(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
އިނާޒު މަޑުމަޑުން ރީނާޒާއި ދިމާއަށް ބަލާލިއެވެ. އޭނާއަށް ވަނީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އެތައް ޒަމާނެއް ވަންދެން ހިތުގައި ހިނގަމުންދިޔަ އުނދަގޫ ތަކަށް ލުޔެއް ލިބުމުންނެވެ. ފުރަތަމަ ފަހަރަށް އެވާހަކަ މީހަކަށް ކިޔައިދެވުނީތީ އުފާވެސްވެފައެވެ.
ރަހީލަށް ކިހިނެއް އެހާފަސޭހައިން އިނާޒު މިނިވަން ކޮށްދެވުނީ." ރީނާޒަށް އަދިވެސް ރޮވެނީއެވެ.
"މިހާރު ސަރުކާރުގައި މުހިންމު ވަޒީފާއެއް އަދާކުރާތީ އަހަރެންގެ މައުލޫމާތު އޭނާއަށް އެޖަލުން ހޯދަން ވަރަށް ފަސޭހަވި. ހީވާގޮތުގައި އެދުވަސްވަރު ޖަޕާނާއި ރާއްޖޭގެ އަސްކަރީ އެއްބާރުލުން އޮތީ ވަރަށްބޮޑަށް."
"ކީއްވެ އީރަމް ސަލާމަތް ނުކުރެވުނީ."
"މީހަކު މަރައިފިނަމަ އޮންނަނީ މަރާލުން. އީރަމް ވަނީ ފަސްމީހުން މަރާފައި. އަދިވެސް އެމައްސަލަ ނިމޭގޮތެއް ނުވޭ. މައްސަލަ ނުނިމިގެން އުޅެނީ އެކަމުގައި ނުފޫޒުގަދަ ސިޔާސީ ބަޔަކު އަޑީގައި ވާތީކަމަށް ރަހީލުބުނި.
"ހާދަ ބޮޑު ބޭއިންސާފެއް. އީރަމް މިނިވަން ވާންޖެހޭނެ. އަހަރެމެން މިހެން ތިބެގެންނުވާނެ. ކޮންމެވެސް މަގެއް މިކަމުގައި އޮންނަން ޖެހޭނެ." ރޮއިރޮއި ލޯ ދުޅަވެފައިވާ ރީނާޒު ބުނެލިއެވެ.
"ކިހިނެއް؟ ކާކު އެކަން ކޮށްދޭނީ." އިނާޒު ބޮލުގައި ހިފަހައްޓާލިއެވެ.
"އެ ހަސީނު އަޅުގަނޑާއިވެސް ވަރަށްގާތް. އެގެއަށް ދެފަހަރަކު ދިޔައިން. އެގޭގައި އަދިވެސް އެ މުސްކުޅި އަންހެން މީހާ އުޅޭ. އެއީ ހަމަ ގޮއިދޫ އަންހެނެއް. މަށަށް ޔަގީން އެ އަންހެންމީހާއަށް އީރަމްގެ ކޮންމެވެސް މައުލޫމާތެއް ދެވޭނެކަން."
"ރީނާޒު ބުނީމެއްނު ހަސީނަކާ ނުގުޅާނަމޭ."
"އެކަމަކުވެސް އަޅުގަނޑު ގުޅިން. އޭނާ ގުޅަނީ ކީއްކުރަންތޯ ބަލަން ގުޅީ. އޭނާ ދެފަހަރެއްގެ މަތީން އަޅުގަނޑު އެގެއަށް ގެންދިޔަ. އޭނާ އުޅެނީ އަޅުގަނޑަކީ ކާކުތޯބަލަން. އެނގޭތަ އިނާޒު. އޭނާ ގެންދިޔައީ އަޅުގަނޑު އެންމެ ކުރިން މާލެއައިސް ދިޔަ ގެޔަށް. އެއްކަލަ މުސްކުޅި މީހާ އަދިވެސް އެބައޮތް." ރީނާޒް ބިރުގަންނަން ފެށިއެވެ. ހަގީގަތްތައް ހާމަވާތީއެވެ.
"ކީކޭ… ކީއްވެ އަހަރެން ގާތު ނުބުނެ ތިހާބޮޑު ނުރައްކަލަކާއި ކުރިމަތިލީ." އިނާޒު ވަރަށް ހާސްވިއެވެ. ރީނާޒުގެ ކޮނޑުގައި ހިފާ ތަޅުވައި ގަތެވެ.
"އިނާޒު… އެމީހަކީ އެ ހަސީން. އީރަމް ގެންދިޔަ ހަސީން. އަހަރެންވެސް ގެންދަން އުޅުނު މީހާ… އެ މުސްކުޅި އަންހެނަކީ ހަމަ ގޮއިދޫ އަންހެނެއް." ރީނާޒަށް ހުރިހާކަމެއް އެނގިއްޖެއެވެ. އޭނާ ދެއަތް ހިއްލާލާ އިނާޒުގެ އަތުގައި ހިފިއެވެ. އެދެއަތް ތުރުތުރު އަޅައެވެ. ރީނާޒަށްވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އޭނާއަށް ވަނީ ކޮޅަށް ހުރުމަށް ދަތިވެފައެވެ.
"މަށަށް ތި ހަސީންގެ ހުރިހާ ކަމެއް އެނގިއްޖެ ރީނާޒް. ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެ. އެހެންވެ ރީނާޒް ގާތު ގުޅާށޭ ބުނީ. އެ ހަގީގަތް ހޯދަން." އިނާޒު ރީނާޒްގެ އަތުގައި ހިފާލިއެވެ.
"އަޅުގަނޑު ހަމަމިހާރު އެގެޔަށް މިދަނީ." ރީނާޒަށް އެންމެ ސިކުންތެއްވެސް ލަސްވަނީއެވެ.
"ނޫން. އެއީ ވަރަށް ނުރައްކާ މީހެއް." އެ ހިތްވަރުގަދަ އިނާޒު ބިރުގަންނަނީ ރީނާޒަށް ގޮތެއް ވެދާނެތީއެވެ.
"ނޫން. އަޅުގަނޑުގެ މޫނުބަލާފައެއް މީ ކުރީގެ ގަމާރު ރީނާޒް ކަމެއް އެކަކަށްވެސް ނޭނގޭނެ." ރީނާޒް ދާން ހިނގައިގަތެވެ.
"މާފު ކުރައްވާ. މިތަނަށް މިއައީ އިނާޒު ފޯނު ނިވާލާފައި އޮތީމާ. އިނާޒުގެ ދަތުރު އޮތީ ހަވީރަށް ހަމަޖެހިފައި." އައިމަން އެތެރެއަށް ވަންނަމުން ބުންޏެވެ. އޭނާއަށް ރީނާޒް ރޮމުން ނިކުންނަތަން ފެނުމުން ސުވާލުން ފުރިގެންވާގޮތަކަށް އިނާޒަށް ބަލާލިއެވެ.
"އަހަރެން ބުނާގޮތެއް ހަދާ. ދަތުރު ލަސްކުރެވޭކަށް ނެތް." އިނާޒުގެ މަސައްކަތް އޮތްގޮތް އައިމަންއަށް ކިޔައިދިނެވެ.
ތަނަވަސް ގޯތިތެރެއަށް ވަނުމާއެކުހެން ރީނާޒަށް މަރުހަބާކީ އެގޭގައި އުޅޭ ބަންގާޅު އަންހެނެކެވެ. ބޮޑު ސިޓިންރޫމު ތެރެއިން ލާފައި ރީނާޒު ގޮވައިގެން ދިޔައީ ހިމަ ގޯޅިއަކަށެވެ. ކުޑަކޮޓަރިއެއްގެ ދޮރު ހުޅުވާލާފައި ރީނާޒު އެތެރެއަށް ވަންނަން ފުރުސަތުދިނީ އެއީ ކުރިންވެސް އެގެއަށް އަންނަ ކުއްޖެއްކަން އެމީހާއަށް އެނގިފައި އޮތީމައެވެ. އެމީހާ ނިކުމެގެން ދިއުމުން ރީނާޒު އެތެރެއަށްވަދެ ދޮރުލެއްޕިއެވެ. އަދި ބަލިވެ ތަންމަތީގައި އޮތް މުސްކުޅި އަންހެން މީހާއާއި ކައިރިވެލިއެވެ. ރޫޖެހިފައިވާ އަތުގައި ހިފާލާ އެނދު ކައިރީގައި ތިރީގައި އޭނާ އިށީނދެލިއެވެ.
"ދައްތާ. މާތްﷲއަށްޓަކައި އަޅުގަނޑަށް އެއްޗެއް އޮޅުން ފިލުވައިދީބަލަ." ރީނާޒު ވަގުތު ފާއިތު ކުރާކަން ބޭނުމެއް ނޫނެވެ. އެހެންކަމުން ސީދާ އޭނާގެ މަސައްކަތް ފެށިއެވެ.
"ކޮންކަމެއްގެ….." މުސްކުޅި މީހާއަށް ވާހަކަދެއްކެނީ ވަރަށް އުނދަގުލުންނެވެ. އެމީހާއަކަށް ރީނާޒެއް ނޭނގުނެވެ.
"މިގޭ ހަސީނުގެ އަންހެނުންނަށް ދަރިންނުލިބިގެން އުޅުނު އިރު ރަށަކުން އަންހެން ކުއްޖެއް ގެނައިތަ؟"
"އެ ބަދުނަސީބު ކުއްޖާ ކޮބައި. ކަލެއާއި ދިމާވީތަ؟" އެމީހާ ލޮލުން ކަރުނަ އަންނަންފެށިއެވެ.
"ދައްތަ ހަނދާން އެބަހުރިތަ؟"
"ހަނދާން ހުންނާނެއެއްނު. އެއީ އަހަރެންގެ ލޮލުގެ ކޮއިފަދައިން ބެލިކުއްޖެއް. ހަސީނު އެކުއްޖާ ގެންދިޔަތަނެއް މަށަކަށް ނޭނގެ. އެމީހުން ބުނީ އެކުއްޖާ މަރުވީއްޔޯ. އެކަމަކު އަހަރެން ގަބޫލެއް ނުކުރަން." ތުރުތުރު އަޅާހާލު އެމުސްކުޅި މީހާ ތެދުވިއެވެ.
"މާތް ﷲ ގަންދީ ބުނަން. އެ ޔަތީމު ކުއްޖާވަނީ ބޮޑު މުސީބާތެއްގައި. އެކޮއި ކީއްވެ އެކުއްޖާގެ ވާހަކަ ތިއެހީ؟" އެމީހާ ރޮނީއެވެ.
"ދައްތާ ނުރޮއި. އެކުއްޖާ ވަރަށް އަވަހަށް ދައްތައަށް ފެނިދާނެ. މިހާރު ހުރީ ރާއްޖޭން ބޭރުގައި. އެކުއްޖާ ރާއްޖެއަށް ގެނެވޭނެ ގޮތެއް ނޭނގިގެން މިއުޅެނީ."
"ޝްޝްޝް. ތިވާހަކަ ނުދައްކާ. މީހަކަށް އެނގިދާނެ." އެމީހާ ބިރުންހުރެ ވަށައިގެން ބަލާލިއެވެ. އެމީހާއަށް ކަންތައްތަކެއް އެނގޭކަން ރީނާޒަށް ޔަގީންވިއެވެ. އެމީހާ ބަލިގޮތަކަށް އެނދުން ތެދުވިއެވެ. ތަންތާ ހިފަހައްޓައިގެން ގޮސް ލަކުޑި ފޮށްޓެއް ހުޅުވާލިއެވެ. އެއިން ކުޑަ ފޮށްޓެއްނަގާ ރީނާޒަށް ދިއްކޮށްލިއެވެ.
"އެކޮއި… މީއެކުއްޖާގެ ބައެއް ސާމާނު. އަވަހަށް މީތި ހިފައިގެން ދޭ. ފަހަރެއްގައި ކަލޭގެ މަސައްކަތަށް ފައިދާއެއް ކޮށްފާނެ."
"މީކޮންއެއްޗެއް؟"
"އަވަހަށްދޭ. އެއްވެސް މީހަކަށް ނުދައްކާތި. އަވަހަށްދޭ." އެމީހާގެ އަޑުބާރުވެގެން ދިޔައެވެ. ރީނާޒް އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ. ލިބުނު ފޮށްޓަކީ އީރަމް މިނިވަން ކުރެވޭނެ ވަރަށް މުހިންމު އެއްޗެއްކަން އޭނާއަށް އިހުސާސް ކުރެވެއެވެ. ނަމަވެސް އޭނާއަށް ގެއަށްދެވުނީ ތަންކޮޅެއް ލަހުންނެވެ. ކޮންމެހެންވެސް ދާންޖެހޭތީ އިނާޒުފުރީ މީގެ ކުޑަ އިރުކޮޅެއްގެ ކުރިންނެވެ. އިނާޒުގެވެސް އެދުމުގެ މަތީން ރީނާޒް އެފޮށި ރައްކާކޮށްފައި ބެހެއްޓިއެވެ. އިނާޒު އަންނަންދެން އަމާނާތްތެރިކަމާ އެކީގައެވެ. މިހާރު އޭނާގެ އަޒުމަކަށް ވެފައި އޮތީ އިނާޒުގެ ލޯބި އިނާޒަށް ހޯދައި ދިނުމެވެ. އިނާޒުވަނީ އޭނާގެ މިނިވަންކަން ހޯދައިދީފައެވެ. އާމީހެއްގެ ގޮތުގައި މި މުޖުތަމަޢަށް ނެރެދީފައެވެ.
އިނާޒުގެ އުފަންރަށަށް ލޯންޗް ކައިރިކޮށްލުމާއެކުހެން ފުންމާލިއެވެ. މިނިވަންވުމަށްފަހު ރަށަށް އާދެވުނު މީ ދެވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް ލިބިގެންދަނީ އާދަޔާޚިލާފު ހިތްހަމަ ޖެހުމެކެވެ. މި ހިތްގައިމު ހަވީރާއި، ޖައްވާއި، މި މިނިވަންކަން އޭނާއަށް އެތައް އުފަލެއް ގެނެސްދެއެވެ. ނަވާރަ އަހަރު ވަންދެން ޖަލެއްގައި އަޅުވެތިވެގެން އުޅުމަށްފަހު މިނިވަންވީފަހުން ދިހަ އަހަރުވީއެވެ. އޭނާގެ އެންމެ ބޮޑު މަޤްޞަދުކަމަށްވާ އީރަމް ސަލާމަތްކުރުން އަދިވެސް އޮތީ ކާމިޔާބުނުވެއެވެ. ނަމަވެސް އޭނާއަށް އޯގާތެރިވެދީ އަޅާލި ހަމްޒާގެ ވީރާނާ ވަމުންދިޔަ "ހިތްވަރުގެ" އިމާރާތްކޮށް މިހާރު ނިމެނީއެވެ. ރަނާއަށްޓަކައި އޭނާ އެގެ ހަދަމުންދަނީ ރަށުގައި ނެތްވަރުގެ ބޮޑު އަދި މުއްސަނދި ގެއެއްގެ ގޮތުގައެވެ. އެމީހުންގެ އިސްކޫލުވެސް ވަނީ މިޒަމާނުގެ ކޮލެޖެއް ހެދުމަށްޓަކައި އިމާރާތްކުރިވި ހުޅުވަން ތައްޔާރުވެފައެވެ. ނަމަވެސް އެތަންވެސް ހުޅުވާނީ ހިތްވަރުގެޔާއި އެކީ އެއް ރަސްމިއްޔާތެއްގައެވެ.
އިނާޒު އެގޯތިތެރެއަށް ކާރުމަޑުކޮށްލިއެވެ. ތަނަވަސް ގޯތިތެރޭގައި އަދިވެސް އެ ބޮޑު އަނބުގަސް ހުއްޓެވެ. ކުރީގައި ހުރި މަސްފެންގަނޑުގެ ބަދަލުގައި ބިއްލޫރިން ހަދާފައިވާ ބޮޑު މަސްޓޭންކެއް ހުއްޓެވެ. ތިންބުރިއަށް ހަދާފައި ހުރި މިގޭގެ ކޮންމެ ބުރިއެއްގައި ބޮޑުސިޓިންރޫމާއި މާސްޓަރބެޑްރޫމަކާއި ކުޑަ ތިން ކޮޓަރިއާއި ބޮޑު ބަދިގެއެއް ހުއްޓެވެ. އެންމެ މަތީބުރީގައިވަނީ ބޮޑު ޓެރަސްއެއް ހަދާފައެވެ. މުޅި އިމާރާތް ނިމި މިއަންނަ ހަފްތާ ހުޅުވޭގޮތަށް ތައްޔާރަށެވެ. އިނާޒު ވަރަށް ފަރުވާތެރިކަމާ އެކީ ހުރިހާތަނެއް ބަލަމުން ދިޔައެވެ. އޭނާގެ މުވައްޒަފުންވެސް އޭނާއަށް މައުލޫމާތެއް ބޭނުންވެދާނެތީ ގާތުގައި އުޅެއެވެ.
"ސަރ. އަދި އެންމެތިރީގައި ހުރި ބޮޑު ކޮޓަރި ނުބައްލަވަމެއްނޫންތޯ." އިނާޒު ނިކުންނަށް އުޅުމުން މުވައްޒަފަކު ބުންޏެވެ.
"އެކޮޓަރިއަށް އެއްވެސް ބަދަލެއް ގެނައިތަ؟"
"ނުގެނޭ. އެތަން ހުރީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބަންދު ކޮށްފައި. ރޭވިފައިވާގޮތަށް އެކޮޓަރިހަމަ އެހުރިގޮތަށް، ދޮރުވެސް ހުޅުވާނުލަން. މުޅިއިމާރާތް މަރާމާތު ކުރެވިފައިވާނީ އެކޮޓަރީގެ ރައްކާތެރިކަމަށް ސަމާލުކަން ދީގެން."
"އެންމެ ރަނގަޅު. އެތަނުގެ ތަޅުދަނޑި އަހަރެންއަތަށް ގެނޭ. ފަހުންވެސް ބެލިދާނެ." އިނާޒު ބުންޏެވެ.
އިރުއޮއްސެން ކައިރިވަނީއެވެ. މަސައްކަތްކުރާމީހުން ދުވަހުގެ މަސައްކަތް ނިންމާފައި ނިކުމެގެން ދާންފަށައިފިއެވެ. އިނާޒު އިނީ އަނބުގޮސްދޮށުގައި ހިލައިން ހަދާފައި ހުރި ކޮފީމޭޒު ކައިރީގައެވެ. އޭނާ ކަޅިޖަހާނުލާ މަސްޓޭންކަށް ބަލަމުންދެއެވެ. އެޓޭންކް ފެންނަކޮންމެ ފަހަރަކު ރަނާމަތިން ހަނދާން ވެއެވެ. ރަނާގެ އޯގާތެރިކަމާއި ކެތްތެރިކަން ހަނދާންވުމުން ހިތަށް ތަދުވެއެވެ. ކަނޑުވެގެން ދިޔަގޮތާއި އޭނާގެ ލޮލުކޮޅަށް ގެއްލުނުތަން ސިފަވުމުން އޭނާގެ ހަށިގަނޑު ރޫރޫއަޅައެވެ.
ކުއްލިއަކަށް އޭނާ ތެދުވިއެވެ. ހަމަޖެހިލެވޭތޯ ބެލިއެވެ. މިހާރު އޭނާއަށް ވިސްނެމުން ދަނީ އީރަމްއާއި މެދުގައެވެ. މިއަދު އީރަމްގެ ހަނދާންތައް އޭނާއަށް ވަކިންބޮޑަށް އުދަނގޫ ކުރެއެވެ. ނުވިސްނަން އުޅުނު ނަމަވެސް ހަނދާންވަނީ އެނިކަމެތި ކުއްޖާ އޭނާއަށް އެންމެ ފަހުފަހަރު ފެނުނު ހާދިސާއެވެ. އެންމެ ފަހުގެ ބަސްތަކެވެ.
"އީރަމް ބަހައްޓާފައި އަހަރެން މިނިވަންވީ ކީއްވެހެއްޔެވެ؟ މި މިނިވަންކަމުން އަހަރެންނަކަށް އެއްވެސް އުފަލެއްނެތެވެ." ނަމަވެސް އީރަމްގެ ޖަވާބަކީ ކިހާފޮނި އަސަރުގަދަ ބަސްކޮޅެއް ހެއްޔެވެ؟
"މިތަނަކީ އަހަރެންނަށް އުނދަގޫ ތަނެއްނޫނެވެ. އަވަހަށް ރާއްޖެ ދާށެވެ. މިނިވަންކަމާ އެކީ އުޅެންދާށެވެ. އަހަރެންނާމެދު ނުވިސްނާށެވެ."
އިނާޒު ތެދުވެއްޖެއެވެ. ކުޑައިރުކޮޅަކަށް މިތާ އެކަނި މަޑުކޮށްފިނަމަ އޭނާގެ ބޯ ހާސްވެދާނެއެވެ. އޭނާ ބޭރަށް ނިކުތެވެ. އަމިއްލަ ރަށުގައި މައިންބަފައިންނާއި ރައްޓެއްސެއްވެސްނެތެވެ. އެހެންކަމުން ބޭރަށް ނިކުމެލަނިކޮށް ޚިޔާލުތަކާއި ދުރުވެދާނެއެވެ. ގޯތިތެރެއިން މަގުމައްޗަށް ނިކުންނަނިކޮށް މީހެއްގެ ގައިގާ އިނާޒު ޖެހުނެވެ. އެއާއެކު އެމީހެއްގެ ދަބަސް ބިންމައްޗަށް ވެއްޓުނެވެ. އެއީ ރީތި އަންހެން ކުއްޖެކެވެ. ހަމަ އެ މުށިކުލައިގެ އިސްތަށިގަނޑެވެ. ވިލުނޫކުލައިގެ ލޮލެވެ.
"އީރަމް." އިނާޒަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް އަތެއްފައެއް ހަރަކާތެއް ނުކުރެވެއެވެ. އެއަށްވުރެބޮޑަށް އޭނާ ހުރީ ހައިރާން ވެފައެވެ.
"މިނިވަން ވީފަހުން ދެހަފްތާ އަދި މިވީ. ރާއްޖެ އައީ އިއްޔެ. އައިގޮތަށް މިރަށަށް މިއައީ ހަމަ އިނާޒު ހޯދަން. އަހަރެން ކިހިނެއް އިނާޒުގެ އެއްވެސްކަމެއް ހަނދާން ނެތޭނީ." އީރަމް އުފަލުން ހުރިހާއެއްޗެއް އެއްފަހަރާ އަމުނާލިއެވެ.
އިނާޒު ކުއްލިއަކަށް އީރަމްއާއި ގާތްވެލިއެވެ. އަދި އީރަމްގައިގާ ބައްދާލިއެވެ.
"އަހަރެންނަށް މާފުކުރޭ. ވަރަށް މަސައްކަތްކުރިން ސަލާމަތްކުރެވޭތޯ." އިނާޒަށް ރޮވުނެވެ.
"ސިޔާސީކަންތައްތަކެއްގެ ސަބަބުން އެހާފަސޭހައިން ތަހުގީގު ނިމި މިނިވަންވީ."
"ދެންހުންނާނީ އަހަރެންގާތުގައި ދޯ." އިނާޒު އީރަމް ދޫކޮށްލިއެވެ. އަދި އަތުގައި ހިފާލިއެވެ.
"ޝަރުތެއްގެ މަތީން."
"ކޮންޝަރުތެއް. އަވަހަށްބުނޭ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެންވިޔަސް އީރަމް ދެން އަހަރެންގެ ނަޒަރުންވެސް އެއްކިބައެއް ނުކުރެވޭނެ. ގެއްލިދާނެތީ އަހަރެން ބިރުގަނޭ."
(ނުނިމޭ)
