(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
އިނާޒުގެ އުމުރުން ކިތަންމެ ޅަ ކަމުގައިވިޔަސް އަހަރެން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވި ވަގުތު އެހީތެރި ވެދިނީތީ ޝުކުރުވެރިވަމެވެ. ހަގީގަތުގައި އަހަރެން އަމިއްލައަށް މަރުވުމުގެ އިންޒާރުން އިނާޒު ބިރުގަނެ ކައިވެންޏަށްޓަކައި މަޖުބޫރުވީކަން އަހަރެން ގަބޫލުކުރަމެވެ. ދުނިޔޭގެ ލަދުން އަހަރެން ސަލާމަތްވުމަށްޓަކައި އިނާޒުގެ ދިރިއުޅުން ގުރުބާން ކުރަންޖެހުނީތީ ނިހާޔަތަށް ހިތާމަ ކުރަމެވެ. މިހުރިހާ ކަމަކަށް އަހަރެން މާފަށްއެދެމެވެ.
އިނާޒެވެ. މިއަދު އަހަރެން މި ހުރިހާ ވާހަކައެއް މިކިޔައިދެނީ އިނާޒަކީ އަހަރެންގެ ފިރިމީހާކަން ގަބޫލު ކުރާތީއެވެ. ފިރިއެއްގެ ހުރިހާ ޒިންމާއަކާއިގެން އަހަރެން ގާތަށް އަންނާށެވެ. އަހަރެން ފުރިހަމަ މާނައިގައި އިނާޒުގެ އަނތްބަކަށް ވާން މިހުރީ ތައްޔާރަށެވެ. އަހަރެން މިހާރު އިނާޒުދެކެ ވަރަށް ލޯބިވެއެވެ.
އަހަރެން އުންމީދު ކުރަނީ މިދަރިފުޅު ވިހައިގެން އަންނަދުވަހުން ފެށިގެން ތިއީ އަހަރެންގެ ދަރިފުޅުގެ ބައްޕައަށް ވާނެކަމަށެވެ. މިހާރު މިއޮތް އެކުވެރިކަމުގެ ބަދަލުގައި ފުރިހަމަ އަނތްބެއްގެ ގޮތުގައި އަހަރެން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް އިނާޒު ބޭނުން ގޮތެއް ހެދުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ކައިވެނީގެ ކުރީގެ އެއްބަސް ވުމުގައި ވާފަދައިން އިނާޒު މިނިވަންވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ."
އީރަމްގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުންދެއެވެ. އާއެކެވެ. އިނާޒު ބުނާ ފަދައިން ރަނާއަކީ ހިތްވަރުގަދަ އަންހެން ކުއްޖެކެވެ. ހުރިހާކަމެއް ދިމާވިހިނދުވެސް ދިރިއުޅުމާއިގެން ކުރިއަށް ދިޔަ ހަރުދަނާ ކުއްޖެކެވެ. ރަނާގެ ނިމުން އެހާއަވަހަށް އައީ ކީއްވެހެއްޔެވެ؟ އެ މައުސޫމް ކުއްޖާއަށް ދުނިޔޭގެ ރީތިކުލަތަކާއި ހިތްހަމަޖެހުން ނުލިބުނީ ކީއްވެހެއްޔެވެ؟ އުފާވެރި ދިރިއުޅުމެއްގެ ހައްގު އޭނާއަށް ނުލިބުނީ ކީއްވެހެއްޔެވެ؟
"އީރަމް." ދޮރު ހުޅުވާލާ އެތެރެއަށް ވަދެގެންއައި އިނާޒު ގޮވާލިއެވެ. އޭނާގެ މޫނުން ފެނުނު އުފާވެރިކަން ވަގުތުން ފިލައިގެން ދިޔައެވެ. އޭނާ ގެނައި ކޮތަޅު ސޯފާގައި ބެހެއްޓިއެވެ. ހިތާމައާއި ހިތްދަތިކަމުން މޫނު މިލާފައިވާ އީރަމް ގާތަށް ދިޔައެވެ.
"އަން." އީރަމް އެފޮތް އިނާޒަށް ދިއްކޮށްލިއެވެ.
"ކޮންއެއްޗެއް؟" ހައިރާން ކަމާއެކު އެހިއެވެ.
"ކިޔާލަބަލަ. ހިޔެއްނުވޭ އަދި އިނާޒު ކިޔައިފި ހެންނެއް." އީރަމް ކަރުނަ ފޮހެލިއެވެ. އިނާޒު އެފޮތް ހުޅުވާލުމާއެކު ކިޔަން ފެށިއެވެ. ޝައުގުވެރިކަމާއެކު ކިޔަމުން ބައެއްފަހަރު އީރަމްއަށް ބަލާލައެވެ.
"ކޮންތާކުން ނެގީ މިފޮތް." ކިޔާ ނިންމާލާފައި އެހިއެވެ.
"ކަބަޑުން. އިނާޒު މި ނުދެކެންދޯ އަދި." އީރަމް އެހިއެވެ.
"އާނ. އަދި މިފެނުނީ. އެންމެން ހީކުރީ އޭނާ އުޅުނީ ވަރަށް ގޯސްކޮށް ކަމަށް. މީހުން ވަރަށް މަލާމާތް ކުރި."
"ކީއްކުރާނީ."
"އެކަމަކު އޭނާއަށް ލިބުނީ ކިހާބޮޑު އަނިޔާއެއް؟ ކިޔެވުންވެސް ހަލާކުވީ. ބައްޕަ ނިޔާވީ. އުފާވެރި އާއިލާ ނިކަމެތިވީ."
"އެ ނުލަފާ މީހުން ދުނިޔޭގައި އަންނަނީ އިތުރުވަމުން. ކުދިން ވަގަށް ނެގުމާއި ވިއްކުމާއި ފޭރުން ވަނީ އިންތިހާއަށް ގިނަވެފައި. އެކަން ވަނީ މިރާއްޖެއާއި ހިސާބަށް ފޯރާފައި. އެހެންނޫންނަމަ އަހަރެންވެސް…." އީރަމް އިނާޒު ގައިގާ ބައްދާލިއެވެ. އެވާހަކަތައް އިތުރަށް ދައްކާނެ ހިތްވަރެއް އޭނާގެ ނެތެވެ. ކޮންމެރެއަކު ލިބެމުންދިޔަ ވޭނީއަސަރު ހިތަށް އެރިޔަސް އޭނާ ބިރުގަނެއެވެ.
"ދެރަނުވޭ. ރަނާއާއި އޭނާގެ ދަރިފުޅު އެފަދައިން ނިމިދިޔައީތީ އަހަރެން ވަރަށް ހިތާމަ ކުރިން. އިރާދަ ކުރެއްވިއްޔާ ދެން އެކަހަލަ ދެރައެއް ދިމައެއްނުވާނެ. ދެން އަހަރެމެން އުޅޭނީ ވަރަށް އުފަލުން. ބައިވަރު ދަރިންތަކެއް ގޮވައިގެން؟" އީރަމް ހަމަޔަކަށް އެޅުވޭތޯ އިނާޒު ބުންޏެވެ.
"މިއޮތީ އީރަމްގެ އެއްޗެއް. އީރަމް ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރިން. އެ ހަސީނުގެއަށް ރީނާޒް ދިޔަ. އަދި އީރަމް ބުނިފަދައިން އީރަމް ބެލި ގޮއިދޫ އަންހެނެއް އެގޭގައި އުޅޭ. އެމީހާ ދިން އެއްޗިހިތަކެއް މިހުރީ. ތިއެއްޗެތި މާލެއިން ގެނައީ މިއަދު. މިހުރިހާ ދުވަހު އަހަރެން މިކޮޅުގައި ހުރުމުން ބަލާނުލެވުނީ. ހިނގާބަލަ ބަލާލަން." އިނާޒު އެ ކޮތަޅު ދިއްކޮށްލިއެވެ.
"އެ އަންހެން މީހާ އަދިވެސް ދިރިއެބަހުރިތަ؟" އީރަމް އުފަލުން އަހާލިއެވެ. އެއީ ހަމައެކަނި އޭނާ ދަންނާނެ މީހާއަށްވާތީ އުފަލުންނެވެ.
"އާނ. މާލެ ދެވޭހާ އަވަހަކަށް އޭނާ އީރަމް ގާތަށް ގެނެވޭތޯ ބަލާނަން. އިހަށް މި ބަލާލަން ހިނގާ." އިނާޒު ކޮތަޅުން ކުޑަވަރެއްގެ ފޮއްޓެއް ނެގިއެވެ. އީރަމް އެ ފޮށި ހުޅުވާލިއެވެ. އޭގައި އޮތީ ރަތްކުލައިގެ މަލެއް ޖަހާފައިވާ ރަން އަނގޮޓިއެކެވެ. އެ ފެނުމުން އިނާޒު ހުއްޓުން އެރިއެވެ. ދެން އޮތީ ފޮޓޯ ލޯގަނޑެކެވެ. ދެމީހުން ވެގެން ފޮޓޯ ލޯގަނޑަށް ރަނގަޅަށް ބަލާލިއެވެ. ރީތި އަންހެން ކުއްޖެއް މެދުއުމުރަށްވުރެ ދުވަސްވީ އަންހެނަކާއި ފިރިހެނެއްގެ މެދުގައި ހުއްޓެވެ. އިނާޒުގެ އަތުން ފޮޓޯލޯގަނޑު ވެއްޓި ތަޅައިގެން ދިޔައެވެ.
"ކިހިނެއްވީ؟" އީރަމް ކަރުދާސްގަނޑެއް ނަގަމުން އެހިއެވެ. އިނާޒަށް ކުރަމުންދާ އެއްވެސް އަސަރެއް އީރަމްއަކަށް ފެންނަހެންނެއް ހިއެއް ނުވެއެވެ. އޭނާ ޝައުގުވެރިކަމާއެކު އެއްޗިހިތައް ބަލަމުން ދިޔައެވެ.
"އީރަމް އިނާޒު ހިތްވަރު ށ. މަރޮށި." އީރަމް އެނަން ބާރަށް ކިޔާލިއެވެ. ދެން އޭނާ ހައިރާންވެގެން އިނާޒަށް ބަލާލިއެވެ. އިނާޒު ހަރަކާތް ހުއްޓިފައި ހުރިގޮތުން އީރަމް ހާސްވިއެވެ. ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް އޭނާއަށްވެސް އިހުސާސް ކުރެވިއްޖެއެވެ.
"ކިހިނެއްވީ. އިނާޒު." އީރަމް ހަޅޭއް ލަވައިގަތެވެ.
"އީރަމް. ތީ އީރަމްގެ އުފަންދުވަހުގެ ސެޓްފިކެޓް. ތީ ރަނާގެ ދަރިފުޅު. މި ފޮޓޯއަކީ ރަނާގެ ބައްޕަ ހަމްޒާއާއި އޭނާގެ މަންމަ. އީރަމްގެ ކާފަޔާއި މާމަ. ބަލަ ތި ސެޓްފިކެޓްގައި ތިއީ ހަމަ އީރަމްގެ ފޮޓޯ. ހަމަ ތި ވިލުނޫކުލައިގެ ކަޅި." އިނާޒު އަޑު ކުރެހެން ފަށައިފިއެވެ. އޭނާގެ ތުންފަތް ތުރުތުރު އަޅައެވެ.
"ނޫން. އިނާޒު ބުނީ އެކުއްޖާ މަރުވި ވާހަކަ." އިނާޒު އެދައްކަނީ ރަނގަޅު ވާހަކައެއްކަން އީރަމްއަށް އެނގެއެވެ. ނަމަވެސް އޭނާ އެ ތެދު ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. މިހުރިހާ ދުވަހު އޭނާގެ އާއިލާގެ މީހުންނަކީ ކޮންބައެއްކަންވެސް ނޭނގި ތިއްބާ މިއަދު އޭނާ އާހަޔާތެއް ފެށުމުން އެމީހުން އަންނަންވީ ކީއްވެހެއްޔެވެ؟
"އަހަރެން ކަނޑުވިއިރު އެކުއްޖާއެއް ނުދެކެން. ނަމަވެސް މިއަދު އެކުއްޖާ މިހުރީ އަހަރެންގެ ކުރިމަތީގައި. އަހަރެންގެ އަންހެނުން މިހުރީ އަހަރެންގެ ކުރިމަތީގައި އަހަރެންގެ ދޮންދަރިއެއްގެ ގޮތުގައި. މާތްކަލާކޯ!" އިނާޒު ބޮލުގައި އަތްއެޅިއެވެ. އޭނާ ސޯފާއަށް ވެއްޓިގަތެވެ.
"އިނާޒު. ތިހެން ނުބުނޭ. އަހަރެން އިނާޒުގެ ދަރިއަކަށް ވާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމީ އިނާޒުގެ އަނތްބަކަށްވާން." އީރަމް ބާރަށް ރޮމުން ދިޔައެވެ. އޭނާ އިނާޒުގެ ފައިކައިރީގައި މުށިގަނޑު މަތީ އިށީނެވެ.
" ނޫން އީރަމް. މިއީ ތެދު. މިކަން ބަދަލުކުރެވޭނީ ކިހިނެއް؟" އިނާޒު ނަފުސު ކޮންޓްރޯލް ކުރެވޭތޯބެލިއެވެ. އަދި އީރަމް ދުރުކޮށްލިއެވެ.
"އަހަރެމެން ދެމީހުން ގުޅެވޭކަށްނެތް އީރަމް." އިނާޒު ނިކުމެގެން ހިނގައްޖެއެވެ. އީރަމް އެދުމައްޗަށް ވެއްޓިގަނެއްޖެއެވެ. އޭނާ ގޮތްހުސްވާ ހިސާބަށް ހިނގައްޖެއެވެ. އޭނާއަށްވަނީ ތަފާތު ތަޖުރިބާތައް ކުރެވިފައެވެ. ވޭނާއި ކެކުޅުމާއި ހިތްދަތިކަމެވެ. ހުރިހާ ކަމަކަށް ކެތްކުރުމުގެ ކުޅަދާނަކަމެވެ. ނަމަވެސް މި އާދަޔާ ޚިލާފު ހަގީގަތާއި ކުރިމަތިލާނޭ ހިތްވަރެއް އޭނާގެ ނެތެވެ. އިނާޒު އޭނާދެކެ އިންތިހާއަށް ލޯބިވާކަން އެނގެއެވެ. އިނާޒަށް ކުރާނޭ ފުންއަސަރުތައް އޭނާއަށް އިހުސާސް ކުރެވެއެވެ. ނަމަވެސް ރުއިން ފިޔަވައި ކުރެވޭނޭ އެއްވެސް ކަމެއް އޭނާގެ ނެތެވެ.
އިނާޒު ބާރުހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ދުވަހަކުވެސް މީހެއްގެ ހަޔާތުގައި ނުހިނގާނެފަދަ މިބޮޑުހާދިސާގެ ސަބަބުން އޭނާވަނީ ހިމޭން ވެފައެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ތަފާތު ހިތި ތަޖުރިބާތަކެއް ކުރަމުން ދިޔަ އޭނާ ވަނީ ހުރިހާ ކަމަކާއި ކުރިމަތި ލާފައެވެ. އެކަންކަމުން ކާމިޔާބުވެސް ހޯދާފައެވެ. ނަމަވެސް މިދިމާވި ކަމަކުން އޭނާ ސަލާމަތްވާނެ ގޮތެއްވެސް ނެތެވެ. އީރަމްއާއި ނުލާ އޭނާއަށް އުޅުމަކީ ދަތި ކަމެކެވެ. އީރަމް އަކީ އޭނާގެ ދޮންދަރިއެއް ކަމަށް ގަބޫލު ކުރަންޖެހުނަސް އޭނާ ރޫރޫއަޅައިގެން ދެއެވެ. ހިތުގެ ހިނގުން ހުއްޓޭވަރު ވެއެވެ.
އީރަމް ވިސްނަމުން ދިޔައެވެ. މިކަމުން ސަލާމަތްވާން ވިސްނިވަރަކަށް އޭނާ އަންނަނީ ހާސްވަމުންނެވެ. ހަދާނެގޮތެއްނެތި ގޮތް ހުސްވަމުންނެވެ. ކޮންމެ ހާލެއްގައިވެސް އޭނާ ބޭނުން ވަނީ އިނާޒެވެ. އިނާޒާއެކީ އުފާވެރި ހަޔާތެއް އުޅޭށެވެ. ރޭގައި ކުރެވުނު ކައިވެނީގެ ހެދުން އަދިވެސް އެވަނީ އޭނާގެ ގައިގައެވެ. އެރީތި ހެދުމުގައި ހޭންވީ ދުވަހު އޭނާއަށް މިޖެހުނީ ދުވަހަކުވެސް ނުރޯ މިންވަރަށް ރޯށެވެ. އީރަމް ރޮއިރޮއި ލޯ ދުޅަވެއްޖެއެވެ. ހަށިގަނޑުން ހަކަތަ ހުސްވެއްޖެއެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު އޭނާއަށް އިވުނެވެ. ދެންވީގޮތެއް ނޭނގުނެވެ.
(ނުނިމޭ)
