ވާހަކަ: ލީޝަން – 38 (ފަހުބައި)

(5 އޭޕްރިލް 2023 ގެ ނޫހާއި ގުޅޭ)

ކިތަންމެ ފަގީރު ދަތި ދިރިއުޅުމެއް އުޅެންޖެހުނު ނަމަވެސް އޭނާ ޝަކުވާއެއް ނުކުރެއެވެ. މިވީ ފަނަރަ އަހަރުތެރޭގައި އޭނާއަށް ޔައީން ނުފެނުނު ނަމަވެސް އޭނާގެ ހިތުގައި ޔައީނަށްޓަކައި އުފެދިފައިވާ ލޯބި ބަދަލެއްނުވެއެވެ. އެންމެ ފުރަތަމަދުވަހު ޔައީނާއި ބައްދަލުކުރަން ދިޔަދުވަހު އޭނާގެ ބޮލުގައި ޔައީން އެޅުވި ދޮގު ތުހުމަތުންވެސް އޭނާގެ އެއްވެސް ޝަކުވާއެއްނެތެވެ. އެއީ ޔައީނަށް އެކަން ވިސްނޭނެ ގޮތްކަމަށްވާތީ ރަނގަޅުގޮތެއްވޭތޯ ދުއާކުރަމުން މިންވަރުފުޅަށް ޝުކުރުކޮށްލައިގެން ފޮނިއިންތިޒާރެއްގައި ދެމިހުރެއެވެ.

ނަމަވެސް ގިނަ އަހަރުތަކެއްވަންދެން ޔައީން ނުފެނި ހުންނަން ޖެހުމުން އޭނާ ދެރަވެއެވެ. ސިއްރު ސިއްރުން ނަމަވެސް ޔައީންގެ މޫނު ދެކިލަން ބޭނުމެވެ. އެހެންނަމަވެސް ޔައީނާއި ބައްދަލު ކުރަން ހިނގައްޖެނަމަ ރުޅި އަތުވެދާނެތީ އޭނާ ދާން ޖެހިލުންވެއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ބުނެފައި އޮތީ ޔައީނާ  ބައްދަލު ކުރަން އައިސްގެން ނުވާނެ ކަމުގައެވެ. ވީމާ އޭނާއަށް ޔައީނާ ކުރިމަތިލުމުގެ ކުޅަދާނަ ކަމެއް ލިބިފައެއްނުވެއެވެ. އޭނާ ހިތާމަ ކުރަނީ ޔައީންގެ ބަންދުގެ ހިތްދަތި ދުވަސްތަކުގައި އޭނާގެ ގާތަށް ނުދެވޭތީއެވެ.

 

ޒީޝަންމެންގެ ސްކޫލް ކޮންސެޓްގެ ހަރަކާތްތަކެއް ހެދިގޮނޑުދޮށުގައި އޮންނާތީ އެތަނަށް ލީޝަން ދިޔައެވެ. ކޮންސެޓްގެ ހަރަކާތްތައް ނިމުމުން ޒީޝަންގެ ދެމައިން ގެއަށް ދިއުމަށްޓަކައި މަޖީދީމަގުން ކުރިއަށްދިޔައެވެ. ކުއްލިއަކަށްކުރިމައްޗަށް ހުއްޓާލި ކާރަކުން ނުހަނު ދަތިހާލުގައި ފޭބި މީހަކު  ލީޝަންގެ ނަމުން މުޚާތަބު ކުރުމުން އޭނާ މަޑުކޮށްލިއެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. މީގެ ފަނަރައަހަރުކުރިން އޭނާ އެމީހަކާއެކީ ނުހަނު ގިނަވަގުތުތަކެއް ހޭދަކުރި ރަހުމަތް ތެރިޔާގެ އަޑެވެ. ލީޝަންއަށް މި ނިކަމެތި ހާލު ޖެއްސި ނުބައި އިންސާނާ އޭނާގެ ކުރިމަތީގައި އަސާގަޑެއް ހިފައިގެން ހުއްޓެވެ.

"ލީޝަން މަޑުކޮށްބަލަ. އަހަރެން ވަރަށްބޮޑު ވާހަކައެއް ބުނަންވެގެން." ލީޝަން އަޅާވެސް ނުލާ އެދިޔަ ބާރުމިނުގައި ދިޔައީއެވެ. ރީމާފެނުމުން އޭނާ މިއަދު މާ ބޮޑަށް ހިތްދަތި ވެއްޖެއެވެ. އެއީ އޭނާގެ ފޮނި މާޒީ ހަނދާން ވުމުންނެވެ. އެއީ ޔައީނާއެކު އޮފީހުގައި ހޭދަކުރެވުނު ދުވަސްތައް މަތީންނެވެ. އެކަކު އަނެކަކަށް ކުރި އުނދަގުލާއި ކުރި ޖެއްސުން ހަނދާންވުމުން އޭނާއަށް ރޮމުންވެސް ހިނިއާދެވެއެވެ. ނަމަވެސް ކުއްލިއަކަށް ރީމާގެ ނުބައި ރޭވުން ހަނދާންވުމުން އޭނާއަށް ދަތްކުޑި ވިކައިގަނެވުނެވެ. އެއީ ނުބައި ތުހުމަތު ތަކެއް ޔައީނުގެ ބޮލުގައި އަޅުވައި ޔައީން ޖަލަށް ދާން ޖެހުމުންނެވެ. ޔައީންގެ ހިތުގައި ލީޝަންއަށް ޝައްކުވާނެ ހުރިހާ މަގުތަކެއް އޭނާ ކޮށީތީއެވެ. ޔައީންގެ ކުރިމައްޗަށް އަރަން ޖެހިލުންވާވަރަށް އޭނާ ޔައީނާއި ފިތުނަ ކުރުވާފައި ވީތީއެވެ. އަދި މިވީހާތަނަށް ޔައީނު މިނިވަން ކުރަންކުރި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބުނަ ނުދީ އޭނާ ކުރި ހުރިހާ މަސައްކަތް ނާކާމިޔާބު ކޮށްލީތީއެވެ.  އޭނާ އަވަސް އަވަހަށްގޮސް ގެއަށް ވަނެވެ.

"މަންމަ ކީއްވެތަ އެމީހާ މަޑުކުރަން ބުނުމުން މަޑުނުކުރީ." ފަނަރަ އަހަރުގެ ޒީޝަން ސުވާލު ކުރިއެވެ.

"ދަރިފުޅާ. ދަރިފުޅުގެ ބައްޕަ މިއަދު ޖަލުގައި ހުންނަންޖެހުނީ އޭނާގެ ސަބަބުން." ލީޝަންއަށް ރޮވެނީއެވެ. އޭނާގެ ރުއިން މަތަކުރަން އުޅުނަސް އެހަނދާންތައް އާވުމުން އަސަރުކުރަނީއެވެ.

"މަންމާ. ދެންއަޅާނުލާ. އަޅުގަނޑު މިހާރު ވަރަށް ބަނޑު ހައިވެއްޖެ." މަންމަ ރޯތީ މަންމަ ހަމައަކަށް އެޅުވުމުގެ ގޮތުން ޒީޝަން ބުނެލިއެވެ.

"ހިނގާދޯ ކާން." އިސާހިތަކު ފާރޮށިކޮޅަކާއި ކަޅުސައިތައްޓެއް ގެނެސް އެކޮޓަރީގައި ހުރި މޭޒުމަތީ ބެހެއްޓިއެވެ. އެއީ މީހަކު ނަމާދުކޮށްލާނެހާ ތަންކޮޅެއްވެސް ނެތް ކޮޓަރިއެކެވެ. އޭނާ ހަމައަކަށް އެޅިފައި ހުރިކަން ދައްކަން މަސައްކަތް ކުރުމަށްޓަކައި ފާރޮށިކޮޅެއް ހަފާލިއެވެ. ނަމަވެސް އޭނާއަކަށް އެއެއް ނުދިރުވުނެވެ. ހީވަނީ އެތެރެހަށި ވިރެނީހެންނެވެ.

މި ހުރިހާ މަންޒަރަކަށް ފާރަލަމުން ސިއްރުން ބަލަންހުރި ރީމާވަރަށް ދެރަވެއްޖެއެވެ. މިއީ އޭނާގެ ނުބައި ރޭވުމުގެ އަސަރުކަން އޭނާއަށް އެނގެއެވެ. ޔައީން ޖަލަށްލާފައި ދިރިއުޅުމެއް ފެށި ރީމާވަނީ ދުވަހަކުވެސް ޝިފާއެއް ހޯދިފައި ނުވާ ކެންސަރުބަލީގެ ޝިކާރައަކަށްވެ އެއްފައި ބުރިކޮށްލާފައެވެ. މިކަމުގެ ސަބަބުން އޭނާގެ ފިރިމީހާ އޭނާ ދޫކޮށްލާފައި ދިޔައީއެވެ. ޔައީންގެ މަތިން އޭނާ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އޭނާ މިނިވަންކޮށްދީ ހުރިހާ ހަގީގަތެއް އޭނާ ކިޔައިދޭން ބޭނުންވިއެވެ. މަރުވުމުގެ ކުރިން އޭނާ ތައުބާވާން ބޭނުންވިއެވެ. ލީޝަންއާއި ގުޅިގެން މިކަން ކުރެވޭނެ ނަމަ ކިތަންމެހާވެސް ފަސޭހަވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ލީޝަންގެ ނިކަމެތި ދިރިއުޅުމާއި އޭނާގެ ހިތާމަތައްފެނި އޭނާ ކުރަންއައި މަސައްކަތާއި ކުރިމަތި ލާކަށް ނުކެރުނެވެ. ލީޝަން ފެނުމުން އޭނާއަށް އާދަޔާ ޚިލާފު ގޮތްތަކެއްވާން ފެށިއެވެ. އެންމެފަހުން މި ފެންނަ މަންޒަރުތަކަށް ކެތް ނުކުރެވިގެން މަޑުމަޑުން ބޭރަށް ނިކުތެވެ.

އާދައިގެ މަތީން މިއަދުވެސް ލީޝަން އޭނާގެ ދަރިފުޅު ސުކޫލުން ނިމިގެން ގެއަށްގެނެސް ސައިދޭން އިނެވެ. މަސްނިމޭ ދުވަސްކޮޅުކަމުން އޭނާގެ އަތުން ފައިސާ ވަނީ ހުސްވެފައެވެ. އެހެންކަމުން އެދެމައިންވަނީ ނުހަނު ހާލުގައި ޖެހިފައެވެ. ޒީޝަން ރިހާކުރުކޮޅަކަށް ތެޔޮރޮއްޓެއް ޖައްސައިގެން ކާން އިންއިރު ހޫނު ކަޅުސައިތައްޓެއް ކައިރީގައި ހުއްޓެވެ. ލީޝަން މިއަދު ދޮވުނުހާ ސާމަނުތައް ފޮހެ ކަބަޑަށް ލާން ސިންކުކައިރީގައި ހުއްޓެވެ. ބާރަފޫޓު ބާރަ ފޫޓްގެ ކުޑަކުޑަ ގޮޅިއެއްވަރުގެ ކޮޓަރީގައި މީހަކު ހިނގާލާނެ ތަންކޮޅެއްވެސް ނެތެވެ. ބަދިގެއާއި ސިޓިންރޫމާއި ކާގެއާއި ނަމާދުކުރާތަނާއި ނިދާތަނާއި ހުރިހާކަމެއްވެސް ކުރާތަނަކީ އެކުޑަކުޑަ ކޮޓަރި ކަމަށްވުމުން މުޅި ތަނަށްވެސް ވެރިވެފައިވަނީ އުދާސްކަމާއި ހޫނުކަމެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކިޖަހާލިއެވެ.

"ދަރިފުޅާ ދޭބަލަ ދޮރުހުޅުވަދެން. ދޮރުހުޅުވާނީ ކުޑަކުޑަކޮށް. ނުދަންނަ މީހެއްވިއްޔާ ނުވައްދާތި." އާއްމުގޮތެއްގައި އެގެއަށް ވަދެހަދާ މީހަކު ނުހުންނާތީއާއި އަމުދުން މިގަޑީގައި ޓަކިޖެހުމުން ލީޝަން ކަންބޮޑުވިއެވެ.

"ކޮންބޭފުޅެއް ހޯއްދަވަންތޯ." ކުޑަކޮށް ދޮރުހުޅުވާލާ ބޯދިއްކޮށްލާ ކުރިމަތީގައި ހުރި ފިރިހެން މީހާއަށް ބަލާލާފައި ޒީޝަން ބުނެލިއެވެ. އިސްކޮޅުން ދިގު ގައިގެ ކުލަދޮން މިފިރިހެންމީހާގެ ތުބުޅިން ހުދު އިސްތަށި ފެނުނުނަމަވެސް އެއީ ރީތި ޒުވާނެކެވެ.

"ލީން… ލީޝަން އުޅުއްވާތޯ." އެމީހާ ތުރުތުރު އަޅާއަޑަކުން ބުނެލިއެވެ.

"ދަރިފުޅާ ކާކު." ލީންއޭ ބުނުމުން ލީޝަންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވިއެވެ. މި ނަމުން އޭނާއަށް މުޚާތަބު ކުރާނެ އެންމެ މީހަކުފިޔަވައި އެހެންމީހެއް މިދުނިޔެއަކު ނުހުންނާނެއެވެ. އެއީ އެއަޑެއް އެހުމަށްޓަކައި ކެތްތެރިކަން ކޮޅުންލާފައިވާ އަޑެކެވެ. އޭނާއަށް ދޮރުމައްޗާހަމައަށް ދެވުނުއިރު މާނޭވާލެވެއެވެ. އެއީ ބުރަމަސައްކަތެއް ކޮށްގެނެއްނޫނެވެ. އޭނާއަށް ކޮށްފައިވާ އަސަރެއްގެ ސަބަބުންނެވެ.

"ނޭނގެ. މަންމަ ހޯދަން." ޒީޝަން އޭނާގެ މަންމައަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

"ޔަ…ޔައީން." ލީޝަންއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެން ފަށައިފިއެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ޔައީންގެ ގައިގައި އޮޅުލައިގަތުމަށެވެ. ދުވަހަކުވެސް އޭނާ ދޫކޮށްފައި ނުދެވޭނެ ގޮތަށް ހިފެހެއްޓުމަށެވެ. ނަމަވެސް އޭނާގެ ފިޔަވަޅު ހަރަކާތެއް ނުކުރިއެވެ. އެތެރެއަށް އަންނާށޭ ބުނަން ހުޅުވާލި އަނގައިން އަޑެއް ނުނިކުތެވެ. ގަނޑުވެފައި ޔައީންގެ މޫނަށް ބަލަން ހުރެވުނީ އޭނާއަށް ކޮށްފައިވާ އެތައް އަސަރެއްގެ ސަބަބުންނެވެ. އޭނާއަށް މިއީ ކިހިނެއް ގަބޫލު ކުރެވޭނެ ކަމެއް ހެއްޔެވެ؟ ތިރީސް އަހަރަށް ޖަލުގައި ބަންދު ކުރެވިފައިވާ އޭނާގެ ފިރިމީހާ އެހެރީ އޭނާގެ ކުރިމަތީގައެވެ. އަދި ފަނަރަ އަހަރު ބާކީ އެބައޮތެވެ.

ޔައީނަށްވެސް ވީ މުޅިން އެފަދަ ގޮތެކެވެ. އޭނާ އިންތިހާއަށް ލޯބިވީ އަނބިމީހާ ވަފާތެރިކަންމަތީ އޭނާއަށްޓަކައި ހުރިތަން ފެނުމުން ދެލޯވަނީ ކަރުނުން ތެމިފައެވެ. އޭނާގެ އެންމެފަހުގެ ވަސިއްޔަތާއި އެއްގޮތަށް އޭނާގެ ދެލޮލުގެ ކޮއިފަދައިން ގެންގުޅުނު ޒީޝަންވަނީ ސޯޅައަހަރުގައި ޒުވާންވެ ފުރާފުރިހަމަވެފައެވެ. އެއީ ހަމަޒީނާގެ ތައްގަޑެއްފަދަ ޒީނާއާއި ވައްތަރުގެ ކުޑަ ޒީނާއެވެ. އޭނާ އެންމެ ލޯބިވީ ރަހުމަތްތެރިޔާގެ ދަރިފުޅު އަމާނާތްތެރިކަމާއެކު ލީޝަން ބަލާދީފައިވާ ތަން ފެނުމުން އޭނާއަށް ކެތްކުރަންދަތި އިހުސާސްތަކެއްކުރިއެވެ. އެމޫނެއް ދުށުމަށް ފަނަރައަހަރު ދުވަސްވަންދެން އޭނާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރި ލީޝަން އަދިވެސް ވަނީ ޒުވާންކޮށެވެ. ހެދުންއެޅުމުގެ ވައްޓަފާޅި ބަދަލުވެ ބުރުގާ އަޅާފައިވީނަމަވެސް އޭނާގެ ރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. އެދެލޮލުން ފެންނަމުންދާ އަސަރުތަކަކަށްވެސް ބަދަލެއް ނާދެއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ލީޝަންގެ ކޮޓަރިއަށް ވަދެވުނެވެ.

"ލީން.. މިހުރިހާ ދުވަހު އަހަރެންގެ ގާތަށް ނައީ ކީއްވެ؟" އެންމެ ފުރަތަމަވެސް އޭނާއަށް ޝަކުވާ ކުރެވުނެވެ. އޭނާގެ ހިތުގައި އެތައްޝަކުވާތަކަކާއި އެތައް ސުވާލެއް އުފެދިފައިވެއެވެ. ނަމަވެސް ދުލުން ބަޔާން ކުރެވޭވަރަށްވުރެ އޭނާ ވަނީ ހިތްދަތިވެފައެވެ. މިހުރިހާ ދުވަސްވީއިރުވެސް އޭނާ ގާތަށް ލީޝަން އައިސްފައި ނުވާތީއެވެ. އޭނާގެ ހާލުބަލާން އުޅެފައިނުވާތީއެވެ.

"ޔައީން ބޭނުންވިގޮތަށް އަހަރެން ޔައީން ކުރިމައްޗަށް އަރަން ނުކެރުނީ. އެކަމަށްޓަކައި އަހަރެން ކިހާ ހިތާމައެއްކުރިން. ކޮންމެ ދުވަހަކުވެސް ބޭނުންވީ ޔައީނާ ބައްދަލުކުރަން. އެކަމަކު ޔައީން އެދޭގޮތަކަށް ނުވާތީ ޖެހިލުންވީ." ލީޝަންގެ އަޑު ތުރުތުރު އަޅައެވެ. އޭނައަށް ހިފެހެއްޓުމެއްނެތި ރޮވެނީއެވެ.

"ލީން. އަހަރެންނަށްޓަކައި އުމުރުން ދުވަސްތަކެއް ނަގާލުމަށް ނޭދެވުނީ. އެކަމަކުވެސް ކޮންމެ ދުވަހަކުވެސް ލީޝަންއަށްޓަކައި އަހަރެން އިންތިޒާރުކުރިން. ލީޝަން ގޮތްދޫކޮށްފައި އާދޭތޯވެސް އެތައް ދުޢާއެއްކުރިން. އެދުވަހު އަހަރެންނަށް ލިބިފައިވާ ހިތާމައެއްގެ ބޮޑުކަމުން އެހެންބުނެވުނީތީ އަމިއްލަ ނަފުސުދެކެވެސް ރުޅިއާދެވުނު. އަހަންނަށް މާފުކުރޭ." އޭނާ ލީޝަންގެ އަތުގައި ހިފާލިއެވެ.

"ޔައީންއަށް ތިއާދެވުނީ ކިހިނެއް؟" ލީޝަންވެސް ޔައީންގެ އަތުގައި ހިފަހައްޓާލިއެވެ. ދުވަހަކުވެސް އޭނާގެ އަތުން ޔައީން ބީވެގެން ނުދާނެއޭ ބުނާކަހަލަ ގޮތަކަށެވެ.

"ރީމާ އޭނާގެ ހުރިހާ ކަމަކަށް އެއްބަސްވީ. ލީޝަންގެ ހާލަތާއި އަހަރެން މިނިވަންކޮށްދެން ކުރި މަސައްކަތާއި މިހާރުގެ ދިރިއުޅުން ކިޔައިދިނީ އޭނާ."

ޔައީން ހުރިހާ ވާހަކައެއް އެދެމައިންނަށް ކިޔައިދިނެވެ. ސަރުކާރުގެ އަންގަންޖެހޭ ހުރިހާ ފަރާތަކަށް އަންގާ އޭނާ ކުރި ހުރިހާ މަސައްކަތުގެ ތަފުސީލު ކިޔައިދިންކަމެވެ. މިހުރިހާ ދުވަހު އޭނާ ރައްކާކޮށްގެން ގެންގުޅޭ ފައިލު އެތަންތަނަށް ރީމާ ހަވާލުކުރިކަމާއި އޭގެ އަދަބު ރީމާއަށްލިބުނުކަމެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޔައީނަކީ ކުށެއްނެތް ޟަޢީފު މީހަކަށްވުމެވެ. ބޭއިންސާފުން އަނިޔާ ދެވުނު ތެދުވެރިއަކަށްވުމެވެ. އޭގެސަބަބުން ދައުލަތުން އޭނާގެ ކިބައިން މާފަށްއެދި އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލާއި ސަރުކާރަށްދެއްކި ސާޅީސް މިލިއަން ރުފިޔާ ހަވާލުވުމެވެ.

އެތިންމީހުން ހަމަ އެދުވަހު މަކުނުދޫއަށް ދާންފުރިއެވެ. ވޭތުވެދިޔަ ފަނަރަ އަހަރު ލިބިފައިވި ހިތްދަތިކަމާއި ނިކަމެތިކަމާއި ފަގީރުކަން އެއްފަރާތް ކުރެވި މައިންބަފައިންގާތު އުފަންރަށުގައި ވަގުތު ކޮޅެއް ހޭދަކުރުމަށެވެ. އެއަށްފަހު އަލުން އާހިތްވަރާއެކީ ދިރިއުޅުން އާރާސްތު ކުރުމަށެވެ. އެމީހުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރަށުން ލިބުނު ހެޔޮއެދުމުގެ އިތުރަށް "ދިއްޕަރުފުށީ" ގައި ދެދުވަސްވަންދެން ހޭދަކުރި އުފާވެރި ދަތުރެވެ. އެއީ ލީޝަންއާއި ޔައީން ނުހަނު ދަތިހާލުގައި ސަލާމަތް ނުވާހާލުގައި ވަނިކޮށް މާތްﷲގެ ރަހުމަތްފުޅުން އެރަށަށްލައްގާ ސަލާމަތްކަން ލިބުނު ރަށެވެ. ދެމީހުންގެ ހިތުގައި ލޯބީގެ ފުރަތަމަ ހުޅުކޮޅު ރޯވި ރަށްވެސް މެއެވެ. ދެމީހުންގެ ބަދަލުގައި  މިހާރު އެމީހުންނަކީ އާއިލާއެކެވެ. ޒީޝަންއާއެކު އެމީހުން މޫދަށް އެރުނެވެ. އަދި ކުރިންވެސް އެމީހުން ހިފި ދޮންފަންމިޔަރު ހިފަންވެގެން އޭގެ ފަހަތުން ދުވުނެވެ. މިއީ އުފާވެރިކަމުގެ ވެސް އިންތިހާއެވެ. މިޔަރު ހިފުނުއިރު އެދެމީހުން ތިބީ ވަރުބަލި ވެފައެވެ. ޔައީނަށް ލީޝަންގެ ވަރުބަލިކަމާއި ޒުވާންކަމާއި  އުފާވެރިކަން ފެނުމުން އުފަލުން ކަރުނައައެވެ.

"ލީން ރަގަޅުތަ؟" އޭނާ ލީޝަންއާ ގާތްވެލިއެވެ.

"އާން. ޔައީން ކިހިނެއް؟" އޭނާވެސް ޔައީނާ ގާތްވެލިއެވެ. އެދެމީހުން މިއުފާވެރި މާހައުލުގައި އެއްހަށިގަނޑެއްހާ މިންވަރަށް ސިފަވާވަރަށް ގާތްވެލިއެވެ.

"ލީން…." ޔައީނަށް ލީޝަންގެ މިގާތްވުން…………..   އޭނާ ކަނާތުން ލީޝަންގެ ކަނދުރާގައި ފިރުމާލިއެވެ. ޔައީން އަދިވެސް ބޮޑަށް ލީޝަން އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. ދެމީހުންގެ ހޫނު ނޭވާތައް ދެމީހުންގެ މޫނަށް އެޅުނެވެ. ޔައީންގެ ވާއަތުން ލީޝަންގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ. އަދި ކަނާއަތުން އޭނާގެ ބުރަކަށި މަތީގައި ފިރުމާލާ ގަޔާއެންމެ ކައިރިކޮށްލިއެވެ. ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެދެވޭ މިންވަރަށެވެ. އިރުވައި މޫސުމުގެ އަރާމުކަމާއި މި ފަޅުރަށުގެ މިނިވަން ގުދުރަތީ މާހައުލުގެ ހިމޭންކަން އެދެމީހުން އެއްކުރުވައިފިއެވެ. އެދޮންވެލި ތުނޑީގައި ދެމީހުންގެ ލޯބި އޭގެ އެންމެ ފުރިހަމައަށް ކުރިފަޅައި ދުވަހަކުވެސް ދުރުނުކުރެވޭވަރަށް ގާތްވެއްޖެއެވެ.  ޔައީނަށް އަދިވެސް ސިފަވަނީ ލީޝަންގެ އެންމެ ޒުވާން ދުވަސްވަރެވެ. އެ ތުނި ހަށިގަނޑާއި ޒުވާންކަން ޔައީނަށް މުޅިން އާ ދިރުމެއް އުފަން ކުރުވިއެވެ. ޔައީންގެ ފިރިހެންވަންތަކަމާއި ލީޝަންގެ ހުރިހާ އިޚުތިޔާރެއް ޔައީންގެ އަތްމައްޗަށް ދޫކޮށްލެވުމުން ލީޝަންވަނީ ފުރިހަމަ މާނައިގާ ޔައީންގެ މީހަކަށްވެ އޭނާގެ ކިޔަމަން ތެރިކަމުގެ ދަށުވެފައެވެ.

"ކޮބާ ޒީކޮ." އެންމެފަހުން ޔައީން ބުނެލިއެވެ.

އޭރު މާދުރުން ޒީޝަން އެމީހުންނަށް ގޮވަމުން ހަނާއަޅަމުން އާދެއެވެ. އެފަޅުރަށުގައި އުފަންވި ލޯބީގެ ހުޅުކޮޅު ގައި ދިރިއުޅުމުގެ ކުލަޖެހިގެންނެވެ. އުފާވެރި  އާއިލާއަށް މުޅިން އާ ދިރުމަކާއި އާ ހަޔާތެއް ގެނެސް ދެމުންނެވެ.

ނިމުނީ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *