އިރުވައި މޫސުމުގެ ސާފު ދުވަހެކެވެ. ފަތިހުގެ މިހިތްގައިމު ވަގުތުގައި ދެކުނު އިރުން ޖެހޭނަލަ ވައި ރޯޅިން ހިތް ފުރޭހާވެއެވެ. ދޮރު މައްޗާދިމާއަށް ހުރި ބޮޑު ބިއްލޫރިގަނޑު ކަހާލާފައި ވާ ނޫވިލާގޭ ގޭތެރެއިން ފެންނަނީ މުއްސަނދި ކަމުގެ އަސަރުތަކެވެ. ބޭރުގައި ހުރި މާ ގަސްތަކުގެ މީރުވަސް މުޅި ގޯތިތެރެއަށް ފެތުރިފައިވެއެވެ. ތާޒާ ވައިރޯޅި އޭގެ ވާޖިބު އަދާކުރަމުން އެ ރީތި ސިޓިންރޫމުވެސް ވަނީ އެއްވަސް ކޮށްލާފައެވެ.
އޭރު ހުރިހާ ކުދިން އެކުއްޖަކު ދާންޖެހޭ އޮފީހަކަށްދާން ތައްޔާރު ވަނީއެވެ. ހަތަރު ކުދިން ހިމެނޭ މިގޭގައި އެންމެ ހަގު ކުއްޖާ ފިޔަވާ ހުރިހާ ކުދިން އުޅެނީ ސަރުކާރުގެ މަތީ މަގާމު ތަކުގައި އެކި އޮފީސްތަކުގައެވެ. އެކުދިންގެ ބައްޕައަކީ މާލޭގެ ގަދަރުވެރި މުއްސަންޖަކަށްވާތީ ހުރިހާ ކުދިންވެސް ތިބީ ރާއްޖޭން ބޭރުގެ މޮޅު ޔުނިވަރސިޓީތަކުން މަތީތައުލީމް ހާސިލް ކޮށްފައެވެ.
އައިންއަކީ އެގޭ އެންމެ ހަގު ކުއްޖާއެވެ. އޭނާދެކެ އެގޭ އެދެމަފިރިން ވާލޯބިންނާއި އޭނާގެވެސް އެދުމުގެ މަތީން ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބެޗްލާސް އޮފް އެންވަޔަރަންމަންޓް ސްޓަޑީޒް ހަދަމުން ދަނީ އޭނާގެ އެންމެ ގާތް ދެރަހުމަތްތެރިން ކަމުގައިވާ ނަތާއާއި ޒޫނާ އެކޯހުގައި އުޅެމުން ދާތީއެވެ. އަމީނިއްޔާ ނުވަޔަކުން ފަށައިގެން ސީއެޗްއެސްސީ ނިންމާ ކޮލެޖާ ހަމައަށް ދިޔައިރު އެކުދިންގެ މެދުގައި އުފެދިފައިވާ ގުޅުމަކީ އެއްބަޑު އެއްބަފާކަމުގެ ގުޅުމަށްވުރެ މާ ގާތް ގުޅުމެކެވެ.
"ދަރިފުޅާ އައިން. މިހާރު ނަތާވެސް އައިސް އެބައިން." އޭނާގެ މަންމަ ސޯބިރާ އޭނާއަށް ގޮވާތާ އެތައް އިރެއްވެއްޖެއެވެ.
"މަންމާ. ހާދަ ލަސްވެއްޖެޔޭ." ފުންމައިގެން ތެދުވެ ގަޑިއަށް ބަލާލަމުން އައިން ބުންޏެވެ. އޭނާ ދުވެފައި ގޮސް ފާޚާނާއަށް ވަދެ ވަރަށް އަވަހަށް ތައްޔާރުވެލިއެވެ.
"ނަތާ. ވަރަށް ބޮޑަށް ސޮރީ. ރޭގައި ކުއްޖަކު ގުޅައިގެން ވަރަށް ލަހުން ނިދުނީ." ދަބަސް އަޅުވަމުން ދުވެފައި ކަހަލަ ގޮތަކަށް އަންނަމުން އައިން ވާހަކަ ދެއްކިއެވެ.
"ދަރިފުޅާ. މި ބުއްތަށި ބޯލައިގެން ދޭ." ސޯބިރާ އަތުގައި ހުރި ބުއްތަށި ދިއްކޮށްލަމުން ބުނެލިއެވެ. ހަމަ ދިނުމާއެކު އައިން އެއްފަހަރާ ބުއްތަށި ހުސްކޮށްލިއެވެ.
"ދަނީ ދައްތާ." ނަތާވެސް ދަމުން ގޮވާލިއެވެ.
އެމީހުން ނިކުތްއިރު ކާރު އޮތީ ތައްޔާރުގައެވެ. އާދައިގެ މަތީން އެމީހުން ފުރަތަމަ ދިޔައީ ޒޫނާ ބަލައެވެ. އެމީހުން ދާއިރު އަބަދުވެސް ޒޫނާ ހުންނާނީ ބޭރަށް ނިކުމެ އެމީހުންގެ އިންތިޒާރީގައެވެ. އެމީހުން ކޮލެޖަށް ވަންނައިރު ހުރިހާ ފިރިހެން ކުދިންގެވެސް ކަޅިތައް އަމާޒުވާނީ އެކުދިންނަށެވެ. އެއީ އެހާމެ ރީތި އަދި މިޒަމާނާ ގުޅޭގޮތަށް ރީތިވާންވެސް ދަންނަ ކުދިން ތަކެކެވެ. މިޒަމާނުގެ މޮޑެލުންގޮތަށް ކޮށާފައިވާ އިސްތަށިގަނޑާއި ލާފައިހުންނަ މޮޅެތި ހެދުންތަކަކީ އެއްމެފަހުން ބާޒާރަށް ނިކުންނަ ފެޝަންތަކެވެ. ރީތި ފައިވާންތަކާއި ދަބަސްތަކާއި މީރުވަސް ދުވާ ސެންޓްތަކަކީ އެކުދިންނަށް އާދައިގެ ތަކެއްޗެވެ. ނަތާއަށާއި ޒޫނާއަށް މިހާ ތަނަވަހުގައި އުޅެވެނީ އައިންގެ ދީލަތި ކަމުންނެވެ.
މިކުދިންގެ މި އުސޫލު ހުރިނަމަވެސް އެއީ ކުދިންނާ ގުޅޭ ރަނގަޅު ކުދިންތަކެވެ. ރައްޓެހިންގިނަ އަދި ރަށްރަށުން އައިސްފައިތިބޭ ކުދިންނަށް ބައެއްފަހަރު އެހީތެރިކަންވެސް ދޭ ކުދިންނެވެ. ބައެއްފަހަރު ހުސްވަގުތުތަކުގައި އެފަދަ ކުދިންނަށް އިންޓޯލެއްގެ ގޮތުން ދެވޭ ޕެކެޓާއި އެނޫންވެސް ތަކެތިން އެކުދިންގެ ގާތްކަން މި ތިން ކުދިންނަށް ލިބެމުންދެއެވެ.
"ހޫން. ކާކުތަ ރޭގައި އައިންނަށް ގުޅީ." ނަތާ މަޖާރާގެއްގައި ބުންޏެވެ.
"އެއީ އެއްކަލަ ހުސެން……ބޭންކުގައުޅޭ." ލަސްލަހުން ބުނެލިއެވެ.
"އެސޮރު އަދިވެސް ގުޅާތަ. އައިން ކީއްވެ ވާހަކަ ދައްކަނީ."
"އެސޮރު ހުރީ ވަރަށްދެރަވެފަ އަހަރެން ވާހަކަ ނުދައްކާތީ. ދެން ނުކެރުނީ ފޯނުބާއްވަން. އެހެންނޫނަސް އަހަރެން ހުރީ ރޭގައި ވަރަށް ފޫހިވެފައި. އޭނާ އެގަޑީގައި ގުޅީމަ ދެން ވާހަކަ ދައްކާލީ."
"ސާބަސް ނަތާ. ކީއްވެތަ ވަކި އެފަކީރާއި ވާހަކަ ނުދައްކަންވީ. އޭނާ ހާދަ ލޯބިވެޔޭ އައިންދެކެ."
"އެކަމަކު އައިން ލޯބި ނުވާއިރު ވާހަކަ ދައްކާކަށް ނުވާނެއެއްނު." ނަތާގެ ޚިޔާލު ތަފާތެވެ.
"އޯކޭ. ދެން އޭނާއާއި ވާހަކައެއް ނުދައްކާނަން. އޯކޭނު. ހެޕީތަ؟" ނަތާ އަތުގައި ހިފާލަމުން ބުނެލިއެވެ.
"ތަންކޮޅެއް އަވަހަށް ހިނގާ. މިއަދު ތަންކޮޅެއް ލަސްވެއްޖެއެއްނު؟ އައިން މިހެން ބުނެލުމާއެކު އެތިން ކުދިން ބާރަށް ހިނގައިގަތެވެ. އެވަގުތު ގޯޅިއަޅަން އުޅެނިކޮށް އައިންގެ ގައިގާ މީހަކު ޖެހުނެވެ. އުސްފައިވާނަކަށް އަރާފައިވާ އައިން އެމީހާގައިގާ ޖެހުމާއެކު ވެއްޓެން ދިޔައެވެ.
"ބަލައިގެންނޫންދޯ ހިނގަނީ." އައިންގެ އަތުގައި ހިފަހައްޓައިގެން ހުރި ޒުވާނާއަށް ރުޅިއައިސްފައި ބުންޏެވެ.
"ގޯޅި އަޅާނީ އެހެން މީހަކު އާދޭތޯވެސް ބަލައިގެން." އާދައިގެ ރާގެއްގައި ވާހަކަދެއްކި އެ ޒުވާނާ އައިންގެ އަތުން ދޫކޮށްލިއެވެ. ނުވިސްނާ ހުރި އައިން ވެއްޓިއްޖެއެވެ. އެއާއެކު އޭނާގެ ދަބަސްވެސް ވެއްޓި އޭގައި އޮތް ދެފޮތް ފިޔަވާ ހުރިހާ އެއްޗިހި ހުރީ ބޭރުގައެވެ. އޭގައި ގިނައީ ފުރުޓްޕްލަސް މެޓައާއި ކުދި ޗޮކްލެޓްތަކެކެވެ.
"ސޮރީ. މީހުންނާއި ދިމާއަށް އެއްޗެކޭ ބުނާއިރު ތިމާގެ ހާލު ހުރިގޮތް ވިސްނަންވެސް ޖެހޭނެ." އެ ޒުވާނާ އައިންގެ އަތުގައި ހިފުމަށް އަތް ދިއްކޮށްލިއެވެ. އެއަތުގައި ހިފުމުގެ ބަދަލުގައި އައިން އަވަސް އަވަހަށް މެޓާތައް ނަގައި ދަބަހަށް އަޅަން ފެށިއެވެ. ގަޑިޖެހިފައިވާތީ އިތުރު އެއްޗެކޭ ނުބުނެ އެމީހުންވެސް ކުލާހަށް ދާން ދިޔައެވެ. އޭރު ގިނަކުދިން ތިބީ ކުލާހަށް ހާޒިރުވެފައެވެ.
ގަޑިޖެހި ފަސްމިނިޓް ފަހުން ލެކްޗަރަރ ހޯލަށް ވަންނަވައިފިއެވެ. އެއާއެކު ކުދިންގެ ވާހަކަ ދެއްކުން ހުއްޓި އެ ޒުވާން ލެކްޗަރަރ ގެ ބަހަކަށް އިންތިޒާރު ކުރަން ފަށައިފިއެވެ. އެއީ ޒުވާން އަދި އާދައިގެ ވަރަށްވުރެ ދިގު ރީތި ފިރިހެނެކެވެ. މަޑުނޫކުލައިގެ ގަމީހެއްގައި ރޮގުދެމި ޓައީއެއް އަޅައިގެންހުރި ފިރިހެންވަންތަ ޒުވާނެކެވެ.
"އައްސަލާމް ޢަލައިކުމް. ތިކުދިންގެ ލެކްޗަރަރ ދުވަސްތަކަކަށް ކޮލެޖާއި ވަކިވާތީ މީގެ ފަހުން ތިކުދިންނަށް މި މާއްދާ ކިޔައިވައިދޭނީ އަހަރެން. އަހަރެންގެ ނަމަކީ ހާއިޝް." ތައާރަފު ވެލުމަށްފަހު އޭނާ ކިޔަވައިދޭން ފެށިއެވެ.
އެއީ މީގެ ތިންއަހަރު ކުރިން ރާއްޖޭން ބޭރުން ކިޔަވައިގެން އައިސް މިކޮލެޖުގައި ތިމާވެށީގެ ދާއިރާގެ ލެކްޗަރާއެއްގެ ގޮތުން ކިޔަވައިދެމުންދާ އިލްމުން ފުރިގެންވާ ގާބިލް ޓީޗަރެކެވެ. ކަމަށް ކަމޭހިތާ ކުދިންނާ ގުޅޭ ހަރުދަނާ މުދައްރިސެކެވެ. ލެކްޗަރ ދިނުމުގެ އިތުރުން ދެގުރޫޕަކަށް ޓިއުޓޯރިއަލް ކުލާސް ތައްވެސް ނަގައިދެމުން ދެއެވެ.
ހާއިޝް ފެނުމާއެކު ޒޫނާ އާއި ނަތާ ހިނި އަންނަ ގޮތްވިއެވެ. އަދި އެކަކު އަނެކަކަށް މަޑުމަޑުން ގައިގައި ކޮށްޓާލިއެވެ.
"އައިން އަކަށްނު ހުރިހާ މޮޅެއްމިވީދޯ." ކުލާސް ނިމިގެން ދަމުން ޒޫނާ ދިމާކޮށްލިއެވެ. އެމީހުންގެ ގާތުން ކޮލެޖްގެ ޓީޗަރެއް ދާތީ އައިންއަކަށް އެއަކަށް ރައްދެއް ނުދެވުނެވެ.
"އޭތް. އަލަށްއައި ސަރ ވަރަށް ސަޅިދޯ." ޒޫނާ ވާހަކަ ދެއްކީ ސްޓަޑީރޫމަށް ވަންނަމުންނެވެ.
"ވަރަށް ސަޅި. އެކަމަކު އަރީޝް ވަރެއްނުވާނެ."
"ހޫން. ނަތާއަށް އަރީޝް ނޫންމީހެއް މިދުނިޔޭންވެސް ރީއްޗެއްނުވާނެ." އައިން ދިމާ ކޮށްލިއެވެ.
" އެއިނީ ނުހާ. އޭނާ ރޮނީކަންނޭނގެ." ނަތާ މިހެންބުނުމާއެކު އެންމެން އެދިމާއަށް ބަލާލިއެވެ.
"އަހަރެން އެބައަންނަން." އައިން ދިޔައީ ނުހާ ގާތަށެވެ. އެއީ އައިންގެ އާދައެވެ. ކުދިންނާ ގުޅޭ ކުދިންނަށް އޯގާތެރިވާ މިޒާޖެކެވެ.
"ނުހާ ކީއްވެ ތިރޮނީ."
"އަހަރެން ނުރޮން." ކަރުނަ ފޮހެލެމުން ނުހާ ބުންޏެވެ.
"އޯކޭ. ބުނަން ބޭނުން ނުވަންޏާ ނުބުންޏަސް. އެކަމަކު އަހަރެންގެ އެހީއެއް ބޭނުމިއްޔާ ބުނޭ. ފަހަރެއްގަ މަށަށްވެސް ކޮށްދެވޭ ކަމެއް އޮވެދާނެދޯ." އަނގައިގާ އޮތް ޗުއިންގަމް ހަފަމުން އައިން ބުނެލިއެވެ.
"އައިން ކުރީ ފަހަރުވެސް ކޮލެޖް ފީދައްކަދިނީ. ކޮންމެ ފަހަރަކު ބުނަން ކެރޭނީ ކިހިނެއް؟"
"އެއީ އެހާ ބޮޑު އެއްޗެއް ނޫނެއްނު. ދެންބުނެބަލަ ކިހިނެއްތަ ވެގެން ތިއުޅެނީ."
"އަހަރެންގެ ކަބަޑު ފަޅާލާފައި ހުރީ. އޭގައޮތް ގޭގެ ކުލިދައްކަން ބާރަސަތޭކަ ރުފިޔާއާއި މަންމައަށް ބޭސްގަންނަން ފޮނުވާފައި އޮތް ފަސްސަތޭކަ ރުފިޔާ ނަގާފައި އޮތީ."
"އެހެންވީއިރު ހަވީރު ކުލާހަށް އަންނައިރު ކޮންމެވެސް ވަރެއް ދެވޭތޯ ބަލާނަން." އައިން ބުނެލިއެވެ.
"އޭ ގަޑި ޖެހިއްޖެ. އަވަހަށް ކުލާހަށް ހިނގާ." ނަތާމެން އެހިސާބަށް އަންނަމުން ބުންޏެވެ. އެ ތިންކުދިންނާއެކު ނުހާވެސް ބާރު ބާރަށް ހިނގާފައި ސޮލާހުއްދީން ބިލްޑިންގަށް ދެވުނުއިރު ހުރީ އިތުރަށް އަށްމިނިޓް ހިނގާފައެވެ. ސަލާމް ގޮވާލުމާއެކު އެކުދިން އެތެރެއަށް ވަންއިރު ކިޔަވައިދޭން ހުރީ މީގެ ކުޑަ އިރުކޮޅެއްކުރީން އެމީހުންނަށް ލެކްޗަރ ނަގައިދިން ހާއިޝްއެވެ.
"ލަހުން އައިމާ އަހަރެންގެ ކިޔަވައިދިނުމަށް އުނދަގޫވެއްޖެ. ދެންދުވަހަކުން ލަހުން އަތުވެއްޖެނަމަ ކުލާހަކަށް ނުވަދެވޭނެ." ހާއިޝްގެ ހަރުކަށިކަން ފެނި އެތިންކުދިން ޖެހިލުންވެ ހުރެ އެތެރެއަށް ވަނެވެ. ފުރަތަމަ ދުވަހުވެސް މިޓީޗަރުގެ ހަރުކަށިކަން ފެނިފައި އެމީހުން ބިރުގަތެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހުރިހާ ކުދިންވެސް ބަރާބަރަށް ކުލާހަށް ހާޒިރުވެއެވެ.
އާދައިގެ މަތީން އައިންމެންގެ ކިޔެވުން ކުރިއަށް ދެއެވެ. މިއަދަކީ ނުހާގެ އުފަންދުވަސް ކަމުން ކުލާހުގައި ޗޮކްލެޓް ބެހިއެވެ. އެއީ ޓޮބްލަރޫން ޗޮކްލެޓްކަމުން ކޮންމެ ކުއްޖަކަށް ނުހާ ދިން ޗޮކްލެޓްތައް ހުރީ ކުޑަކޮށް ދިޔާކޮންނެވެ. އޭގެތެރެއިން ކޮންމެވެސް ލާނެތް ކުއްޖެއް ޗޮކްލެޓްކޮޅެއް ޓީޗަރުގެ ގޮނޑީގައި ބޭއްވިއެވެ. ހުރިހާ ކުދިން އަވަސް އަވަހަށް ޗޮކްލެޓްކާލާ ހަމަޖެހިލީ ޖެހިގެން އޮތީ ހާއިޝްގެ ގަޑިކަމަށްވާތީ ބިރުންނެވެ. އައިންވެސް ޗޮކްލެޓް ކާލާ ކަރުދާސްކޮޅު ޑަސްބިނަށްލާފައި އިށީނދެލިއެވެ.
ގަޑިފެށުމާއެކު ހާއިޝް ކުލާހަށް ވަދެއްޖެއެވެ. އާދައިގެ މަތީން ފުރަތަމަކަމަކީ ރަޖިސްޓްރީ މާކުކުރުން ކަމުގައިވާތީ އޭނާއައިސް ގޮޑީގައި އިށީނދެލިއެވެ. ހާޒިރީ ކިޔާ ނިންމާ ކުދިންނަށް ދޭންޖެހޭ މަސައްކަތުގެ ކަރުދާސް ބަހަމުން ދިޔައިރު ހުރިހާ ކުދިންވެސް އާދަޔާ ޚިލާފަށް ސިއްރުން ހޭކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ކުދިން ހެނީ ކީއްވެތޯ ބެލުމުގެ ޝައުގުވެރިކަން އޭނާ އުފެދުނީ އޭނާއަށްވެސް ލަޑެއް ލިބުނުކަން ޝައްކުވާތީއެވެ.
" ތެދުވެބަލަ." ޒޫނާއާއި ދިމާއަށް އޭނާގެ ހަރުކަށިއަޑުން ގޮވާލިއެވެ. ކުލާސް ހުރިހާ ކުދިންވެސް މައިތިރި ވެއްޖެއެވެ. ޒޫނާ ބިރުން ހުރެ ތެދުވެއްޖެއެވެ. ހުރިހާ ކުދިންނަށްވެސް މިހާރު ޓީޗަރަށް ކޮންމެވެސް ކަމެއް ޝައްކުވީކަމަށް ގަބޫލުކޮށް ބިރުން ތިބެއްޖެއެވެ.
"ކުދިން ހޭ ސަބަބެއް މަށަށް ބުނެދީބަލަ."
"ސަރ. އަޅުގަނޑަކަށް ނޭނގޭ."
"ދޮގުހެދުން އެއީ ވަރަށް ނުރައްކާކަމެއް. ޒޫނާ ދޮގު ހަދާކަން މަށަށް ސާބިތުވެއްޖެނަމަ އޭގެ އަދަބު ލިބޭނެ."
"ސަރ. އެއީ….އެއީ ފަޓުލޫނުގައި އެއްޗެއް ހުރުމުން." ބިރުންހުރެ ޒޫނާ ތެދު ހެދިއެވެ.
ހާއިޝް ފަޓުލޫނުގެ ފުރަގަހުގައި އަތް ކާއްތާލިތަނާ އޭނާގެ އަތުގައި ޓޮބްލަރޫން ޗޮކްލެޓް ހޭކުނެވެ. ހަމައެވަގުތު ތަޖުރިބާކާރު ޓީޗަރު ހުރިހާކުދިންގެ މޫނަށް ބަލަން ފަށައިފިއެވެ. ކުއްލިއަކަށް ބިރުން އިސްޖަހައިގެން އިން އަންހެން ކުއްޖަކަށް އޭނާ ގޮވާލިއެވެ. އެއީ އިސްތަށިގަނޑު ފަންކޮށްފައިވާ އެކިގޮތްގޮތަށް ކޮށާފައިވާ ކުއްޖެކެވެ. އަތްކުރު ކޮށް ފަހާފައިވާ ރަތްކުލައިގެ ކަޅުހެދުމެއް ލާފައިވާއިރު އެއީ ފަހުގެ ފެޝަންތަކަށް ރަނގަޅަށްވެސް ލޯބިކުރާ ކުއްޖެއްކަން އެނގޭކަށް މާގިނައިރެއް ނުނަގައެވެ. އަދި އޭނާއަށް ބަލަން ހުއްޓެވެ.
"މިކަން ކުރީ ކޮންކުއްޖެއް." އައިން ގާތު މަޑުކޮށްލަމުން ހާއިޝް އެހިއެވެ.
"ސަރ. އަޅުގަނޑެއް ނޫން."
"ކޮންނަމެއްތަ ކިޔަނީ." ސީރިއަސް ރާގެއްގައި އޭނާއެހިއެވެ.
"އައިން." އޭނާ އިސްޖަހާލިއެވެ.
"އައިން ތެދަށް ބުނާނީ ކިހިނެއް ހެދިއްޔާ."
"ސަރ. އަޅުގަނޑެއް ނޫން." އައިން ހުރީ ހާސްވެފައެވެ.
"އަނގަމަތި ދޮވެގެން ކުލާހަށް އާދޭ. ދެންވެސް އެފަދަކަމެއް ތަކުރާރު ނުކުރާތި." ފުރަތަމަ ފަހަރުކަމުން ހާއިޝް އެކުއްޖާއަކަށް އަދަބެއް ނުދެއެވެ.
(ނުނިމޭ)
