ގިނަ ބަޔަކު ފަގީރު ކަމުގައި ތިބެން ޖެހެނީ ކީއްވެ؟

ދުނިޔޭގެ ނިޞްބަތަށް ބަލައިފިނަމަ ވެސް ގިނަވާނީ ފަޤީރުންނެވެ. މިހައި ގިނަ ބައަކަށް ފަޤީރުކަމުގައި ދެމިތިބެން ޖެހެނީ ކީއްވެގެންކަން ދެނެގަތުމަށް ވަރަށް ގިނަ ދިރާސާތައް މިހާރުވެސް ވަނީ ކުރެވިފައެވެ.

ފަޤީރުން ދެބައަކަށް ބަހައިލެވިދާނެއެވެ. ފުރަތަމަ ބައަކީ މުއްސަނދިން ކަމަށް ބެލެވޭ ވަރަށް ތަނަވަސްކަން ލިބިގަތުމުގެ ފުރުޞަތު ނެތް މީހުން ކަމަށް އެމީހުން އަމިއްލައަށް ޤަބޫލުކޮށް ދިރިއުޅުމުގެ ކަންކަން އެގޮތަށް ބައްޓަންކުރާ މީހުންނެވެ. ދެވަނަ މީހުންނަކީ ފުރުޞަތު ލިބުމުން އާމްދަނީ އިތުރުކުރުމަށްވުރެ ދެއްކުންތެރި ދިރިއުޅުމެއް އުޅެން ބޭނުނަވާ މީހުންނެވެ.

މިކަން ފާހަގަކޮށް މީހަކު ބުނެފައިވެއެވެ. "މުއްސަނދި މީހަކާ 1000 ޑޮލަރު ޙަވާލުކޮށްފިނަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފައިސާއިން އޭނާ 10000 ޑޮލަރު ހޯދާނެއެވެ. ފަޤީރަކާއި 1000 ޑޮލަރު ޙަވާލުކޮށްފިނަމަ އޭނާ ހޯދާނީ އައިފޯނެކެވެ."

މިއީ ވަރަށް ޢިބްރަތްތެރި ބަސްކޮޅެކެވެ. މީހުން މުއްސަނދިވަނީ މުއްސަނދިވާން މަސައްކަތްކުރުމުންނެވެ. އެކަމަށް ވިސްނައި ފިކުރުކޮށް ބޭކާރު ޚަރަދުތައް ނުކޮށް އިޤްޠިޞާދުކުރުމުންނެވެ. އިޤްޠިޞާދު ކުރަން ނުއެނގޭ މީހަކަށް ތަނަވަސްކަން އިތުރެއް ނުކުރެވޭނެއެވެ.

ވީމާ ފަޤީރު ޙާލަތުން އަރައިގަތުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ލިބޭ މަދު ފައިސާކޮޅުން ވެސް އިޤްޠިޞާދު ކުރުމެވެ. ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ނުކުރުމެވެ. މަހަކު އެންމެ ޑޮލަރެއް ނަމަވެސް ފަހަށް ރައްކާކުރުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

އިޤްޠިޞާދު ކުރި ނަމަވެސް މަހަކު 100 ޑޮލަރުގެ އާމްދަނީ ލިބޭ މީހަކަށް މިލިއަނަރަކަށް ނުވެވިދާނެއެވެ. ނަމަވެސް މަހަކު 100 ޑޮލަރު ލިބޭ މީހާ ވެސް އިޤްޠިޞާދުކުރާނަމަ އޭނާގެ ފެންވަރުން ތަނަވަސްކަމުގައި ދިރިއުޅެވޭނެއެވެ. އެހިސާބުން އެމީހަކު ވެސް އެވަނީ ހަމަ މުއްސަންޖަކު ކަމުގައެވެ. 

ލިބޭ އާމްދަނީ ބޭކާރު ގޮތުގައި ޚަރަދުކުރަން ހުއްދަކުރާ އެއްވެސް ދީނެއް ނުއޮންނާނެއެވެ. ޚާޞްކޮށް އިސްލާމް ދީނަކީ އިޤްޠިޞާދުކުރަން ވަރަށް ބޮޑަށް ބާރުއަޅާ ދީނެކެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައިވެސް އިޤްޠިޞާދުކުރަން ޖެހޭނެއެވެ. އިޤްޠިޞާދުކުރަން މަސައްކަތް ކުރާ މީހާއަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ދާނީ ލިބެމުންނެވެ.

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު ނޫޙުން ނަގާފައި

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *