާއި ދިމާއަށް ދުއްވައިގަނެވުނެވެ.

"ކަމެއް ގޯސްވީތަ؟" އިނާޒު ރަނާގެ ގާތުގައި އެނދުގައި އިށީނެވެ.

"ނޭނގެ. ބައިވަރު ކަންތައްތަކެއް ފެނުނު." ރަނާ ހިންދިރުވާލިއެވެ. އިނާޒާއި ދިމާއަށް ބަލާލިއެވެ. އަތްނަގާ އިނާޒުގެ އަތުގައި ހިފާލިއެވެ.

"ދަރިފުޅު މަސްޓޭންކު ބަލަންހުރީ. ދެންފެނުނީ ބައިވަރު މީހުންތަކެއް އައިސް ދަރިފުޅު މަސްޓޭންކަށް ލީތަން. އަހަރެންނަކަށް އެއްވެސް ކަމެއް ނުކުރެވުނު. އެމީހުން އިނާޒު ކޮޓަރިއަށް ލައިގެން ނުނިކުމެވޭ ގޮތަށް ހުރީ ބަންދު ކޮށްފައި. އަހަރެންގެ ދަރިފުޅު މަރުވާތަން ބަލަން އަހަރެމެންނަށް ހުރެވުނީ." ރަނާ ރޯންފެށިއެވެ.

"އެއީ އަބަދު މަސްޓޭންކް ކައިރިއަށް ދާތީ. އެހެންނޫނަސް ވެދާނެ ތީ އިބިލީހުގެ ވަސްވާސްކަމަށް. އެއީ ފަތިސް ނަމާދު ވަގުތު ޖެހުނީމަ ނަމާދުކުރަން ހޭލެވެން ވެގެން ފެނުނު ހުވަފެނެއް." އިނާޒު ރަނާގެ އަތަށް ފިތާލިއެވެ. އެދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ރަނާ މިހާރު އިނާޒުދެކެ ލޯބިވެއެވެ. އިނާޒު އޭނާއަށްޓަކައި ހަމްދަރުދީވާކަން އޭނާއަށް އެނގެއެވެ. އިނާޒުވެސް ހަމްދަރުދީއަށް ވުރެ ބޮޑަށް އެހެން ގާތްކަމެއް ވާކަމަށް ގަބޫލުކުރެއެވެ. ނަމަވެސް އެކަކު އަނެކަކަށް އަނެކާގެ ގޮތް ނޭނގޭތީ ޖެހިލުން ވަނީއެވެ.

"އަހަރެން ދާނީ މިސްކިތަށް. ރަނާ ގޭގައި ނަމާދު ކޮށްލާނީ ދޯ." އިނާޒު ތެދުވިއެވެ. ފާޚާނާއާއި ދިމާއަށް ދިޔައެވެ. ކުއްލިއަކަށް ރަނާ ހަޅޭއް ލަވައިގަތެވެ. އޭރު އޭނާ އުނަގަނޑުގައި އަތް އަޅާލައިގެން ރޮނީއެވެ.

"ކިހިނެއްވީ؟" އިނާޒު ހާސްވިއެވެ. އޭނާ ރަނާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ. އަދި މޫނުގައި ހުރި ފެންތައް ފޮހެލިއެވެ.

"މަންމަގާތަށް ދާން." ރަނާ ރޮނީއެވެ.

"މިތާ އިށީނދެލާ. އަހަރެން މަންމަ ގޮވައިގެން އަންނާނަން." އިނާޒު ބުންޏެވެ.

"ނޫން. އަހަރެން ބިރުގަނޭ. އަހަރެން އެކަންޏެއް ނުހުންނާނަން." އިނާޒުގެ ކޮނޑުގައި އޭނާ އަތްއަޅާލިއެވެ. މަޑު ހިނގުމެއްގައި ރަނާ ގޮވައިގެން ވަހީދާ ކޮޓަރި ކައިރިއަށް ދިޔައެވެ. ދޮރުގައި ޓަކިޖެހިއެވެ. ވަހީދާ ނިކުތުމާއެކު ރަނާގެ ހާލަތު އެނގިއްޖެއެވެ. ފާޚާނާއަށްވެސް ނުގޮސް ރަނާ ސިއްހީ މަރުކަޒަށް ގެންދިޔައެވެ.

ވިހާ ކޮޓަރީގައި ރަނާ އޮންނަތާ އިރުތަކެއް ވެއްޖެއެވެ. އިނާޒާއި ވަހީދާ ހާސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ގަޑިއެއްހާއިރު ފަހެވެ. ޑޮކްޓަރު ނިކުތެވެ. އޭނާގެ އިރުޝާދަކީ ވަގުތުން ހޮސްޕިޓަލަކަށް ދިއުމެވެ. ދަރިފުޅުގެ ހިތުގެ ވިންދު ދަށްވަމުން ދާކަން ފާހަގަ ކުރެވޭތީއެވެ.

 

"އިނާޒު." ދާހިތްލާ ފޯވެފައިވާ ރީނާޒް ގޮވާލިއެވެ. ހާސްވެފައިވާ އިނާޒު އަވަހަށް ލޯންޗަށް އެރަން އުޅުނެވެ.

"އަން  މީގަ ހިފާ." ހަދާފައިވާ ކުރުނބާކޮތަޅެއް ދިއްކޮށްލަމުން ބުންޏެވެ.

"ޝުކުރިއްޔާ ރީނާޒް."

"ދެން އަވަހަށްދޭ. އަހަރެންގެ ހެޔޮދުއާ ވަނީ ކަލޭމެންނާއެކު." ރީނާޒް ފެންކަޅިވިއެވެ. އޭނާގެ އަރުބެދުނެވެ.

ލޯންޗް ފުރުމާއެކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެވެންދެން ވަހީދާ ދިޔައީ ހިތުގެ އަޑީން ދުއާ ކުރަމުންނެވެ. ހަމްޒާ އެކަނި ކޮށްލާފައި ނުދެވޭނެތީ ރަނާގެ ހުރިހާކަމެއް ހަވާލުވީ އިނާޒުއާއެވެ. އޭނާ އެއްވެސް އަރާމެއްނެތި ރަނާގެ ޚިދުމަތުގައި ހުއްޓެވެ. ފަނަރަ މިނެޓްތެރޭގައި ރަނާގެ އޮޕްރޭޝަން ކުރެވުނެވެ. ލިބުނު ލޯބިލޯބި އަންހެން ކުއްޖާ ރަނާއަށް ވުރެ ކުރީން ފެނުނީ އިނާޒަށެވެ. އެއީ ވަރަށް ދޮން ލޯބި ލޯބި އަންހެން ކުއްޖެކެވެ. ރަނާ ވޯޑަށް ނެރެވުނެވެ.

އިނާޒު ރަނާއާއި ބައްދަލު ކުރަން ދިޔައެވެ. އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ރަނާއަށް އޮތީ ލޯމެރިފައެވެ. އިނާޒު އޭނާގެ އަންހެނުންގެ އަތުގައި ހިފާލިއެވެ. އަދި ފުރަތަމަ ފަހަރަށް ރަނާގެ ނިތްކުރިއަށް ދޮނެއްދިނެވެ. ރަނާ ލޯ ހުޅުވާލިއެވެ.

"ޝުކުރިއްޔާ." ރަނާ ބުނެލިއެވެ.

"ކީއްވެ އަހަރެން ބުނަންވީ އެއްޗެއް ރަނާ ތިބުނީ."

"އިނާޒު އަހަރެންނަށް ވަރަށް ގިނަ  ކަންތައް ކޮށްދީފި. އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ލިބޭނެ ކަމާމެދު ޝައްކެއް ނުކުރަން." ރަނާ ހިނިތުން ވެލިއެވެ.

"ވަރަށް ލޯބި އަންހެން ކުއްޖެއް. ހަމަހީވަނީ ރަނާހެން." އިނާޒު ރަނާގެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ.

"ވާހަކައެއް ބުނަންތަ؟ އަހަރެން ބުނަންއޮތް ވާހަކައެއް އޮންނާނެ  މޭޒުގެ ވަތްގަނޑުގައި އޮތް ފޮތެއްގައި ލިޔެފައި. އޭތި ކިޔާލައްޗޭ އިނގޭ." ރަނާ އިސްޖަހާލިއެވެ.

" ކައިގެން އަވަހަށް ރަނގަޅުވޭ. އޭރުންނެއްނު ތި ކިޔަން ރަށަށްވެސް ދެވޭނީ." އިނާޒު ޖޫސްފޮދެއް ތައްޓަކަށް އަޅައިދިނެވެ. އަދި ފަހަރަކު ސަމްސަލެއްގެ ޖޫސް ރަނާގެ އަނގައަށް އަޅަމުން ދިޔައެވެ.

ހޮސްޕިޓަލުގައި ހަފްތާއެއް ވުމުން ރަށަށް ދިއުމުގެ ހުއްދަ ލިބުނެވެ. އެކުޑަކުޑަ އާއިލާ ނިޔާމަ ދަތުރަކަށް އެދެމުން ކުޅުދުއްފުށިން ފުރައިފިއެވެ. އިނާޒު އަތުގައި ތުއްތު ކުއްޖާ އޮތެވެ. ރަނާ އޮތީ ފަހަތުގައި ހުރި ތިންގޮޑީގެ ޝީޓުގައި އޮށޯވެ ލައިގެންނެވެ.

 

ސާފު އުދަރެސް ބައްދާލާ ވިލާ ބޯކޮށްލައިފިއެވެ. ނަލަވައިރޯޅިތައް ބޫންކިޔާފައި ގަދަވެއްޖެއެވެ. ދުނިޔެ އަނދިރި ކޮށްލައިފިއެވެ. ބޯކޮށް ވެހެންފެށި ވާރޭ ގުގުރީގެ އަޑުހަރުކަމާއެކު ގިނަކުރަމުން ދެއެވެ. މާސިންގާ ކަނޑުގެ ހުޅިނަގާފައިވާ އަންނަ ރާޅުތައް ލޯންޗް ހަލުވަމުންދެއެވެ. ކުއްލިއަކަށް ޖެހި ބޮޑު ރާޅަކުން ލޯންޗު އެއްފަރާތަށް އަރިކޮށްލިއެވެ. އެއާއެކު އިނާޒުގެ އަތުން ތުއްތު ކުއްޖާ ދޫވެއްޖެއެވެ. އޭރު ވެއްޓެން ދިޔަ ރަނާގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. ދެމީހުން އަތުގައި ހިފުނު ވަގުތު ލޯންޗުން ކަނޑަށް ވެއްޓިއްޖެއެވެ. ހިނދުކޮޅެއްގެތެރޭގައި ލޯންޗް އެމީހުންނާ މާދުރަށް ހިނގައްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ވަރަށް ރީތި. ދެން ކިހިނެއްބާ ވާނީ. އަނެއްބައި އަވަސްކުރޭ.

  2. ވަރަށް އަސަރުގަދަ ވާހަކައެއް. ހާދަކުރޭ ގެނެސްދޭބައި. ނިކަން ދިގުކޮށް ގެނެސްދީބަ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *