ވާހަކަ: ވީމޭ ވަފާތެރި! އެހެނަސް… (14)

" ކޮންތާކަށް ތިދަނީ؟ "

" އަހަރެންގެ ހުރިހާ ވާހަކަތަކެއް ޝެއަރކުރި ވަރަށް ގާތް… އަދި އަހަރެން ވަރަށް ލޯބިވާ އެކުވެރިއެއް އެއް އިރެއްގައި ހުރި! އެކަމަކު މިހާރު އަހަރެންގެ އެކަކުވެސް ނެތް! " ޒައިބާގެ އަތުން މަރީގެ އަތް ނައްޓުވާލަމުން ޒައިބާ ބުނެލިއެވެ. އަދި ދެރަވެލާފައި އަނެއްކާވެސް އޭނާ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. އިލޮށިފަތި ހިފައިގެން މަރީއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އިތުރަށް އެއްޗެއް ބުނަންވެސް އޭނާއަކަށް ނުކެރުނެވެ. މިހާ މައިރާ ޒައިބާ ނިކުތުމުން އޭނާ އެދަނީ ފެރީއަށްކަން މަރީއަށް އެނގުނެވެ. ނޭނގުނީ އޭނާ ފުރައިގެން ދާނެ ތަނެކެވެ.

އިލޮށިފަތި ވައްޓާލާފައި މަރީ ގޭތެރެއަށް ދުއްވައިގަތެވެ. މޭޒުމަތީގައި އޮތް ފޯން ނަގާ އޭނާ އަވަސް އަވަހަށް އަކްރަމަށް ގުޅަންފެށިއެވެ. އަކްރަމަށް ފޯން ނެގުނީ ހައެއްކަ ފަހަރު ގުޅި ފަހުންނެވެ.

"ޒައިބާ ގޮއްސި ފެރީއަށް! އެއްކޮށް މިރަށުން ދަނީ! "

" ޒައިބާ؟ ކޮންތާކަށް ދަނީ؟ " ލިބުނު ޚަބަރައިގެން އަކްރަމަކަށް ނޯވެވުނެވެ. ފުންމައިގެން ތެދުވެވިއްޖެއެވެ.

" ނޭނގެ ! އަހަންނަކަށް ނޭނގެ ނުބުނެ!" މަރީ އެހެން ބުނުމާއެކު އަކްރަމް ފޯން ކަނޑާލިއެވެ. ވަގުތު ގެއްލުވާލަން ބޭނުން ނުވެގެން އަކްރަމް ގެއިން ނިކުތީވެސް ޓީޝާޓް އަތުން ހިފައިގެންނެވެ. އޭރު އާތިކާވެސް އޮތީ މަގުމަތި ކުނިކަހަން ނިކުމެއެވެ.

"އޭ ކޮއްކޯ! އަކްރަމް؟! " އާތިކާ ގޮވަގޮވާ ހުއްޓާ އަކްރަމް ސައިކަލަށް އަރާ ނައްޓާލައިފިއެވެ. އޭނާއަށް ދޮންތަގެ އަޑުވެސް ނީވޭކަހަލައެވެ.

" އަޖައިބެއް؟ މިގަޑީގަ ކޮންތާކަށް އެދަނީ؟" ދުންޖަހާފައި ދިޔަ އަކްރަމްގެ ސައިކަލާދިމާއަށް ބަލަން ހުރެ، އާތިކާއަށްވެސް ބުނެވުނީ އެހެންނެވެ.

އަކްރަމަށް ބަނދަރަށް ދެވުނުއިރު ފެރީ ކަނޑިންމައިންވެސް ބޭރުވެއްޖެއެވެ. ބާރުދުވެލީގައި ފެރީ ދަތުރުކުރަމުންދާ މަންޒަރުބަލަން އަކްރަމަށް ހުރެވުނީއެވެ. އެއްވެސް އިޝާރާތަކާ، ޚަބަރަކާ ނުލާ ޒައިބާ އޭނާ ދޫކޮށް ދިޔައީތޯ އޭނާގެ ހިތާ އެތައް ފަހަރަކު ސުވާލުކުރިއެވެ. ނަމަވެސް ހިތްވެސް އޮތީ ހިމޭންވެފައެވެ. ލޯމަތިން ގެއްލެން ދެން ފެރީއަށް ބަލަހައްޓައިގެން އަކްރަމަށް ހުރެވުނެވެ. އެނބުރި ގެއާދިމާއަށް އޭނާ މިސްރާބްޖެހީ މާޔޫސްކަމާއެކުއެވެ.

ލޯމަތިން އެރަށް ގެއްލުނުއިރުގައިވެސް ޒައިބާއަށް އިނދެވުނީ އެދިމާއަށް ބަލަހައްޓަައިގެންނެވެ. އޭނާ އެދަނީ ފޮނިފޮނި އެތައް ހަނދާންތަކަކާއި ހިތާމައިން ފުރިފައިވީ ހިތްދަތި އެތައް ހަނދާންތަކެއް އެރަށުގައި ވަޅުލާފައެވެ. އަނބުރާ ދެން އެރަށާއިދިމާއަށް ބަލަން ބޭނުން ނުވާތީ އޭނާ އިސްޖަހާލިއެވެ. އެއާއެކު އަތުގައި އޮތް ފޯނަށް މަރީ ގުޅާތަން ފެނުނެވެ. މަޑުކުރުމެއްނެތި އޭނާ އެ ކޯލް ކަނޑާލިއެވެ. އަދި އަވަސް ހަރަކާތްތަކާއެކު ފޯނުން ސިމްނަގާ މޫދަށް ހޫރާލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.

އޭނާ މިހާރު ބޭނުންވަނީ އެއްވެސް މީހެއްގެ ހިލަމެއް ނުވާ ހިސާބަށް ދާށެވެ. ދަންނަ މީހަކުވެސް ނޫޅޭ އަމާން ތަނަކަށް ދާށެވެ. ވިސްނުންތަކާއި ފިކުރުތަކުން ސަލާމަތްވެވޭނެ މާޙައުލަކަށް ދާށެވެ. ނަމަވެސް ދާނެ މަންޒިލެއް ނެތި މިހާރު އެވަނީ އޭނާގެ ދަތުރު ފެށިފައެވެ. ދާނެ މިސްރާބެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

އަކްރަމް އައިސް ގެއަށް ވަތްއިރުގައި އޭނާވަނީ މިލާމޯޅިވެފައެވެ. ގޯތިތެރެ ކުނިކަހަންއޮތް އާތިކާއަށް، އެތެރެއަށް ވަދެގެންދާ އަކްރަމްފެނި އެއްޗެއް ނުބުނެ ނުހުރެވުނެވެ.

" މާ ބާރުބާރަށް ކޮންތާކަށްތަ ތި ދިޔައީ؟"

ޖަވާބެއް ނުދީ އަކްރަމް ދިޔުމުން އިލޮށިފަތި ބާއްވާފައި އާތިކާވެސް އޭނާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.

" އޭ! ބަލަ އަކްރަމްކޮއްކޮއާއޭ ދޮންތަ މި ވާހަކަ ދައްކަނީ! ކިހިނެއްހޭ ވީ؟ "

އާތިކާ އަކްރަމްގެ ގައިގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. އޭރު އަކްރަމްގެ ދެލޮލުން ފައިބަމުންދާ ކަރުނަތަކުން ކަމެއް ގޯސްވެއްޖެކަން އާތިކާއަށް އެނގުނެވެ. އެހިސާބުން އޭނާ އިތުރަށް ހާސްވިއެވެ. ނަމަވެސް މިފަހަރު އެއްޗެއް ނުބުނެ އުޅެނިކޮށް ވާހަކަ ދެއްކީ އަކްރަމެވެ.

"ދޮ..ދޮންތާ! ޒައި ގޮއްސި މިރަށުން…" އަކްރަމަށް އިތުރަށް ރޮވޭތީ އާތިކާއާ ދިމާއަށް ނުބަލަން އޭނާ މަސައްކަތްކުރިއެވެ.

" ދެން؟ އެކަމާތަ ދެރަވަނީ؟ ކޮއްކޮ ތިއުޅެނީ އޭނަ ވަރިކުރާކަށްނޫންތަ؟ އޭނައެއީ އަހަރެމެންގެ އާއިލާ ފަޟީޙަތް…. "

ޒައިބާދެކެ އާތިކާ ރުޅިއަންނަން ފެށުމުން އަކްރަމް އޭނާ ހުއްޓުވިއެވެ. އެއަޑުތައް އިތުރަށް އަހަން އޭނާއަށް ކެތްނުވީއެވެ.

" ތިހެން ނުބުނޭ! ދޮންތައަކަށް ޙަޤީޤަތެއް ނޭނގޭނެ! އެނގޭނަމަ ދޮންތަވެސް … ދޮންތަވެސް ދެރަވާނެ! "

އަކްރަމްގެ ވާހަކައިގެ މާނަ ފުންކަމުން އާތިކާއަކަށް އެބުނާ އެއްޗެއް ދެނެގަންނާކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އޭނާ އިތުރަށް އޮޅުންފިލުވަން އަކްރަމްގާތު އަހަންފެށިއެވެ.

" އެއްވެސް އެއްޗެއް ދޮންތައަކަށް ނޭނގޭނެ! އަހަރެން މިވަރަށްވެސް މި ކެތްކުރީ ހަމަ ދޮންތައަށްޓަކާ! އަހަރެންގެ ދިރިއުޅުން މި ޤުރުބާންކުރީ ހަމަ ދޮންތަގެ ދިރިއުޅުމަށްޓަކާ! އަހަރެންގެ އުފާތައް މި ޤުރުބާންކުރީ ދޮންތަގެ އުފަލަށްޓަކާ! އަހަރެންގެ ކައިވެނި މި ހަލާކުކޮށްލީ ދޮންތަގެ ކައިވެނީގެ ޙައްޤުގައި! އަހަރެންގެ އަނބިމީހާ މި ދެއަތުން ދުރުކޮށްލީ ދޮންތަގެ ފިރިމީހާ ދޮންތައާ ވަކިވެ ނުދިޔުމަށްޓަކާ! ދެން ބުނެބަލަ! މިއަށްވުރެ ބޮޑު ޤުރުބާނީއެއް ކާކަށް ވެވޭނީ؟"

އަވަސް އަވަހަށް އަކްރަމް ކިޔާލިއެވެ. އޭރުވެސް އާތިކާއަށް ހުރެވުނީ ވާނުވާގައެވެ. އޭނާއަށް އެއްވެސް އެއްޗެއް އަދިވެސް ނޭނގޭކަން އޭނާގެ މޫނުމަތިން ހެކިދެއެވެ. އެހެންކަމުން އަކްރަމް ބޭނުންވީ އާތިކާއަށް ހުރިހާ އެއްޗެއް ކިޔައިދޭށެވެ.

" ޒައިބާގެ އެއްވެސް ކުށެއްނެތް! ކުށްވެރިޔަކީވެސް ދޮގުވެރިޔަކީވެސް އަނިޔާވެރިޔަކީވެސް ހަމަ ދޮންތަގެ ފިރިމީހާ! "

އަކްރަމް އެހިސާބަށް ބުނުމާއެކު އާތިކާގެ އަތުގެ ހޫނު އެތިފަހަރުން އަކްރަމްގެ ކޮލުން ދިލަނަގައިގެން ދިޔައެވެ.

" ކިތަންމެ ވަރަކަށް، ކިތަންމެ ބާރަށް ޖެހިޔަސް ޙަޤީޤަތާ ޖެހޭނީ ކުރިމަތިލާން! " ކޮލުގައި އަތްޖައްސާލަމުން އަކްރަމް ބުނެލީ ތަންކޮޅެއް ހަރުކަށި ގޮތަކަށެވެ.

" އަނެއްކާވެސް ދޮގު ވާހަކަތަކެއް ހަދާލާ! " ހާސްވެފައިހުރެ އާތިކާ އެހެން ބުނެލުމުން އަކްރަމްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

" ޒައިބާ ދުވަހަކުވެސް އަހަންނަކަށް ދޮގެއް ނަހަދާނެ! ޒައިބާގެ ބޮލުގައި ހުރިހާ ތުހުމަތެއްވެސް އެޅުވީ ނާޝިޒް! އެކަމަކު އަހަރެން ރަށަށް އައުމާއެކު މަޖުބޫރުގެ ކަސްތޮޅު އެޅުނު! ދޮންތަގެ ދިރިއުޅުން ހަލާކުވެދާނެތީ އަހަންނަށް ޖެހުނީ އެކަންތައްތައް ސިއްރުކުރަން.."

އަކްރަމް އެހެން ބުނުމުން އާތިކާ ޖަހާލީ ކުރު ހިނިގަނޑެކެވެ. ނަމަވެސް އޭރު އޭނާ ކަންބޮޑުވެފައިހުރިކަން އެ އަޑުން އެނގެއެވެ.

" ތިމާގެ އަނބިމީހާ ރޭޕްކުރީމަ ކާކު އެކަން ސިއްރުކުރާނީ! އަހަންނަށް އެނގޭ އެއީ ތެދެއް ނަމަ އަކްރަމް މިގޭގައިވެސް ނާޝިޒެއް ނުބަހައްޓާނެކަން! ތިވަރުގެ ބޮޑު މަޖުބޫރެއް އަކްރަމަށް ކޮށްގެން ތިއުޅެނީ ކާކުތަ؟ " ރުޅި އައިސްހުރެ އާތިކާ އެހިއެވެ.

" މަންމަ! " އަކްރަމް ދިން ޖަވާބުން އާތިކާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެބުމަ އެއްކޮށްފައި ހުރެ އޭނާއަށް އެލަފްޒު ތަކުރާރުކޮށްލެވުނެވެ.

" އާނ މަންމަ! ދޮންތަގެ ދިރިއުޅުން ސަލާމަތްކުރަން މަންމަ އަަހަރެންގެ ދިރިއުޅުމުގައި ހުޅުޖެހީ! މަންމައަށް ހުރިހާ ޙަޤީޤަތެއް އެނގޭ! ޒައިބާ މިރަށަށް ގިނަވެ ބާކީވީ އިރުގައިވެސް އަހަންނަށް ކޮށްދެވުނު އެއްވެސް ކަމެއްނެތް! އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުރެ، އޭނާ ފުރައިގެން އެދިޔައީ ވަރަށް ޙާލުގައި އުޅެފަ! އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ކޮންމެ ފަހަރަކު މަންމަ އަހަންނަށް އަންގައިދެނީ މަންމަގެ ބަލިޙާލަތު! ދޮންތަ މަންމަ ދޫކޮށް ގޮސްދާނެކަމުގެ ބިރަށްޓަކައި، ދޮންތައަށް ލިބިދާނެ މަލާމާތަށްޓަކައި، ދޮންތަ އެކަނިވެ، ދިރިއުޅުން ރޫޅިއްޖެއްޔާ މަންމައަށް ވާނެގޮތާއިމެދު އަހަރެންގެ ކުރިމަތީގައި ސުވާލު އުފެއްދީވެސް މަންމަ! ކީއްކުރާނީ؟ މަންމަގެ ފުރާނައަށްވުރެ ވަކި އަގުބޮޑު އެއްޗެއް އަހަރެމެންނަށްކޮބާ؟ "

ރޮވިފައިހުރެ އަކްރަމް ކިޔައިދިނެވެ. އާތިކާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ މޫނުމަތިން ހިތާމައާއިއެކު ރުޅިވެސް ފެންނަން ހުއްޓެވެ.

" އާދޭ މަށާއެކު! "

އާތިކާ ބާރުބާރަށް އެހެން ބުނެ އަކްރަމްގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާ ސިހުނީ ކަންބޮޑުވެ ހާސްވެފައިހުރި ޝަކީލާ ފެނުމުންނެވެ.

" އަހަރެންގެ ދިރިއުޅުން ސަލާމަތްކުރުމަށް މަންމަ ކޮއްކޮގެ ހުރިހާ އުފާތަކެއް ފޭރިގަތީ! މަންމައަށް ހީވޭތަ ކޮއްކޮއަށް ދެރައެއް ދީގެން އަހަންނަށް އުފަލުގައި އުޅެވިދާނެހެން! މަންމައަށް ހީވޭތަ އެހާ ނުބައި ނުލަފާ ވަލު ޖަނަވާރަކާއެކު އަހަންނަށް ހެވިފައި އުޅެވިދާނެހެން؟ ތިއީތަ މަންމައިންގެ އޯގާތެރިކަމަކީ؟ ހުރިހާ ކަމެއް އެނގިހުރެ، މަންމަ އަންހެނަކަށްވެހުރެ ޒައިބާއަށް ތި ހަދާލީ ކިހިނެއް؟ އޭނަ ކޮންޙާލެއްގައިތަ މިރަށުގައި އުޅެފައި އެދިޔައީ؟ އަކްރަމް ކޮއްކޮއަށް މަޖުބޫރުކޮށްގެން ޒައިބާއާ ދެމީހުން ދުރުކުރުވަން މަންމައަށް އޮތީ ކޮން ޙައްޤެއް؟ މަންމަގެ ވާހަކަ ނުދައްކަން ވެގެން އޭނަ އެއުޅުނީ އެންމެން ގާތު ޒައިބާ ކުށްވެރިކޮށްގެންނޭ މަންމާ! "

މާ ގިނަ އެއްޗެހި ކިޔެން އުޅޭތީ އާތިކާ ނިކުތީ ބޭރަށެވެ. އެއަޑުތައް އަހަން އަކްރަމް ހުރީ ކޮޓަރީގައެވެ. ހުރިހާ ކަމެއް ސާފުކޮށް ދޮންތައަށް ކިޔައިދެވުމުގެ ހިތްހަމަޖެހުން ލިބުނެއްކަމަކު ޒައިބާއާމެދު އަދިވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ.

އަކްރަމާ ކުރިމަތިލާން ނުކެރިގެން ޝަކީލާ އިށީނީ ސޯފާގައެވެ. ހަމައެވަގުތެވެ. އޭނާ ސިހުނީ ކުއްލިއަކަށް އާތިކާގެ ކޮޓަރި ތެރެއިން ބޭރަށް ހޫރާލި ފޮއްޓެއް ޖެހުނު އަޑަށެވެ.

" އޭނައަކަށް ދެން މިގެއަކަށް ނުވަދެވޭނެ! ބައްޕަ ގޮވައިގެން ހޮސްޕިޓަލުން އަންނަން ވާއިިރަށް އެއްޗެހިތައް ބޭރުކޮށްލާނަން!"

ނާޝިޒްގެ އެއްޗެހި ފޮއްޓަށް އަޅަމުން އާތިކާ ކުދިކިޔަމުންދިޔައެވެ. ހީވާގޮތުން ވީ ދެރަޔަށްވުރެ ބޮޑަށް އޭނާ ހުރީ ރުޅިއައިސްފައެވެ.

***

" އަހަރެން ފަހުން ވަރަށް ވިސްނިން ޒައިއާމެދު! އޭނަ ހާދަ ދެރަވާނޭ! އަސްލު އެއްވެސް މީހެއްގެ ފަރާތުން އޭނައަށް ލޯތްބެއް ނުލިބުނެއްނު! އަހަރެމެން ދެމީހުންނަށްވެސް ވިސްނާނުލާ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން! "

ޓީ ރޫމްގައި އިނދެ ލޫޠު ވާހަކަދެއްކިއެވެ. މަރީވެސް އިނީ ވަރަށް ދެރަވެފައެވެ. ކުރެވުނު ކަންތަކާ ލަދުގަނެ ދެރަވެފައެވެ.

" ރީތި ގޮތުގައި މިކަން ކުރަން އުޅުނު ނަމަވެސް ރަނގަޅުވީސްކަންނޭނގެ! މަ އަދިވެސް ވަރަށް ލޯބިވޭ ޒައިދެކެ!"

އަސަރާއެކު ލޫޠު ބުނެލިއެވެ. ކޮފީތަށީގައި ސަމްސާ ހާކާލަ ހާކާލަ އަދިވެސް މަރީއަށް އިނދެވުނީއެވެ. ބުނާނެ އެއްވެސް އެއްޗެއް އޭނާގެ ހިތަކަށް ނައެވެ.

" ފޯންވެސް އޮފްކޮށްފަ އޮންނަނީ! ވަރަށް ގުޅައިފިން! ހީވަނީ ދެން އަހަރެމެންނަށް ޒައި ގެއްލުނީހެން…"

ލޫޠުއަށް ބަލާލަމުން މަރީ ބުނެލިއެވެ. ކުއްލިގޮތަކަށް ޒައިބާ އެރަށުން ދިޔުމުން ލޫޠުއަށްވެސް ވަރަށް އަސަރުކުރުވިއެވެ. އެ ޒުވާން ހިތުގައި އަދިވެސްވަނީ ޒައިބާގެ ސޫރައެވެ. އޭނާދެކެ ވެވުނު ލޯބި އަދިވެސް އޭގެ ތާޒާކަންމަތީގައި އޮތެވެ. ނަމަވެސް އެއީ ނާއުއްމީދުން ފުރިފައިވާ ލޯތްބެއްކަން ޚުދު ލޫޠުއަށްވެސް އެނގެއެވެ. އިތުރަށް އިންތިޒާރުކުރުމަކީވެސް ބޭކާރުކަމެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެހެން މީހެއްދެކެ އެފަދަ ވަރުގަދަ ލޯތްބެއް ވެވިދާނެކަމާމެދު އޭނާއަށް ޝައްކެވެ.

***

ޒައިބާވީތަނެއް ހޯދަން އަކްރަމް ނުހަނު ބޭނުންވެއެވެ. ނަމަވެސް އޭނާއަށް އެކަމަކުން އެއްވެސް ކުރިއެއް ނުލިބުނެވެ. ޔަޤީންވާގޮތުން ޒައިބާ މަންމަމެން ގާތަކަށް ނުދާނެއެވެ. ދުވަހަކުވެސް އެތާކަށް އޭނާ ނުދާނެކަން ޔަޤީނެވެ. ދެން ޒައިބާ ދާނެތަނެއް އަކްރަމަކަށް ނުވިސްނުނެވެ. އަދިވެސް އެއީ އަކްރަމްގެ އަނބިމީހާއެވެ. އޭނާގެ ޙައްޤެކެވެ. އޭނާގެ މިލްކެކެވެ. ވީއިރު ޒައިބާ އަކްރަމަށް އެނގިވެސްނުލާ ފުރައިގެންދާންވީ ކީއްވެހެއްޔެވެ؟ އެންމެ ކުޑަމިނުން އުޅެން ބޭނުންވިޔަސް، ނުވިޔަސް އަންގާނުލައެވެ. ކުޑަ ނޯޓެއް ނަމަވެސް ފޮނުވައެއް ނުލައެވެ. އެއްވެސް ޚަބަރަކާ ނުލާ، އޭނާ އެދިޔައީ އަކްރަމާ ދުރަށެވެ. ނަމަވެސް ޔަޤީނުންވެސް އޭނާގެ ހިތުން އަކްރަމް އަދިވެސް ނެރެ އެއްލައެއް ނުލައެވެ. ކަށަވަރުންވެސް އޭނާ އަދިވެސް ބޭނުންވަނީ އަކްރަމެވެ. އެލޯތްބެވެ. އެދިރިއުޅުމެވެ. އެއުފާވެރިކަމެވެ. ނޫންނަމަ އޭނާ ކޮންމެވެސް އިޝާރާތެއް ވީހެވެ. ނޫނީ އޭނާ އަކްރަމް ތަޅުވަނީބާއެވެ؟ އަކްރަމް އޭނާއަށް އެދޭވަރު ބަލާލަން ބޭނުންވަނީބާއެވެ؟ އަކްރަމްގެ ލޯބި އިމްތިޙާންކޮށްލަނީ ބާއެވެ؟

ތަފާތު އެކި ވިސްނުންތަކުން އަކްރަމްގެ ސިކުނޑި ތަޣައްޔަރު ވަމުންދެއެވެ. އެހެނަސް އޭނާ އުއްމީދު އާކުރީ ދުވަހަކުވެސް ޒައިބާ ދޫކޮށްނުލުމަށް ހިތާއިހިތުން ވަޢުދުވަމުންނެވެ.

( ނުނިމޭ )

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *