ވާހަކަ: އީރަމް (9)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

އިނާޒުގެ މަސައްކަތް މިހާރު އޮތީ ވިޔަފާރީގެ އިތުރުން ސިފައިން ގޭގައެވެ. އޭނާ ބަލަމުންދާ މައްސަލާގައި ރީނާޒުގެ ސަބަބުން ކިތަންމެ އެއްޗެއް ހާމަވެގެން ހިނގައްޖެއެވެ. ދެންއޮތީ އެންމެ ފަހުގެ މަރުހަލާއެވެ. މިހުރިހާ ކަމެއްގައި އުޅެމުންވެސް ދުވާލަކު ދެތިންފަހަރު ރީނާޒުގެ ހާލުބެލުމަށްޓަކައި އައިމަންއަށް ގުޅައެވެ. ފޭސްބުކުން ރީނާޒްއާއި ވާހަކަދައްކާ ހެދުމަށް އައިމަން އެހީތެރި ވެދެއެވެ.

 

"ރީނާޒް. މިހާރު މޫނުގެ ބޭސްގަނޑު ނަގަން ޑޮކްޓަރު އަންނާނެ." އައިމަން ވާހަކަ ދެއްކީ ވަރަށް އޯގާތެރި ކަމާއެކީގައެވެ.

"އަހަރެން ވަރަށް ބިރުގަނޭ."

"ބިރުނުގަނޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅު ވާނެ."

"ބޭސްގަނޑު ނެގުމުން ދެން ވަރަށް އަވަހަށް ރަނގަޅުވެދާނެ." ޑޮކްޓަރު ވަދެގެން އަންނަމުން ބުންޏެވެ. ޑޮކްޓަރު ރީނާޒްގެ ބޭސްގަނޑު ނެގިއެވެ. ރީނާޒްގެ މޫނުގެ ސިފަވަނީ ބަދަލުވެފައެވެ. އެއީ ރީނާޒްކަން އެނގޭ އެއްވެސް ސިފައެއް އެމޫނަކު ނުޖަހައެވެ. ނަމަވެސް އެއީ ރީތި މޫނެކެވެ. ބޮޑުލޮލެކެވެ. ކުރިއަށްވުރެ ފުރިހަމަވެފައި ރީއްޗެވެ. އައިމަން ވަގުތުން ރީނާޒުގެ ފޮޓޯ އީމެއިލް މެދުވެރިކޮށް އިނާޒަށް ފޮނުވިއެވެ. ދެތިންމަސްކޮށްފައި މާލެއައި ރީނާޒްވަނީ މުޅިން ރަނގަޅުވެފައެވެ. އައިމަންގެ އޯގާތެރިކަމާއި އެހީތެރިކަމަށް އިނާޒު ހެޔޮހިތުން ޝުކުރުވެރިވިއެވެ.

"އަން. މީއަހަރެން އައިމަންއަށް ދޭ ހަދިޔާއެއް" އިނާޒު ނޫޓުބޮޑިއެއް ނަގާ އައިމަންއަށް ދިއްކޮށްލިއެވެ.

"ސަރ. އެއީ އަޅުގަނޑުގެ ވާޖިބެއް ނޫންތޯ." ރުފިޔާގައި ހިފަން އިންކާރު ކުރަމުން އައިމަން ބުންޏެވެ. އައިމަން ފުރަތަމަ ފަހަރަށް ފައިސާގައި ހިފަން އިންކާރު ކުރުމުން އިނާޒު ހައިރާންވިއެވެ. އިނާޒު ވަރަށް ރަނގަޅަށް އައިމަންއަށް ބަލާލިއެވެ.

"ސަރ. އެކަހަލަ ކަމެއްނޫން." އައިމަން ލަދުވެތިކަމާއެކު އިސްދަށަށް ޖަހާލިއެވެ.

އައިމަންއާއި އިނާޒުގެ އެދުމުގެ މަތީން ރީނާޒް ގެސްޓްހައުސްގެ މަސައްކަތްތަކާއި ހަވާލުވިއެވެ. މަހެއްހާދުވަސް ވަންދެން ރީނާޒް ވަޒީފާއަށް ތައްޔާރުކުރީ އައިމަންއެވެ. އޭގެ ފަހުން އިނާޒުގެ ލަފާގެ މަތިން އައިމަން ފޮނުވީ ރަށުގައި ތައްޔާރު ކުރެވެމުންދާ މަސައްކަތްތައް ބެލެހެއްޓުމަށެވެ. އެއީ މިހާރު އިނާޒަށް އެންމެ މުހިންމު މަސައްކަތެވެ.  ހީކުރިވަރަށްވުރެ ރީނާޒު ހުޝިޔާރެވެ. މާޒީގެ އެއްވެސް ކަމަކާ ނުވިސްނާ އިނާޒުގެ މަސައްކަތާއިގެން އޭނާ ހަރަކާތްތެރިވާން ފެށިއެވެ. ވިޔަފާރީގެ ހުރިހާކަމެއް ދާވަރު އިނާޒު އަބަދުވެސް ރީނާޒާއި ހިއްސާ ކުރެއެވެ. ކޮންމެވަގުތަކުވެސް އިނާޒު ސުވާލުކޮށްފާނެތީ އޭނާ އަބަދުވެސް ހުންނަނީ ތައްޔާރުގައެވެ. ކުއްލިއަކަށް އޭނާއަށް އައި ފޯނަކުން މުޅިމީހާ ގަނޑުވި ކަހަލައެވެ. އޭނާއަވަހަށް އިނާޒަށް ގުޅިއެވެ.

"އިންޑޮނޭޝިޔާއިން މުދާއަރުވައިގެން ރާއްޖެއަށް އަންނަ "އީރްޝިޕިން103″ ސޯމާލިޔާގެ ފޭރޭބައެއްގެ އަތްދަށުވެއްޖެ." ރީނާޒު ކަންބޮޑުވެފައި އިނާޒަށް ޚަބަރުދިނެވެ.

"އަހަރެން އެބައަންނަން." އިނާޒު ފަސްވަރަކަށް މިނިޓްތެރޭ ހުރީ ގެސްޓްހައުސްގައެވެ.

"ވަރަށް ބޮޑުގެއްލުމެއް. ގާތްގަނޑަކަށް 10މިލިއަންރުފިޔާގެ ގެއްލުމެއް……"

"ފައިސާއެއްނޫން. މުޅިދިރިއުޅުން މިބައިގަނޑާއި ހެދި ނުރައްކަލަށް ދިޔައީ." އިނާޒު ދަތްކުނޑިވިކާލިއެވެ.

"ކީކޭތޯ……" ރީނާޒު ހައިރާންވިއެވެ. އައިމަންގޮތަށް ރީނާޒްވެސް އިނާޒަށް ވަރަށް އިހުތިރާމް ކުރެއެވެ. އޭނާގެ ބަރުބާދު ވެފައިވާ ހަޔާތް އާބާދު ކޮށްދިނީ ނުހަނު ދީލަތި ކަމާއި އެކީގައެވެ. އިނާޒުގެ ހަރުކަށިކަމަކީ ރީނާޒުވެސް ޖެހިލުން ވާކަމެކެވެ.

"އަޅާނުލާ. ކަމާބެހޭ ފަރާތްތަކަށް އަންގާ. ތިބޯޓެއް ދެނެއް ނުލިބޭނެ." އިނާޒު ނިކުމެގެން ދިޔައެވެ. އޭނާ މާބޮޑަކަށް ހާހެއް ނުވެއެވެ. ރީނާޒު މިކަމާ ވަރަށް ހައިރާންވިއެވެ. މިހާ ތަފާތު އިންސާނެއް އޭނާއެއް ނުދެކެއެވެ. އެބޮޑު ގެއްލުން ވީއިރު އޭނާ އެއްވެސް ކަމަކާ ކަންބޮޑު ނުވީ ކީއްވެބާވައެވެ؟ ރީނާޒު ދުވެފައިކަހަލަ ގޮތަކަށް އިނާޒުގެ ފަހަތުން ދިޔައެވެ. އިނާޒު މަރުވިކަމަށް ބެލުނު ފަހުން މިހާތަނަށް ކަންތައްވީގޮތެއް އަދިވެސް ރީނާޒަކަށް ނޭނގެއެވެ. އޭނާ އެހާ މުއްސަނދި ވީގޮތެއް ނޭނގެއެވެ.

"ކޮންމެވެސް ކަމެއް ކުރެވެން ޖެހޭނެނޫންތޯ. އޭގައި އަޅުގަނޑުމެންގެ ފަނަރަ މުވައްޒިފުން ވެއްޖެ." ރީނާޒް ހުރީ ވަރަށް ދެރަވެފައެވެ.

"އެކަކަށްވެސް އެއްކަމެއްވެސް ނުކުރެވޭނެ. އެމީހުން އެއަށްވުރެކުރިން މީހުންތައް މަރާނެ." އިނާޒު ހުއްޓުނެވެ. އަދި ރީނާޒަށް ބަލާލިއެވެ. ގޮތްހުސްވެފައިވާ ރީނާޒްގެ ހާލުފެނުމުން އިނާޒު އަނެއްކާވެސް ރުޅިއައެވެ.

"މިބައިގަނޑު ދުނިޔެއިން ނެތިކޮށްލެވޭނެ ގޮތެއްވެސްނެތް." އޭނާ ރުޅިއައިސްގެން އަތް މުއްކަވާލިއެވެ. އަދި ހުސް އަތްހޫރާލިއެވެ.

"އެކަމަކު……."ރީނާޒަށް އިނާޒު ދައްކާވާހަކަ ގަބޫލުކުރަން ދަތިވެއެވެ.

"ދެން އެކަމާ ވިސްނައިގެން ލިބޭނެ އެއްވެސް މޮޅެއްނެތް. އެހެންނޫންނަމަ އަހަރެންގެ ހަޔާތްވެސް ބަރުބާދެއްނުވީސް." އިނާޒު އަނެއްކާވެސް ދާން ހިނގައިގަތެވެ. އިނާޒު ދައްކާ ވާހަކައިން ރީނާޒް ބިރުގަނެއެވެ. އޭނާ ހަޔާތް ބަރުބާދުވީ ވާހަކަ މިދައްކަނީ ކީއްވެބާވައެވެ؟ ނަމަވެސް މި ހާދިސާއިން ބޯޓް ސަލާމަތް ކުރަން ނޫޅެނީ ކީއްވެބާވައެވެ؟ އޭނާއަށް ބޮޑުވާއެއްވެސް ކަމެއްނެތެވެ. މި ބޮޑު ހާދިސާ ހިނގުމުންވެސް އެދިޔައީއެވެ. އޭނާއަށް ކުރެވޭނެ ކިތަންމެ ކަމެއް އޮންނާނެއެވެ. ނޫނެކެވެ. އެއީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ. ކުރިން އޯގާތެރި ނަމަވެސް މިހާރު ވަރަށް ހަރުކަށި މީހެކެވެ. އޭނާއަށް ވަނީ ކޮންމެވެސް ކަމެއް ދިމާވެފައިކަން ޔަގީނެވެ. މިކަމެއް ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟ އިނާޒަށް ދިމާވީ ކޮންކަމެއްބާވައެވެ؟ އެމީހުން މަރާނެކަން އޭނާއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ ލާރިކޮޅެއް ދިނުމުން މީހުން ސަލާމަތްވެސް ވެދާނެ ނޫންހެއްޔެވެ؟

 

ބޯޓަށް ދިމާވި ނުރައްކާތެރި ހާދިސާގެ ފަހުން ދިހަ ދުވަސް ވޭތިވެއްޖެއެވެ. އިނާޒު ބުނިފަދައިން އެމީހުންނަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ބޯޓުގައި ތިބި ފަނަރަ މީހުން މެރިއެވެ. މުދާތައް ލޫޓުވިއެވެ. އަދި ބޯޓު ފައްތާލިއެވެ. އިނާޒުގާތުގައި އެވާހަކަ އިތުރަށް ދައްކާނެ ހިތްވަރެއް ރީނާޒްގެ ނެތެވެ. އިނާޒާމެދު އޭނާއަށް އަބަދުވެސް ވިސްނެއެވެ. އިނާޒުގެ ގާތްކަމަށް އޭނާއަށް އިންތިހާއަށް އެދެވެއެވެ.  އޭނާ އިނާޒާއި ގުޅެން ބޭނުންވާ ވާހަކަ ބުނަން ބޭނުން ވިއެވެ. އިނާޒު އިނީ ބެލްކަނީގައެވެ. ލެޕްޓޮޕުން މަސައްކަތެއް ކުރާށެވެ. ބިރުންހުރެ ރީނާޒް އިށީނެވެ.

"މިއަދު އަދި ދިމާވެސްނުވޭ." ކުރިން މަޖާކޮށް ސަކަރާތް ޖެހި ރީނާޒް އިނާޒާއި ވާހަކަދައްކަން މިހާރު ޖެހިލުން ވެއެވެ. އިނާޒުގެ މިޒާޖުގައިވާ ހަރުކަށިކަމަކީ އެއްވެސް މީހަކަށް ކުރިމަތިލާން ނުކެރޭފަދަ ހަރުކަށިކަމެކެވެ.

"އާނދޯ. ރީނާޒް ކަމަކުތަ؟" ރީނާޒަށް ބަލާވެސް ނުލާ އޭނާ ބުންޏެވެ.

"އިނާޒު އަދިވެސް ދިރިއުޅުމެއް ނުފައްޓަވަމެއް ނޫންތޯ؟" ރީނާޒަށް އެވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. އިނާޒު ރީނާޒަށް ބަލާލިއެވެ. އެ ހަރުކަށި ނަޒަރުން ރީނާޒް ޖެހިލުން ވިއެވެ.

"މާދަމާ އެބައޮތް ވަރަށް މުހިންމު ބައްދަލުވުމެއް. އެ ވަގުތު އެތަނުގައި ރީނާޒު ހުރުން ވަރަށް މުހިންމު." އިނާޒު މައުޟޫޢު ބަދަލުކޮށްލިއެވެ.

އެދުވަހުގެ ބައްދަލުވުމުގައި ބައިވެރިވީ އިނާޒާއި ރީނާޒުގެ އިތުރުން ވިޔަފާރީގެ ބައިވެރިޔާ ހަސީނެވެ. ރީނާޒަށް ދެތިންފަހަރަކު ހަސީން ފެނިފައިވެއެވެ. ނަމަވެސް ހަސީނަށް ރީނާޒް ފެނުނުމިއީ ފުރަތަމަ ފަހަރެވެ. ރީނާޒްއަކީ އޭނާ ނުހަނު އެދޭފަދަ ރީތި ކުއްޖަކަށް ވެއްޖެއެވެ. އެ ނަލަ މޫނު ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް ހަސީނުގެ ހިތް ބުނަމުން ދިޔައެވެ.  ހަސީނުގެ ނަޒަރު ރީނާޒާއި ދިމާއަށް ހުންނަކަން އިނާޒަށް ފާހަގަ ކުރެވެއެވެ.

"މިހާރު މިފެންނަނީ އިނާޒުގެ ސެކެޓްރީންނަށް އަންހެނުން ތިބޭތަން." މާނަފުންގޮތަކަށް ހަސީނު ބުންޏެވެ.

"އެކަހަލަ ކިތަންމެ ކަމެއް އަދި ފެންނާނެ." އިނާޒު ބުންޏެވެ.

ހަސީނު ދަމުން ދިޔައީ ރީނާޒަށް ސަލާން ކޮށްލާފައެވެ. އެވަގުތު ގަނޑުކޮޅެއްގައި އޭނާގެ ފޯނުނަންބަރު ޖަހާފައި ދިނެވެ. ބައްދަލުވުން ނިމެންދެން ހަސީނުގެ ހުރިހާ ހަރަކާތަކަށް އިނާޒު ފާރަލަމުން ދިޔައެވެ.

"ގަނޑުކޮޅުގައި އޮތީ ކޮންއެއްޗެއް؟" އިނާޒު އެހީ ރީނާޒް ގާތުގައެވެ.

"ފޯނު ނަންބަރެއް." ރީނާޒް ބުންޏެވެ.

"ގުޅާ. ތީ ހަސީންގެ ނަންބަރު."

"ނުގުޅޭނެ."

"ކީއްވެ."

"އަޅުގަނޑު ބޭނުންވަނީ ހަމައެކަނި އިނާޒު." ރީނާޒް ފެންކަޅިވިއެވެ. އޭނާ އިނާޒުގެ ގާތުގައި ހުއްޓުނެވެ.

"ތިކަން ވާނީ ކިހިނެއް؟" އިނާޒު އަނެއް ފަރާތަށް އެނބުރުނެވެ.

"ކީއްވެތަ ނުވާނީ. މިހާރު ރަނާއެއްވެސް ނެތް." ރީނާޒް ބުންޏެވެ. އިނާޒު އެއްވެސް އެއްޗެއް ނުބުނެ ނިކުތީއެވެ.

ރީނާޒް އިނާޒުގެ ދިރިއުޅުމަށް އަންނަން ބޭނުން ވާކަން ހާމަ ކޮށްދެވުމުން އިނާޒު އިންކާރު ކުރީތީ ރީނާޒް ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާގެ އަޒުމަކީ އިނާޒު ޙާޞިލް ކުރުމެވެ. އޭނާ މިހާރުވަނީ ވިޔަފާރިއާއި އިނާޒުގެ މަސައްކަތްތަކަށް ހޭނިފައެވެ. އާދައިގެ މަތީން ރީނާޒް އުޅުނީ ވަރަށް އަވަދިނެތި ލިޔެކިޔުންތަކެއް ބެލުމުގައެވެ. ކުއްލިއަކަށް އިނާޒު އެތެރެއަށް ވަދެގެން އައެވެ.

"މާ ނުގަޑިއެއްގަ ދުރުވީ އަނެއްކާ ކަމެއް ގޯސްވީތޯ؟" ރީނާޒް ބިރުން ހުރެ އަހާލިއެވެ.

"އަހަރެން ދިހަވަނަ ބުރިޔަށް މިދަނީ. އެތަން ހުޅުވާ!" އިނާޒުގެ ހަރުކަށި އަޑުން ބުންޏެވެ.

ރީނާޒްވެސް އިނާޒާއި އެކު ލިފްޓަށް އެރިއެވެ. މިފަދަ ކޮންމެ ހިނދުކޮޅަކު ރީނާޒް ވަރަށް އުފާވެއެވެ. އޭނާގެ މުޅި މަގުސަދަކަށް މިހާރު ވެފައިވަނީ އިނާޒުގެ އެކަނިވެރިކަން ފިލުވައި ދިނުމެވެ. އަނތްބެއް ދަރިއެއް އަހުލެއް ވަހުލެއްނެތް އިނާޒަށް އިންތިހާއަށް ލޯބިދޭން އޭނާ ބޭނުންވެއެވެ. ކުޑައިރުގެ ގާތްކަން ގުޅާލެވޭ ހަޔާތުގެ ބައިވެރިންނަށް ވާން ބޭނުންވެއެވެ. ހިތާމައަކީ އިނާޒު ގަބޫލުކުރެވޭ އުޒުރެއް ނުދައްކާ އިންކާރު ކުރާތީއެވެ.

 

އިމާރާތުގެ އެންމެ މަތީބުރީގެ ދޮރު ހުޅުވާލެވިއްޖެއެވެ. ކޮންމެއެއްޗަކުންވެސް ސިފަވެގެން ދަނީ މުއްސަނދިކަމެވެ. ލިފްޓުން އެރޭގޮތަށް ހުރި މި ބުރިވަނީ ޚާއްޞަގޮތަކަށް ފަރުމާ ކުރެވިފައެވެ. ރިމޯޓް ކޮންޓްރޯލުން ކަހާލެވޭ ގޮތަށް ހަރުކުރެވިފައިހުރި ސާފު ބިއްލޫރިގަނޑެވެ. މަތިންނާއި ވަށައިގެން ކަހާލެވޭގޮތަށް ހަރުކުރެވިފައިވަނީ ވަރަށް ރަނގަޅަށް ގޭގެ އެތެރެ ނުފެންނާނެ ގޮތަށެވެ. ތަނަވަސް ސުވިމިންޕޫލުގެ ކަނާތްފަރާތުގައި ކުޑަވަރެއްގެ ބަގީޗާއަކަށް ވާގޮތަށް ތަފާތު މާގަސްތަކުން ވަނީ ފުރާލެވިފައެވެ. ކޮންމެ ތަނެއް ހެދިފައިވަނީ މިޒަމާނުގެ ފަހުގެ އާލާތްތަކާއި ސާމާނުތައް ބޭނުން ކޮށްގެންނެވެ. ހަމައެކަނި ބޮޑުސިޓިންރޫމަކާއި މާސްޓަރ ބެޑްރޫމްފިޔަވައި ހުރިހާތަނެއްވެސް ވަނީ ބިއްލޫރިން ފަރުމާކުރެވިފައެވެ.

"ރީނާޒްގެ ބޭނުމެއް ދެންނެތް. އަހަރެން އަންގާލަންދެން ތިރިއަށްދޭ." އިނާޒުގެ ހަރުކަށި އަޑު އިވުމުން ރީނާޒު ސިއްސައިގެން ދިޔައެވެ. އިނާޒު ހަރުކަށި މިޒާޖު ފެނުމުން ރީނާޒް ޖެހިލުން ވިއެވެ.

ރީނާޒް ހުރީ ދާހިތަކުން ނޫނެވެ. އޭނާ މިއަދު އިނާޒު ގާތު އެތައް ސުވާލެއް ކުރަން ބޭނުންވެއެވެ. އޭނާ ދުވަހަކުވެސް އެތަނަކަށް އެރިތަނެއް ނުފެނެއެވެ. މިތަން ހުހަށް ބަހައްޓަނީ ކީއްވެތޯއެވެ؟ ކޮންމެއެއްޗެއްގައި"އީރް" ޖަހާފައިވަނީ ކީއްވެތޯއެވެ؟ އެކަމެއްގެ ސަބަބުން ދުނިޔޭގެ ހުރިހާ އުފަލެއް ގުރުބާން ކުރާވަރުގެ ބޮޑުކަމަކީ ކޮބައިތޯއެވެ؟ އެކަނިވެރިކަމާއި އަވަދިނެތި ކަމުގައި ދުވަސްތައް ނަގާލަނީ ކީއްވެތޯއެވެ؟ ރީނާޒަށް ކިޔައިނުދޭން އުޅޭ ބޮޑު ހާދިސާއަކީ ކޮބައިތޯއެވެ؟

"ބުނެފީމެއްނު އަހަރެން އެކަނިވެލާން ބޭނުމޭ." އިނާޒުގެ އަޑުގައި ހަރުކަށިކަން އިތުރުވަމުން ދިޔައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *