ވާހަކަ:"އީރަމް (14)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ބޮޑު ފެންޑާގައި ޒަމާނުގެ ފަރުނީޗަރެވެ. އެއްފަރާތުގައި ހުރި ފަތާފެންގަޑު ކައިރީގައި ބޮޑު ދެ ކުއްތާ ފާރައަށް އޮތެވެ. އަނެއްފަރާތުގައި ހުރި ބޮޑު ލައިބްރަރީއެއްފަދަ ފޮތް ހަރުގަނޑު ތަކަކީ މާލޭގައި އީރަމް ކިޔަވަން އުޅުނު ސްކޫލަށްވުރެވެސް ބޮޑު ތަނެކެވެ. މުއްސަނދިކަމާއި ފަންނު ވެރިކަމުން ޖަރީވެފައިވާ މާސިންގާ ބޮޑު ގެއެކެވެ. އެހިސާބުން އެ މުސްކުޅި އަންހެން މީހާ ހިނގައްޖެއެވެ. ދެން އެތަނަށް އައީ އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. އާދައިގެ އިންސާނަކަށްވުރެ މާބޮޑު ފަލަ މީހެކެވެ. އެފްރިކާ ނަސްލުގެ ކަޅު މި މީހާ ފެނުމުން އީރަމް ބިރުން ރޫރޫއަޅައިގަތެވެ.

"ގޯހެއްނޫން." އިގިރޭސިން ބުނެލިއެވެ. އަދި  އީރަމްގެ މޫނުގައި ފިރުމާލިއެވެ.

އެމީހާ އަނބުރާލާފައި އެތެރެއަށް ވަނެވެ. ހަމައެޔާއެކު ދެ ފިރިހެނުން އީރަމްގެ ގާތަށް އައެވެ. ކެއުމަށްޓަކައި އީރަމް ގެންދެވުނު ތަނަކީވެސް ބޮޑު ރެސްޓޯރެންޓަކަށްވުރެ ތަނަވަސް ފުރިހަމަ ތަނެކެވެ. ވާނުވާ ނޭނގޭތީ އީރަމް އަދިވެސް ހުރީ ބިރުންނެވެ. ކާންގެނައި މީރުހާ ތަކެތިންވެސް ކުޑައެތިކޮޅެއް ކާލާނެ ހިތްވަރެއް އޭނާގެ ނެތެވެ. ދެން ގެންދިޔައީ ކޮޓަރިއަކަށެވެ. އެންމެ މިޒަމާނުގެ ޓެކްނޮލޮޖީން ހަދާފައިވާ މި ކޮޓަރި އެހާމެ ބޮޑެވެ. އެމީހުން ދިއުމުން އީރަމް ފެންވަރާލާ ތާޒާވެލިއެވެ. އަދި އަރާމު އެނދުގައި އޮށޯވެލިއެވެ. ކުއްލިއަކަށް ހޭލެވުނީ ކަޅު ފުރޭތައެއް ފެނިގެންނެވެ.

"މަންމާ." އީރަމްއަށް ހަޅޭއްލަވައިގަނެވުނެވެ.

"ކުޑަކުޑަކުއްޖާ. ބިރުނުގަނޭ." ކުރިންފެނުނު ކަޅު ބޮޑުމީހާ ފެނުމުން އީރަމް ބިރުގަތީކަން އެމީހާއަށް އެނގުނެވެ.

"އަހަރެންނަކީ ޖޯން." އެމީހާ އީރަމްގެ އަތުގައި ހިފާލިއެވެ. އޭނާއަށް ބިރުންގޮސް ހެދޭ ގޮތެއް ނޭނގެއެވެ. އަޑުގެ ނެތްކޮޅަށް ބާރަށް ރޮނީއެވެ.

"ކަލެއަށް އަދި ވަގުތު ބޭނުންވޭ. އަހަރެން ދެމަސް ފަހުން އަންނާނަން. އެދުވަސްތަކުގައި ކަލޭ ހުންނަންވާނީ ޖަޕާންބަހުން ރަނގަޅަށް ވާހަކަދައްކަން ދަސްކޮށްގެން. އަހަރެންނަށް މަރުހަބާ ކިޔަންޖެހޭނީ މި ކޮޓަރީގައި." އެމީހާ ނިކުމެގެން ހިނގައްޖެއެވެ.

"ޖަޕާން ބަހުން. އަހަރެންނަށް މިހުރެވުނީ ޖަޕާންގައިބާ؟" އީރަމްއަށް ބުނެލެވުނެވެ.

މިވީ ދެމަސް ދުވަސްތެރޭގައި އޭނާއަށް ޖަޕާނުބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމަށްޓަކައި ދެމީހުން އަބަދުވެސް އުޅެއެވެ. އެ ބޮޑުގެއިން އޭނާއަށް އަންހެނަކު ނުފެނެވެ. އޭނާގެ އެހީތެރިޔަކަށް އެހެން ދެފިރިހެނުން އުޅޭއިރު އެގެއިން އިތުރު އެއްވެސް މީހަކު އޭނާއަކަށް ނުފެނެއެވެ. ނަމަވެސް ހުރިހާކަމެއްވެސް ހުންނަނީ ނުހަނު ފުރިހަމައަށެވެ.

އެއްދުވަހަކު އީރަމްއަށް މަނާ ވަގުތެއްގައި ސިއްރުސިއްރުން ބޭރު ބަލާލިއެވެ. އޭނާޔަށް އަބަދުވެސް ފާރަވެރިވެގެން ހުންނަ ދެމީހުން ފެންނަން ނެތުމުން މަޑުމަޑުން ސިޓިންރޫމަށް ނިކުމެލިއެވެ. އޭރު ޖޯންގާތުގައި އެދެ ފާރަވެރިންވެސް ތިއްބެވެ. އީރަމް ބިރުން އެތެރެއަށް ވަންނަން ދުއްވައިގަންނަން އުޅެފައި ހުއްޓުން އެރިއެވެ. އޭރު އޭނާއަށްވުރެ ބޮޑު އަންހެން ކުއްޖެއް އެމީހުންގާތު ރޮމުންދެއެވެ.

"އާދޭސްކޮށްފައި ބުނަން. އަހަރެން ދިޔަދީ." އެކުއްޖާ ވާހަކަ ދައްކަމުން ދަނީ އިނގިރޭސިބަހުންނެވެ.

"ވަރަށް ރަނގަޅު. ތީ އަހަރެންނަށް ވަރަށް ކަމުދާ ކުއްޖެއް." ކައިރީގައި ހުރި ބޮޑު ފިރިހެނަކު ބުނެލިއެވެ. އެއީ އަރަބިން އަޅާކަހަލަ ޖުއްބާއަކާއި ބޮލުގައި ފަގުޑިއަޅާފައިހުރި ފިރިހެނެކެވެ. މީނާ މިހެން ބުނުމާއެކު ގާތުގައި ހުރި މީހަކު ދެދަބަހެއް ޖޯންއަށް ދިއްކޮށްލިއެވެ. އޭނާގެ ދެ ފާރަވެރިން އެއަންހެންކުއްޖާ ނެރެ އެ އަރަބިމީހާގެ ކާރަށް އަރުވަން ގެންދާތަން އީރަމްއަށް ފެނުނެވެ.

އީރަމް ސިއްރުސިއްރުން ފިލަންދެވޭތޯ ދުއްވައިގަތެވެ. ސިޓިންރޫމުން ބޭރަށް ނިކުމެވުނީތީވެސް އޭނާ އުފާވިއެވެ. ނަމަވެސް ކުއްލިއަކަށް ބޮޑު ކުއްތާއެއް އޭނާގެ ފަހަތުން ގޮވަމުން ދުއްވައިގަތެވެ. އެއަޑަށް ޖޯންއާއެކު ހަށިފާރަވެރިންވެސް އަތުވެއްޖެއެވެ.

"ކޮންތާކަށްދާން." އެތަނުން އެކަކު އީރަމްގެ މޫނުގައި ޖެހިއެވެ. އެވަގުތު އޭނާގެ ނޭފަތުން ލޭއަންނަން ފެށިއެވެ.

"ކަލޭ….. ބުނީމެއްނު މި ކުއްޖާއަށް އަނިޔާ ނުކުރައްޗޭ." ޖޯން އެ މީހާ ގައިގާ ޖެހިއެވެ. އަދި އީރަމްގެ އަތުގައި ހިފާ ކޮޓަރިއަށް ގެންދިޔައެވެ. އީރަމް ބިރުގަނެގެން ހަދާނެ ގޮތެއްވެސް ނޭނގުނެވެ. މިއަދު އޭނާ ނޭވާހިއްލަންވެސް ފަށައިފިއެވެ.

"ކުޑަކުޑަ ކުއްޖާ. ބިރުނުގަނޭ. ކަލެއަކީ ފުރަތަމަކުއްޖާ އަހަރެން އެންމެ ގަޔާވާ. އެކަކުވެސް ކަލެއަކަށް އަނިޔާއެއް ނުކުރެވޭނެ." ޖޯން މިހެން ބުނެފައި ނިކުމެގެން ހިނގައްޖެއެވެ.

ނަމަވެސް ޖެހިގެން އައިރޭ ޖޯންއައީ ބިރުވެރި ސިފައެއްގައެވެ. ރާބޮއިގެން މަސްތުވެފައިވާ ހާލުގައެވެ. އޭނާއަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ. އެ ފުރޭތަ، އީރަމްއާއި ދިމާއަށް ޖެހިގަތީ ވަލުކުއްތާއެއް ފަދައިންނެވެ. އެބޮޑު އިންސާނާ ކުޑަކުޑަ އީރަމް ޝިކާރަ ކޮށްލައިފިއެވެ. ދިހައަހަރުގެ އީރަމްގެ ފުރާނަ ހުރީކިރިޔާއެވެ.

އޭގެފަހުން ފާއިތުވީ ފަނަރަ އަހަރުތެރޭ ގިނަ ރޭތަކަކީ އީރަމް އެ އަނިޔާވެރިޔާގެ ޝިކާރައަކަށް ވާންޖެހޭ ރޭރެއެވެ. އަނިޔާ ނުކުރެވެނީ ޖޯން ގެންގުޅޭ އެހެންމީހުންނަށެވެ. ޖޯން އޭނާއަށް އަނިޔާ ކުރަމުން ދިޔައީ ކެތްނުވާ ވަރަށެވެ. އެތެރެ ހަށީގައި ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތެވެ. އަމިއްލައަށް މަރުވާން އުޅުނު ކިތަންމެ ފަހަރަކު އޭނާ މަރެއްވެސް ނުވެއެވެ. މި އަނިޔާގައި އޭނާ ދެމިހުންނަން މަޖުބޫރު ވެއެވެ. ފުރާނަ ހުންނާތީއެވެ.

ނަމަވެސް މިދުވަސްތަކުތެރޭގައި ޖޯންގެ ފަރާތުންނާއި ބޮޑީގާޑުންގެ ފަރާތުން އޭނާއަށް އެނގުނު ކިތަންމެ ކަމެއް އެބައޮތެވެ. އީރަމް ގެ ބޭބެ ހަސީނު އީރަމް ވިއްކާލީ އެންމެ ފަސްލައްކަ ބާތަށެވެ.  އެ ލާރިކޮޅަށްޓަކައި އޭނާގެ މުޅި ދިރިއުޅުން ފަނަރަ އަހަރުވަންދެން މި އަނިޔާވެރިކަމުގައި ހޭދަކުރަން ޖެހުނީއެވެ. އޭނާގެ ކުރިމަތީގައި ފެންނަމުން ދިޔައީ ޅައަންހެން ކުދިން ގަނެ ވިއްކަމުން ދާތަނެވެ. ޖޯންމެންނަށް ވަފާތެރި ނުވާ މީހުންގެ ގަޔަށް ބަޑިޖަހާ މަރަމުން ދާތަނެވެ. މިހާރު އީރަމްއަކަށް މިކަންކަމުން މާބޮޑު އަސަރުތަކެއް ނުކުރެއެވެ. އޭނާގެ ލޮލުން ކަރުނަ ހުސްވީ ކަމަށްވެސް ވެދާނެއެވެ. އޭނާ ރާވަމުން ދިޔައީ ސަލާމަތް ވާނެގޮތެއް ނޫނެވެ. އެހެނީ އެއީ ނުވާނެކަމެއްކަން އޭނާއަށް އެނގޭތީއެވެ. ނަމަވެސް އޭނާ ވަނީ ވަރަށް ހަރުކަށިވެފައެވެ. ކޮންމެ ގޮތެއް ހަދާކަށްވެސް އޭނާ މިހާރު ޖެހިލުމެއް ނުވެއެވެ.

އެހެން ރޭރެޔާއި ޚިލާފަށް އެރޭ ޖޯން އައީ އޭނާ ގެންގުޅޭ ފިސްތޯލަ ހިފައިގެންނެވެ. ރާބޮއިގެން ވާނުވާ ނޭނގޭ ހާލަތެއްގައެވެ. އީރަމްގައިމަތީގައި އެ ވަރުގަދަ ހަށިގަނޑު ހަރަކާތް ތެރިވަމުން ދިޔައެވެ. އީރަމް ބަލާކަށް ނުހުނެ އޭނާގެ ޖީބުން ފިސްތޯލަ ނަގާ ޖޯންގެ މެޔަށް ޖެހިއެވެ. ހަމަ ވަގުތުން ޖޯން މަރުވިއެވެ. އެއަޑަށް އޭނާގެ ހަށިފާރަވެރިންވެސް އައީއެވެ. ޖޯން އޭނާގެ ގައިމަތީ އޮތުން އެއީ އޭނާގެ ނަސީބެވެ. އެ ބޮޑު ހަށިގަނޑުވީ އޭނާ ރައްކާތެރި ކޮށްދޭ އަށްޑަނައަކަށެވެ. އެވަގުތު އެކޮޓަރިއަށް ވަން އެންމެން ގަޔަށް އޭނާ ބަޑިޖެހިއެވެ. ފަސްމީހުން އޭނާ އަތުން މަރުވިއެވެ. ގޭގައި ގެންގުޅޭ ދެކުއްތާވެސް މަރާލިއެވެ.  އިސާހިތަކު ޕޮލިހުން އަތުވެއްޖެއެވެ. ވަގުތުން އީރަމް އެތަނުން ޖަލަށް ބަދަލު ކުރެވުނެވެ. ކޯޓަށް މައްސަލަ ލިއެވެ. ފަސްމީހުން މެރުމަކީ ވަރަށްބޮޑު ކުށެކެވެ.

 

"އީރް …" އިނާޒަށް އެ ނިކަމެތި އަންހެން ކުއްޖާގެ ގައިން އާދަޔާ ޚިލާފު ތުރުތުރުއެޅުމެއްގެ އިހުސާސް ކުރެވުމުން ދިޔައެވެ. ނޭވާ ހާސްވާ ކަމުގެ އަސަރުތައް ފެންނަން ފެށިއެވެ.

"ކަންބޮޑު ނުވޭ. އެހާދިސާ ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހަށިގަނޑަށް ބަދަލުތަކެއް އާދޭ." އީރަމް ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.

"އީރް…. އީރްއަށް ކިޔައި ނުދެވޭނަމަ އެންމެ ރަނގަޅުވާނީ ދެން ނުކިއްޔާ ކަންނޭނގެ. އަހަރެންނަން މާފުކުރޭ އީރް. އަހަރެން ދުވަހަކުވެސް އީރް ދެރަވާތަން ދެކޭކަށް ނޭދެން." އިނާޒު ބުނެލިއެވެ. އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

"އިރާދަކުރެއްވިއްޔާ އަހަރެމެން ވަރަށް އަވަހަށް ސަލާމަތްވެދާނެ." އިނާޒު އީރަމްއަށް ބަލާލިއެވެ.

އީރަމްއަށްވެސް އިނާޒަށް ބަލާލެވުނެވެ. އިނާޒުގެ ހެޔޮކަމާއި އިތުބާރުން އޭނާއަށް ދިރުން ލިބުނު ފަދައެވެ. އިނާޒުގެ ލޮލުން އޭނާއަށް އެތައް ވާހަކައެއް ބުނެދޭކަހަލައެވެ. އިތުބާރާއި އިޚްލާސްތެރި ލޯތްބެވެ. އީރަމް އިނާޒުގެ މޭގައި ލައްވެލިއެވެ. އޭނާގެ މިހަރަކާތުން އިނާޒުގެ ޒުވާންކަމަށް ދިރުން ދިންކަހަލައެވެ. އޭނާގެ ދެއަތުން އީރަމްގެ މޫނުގައި ފިރުމާލިއެވެ. މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅުކޮށްލިއެވެ. ވިލު ނޫކުލައިގެ ރީތިލޮލަށް ބަލަމުން ދިޔައެވެ. ލަސްލަހުން އީރަމްގެ މޫނާއި ކައިރިވެލިއެވެ. އީރަމްވެސް މޫނު ހިއްލާލާ އިނާޒުގެ ތުންފަތާއި ކައިރިވެލެވުނެވެ. ހޫނު ނޭވާތައް ދެމީހުންނަށްމެ އެޅެމުން ދިޔައެވެ. އެކެއްގެ ނޭވާ އަނެކެއްގެ ނޭވާއާއި ގުޅިލާމެހެމުންނެވެ.

"ކަލޭ މިތަނުން ނިކުމޭ." ކުއްލިއަކަށް ދޮރު ހުޅުވާލާފައި ވަން ދެ އޮފިސަރުން މިހެން ބުނިއަޑަށް އެދެމީހުންނަށް ދުރަށް ޖެހެވުނެވެ. އެމީހުންއައިސް އިނާޒު އަތުގައި ހިފާ ނެރެން އުޅުނެވެ.

"އޭނައެއް ނުގެންދޭތަ؟" އިނާޒު ހައިރާންވެފައި އަތުގެ އިޝާރާތުން ބުންޏެވެ.

"އާނ. ހަމައެކަނި ކަލޭ. ކަލޭ މިނިވަންވީ. އަވަހަށް ނިކުމޭ." އިނާޒުގެ އަތުގައި ހިފާ ގެންދަމުން ބުންޏެވެ.

"ނޫން. އީރަމް ބަހައްޓާފަ އަހަންނެއް ނުދާނަން." އޭނާ ހަރަކާތާއެކު ބުނެވޭތޯ ބެލިއެވެ.

"އަޖައިބެއްކަހަލަ އިންސާނެއް. އެންމެންވެސް އެއުޅެނީ މިތަނުން ނުދެވިގެން. އެކަމަކު ކަލޭ ތިއުޅެނީ މިތަނުގައި ދިރިއުޅެން." އޮފިސަރު އޭނާގެ އަތުގައި ހިފާ ނެރެން އުޅުނެވެ. އެވަގުތު އީރަމްއާއި އިނާޒު ދުއްވައިގަތެވެ.

"އީރް. އަހަރެންގެ ރަންކޮޅާ. މިއީ ކޮންފަދަ އަނިޔާއެއް. އީރަމް ބަހައްޓާފައި އަހަރެން މިނިވަންވީ ކީއްވެ؟ މި މިނިވަންކަމުން އަހަރެންނަކަށް އެއްވެސް އުފަލެއްނެތް." އޭނާ އީރަމްގެ ގައިގައި އޮޅުލައިގަތެވެ.

"ދެރަނުވޭ. އަވަހަށް ރާއްޖެއަށްދޭ. މިތަނަކީ އަހަރެންނަށް އުނދަގޫ ތަނެއްނޫން." އީރަމްވެސް އިނާޒުގައިގާ އޮޅުލައިގަތެވެ. އެވަގުތު އޮފިސަރު އެދެމީހުން ދުރުކޮށް އިނާޒު ގެންދިއުމަށް އަވަސްވެގަތެވެ.

"އީރަމް…. އަހަރެން ވަރަށްބޮޑަށް އީރަމް ދެކެ ލޯބިވަން…. އަހަރެން އިންތިޒާރު ކުރާނަން. އަދި ރަހީލުގާތު ބުނެގެން ކަލޭ މިނިވަން ކޮށްދޭނަން." އިނާޒަށް މިހެން ބުނެވުނުއިރު އޭނާ ބޭރަށް ނެރެ ދޮރުލައްޕަނީއެވެ. އަބަދުގެ އަބަދަށް އީރަމް އެގޮޅިޔަށްލާ ގައިދުކުރީއެވެ. އޭނާގެ ލޮލަށް ދެން ދުވަހަކުވެސް  ނުފެންނާނެ ގޮތަށެވެ.

**************************

އިނާޒު މަޑުމަޑުން ރީނާޒާއި ދިމާއަށް ބަލާލިއެވެ. އޭނާއަށް ވަނީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އެތައް ޒަމާނެއް ވަންދެން ހިތުގައި ހިނގަމުންދިޔަ އުނދަގޫ ތަކަށް ލުޔެއް ލިބުމުންނެވެ. ފުރަތަމަ ފަހަރަށް އެވާހަކަ މީހަކަށް ކިޔައިދެވުނީތީ އުފާވެސްވެފައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *