ވާހަކަ: ވީމޭ ވަފާތެރި! އެހެނަސް… (12)

ހެނދުނުގެ ވަގުތެވެ. ޓީރޫމްގައި ތިބީ މަރީއާ ލޫޠު އެކަންޏެވެ.

" މަށަށް ހީވަނީ ލޫޠުއަށް ދެން ޒައި ލިބިދާނެހެން.."

މަރީ ހީލަމުން އެހެން ބުނެލިއެވެ. އެކަމަކު ލޫޠުގެ މޫނުމަތިން ފެންނަން ހުރީ ހިތާމައިގެ އަސަރެވެ.

" މަ ޒައިދެކެ ކިތަންމެ ލޯބި ވިޔަސް އެއީ އަހަންނަށްޓަކައިވާ ލޯތްބެއް ނޫން.."

އެތެރެއަށް ވަންނަން އައި ޒައިބާގެ ކަންފަތުގައި ލޫޠުގެ އަޑު ޖެހުމާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ ލޫޠުގެ އަޑުކަން ޔަޤީންވުމުން ޒައިބާ ބޭރުގައި މަޑުކޮށްލިއެވެ.

" މަށަށް އިތުބާރުކޮށްބަލަ! މަށެއްނު މިބުނީ ދެން އެދެމީހުންގެ ކައިވެނި މާ ގިނަ ދުވަހަކު ދެމިއެއް ނޯންނާނެ!"

މަރީގެ އަޑަށް ޒައިބާއަކަށް މަޑަކުން ނުހުރެވުނެވެ. ތަޅުގައި ހިފާލަން އުފުލާލި އަތްވެސް ތިރިކޮށްލެވުނީ ދެންވެސް އިވުނު މަރީގެ އަޑުންނެވެ.

" އިއްޔެ މަށަށް އަކްރަމް ގުޅި! ވަރަށް ވަރުވަރު އެހި.. އަހަރެން ބުނިން ޒައިބާ ނޫޅެޔޭ ގޮތް ހުސްވެގެންނެއް! އަކްރަމް ޒައިބާއަށް އެގޮތަށް ކަންތައްކުރީތީވެސް ޒައިބާ ބޭނުމެއް ނުވެޔޭ ދެން އެކުގައި އުޅޭކަށް! އަދި ބުނިން އޭނަ މިހާރުވެސް މިރަށުގައި އެ މަޑުކުރަނީ ޒައިބާދެކެ އިންތިހާއަށް ލޯބިވާ މީހަކު ހުރީމައޭ! "

އުފާވެރި އަޑަކުން މަރީ ދައްކަމުންދިޔަ ވާހަކަތައް ޒައިބާއަށް އިވެނީ ބިރުވެރި ގޮތަކަށެވެ. މަރީ އޭނާއަށް އޮޅުވާލާނެކަމަށް ފަހަރެއްގައިވެސް ޒައިބާ ހިއެއް ނުކުރެއެވެ.

" އޭ އަސްލުވެސްތަ؟ ދެން ކީކޯ އޭނަ ބުނީ؟"

އުފަލާއިއެކު ލޫޠު ބުންޏެވެ.

" އަކްރަމް ހުރީ ވަރަށް ފާޑަކަށް ހެން ހީވަނީ! އިއްޔެ އޭނައާ ބައްދަލުކުރަން ގޮސް އޭނަ މަންމަ ހުރެގެން ވާހަކައެއް ނުދެއްކުނު! ނަސީބެއް މަންމަ ހުރިކަންވެސް.. ޒައިބާ ބަހައްޓާފަ ދާން މަ ވަރަށް އުޅުނިން! އެކަމަކު.. އޭނަ ކުރެއް ނުކުރި! ގޮސް ހުރީ ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގަ ބޭރުގަ!"

މަރީގެ ވާހަކަތައް އަޑުއަހަން ހުރި ޒައިބާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ.

" މަށަށް ކަމެއްކޮށްދެންޏާ އެދެމީހުން ދުރުކޮށްލާ! "

" މަ ބުނީމޭ ޒައިބާ ބޭނުންވަނީ ވަރިވާށޭ! އޭނަ ހުރީ އަކްރަމް ދެކެ ވަރަށް ބޮޑަށް ފޫހިވެފައޭ! ޒައިބާ މިހާރު އުޅެނީ ލޫޠުއާ ރައްޓެހިވެގެންނޭވެސް ބުނިން!"

އެތެރެއިން އިވެމުން ދިޔަ އަޑުތަކުން ޒައިބާގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. މޭގައި އަތްޖައްސާލެވުނީ ދުނިޔޭގެ ކެހިވެރިކަމާމެދު ސުވާލުއުފައްދަމުންނެވެ.

" އެނގޭތަ އޭނަ ބުނި އެއްޗެއް؟ އޭނަ އަދިވެސް ހީކޮށްގެން މިހުރީ ޒައިބާ އޭނައަށްޓަކައި ކަމަށޯ އެހުންނަނީ! އަދި ޒައިބާ އުޅެނީ ވަރަށް ހިތާމައިގައި ކަމަށް ވަރަށް ދެރަވެފަޔޯ މިހުންނަނީ! ޒައިބާ އެގޮތް ބޭނުންކަމަށްވަންޏާ އޭނަ ފޯމް ލާނަމޯ ކޯޓަށް! އަސްލު މަގޭ މިވާހަކަތައް ދެއްކީމަ އޭނަ ޤަބޫލުވެސް އެކުރީ.. ދެން ލޫޠު ވަގުތުގެ ބޭނުން ހިފާފަ ޒައިބާގެ ލޯބި ކާމިޔާބު ކުރޭ! ޒައިއަކަށް ނޯންނާނެ އިތުރު ގޮތެއްވެސް! "

މަރީގެ ވާހަކަތައް އިތުރަށް އަޑު ނާހަންވެގެން ބާރު ފިޔަވަޅުތަކެއްގައި ގޮސް ޒައިބާވަނީ ހުސްކޮށް އޮތް ކްލާހަކަށެވެ. ހިތްފުރެންދެން ރޯލާށެވެ. އެންމެ ގާތްކޮށް ދެކުނު އެކުވެރިޔާވެސް އޭނާއަށް ބޭވަފާތެރިވީއެވެ. ފިރިމީހާވެސް އެހުރީ އޭނާ ކުށްވެރިކޮށްގެންނެވެ. މިހާރު އޭނާއަށް ހީވަނީ ހަތަރުފަރާތުން ސިކުނޑިވެސް ފިތޭހެންނެވެ.

" ދެން އަހަރެން ކިހިނެއް އެމީހުންނާ ކުރިމަތިލާނީ؟ އެމީހުން އަހަންނަށް ހާދަ އިހާނެތިކޮށޭ އެ ކަންތައްކުރީ؟ މަރީއަކީ އަހަރެންގެ އެންމެ ފަހުގެ އުއްމީދު! އަހަންނަށް އެހީވެދިން އެކުވެރިޔާ! އެކަމަކު އޭނަވެސް…."

މައްޗަށް ބަލާލަމުން ޒައިބާއަށް ބުނެލެވުނީ ރޮމުންނެވެ. އެއާއެކު އޭނާގެ ހިތަށް ސިފަވެގެންދިޔައީ ހަމަ އަކްރަމެވެ. މިދުނިޔެއިންވެސް އޭނާ އެންމެ އިތުބާރުކުރާ އަދި އެންމެ ލޯބިވާ އިންސާނާއެވެ.

" އަކޫ! "

އަކްރަމްގެ ނަން ޒައިބާއަށް ކިޔާލެވުނެވެ. އޭނާގެ ވިސްނުމަށްއައީ ޚުދު އޭނާ އަކްރަމާ ބައްދަލު ކުރާށެވެ. އަކްރަމް އޭނާ ދޫކޮށްލުމުގެ ކުރިން މަރީ އެހެދީ ދޮގުކަން ޔަޤީންކޮށްދޭށެވެ.

" އަހަރެން ދެން ކޮންތާކަށް ދާނީ؟ އަހަރެން ވަންނާނީ ކޮންތާކަށް؟ "

މަރީގެ ހިޔާވަހިކަމުން ނިކުންނަން ބޭނުންވިނަމަވެސް ޒައިބާ ދާނެ އިތުރު ތަނެއް ނެތްކަން އޭނާ ހަނދާންވިއެވެ. ނަމަވެސް މަރީގެ އަސްލު ސިފަ އެނގޭކަމަށް ނަހަދާ އުޅެންވެސް އޭނާއަށް އެހާ އުނދަގޫ ވާނެއެވެ. މޭޒުގައި ބޯޖަހާލައިގެން ޒައިބާއަށް އޮވެވުނީ އެކި ކަންތައްތަކާމެދު ވިސްނާށެވެ.

އެނބުރި އޭނާ އައިސް ސްޓާފް ރޫމަށް ވަނުމާއެކު ފުރަތަމަވެސް ފެނުނީ މަރީގެ ހިނިތުންވެފައިވާ މޫނެވެ. ހަމަ އެ ހިތްހެޔޮ ކަމެވެ. އެ އޯގާތެރިކަމެވެ.

" ޒައި! ހިނގާ ގެއަށްދާން! ޒައި ނައިސްގެން ގެއަށް ނުދެވިފަ މިއިންނަނީ!"

ޒައިބާ ފެނުމާއެކު މަރީ އަވަސް އަވަހަށް ތެދުވެ، ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އޭރުވެސް ޒައިބާއަށް ހުރެވުނީ އޭނާއާ އަނގައިން ބުނާނެ ގޮތެއް ނޭނގިފައެވެ. ދާން ބޭނުން ނުވި ނަމަވެސް މަރީގެ ފަހަތުން ޒައިބާ ހިނގައިގަތެވެ.

" މަރީ! އަހަރެން ވަރަށް ވަރުބަލިވޭ! ބޯވެސް އަނބުރާ! ޑޮކްޓަރަށް ދައްކާލަން ބޭނުން…."

ހަކަތަ ހުސްވާ ކަހަލަ އިޙްސާސެއް ކުރެވެން ފެށުމުން ޒައިބާ ބުނެލިއެވެ.

" އަސްލުތަ؟ ހިނގާދޯ އަވަހަށް މަރުކަޒަށްް! "

މަރީ އަވަހަށް ސައިކަލްގެ މިސްރާބު ބަދަލުކޮށްލީ މަރުކަޒާ ދިމާއަށެވެ.

ބޭރު ގޮނޑިމަރީގައި މަރީ މަޑުކޮށްލީ ޒަައިބާ ގޮސް ޑޮކްޓަރ ކޮޓަރިއަށް ވަނުމުންނެވެ. ކުޑައިރުކޮޅެއްފަހުން ޒައިބާ ނިކުމެގެން އައިސް މަރީއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

" ލޭގެ ޕްރެޝަރވެސް މައްޗޯ! ބާއްވާލާނަމޯ ބުނީ! ދެން ޓެސްޓްތައް ހަދާލާނީއޯ!"

ޒައިބާއަށް ބަލަހައްޓައިގެން އިނދެ މަރީ އޭނާގެ ގައިގައި އަތްޖައްސާލިއެވެ.

" އެހެންތަ؟ އެހެންވިއްޔާ އަހަރެން އަންނާނަން ގެއަށް ގޮސް ޒައިއަށް ކާއެއްޗެއް ހިފައިގެން…. އޯކޭތަ؟ "

އިސްޖަހާލައިގެން އިނދެ ޒައިބާ އާނއެކޭ ބުނެލިއެވެ. ހަމައެއާއެކު މަރީ އަވަސް އަވަހަށް ހިނގައިގަތެވެ. މަރީ ދާތަން ބަލަހައްޓައިގެން އިން ޒައިބާގެ ހިތަށް އޭރުވެސް އެތައް ޝަކުވާތަކެއް އަރާ ފައިބަމުންދިޔައެވެ.

ސިސްޓަރއާއެކު ޒައިބާ ވޯޑަށް ވަނުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ބާއްވާފައި އޮތް އަކްރަމްގެ ބައްޕަ ޙަކީމެވެ. އޭނާގެ ގާތު އެއްވެސް މީހަކު ނެތެވެ. އޭނާ އެކަނިމާއެކަނި އޮތުމުން ޒައިބާއަށް ބޭއިޚްތިޔާރުގައި އެދިމާއަށް ހިނގައިގަނެވުނެވެ.

" ބައްޕާ؟ ކިހިނެއްވީ ؟ "

ލޯމަރާލައިގެން އޮތް ޙަކީމް ސިހުނީ ޒައިބާގެ އަޑުންނެވެ. ޒައިބާ ފެނުމާއެކު އޭނާގެ މޫނުމަތިން ފެނުނީ އުފާވެރިކަމާ ހިނިތުންވުނެވެ.

" ދަރިފުޅާ ޒައިބާ! ހާދަ ގިނަ ދުވަހެއްވެއްޖޭ ނުފެންނަނީ! ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅު ފެނުނީމަ!"

ޙަކީމަށް ޒައިބާގެ އަތުގައިވެސް ހިފުނެވެ. ވީއުފަލުންނެވެ. ޙަކީމް އޭރުވެސް ޒައިބާއަށް އިތުބާރުކުރިއެވެ. ޝަކީލާގެ ޒީލަގަދަކަމުން އޭނާއަށް އެއްވެސް އެއްޗެއް ބުނުމުގެ ބާރު ނޯންނަނީއެވެ.

" ބައްޕައަށް ކިހިނެއްތަވީ؟ މީހަކުވެސް ނެތީތަ؟ "

ޒައިބާ އަނެއްކާވެެސް އެހިއެވެ.

" ހަމަ ބަލީ! މެޔަށް ތަދެއް އަރައިގެން އިންޖެކްޝަނެއް ޖަހަން ގެނައީ! އަދިވެސް މަޑުކުރަން ބުނެގެން މިއޮންނަނީ! އަކްރަމް އިނދެ އިނދެފަ އެ ދިޔައީ ނަމާދަށް! މިހާރު އަންނާނެހެން ހީވަނީ!"

އަކްރަމްގެ ވާހަކަ ބުނުމާއެކު ޒައިބާގެ މެޔަށް ފިނިވެގެން ދިޔައެވެ. ދުލުގައި ތަޅުއެޅި އިތުރަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

" ބައްޕަ އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ…."

ޙަކީމް އެހެން ބުނުމާއެކު ޒައިބާ ސިހުނީ ފަހަތުން އައިސް ވާހަކަ ދެއްކި ސިސްޓާގެ އަޑަށެވެ.

" އަވަހަށް އާދޭ! ބެޑް ރެޑީ! ލޭ ނަގަންވެސް އެބަ އާދެ!"

ޙަކީމް ބުނަން އުޅޭ އެއްޗެއް އަޑުއަހަން ކިތަންމެ ބޭނުންވި ނަމަވެސް ޒައިބާއަށް މަޑުކުރެވޭގޮތެއް ނުވިއެވެ. ކުރިމަތީގައި ހުރި އެނދުބަރިން އެނދެއްގައި އޭނާ އޮށޯތުމަށް ސިސްޓާ އެދުނެވެ.

" ވަރުދެރަކަމުން އައިވީއެއްވެސް ގުޅާލަން ޑޮކްޓަރ ވިދާޅުވި!"

ސިސްޓަރ އެހެން ބުނުމުން ޒައިބާ ރައްދުގައި ހިނިތުންވެލިއެވެ. އޭރު އޭނާ ތައްޔާރުވަމުންދަނީ ޒައިބާގެ އަތަށް ކެނިއުލާ ގުޅާށެވެ. ހަމަ އެވަގުތެވެ. ދޮރުން ވަދެގެން އައި އަކްރަމް، ޒައިބާއަށް ފެނުނެވެ. އަކްރަމަށް ޒައިބާ ފެނުމާއެކު ސުވާލުގެ ނަޒަރަކުން ބަލަންފެށިއެވެ. ނަމަވެސް އެ އެނދުކައިރިން އޭނާ ދިޔަ ގޮތަށް ގޮސް އިށީނީ ބައްޕަ އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައެވެ. އޭރުވެސް ޒައިބާއަށް ބެލެނީ ހަމަ އަކްރަމަށެވެ. އެތައް ދުވަހަކަށްފަހު އަކްރަމް ފެނުމުން ޒައިބާގެ ހިތަށް ވަރަށް ތަދުވިއެވެ. އަކްރަމް ހިކިފައިވާވަރު ފެނުމުން އިތުރަށް ދެރަވިއެވެ. ޒައިބާ ދެލޯމަރާލީ އެމަންޒަރުބަލަން އުނދަގޫވެގެންނެވެ.

" ނެތްތަ ނާރު ހޯދާ ޑިވައިސްއެއް؟ ނާރު ހިމަވީމަ ޒައިބާގެ އަތުން ނާރުހޯދަން ވަރަށް އުނދަގޫވާނެ! މާ ގިނަ ތަންތަނަކަށް ކަށިހަރަން ޖެހޭނީ!"

ސިހިފައި ޒައިބާއަށް ލޯ ހުޅުވާލެވުނީ އަކްރަމްގެ އަޑަށެވެ. އަކްރަމް އައިސްހުރީ ޒައިބާ އޮތް އެނދުގައި ޖެހިގެންނެވެ. އޭރު ޒައިބާގެ އަތުގައި ހިފައިގެން ނާރު ފެނޭތޯ ސިސްޓަރ މަސައްކަތްކުރަމުންދެއެވެ.

" އަދި އެކަހަލަ އެއްވެސް އެއްޗެއް މިތާކު ނެތް! ހާސްނުވޭ! އަޅުގަނޑު ޕްރިކް ކުރާނީ ވަރަށް ބަލާފަ!"

އަކްރަމަށް ހިނިތުންވެލަމުން ސިސްޓަރ ބުނެލިއެވެ. އެއާއެކު ބޭއިޚްތިޔާރުގައި އަކްރަމަށް ޒައިބާގެ އަނެއް އަތުގައި ހިފާލެވުނެވެ. ކަޅިޖަހާނުލާ ޒައިބާއަށް އަކްރަމަށް ބެލެމުންދެއެވެ.

" އޯކޭ ތަ؟ ޖެހުނުތަ؟ "

ހާސްވެފައި ހުރެ އަކްރަމް ސުވާލުކުރީ ސިސްޓާއާއެވެ. އޭރުވެސް އޭނާ ޒައިބާގެ މޫނަށްވެސް ބަލާނުލައެވެ.

" ޔެސް! ޑަން!" ސިސްޓަރ ހިނިތުންވެލަމުން ބުނެލިއެވެ. އެއާއެކު އަކްރަމަށް ޒައިބާއާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު އަކްރަމަށްވުރެ ބާރަށް ޒައިބާ އޭނާގެ އަތުގައި ހިފެހެއްޓީއެވެ. ފޮޅުވާލަން ނުކެރި އަކްރަމަށް މަޑުކުރަންޖެހުނީވެސް އެހެންވެގެންނެވެ.

ސިސްޓަރ ދިޔުމުން ޒައިބާ އަވަސް އަވަހަށް ވާހަކަ ދައްކަންފެށީ ލިބުނު ވަގުތުކޮޅުވެސް ގެއްލިދާނެތީއެވެ.

" އަހަންނޭކިޔައިގެން އެއްވެސް މީހަކު އެއްވެސް ވާހަކައެއް ދެއްކިޔަސް ޤަބޫލު ނުކުރައްޗޭ! އަހަރެންގާތު އަހާފަ ނޫނީ އެއްވެސް އެއްޗެއް ޤަބޫލު ނުކުރާތި! މަރީ އެދެއްކީ…."

ޒައިބާ އެހެން ބުނުމާއެކު ދޮރުން ވަދެގެން އައި މަރީ ފެނުނެވެ. އަކްރަމް އަވަސް އަވަހަށް ޒައިބާގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. މަރީ ފެނުމުން ޒައިބާގެ މޫޑު އެއްކޮށް ބަދަލުވެގެން ދިޔައީ ބުނަން އުޅުނު ޖުމްލަ ނުބުނެވުނީމައެވެ.

" އަނހަ އަކްރަމް! ކީއްކުރަނީ މިތާ؟ "

މަރީގެ ރާގުގައި މަލާމާތުގެ އަސަރު ހުރިކަން ޒައިބާއަށް ފާހަގަ ކުރެވުނެވެ.

" މީ… އެއީ.. ކެނިއުލާ ގުޅަން އުޅޭތަން ފެނިގެން މިއައީ! ޒައިބާގެ އަތަށް ވަރަށް އުނދަގުވާނެ ގުޅަން!"

އަކްރަމް އެހެން ބުނަމުން ދުރަށް ހިނގައިގަތީ އެއްވެސް މީހަކަށް އޭނާއާ ވާހަކަ ދައްކާނެ ފުރުޞަތު ދޭން ބޭނުން ނުވާތީއެވެ. ކަތިނަޒަރަކުން ޒައިބާއަށް ބަލާލަމުން އޭނާ އެނބުރި ބައްޕަގާތަށް ދިޔައެވެ.

" އެމަންޖެ ކީއްވެތަ ބޭއްވީ؟ "

އިށީނުމާއެކު މަޑުމަޑުން ޙަކީމް އެހިއެވެ.

" ނޭނގެ! ނާހަން!"

އަކްރަމް ދިނީ ކުރު ޖަވާބެކެވެ. އެއާއެކު ޙަކީމް ބޭނުންވީ އަކްރަމާ އިތުރަށް ޒައިބާއާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.

" ފުރަތަމަވެސް އައިސް އަހަރެންގެ ޙާލު އެހި! ދަރިފުޅުމެން ތިހެން އުޅޭތީ ބައްޕައަށް ވަރަށް ވިސްނޭ!"

" ބައްޕަ ދެން އިތުރަށް ނުވިސްނާ! ޒައިބާވެސް މިހާރު އިންނާނެ މީހެއް ހޯދައިފިއޭ! އޭނަ ބޭނުންވަނީ ވަރިވާން! އަހަރެން ކުރާ ހިތާމަ ބައްޕައަށް ފެންނާނެ! އެކަމަކު އޭނަ މިހާރު ބޭނުންވަނީ އެހެން މީހެއް! އަހަރެން ވަރަށް އަވަހަށް ޒައިބާ ވަރިކުރާނަން! އެހެންވެ ދެން ބައްޕަ މިކަމާ ނުވިސްނާ! އަހަރެންވެސް ދެން ރިސޯޓަށް ދާކަށް މާގިނަ ދުވަހެއް ނެތެއްނު! އެކޮޅަށް ގޮސް ޑިޔުޓީއަށް ދާންފެށީމަ ހަމައަކަށް އެޅިދާނެ!"

އަކްރަމް ވާހަކަ ދެއްކީ އަވަސް އަވަހަށެވެ. އިތުރަށް ޒައިބާއާ ބެހޭގޮތުން ބައްޕައަށް އެއްޗެއް ބުނަން ނުކެރޭވަރަށް އަކްރަމް ކިޔައިދިނެވެ.

" އަދިވެސް ލޯބިވާތީދޯ ހިތަށް ކެތްނުވެގެން އެއައީ.."

އަތުގައި އޮތް ޖޫސްޕެކެޓް ދިއްކޮށްލަމުން މަރީ ބުނެލީ ދިމާކޮަށްލާފަދަ ރާގަކަށެވެ.

" އަހަރެން ދެމީހުން ކިތަންމެ ލޯބިވިޔަސް.. ދުރުކުރާނެ އެތައް ބަޔަކު އެބަތިބި! ދެމީހުން ވަކިކުރަން މަސައްކަތްކުރާ އެތައް ބައެއް އެބަތިބި! ނޭނގުމެއްގައި، އަނދިރީގައި ބަހައްޓައިގެން އަހަރެމެންގެ މި ގުޅުން ތާއަބަދަށް ނިންމާލަން ބޭނުންވާ އެތައް ހަސަދަވެރިންނެއް އެބަތިބި! "

ޖޫސްޕެކެޓްގައި ހިފަމުން ޒައިބާ ބުންޏެވެ. ޒައިބާގެ އެ ވާހަކަތަކުން މަރީއަށް ބަލާލެވުނީ ޖެހިލުންވެ އިނދެއެވެ.

" އަނެއްކާ ކޮންބައެއްބާ؟ "

ނޫންކަމަށް ހަދާފައި މަރީ އެހިއެވެ.

" އެންމެ ކައިރީގައި އުޅޭ މިތުރުން، ހަތުރުންނަށް ވެދާތަން ފިލްމު ތަކުން މަރީއަށްވެސް ފެނިފަ ހުންނާނީ! އަހަރެންގެ މި ފިލްމުގައި ދުޝްމަނުންނަކީ ހަމައެކަނި އަކްރަމްގެ އާއިލާ ހެންނެއް ހިއެއް ނުވޭ! ހީވަނީ މިކަމުގައި ވަރަށް ގިނަ މީހުން އުޅޭހެން! އެހެން ނޫން ނަމަ މަގޭ އަކޫއަށް މަށާ ނުލާ ނޫޅެވޭނެ!"

ޒައިބާ މިފަހަރު މަރީއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

( ނުނިމޭ )

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *