ވާހަކަ: އީރަމް (10)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

"އިނާޒު. ތިހާ ރުޅިދުރުވަނީ ކީއްވެތޯ؟ އެއްވެސް އިންސާނަކަށް އިސްވެ ވާހަކަ ދައްކާތަނެއް އަދި އަޅުގަނޑަކަށް ނުފެނޭ؟" ރީނާޒްވަނީ އިނާޒުގެ މިޒާޖަށް ހޭނިފައެވެ. އޭނާއަށް ގެއްލުމެއް ނުދޭނެކަން ރީނާޒަށް ޔަގީން ކުރެވެއެވެ. އެހެންމީހުންނާއި ރީނާޒާއި މެދުގައި ކިތަންމެ ކަމެއް ތަފާތުކަން އެނގެއެވެ. އެހެންކަމުން އިނާޒަށް އެންމެ މުހިންމު މީހަކަށް ވާންޖެހޭނީ ރީނާޒެވެ.

"އިނާޒު. ރުޅިދުރުނުވެ….." ރިނާޒަށް ނުބުނެވެނީސް އިނާޒު ގޮށްމުއްކަވާފައި ކައިރީގައިހުރި ގަހުގައި ޖެހިއެވެ. އޭނާ ވަނީ ރުޅިއައިސް ރަތްވެފައެވެ. ހަށިގަނޑު ތުރުތުރު އަޅައެވެ. ރީނާޒް މިފަހަރު ބިރުގަތެވެ. ނަމަވެސް އިނާޒު އެފަދައިން ވަނިކޮށް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ.

"ރުޅި މަޑުކުރައްވާ. އަޅުގަނޑު އިތުރު ސުވާލެއް ކުރާކަށް ނެތިން. އަޅުގަނޑު އިނާޒަކަށް ޚިޔާނާތެއް ނުވާނެކަން ޔަގީން ކުރައްވާ. ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ވާނަމަ އަޅުގަނޑާ ވާހަކަ ދައްކަވާލަނިކޮށް ވަރަށް ލުއިވެދާނެ." ރީނާޒު ހަމްދަރުދީވިއެވެ. އޭނާ އިނާޒަށް އެހީވާން ބޭނުންވެއެވެ.

"އެ ހަސީނަކީ….. އޭނާ…… މިހުރިހާ ދުވަހު މިއުޅެވުނީ އެ ކެހިވެރިޔާއާއެކު." އިނާޒު އަނެއްކާވެސް މުއްކަވާލެވިފައިވާ އަތުން ގަސްމުށީގައި ޖެހިއެވެ.

"މިގެއަށް މިއަންނަ ހަސީނުތޯ؟ އެއީ ހަމަ އެހާނުބައި މީހަކީތޯ؟" ރީނާޒް އިނާޒާއި ގާތްވެލިއެވެ.

"ކުރިން އަހަރެން ހީކުރީ އީރް އެކަނިކަމަށް. މިހާރު އެނގިއްޖެ… އަހަރެން އޭނާ ދުލެއް ނުކުރާނަން. އެ އިބިލީސް އަހަރެންގެ ދެއަތުން މަރާލާނަން." އިނާޒު ކުއްލިއަކަށް ހަރަކާތްކުރީ ނިކުންނާށެވެ.

ރީނާޒު ދުވެފައި ގޮސް އިނާޒުގެ ކުރިބެއްދިއެވެ. އަދި އޭނާ ނިކުތުމަށް ހުރަސްއެޅިއެވެ. މިހެން ނުހަދައިފިނަމަ އިނާޒު އެގޮތަށް އަމަލުކޮށްފާނެކަން އެނގެއެވެ. އޭނާއަށް ވަނީ އިނާޒުގެ ހަރުކަށި އަމަލު ކިތަންމެ ފަހަރަކު ފެނިފައެވެ.

"ދުރަށްދޭ." އިނާޒު ހަޅޭއްލަވައިގަތެވެ.

"މަޑުކޮށްލައްވާ. ރުޅިގަނޑުގައި މާ ނުބައިގޮތަކަށް ނަތީޖާ ނިކުމެދާނެ. އެހަށް ވިސްނާލެއްވުން ކިހިނެއްވާނެތޯ؟" އިނާޒުގެ ކުރިމަތިން ވާގޮތަށް ވަރަށް ކައިރިއަށް ރީނާޒް ހުއްޓުނެވެ. އިނާޒު އަދިވެސް ރުޅިމަޑެއް ނުވެއެވެ.

"އެއީ އެހާފަސޭހައިން މަރާލެވޭނެ މީހެއްނޫން. އެއަށްވުރެ އޭނާ ހުށިޔާރުވާނެ. އެހެންނޫނަސް މަރާލައިގެން މައްސަލައިގެ ހައްލެއް ނުލިބޭނެ. އަބަދުވެސް އަންނާނީ ގޮތް ހުސްވުމާއި ބަންދުވުން. އެހެންވީމާ އެހެންގޮތެއް ވިސްނެވުން މާރަނގަޅުވާނެކަމަށް ގަބޫލެއް ނުކުރެވޭތޯ؟" ރީނާޒް އަނެއްކާވެސް ބުންޏެވެ. އިނާޒުގެ ރުޅިމަޑުވެއްޖެއެވެ. އޭނާގެ މޫނުމަތިން ގޮތްހުސްވުމުގެ އަސަރުތައްފެނިގެން ދިޔައެވެ.

"ކީއްވެ…ކީއްވެތަ އޭނާ އެހެންހެދީ… އެހެންނޫންނަމަ މިއަދު އީރް…އަދި…" މިހިސާބަށް ބުނެވުނުތަނާ އަނެއްކާވެސް އޭނާ ރުޅި ގަދަވެއްޖެއެވެ.

"ރުޅިމަޑުކުރައްވާ. ހިތުގައިވާ ނުތަނަވަސްކަން ފިލުވާލައްވަން އަޅުގަނޑާ ތިވާހަކަ ހިއްސާ ކުރެއްވުން ކީއްވާނެތޯ؟ އަޅުގަނޑު ފުރާނަ ދިޔަޔަސް އިނާޒަށް ވަފާތެރި ވާނަން؟" ރީނާޒު ފެންކަޅިވެފައިވާ ލޮލުން ކަރުނަ ފޮހެލަމުން ބުނެލިއެވެ. އިނާޒު ދުރަށް ބަލާލިއެވެ. ރީނާޒް އެބުނީ ދޮގުވާހަކައެއް ނޫންކަން އޭނާއަށް ވިސްނުނީ ކަމަށްވެދާނެއެވެ. ވަށައިގެން ފެންނަމުންދިޔަ އިރުއޮއްސޭ ގުދުރަތީ ރީތި މަންޒަރަށް ބަލާލިއެވެ. ދެން މާނޭވާއެއްލިއެވެ. އަދި އޭނާގެ މާޒީގެ ޞަފްޙާތައް ރީނާޒްގެ ކުރިމަތީގައި ހުޅުވާލިއެވެ.

 

"ކުރިން އަހަރެން ބުނަމެއްނު ހުވަފެނަކީ މުއްސަނދިވުމޭ. މިހާރު ރީނާޒް އަބަދުވެސް އަހަމެއްނު އަހަރެން މުއްސަނދިވީ ކިހިނެއްތޯ؟ މި މުއްސަނދި ކަމަކުން އަހަރެންނަކަށް އުފަލެއް ނުލިބޭ. މިވާހަކަތައް އަހަރެން ދުވަހަކުވެސް މީހަކަށް ކިޔައެއްނުދެން. އެއީ އެތައް ނުރައްކަލެއް މީގައި ފޮރުވިފައިވާތީ." އިނާޒު މަޑުމަޑުން ބުނެލިއެވެ.

"އަޅުގަނޑަށް އެނގޭ. އެހެންނޫނަސް ކޮންމެ މުއްސަންޖެއްވެސް އުޅެނީ ކޮންމެވެސް ނުރައްކަލެއްގެ ތެރޭގައި. އަޅުގަނޑަށް ކިޔައިދެއްވާ. އިނާޒަށް އަޅުގަނޑުގެ ފަރާތުން ފައިދާއެއް ކޮށްފާނެ." ރީނާޒް ބުންޏެވެ.

********************

އިނާޒު ހޭއަރައިފިއެވެ. އޭނާއަށް މައްޗަށް ބަލާލެވުނެވެ. ވިއްސާރައިގެ އެއްވެސް އަސަރެއް ނުވާ ޖައްވުގައި ދަތުރު ކުރަމުން ދަނީ ދެތިން ވިލާރޮއްޖެވެ. މާސިންގާ ގަދަފަދަ ކަނޑު ވަނީ ތެޔޮފާންލާފައެވެ. ދާނެތަނަކަށް ދަންދެން އަހަރެން މިއޮތީ ކިޔަމަންތެރިކަމާ އެކީގައޭ ބުނާފަދަ މަޑުމައިތިރިކަމާ އެކުގައެވެ. އިނާޒު މަޑު ހަރަކާތެއް ކޮށްލިއެވެ. ލޯންޗް ބަންޑުންވި ހިސާބުން ފެށިގެން މިހާތަނަށް ހިނގި ހުރިހާކަމެއް ހަނދާންވިއެވެ. އޭނާގެ ދެލޮލުން ކަރުނަ އައެވެ. ގެނބެމުންދަމުންވެސް ދަރިފުޅު ހޯދާށޭ ބުނަމުން ދިޔަ ރަނާގެ އަޑު ކަންފަތުގައި ގުގުމަމުން ދެއެވެ. އެދެމަފިރިން އަބަދުގެ އަބަދަށްޓަކައި ވަކިވިމަންޒަރު ފެންނަހެން ހީވަނީއެވެ. ރަނާ ފެންނާނެ ކަމުގެ އުންމީދުގައި ހިތްވަރު އެލުވާނުލާ ފަތައިގަތެވެ. ހިކިފަސްތާކަށް ދެވޭތޯ ދަތުރު ފެށިއެވެ.

"ރަސްއައިން" ކިޔާ މަސްއޮޑިއެއް އޭނާއަށް ފެނުނެވެ. ހަށިގަނޑުގައި ހުރި ހުރިހާ ހަކަތެއް ބޭނުން ކޮށްގެން ދޯންޏާދިމާއަށް ފަތަން ފެށިއެވެ. ކަރުން ހަންދާވަރަށް ބާރަށް ހަޅޭއްލެވިއެވެ. އަތުން ހަނާއެޅިއެވެ. ނަމަވެސް އެދޯނީގެ އެއްވެސް ޚަބަރެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ ލޮލުކޮޅަށް އެދޯނި ގޮސް އޮބާލައިފިއެވެ. މާޔޫސްކަމާއި ގޮތްހުސްވުން އޭނާގެ އަޒުމް ބަލިކޮށްފިއެވެ.  ސަލާމަތްވާނެކަމުގެ އުންމީދުގެ ހުޅުކޮޅު ނިވާލިއެވެ.

ހަވީރުވާން އުޅެނީއެވެ. ބިސްގަނޑެއް ރޯފިލުވާލެވޭ ވަރުގެ ގަދަ ހޫނެވެ. ކާއެއްޗެއް އަރުތެރޭން އެތެރެނުވެ އޮންނަތާ ސައުވީސް ގަޑިއިރު ވެދާނެއެވެ. ހަށިގަނޑަށް ލިބެމުންދިޔަ ވަރުބަލިކަމަށް ކެތްކުރަންވަނީ ދަތިވެފައެވެ.  ދިރިއުޅުމުގެ އުންމީދު ގެއްލެން ފަށައިފިއެވެ. މިކަމުގައި  ދުވަސްތައް ތަކުރާރު ވަމުންދެއެވެ. ގައިގެ ހަންގަނޑު އަނދަމުން ގަދަކަޅުކުލައަށް ބަދަލު ވަމުން ދެއެވެ. ކާއެއްޗެއް ނުލިބުމުން ހަރަކާތް ކުރަން ދަތިވާވަރަށް ހަކަތަ ހުސްވަމުން ދެއެވެ.

ކުއްލިއަކަށް މާދުރުން އަންނަ އާގުބޯޓެއް ފެނުމުން ކަށިން ހިތްވަރުލާ ކުރިއަށް ޖަހަންފެށިއެވެ. ބާރަށް އަތްހޫރަން ފެށިއެވެ. އެބޯޓް އަންނަނީ އޭނާއާއި ދިމާއަށެވެ. ބޯޓުގައި ތިބިމީހުންނަށް އޭނާ ފެނިއްޖެއެވެ. ބޯޓުން ބޮއްކުރަޔާ އެއްވަރުގެ ކުޑަބޯޓެއް ބޭލިއެވެ. އެކުޑަބޯޓުން އިނާޒާއި ދިމާއަށް ވާގަޑެއް އެއްލިއެވެ. އޭނާ އެވާގަނޑުގައި ހިފުމާއެކު ލޯންޗުގައި ތިބި މީހުން ދަމަން ފެށިއެވެ.

އިނާޒު އެ ބޮޑު ބޯޓަށް އަރުވައިފިއެވެ. ޖަޕާނުގެ މިބޯޓަކީ  ހަކުރުހިފައިގެން އީރާނަށް ދަތުރުކުރަމުން ދާ ބޯޓެކެވެ. މުޅިންވެސް ޖަޕާނު މީހުން ހަރަކާތްތެރިވާ މި އުޅަނދުން އިނާޒަށް ލިބުނީ އޯގާތެރިކަމާއި ރަހުމެވެ.

ބޯޓުގައި އޭނާ އުޅޭތާ ތިން ދުވަސްވެއްޖެއެވެ. މަޑުމަޑުން ކެވެންފެށުމުން ސިއްހަތުވެސް ރަނގަޅުވާން ފެށިއެވެ. ސަލާމަތްވީތީ އުފާކުރަމުން ރާއްޖެއަށް ދެވޭނެދުވަހެއްގެ އިންތިޒާރުގައި ފޮނި އުންމީދު ކުރަމުން ދިޔައެވެ. ކޮޓަރީގައި އޮށޯވެލައިގެން އޮތް އިނާޒަށް ބޯޓުގެ މީހުން ހަރަކާތްތައް އަވަސް ވާތަން ފެނުނެވެ. އެމީހުން ދައްކާ ވާހަކައެއް ނޭނގޭތީ މާބޮޑަކަށް ހައިރާނެއް ނުވެއެވެ.

ކުއްލިއަކަށް ގަދައަޑަށް އަޑުފަށްގަޑެއް އިވެން ފެށިއެވެ. އިނާޒު ބޭރަށް ނިކުމެލީ އެއީ ކޮންއަޑެއްތޯ ބަލާލާށެވެ. ބޯޑުގެ ގިނަ މީހުން ވަނީ  ލެއިން ކަޅިވެފައެވެ. ބައެއް މީހުންގެ މޫނު ނޭނގޭވަރަށް ޗިސްޗިސްވެފައެވެ. ބިރުވެރިކަމާއި ހައިރާންކަމާއެކު ވަށައިގެން ބަލާލެވުނެވެ. ކަޅު އެންދެރިކުލައިގެ މީހުންތަކެކެވެ. ބޮލުގައި އަސޭމިރުސްސިފައަށް ހުރި އިސްތަށިތަކެވެ. ކޮންމެ މީހެއްގެ އަތުގައި ބޮޑެތި ބަޑިތަކެކެވެ. އެއީ ކަނޑުފޭރޭ ބައެކެވެ. ސޯމާލިޔާގެ ފޭރޭ މީހުންގެ ވާހަކަ އޭނާއަށް ވަނީ އެނގިފައެވެ. ރާއްޖޭގެ އެކިތަންތަނުން ފެންނަމުން ދާ ހާލުގައި ޖެހިފައިވާ މީހުން ކިތަންމެ ފަހަރަކު އޭނާއަށް ޚަބަރުން ފެނިފައިވެއެވެ. އެމީހުންނަށް ފެނުމުގެ ކުރީން ބަސްތާތަކެއްގެ ނިވަލުގައި ފިލިއެވެ.

ފޭރޭ މީހުން ބޯޓުގެ އެތަން މިތަން ބެލިއެވެ. އަގުބޮޑެތި ތަކެއްޗާއި ފައިސާތައް ނެގިއެވެ. މީހަކު ފެނިއްޖެނަމަ ބަޑިޖަހާ މަރާލައެވެ. އެމީހެއްގެ ޖީބުތައް ބަލައެވެ. ފިލައިގެން ހުރި ޖަޕާނު މީހަކު ފޯނުން ވާހަކަ ދައްކާތަން އޭނާއަށް ފެނެއެވެ. މި މީހާ ގުޅައިގެން މިހުރީ ޖަޕާނުގެ ސިފައިންނަށް ކަމެއް އިނާޒަކަށްވެސް ނޭނގެއެވެ. ކުއްލިއަކަށް އެމީހާ މެޔަށް ވަޅިއެއް ހަރާލާ އެމީހާ ކޮށްޕާލިއެވެ. އިނާޒުގެ ފައިބުޑަށް ވެއްޓުނު މީހާ ފެނުމުން ހަޅޭއް ލައިވައި ނުގަނެވުނީ ކިރިޔާއެވެ.

އިނާޒު އެވަޅި ދަމައިގަތެވެ. އޭނާގެ ނަފުސުގެ ދިފާއުގައި އެއީ މުހިންމު ކަމެއްކަމުގައި ދުއްޓެވެ. ވަޅި ފުރަގަހަށް ލައިގެން ސަމާލުވެގެން ހުއްޓެވެ. މީހަކު އޭނާއަށް ހަމަލަ ދިނުމުގެ ކުރިން އެކަމުން ސަލާމަތްވޭތޯ އެވެ. ކުއްލިއަކަށް ހެލްކޮޕްޓަރެއް ބޯޓުގެ މަތީގައި އުދުހޭތަން ފެނުނެވެ. ޖަޕާނުގެ ދިދަ ޖަހާފައިވާ މި އުޅަދުން ބަޑިޖަހާ އަޑު އިވެމުން ދިޔައެވެ. ކައިރީގައި އޮތް މަނަވަރަކުން ޖަޕާނުގެ ސިފައިންތަކެއް ބޯޓަށް އަރަމުން ދިޔައެވެ. އެމީހުން ބޯޓު ބަލާ ހަދަމުން ދިޔައެވެ. ފޭރޭ މީހުންގެ ތެރޭން ހަތިޔާރުތައް އުކާލާފައި އަމާން ދީފައި ތިބި ދެ މީހުން އެމީހުން އަތުލައިގަތެވެ.

އިނާޒު ވީއުފަލުން ފިލައިގެން ހުރި ތަނުން ބޭރަށް ނިކުމެލިއެވެ. އަތުގައި އޮތް ވަޅި އެއްލާލިއެވެ. އެމީހުންނަށް އިނާޒު ފެނުމާއެކު ދެއަތް ފުރަގަހަށްލާ ބިޑިއެޅުވިއެވެ. ވަޅިނަގާ ޕެކެޓަކަށް ލިއެވެ.

"އަހަރެން ދޫކޮށްލާ. އެމީހުންއެރީ އަހަރެންވެސް މި ބޯޓުގައި އިންދާ. މަށަކީ ރާއްޖެ މީހެއް. ހާލުގައި ޖެހިގެން މިބޯޓަށް އެރީ. ސަލާމަތް ކުރޭ." ދިވެހިބަހުން އޭނާ ގޮވަމުން ދިޔައެވެ. އިނާޒު ރޮމުން ދިޔައެވެ. އެއިން މީހަކަށް އޭނާ ކިޔާއެއްޗިއްސެއް ނޭނގެއެވެ. އެމީހުން އިނާޒުގެ އަނގަމަތީ ޓޭޕް އެޅިއެވެ. ފަހުން އިނާޒަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ނަމަވެސް އޭނާ ދެކޮޅުހެދުމުގެ ގޮތުން ހަރަކާތް ކުރަމުން ދިޔައެވެ. ސިފައިންގެ މީހަކު އޭނާގެ ބަނޑުގައި ކޮޅުފައިން ޖެހިއެވެ. އެވަގުތު އޭނާ ހޭނެތިގެން ވެއްޓުނެވެ.

އިނާޒަށް ލޯހުޅުވާލެވުނެވެ. ވަށައިގެން ބަލާލިއެވެ. އަނދިރި މާހައުލުގައި ކުރިން ހިނގަމުން ދިޔަ ހާދިސާތައް ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. ކުޑަ ވަގުތުކޮޅަކަށް އޭނާއަށް ހީވީ އަމިއްލަ ވަޒަނުގައި އޮވެވުނުހެންނެވެ.

"ރަނާ." އޭނާއަށް ގޮވާލެވުނެވެ. ކުއްލިއަކަށް ދޮރު ހުޅުވުނެވެ. މަޑު ބޮތްކެއްގެ އަލި ފާއްދާލައިފިއެވެ. ވަށައިގެން ރާނާފައިވާ ޖަލުގެ ކުޑަގޮޅިއަށް ބަލާލެވުނެވެ.  ސިފައިންގެ ދެ މީހުން އައިސް އޭނާގެ އަތުގައި ހިފާ ކޮށްޕަމުން ކަހަލަ ގޮތަކަށް އެކޮޓަރިން ނެރެފިއެވެ. ލޮލަށް އުދަނގޫވާވަރުގެ ގަދައައްޔެއް ހުރި ކޮޓަރިއަކަށް ލައިފާ އެމީހުން ނުކުމެއްޖެއެވެ. ކުޑަމޭޒެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައި އޭނާ އިށީނުމަށް އެކޮޓަރީގައި ހުރި މީހަކު އިޝާރާތް ކޮށްލުމުން އިށީނދެލިއެވެ.

އެމީހާ ސުވާލު ކުރަމުން ދިޔައެވެ. އިނާޒުވެސް ބުނެދެވޭ ގޮތަކަށް އޭނާގެ ހާލަތު ބުނަމުން ދިޔައެވެ. އިނާޒުގެ ހާލަތެއް އެމީހުންނަކަށް ނޭނގުނެވެ. އެއީ ކުށެއްނެތް ދިވެއްސެއްކަންވެސް އެމީހުންނަށް އެނގޭގޮތަކަށް އިނާޒަކަށް ބުނެއެއް ނުދެވުނެވެ. ކަޅުކުލައިގެ ހަންގަޑާއި ދެފުއްޖެހިފައިވާ ހަށިގަނޑުން ބުނެދެނީ ފޭރޭމީހުންގެ ސިފަތަކެވެ.  ވަޅިން ހަމަލާދީ ދެމީހަކު މަރާފައިވެއެވެ. އެ ވަޅިން ސާބިތު ކޮށްދެނީ އިނާޒުގެ އިގިލީގެ ނިޝާނެވެ. އުމުރަށް ޖަލަށްލުމުގެ ހުކުމް އޭނާއަށް ތަންފީޒު ކުރަން ޖެހުނެވެ.

 

ކުށެއްނެތް އިނާޒު ޖަލުގައި ގައިދު ކުރެވިއްޖެއެވެ. މިތަނުން އޭނާގެ ނޭވާ ނުހުއްޓުނީ ކިރިޔާއެވެ. ފަނޑު އަނދިރިކަމެއް ހުރި މި ކޮށި ބޮޑުމިން ބުނާކަށް ނޭނގެއެވެ. ނަމަވެސް ދުވާ ކުނިވަހުން ނޯށް ދަމާލަން ނުކެރެއެވެ. އިންސާނުންގެ ނަޖިސްވެސް ވަނީ އެތަނުގައެވެ. ވައިބޭރުވާނެ އެއްވެސް ދޮރެއްނެތެވެ. އެއްޗެއްގައި އަޅައިގެންފައި އިނާޒު ވެއްޓުނެވެ. ދެލޯބޮޑުކޮށްލާފައި ރަނގަޅަށް ބަލާލިއެވެ. މަރުވެގެން ކުނިވެފައިވާ ގަބުރެއް ފެނުމުން އޭނާގެ ވިންދު ހުއްޓުން ކަހަލައެވެ. ވަށައިގެން ބަލާލިއިރު މިނި ކަށިތައްވެސް ފެންނަން ހުއްޓެވެ. ލަފާކުރެވޭ ގޮތުގައި މިތަނަށްލާ މީހުން މަރުވުމުންވެސް ނުނެރެއެވެ. ހާލުދެރަ ވެގެން ނުތެދުވެވިފައިވާ ފަސްމީހުން ތިއްބެވެ. އެމީހުންވަނީ ހުއްޓުން އަރާފައެވެ. ގަބުއަރާފައެވެ. ޒާތަކަށް މޮޔަވެފައެވެ. މޫނުމަތީން ފެންނަނީ މާޔޫސްކަމާއި ގޮތްހުސްވުމެވެ. ލަފާ ކުރެވޭ ގޮތުގައި އެމީހުން މަރު އައިސް އެމީހުންގެ ފުރާނައިގައި ޓަކިޖަހާނެ ވަގުތަށް އިންތިޒާރު ކުރަނީއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *