އަބަދު އަޅުކަން ކުރުމުގައި ހުންނާނެ ގޮތަކާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އަދި އެއީ ކިހިނަކުން ކުރެވިދާނެ ކަމެއްތޯވެސް ސުވާލުކުރެއެވެ. އެހެންކަމުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން މި ނަޞޭޙަތް މީގެކުރިންވެސް ވާނީ ދީފައެވެ. މި ރަމަޟާން މަހުވެސް ހަނދާންކޮށްލައިދޭނަމެވެ.
ރަމަޟާން މަސް ކާމިޔާބު ކުރެވޭނީ އެ މަހަކީ އެކަމެއް ކުރުމުން ސަވާބު ނުލިބޭނެ އެއްވެސް ކަމެއް ނުކުރާނެ މަހަކަށް ހެދުމުގެ އަޒުމުގައި މަސައްކަތްކުރި މީހަކަށެވެ. މިބުނީ ކުޑަ ވާހަކައެއް ނޫނެވެ. ވަރަށް ބޮޑު ވާހަކައެކެވެ. ނަމަވެސް އެއީ އެހައި ބުރަކަމެއް ނޫނެވެ. އެގޮތަށް އެކަން ކުރަން ޢަޒުމް ކަނޑައަޅައިފި މީހަކަށް އެއީ އެއްވެސް ބުރަ ކަމެއް ނޫނެވެ.
މުޅި ދުވާލު ނަމާދުކޮށް ކީރިތި ޤުރުއާން ކިޔަވަން އިނުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. އެއީ އެކަން ކުރަން އޮތް ގޮތެއްވެސް ނޫނެވެ. ދުވާލު ހަތަރު ދަމު ޞަދަޤާތް ކުރާނެ ފައިސާއެއްވެސް އެންމެންގެ އަތަކު ނުހުންނާނެއެވެ. ނަމަވެސް މުޅި ދުވާލާއި ރޭގަނޑު އަޅުކަން ކުރުމުގައި ހޭދަ ކުރެވިދާނެއެވެ. އެހެންކަމުން މިބުނެދެނީ މުޅި ދުވާލު އަޅުކަމުގައި ހޭދަކުރި ބައެއް މީހުން އަމަލުކުރި ގޮތެވެ.
އެކަކު ބުނީ ދިރިއުޅެން މަސައްކަތް ކުރުމާއި އަޅުކަން ކުރުމަށްފަހު އޭނާއަށް ލިބޭ ހުސްވަގުތު ހޭދަކުރަނީ އަނބި މީހާއަށް އެހީތެރިވުމުގައި ކަމަށެވެ. އަނބިމީހާ އަށް އަޅުކަން ކުރާނެ ވަގުތު ދީފައި ދަރިންވެސް ބަލައިދޭ ކަމަށެވެ. އަވަހަށް ކައްކައި ނިންމަންވެސް އެހީތެރިވާ ކަމަށެވެ. އެއްޗެތިވެސް ދޮވެދޭ ކަމަށެވެ.
ދެވަނަ މީހަކު ބުނީ އޭނާއަށް ލިބޭ ހުސްވަގުތު ހޭދަކުރަނީ ރަޙިމުގެ ގުޅުން ބަދަހިކުރަން ކަމަށެވެ. ޢާއިލާގެ މީހުންނަށާއި މައިން ބަފައިންނަށް ޚިދުމަތްކުރުމުގައި ކަމަށެވެ. އަދި މިސްކިތަށްވެސް ޚިދުމަތްކުރާ ކަމަށެވެ.
ތިންވަނަ މީހަކު ބުނީ އޭނާ ކާރުގައި ކުދިން ގޮވައިގެން ހަވީރު ބުރުޖަހަން ވެސް ދާ ކަމަށެވެ. ނަމަވެސް އެ ބުރުގައި ދަނީ ޕާކުތަކަށް ނޫން ކަމަށާއި ދަނީ ފަޤީރުން ދިރިއުޅޭ އަވަށްތަކަށް ކަމަށެވެ. އެހިސާބުގައި އުޅޭ މީހުންނަށް ޞަދަޤާތްކުރަން ކަމަށެވެ.
މި 3 މީހުން އެ ބުނާ ބަސްތައް އެއްކޮށްލާށެވެ! އެއިރުން ތިބާއަށް ކުރެވޭނެ ކަންތައްތަކެއް ފެންނާނެއެވެ. އެކަންކަން ކުރާށެވެ. އެއިރުން މުޅި ދުވާލު ހޭދަ ކުރެވޭނީ އަޅުކަމުގައެވެ.
ދެން އޮތީ ރޭގަނޑެވެ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރަންވީ އަޅުކަމާއި ނިދުމުގައެވެ. ތަރާވީޙުން އައިސް އަވަހަށް ނިދާށެވެ. ދަމުނަމާދަށް ހޭލާށެވެ. ފަތިސް ނަމާދުވެސް ކުރާށެވެ. އެގޮތަށް އަމަލުކުރާ މީހަކަށް ރޭގަނޑުގެ ވަގުތުތައް ގިނަވެގެން އުޅޭކަށް ނުޖެހޭނެއެވެ. މުޅި ރޭގަނޑު ހޭދަކުރެވިފައި އޮންނާނީ އަޅުކަމުގައެވެ.
އެއިގެ ބަދަލުގައި ބޭކާރު ޓީވީ ޕްރޮގްރާމްތައް ބެލުމާއި ކުޅިވަރާއި މުނިފޫހި ފިލުވުމުގައި ވަގުތު ހޭދަކުރާނަމަ އެކުރެވެނީ ވަރަށް ބޭކާރު ކަންކަމެވެ. އެކަމުން ތިމާ ހިފާ ރޯދައަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ލިބޭނީ އުނިކަމެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހަކީ އަހަރުގެ 12 މަސް ދުވަހުގެ ތެރެއިން އެންމެ މަހެކެވެ. ބާކީ 11 މަސް ދުވަސް އެބަ އޮތެވެ! އެންމެ މަހަކު ތިމާއަށް ފައިދާ ނުކުރާނެ ދުނިޔަވީ ކަންކަމުން ދުރުވެ ނުހުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ތިމާގެ ހުރިހާ ފާފަތަކެއް ފުހެލުމުގެ އުންމީދުގައި އެންމެ މަހެއް ޤްރްބާން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟
ޚުލާޞާއަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައި ކަންކަން ނުކޮށް ކުރާ ކޮންމެކަމެއްވެސް ﷲ ރުހިވޮޑިގަންނަވާނެ ގޮތަށް ކަންކަންކުރުންމަތީގައި ދެމިހުރެވޭނަމަ އެމީހަކަށް އެހުރެވެނީ އަބަދުވެސް އަޅުކަންކުރުންމަތީގައެވެ.
–އިސްލާމީ ތިލަފަތުގެ ދަރުސަކުން
"މިއަދު" ނޫހުން ނަގާފައި
