(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
މަންމަ މަރުވުމުގެ ދެއަހަރު ފަހުން ރައްޓެއްސެއް މެދުވެރިވެގެން ރީނާޒަށް މާލެ އައުމުގެ ފުރުސަތުލިބުނެވެ. މާލެއައީ ވަރަށް ފޮނި އުންމީދަކާ އެކީއެވެ. ކޮލެޖުން ޓީޗަރުކަމުގެ ކޯސް ހަދައިދޭނެކަމަށް އޭނާ ހުންނަގޭމީހުން ވައުދުވީމައެވެ. ނަމަވެސް މާލެ ދިއުމުން ހުރިހާކަމެއް ފެނަށްވީއެވެ. ދަށަށް އޮތްފުށް މައްޗަށް ޖެހުނީއެވެ. އިންތިހާއަށް އެދެމުން ދިޔައެދުން ހިތުގައި ކަފުންކުރަން ޖެހުނީއެވެ. މިހެން ވާން ޖެހުނު ސަބަބު އޭނާއަށް އެނގޭކަށް މާގިނައިރެއް ނުވިއެވެ. ކުރަމުންދިޔަ ފޮނިއުންމީދު ކަފުންކޮށް ވަޅުލާން ޖެހުނީ ދިމާވި ނުދަންނަ މުސްކުޅި އަންހެން މީހާ ދެއްކި ވާހަކަ ތަކުންނެވެ.
"އެކޮއި. ތިއާދެވުނީ ނަރަކައަށް. މީގެ ކުރިން މިގެއަށް އައި އެހެން ކުއްޖަކު ވަނީ ގެއްލިފައި. ރޮލާ ކެއީކަމެއް ނޫނީ ދިރިހުއްޓާ ވަޅުލީކަމެއް ނޭނގެ. ތިކަހަލަ އަޅާލާނެ މީހުން ނެތްކުދިން ގެނެސް އެހަދާގޮތެއް ނޭނގެ. މިތަނުން ރައްކާވޭ."
"ކީކޭ." ރީނާޒު ހުރީ ހައިރާންވެފައެވެ.
"މަގުމަތީގައި ސަލާން ޖަހަން އުޅުނަސް މި އަޖައިބެއްފަދަ ތަނުގައި އުޅޭނެ ކަމެއްނެތް. އަވަހަށް ފިލާ." އެދައިތައަށް ބުނެވުނީ އެހިސާބަށެވެ. މީހަކު ހިލަން ވެގެން އެމީހާ ވާހަކަ ހުއްޓާލިއެވެ.
އޭގެފަހުން ރީނާޒު އެހެން ގެއަކަށް ބަދަލުކުރިއެވެ. އެގެއަކީ މިހާރުވެސް އުޅެމުން ދާގެއެވެ. އެއްރޭ އޭނާއަށް ބަޔަކު ވާހަކަ ދައްކާ އަޑަށް ސިއްރުން ބަލާލިއެވެ. އެކަކުގެ މޫނު ރަނގަޅަށް އޭނާއަށް ފެނުނެވެ. އެއީ އެގޭގައި ރީނާޒުގެ ކަންތައް ބަލަން ހުންނަ މީހާއެވެ. ދެންހުރިމީހާ ހުރީ ފަހަތަށް އެނބުރިގެންނެވެ. އޭނާގެ މޫނެއް ނުފެނެއެވެ. އެމީހުންގެ ވާހަކައިން އޭނާއަށް އެނގުނީ އޭނާ ރާއްޖޭން ބޭރަށް ގެންދަން އުޅޭކަމެވެ. އެވަގުތު އެމުސްކުޅި މީހާ ދެއްކިވާހަކަ ހަނދާންވުމުން އޭނާ ބިރުން ރޫރޫ އަޅައިގަތެވެ. ދެން އޮތްގޮތަކީ ފިލުމެވެ. ނަމަވެސް ފިލުމަށްޓަކައި ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ގެއިން ނިކުންނަނިކޮށް އަތުލައިގަތީއެވެ. ދަމާ ކޫއްތާފައި ގެއަށް ވެއްދީއެވެ. ލައިގެން ހުރި ހެދުން ގަދަކަމުން ވީދާލީއެވެ. ގައިގައި ލަޓިބުރިއަކުން ތެޅީއެވެ. އެގޭގައި އުޅޭ އަންހެން މީހާ ވިދާލި ވިދުވަރެއްހެން އައިސް ދޮންކޮށްފައިވާ އިސްތިރި ރީނާޒްގެ ވާތްފަރާތު ލޮލާއިއެކު މޫނުމަތީގައި ޖެއްސީއެވެ. އެވަގުތު ދުން އަރައިގެން ދިޔައެވެ. މިނިމަސް އަލިފާނުން ވިރިގެން ދާއިރު ދުވާކަހަލަ ނުބައިވަހެއް ދުވިއެވެ. އޭރު މޫނުގެ ހަންގަނޑު އޮތީ އިސްތިރީގައި ތަތްލާފައެވެ.
"އޭތް މިހިރަ ޝައިތާން. ކަލޭ ތިކުރީ ކީއް؟ މިއޮތް އަގުބޮޑު ޖަވާހިރުގެ އަގު ކަނޑުވާލީނު." އެފިރިހެންމީހާ އަންހެން މީހާ ގައިގާ ޖެހިއެވެ. ކޮޅުފައިން ތެޅިއެވެ. އޭރު ރީނާޒަށް ތަދުވާވަރުން ކަތިލާފައިވާ ކުކުޅެއް މަރަށް ތެޅޭހެން ތެޅެނީއެވެ. ނަމަވެސް އެތަން ފެންނަ މީހެއް ނެތެވެ. ދެފިރިހެނުން ވެގެން އެއަންހެން މީހާގައިގާ ތަޅަނީއެވެ.
"ނަސީބެއް. އެއީ އެ ކުއްޖާގެ ނަސީބެއް ކަމުގައި ބަލާ. އެހެން ނޫނީ…" ރަނގަޅަށް ނުބުނެވެނީސް އެ އަންހެން މީހާގެ އަނގަޔަށް އަތްކޮށްޕާލާ ދުލުގައި ހިފައިގަތެވެ.
އޭގެ ފަހުން ތިންމަސް ވީއިރުވެސް ރީނާޒުގެ މޫނެއް ރަނގަޅެއް ނުވެއެވެ. އެމީހުން އޭނާ ހޮސްޕިޓަލަށްވެސް ނުގެންދެއެވެ. ހަމައެކަނި ދިނީ އުގުޅާލާނެ ބޭސްފުޅިއެކެވެ. ރީނާޒް އުޅެންޖެހެނީ އެ އިމާރާތުގައި އުޅޭ އަންހެން މީހާއާ އެކު ބަންދު ވެގެންނެވެ. އެމީހާ ގިނައިރުތަކެއް ވަންދެން އަނގައިން ނުބުނެ ހިމޭނުން އިނދެއެވެ. އަޖައިބެއްފަދަ އެމީހާގެ މިޒާޖު ކުއްލިއަކަށް ބަދަލުވެދެއެވެ. އެހެންކަމުން އެމީހާއަށް އެއްގޮތަކަށްވެސް ބޭރަށް ދިއުމުގެ އަމުރެއް ނެތެވެ. އެ މީހާގެ ދެ އަހަރުގެ ދަރިއާއެކު އެ ގޭގައި އުޅުމަކީ އެތައް އަނިޔާއަކާއި ވޭނެއް ކުރިމަތިވާ ކަމެކެވެ. އޭނާއަށް އެގޭ ހުރިހާ މަސައްކަތެއް ކުރުމުގެ އިތުރުން އެ ދެމައިންގެ މަސައްކަތް ކުރަން ޖެހެއެވެ.
ރީނާޒަށް އެނގިފައިވާގޮތުގައި އެއީ ޒަމާން ތަކެއްފަހުން އެ އަންހެންމީހާއަށް ލިބުނު ދަރިއެކެވެ. ނުހަނު ލޯބިން ގެންގުޅުނު ދަރިއެކެވެ. އެއްދުވަހަކު އެ އަންހެން މީހާ އެދަރިގައިގާ ތަޅައިގަތެވެ. ފުރަތަމަ ޖެހީ ބިއްލޫރި ތައްޓަކުންނެވެ. އެކުއްޖާ އަޑުގެ ކޮޅަށް ރޯން ފެށިއެވެ. ދުވެފައި މަންމަގެ ގާތަށް އައެވެ. ނަމަވެސް އެމަންމަގެ ހިތުގައި ރަހުމުގެ ކުނޑިކޮޅެއްވެސް ނެތެވެ. އަތްދަމާފައި މޫނުމަތީގައި ޖެހިއެވެ. އެކުއްޖާ މުށިގަނޑު މައްޗަށް ވެއްޓުނެވެ. އެމީހާ ނުތެދުވެވިފާއޮތް ކުއްޖާގެ ގާތުގައި އިށީނދެލިއެވެ. އެކުއްޖާގެ އަތުގައި އޮތް ކުޅޭ ބުދު އަތުލިއެވެ. އެބުދުން އެކުއްޖާގެ ފަލަމަސްގަނޑުގައި ތަޅަމުން ދެއެވެ.
"މަންމާ." ހަމައެކަނި އެލަފްޒު ބުނަންއެނގޭ ކުއްޖާ ހުއްޓުމެއްނެތި މަންމަގެ ރަހުމާއި އޯގާތެރިކަމަށް އެދެމުންދެއެވެ. އެމައުސޫމް ކުއްޖާ މަންމާއޭ ބުނެލާ ކޮންމެ ފަހަރަކު އަނގަމަތީ ހިފައިގަނެއެވެ. އެކުއްޖާ ކުރިއަށް ވުރެ ބާރަށް ރޮއިގަނެއެވެ. މިހާރު ކުއްޖާ މަޑުމަޑުން އޮތީއެވެ. ހިތް ފުރޭންދެން ރޯލުމަށެވެ. ނަމަވެސް ހިމޭނުން ބާއްވާކަށް އެ ޝައިތާނެއްފަދަ މަންމަ ބޭނުމެއް ނުވިއެވެ. ކުއްޖާގެ ދެލޮލުން ފެށިގެން ތިރިއަށް ވާގޮތަށް މޫނުގައި ވަކިއަޅައިގަތެވެ. ވީ ތަދުން އެކުއްޖާގެ ރުއިން ބާރުވެގެން ދިޔައެވެ. އެކުއްޖާ މަންމަގެ އުނގުގައި ބޯއަޅާލިއެވެ. ހިމާޔަތަށް އެދި އާދޭސް ކުރަނީވެސް އަނިޔާވެރި މަންމަ ގާތުގައެވެ. އެކުއްޖާ ފިރުކޭހާލުގައި އައިސް މަންމަގެ އުނގުގައި ބޯއަޅާލިއެވެ. ނަމަވެސް މިކަންވީ ބޮޑު ކުށަކަށެވެ. ހުއްޓުމެއްނެތި އެކުއްޖާގެ މޫނުގައި އެމީހާ ތަޅަމުން ދިޔައެވެ. ދުރަށް ކޮށްޕާލައެވެ. ނަމަވެސް އެ މޮޔަކުއްޖާ ހިމާޔަތް ހޯދަން އަންނަނީވެސް އެ ރަހުމެއް ނެތް މަންމަ ގާތަށެވެ. އަންނަ ކޮންމެ ފަހަރަކު ދެއަތުން މޫނުގައި ތަޅައިގަނެއެވެ. އެންމެފަހުން ކުއްޖާގެ ނޭފަތުންނާއި އަނގައިން ދުނި ޖަހާފައި ލޭއަންނަން ފެށިއެވެ. މުޅިކުއްޖާ ލެއިން ކަޅިވެއްޖެއެވެ. ހިތެއްގެ ބަދަލުގައި ހިލަގަނޑެއް އޮތް އެ ރަހުމެއްނެތް ޝައިތާނާގެ ހިތުގައި އަދިވެސް އޮތީ ނަފުރަތެވެ. ކުއްޖާ ޚަބަރު ހުސްވަންދެން އެމީހާ އަނިޔާ ކުރިއެވެ. އެހާތަނަށް ދިޔައިރު އެންމެންނަށް އެތަނަށް އާދެވުނެވެ.
ބެލިބެލުމުން އެގުނު ގޮތުގައި އެ އަންހެން މީހާ މޮޔަވީއެވެ. ބުއްދި ގޯސްވީއެވެ. އެގެއަށް ގެނައި އަންހެން ކުއްޖަކަށް އެގޭމީހަކު ހެދި ހުރިހާ ގޮތެއް އޭނާގެ ދަރިއަށްވެސް ހެދީއެވެ. ނަމަވެސް ތަފާތަކީ އެދުވަހު އޭނާ ހުރީ ހަމަހޭގައެވެ. މިއަދު އޭނާ ބުއްދި ގޯސްވެފައި ހުރެގެން އެ އަމަލު ތަކުރާރު ކުރީއެވެ.
"އެންމެންވެސް ބުނަނީ މާތް ﷲ އެނުބައި އަންހެން މީހާއަށް ދުނިޔެމަތީގެ އަޒާބަކަށް އެކަން ލެއްވީކަމަށްވެސް ވެދާނެކަމަށް. އެމީހާ ދަރިން ނުލިބިގެން ގެނައި ކުއްޖާއަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރިކަމަށްވަނީ. އިނާޒަށް އެނގޭތަ؟ އެންމެފަހުން އެމީހާ ގެންގުޅެން ޖެހެނީ ހިލިހިލާ ޖަހައިގެން. " ރީނާޒު އަޑު ކުރެހިއްޖެއެވެ. އޭނާގެ ހިތް ފަޅައިގެން ދާހާވެއެވެ.
"ރީނާޒް. ތީވަރަށް އަނިޔާވެރި ތަނެއް. މިގެއިން ދެންނުދާތި! ރީނާޒު މިތާ އުޅޭކަން އެއްވެސް މީހަކަށް ނޭނގޭނެ." އިނާޒު ނަސޭހަތްތެރިވިއެވެ.
"ނޫން. ތީ ކިހިނެއް ވާނެކަމެއް. އެއްފަހަރު ފިލަން އުޅުމުން ލިބުނު އަނިޔާ މިހުރީ." އޭނާ މޫނުގައި އަތް ކާއްތާލިއެވެ.
"މިގޭގައި ހުއްޓަކަސް އެމީހުންނަކަށް ރީނާޒެއް ނުފެންނާނެ. އެހެންނޫނަސް އަހަރެން މިހާރު ގަސްތުކުރަނީ ރީނާޒް ސިންގަޕޫރަށް ފޮނުވާލަން. އެތަނުގެ ރަނގަޅު ހޮސްޕިޓަލަކުން މޫނުގެ އޮޕްރޭޝަނެއް ކުރަން."
"އެކަމަކު އެމީހުން އަހަރެން ހޯދާނެ." ރީނާޒަކަށް އަދިވެސް އިނާޒު ދައްކާ ވާހަކައަކަށް އިތުބާރެއް ނުކުރެވެއެވެ.
"ނުހޯދޭނެ. އަތުގައި ހުރި މުހިންމު ސާމާނު ހިފައިގެން މާދަމާރޭ މިގެއަށް އާދޭ. ހީވެސް ނުކުރާ ގޮތަކަށް ރީނާޒް މިނިވަންވާނެ. އަދި މީހުންނަށް ނޭނގޭވަރަށް މޫނު ސާޖަރީ ހަދާދެވޭނެ. އޭރުން އަބަދަށްޓަކައި މިގޭގައި އުޅެންވީ. ތީ ރީނާޒްކަންވެސް އެމީހުންނަކަށް ނޭނގޭނެ. ތި ލަކުނެއްވެސް ނުހުންނާނެ." އިނާޒު ވިސްނައިދެވޭތޯ ބަލަމުން ދިޔައެވެ. ނަމަވެސް ރީނާޒު ރޮނީއެވެ. އޭނާއަކަށް އިނާޒު ދައްކާވާހަކައެއް ގަބޫލެއް ނުކުރެވެއެވެ. މާބޮޑަށް އަސަރު ކުރީއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. ދިރިއުޅުމަށްޓަކައި ލީހާ ހިތްވަރެއް ދޫވީއެވެ. އަޒުމް ބަލިވީއެވެ. އޭނާ ބޭނުންވަނީ ރޯށެވެ. ކަރުނަތަކެއްގެ ސިފައިގާ ހުރިހާ ވޭނަކާއި ކެކުޅުމެއް އިނާޒުގެ ކުރިމައްޗަށް ބަންޑުން ކޮށްލާށެވެ.
"ރީނާޒް. އަހަރެން ބުނާގޮތް ހަދާ. އެހެން ނޫނީ ދުވަހަކުވެސް ތިބުނާ ނުރައްކާތެރި ތަނަކުން ސަލާމަތެއް ނުވާނެ" އިނާޒަށް ވަރަށްގިނަ ކަންތައް އެނގެއެވެ. އެފަދަ ކިތަންމެ ތަނެއް އޭނާއަށް ވަނީ ފެނިފައެވެ. އޭރު އޭނާއަކަށް އެހީއެއް ނުވެވުނެވެ. މިއަދު އޭނާގެ ހުރިހާ ފައިސާއެއް ޚަރަދުކޮށްގެންވެސް ރީނާޒް އެ ގިލަންވެރިކަމުން ސަލާމަތް ކުރަން ބޭނުންވެއެވެ.
"ދަނީ. އަހަރެން ނެތްކަން އެމީހުންނަށް އެނގިދާނެ." ރީނާޒް އަނެއްކާވެސް ޖިލްބާބު ލިޔެވެ.
"އަހަރެން ބުނާގޮތް ނަހަދަންޏާ ދެން ކީއްކުރަން އައީ. މާދަންރޭ މިގަޑިއަށް އާދޭ. ރީނާޒަކަށް ދެރަގޮތެއް ނުވާނެ." އިނާޒު ޔަގީންކަން ދިނެވެ. ނަމަވެސް އެވާހަކަތައް އަޑުވެސްނާހާ ރީނާޒު ދުއްވައިގަތެވެ.
ދުނިޔޭގެ ހަޔާތަށް އަނެއްކާވެސް އާދުވަހެކެވެ. އިރު އޭގެ ހޫނުން ދުނިޔެ ދޮންކުރަމުން ދަނީއެވެ. ހަލަބޮލި ދުނިޔޭގައި މިނިވަންކަމަށްޓަކައި އެތައްބަޔަކު ހަނގުރާމަ ކުރަމުން ދަނީއެވެ. އިނާޒަށް މިދުވަސްވީ ވަރަށް މުހިންމު ދުވަހަކަށެވެ. އޭނާގެ އެންމެގާތް މުއައްޒަފަކަށް އުޅޭ އައިމަންއަށް އެއްޗެހިތަކެއް ބުނެދެމުން ދިޔައެވެ. އޭނާގެ މޫނަށް އަރާފައިބާ ކުލަތަކުން އެމޫނުގައިވާ އެއްޗެއް ކިޔާކަށް އުނދަގުލެއް ނޫނެވެ. ބިރުވެރިކަމާއި ނުތަނަވަސްކަމެވެ. ހާސްވުމާއި ކަންބޮޑުވުމެވެ.
"ސަރ. އަޅުގަނޑަށް ތިކަން ވެވޭނެ ކަމެއް ނޭނގެ." އައިމަން ބުންޏެވެ.
"ނޫން. މިކަންތައް ވެވޭނީ އައިމަންއަށް." އިނާޒު ފަހުގެ ހުކުމް އިއްވިއެވެ.
އޭނާގެ ރޭވުމުގެ މަތީން އައިމަން ހުރިހާކަމެއް ކުރަމުން ދިޔައެވެ. ފައިސާގެ ދަތިކަމެއް ނެތުމުން ރީނާޒު ބޭރަށް ފުރުވާލުމުގެ ހުރިހާކަމެއް ވަރަށް ފަސޭހައިން ކުރެވުނެވެ. އެރޭ ދަންވަރު ރީނާޒް އައުމާއެކު އައިމަންއާއެކު ރީނާޒް ބޭރަށް ފުރިއެވެ. ހުރިހާ ކަމެއް އޭނާ ވަރަށް ރަނގަޅަށް ސަމާލުވީތީ ކާމިޔާބު ލިބުނުލެއް ފަސޭހައެވެ. އައިމަންއާއެކު ރީނާޒް ސިންގަޕޫރަށް ފޮނުވާލެވުމުން އިނާޒު ހިތްހަމަ ޖެހުނެވެ.
(ނުނިމޭ)
