ވާހަކަ: އައިން (4)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

އެއީ އައިންއެވެ. އައިން ވަނީ ޚަބަރު ހުސްވެފައެވެ. ހާއިޝް އޭނާގެ ވިންދު ބަލާ ހެދުމަށްފަހު އައިން އަތްދަނޑިމައްޗަށްލާ އަމީނީ މަގާދިމާއަށް ދުއްވައިގަތެވެ. ރޮވިފައިވާ ހުރިހާކުދިންވެސް އޭނާގެ ފަހަތުން ދިޔައެވެ. ކުދިންގެ އެހީތެރިކަމާއެކު ދުއްވާފައި ދިޔަ ޕިކަޕެއް އެމީހުން މަޑުކުރުވިއެވެ. އަދި ހާއިޝާއެކު ޒޫނާއާއި ނަތާވެސް ހޮސްޕިޓަލަށް ދިޔައެވެ.

"މިހެންވީ ކީއްވެ؟" އައިން އިމަޖެންސީ ރޫމަށް ވެއްދުމުން ހާއިޝް ނަތާމެންނާ ވާހަކަ ދެއްކިއެވެ.

"ތިންމީހުން ނުކުމެގެން ދިޔައީ ފިޒަސްއަށް ދާން. އައިން ހުރީ މާކުސްގެ މައްސަލައިގައި ވަރަށްދެރަވެފައި. އޭނާ ރަނގަޅަށް ބަލާނުލާ މަގުމައްޗަށް ނިކުތީ." ނަތާއަށް ވާހަކަ ދައްކަން ވަނީ އުނދަގޫ ވެފައެވެ.

"އެވަގުތު އައިސައިކަލެއްގައި ޖެހިފައި ވިއްސައިގެން ދިޔައީ." ޒޫނާ އިތުރުކޮށްލިއެވެ.

"މީ ސަރގެ ކަންތައް. ކުށަކާ ނުލާ އައިންއަށް އެހެން ހެދުމުން ދިމާވިކަމެއް." ނަތާ ހުރީ ރުޅިއައިސްފައެވެ. އައިންއަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިއާއެވެ. އެ ތިންމީހުން ގުޅިފައިވަނީ އެކަކު އަނެކަކަށްޓަކައި ކަހަލައެވެ.

"ތިކަންކުރި އާރިފް ހުރިހާކަމެއް ކިޔައިދީފި. އަހަރެން މިހުރީ އެކަމާއި ވަރަށް ދެރަވެފައި."

"ކޮބާ ނަތާ. އައިން ކޮބާ." ހޮސްޕިޓަލުތެރެއަށް ވަދެގެންއައި އައިންގެ އާއިލާ މީހުން ތިބީ ކަންބޮޑުވެފައެވެ. އެންމެންވެސް ތިބީ ރޮވިފައެވެ. ހާއިޝް އެމީހުންނާ ދުރަށްޖެހެވުނީ އޭނާގެ ސަބަބުން މިލިބުނު ދެރަ ހިތަށް އެރުމުން ލިބުނު ހިތްދަތި ކަމުންނެވެ.

 

ދެގަޑިއެއްހާ އިރުތެރޭ  އިމަޖެންސީ ރޫމް ދޮރުހުޅުވާލާ އައިން ނެރެވިއްޖެއެވެ. ހަމައެކަނި މޫނު ފިޔަވައި ހުރިހާ ތަނެއް ހުދުފޮތިން ނިވާކޮށްފައިވާ އައިން ގެންނަ ތަން ބަލަން ހާއިޝް ދުރުގައި ހުރީ ހިތް ދަތިކަމާ އެކުއެވެ. އޭނާ ނޭވާލަނީ ނޭފަތަށް ގުޅާފައިވާ ހޮޅިއެއްގެ އެހީތެރިކަމާއެކު އަނެއް ކޮޅު ގުޅާފައި ހުރި މެޝިނަކުންނެވެ. ގައިގެ އެތަންމިތަނަށް ހޮޅި ގުޅާފައިވެއެވެ. އޭނާގެ ބޮލާއެކު މޫނުގެ އެއްފަޅި ވަނީ ހުދު ބެންޑޭޖަކުން ނިވާ ކޮށްފައެވެ. މޫނުމަތިން ފެންނަމުންދާ އަސަރުތަކުން ހަށިގަނޑުގައި އަޅާވޭނުގެ އަސަރުތައް މޫނުމަތީން ފެންނަން ހުއްޓެވެ. ގައިގެ އެތަންމިތަނަށް ގިނަ ހޮޅިތަކެއް ގުޅާފައިވެއެވެ. ފުރޮޅުލީ އެނދެއްގައި އައިން ގެނެސް ޕުރައިވެޓް ކޮޓަރިއަކަށް ގެންދިޔައީ އޭނާގެ އާއިލާމީހުންނާއެކުގައެވެ. އިމަޖެންސީ ހާލުގައި ޕުރައިވެޓް ކޮޓަރީގައި އޭނާ އޮތީ އޭނާގެ އާއިލާގެ އެދުމުގެ މަތީންނެވެ.

ހާއިޝްވެސް އެމީހުންނަށް ނުފެންނާނެގޮތަށް އެމީހުންގެ ފަހަތުން ދިޔައެވެ. އަދި ޒީނާއާއި ނަތާގެ އިންތިޒާރުގައި އައިންގެ ހާލެއް އޮޅުންފިލުވުމަށް މަޑުކޮށްގެން ހުއްޓެވެ. ހަރުދަނާކަމާއި ހަރުކަށިކަމުން މަޝްހޫރުވެފައިވާ ހާއިޝް ހުރީ ދެރަވެފައެވެ. ބަލާމީހަކަށް އޭނާގެ ހާލު ފެނުމުން އެއީ ހާއިޝްކަން ގަބޫލުވެސް ނުކުރެވޭ ވަރަށް އޭނާ ވަނީ ކަންބޮޑުވެފައެވެ.

"ކޮބާ. އައިންގެ ހާލު ކިހިނެއް." ނަތާއާއި ޒީނާ ނިކުތުމުން ހާއިޝް އެހިއެވެ.

"އަދި އެއްޗެއް ބުނަން އެނގޭނީ ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަޔޯ. ހޭއެރުމުން ނޫނީ އިތުރު އެއްޗެއް ނުބުނެވޭނެޔޯ. ވީހާވެސް އަވަހަކަށް ހޭއެރިއްޔާޔޯ ރަނގަޅީ." ނަތާ ވާހަކަދެއްކިއެވެ. އެމީހުން ދިއުމުން ހާއިޝްވެސް ގެއަށް ދިޔައެވެ.

އަރީޝަށް ޚަބަރުލިބުމާއެކުހެން މާލެއައެވެ. އެއީ އައިންދެކެ އެންމެ ލޯބިވާ ބޭބެއެވެ. އަދި މީގެ އަހަރެއްހާދުވަސް ކުރިން ނަތާއާއި ލޯބީގެ ގޮތުން ގުޅިފައިވާ ނަތާގެ ބައިވެރިޔާއެވެ. އޭނާ ހުންނަނީ އިނގިރޭސިވިލާތުގައި ސަރުކާރު ތަމްސީލުކުރުމުގައި ދިވެހި އެމްބަސީގައެވެ. އޭނާއަށް އާދެވުނު އިރުވެސް އައިން ހެއެއް ނާރައެވެ. އެދުވަހު ހަތަރު ދަމު ނަތާއާއި އަރީޝް އައިންގެ ޚިދުމަތުގައި ހޮސްޕިޓަލުގައި ތިއްބެވެ.

 

އަބަދުވެސް މެންދުރުފަހު އަރާމުކޮށްލަން ނިދާލާ ހާއިޝަކަށް މިއަދަކު ނުނިދުނެވެ. ލޯމެރިލާ ކޮންމެ ފަހަރަކު އޭނާއަށް އައިންގެ އަނިޔާވެފައިވާ މޫނު ފެންނަނީއެވެ. ނިދިޖެހިލާ ކޮންމެ ފަހަރަކު އޭނާއަށް ސިފަވެގެން ދަނީ އިމަޖެންސީރޫމުން އޭނާ ނެރުނު މަންޒަރެވެ. ނިކަމެތިކަމާ މައުސޫމު މޫނު އޭނާއަށް ހަނދާންނައްތައެއް ނުލެވުނެވެ. އައިންއަށް ކުރިމަތި މިވި ހާދިސާގެ ޒިންމާ ދާރަކީ އޭނާކަން ގަބޫލުކުރެވެނީއެވެ.

"ހަލޯ." ކުއްލިއަކަށް ހާއިޝްގެ ފޯނަށް ގުޅި ނުދަންނަ ނަންބަރަކަށް ޖަވާބުދިނެވެ.

'އަޅުގަނޑު މީ ނަތާ. އައިންގެ…"

"އާން. ނަތާ. އައިން ރަނގަޅުތަ؟" ހާއިޝް ހިމޭންވިއެވެ. އެހާ ރަނގަޅުކުއްޖަކަށް އެހާއަވަހަށް މިފަދަ ހާދިސާއެއް ހިނގުމަކީ ވަރަށް ދެރަކަމެކެވެ. އެއީ އެހާމެ ޒުވާން، މީހުންނަށް އޯގާތެރި މިނިވަން ކުއްޖެކެވެ. މިއީ އައިންއަށް އިންސާފުވެރި ގޮތެއް ނޫނެވެ.  ހާއިޝްގެ ހިތަށް އެތައް ޚިޔާލުތަކެއް އަރަމުން ދިޔައެވެ.

"އަޅުގަނޑު ވަރަށް އެބަ ބިރުގަނޭ. އޭނާ އަދިވެސް ހެއެއްނާރާ."

"އަހަރެން ދިޔަޔަސް ރަނގަޅުވާނެތަ؟" ނަތާ އޭނާގާތު އެވާހަކަބުނީ އޭނާގެ ޒިންމާއެއް އެކަމުގައި ވާކަމަށް ނަތާ ގަބޫލުކުރާތީކަން އެނގުނެވެ.

 

އަވަސް އަވަހަށް އޭނާ ތެދުވެއްޖެއެވެ. ފެންވަރާލާ ތާޒާވެލުމަށްފަހު އޭނާ ހޮސްޕިޓަލަށް ދިޔައެވެ. އައިން އޮތް ކޮޓަރީގެ ދޮރުމަތީގައި އޭނާ ބައިގަޑިއެއްހާއިރު ވަންދެން އިނީ ކޮންމެވެސް ވަގުތެއްގައި ނަތާ ނުވަތަ ޒޫނާ ނަމަވެސް އަންނާނެކަން ޔަގީން ވާތީއެވެ. އޭނާ އުންމީދުކުރި ގޮތަށް ނަތާ އަންނަތަން އޭނާއަށް ފެނުމުން އަވަސް އަވަހަށް ތެދުވިއެވެ.

"ނަތާ. އަހަރެންނަށް އައިންއާއި ބައްދަލު ކޮށްލެވިދާނެތަ؟" އާދޭހުގެ ރާގެއްގައި ހާއިޝް ބުންޏެވެ.

"މަޑު ކޮށްލައްވައްޗޭ. އަޅުގަނޑު އެބައަންނަން" ނަތާ މިހެން ބުނީ އައިންގާތު މިވަގުތު ތިބި މީހުން ނޭނގޭތީއެވެ. އޭނާގެ މަންމައަށް ހާއިޝް އައިކަން އެނގިއްޖެނަމަ ވަރަށް ރުޅި އަންނާނެކަން އެނގެއެވެ. އެމީހުން އޮތީ ގޭގައި ހާއިޝްގެ ވާހަކަ ދައްކާފައެވެ. ނަތާ އެތެރެއަށް ވަންއިރު މަންމައާއި ދޮންތަ ހުއްޓެވެ.

"ދައްތަ މިހާރު ހުންނަތާ ހާދައިރެއް ވެއްޖެޔޭ. ގޮސްލަންވީނު ތާޒާވެލާ އަރާމު ކޮށްލަން." ނަތާ، ރޮވިފައިވާ ސޯބިރާއަށް ބުންޏެވެ.

"ނޫން. އަހަރެން ދާނީ އައިން ލޯހުޅުވާލުމުން. ނޫނީ ހޭއެރުމުން."

"މަންމާ. އެކަންވާނީ ކޮންއިރަކުކަމެއްވެސް ނޭނގެ. އެގޮތަށް ވެއްޖެއްޔާ ވަގުތުން މަންމައަށް ގުޅާނެ. އެވަގުތު މަންމަވެސް ހުންނަން ޖެހޭނީ ފުރިހަމަ ސިއްހަތެއްގައެއްނު." ދޮންތަ ބުންޏެވެ.

"ނަތާ. ދެން މަންމަމެން ގޮސްލަނީ. ބައްޕަ ދުރުވާނެ މިރޭ. އޭރުން އަނެއްކާ މަންމަ އަންނާނަން." ސޯބިރާ އައިންގެ އަތުގައި ފިރުމާލިއެވެ. އޭނާގެ  ޚަބަރުހުސްވެފައިވާ ހަށިގަނޑުގައި ބޭރުފުށުން ދިރުމެއްގެ އެއްވެސް އަސަރެއްނެތެވެ. އެހާވެސް ވަރުދެރައެވެ.

"ލައްބަ ދައްތާ. އަޅުގަނޑު އައިން ގާތު މަޑުކޮށްލާނަން. އިރުކޮޅަކުން އަރީޝްވެސް އަންނާނެ."

ސޯބިރާމެން ނިކުމެގެން ދިޔަތަން ހާއިޝަށް ފެނުނެވެ. ނަތާ ނައުމުން ފަހަރުގައި އައިން ގަބޫލު ނުވީކަމަށް ހީކޮށް އޭނާ ކަންބޮޑުވިއެވެ. ނަމަވެސް ހީކުރިގޮތާއި ޚިލާފަށް ނަތާ އައިސް އޭނާ އައިންގެ ކޮޓަރިއަށް ވަނުމުގެ ހުއްދަ ދީފިއެވެ.

ހާއިޝް އައިސް އެނދުކައިރީ ހުރި ގޮޑީގައި އިށީނދެލިއެވެ. ނަތާ ދެފަހަރަކު އައިންއަށް ގޮވާލި ނަމަވެސް ޚަބަރެއް ނުވިއެވެ.

"ނަތާ. އޭނާއަދި ހެއެއް ނާރާ. ދެން ނުގޮވާ. އަހަރެން އެހެން އިރަކުން އަތުވެދާނަން." ހާއިޝް ބުނެލިއެވެ.

"އެންމެ ރަނގަޅު." އިހުތިރާމް ކުރުމުގެ ގޮތުން އޭނާ ތެދުވެލިއެވެ.

"ސަރ.  މިތާ މަޑުކޮށްލަދެއްވަފާނުތޯ. މީހަކު އައިސްފައި އެބަހުރި." ފޯނަށް ޖަވާބު ދެމުން ނަތާ ބުނެލިއެވެ.

"އެންމެ ރަނގަޅު."

ނަތާ ދިއުމުން ހާއިޝް އަނެއްކާވެސް އެ ގޮނޑީގައި އިށީނދެލިއެވެ. ހިމޭންކަން ވެރިވެފައިވާ އެކޮޓަރީގައި ނިދިފައި އޮތް އައިންއަށް ހާއިޝް ބަލާލިއެވެ. ހަމައެކަނި މޫނު ފިޔަވައި ހުރިހާ ތަނެއް ހުދުފޮތިން ނިވާކޮށްފައިވާ އައިން ފެނުމުން އޭނާއަށް ޝައުގުވެރިކަމާއެކު ނަޒަރު ހިންގާލެވުނެވެ. އޭނާވަނީ ހުދު ބެންޑޭޖަކުން ރީތި އިސްތަށިގަނޑާއެކު މޫނުގެ އެއްފަޅިން ވާގޮތަށް ނިވާ ކޮށްފައެވެ. އައިންއަށް އެފަދަ ހާނިއްކަ ލިބިފައި ފެނުމަކީ އޭނާ ރުހޭކަމަކަށް ނުވިއެވެ. ހާއިޝް އައިންގާތު އިށީނދެލިއެވެ. އައިންގެ ދިގު ހިމަ އިގިލިތައް ފިޔަވާ އައިންގެ ސިފަ ދެނެގަންނަން އުނދަގޫވާހާ މިންވަރަށް އޮތީ ބެންޑޭޖް އަޅާފައެވެ. ހާއިޝް އައިންގެ އަތްތިލަ އުފުލާލިއެވެ. އަދި އޭނާގެ އަތުތެރެއަށް ލިއެވެ.

"އައިން. އަހަރެން މިއައީ އައިންގެ ހާލުދެކެލަން." އޭނާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އެއްވެސް މީހަކަށް އޭގެ އުނދަގުލެއް ނުފޯރާ މިންވަރަށެވެ. އޭނާ މިފުރުސަތުގައި އައިންގާތު އެއްޗެއް ބުނަންބޭނުންވެއެވެ.

"އައިން. ވަރަށް އަވަހަށް ރަނގަޅުވެދާނެ. ނޭޕާލުގައި އޮތް ވޯކުޝޮޕަށްވެސް ދާންޖެހޭނެއެއްނު…. އަވަހަށް ރަނގަޅުވޭ…. އައިން ލޯ ހުޅުވާލަބަލަ….. މިއީ އެއްވެސް މީހަކަށް އަދި ކުލާސްކުދިންނަށްވެސް އެހާ ރަނގަޅު ޚަބަރެއްނޫން….. އައިން އަހަރެންނަށްޓަކައި ލޯހުޅުވާލަބަލަ." އޭނާ މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ. އޭނާބޭނުންވަނީ އައިން ހަމަ އެ މަޖާ ދިރިއުޅުން އުޅޭށެވެ. އޭނާއަށް އައިން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އައިން ގެއްލޭކަށް އޭނާއެއް ނޭދެއެވެ.

ކުއްލިއަކަށް އައިން ލޯ ހަރަކާތްކޮށްލިއެވެ. ހާއިޝް އަވަހަށް ނަރުހަށް ގޮވިއެވެ. ވަގުތުން ޑޮކްޓަރާއެކު ނަރުސް އަތުވެއްޖެއެވެ. ދެން އަނެއްކާވެސް އައިން ހިމޭންވެލިއެވެ.

" ލޯހުޅުވާލާ އައިން. ތިހެން އޮށޯވެގެން ނިދީމާ އަހަރެމެން އެކުގައި އުޅޭނީ ކިހިނެއް. އެހެންނޫނީ އެއްކަލަ ދަތުރުވެސް ދާނީ ކިހިނެއް." އޭނާ ހިތަށް އެރި ކޮންމެ އެއްޗެއް ކިޔަމުން ދެއެވެ.

"ކޮންދަތުރެއް." އައިން އަނެއްކާވެސް ލޯހުޅުވާލިއެވެ. އެއަށްފަހު ލޯމަރާލިއެވެ.

"އޭނާ މިހާރު އެއަންނަނީ ރަނގަޅުވަމުން." ޑޮކްޓަރުބުންޏެވެ.

"ފެންފޮދެއް." ލޯމެރިފައިވާ އައިން މަޑުމަޑުން ބުނެލިއެވެ. ސިހުން ލިބިފައިވާ ހާއިޝް، ޑޮކްޓަރުގެ ހުއްދައާއެކު ކައިރީގައި ހުރި ފެންތަށިން ފެން ސަމްސަލެއްނަގާ އައިންގެ އަގައަށް އަޅައިދިނެވެ.

"އަދިވެސް." އައިން ހުރީ ވަރަށްބޮޑަށް ފެންބޮވައިގެންފައެވެ. ހާއިޝް އޭނާގެ އަނގައަށް ފެންއަޅައިދިނެވެ. އެވަގުތު އޭނާގެ އަނގައިން ބޭރުވި ފެންތައް ޓިޝޫއަކުން މަޑުމަޑުން ފޮހެލަދިނެވެ. ތަދުވާތީ، އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ވެސް ހާއިޝް ފޮހެލަދިނެވެ.

"އައްދޯތް." އައިންއަށް މަޑުމަޑުން ބުނެލެވުނެވެ. ހޭއެރުމާ އެކީހެން ތަދުވާކަމުގެ އިހުސާސް ކުރެވުނެވެ.  އަދި ގާތުގައި ހުރީ ކާކުކަން ނޭނގި އެމީހެއްގެ އަތުގައި އޭނާ ހިފާލިއެވެ.

"މަންމާ. ވަރަށް ތަދުއެބަވޭ." އައިންއަށް ރޮވެނީއެވެ.

"ފަސްވަރަކަށް މިނިޓްފަހުން ތަދެއްނުވާނެ." ތަދުކަނޑުވާ އިންޖެކްޝަން ޖަހަމުން ނަރުސް ބުނެލިއެވެ.  އައިން ހާއިޝްގެ އަތުގައި ހިފަހައްޓާފައިވާލެއް ބާރުކަމުން އައިންއަށް ވާތަދު އޭނާއަށް އިހުސާސްކުރެވެއެވެ. ތަދުކެނޑި ހަމައަކަށްއެޅުމުން އޭނާ ގާތުގައި ހުރި މީހަކަށް ބަލާލެވުނެވެ.

"ސަރ" އައިން ތެދުވެވޭތޯ ބެލިއެވެ.

"ނޫން…..ނޫން. އައިން. ނުތެދުވޭ." އޭނާ އައިންގެ ގައިގާ ހިފަހައްޓާ ހުއްޓުވިއެވެ.

"ކޮބައިތޯ ގޭމީހުން……." ކަންބޮޑުވެފައި އޭނާ އެހިއެވެ. އެހެންވީއިރު އޭނާއަށް ފެންދީ ހެދީވެސް ހާއިޝްތާއެވެ.

"ގޭމީހުން އެދިޔައީ ދެންމެ. ނަތާ ހުރީ. އޭނާ ދިޔައީ ފޯނެއް އައިސްގެން." ހާއިޝް ވާހަކަދެއްކީ މަޑުންނެވެ. ދައްކާނެ ވާހަކައެއް އެއްވެސް މީހެއްގެ ނެތެވެ. އެހެންކަމުން މުޅި ތަނަށް ވެރިވެފައިވަނީ ނިމުމެއްނެތް ހިމޭންކަމެވެ.

"ސޮރީ. މާލަސްވެއްޖެ ދޯ." ނަތާއާއި އަރީޝް އެތެރެއަށް ވަންނަމުން  ބުނެލިއެވެ.

"އޭނާ ހޭއަރައިފި. ރިޕޯޓްތަކުގައިވާގޮތުން އޭނާގެ އެތެރެހަށީގައި މާބޮޑު މައްސަލައެއް ނެތް. ނަމަވެސް ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ އަނިޔާވެފައިހުރީ. އެކަން ވަރަށް އަވަހަށް ރަނގަޅު ކުރެވިދާނެ. ދެން ފަރުވާ ލިބެންޖެހެނީ ބޭރުފުށުގެ ޒަޚަމްތަކަށް." ހާއިޝް އަވަސް އަވަހަށް ޑޮކްޓަރުގެ ވާހަކަތައް ނަތާއަށް އެންގިއެވެ.

"ކޮންއިރަކު ހޭއެރީ." އުފާވެފައިވާ ނަތާއެހިއެވެ.

"ނަތާ ހަމަދިއުމާއެކު." ހާއިޝްގެ ޖުމްލައާއެކު ނަތާ ގެއަށް ފޯނުކުރިއެވެ. އަދި މިއުފާވެރި ޚަބަރު ސޯބިރާއަށް ދިނެވެ. ސޯބިރާ އަވަސް އަވަހަށް ހޮސްޕިޓަލަށް އަންނަ ވާހަކަ ބުންޏެވެ.

"ދެންދަނީ އިނގޭ. ނަތާ. އައިން ރަނގަޅަށް ބަލައްޗޭ."  ހާއިޝް ނިކުމެގެން ދިޔުމަށްޓަކައި ތެދުވިއެވެ. ހާއިޝްގެ މި އޯގާވެރި ބަސްކޮޅުން އަސަރު ކުރީކީ ހަމައެކަނި އައިންއަކަށް ނޫނެވެ. ނަތާއަށްވެސް އެކަން ފާހަގަ ކުރެވުނެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *