ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފައިސާ ދިނުމާއި ކާން ދިނުމާއި ކޮފީ ދިނުން ފަދަ ކަންކަން ކުރުމަކީ މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް ކަމަށެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫންކަން އުސްތާޛްގެ މިބަސްފުޅުން އެނގިގެންދެއެވެ.
"ރައްޓެއްސަކަށް ނަމަވެސް ރައްޓެހި ނޫން މީހަކަށް ނަމަވެސް އަދި ޢާއިލާގެ މީހަކަށް ނަމަވެސް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ އެމީހަކު ނަރަކައިން ސަލާމަތް ކުރެވޭތޯ މަސައްކަތްކޮށްދިނުމެވެ. އެ މަސައްކަތަކީ ހަމައެކަނި އުސްތާޛުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ވަރަކުން އެ މަސައްކަތް ކުރަންވާނެއެވެ."
އަދިވެސް އުސްތާޛް ވިދާޅުވެފައިވެއެވެ. "ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސިޓީ ކިޔައިދީ ނިމުނުއިރު އުސްތާޛް މިވަނީ ބިރުން އަވަދިވެފައެވެ. އުސްތާޛްގެ ޙާލާއިމެދު ބިރުން ތުރުތުރުއަޅާވަރުން މިއުޅެނީ ވާހަކަ ދައްކަން ރަނގަޅަށް އަނގަ ނުހުޅުވިގެންނެވެ. ތިއަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން މޫނުމަތިން އުސްތާޛަށް އެބަ ފެނެއެވެ.
ސިޓީގެ ވަކި ހިސާބަކުން ބައެއް މީހުން ކަންފަތުގައި އަތް އެޅިތަންވެސް ފެނުނެވެ. އެހެންވީމާ ދަރުސް ނިމިގެން ސިޓީގެ ކޮޕީއެއް ކޮންމެ މީހަކަށްވެސް ދޭނަމެވެ. ހަމަޖެހިލައިގެން ކިޔައިލާށެވެ! އަދި ކޮޕީ ހަދައިގެން ރައްޓެހިންނަށްވެސް ބަހާށެވެ. ސޯޝަލް މީޑިއާތަކުގައި ޝެއާވެސް ކުރާށެވެ! ނަރަކައާއިމެދު އެމީހުންގެ ހިތަށްވެސް ބިރުވެރިކަން ވެއްދޭތޯ ކުރެވުނު މަސައްކަތްތަކެއް ކުރާށެވެ!"
މިއީ އުސްތާޛް ވިދާޅުވެފައިވާ ވަރަށް މުހިންމު ބަސްފުޅުތަކެކެވެ. މި ބަސްފުޅުތަކުން އެނގެނީ އިސްލާމް ދީނަށް މީސްތަކުން ހޭލުންތެރިކުރުވަން މަސައްކަތް ކުރުމުގެ މުހިންމުކަމެވެ. ތިމާއަށް ކިޔަން ލިބޭ މުހިންމު ދީނީ ލިޔުންތައް އެހެން މީހުންނާއި ހިއްޞާކުރުމުގެ މުހިންމުކަމެވެ. އެހެން މީހުންގެ ހިތްތަކުގައި ވެސް އިސްލާމް ދީނަށް ލޯބި ޖެއްސުވުމަށާއި ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތި ކުރުވުމަށް މަސައްކަތް ކުރުމުގެ މުހިންމުކަމެވެ.
"އެ މަސައްކަތަކީ ހަމައެކަނި އުސްތާޛުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ވަރަކުން އެ މަސައްކަތް ކުރަންވާނެއެވެ." ވިދާޅުވެފައި އޮތުމުން އެއީ އެންމެހައި މީސްތަކުންގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން އެނގެންދެއެވެ. ލިޔުމުގެ އަޞްލު (މިއަދުނޫހުގައި ރޭ ޝާއިޢްކޮށްފައިވާ) "ނަރަކައިގެ ބިރުވެރިކަމުން ކުޑަކުޑަ މިންވަރެއް އަންގައިދޭ ސިޓީއެއް! މިސިޓީ ކިޔުމަށްފަހު ބިރުވެރިކަން ހިތަށް ނުވަދެއްޖެނަމަ އެއީ ހަމަ ވަރަށް ބޮޑު މައްސަލައެއް!"
– މިއަދު ނޫހުން ނަގާފައި
