ވާހަކަ: ލީޝަން – 36

(22 މާާޗް 2023 ގެ ނޫހާއި ގުޅޭ)

"ލީން. ތިއީ އަހަރެންގެ މީހެއް. އަބަދުވެސް ހުންނާނީ އަހަރެންގެ އަނތްބެއްގެ ގޮތުގައި." އެތައް ދުވަހެއްވަންދެން ހިތްވަރުކޮށްގެން ހުރި ޔައީނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"ދެން އެހެންވީއިރު މައްސަލަ އަނބުރާގެނެސްދީ. ޒީޝަންއަށްޓަކައި ޔައީންގެ އަނތްބެއްގެ ގޮތުގައި އަހަރެން ބަހައްޓަދީ. ހަމައެކަނި ޔައީންގެ އަނތްބެއްގެ ނަމުގައި ހުރުންވެސް މިއީ މިދުނިޔޭގައި އަހަރެންނަށް ލިބޭނެ އެންމެ ބޮޑު ހަމަޖެހުން." އޭނާ އަދިވެސް އިނީ ޔައީންގެ ކަކޫމަތީ އަތްބާއްވާލައިގެން އާދޭސް ކުރާ ކަހަލަ ގޮތަކަށް ތިރީގައެވެ. ޔައީންގެ ފައިގާ ހިފާ ސަލާން ޖަހަނީއޭ ހީވާކަހަލަކަހަލަ ގޮތަކަށެވެ.

"ލީން. ދެންތެދުވޭ. އަހަރެންވެސް މިހާރު ވަރުބަލިވެއްޖެ. ލީންއާއި ދޭތެރޭ ވިސްނާ ވިސްނާ އަހަރެންވެސް ވަނީ ތިހިތާމައިގައި. ލީން ކުރާހިތާމަ އަހަރެންވެސް ދެކެން. އެކަމަކު ލީން އަދިވެސް ކުރީގެ ކިބުރުވެރި ދިރިއުޅުމަށް ބަދަލުވެދާނެތީ އިތުބާރުކުރެވެންދެން ވަރަށްގާތުން ލީންގެ އުޅުމަށް ބަލަމުން ދިޔައިން. މިއަދު އަހަރެން ލީން މި ގަބޫލު ކުރަނީ ލީންގެ ހުރިހާ ކުށަކަށް މާފުކުރަމުން. ތިއީ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވާ ސޯލިހު އަނތްބެއްކަމަށާއި ޒީޝަންދެކެ ލޯބިވާ އޯގާތެރި މަންމައެއް ކަމަށް ގަބޫލު ކުރަމުން." އޭނާ ލީޝަން ގަޔާ ކައިރިކޮށްލިއެވެ.

"ޔައީނާއެކު ދިރިއުޅުމަށްޓަކައި އަހަރެންގެ ހުރިހާކަމެއްވެސް ބަދަލުކުރީން. އެކަމަކު މިހާގިނަދުވަސްތަކެއް ވާންޖެހުމުން އަހަރެން ހުރީ ގޮތްހުސްވެފައި."

"އަހަރެން ލީން ދެކެ އިންތިހާއަށް ލޯބިވި. ނަމަވެސް އެކަށީގެންވާ ރަނގަޅު ބަދަލެއް އަންނަންދެން އަހަރެން ކެތްކުރީ ލީން ރަނގަޅުކުރުމަށް."

"އެކަމަކު މިއީ ހާދަބޮޑު އިމްތިހާނެކޭ. އަހަރެން މޮޔަނުވީ ހަމަކިރިޔާ." ލީޝަން ދުރަށް ޖެހިލިއެވެ.

" ދެން މޮޔަވާނީ އަހަރެންނާއެކު. ލީންއަށް ވުރެބޮޑަށް އަހަރެން ލީންދެކެ ލޯބިވާ ކަމަށް ގަބޫލުކުރަންތަ؟ އެމީހަކު އެންމެ ލޯބިވާ މީހާ އެމީހަކަށް ލިބިފައިވާއިރު ދުރުގައި ބަލަން ހުރުމަކީ ކިހާ ވޭންދެނިވި ކަމެއްކަން އެނގޭނީ އެކަން ތަޖުރިބާ ކުރި މީހަކަށް. ލީންއަށްޓަކައި  ލޯބީގެ ޖަޒުބާތު ތަކަށް ކެތްނުކުރެވި ދިޔަ ކިތަންމެ ފަހަރެއް އަހަރެން އިހުސާސް ކުރިން. ނަމަވެސް އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ލީން އަމިއްލަ ކުށް ގަބޫލުކޮށް އިސްލާހުވެގެން އަންނަ ދުވަހަކަށް. އަހަރެންދެކެ އިންތިހާއަށް ލޯބިވެގެން އެލޯބި ހުށައަޅާނެ ވަގުތަކަށް. ލީން. ތިއީ އަހަރެންގެ ދަރިފުޅުގެ މަންމަ އަދި އަހަރެންގެ ލޯބިވާ ވަފާތެރި އަނބިމީހާ. އަހަރެން ލީޝަންދެކެ ވަރަށް ލޯބިވޭ." އޭނާ ލީޝަން ގަޔާލާ ބޮނޑި ކޮށްލިއެވެ. އެދެމެދަށް ވައިރޯޅިއެއްވެސް ނުވަދެވޭ ވަރަށެވެ. ލީޝަންއަށް ކުރެވުނު އިހުސާސް ބަޔާންކުރާކަށްވެސް ނޭނގުނެވެ. މިއުފާވެރި ވަގުތުގައިވެސް އޭނާއަށް ރޮވެނީއެވެ.

"ދެން އެހެންވީއިރު ކޯޓަށް މައްސަލަ ނުލީނަމަ."

"މޮޔަޔާ. ކޯޓަށް މައްސަލަ ނުލީނަމަ ލީން އެކަނިމާއެކަނި މާލޭގައި ބަހައްޓަން މިހިތް ގަބޫލުކުރާނީ ކިހިނެއް؟ މިއަށްވުރެ ލީން މިރަށަށް ގެންނަން މޮޅުއުޒުރެއް ނުފެނުނީމާ މިހެންހެދީ. އަހަރެންނާއި ދުރުނުވެ ހުރެވޭނީ އޭރުންނެއްނުދޯ." ޔައީން ލީޝަންގެ ނިތްކުރިއަށް ދޮނެއް ދިނެވެ. އަދި ކަރުނަތައް ފޮހެލަދިނެވެ. ކުރިއަށްވުރެވެސް ބޮޑަށް ލިޝަން ގަޔާކައިރިކޮށްލިއެވެ. ދުވަހަކުވެސް ދުރު ނުވާނަމޭ ބުނާކަހަލަ ގޮތަކަށެވެ. އަބަދަށްޓަކައި އެގޮތުގައި ދެމިތިބޭނޭ ބުނާފަދަ ގޮތަކަށެވެ.

އެދެމީހުންނަށް ދުރަށްޖެހެވުނީ  ގާޒީ ވެންނެވުމުންނެވެ. މައްސަލަ ދޫކޮށްލީކަން އިޢުލާނު ނުކުރެވެނީސް ގާޒީ އެންގީ ކޯސްޓްގާޑުގައި ފުލުހުން އައިސް އޮފީހުގައި ތިބިކަމެވެ. އަދި ޔައީން މާލެ ގެންދިއުމަށްޓަކައި އެމީހުން ބޭރުގައި އެބަތިބިކަމާއި އެއީ ކޮންމެވެސް ޚިޔާނާތުގެ މައްސަލައެއްގައި ޔައީން ތުހުމަތު ކުރެވިގެންކަމެވެ. ޔައީން ހައިރާންވީ ދުވަހަކުވެސް އެފަދަކަމެއް ކޮށްފައިނުވާ މީހަކު ކުއްލިއަކަށް ފުލުހުން ބަލާއައުމުންނެވެ.

ލީޝަންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެންނެވެ.  އޭނާއަށް ޔައީންގެ އަތުގައި ހިފަހައްޓާލެވުނެވެ. އަދި ހިތާމައާއި ހާސްކަމާއި ކަންބޮޑުވެފައިވާ ބެލުމަކުން ޔައީނަށް ބަލާލިއެވެ. ލީޝަންގެ މިބެލުމުން ޔައީން ނުހަނު މޮޅިވެއްޖެއެވެ. އޭނާއަށް ކިތަންމެ އަސަރުތަކެއް ލީޝަންގެ ލޮލުން ފެނިފައިވާއިރު މިފަދަ ކަންބޮޑުވުމަކާއި ހާސްކަމެއްގެ އަސަރެއް އަދިއެއް ނުދެކެއެވެ. އޭނާގެ ބައްޕަ ބަލިވުމާއި، ނިޔާވުމާއި، އޭނާ ޒީޝަންއާއެކު ލީޝަން އެކަނި ކޮށްލާފައި  ދިޔުމާއި ހަމައަށްވެސް މެއެވެ.

"ހާސްނުވޭ. އަހަރެން އެފަދަކަމެއް ނުކުރާނެކަން ޔަގީންވާނެ ފަރާތަކީ ތީ. އެއީ ހަމައެކަނި ތަހުގީގަކަށް ގެންދާ ގެންދިޔުމެއް." ޔައީން ލީޝަންގެ ނިތްކުރިއަށް އަނެއްކާވެސް ބޮސްދިނުމަށްފަހު ކަރުނަ ފޮހެލަދިނެވެ.

"ނޫން. ދެން އަހަރެމެންނާ ވަކިނުވޭ." އޭނާ ހަމައެކަނި ޔައީނަށް އިވޭވަރަށް ބުނެލިއެވެ. އޭރުވެސް އޭނާ ހުރީ ޔައީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ފުލުހުން ޔައީންގެ އަނެއް އަތަށް ދެމިއަސް ޔައީންގެ އެއަތުން ދޫނުކުރާނަމޭ ބުނާކަހަލަ ގޮތަކަށެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.

"އަހަރެން އަންނަންދެން ޒީޝަން ބަލާދޭތި. އެއީ އަހަރެން ކުރާ ވަސިއްޔަތެއް. އަދި ލީންއާއި ހަވާލުކުރާ މަސްއޫލިއްޔަތެއް." ޔައީން ލީޝަންގެ އަތުން ދޫވަމުން ދިޔަވަގުތު ބުނެލިއެވެ. މިމަންޒަރު ބަލަންތިބި ކޯޓުގެ މީހުންވެސް ތިބީ ލީޝަންގެ ހާލާމެދު މޮޅިވެ ފެންކަޅިވެފައެވެ. އެކަކު އަނެކަކާއި ދެކޮޅަށް ވަކާލާތު ކުރަމުން ދިޔަ ދެމީހުން ކުއްލިއަކަށް ގުޅި ނުހަނު އަސަރު ކުރުވަނިވި ވަގުތެއްގައި ފުލުހުން އައިސް ގެންދިޔުމުން ފުލުހުންނާ މެދު ނަފުރަތު ވެފައެވެ.

ކިތަންމެ އަވަހަށް ދާންއުޅުނު ނަމަވެސް ލީޝަންއަށް މާލެ ދެވުނީ ޔައީން ފުލުހުން ގެންދިޔަތާ ހަތަރު ވަނައަށް ވީދުވަހެވެ. އެހާތަނަށް ދިޔައިރުވެސް އޭނާއަށް ޔައީންގެ ޚަބަރެއް ނުވެއެވެ. މާލެ އައިސް އަވަސް އަވަހަށް ޔައީނާ ބައްދަލުކުރަން ސިފައިންގެއަށް އޭނާ ދިޔައެވެ. އޭނާއަށް މައުލޫމާތު ލިބުނު ގޮތުގައި ޔައީންގެ މައްޗަށް ކުށްސާބިތު ވުމުގެ ސަބަބުން އޭނާ ވަނީ މާލޭ ޖަލުގައި ބަންދު ކުރެވިފައެވެ. ކިތަންމެ ދެރަވި ނަމަވެސް އޭނާ ހިތްވަރުކޮށްފައި ޔައީނާ ބައްދަލު ކުރަން ދިޔައެވެ.

އިރުއޮއްސި އަނދިރިކަން ފެތުރުމުގެ ކުރީން ބޮޑުތަކުރުފާނުމަގުގައި އޮތީ ރަތް ހޮޅިބުރިތަކުގެ އަލިކަމެވެ. އެއްބަޔަކު ފިނިބުރަށް ސައިކަލު ދުއްވަމުން ދާއިރު ލީޝަން ބާރު ހިނގުމެއްގައި ދިޔައީ ޖަލުބަލަހައްޓާ މީހާއާއި އެކު ޖަލުގެ ގޮޅިތައްކައިރިއަށެވެ. ފަނޑު އަނދިރިކަމެއް އެކުލެވިފައިވާ ގޯޅިއަކުން ލާފައި އޭނާއަށް ދެވުނީ ކުޑަ ގޮޅިއެއްވަރު ކޮޓަރިއަކަށެވެ. ކޮޓަރީގެ ޖާލީވަނީ ދަނގަޑު ގޮޅިހަދާ ނަރުދާ ހަރުކޮށް ބަންދުކުރެވިފައެވެ. އާދައިގެ އެނދަކާއި ފެންފުޅިއެއްފިޔަވައި އިތުރުއެއްވެސް އެއްޗެއްނެތް އެ ގޮޅީގެ ތަޅުންމަތީގައި މީހަކު އިސްޖަހާލައިގެން އިނެވެ. ޖަލު ބަލަހައްޓާމީހާ މިހުރީ ބައްދަލުކުރަން މީހަކު އައިހޭ  ބުނެފައި ނިކުމެގެން ދިޔައެވެ. ލީޝަން ދަނގަޑު ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. އޭރުވެސް އެމީހަކު އިނީ އިސްޖަހައިގެންނެވެ.

"ޔައީން." ލީޝަން ކުރަކިވެފައިވާ އަޑަކުން ގޮވާލިއެވެ. ކުއްލިއަކަށް އެމީހަކު ބަލާލިއެވެ. އެމީހަކު ދުވެފައި އައިސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ.

"ޔައީން." ލީޝަން ޖާލީ ގަނޑުގައި އަތްތިލަ ބަހައްޓާލަމުން ރޮވިފައިވާ އަޑަކުން މުޚާތަބުކުރިއެވެ.  އަބަދުވެސް ރީތިކޮށް ފުނާއަޅާ ބޮލުގެ އިސްތަށިގަނޑު ހޭވިފައިވާއިރު ތުބުޅިހުރީ ނުބާލާތާ ދުވަސްތަކެއްވުމުގެ ސަބަބުން ކުޑަކޮށް ދިގުވެފައެވެ. ދެލޯ ވަޅުވަދެ މޫނުގެ ކުލަ ފަނޑުވެފައެވެ. ޖަލުމީހުންނަށް ޚާއްސަ ކުރެވިފައިވާ ދޫހެދުމުން ޔައީންގެ ފިރިހެންވަންތަ ހަށިގަނޑުގެ ސިފަވަނީ ގެއްލިފައެވެ.

"ލީން. " ޔައީން ލީޝަންގެ އަތްތިލާގައި އަތްޖައްސާލިއެވެ. އެ އަތުގައި ހިފަން ބޭނުންނަމަވެސް ދަނގަޑު ނަރުދާގެ ކުދި ގޮޅިތަކުން އެކަމަށް ހުރަސް އަޅައެވެ. އަދި ހަމަ އެވަގުތު ޔައީންގެ މޫނު އެ ޖާލީގައި ޖައްސާލިއެވެ. އެކަކުގެ ހޫނު ނޭވާ އަނެކަކަށް އިހުސާސް ކުރެވޭ ހާލުގައެވެ. އޭނާވަނީ ހިތާމައިގެ އިންތިހާގައެވެ. ލީޝަންވެސް ޔައީންގެ ހާލާމެދު ކެތްކުރަން ދަތި ހާލުގައި ޔައީންގެ މޫނުގައި މޫނު ޖައްސާލިއެވެ. އޭނާގެ ދެތުންފަތް ތުރުތުރު އަޅައެވެ. އަޑުބެދި ލަގޮނޑިވަނީ ފަޅައިގެންދާވަރުވެފައެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ފައިބާ ކަރުނަތައް ކޯތާފަތްމައްޗަށް އެޅެމުންދެއެވެ. އެއްތަނެއްގައި ދެމީހުން ތިބި ނަމަވެސް އެދެމެދަށް ވަދެފައިވާ ނަރުދާގެ ހުރަހުން ދެމީހުންވަނީ ވަކިކުރެވިފައެވެ. ދެމީހުންނަށްވެސް ބަހެއްނުބުނެވި ހިމޭންކަމުގައި ހިނދުކޮޅެއް ހޭދަވިއެވެ. އެކެއްގެ ހިތާމައަށްވުރެ އަނެކެއްގެ ހިތާމަ މާބޮޑެވެ.

"ކީއްވެ؟ ކީއްވެ އެހާ އަވަހަށް މިހެން ވަކިވާން ޖެހުނީ." ލީޝަން ތުރުތުރު އަޅާ އަޑަކުން އެހިއެވެ. އަދި ޔައީންގެ އިނގިލިތަކުގެ ކޮޅުން ލީޝަންގެ އިނގިލި ތަކުގައި ޖައްސާލިއެވެ. އެއީ ހަމައެކަނި އެދެމީހުންނަށް ކައިރިވެވޭ އެންމެ ބޮޑުމިންވަރެވެ.

"މީ އެހާ އަވަހަށް ވީކަމެއްނޫން. މިއީ މާކުރީން ލީޝަންއަށް ކުރެވުނު ނޭދެވޭ އަމަލަކުން ވީކަމެއް. އަހަރެންގެ މިނިވަންކަން ނަގާލާ ދެމީހުން ދެތަން ވާޖެހުނު ކަމެއް. ލީން. އެދުވަހު އެހެން ނުހެދިނަމަ." ޔައީންވެސް ވަނީ ހިތްދަތިވެގެން ވާހަކަ ދެއްކުމަށް ދަތިވާ ހިސާބުގައެވެ. އެތައް ޒަމާނެއްވާންދެން އެކުގައި އުޅުނު ދެމީހުން ދިރިއުޅުމުގެ އެތައް ކުލައެއްދެކި އެތައް ތަޖުރިބާއެއްކުރެވި އިންތިހާއަށް ލޯބިވެ އެކަކު އަނެކަކާ ނުލައި ނޫޅެވޭ ހިސާބަށް ދިއުމުން މިކުރިމަތިވި އިމްތިހާނާއި ކުރިމަތިލާހާ ހިތްވަރެއް އެކެއްގެ ކިބައަކުވެސް ނެތެވެ.

"ޔައީން. ކިހިނެއްވީ." ލީޝަންގެ ތުރުތުރު އަޅާ ތުންފަތް ޔައީންގެ ކޯތާފަތުގައި ޖައްސާލާ އޭނާގެ އަތްތިލަ ޔައީންގެ އަތްތިލާގައި ޖައްސާލިއެވެ.

"ލީޝަން ބޭނުންވިގޮތެއްނު. މާކުރިންވެސް ލީޝަން ރޭވިގޮތެއްނު. އެދުވަހުވެސް ބުނީމެއްނު އެތައް ރުފިޔާއެއްގެ ވަގު ތުހުމަތު އަހަރެންގެ ބޮލު އަޅުވާނަމޭ. އަހަރެން ޖަލަށް ފޮނުވާލާނަމޭ. އެންމެފަހުން ލީޝަން ބޭނުންވި ގޮތްވީ." ކުއްލިއަކަށް ޔައީން ލީޝަންއާ ދުރަށްޖެހިލިއެވެ. އެއްޗެއް ހަނދާންވީމާ ދުރަށް ދާކަހަލަ ގޮތަކަށެވެ. އަދި ފުރަގަހަށް އެނބުރުނެވެ. އޭނާގެ ލޮލުން ފައިބާ ކަރުނަތައް ފަހަރުގައި ލީޝަންއަށް ފެނިދާނެތީ ކަމަށްވެސް ވެދާނެއެވެ.

"ޔައީން. ހެޔޮނުވާނެ ކީކޭތަ ތިކިޔަނީ." ޔައީން ދުރަށްޖެހިލުމުން ދެރަވެފައި ހުރި ލީޝަން ވާހަކަދައްކާއިރުވެސް އޭނާގެ އަމިއްލަ ނަފުސަށް ކެތްކުރާނެ ހިތްވަރެއްނެތެވެ.

"އައްޑޫގައި ހަދަން ފަށާފައިވާ ޖަލުގެ ބިލިޔަނެއްހާ ރުފިޔާއިން ސާޅީސް މިލިއަން ރުފިޔާ އަހަރެންގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިހުރީ. ކިތަންމެ ވާހަކަތަކެއް ދެއްކިނަމަވެސް އެތައް ފަހަރަކު އިންކާރު ކުރިނަމަވެސް އަހަރެންނާއި އެއްކޮޅަށް ސާބިތުވާ ހެކިތައް ވަރަށްގިނަ.  އޭރުވެސް ލީޝަން އަހަރެންގެ ސޮއި ބޭނުންކޮށްގެން އަހަރެންނަށް އެތައް މަކަރެއް ހެދީމެއްނު. ހުރިހާ ލިޔެ ކިޔުމުގައި އަހަރެންގެ ސޮއި އެބަހުރި. އެއީ ހަމަގައިމުވެސް އަހަރެން ސޮއި ކޮށްގެންނެއްނޫން. އެއީ އަހަރެންގެ އަތުން ކޮށްފައިވާ ސޮއިތަކެއްނޫން."

"މާތްﷲ ގަންދީ ހުވާކޮށް މިބުނަނީ އަހަރެން ތިކަމެއް ނުކުރަން. އޭރު ޔައީންދެކެ ކިތަންމެ ނަފުރަތުވިޔަސް އެވާހަކަ ރުޅިއައިސްގެން ދެއްކިނަމަވެސް އެއީ އަހަރެން ކުރަން އުޅުނުކަމެއްވެސް ނޫން. ފަހަކުން އެކަން ހަނދާނެއްވެސް ނެތް."

"ދެން މިހެން ދިމާވީ ކީއްވެ؟ އެއީ ލީޝަން އަހަރެންގެ ސެކެޓްރީއަކަށް އުޅުނު ދުވަސްވަރުގެ ކަމެއް. އެއީ ލީޝަން އަހަރެންނާއި ދިމާއަށް ބުނި ވާހަކައެއް؟ ދެން އޮފީހުގައި އިތުރު މީހަކު އަހަރެންގެ ދުޝްމިނަކަށް ނޫޅޭނެ." ޔައީން ވާހަކަދެއްކުން ހުއްޓާލިއެވެ. އަނެއްކާވެސް އެދެމެދަށް ހަމަހިމޭންކަމުގެ އޮއިވަރެއް އުފެދިގެންދިޔައެވެ.

"ޅައިރުއްސުރެ ކިޔެވުމަށްޓަކައި ތިގޭގައި އަހަރެން އުޅެން ޖެހުން އެއީ އަހަރެންގެ ބަދުނަސީބު. އަހަރެން ލީޝަންމެންނަށް އަޅުދާސްވީ ކޮންހާލެއްގައި ކަމެއް ނޭނގޭނެ. ކަނޑިތީމުގައި ބަންދުވުމާއި ފަށުރަށެއްގައި ހާލުގައި ޖެހުނު ދުވަހު އަހަރެންވީ އެހީތެރިކަން އިހުސާސެއް ނުކުރެވޭނެ. ބައްޕަ ބަލިވުމާއި އެހާލުގައި އޮވެ ނިޔާވުމާއި އޭގެ ފަހުން ދިމާވި ކަންތަކުގައި ވީގުރުބާނީއެއް ހަނދާނެއްނުވާނެ. ލީޝަންގެ ނުރުހުމުގައި ކައިވެނިކޮށް ލީޝަން އިސްލާޙުކޮށްދީ އަމާނާތްތެރިކަމާއެކު ވިޔަފާރި ބަލަހައްޓައިދީ ހެދުމުން އަހަރެންނަށް ލިބުނު ހަދިޔާއަކީ މިއީ. ސާޅީސް މިލިއަން ރުފިޔާ ސަރުކާރަށް ދައްކަންޖެހި ތިރީސް އަހަރަށް މިޖަލުގައި ހައްޔަރުވުމުގެ ހުކުމް ތަންފީޒުކުރުން. ބަލާ ބޮޑުކުރި މައިންބަފައިންނާދުރުގައި އެމީހުންގެ ހިތް ރޮއްވާފައި މިއަނދިރި ކަމުގައި ހޭދަކުރުން. އުމުރުގެ ޒުވާން ދުވަސްވަރާއި ހުރިހާ ހުވަފެނަކާއި އުންމީދެއް މި އެކަނިވެރި ތަނުގައި ކަފުން ކުރުން. ތިޔަދިން ހަދިޔާއަށް ވަރަށްބޮޑަށް ޝުކުރިއްޔާ." ޔައީނަށް ކޮށްފައިވާ އަސަރު ލީޝަންއަކަށް ވެސް އިހުސާސެއް ނުކުރެވުނެވެ. އެއީ އެއަށްވުރެ ބޮޑު ހިތްދަތިކަމެކެވެ. ދުވަހަކުވެސް ޔައީން ރޮނިކޮށް ފެނިފައެއް ނުވެއެވެ. އެ ރުއިމުގައި ވަނީ އާދަޔާ ޚިލާފު ރިހުމަކާއި ވޭނެކެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *