(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
މެންދުރުގެ ކާވަގުތު ޖެހިގެން ކެއުމުގެ އިންތިޒާރުގައި އިން ރީނާޒް ހުރީ ކަންބޮޑުވެފައެވެ. އިނާޒުގެ ދެމަފިރިން ހަނީމޫނަށް ފުރުމަށްޓަކައި މީގެ ދެގަޑިއިރު ފަހުން ނިކުންނަން ޖެހޭނެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ޚަބަރެއް ނުވާތީ ރީނާޒް ހުރީ ހާސްވެފައެވެ. ހަސީނުގެ ވާހަކަވެސް އޭނާ ކިޔައިދެން ޖެހެއެވެ. ދެތިން ފަހަރަކު އިނާޒަށް ގުޅުމުންވެސް ޚަބަރެއް ނުވެއެވެ. ކުއްލިއަކަށް އިނާޒު އޭނާގެ ކޮޓަރިން ނިކުމެގެން އަންނަތަން ރީނާޒަށް ފެނުނެވެ. ރީނާޒަށް އެދިމާއަށް ދުއްވައި ގަނެވުނެވެ.
"މިހާރު ފުރަން ވަރަށް ކައިރިވެއްޖެ. އަދި މިއަދު ކޭންވެސް ނުބައްލަވާ. ކޮބައިތޯ އީރަމް؟" ރީނާޒް ސުވާލުތަކެއް ކޮށްލިއެވެ. ނުނިދާ ހުރުމުގެ ސަބަބުން ދެލޯ ރަތްވެފައިވާ އިނާޒާއި ދިމާއަށް ރީނާޒް ބަލަމުން ދިޔައެވެ. ކައިވެންޏަށްޓަކައި އެތައް ބުރަމަސައްކަތެއް ކުރަމުން ދިޔަ އިނާޒުގެ ހަށިގަނޑާއި މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ރޭގައި އިނާޒު ހުރީ ނުނިދާކަން ރީނާޒަށް ޔަގީންވިއެވެ.
"އީރަމް އަދި ނުނިކުމޭތަ؟" އިނާޒު ކަންބޮޑުވިއެވެ.
"ލައްބަ. މިހާރު އެހެރަ އެކެއް ޖަހަނީ. އިނާޒު ތި ދުރުވީ އެކޮޓަރިންނެއް ނޫންތަ؟ އަނެއްކާ ކަމެއް ގޯސްވީތޯ؟" ރީނާޒަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ.
އިނާޒަށް އީރަމްގެ ކޮޓަރިއާއި ދިމާއަށް ދުއްވައި ގަނެވުނެވެ. އީރަމްއާއި ކިތަންމެ ދުރުގައި ހުންނަން ބޭނުންވިޔަސް ބޭއިޚްތިޔާރުގައި އީރަމްއޮތް ކޮޓަރިއަށް ދެވުނީއެވެ. ކޮޓަރި ދޮރު ހުޅުވާލިއިރު އީރަމް އޮތީ ސޯފާއަށް ވެއްޓިފައިކަހަލަ ގޮތަކަށެވެ. ރޫޖެހިފައިވާ ކައިވެނީގެ ހެދުމުގައި އޮތް އިރު އެރީތި މޫނުން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ.
"އީރަމް. އީރަމް." ދެތިން ފަހަރަކު އިނާޒު ގޮވާލިއެވެ.
"އިނާޒު." އީރަމްއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އަދި ހަމަ ތެދުވުމާއެކު އޭނާ އިނާޒު ގައިގާ ބައްދާލިއެވެ. ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވުމުން ވާކަހަލަ ހަރަކާތެއް އޭނާގެ ފަރާތުން އިނާޒަށް ފާހަގަ ކުރެވުނެވެ.
"އަހަރެން އެއްވެސް ކަމެއް ބޭނުމެއް ނޫން…. ކާކަށް އެނގޭނީ އަހަރެންނަކީ ކޮންބައެއްކަން. އަހަރެންނަކީ ރަނާގެ ދަރިކަމެއް. އިނާޒު….. ޕްލީޒް. އަހަރެން އިތުރު އެއްވެސް ކަމެއް ބޭނުމެއް ނޫން. އިނާޒުގެ އަނތްބަކަށްވުން ފިޔަވައި އެއްވެސް އެދުމެއް މިދުނިޔެއަކު ނެތް." އީރަމަށް ގިސްލެވެމުން ދިޔައެވެ. އޭނާ އަދިވެސް ހުރީ އިނާޒު ގައިގާ ހިފަހައްޓައިގެންނެވެ. ދުރުގައި މަންޒަރު ބަލަން ހުރި ރީނާޒަށް ހުރީ ވާނުވާ ނޭނގިފައެވެ. ތިރިއަށް ވެއްޓިފައިއޮތް ފޮޓޯގަނޑާއި ސެޓްފިކެޓްތަކަށް ބަލާލިއެވެ.
ރީނާޒްގެ ހަނދާނުގެ ޞަފުހާތައް މީގެ އަހަރުތަކެއްގެ ކުރިއަށް ދަތުރުކުރިއެވެ. ގޭތެރޭގައި އެންމެން ރޮނީއެވެ. ވަހީދާވަނީ ހުއްޓުން އަރާފައެވެ. ފާޑަކަށް ގަބުވެފައެވެ. އޭނާގެ ރަނާ ކަނޑުވި ހާދިސާފަހުން އޭނާގެ ހާލަކީ މިއެވެ. ކުއްލިއަކަށް ޓީވީން ދައްކަމުން ދިޔަ ކުއްލި ޚަބަރަށް ކޮޓަރިން ނިކުތް މީހަކު ގޮވާލިއެވެ. އެންމެން ކަހަލަ ގޮތަކަށް ޓީވީ ކައިރިއަށް ދިޔައެވެ. ތުރާކުނާ ދެމޭލު ބޭރުގައި އަރިވެފައި އޮޔާދަމުންދާ ލޯންޗު ސިފައިންނަށް ފެނުނުތަނެވެ. ކޯސްޓްގާޑާއި ކަފުޖެހިތަނެވެ. ސިފައިންގެ މީހަކު ލޯންޗަށް އެރިތަނެވެ. ތުއްތުކުއްޖެއް ލޯންޗުގެ ޝީޓުދަށުގައި ތާށިވެފައި އޮތްތަނެވެ. އަނގަޔަށް އިނގިލި ލައިގެން ނިދާފައިވާ ކުއްޖާ ނަގާ އުރާލިތަނެވެ. ވަގުތުން ޑޮކްޓަރުގެ ކުއްލި ފަރުވާ ދިންތަނެވެ. ޚަބަރުގައި ކީ ގޮތުން އެ ތުއްތު ކުއްޖާއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އައިވީ ފުޅިއެއް ހުސްވަންވާއިރަށް ކުއްޖާ މުޅިން ރަނގަޅުވާނެއެވެ. ވަހީދާއަށް ޝުކުރުގެ ސަދިޖައެއް ޖެހުނެވެ. އޭނާއަށް ލިބުނު އުފަލުން މީގެކުރިން ލިބުނު ހިތާމަތައް ހަނދާން ނެތުނެވެ. ކުއްލިއަކަށް އޭނާއަށް ފޯނެއް އައެވެ. ސިފައިންގެ ފަރާތުންނެވެ. ދަރިފުޅު ހަވާލުވުމަށެވެ. ވަހީދާ އެކުއްޖާއާއި ހަވާލުވިއެވެ. އީރަމްގެ ނަމުން ނަންދީ ބަލާބޮޑު ކުރެވުނީ އެ ކުއްޖާގެ އުމުރުން ފަސްއަހަރު ވަންދެންނެވެ. ރީނާޒަށް ބާރަށް ރޮވެން ފެށުނެވެ. ރީނާޒް ދުވެފައި ގޮސް އީރަމް ގާތަށް ހުއްޓުނެވެ.
"ތީ ތީ އީރަމްތަ. ރަނާގެ ދަރިފުޅުތަ." ރީނާޒް އީރަމާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. އީރަމްގެ މޫނުގައި ދެއަތުން ފިރުމާލިއެވެ.
"ތިހެން ނުކިޔާތި. އިނާޒުގެ މީހެއްގެ ގޮތުގައި ނުވާގޮތަކަށް، ރަނާގެ ދަރިއަށް ވާކަށް އަހަރެން ބޭނުމެއްނޫން.؟" އީރަމް ހަޅޭއްލަވައިގަތެވެ.
"އީރަމް. ހަގީގަތެއް ބަދަލެއް ނުކުރެވޭނެ. އަހަރެން އީރަމްގެ ފިރިއެއްގެ ގޮތުގައި ހުރެގެން އީރަމްއަށް ބަލާލާނީ ކިހިނެއް؟" އިނާޒު އީރަމް ދުރުކޮށްލިއެވެ. އިނާޒުގެ އަޑުގައިވާ ހިތާމައިގެ އަސަރު އީރަމަށްވުރެ ބޮޑަށް ރީނާޒަށް ކުރުވިއެވެ.
"އެއީ އަހަރެންނަށް މައްސަލައެއް ނޫން." އީރަމް އަދިވެސް ބަސްގަބޫލެއް ނުކުރެއެވެ.
"އީރަމް. ދެން ގޮތްދޫކުރޭ. އަން. މި އޮތީ މި އިމާރާތާއި ކޮލެޖާއި އަދި މިތަނުގައި ވާހާ ހުރިހާއެއްޗެއް އީރަމްގެ ނަމަށް ބަދަލުކޮށްފައި. މީ އީރަމްގެ އެއްޗިހި. މި އެއްޗިހިި ވާރުތަވާނީ އީރަމްއަށް." ފައިލު ދިއްކޮށްލަމުން އިނާޒު ބުންޏެވެ.
"އެއީ އިނާޒުގެ އެއްޗިހި. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ވީރާނާވެފައިވާ އެއްޗިހިތަކެއް މިފަދަ ތަނަކަށްހެދީ އިނާޒު. އެހެންވީމާ އަހަރެން ތިއެއްޗިއްސެއް ބޭނުމެއް ނޫން." އީރަމް ރޮމުން ދިޔައެވެ.
"އީރަމް. އަހަރެންނަށް މާފުކުރޭ. މިފަދަ ގޮތަކަށް ދިމާވެދާނެ ކަމަކަށް އެއްވެސް މީހަކު ހިޔެއް ނުކުރާނެ. މިއީ އީރަމްގެ އެއްޗިހި. ރީނާޒް މިތަނުގައި މިތަން ހިންގުމުގައި އީރަމްއާއެކު ހުންނާނެ. ދެން އޭނާ ވާނީ އީރަމްގެ މުވައްޒަފަކަށް." ކިތަންމެ ހިފަހައްޓަން އުޅުނު ނަމަވެސް އިނާޒުގެ ލޮލުން ކަރުނަ އަންނަތަން ރީނާޒަށް ފެނުނެވެ.
"އިނާޒު ދަނީތަ؟ އަހަރެން ދޫކޮށްފައި ކޮންތާކަށް." އީރަމްއަށްވަނީ ކެތްކުރަން ދަތިވެފައެވެ.
"އީރަމްއާއި ދުރަށް." އިނާޒު އަނެއް ފަރާތަށް އެނބުރުނެވެ. ދެން މި ހާލަތުން ނަފުސު ސަލާމަތް ކުރެވޭތޯ ލޯމަރާލިއެވެ.
"އިނާޒު. މީގައި އަހަރެންގެ ކުށަކީ ކޮބާ؟ ތިގޮތަށް އަހަރެން ދޫކޮށްނުލާ. އަހަރެން މޮޔަވެދާނެ. އާދޭ. އެއްވެސް މީހަކަށް އަހަރެންމީ ކާކުކަމެއް ނޭނގޭ. ދެން ބިރުގަންނަނީ ކޮންކަމަކާ." އީރަމް އިނާޒުގެ ކުރިމައްޗަށް އެރިއެވެ. އަދި އިނާޒުގެ މޭގައި ލަށްވެލިއެވެ. އިނާޒުގެ ދެއަތުން އީރަމް ދުރުކޮށްލިއެވެ.
"ވަރީގެ ކަންތައް ވަރަށް އަވަހަށް ހަމަޖެހޭނެ." އިނާޒު ނިކުމެގެން ދިޔައީއެވެ. އީރަމް އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތީއެވެ. ރީނާޒްވެސް ރޮމުން އިނާޒުގެ ފަހަތުން އައެވެ.
"އިނާޒު. ކިހިނެއް މިވީ؟" ރީނާޒް އެހިއެވެ.
އިނާޒު އަތް މުއްކަވާލާ ފާރުގައި ޖެހިއެވެ. ހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ކަރުނަތައް މަޑުމަޑުން ލޮލުން ފައިބައި ގަތެވެ.
"އިނާޒު… ކީއްވެ މިހެން ދިމާ މިވީ." ރީނާޒް އިނާޒުގެ ގާތުގައި އިށީނެެވެ. އައިމަން ދުރުގައި މަންޒަރު ބަލަން ހުއްޓެވެ.
އިނާޒު ދެއަތުން ރީނާޒްގެ ދެއަތުގައި ހިފާލިއެވެ. އަދި އޭނާގެ ހުރިހާ ހިތާމައެއް ރީނާޒްގެ ކުރިމަތީގައި ހިފެހެއްޓުމެއްނެތި ކިޔައިދެމުން ދިޔައެވެ. އެއުމުރުގެ ކުދިން ކިޔެވިއިރު ދޮންބައްޕަގެ ސަބަބުން އޭނާ ވަނީ އެކަމުން މަހުރޫމުވެފައެވެ. ބަނޑުހައި ހޫނުކަމުގައި އުޅެނިކޮށް ކާއެތިކޮޅެއްދެނީ ރީނާޒުގެ ދީލަތިކަމުންނެވެ. ލިބުނު އަނިޔާއަށް ކެތްނުވެގެން އެހީތެރިކަމެއް ލިބުނީ އީރަމްގެ ކާފަގެ އޯގާތެރި ކަމުންނެވެ. ގޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްގެން އިލްމު އުގެނުނީ އެތައްރެއެއްގެ ނިދި ގުރުބާން ކޮށްގެންނެވެ. ލިބުނު އޯގާތެރިކަމާއި އިހުސާންތެރިކަމުގެ ބަދަލުގައި އުމުރުން އެންމެ ސާދައަހަރުގައި ރަނާއާއި އިންނަން މަޖުބޫރުވިއެވެ. އެއީ ރަނާގެ ކުރިމަތީގައި އޮތް މަޖުބޫރެއްގެ ސަބަބުން އަމިއްލައަށް މަރުވާންކަމަށް ދިން އިންޒާރަށް ބިރުންނެވެ. ދަރިންގެ ހައްގުގައި އެތަކެއް މައިން ގުރުބާން ވަމުންދާއިރު އޭނާގެ މަންމަ ވިސްނީ ދަރިފުޅުގެ އުމުރު ބަދަލު ކޮށްގެންވެސް ޅައުމުރުގައި ކައިވެނި ކުރުވާށެވެ. ލިބޭ ލާރިގަނޑުން އޭނާގެ ދިރިއުޅުން ބާއްޖަވެރި ކުރެވޭތޯއެވެ.
އުފާވެރި ދިރިއުޅުމެއްގެ ކުލަތައް އުދަރެހުން ދައްކާލިއިރު ދެމީހުން ކަނޑުވީއެވެ. ރަނާ ނިޔާވެގެން ދިޔައީ ހުރިހާ އުފަލެއްވެސް ކަނޑުފައްތާފައެވެ. އެ ނުރައްކާތެރި ޖަލުގައި ނަވާރަ އަހަރު އޭނާ އުޅެންޖެހުނީއެވެ. ސަލާމަތްވެގެން ރާއްޖެ އާދެވުމުން އަލުން އާދިރިއުޅުމެއް ލިބޭތޯ އޭނާ ނުކުރަނީ ކޮންކަމެއްހެއްޔެވެ؟ އެންމެ ބޮޑު އެދުން ކަމުގައިވާ އީރަމް ސަލާމަތް ކުރުމަށްޓަކައި އޭނާ ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ނެތެވެ.
ހީވެސް ނުކުރާހާ ފަސޭހައިން އީރަމް ސަލާމަތްވެގެން އޭނާގެ ގާތަށް އައީއެވެ. ފޮނި އުންމީދާއެކު ކައިވެނި ކުރެވުނީއެވެ. ނަމަވެސް ތަގުދީރު މިހާބޮޑު ކުޅިގަނޑެއް އޭނާއާއި ދޭތެރޭ ކުޅެފާނެ ކަމަކަށް ޚިޔާލަށްވެސް ނުގެނެވުނެވެ.
"އިނާޒު. ތަގުދީރު މިހާބޮޑު ކުޅިގަނޑެއް ކުޅުނީ ހަމައެކަނި އިނާޒަކަށް ނޫން. އީރަމަށްވެސް ވަނީ އެތައް ވޭނެއް އުފުލަންޖެހިފައި. އޭނާ މާލެއަށް ގެންދެވުނު ފަހުންވެސް ވަރަށްގިނަ އަނިޔާ ލިބުނު. އެއްކަލަ މޮޔަ އަންހެންމީހާ އަނިޔާކުރީ އީރަމަށް. އެދުވަހު އަހަރެންގެ ކުރިމަތީގައި އަމިއްލަ ދަރިގައިގާ ތެޅިގޮތަށް." ރީނާޒަށް ގިސްލެވެމުން ދިޔައެވެ.
"ރީނާޒް. އަހަރެން ދަނީ. އީރަމް ހަމައަކަށް އެޅެންދެން އޭނާގާތު މަޑުކޮށްލާ." އިނާޒު އިތުރު އެއްޗެއް ނުބުނެ ނިކުމެގެން ދިޔައީއެވެ. އޭނާގެ ހަޔާތުގެ ފެށުމާއި ނިމުމާއި ހިސާބަށް އެތައް ހަނދާނެއް ގުޅިފައިވާ މި އިމާރާތާއި މިފަސްގަނޑު އަބަދުގެ އަބަދަށްޓަކައި ދޫކޮށްލާފައެވެ.
(ނުނިމޭ)
- މިވާހައިގެ ފަހު ބައި އަންނަ އާދީއްތަދުވަހު ގެނެސްދެވޭނެ.
