(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"ކަލޭ މިތަނަށް ވަނީ ކިހިނެއް؟" އީރަމް ބަލި އަޑަކުން ބުނެލިއެވެ.
"އެހެރަ ތަނުން." އަތުން އިޝާރާތްކޮށްލާ ބާގަނޑު ދައްކާލިއެވެ.
"ސިފައިންނަށް އެނގިއްޖެ ނަމަ އަހަރެމެން ދެމީހުން މަރާލާނެ."
"ކޮބާ މައްސަލައެއް. އުމުރަށް މިތާ އެކަނިމާ އެކަނި މިހާލުގައި އުޅުމަށްވުރެ މަރާލިޔަސް މާރަގަނޅު."
"އުމުރަށް…… ކަލޭ ޖަލަށް ވަންނަން ކުރީ ކީއް؟"
"އެއްވެސް ކުށަކާއި ނުލާ. ކަލޭ ކުރީ ކީއް؟"
"މީހަކު މަރާލީ."
"މަރާލީ…" އިނާޒަށް ގަބޫލުކުރަން ދަތިވިއެވެ.
"އެންމެ މީހެއް ނޫން…" އީރަމް ބުންޏެވެ.
އިނާޒު ހުއްޓުން އެރިއެވެ. ހައިރާންވެގެން ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. އެހާ ރީތި ކުއްޖަކު މީހަކު މަރާފާނެ ބާވައެވެ؟ ބަލާލާފައި އެއީ ކުށެއް ކުރާނެ ކުއްޖެއްހެންވެސް ހީނުވާ މައުސޫމް ކަން ލިބިފައިވާ ކުއްޖެކެވެ. އެވަގުތު ދޮރުގެ ތަޅުގައި މީހަކު ހިފާލި އަޑު އިވުނެވެ.
"ދުވޭ. އެމީހުން އެއަންނަނީ." އީރަމް އިނާޒުގެ ބުރަކަށީގައި އަޅާ ކޮށްޕާލިއެވެ. އިނާޒު ދުވެފައިގޮސް ޖާލީގަނޑު ނައްޓާލާ އެތެރެއަށް ވަދެގެންފިއެވެ. އަދި ކުރިން ހުރިގޮތަށް ޖާލީގަނޑު ހަދާލާ ހަމަޖައްސާލިއެވެ. ސިފައިންނަށް ނުފެނުނީތީ ހަމްދުކުރިއެވެ.
ސިފައިންނަށް ވަދެވުމާ އެކުހެން ވަށައިގެން އެތެރެ ބަލާލިއެވެ. ހަށިގަނޑު ވަރުގަދަ ނުބައި ފާޑަކަށް މޫނު ހުރި ބިޔަ މީހަކީ އޮފިސަރުގެ އެހީތެރިޔާއެވެ. މި މީހަކު ޖާލީގަނޑު ކައިރިއަށް ދިޔައެވެ. އަދި ޝައްކުވާފަދަ ގޮތަކަށް ޖާލީގަނޑަށް ބަލަމުން ކައިރިއަށް ދިޔައެވެ.
"މި ޖަނަވާރުގެ މައްސަލައެއް ހުރިހެނެއް ހިއެއްނުވޭ. އާދޭ." އޮފިސަރު ގޮވާލި އަޑަށް މި އޮފިސަރުގެ އެހީތެރިޔާ އީރަމް ގާތަށް ދިޔައެވެ.
ސިފައިންނަށް އެތެރެއަށް ވަނުމުގެ ސިކުންތެއް ލަސްވިނަމަވެސް އިނާޒު ފެނުނީހެވެ. އޭނާއަށް ސިފައިންގެ މީހާ ދައްކާ ވާހަކަ އަޑުއިވުނަސް ކިޔާއެއްޗެއް ނޭނގޭތީ ނިދާކަމަށް ހަދައިގެން މަޑުމަޑުން އޮތެވެ. ހިތް ބާރަށް ތެޅެމުން ދެއެވެ.
"ބަލާލީމާ އެނގޭނީ." އެމީހާ އީރަމްއާއި ގާތަށް ޖެހިލިއެވެ. އެމީހާގެ ނިޔަތް އެނގުމުން އީރަމް އެމީހާގަޔަށް ކުޅުޖެހިއެވެ.
"ރައްކާވޭ. ކިހާބޮޑު އުނދަގުލެއް." އީރަމްވެސް އެމީހުން ވާހަކަ ދައްކާ ބަހުން ވާހަކަ ދެއްކިއެވެ.
"އާދޭ. މިރޭ މާ ލަސްވެއްޖެ." އޮފިސަރު ހުރީ ފޫހިވެފައެވެ. އެހެންކަމުން ނިކުމެލަމުން ބުންޏެވެ.
"މަޑުކުރޭ." އޮފިސަރުގެ އެހީތެރިޔާ ފާރާ ކައިރިވެލާ އިނާޒާއި ދިމާއަށް ބަލާލިއެވެ. ގަދަ ނިދީގައި ކަމަށް ފެނުނު އިނާޒު އެއްވެސް ކަމެއް ނުކުރާނެކަން އެމީހާއަށް ޔަގީންވީ ފަދައެވެ. އޭނާވެސް އަޅާނުލާ ނިކުމެގެން ހިނގައްޖެއެވެ.
ދަންވަންދެން ހޭލާ ހުރުމުގެ ސަބަބުން އިނާޒަށް މިއަދު ނިދުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ހޭލެވުނީ ގަދަ އަޑުތަކެއް އިވޭތީއެވެ. ދެލޯފޮހެލާ އަޑު އިވޭދިމާއަކަށް ބަލާލިއެވެ. ގޮޅީގެތެރޭގައި އިވެމުންދިޔަ އަޑު އޭނާ ހާސްކުރުވަމުން ދިޔައެވެ. މަޑުމަޑުން ފާރާ ކައިރިވަމުން ގޮސް ހުއްޓުން އެރީ ފެންލައިޓް ހެލޭތީއެވެ. ދެތިން އޮފިސަރުންވެގެން އެފެން ލައިޓް ނައްޓާލިއެވެ. އަދި އެތަނަށް ސިމެންތި އަޅާ ބެއްދިއެވެ. ދެން އެއަށްވުރެ މަތީގައި ކުޑަކުޑަ ބާގަނޑެއް ހަދާ ވަރުގަދަ މާއްދާއަކުން ހަދާފައިހުރި ފެންލައިޓެއް ހަރުކޮށް ރަނގަޅަށް ސިމެންތި އަޅާ ބައްދައިފިއެވެ.
ސިފައިންގެ މީހުން ނިކުތުމުން އިނާޒު ފާރާ ކައިރިވެލިއެވެ.
"އީރަމް. ކިހިނެއް މިވީ؟"
"އެމީހުން ޖަލު މަރާމާތު ކުރަނީ."
"އެމީހުންނަށް އެނގުނީތަ؟"
"ހިޔެއްނުވޭ. އެމީހުން ދެއްކިވާހަކައިން މަށަށް އެއްޗެއް ސާފުވި."
"އެމީހުން ހީކުރީ އަހަރެންނަށް އިނގިރޭސި ނޭނގޭކަމަށް. އެހެންވެ އެމީހުން އިގިރޭސިން ވާހަކަދައްކަމުން ބުނީ ކުރީރެޔަކު ދެމީހަކު ފިލައިގެން ދިޔަކަމަށް. ވަރަށް ގިނަ ފެންލައިޓްތައް ހުރީ ބާވެފައިކަމަށް. އެހެންވެ މަރާމާތުކުރާ ތަންތަން މަރާމާތު ކުރަން ޖެހެނީކަމަށް."
"ހާދަ ދެރަޔޭ ދޯ." އިނާޒު މާނޭވާއެއް ލިއެވެ.
ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމެއް އެދެމެދުގައި ހިނގައްޖެއެވެ.
"ދެން ފެންނާނެ ގޮތެއްވެސް ނެތްދޯ." އިނާޒަށް ބުނެލެވުނެވެ.
އިނާޒުގެ އާދަޔަކީ ފާރުގައި ލައްވެގެން އިނުމެވެ. އޭނާއަށް އީރަމްއާއި ބައްދަލު ނުކުރެވޭތީ ލިބޭ ހިތްދަތިކަމަށް ކެތްކުރެވޭ ވަރެއް ނޫނެވެ. ޒަމާންތަކަކަށްފަހު އަމިއްލަ ގައުމުގެ ކުއްޖެއް ފެނުނީ ހިނދު ކޮޅަކަށެވެ. އެންމެ ރެޔަކު ފެނިލުމަށްފަހު ގެއްލުމުން ލިބެނީ ހާދަ ފުން ހިތާމައެކެވެ. އެއްފޫޓު ބޯ ފާރެއްގެ ނިވަލުގައި އަޑު ޖެހޭ ހިސާބުގައި ހުރެމެ ނުފެނި ހުރުމަކީ އޭނާއަށް ލިބޭ ބަޔާންނުކުރެވޭފަދަ ހިތާމައެކެވެ. ޖަލުގެ ނުބައި ކެއުމަށް އާދަވެފައި ވިޔަސް މިހާރު އޭނާއަށް ކެއުން ދަތިކަމަކަށް ވެއްޖެއެވެ. މިގޮތުގައި މަސްދުވަސްވެގެން ދިޔައިރު އިނާޒުގެ ހަށިގަނޑު މާބޮޑަށް ނިކަމެތި ވެއްޖެއެވެ.
ފަތިހުގެ ވަގުތެވެ. އިނާޒު އިނީ ހޭލައެވެ. އާދައިގެ މަތީން ދުންފިނީގެ އަސަރުން އިނާޒަށް ކެތްކުރެވޭ ވަރެއް ނޫނެވެ. އިނާޒު ފާރުގައި ލައްގަނެލައިގެން އިނެވެ. އެހެން ރޭރެއަށްވުރެ މާގަދަޔަށް ދުމުގެ އަސަރު ކުރަމުން ދާ ކަމުގެ އިހުސާސް އޭނާ ކުރެވެން ފެށިއެވެ. ހަމައެވަގުތު ހަވަނަ ހިއްސު ވިސްނައިދެމުން ދިޔައީ ކަމެއް ގޯސްވާކަމެވެ. އިރުކޮޅަކުން ކަޅު ބޯ ދުންތަކެއް އެ ގޮޅިއަށް ވަނެވެ.
"މަންމާ. ސަލާމަތްކުރޭ…"އީރަމް ގޮވަމުން ދިޔައެވެ.
"އީރަމް….އީރަމް. ކިހިނެއް މިވަނީ؟" ފާރުގައި ދެއަތުން ތަޅަމުން އިނާޒު ގޮވަމުން ދިޔައެވެ.
"އަލިފާން. އެހެރަ ހިފަނީ އަލިފާން." އީރަމް ބާރަށް ރޮމުން ދިޔައެވެ.
"މަންމާ.." އީރަމްގެ އަޑު ކެނޑިއްޖެއެވެ. އިނާޒު ބިރުން ހަޅޭއްލަވަމުން ދިޔައެވެ. އޭނާގެ ސަލާމަތަށް ވުރެ ބޮޑަށް އީރަމްގެ ގެ ސަލާމަތްކަމަށް އެދެވެމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ވެއްޓިއްޖެއެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ލޯމެރެމުންގޮސް އެއްކޮށް ލޯމެރިއްޖެއެވެ. އެކަކު އަނެކަކަށްވެސް އެކެއްގެ ހާލެއްވެސް އޮޅުމެއް ނުފިލާ ހާލުއެވެ. މި ކެހިވެރި ދުނިޔެ އެއިން އެކަކަށްވެސް ރަހުމެއް ނެތިއެވެ.
އިނާޒަށް ލޯ ހުޅުވާލެވުނެވެ. އަލި ގަދަކަމުން އޭނާ ލޯ މަރާލިއެވެ. ކަނާތް އޭނާގެ ލޯ މަތީގައި ބާއްވާލިއެވެ. މަޑުމަޑުން ލޯ ހުޅުވާލިއެވެ. ވަށައިގެން ބަލާލިއެވެ. މުޅި ސަރަހައްދުގައި އަތުރާފައި ހުރި އެނދުތަކުގައި ފިހިފައި ތިބިމީހުންނާ މަރުވެފައި ތިބިމީހުން ބައިވަރެވެ. ހުދުބެންޑޭޖުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ނިވާ ކޮށްފައިވާ މީހުންވެސް ތިއްބެވެ. މުޅި ތަނުން ފެންނަނީ ވޭނާއި ރިހުމުގެ އަސަރުތަކެވެ. މަޑު ފިޔާތޮށި ކުލައިގެ ޔުނީފޯމުތައް ލައިގެން ތިބި ނަރުހުން އެމީހުންނަށް ފަރުވާ ކުރަމުން ދެއެވެ.
އިނާޒަށް އެރީތި އީރަމްގެ ހަނދާން އައުމާއެކު ތެޅިގަނެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. އީރަމް ފެންނަން ނެތުމުން ކަންބޮޑުވިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ހޯސްލާފައި ކޯތާފަތްމައްޗަށް ފައިބައިގަތެވެ. އަތަށް ގުޅާފައިވާ އައިވީ ނައްޓާލާ އެނދުން ފޭބިއެވެ. އަދި ފަހަރަކު އެނދެއް ކައިރިއަށް ގޮސް ފޮތިގަނޑު އަޅާފައިވާ މީހުންގެ ފޮތިގަނޑުވެސް ނަގާ ބަލަމުން ދިޔައެވެ. އެންމެ ފަހުން އޭނާ މާޔޫސްވިއެވެ. އޭނާގެ އެނދުގައި މަޑުމަޑުން އޮށޯވެލިއެވެ. ގޮތްހުސްވެފައި ހާލު އޭނާ ލޯމަރާލިއެވެ.
"އިނާޒު." މީހަކު އޭނާއަށް ގޮވާތީ ލޯހުޅުވާލިއެވެ. އެއަޑަކީ އޭނާ އުންމީދު ކުރަމުން ދިޔަ އީރަމްގެ އަޑެވެ.
" ކޮންތާކުން ތިޔައީ؟ އަހަރެން ވަރަށް ހޯދައިފިން." އިނާޒު ބުންޏެވެ.
"އެއްވެސް ތާކަށް ނުދަން. މި އެނދުން ދުރަކަށް ނުދަން. ތާކަށް ދާނެ ހިތްވަރެއް އަހަރެންގެ ނެތް." އީރަމް ބަލިއަޑަކުން ބުންޏެވެ.
" ނޫން އީރަމް. ހިތްވަރުކުރޭ." އިނާޒު އީރަމްއާއި ގާތްވެލިއެވެ. އޭނާ އޮތް އެނދުގެ މަގަތުގައި އިށީނދެލިއެވެ. ފުން ނަޒަރަކުން އޭނާއަށް ބަލާލިއެވެ. އަތުގެ ބޮޑުބަޔަކާއި ވާތުފައިގައި ވަނީ ބެންޑޭޖް އަޅާފައެވެ. ކަނދުރާއިން ބޮޑުބައެއް ފިހި ބޭސް އުގުޅާފައެވެ. އޭނާ އީރަމްގެ ކަނާތުގައި ހިފާލިއެވެ.
"ހިތްވަރުކުރޭ. އަދި އަހަރެމެން މި ބިރުވެރިކަމުން ސަލާމަތްވާނެ." އުންމީދެއް ނެތް ގޮތެއްގައި އިނާޒު ބުނެލިއެވެ.
"ތިއީ އަހަރެން ހިތްހަމަޖައްސަން ބުނި އެއްޗެއް. އިނާޒަށްވެސް އެނގޭނެ މި ޖަލުން އަހަރެމެން ސަލާމަތެއް ނުވާނެކަން. އުމުރަށް ޖަލަށްލާފަ ތިބިބަޔަކަށް ކުރެވޭނީ ކޮން އުންމީދެއް." އެއްވެސް އަސަރެއް ނެތްގޮތަށް އީރަމް ބުނެލިއެވެ.
"ނޫން. މާތްﷲ އަހަރެމެންގެ ހާލު ދެނެވޮޑިގަންނަވާ. އެކަލާނގެ އަހަރެމެންނަށް އިންސާފު ދެއްވާނެ." އިނާޒު އެލޯބި ކުއްޖާގެ ބޮލުގައި ފިރުމާލިއެވެ. މިފަހަރު އިނާޒަކަށް ހިތްވަރެއް ނުކުރެވުނެވެ. އީރަމް ހިތްވަރު ދޭން އުޅުނު ނަމަވެސް އޭނާ ވަނީ މާބޮޑަށް ދެރަވެފައެވެ. ހަގީގަތުގައި އޭނާއަކަށްވެސް މި ނުރައްކާތެރި ނާމާން ޖަލުން މިނިވަންވާނެ ކަމުގެ އުންމީދެއް ނެތެވެ. އޭނާގެ ލޯވަނީ ކަރުނައިން ފުރިފައެވެ. އިނާޒަށް ފެނުމުގެ ކުރިން އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.
"އިނާޒު ކީއްވެ ރޮނީ؟ އިނާޒުގެ އުންމީދު ކަނޑާނުލާ." އީރަމްއަށް ހިތްވަރުގަދަ އިނާޒު ބަލިވާތަން ފެނުނު މީފުރަތަމަ ފަހަރެވެ. މި ހުރިހާ ދުވަހު އޭނާއަށް ފެނުނީ އަޒުމް ވަރުގަދަ ފިރިހެނެކެވެ.
"އީރަމް ނޫން. އަހަރެން މިދެރަވަނީ މިލޯބިލޯބި އީރަމްއަށް ވޭން އަޅަމުން ދާތީ." އޭނާ އީރަމް ނިތްކުރިއަށް ދޮނެއް ދިނެވެ. ފުރަތަމަފަހަރަށް އޭނާގެ ހިތުގައި އޮތް ލޯބި މިފަދަ ލަފުޒުތަކެއްގެ ސިފައިގާ ނިކުތުމުން އީރަމް ހިތުގައި އިނާޒަށްޓަކައި އޮތް ގަދަރު އިތުރުވެގެން ދިޔައެވެ.
"އިނާޒު… އަހަރެން ބިރުގަންނަނީ."
"ބުނެދޭކަށް ނޭނގެ. އަހަރެން ޖަލުގައި މިވީހާ ދުވަހު ދިރިއުޅުމުގެ އުންމީދެއް ނެތް. ނަމަވެސް މިހާރު މި ޖަލުން ސަލާމަތް ވާކަށް ނޭދެން."
"ކީއްވެ؟ ތިއީ ހައިރާންވާންޖެހޭ ކަމެއް؟ އީރަމް ސީރިއަސް ނަޒަރަކުން އިނާޒަށް ބަލާލިއެވެ. މިސުވާލު ކުރިއަސް ހަގީގީ ޖަވާބު އޭނާއަށް އެނގެއެވެ.
"އީރަމް." އިނާޒު އީރަމްއަށް ބަލާލިއެވެ. ރީތި ކަމުގެ އެންމެފުރިހަމަ މި އަންހެން ކުއްޖާ ނުފެންނަހިސާބެއްގައި އޭނާއަށް އުޅުމަކީ އުނދަގޫކަމެކެވެ. މި ޖަލުގެ ހުރިހާ އުނދަގޫތަކާއި ދަތިކަށްވުރެވެސް އެކުއްޖާއާއި ނުލާ އުޅުން އޭނާއަށް އުނދަގުލެވެ.
"އީރަމްއާއި ދުރުވާންޖެހިއްޖެ ނަމަ އަހަރެން ދިރިހުރުމަށްވެސް އުނދަގޫ ވެދާނެ." އިނާޒު އީރަމްގެ އަތުގައި ހިފާލިއެވެ. އަދި އެއަތް ނަގާ އޭނާގެ ކޯތާފަތުގައި ޖައްސާލިއެވެ. ލޯމަރާލިއެވެ. ދެން އިސްޖަހާލިއެވެ. މިގޮތުގައި އިރުގަނޑެއް ވެއްޖެއެވެ. ބުނާނެ އެއްޗެއް ނެތީކީ ނޫނެވެ. ހިތުގައި އަޅާވޭނާއި ކެކުޅުންތައް ގިނަކަމުން ވާހަކަދައްކަން ދަތިވަނީއެވެ.
"އަހަރެންނަށް މި ހުރިހާ ދުވަސްތަކުގައި ލިބުނު އެންމެ ބޮޑު ހިތްދަތިކަމަކީ އިނާޒާއި މުއާމަލާތު ނުކުރެވުން. އެ ޖާލީގަނޑު ނުބައްދާއިރު ކިހާ ރަނގަޅު."
"ދެން ނުރޮއި. އީރަމް ރަނގަޅު ވަންދެން އަހަރެމެން ބައްދަލުވާނެކަން ޔަގީން." އިނާޒަށް ހަގީގަތެއްނެތް އުންމީދެއް އީރަމް ލައްވާ ކުރެވޭތީ ދެރަވެއެވެ.
"ތިހެންބުންޏަސް އަހަރެންނަށް އެނގޭ ތިއީ ނުވާނެ ކަމެއްކަން. އެންމެ ސިކުންތު ކޮޅަކަށްވެސް އަހަރެންގެ އިތުބާރެއް ނެތް. ދެން ކުރިމަތިވާނީ ކޮން މުސީބާތެއް ކަމެއް ނޭނގެ." އެންމެފަހުން އީރަމްވެސް އިނާޒުގެ އަތުގައި ހިފާލިއެވެ.
(ނުނިމޭ)
