ވާހަކަ: އީރަމް (17)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ކައިވެނީގެ ރަސްމިއްޔާތަށްޓަކައި އީރަމްވަނީ ވަރަށް ނަލަހެދިފައެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުން ފަރުމާ ކުރެވިފައިވަނީ އީރަމްގެ ލޫޅާފަތި ހަށިގަނޑާއި އެންމެ ގުޅޭ ގޮތަށެވެ. ހުދުކުލައިގެ އެސްތަކުން މޭމަތި ޖަރީކޮށްފައިވެއެވެ. ދިގު ފަސްބައި ދެމީހުން ހިފަހައްޓައިގެން ނޫނީ ނުގެންދެވޭހާ ދިގެވެ. ވިލުނޫކުލައިގެ ރީތި ލޮލުގެ ވިދުން މިއަދު މާގަދައެވެ. އީރަމް ފެންނަ ކޮންމެ މީހެއް އޭނާއަށް ތައުރީފު ނުކޮށް ނުދެއެވެ. އިނާޒު އައިސް އީރަމްގެ އަތުގައި ހިފާލިއެވެ. އަދި ކައިވެނި ކުރުމަށްޓަކައި ޚާއްޞަ ކުރެވިފައިވާ މޭޒު ކައިރިއަށް ދިޔައެވެ. ކައިވެނި ނިމުމާ އެކުހެން އެންމެން އެމީހުންނާ ހެޔޮއެދުމުގެ ބަސްތައް ފޮނުވާ ސަލާން ކުރަމުން ދިޔައެވެ.

"އީރަމް. ޕާޓީ ފެށެން ދެންއޮތީ ފަނަރަވަރަކަށް މިނިޓް. އެހުރިހާ އިރު މަށާއެކު ކޮޅަށް ހުރެވޭނެތަ؟" އިނާޒު ސީރިއަސް ކަމާއެކު އަހާލިއެވެ.

"އާނ. ނުރައްކާތެރި ޖަލެއްގައިވެސް ތިބީނު. މިއަދު މިއުފާވެރި ވަގުތު ނުތިބެވެންވީ ކީއްވެ؟" އީރަމް ސަމާސާ ކޮށްލިއެވެ.

"އީރަމް. އެދުވަހުގެ ވާހަކަ ނުދައްކާ. މިރޭ މިއުޅެނީވެސް ކުޑަކަމެއް ކުރިމަތިވާކަށް ނޫން." އިނާޒު އީރަމްގެ އަތުގައި ހިފާލިއެވެ. އަދި ސީރިއަސް ނަޒަރަކުން އީރަމް އަށް ބަލާލިއެވެ. އީރަމްއަށް ކޮންމެވެސް އެއްޗެއް ވިސްނިއްޖެއެވެ. ނަމަވެސް އެންމެ ސުވާލެއް ނުކުރެވެނީސް މީހުން އަންނަން ފަށައިފިއެވެ.

"މާތްކަލާނގެ ކުޅަދުންވަންތަކަން. ހީވަނީ އެއީ އެކަކު އަނެކަކަށްޓަކައި އުފައްދަވާފައިތިބި ބައެއްހެން. އެއީ ހާދަ ފުރިހަމަ ގުޅޭ ޖޯޑެކޭ." ކޮންމެ މީހަކަށްވެސް ހިނިތުން ވެލާ ސަލާން ކޮށްލަމުން ދާއިރު ތައުރީފުކުރަމުން ދެއެވެ. އެދެމީހުންގެ ފުރިހަމަކަމުގެ ވާހަކަ މުޅި މާހައުލުގައި ދަނީ ދެކެވެމުންނެވެ.

ކުއްލިއަކަށް އީރަމް އިނާޒުގެ ފަހަތަށް ވަނެވެ. ހީވަނީ ބިރެއް ފެނިގެން ފިލަން ވަންހެންނެވެ. އިނާޒު އަވަސް އަވަހަށް އީރަމްގެ އަތުގައި ހިފާލިއެވެ. އީރަމް ތުރުތުރު އަޅާކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އެއީ މީގެ އެތައް ޒަމާނެއް ކުރިން ޖަލުގައިވެސް އޭނާ ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. އީރަމް ބިރުގަންނަ ކޮންމެ ފަހަރަކު ނޭވާއަށް ގޮތްވެއެވެ. އާދަޔާ ޚިލާފު ތުރުތުރެއްގެ އުނދަގޫ ކުރިމަތިވެއެވެ.

"ބިރުނުގަނޭ. މިއަދު އީރަމްއަށް ގޮތެއްހެދޭނެ އެކަކުވެސްނެތް. އަހަރެން މިހުރީނު. އާދޭ." އިނާޒަށް ވެގެން އުޅޭގޮތް ރަނގަޅަށް އެގެއެވެ. އެހެންކަމުން ވާހަކަދައްކަންވީ ގޮތްވެސް  އެނގެއެވެ.

"އެއީ……..އެ…..އެއީ އެމީހާ. އިނާޒު… އެއީ ހަސީނު." އީރަމަށް ވާހަކަދައްކަން އުނދަގުލެވެ.

"އީރަމް. ބިރުނުގަނޭ. އާދޭ. އަހަރެންނާއެކު އޭނާޔާ ކުރިމަތިލާ."

"އެއީ…. އެއީ…" އީރަމްއަށް ރޮވެން ފެށިއެވެ.

"ހިތްވަރު ގަދަކުރޭ. ރޯކަން އެއްވެސް މީހަކަށް ނާންގާތި. އެއީ މަދު ފައިސާކޮޅަކަށް އީރަމް ވިއްކާލި ހަސީން. މީ ކުރިމަތިލާން ރަނގަޅު ދަނޑިވަޅެއް. އާދޭ." އިނާޒު އޯގާތެރިކަމާއި ކުލުނާއެކު އީރަމްއަށް ވިސްނައި ދިނެވެ. މިއަދު އޭނާ ބޭނުމީ ހަސީނަށް އީރަމް ދައްކާށެވެ. އޭނާގެ ކުށް އެންމެންގެ ތެރޭގައި ހާމަކޮށްލާށެވެ. އޭނާ މިޕާޓީ ބޭއްވީވެސް އެހެންވެގެންނެވެ. ހަސީނު އައިސް އިނާޒާއި ސަލާން ކުރިއެވެ. އަދި އީރަމާއި ސަލާންކުރަން އަތް އުފުލާލި ވަގުތު އޭނާއަށް ހުއްޓުން އެރިއެވެ. ދަންނަ މީހެއްގެ ފާޑު ޖަހާތީއެވެ. އެ ވިލުނޫކުލައިގެ ލޮލަކީ އޭނާ ދެކެފަރިތަ ލޮލެއްކަން އިހުސާސްވާތީއެވެ.

"އަޅުގަނޑުގެ އަންހެނުން އީރަމް." ހުއްޓުން އަރާފައިވާ ހަސީނާއި މުޚާތަބުކޮށް އިނާޒު ބުންޏެވެ.

"އީރަމް… ވަރަށް ރީތިނަމެއް. ދަންނަ ކުއްޖަކާއި…" އިރުގަނޑެއްވަންދެން ހުއްޓުން އަރާފައި ހުރެފައި ބުންޏެވެ.

"ވެދާނެ ދަންނަ ކުއްޖެއްކަމަށްވެސް. އަދި ނޭނގޭ ކިތަންމެ ކަމެއް އެނގިދާނެ. ދުރުވީތީ ޝުކުރިއްޔާ." އިތުރު ފުރުސަތެއް ނުދޭން އިނާޒު ބުންޏެވެ.

"އޯ. ވަރަށް ފުރިހަމަ. ބާއްޖަވެރި ކައިވެންޏަކަށް އެދެން." ހާސްވެ ދާހިތްލާފައިވާ ހަސީން ހަމަޖެހިލަމުން ބުންޏެވެ.

"ހާސްވެލައްވަނީ ކޮންކަމަކާތޯ. މިއީ ހަމަގައިމުވެސް ހަސީން ދެނެނުލައްވާ ކުއްޖެއް ނޫން. ދޮގެއްތޯ؟ މަރުހަބާ." ހަސީނު އެއްޗެއް ބުނުމުގެ ކުރީން އިނާޒުގެ ވަރަށް ގާތް ރަހުމަތް ތެރިއެއް އެމީހުން ގާތަށް އަތުވެއްޖެއެވެ. އޭނާ ބޭނުންވަނީ ހަސީނު ތަޅުވާށެވެ. އިނާޒުވެސް ބާކީތިބި މެހެމާނުންނާއި ބައްދަލު ކުރަމުން ދިޔައެވެ.

"އޭނާ ދިޔައީތަ؟" އީރަމް އަދިވެސް ހުރީ ބިރުންނެވެ.

"އީރަމް. މިކަމާއި ނުވިސްނާ. އޭނާ ބަންދު ކޮށްލާނެ ހުރިހާގޮތެއް އަހަރެން އޮންނާނީ ރާވާފައި. މިއަދު މީ އަހަރެންގެ ދުވަސް. ރީނާޒް އެގެއަށް ގެނުވާފައި ވިއްކާލަން އުޅެނިކޮށް އޭނާގެ އަންހެނުން ރީނާޒްގެ މޫނުމަތީގައި އިސްތިރި ނުޖެއްސިނަމަ ރީނާޒްވެސް ވިއްކާލީސް." އިނާޒު އީރަމްގެ އަތުގައި ހިފާލިއެވެ.

"އެހެންވެ ދޯ އެދުވަހު އެމީހާ އެބުނީ ރީނާޒަށް މިގޮތް މާރަނގަޅޭ." ރީނާޒަށް އެމީހާ އެދުވަހު ބުނިއެއްޗެއްގެ މާނަ އެނގުނީ އަދިކިރިޔާއެވެ.

"އެހުރިހާ ކަމެއްގެ ފަހަތުގައި ފިލައިގެން ހުރީ އެ ހަސީން" އައިމަން ބުންޏެވެ.

"އޭނާ މަޑުވެސް ކޮށްނުލާ ނިކުމެގެން ދިޔައީ. ހުރީ ވަރަށް ހާސްވެފައި." ރީނާޒް ހީގަތެވެ.

"އޭނާއަށް މިހާރު ޔަގީންވާނެ އަހަރެން އޭނާ އިނދަ ޖައްސާލާނެކަން." އިނާޒު ހަރުކަށި ރާގެއްގައި ބުންޏެވެ.

"އޭނާއަށް އެނގޭނެތޯ މިހާރު އަޅުގަނޑުމެންގެ ވިސްނުން ހުރިގޮތް." އައިމަން ބުންޏެވެ.

"އޭނާއަށް ޝައްކުވެދާނެ. ކުރިންވެސް ރޭވިގޮތަށް އޭނާ ފިލައިގެން ހިނގައިދާނެ ހުރިހާ ދޮރެއް ހުންނާނީ ބަންދު ކޮށްފައިތަ؟" އިނާޒު އެހިއެވެ.

"އޭނާއަށް މި އިމާރާތުން ބޭރަށް ނިކުމެވިދާނެ. އެކަމަކު މިރަށަކުން ނުދެވޭނެ." ރީނާޒު ބުންޏެވެ.

"ރަނގަޅު." އިނާޒު ހިނގައްޖެއެވެ. ބާކީތިބި މެހެމާނުންނާއި ބައްދަލުކޮށް ނިމުނުއިރު ހުރީ ވަރަށް ދަންވެފައެވެ. އެހެންކަމުން އޭނާ އީރަމްއާއެކު އެމީހުންގެ ޚާއްޞަ ކޮޓަރިއަށް ދިޔައެވެ. ތަނަވަސް ފުރިހަމަ ކޮޓަރިއަކީ އީރަމްއަށް އެންމެ ހިތްހަމަޖެހޭނެ ތަނަށް ހެދުމަށްޓަކައި އިނާޒު ވަރަށް މަސައްކަތް ކޮށްފައިވާ ތަނެކެވެ.

"މީ މީގެ ފަހުން ކަމަނާގެ ކޮޓަރި." ސޯފާގައި އިށީނދެ އިން އީރަމްގާތު އިނާޒު ބުނެލިއެވެ.

"ޝުކުރިއްޔާ. އިނާޒު." އީރަމްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަންފެށިއެވެ.

"އެއީ އެވަރު ކަމެއްނޫން. މީ އަހަރެން އެންމެ ލޯބިވާ އަނބިކަމަނާއަށް ހެޔޮހިތުން ކޮށްފައިވާ މަސައްކަތެއް. ހިތްހަމަޖައްސާލާ." އިނާޒު އޭނާގެ ކަރުނަތައް ފޮހެލަދިނެވެ.

"މިއަދު އަހަރެންނަށް ރައްކާތެރިކަން އިހުސާސްކުރެވިއްޖެ. އިނާޒާއި ދިމާނުވިނަމަ.." އީރަމް އިނާޒުގެމޭގައި ލައްވެލިއެވެ.

"ހަލޯ." ކުއްލިއަކަށް އައި ފޯނަށް އިނާޒު ޖަވާބު ދިނެވެ.

"އާނ. އެބަދަން. މަޑުކޮށްލާ." އިނާޒު ތެދުވިއެވެ.

"އީރަމް. އެގުޅީ ރީނާޒް. އަހަރެން ވަރަށް އަވަހަށް އެބައަންނަން." އިނާޒު ތެދުވަމުން އީރަމްގެ ނިތްކުރިއަށް ދޮނެއްދިނެވެ. އަދި އަވަސް އަވަހަށް ނިކުމެގެން ހިގައްޖެއެވެ.

އީރަމް އިނާޒާމެދު ވިސްނާލިއެވެ. އެއީ ކިހާރަގަނޅު އިންސާނެއްހެއްޔެވެ؟ ކިހާ އޯގާތެރި ހެއްޔެވެ؟ މިއަދު އޭނާއާއި އިނާޒު ދިމާނުވިނަމަ މިއުފާވެރިކަން ލިބުނީސް ބާވައެވެ؟ ކުއްލިއަކަށް އީރަމް ތެދުވިއެވެ. މޭޒުމަތީގައި އޮތް ފޮތް ނެގިއެވެ. އެއީ ރަނާ ލިޔެފައިވާ ފޮތެވެ. އިނާޒު އަންނަންދެން އެފޮތް އޭނާ ކިޔާލާހިތްވިއެވެ.

 

އިނާޒާއި ބައްދަލުކޮށްފައި ރީނާޒް ބޭރަށް ނިކުންނަން ހިނގައިގަތެވެ. އައިމަންގެ އެދުމުގެ މަތީން މި ރީތި ހަނދުވަރުގައި ހިނގާލާށެވެ. އައިމަނު ނިކުންނަން އުޅެނިކޮށް ފޯނެއް  އައެވެ. އައިމަން ފޯނު ނިމެންދެން އޭނާ ބޭރަށް ނިކުމެލީއެވެ. އޭނާ ބޭނުންވަނީ ޒަމާން ގަނޑަކަށްފަހު އޭނާގެ އަމިއްލަ ރަށުގައި ހިނގާލާށެވެ. އޭނާ އެނގޭނެ މީހެއްނެތަސް މިރަށުގެ ހުރިހާ މަގުތަކާއި ގޯޅިތައް އޭނާ ހިތުދަހެވެ. ކުއްލިއަކަށް ފުންމައިގެން އައި މީހަކު ރީނާޒާއި ދިމާއަށް ޖެހިގަތެވެ. އަނގަމަތީ އަތްއަޅާ ދެއަތް ފުރަގަހަށްވާގޮތަށް ބަންދުކޮށްލިއެވެ.

"ކަލޭ ހީކުރީ މޫނުގެ ސާޖަރީ ހެދުމުން އަހަންނަށް ނޭނގޭނެ ކަމަށްތަ؟ ތި އިނާޒުގެ ހުރިހާ ކަމެއް އަހަރެން އައީ ބަލަމުން. ކުއްލިއަކަށް ކަލޭ ގާތްކުރުމުން ޝައްކުތައް އިތުރުވި. އަދި މިރޭ ކަލޭމެންދެއްކި ހުރިހާ ވާހަކައެއް އަޑުއަހައިފިން. ހަމަ މިހާރު މަށަށް ފުރޭގޮތެއް ހަދައިދީ. އެހެން ނޫނީ ކަލޭ މަރާލާނަން." އޭނާ ވަޅި ނަގާ ރީނާޒް ގެ ކަރުގައި ޖެއްސިއެވެ.  ދެން އަނގަމަތިން އަތް ދޫކޮށްލިއެވެ.

"މަޑުކުރޭ. އަހަރެން މިގުޅަނީ." ބިރުން ހުރިވަރުން އޭނާއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ.

"އަވަސްކުރޭ. ކަލޭ ހުރިހާ ލޯންޗުތަކެއް ރަށާއި މާދުރުގައި ތިގެން ގުޅެނީ މަގޭ ފުރާފާނެތީ. އަވަސްކުރޭ." އޭނާ ރީނާޒްގެ ކަރުގައި ވަޅިޖައްސާލިއެވެ. އެވަގުތު ކަރުން ތަންކޮޅެއް ކަނޑައިގެން ދިޔައެވެ.

"އަވަހަށް އާދޭ. މިތާހުރި މީހާ އަރުވައިގެން އޭނާ ބުނާތާކަށް ގެންދޭ." ޖެޓީއާއި މާދުރުގައި ކަނޑުގައި މަޑުމަޑުން ދުއްވާލަ ދުއްވާލަ އޮތް ލޯންޗަށް ރީނާޒް ގުޅާލިއެވެ.

ލޯންޗް ޖެޓީއާއި ކައިރިކޮށްފިއެވެ. ހަސީނު އުޅުނީ ރީނާޒް ލޯންޗަށް އަރުވާށެވެ. އޭނާ ދާތާކަށް  ރީނާޒް ގޮވައިގެން ދާށެވެ.

"ކަލޭ ހީކުރީ ސަލާމަތް ވީކަމަށްތަ؟ އަހަރެންގެ މޮޔަ އަންހެނުންގެ ބަދަލުގައި ދެން ގެންގުޅޭނީ ކަލޭ." ހަސީން ރީނާޒް ޖެޓީމައްޗަށް އެރުވިއެވެ.

"އެހެންކަމަށްތަ ހީކުރީ؟" ސިއްރުސިއްރުން ފުރަގަހުން އައި އައިމަން ފުންމައިގެން އައިސް ހަސީނު ގައިމައްޗަށް ޖެހިގަތެވެ. އެވަގުތު ލިބުނު ކުއްލި ހައިރާން ކަމުގައި ހަސީނުގެ އަތުގައި އޮތްވަޅި މޫދަށް ވެއްޓިއްޖެއެވެ. ހަސީނު ލޯންޗަށް ފުންމާލައިފިއެވެ. ވަގުތުން ލޯންޗު ފުރައިފިއެވެ. ހަސީނު ހުއްޓުވުމުގެ ބަދަލުގައި ވެއްޓިފައިވާ ރީނާޒް ގާތަށް ދިޔައެވެ.

"އެއްވެސް ގެއްލުމެއްވިތަ؟" އައިމަން އައިސް ރީނާޒް ނެގިއެވެ.

"ނޫން. އައިމަން ނައިނަމަ ވީކިހިނެއް ކަމެއްވެސް ނޭނގެ." ރީނާޒް ހަމައަކަށް އެޅުވޭތޯ ބަލަމުން ބުންޏެވެ. އަދިވެސް އޭނާ ހުރީ ބިރުގެންފައެވެ. ކުޅު ހިކި ވާހަކަދައްކަން އުނދަގޫވެފައެވެ.

"އިނާޒު ގާތު ހަސީން ދިޔަވާހަކަ ބުނާނީ ކިހިނެއް؟" އައިމަން ކަންބޮޑުވިއެވެ. އޭނާ ރީނާޒްގެ އަތުގައި ހިފާލިއެވެ. ރީނާޒް އައިމަންގެ މޫނަށް ވަރަށްގާތުން ބަލާލިއެވެ. އައިމަންގެ ލޮލުން ފެންނަނީ އޭނާއަށްޓަކައި އިންތިހާއަށް ކަންބޮޑުވެފައިވާތަނެވެ.

"މިރެއަކު ނޫން. މި އުފާވެރިރޭ އެމީހުން ކަންބޮޑުވާނެ ޚަބަރެއް ދީގެން ނުވާނެ." ރީނާޒް ބުންޏެވެ.

 

އީރަމް އެނދުގައި އޮށޯވެލިއެވެ. ފޮތް ހުޅުވާލާ ކިޔަންފެށިއެވެ.

"އިނާޒެވެ. އަހަރެން މިއަދު ހުރިހާ ވާހަކައެއް މިފޮތުގައި މިލިޔަނީ މިވާހަކަތައް ކިޔާދޭނެ ހިތްވަރެއް ނެތީމައެވެ. މިވީ ހުރިހާ ދުވަހު އަހަރެންގެ ހަޔާތުގެ މިސިއްރު އެއްވެސް މީހަކަށް ކިޔައެއްނުދެމެވެ. ނަމަވެސް މިއަދު އަހަރެން މިކަން މިކުރަނީ ހިތުން ރުހުމުންނެވެ. އިނާޒަކީ އަހަރެންނަށް އެހީތެރިވާނޭ އަދި ރައްކާތެރިކަން ދޭނޭ ރަނގަޅު ފިރިޔެއްކަމަށް ގަބޫލު ކުރެވޭތީއެވެ.

އަހަރެންގެ ބަނޑުގައި މިވާ ކުއްޖަކީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި ހިނގި ފާފައިގެ ނަތީޖާއެއް ނޫނެވެ. އެންމެންވެސް ހީކުރާގޮތާއި ޚިލާފަށް މިދަރިޔަކީ އަންހެނުންގެ ނިކަމެތިކަމާއި މަޖުބޫރުގެ ނަތީޖާއެވެ. ކޯހުގައި އުޅުނު އިރު ތައިލެންޑަށް ދާންޖެހުނު ދަތުރެއްގައި އަހަރެންގެ ރައްޓެހި މެލޭޝިޔާ ކުއްޖަކާއެކު އެއްޗެއް ގަތުމަށްޓަކައި ނިކުތީމެވެ. ހިމަ ގޯޅިއެއް ތެރޭން އަހަރެމެން ދަނިކޮށް މޫނު ނިވާކޮށްފައިވާ ބަޔަކު ބޮޑު ކާރެއްގައި އައިސް އަހަރެން ގާތު ހުރި ކުއްޖާ ގަދަކަމުން ކާރަށް ވެއްދިއެވެ. އަހަރެން ހަޅޭއްލަވަމުން އެކާރު ފަހަތުން ދުވީމެވެ. ކުއްލިއަކަށް އެކާރުން ދެމީހަކު ފުންމާލިއެވެ. އަދި ކާރު ކުރިއަށްވުރެ ބާރަށް ދުއްވާލިއެވެ. އެންމެފަހުން އެދެމީހުންގެ ޝިކާރައަކަށް އަހަރެން ވީއެވެ. ނަމަވެސް އެމީހުން މަށެއް ނުގެންދެއެވެ. އެމީހުން ބޭނުންގޮތެއް ހެދުމަށްފަހު މަގުމައްޗަށް އެއްލާލީއެވެ. އިންސާނިއްޔަތުކަން ހުރި މީހެއްގެ އެހީތެރިކަމުން އަލުން އެކުވެރި އެހެން ކުދިން ގާތަށް ދެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. ނަމަވެސް ކިޔެވުން ނުނިމެނީސް އަހަރެންނަށް މާލެ އަންނަންޖެހުނީ ބަނޑުގައި މިވާ ކުއްޖާގެ ސަބަބުންނެވެ. މިއަދު އަހަރެން ގެ އާއިލާ ބިކަވެ މި ހާލަތަށް އަންނަންޖެހުނު ކުށަކީމިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *