ވާހަކަ: ގެއްލުނު ދުނިޔެ (1)

ރެއަކީ އަނދިރިރެއެކެވެ. އަދި ރޭގަނޑުގެ މި އަނދިރިކަން އިތުރުކުރަނީ ވިއްސާރަ މޫސުމުގެ ކެނޑިނޭޅި ވެހޭ ވާރޭއެވެ. އުޑުމަތީގައި ތަރިތަކުގެ ނަންވެސް ނެތް ކަހަލައެވެ. ބޯ ކަޅުވިލާތަކުން މުޅި ކާއިނާތު ވަނީ ފޮރުވިފައެވެ.

ބާޒާރާއި އަދި އަވަށްއަވަށުގެ މަގުތައް ވަނީ ފެންބޮޑުވެފައެވެ. ވާރޭ ވަނީ ހުއްޓާލައިފައެވެ. އެހެންނަމަވެސް ގެތަކުގެ ދިޔަދޮވިތަކުން ފެން އޮހިއޮހި ހުއްޓެވެ. ފެނުގެ ސާފު ބިއްލޫރިތިކިތައް ދިޔަދޮވިތަކުން މޮޅި، މިންވަރުކުރައްވައިފައިވާ ކޮންމެވެސް މީހެއްގެ ލޮލުގެ ކަރުނަތައް ފަދައިން، މުތީތަކަށް ވެގެން އޮހިއޮހި ހުއްޓެވެ.

އެލެކްޓްރިކްގެ ނަރުތަކުގެ މަތީގައި ފެނުގެ ތިކިތައް އެއްތިކީގެ ފަހަތުން އަނެއް ތިކި ދުވެދުވެ ހުއްޓެވެ. އަދި ދޭދޭ ތިކިތައް ކަރާކަރުޖައްސަޖައްސާފައި ފުންމާލަމުން ދެއެވެ. ކެނޑިނޭޅި ފެންތިކިޖެހުމުގައި މިއުޒިކުގެ ރާގުތަކެއް އުފެދެމުންދާ ކަހަލައެވެ.

ކުރިމަތީގައިވާ މަގުމަތިން ހިޔަންޏެއް ވަރަށް ބާރަށް ދުއްވައިގެންފިއެވެ. އަދި ކަނާތްފަރާތުގައިވާ ހަނިގޯޅިއެއްގެ ތެރެއަށް ގެއްލިއްޖެއެވެ. އާދެ އެއީ އިސްކޮޅުން ބޮޑު ބައިމަތިފުޅާ މީހެކެވެ. އޭނާވަނީ ގަލަދުން ކުލައިގެ ބޯ އޯވަރކޯޓެއްގެ ތެރޭގައި ފޮރުވިފައެވެ. ބޮލުގައި ވަނީ ތޮތްޕެކެވެ. އޭގެ މަތިން ފެން، ހިމަ ރޮނގެއްގެ ސިފައިގައި އޮހިއޮހި ހުއްޓެވެ. އަރައިގެން ހުރީ ބަރު ބޫޓަކަށެވެ. އޭނާ ވަރަށް ރައްކާތެރިކަމާއެކު ލުއިލުއި ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ދެއެވެ. ވަރަށްވެސް ސިއްރު ފިޔަވަޅުތަކެއްގައެވެ. އޭނާގެ ބަރު ބޫޓުގެ އަޑު އިވުނަ ނުދިނުމަށް ޓަކައެވެ.

އޭނާ ސިއްރު ފިޔަވަޅުތަކެއްގައި ކުރިޔަށް ހިގަމުންދަނީއެވެ. ކުއްލިއަކަށް ހަނިގޯޅީގެ ކަންމަތީން ފުލުހުންގެ ބަރު ފައިވާނުގެ “ކަޓްކަޓް” އަޑު އިވިއްޖެއެވެ. އަދި ހަނިގޯޅީގައި ވީރާނާވެފައިވާ ޖިފުޓިގަނޑަކަށް ވަދެ ފިލައިފިއެވެ. ދެ ޓޯޗުގެ އަލި އެއްފަހަރާ ހަނިގޯޅީގެ ތެރެއަށް ފެތުރިގެންދިޔައެވެ. އަދި އަލި އެތަންމިތަނަށް ދުވެލުމަށް ފަހު ޣައިބުވެއްޖެއެވެ. އޭނާ އަމިއްލައަށް ހިމަވެލައިގެން ވީރާނާ ޖިފުޓީގެ ފާރުގައި ތަތްވެލައިގެން ހުއްޓެވެ. ފުލުހުންގެ ފައިވާންތަކުގެ އަޑު މާދުރަށް ގޮސް ގެއްލިއްޖެއެވެ. އެ ހިނދު އޭނާ ހަމަޖެހިލައިފިއެވެ. އަނދިރިގަނޑުގެ ތެރެއަށް ދެކޮޅަކަށް ލޯ ހިންގައިލައިފިއެވެ. އަދި ކުއްލިއަކަށް އައިސް ގެއެއްގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އޭނާ އަނެއްކާ ވެސް އެނބުރިލައިފައި ގޯތިތެރެއަށް ވިސްނުމުގެ ކަޅިއެއް ހިންގައިލިއެވެ. ގޯޅިކަންމަތީގައިވާ ފުޅާ މަގުގެ ލޭމްޕް ޕޯސްޓްގެ ކިލާ އަލި އޭނާގެ މޫނުމައްޗަށް އެޅިއެޅި ހުއްޓެވެ. އޭނާގެ ފްލެޓްކެޕް ތަންކޮޅެއް ކުރިއަށް ޖައްސައިލައިފިއެވެ. އަދި މަޑުމަޑުން ގޭގެ ދޮރުގައި ޓަކިދީފިއެވެ.

އެއް ފަހަރު ދެ ފަހަރު ތިން ފަހަރު ދެން ވިދިވިދިގެން…ނަމަވެސް އެތެރެއަކުން އެއްވެސް ޚަބަރެއް ނުވިއެވެ. މިހާރު އޭނާ ޓަކިދިނުމާއެކު މަޑުމަޑުން ގޮވާން ފަށައިފިއެވެ.

“ޗަންދަރު – ޗަންދަރު – ޗަންދަރު ދީޕް. ގީތާ – ބަލައޭ ގީތޯ”… ދެންވެސް އޭނާއަށް އެއްވެސް ޖަވާބެއް ނުލިބުނީމާ އޭނާ ކެތްތެރިކަން ނެތި ބޭޤަރާރުވެގެން ދޮރުފަތް ތަޅުވައިގެންފިއެވެ.

ތަޅުފަތްގަނޑުގައި ލައިފައިހުރި ތަޅު ދޮރުފަތުގައި ތެޅުވެން ފަށައިފިއެވެ. އަދި އޭނާ ސިހިގެން ގޮސްފައި ތިރި ބަލައިލައިފިއެވެ. ދޮރުގެ ތަޅުފަތުގައި ބޮޑުސިންގާ ތަޅެއް ހެލުވިހެލުވި ހުއްޓެވެ.

ތަޅު ފެނުމުން އޭނާގެ މޫނުމަތި މިލައިފިއެވެ. ކިތަންމެވަރަކަށް ފޮރުވަން އުޅުނަސް މުޅި ދުނިޔޭގެ ހުރިހާ ވޭން އޭނާގެ ލޮލުން ފެންނަ ކަހަލައެވެ. ލޯ ފެންކަޅިވެއްޖެއެވެ. ހިތާމަވެރި ނަޒަރަކުން އަދި އެއް ފަހަރު އެ ތަޅަށް ބަލައިލައިފިއެވެ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ސިއްރެއް ނުކުރެވުނެވެ. ދެން އޭނާ ވަރުބަލިވެފައިވާ ދަތުރުވެރިއެއް ފަދައިން އަދި ހުރިހާ އެއްޗެއް ޖުވާކުޅުމުގެ ބާޒީގައި ނަގައިލެވިފައިވާ މީހެއް ފަދައިން އެ ގޯޅިން ބޭރަށް ނުކުމެއްޖެއެވެ.

ހަމަ އޭނާ ޓެކްސީ ސްޓޭންޑް ކައިރިއަށް ހިނގައްޖެއެވެ. ޓެކްސީއެއް އެ ތަންވަޅު އެ ތާނގައި އޮތެވެ. އޭނާ އެ ޓެކްސީއަށް އަރައިފިއެވެ.

"އިސްޓޭޝަން."

އޭނާގެ އަޑުއިވުނެވެ. ޓެކްސީ ކުއްލިއަކާއެކު ދުއްވާލިއެވެ.

ހަމަ އޭނާ ފަރސްޓް ކްލާސް ކޮމްޕާރޓްމެންޓުގައި އިނެވެ. އޭނާއިން ބާތު ފިޔަވައި އެހެން ބާތުތައް ވަނީ ހުސްވެފައެވެ. އޭނާ ޖީބުން ދަބަހެއް ނަގައިފިއެވެ. ދަބަހުގައި ކުޑަކުޑަ ތަސްވީރެއް ހުއްޓެވެ. އަންހެނަކު ގޮނޑިއެއްގައި އިށީނދެގެން އިނެވެ. ވަރަށް ރީތި ކުޑަކުޑަކުއްޖެއް އޭނާގެ އުނގުގައި ވެއެވެ. އަދި ދެވަނަ ކުއްޖާ އޭނާގެ ކައިރީގައި ކޮޅަށް ހުއްޓެވެ. ގޮނޑީގެ ފަހަތުގައި ހުރީ ޚުދު އޭނާއެވެ.

ތަސްވީރުގެ މައްޗަށް ކަރުނައިގެ ތިއްކަކަށް ފަހު ތިއްކެއް ޓަސްޓަސްލައިފައި އޮހެމުން ދިޔައެވެ. އޭނާ ވަރަށް އުންމީދު ގެއްލިފައިވާ ހިތާމަވެރި ނަޒަރަކުން މި ތަސްވީރު ބަލަން ހުއްޓެވެ. އޭނާގެ ލޯވަނީ ކަރުނުން ފުރިފައެވެ. އޭނާގެ ތުންފަތުގައި އެތަކެއް ވޭނެއްގެ އާހްތަކެއް ފެތުރިފައިވެއެވެ.

"ކަލޭގެ ލޮލުން ކަރުނަ އޮހޮރުވުމުގެ ބަދަލުގައި (ކަލެއަށް ތިޔަ ހާލު ޖެއްސި) ވިޔާނުދާ ޤާނޫނަށް މަލާމާތްކޮށް ފުރައްސާރަކުރަންވީ.” ވަރުގަދަ އަޑެއްގެ ވެރިއަކު ބުނަނީއެވެ.

"ކަލޭ އެއްވެސް ފިކުރެއް ނުކުރޭ ރަހުމަތްތެރިޔާ!” އަނެއްކާ ވެސް އޭނާ ބުނެލިއެވެ.

"ކަލޭގެ އަންހެނުން ވީތަނެއްގައި ވާނީ ހެޔޮ ހާލުގައި. އަދި ކަލޭގެ ދަރިފުޅު ވެސް ހުންނާނީ ގަދަވެ ސަލާމަތުން." އެ މީހާ އޭނާގެ ހިތްހަމަޖައްސައިދެނީއެވެ.

‘ކޮންމެސް ދުވަހަކުން އަހަރުމެން މެދުކެނޑުމެއްނެތި މިކުރާ މަސައްކަތުން އެ ދެމައިން އަދި ފެންނާނެ.”

"މާތްރަސްކަލާކޯ." އޭނާއަށް، ވޭނީ އާހްތަކެއްގެ ދެމެދުން ހިތުގެ އެންމެ ފުނުން ބުނެވުނެވެ.

"އިބަރަސްކަލާނގެ މިއަޅާގެ ގީތާއާއި މިއަޅާގެ ދީޕް މިއަޅާއާ ބައްދަލުކޮށްދެއްވާށި. އެ ދެމައިން ވީތަނެއްގައި ހެޔޮހާލުގައި ލަހައްޓަވާށި."

އަންހެނަކު ވަރަށް ވަރުބަލިވެފައިވާ ގޮތެއްގައި ބަދިގެތެރޭގައި ކާތަކެތި ހުސްކޮށްފައި ހުރި ތަށިތަކެއް ދޮންނަން އިނެވެ. އޭނާގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. އޭނާގެ ލޮލުން ވަރުބަލިކަން ފާޅުވޭވެ ހުއްޓެވެ.

މީހެއް ގޮވައިލައިފިއެވެ.

"ގީތާ- އޭ- ގީތާ."

"ލައްބަ ސާހިބާ." އެ އަންހެންމީހާ ބުންޏެވެ.

"ތަށި ދޮވެލައިފައި އަހަރެންގެ ފައިވެސް މޮޑެލާދެއްޗޭ އިނގޭ.”

"ލައްބަ…" އޭނާ އަތަށް ކުޑަ އިޝާރާތެއް ގެނައެވެ. އެއާއެކު އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު ކަނާތުގެ އަތްދަނޑިން ބުރަކަށިމައްޗަށް އެއްލިއެވެ. އެއްލިގޮތަށް ނިތްކުރީގައި އަތްޖައްސައިލައިގެން އިނދެވުނެވެ.

އޭނާ ލޯބިން ފުރިގެންވާ ނަޒަރަކުން ކުރިމައްޗަށް ބަލައިލިއެވެ. އޭނާގެ ދަރިފުޅު ބަދިގެތެރޭގައި ވީދިފައި އޮތް ސާންތިއެއްގެ މަތީގައި ވަރަށް ނިކަމެތި ގޮތަކަށް ނިދާފައި އޮތެވެ.

"މަގޭ ދީޕް." އޭނާގެ ފުރާނަ ގޮވައިލިއެވެ. ބަދިގެތެރޭގައި އޮތް އުނދުނަށް ފުމޭ އޮނުގަނޑު ގިރާކޮށްފައި ދުވެފައި އައިސް އޭނާގެ ދަރިފުޅު ރީއްޗަށް ނިންދަވައިފިއެވެ. ދެން އެ ދަރިފުޅާ ދިމާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަން ހުއްޓެވެ.

“އަހަރުމެން މި ގޮތަށް މުސީބާތް އުފުލަން ނުޖެހޭނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ.” އޭނާގެ ތުންފަތް ތުރުތުރުއަޅަން ފަށައިފިއެވެ.

"މާތްރަސްކަލާކޯ! ނިކަމެތި އަޅަމެންގެ ރަން ހުވަފެންތައް އިބަރަސްކަލާނގެ ތިޔަ ވިއްސިވިހާލި ކޮށްލައްވަނީ ކީއްވެގެންތޯ؟ އަޅަމެންގެ ކުޑަކުޑަ ދުނިޔެ ބީރައްޓެހިވެފައި ވިޔަސް އަޅަމެންނަށް އެންމެ ފުދެއެވެ. އަޅަމެންގެ މި ކުޑަކުޑަ ދުނިޔެ މި ގޮތަށް ވީރާނާ ނުވާނެނަމަ ކޮންފަދަތޯއެވެ.” ދެން އޭނާ ޚިޔާލީ ދުނިޔެއަށް ގެއްލިއްޖެއެވެ.

އެއްވެސް ގަސްތަކާނުލައި އޭނާގެ ތުންފަތް ތެޅެންފަށައިފިއެވެ. އަދި ނިދިފައި އޮތް ދީޕް ނަގައި އުރާލައިގެން ނާނާ ކިޔަން ފަށައިފިއެވެ. "މަގޭ ކުޑަކުޑަ ދަރިފުޅުގެ ދުނިޔެއަށް ހުރިހާ އުފާވެރިކަމާ ބާއްޖަވެރިކަން ގެންނަވާނދޭވެ…"

އުފާވެރިކަން މި ހުރިހާ ބާއްޖަވެރިކަމަކާ ވެދެއްވާނދޭ

މުސީބާތެއް މި ކުޑަ ދަރިފުޅުގެ ދުނިޔޭގައި ނުލައްވާނދޭ

މިއީ ނޫރޭ އެކީ ކުލަޔާ އުފާވެރި މީރުވަސް ލިބިދޭ

މިއީ ދުނިޔޭގެ ޖަންނަތަކަށް ވުމަށް މިންވަރު ކުރައްވާނދޭ

ދިރޭ އުންމީދަކުން ރޫހާ ހިތާ އަބަދަށް އުފާކުރުވާ

މަގޭ ކުޑަ ދީޕަކީ އާލަމުގެ އަލިގަދަ އިރުކަމަށްވާނދޭ

ކުޑަކުޑަ ދުނިޔެއެކެވެ. ކުޑަކުޑަ ގެއެކެވެ. ގީތާ އޭނާގެ ދެ ކުދިން އޭނާގެ ގައިގައި ލައްކޮށްލައިގެން ނާނާގެ ރާގުތައް ކިޔަނީއެވެ. "މަގޭ ދަރިފުޅުގެ ދުނިޔެއަށް ހުރިހާ އުފާވެރިކަމަކާ ބާއްޖަވެރިކަން ގެންނަވާނދޭވެ…"

އެއައިސް ގެއަށް ވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ނޯތޭޖްއެވެ. އަދި އޭނާ ފެނުމާއެކު އުފާވެރިކަމާއެކު ހިނިތުންވެ، އުފާވެރިކަމާއެކު ފޮޅިލައިފައި ބުންޏެވެ.

"ކަލާ ތިޔަ ދުރުވީތޯއެވެ؟" އޭނާ ނުހަނު އޯގާވެރިކަމާއެކު ކުދިން ނިންދަވަން ބައިތިއްބައިފިއެވެ. އަދި އެ ކުދިންގެ ގައިމަތީގައި ފޮތިގަނޑެއް އެޅުމަށް ފަހު އައިސް ފިރިމީހާގެ ގާތުގައި ހުއްޓިއްޖެއެވެ.

އޭރު އޭނާ އިނީ އެނދުގައި ކުޑަގޮތަކަށް އިށީނދެލައިގެން ފިކުރުބޮޑުވެފައި ނުހަނު މޮޅިވެރިކަމާއެކުގައެވެ. އިނީ ކޮން ޚިޔާލެއްގައި ކަމެއް ނޭނގެއެވެ.

"ތިޔަ ވިސްނަވަނީ ކޯންޗެއްތޯ؟" އޭނާ ނުހަނު ލޯބިވެރިކަމާއެކު އަހައިލިއެވެ.

"އަހަރެން މި ހިތަށްއަރަނީ އަހަރެންގެ ދަތި ހިތުގެ ގިނި މި ގޮތަށް އަނދައަނދާ ހުންނާނީ ކިހާ ދުވަހެއް ވާންދެން ބާވައެވެ.”

"ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކައެއްތޯ؟" އޭނާ ފިރިމީހާގެ ތުންފަތުގައި އަތްއަޅާފައި ބުންޏެވެ.

‘ތިޔަފަދަ ގިންޏެއް ތިޔަފަދަ ގޮތަށް އަނދާނީ ކަލާގެ ދުޝްމިނުންގެ ހިތުގައި.” އޭނާ ވަރަށް ލޯބިވެރި ޅަގޮތަކަށް ބުނެލިއެވެ.

"ތިޔަވަރުގެ ކަމަކާ ކަލާ ފިކުރުބޮޑުވެލައްވަނީތޯ؟" އޭނާގެ ފިރިމީހާގެ ބޫޓު މޮހަން ފަށައިފިއެވެ.

"އަހަރެން ހިތަށްއަރާ ކަލޭ ތިޔައީ އަންބެއްނޫނޭ އަނބި ޖަވާހިރެކޭ." އޭނާގެ ހަޔާތުގެ ބައިވެރިޔާ ނޯތޭޖް ބުންޏެވެ.

"އަހަރެން ކަލެއަށް އަޅުކަން ކުރަން ވެސް އެންމެ ރަނގަޅު…" ގީތާ ހިނިތުންވެލިއެވެ.

"ފިރިންނަށް އަޅުކަންކުރުމަކީ މާކުރިންސުރެ ވެސް އޮންނަ ކަމެކެވެ. ނަމަވެސް އަނބިންނަށް އަޅުކަން ކުރުމުގެ ބިންގާ އަޅުއްވަން ތި އުޅުއްވަނީ މަހިތުން ކަލާ ދޮގެއްތޯ؟"

މިހާރު އޭނާގެ ފިރިމީހާގެ އިސްޓާކީނު ބާލަނީއެވެ.

"ކުދިންކޮޅު ނިދައިފައި އެ ތިބީ ބަނޑުހައިވެގެން ތިބެދޯ؟" ނޯތޭޖުގެ ކަރުގައި ހީވީ ކައްޓެއް ޖެހުނު ހެންނެވެ. އޭނާގެ ކަރުތެރެއަށް ހޫނުހޫނު ހިލަވެލިތަކެއް ފަދަ އެއްޗެއް ކޮންމެ ވެސް މީހަކު އެޅީމާ މިހޫނު ވެލިތަކުން ކަރުތެރެ ފިހެމުން ފިހެމުން އޭނާގެ ޚަލްޤުން މިއަޑު ބޭރުވި ކަހަލައެވެ.

"އެ ކުދިން ބަނޑުހައިވެގެން ތިބެ ނިދާނެތޯ. ބަނޑުހައިވެގެން ތިބެ ނިދާނީ އަހަރުމެންގެ ކުދިންކޮޅުގެ ދުޝްމިނުން."

"އެހެންވީއިރު…!" އޭނާ ސުވާލު ހަށިގަނޑަކަށް ވެއްޖެއެވެ.

"އަޅުގަނޑު އެބަ ސްވިޓަރެއް ވިޔަން ނޫންތޯ." ގީތާ ބުނެލިއެވެ.

"އެ މިއަދު ނިމިއްޖެ. އެޔަށް އަޅުގަނޑަށް ފަސްރުފިޔާ ލިބުނު. ދެން ކޮބައިކަމަށްތޯ. ގެ ކާޑުން ފުރައިލައިފިން. އަދި ކީއްތޯ ކަލާގެ ދަތުރުފަތުރަށް ވެސް ރުފިޔާއެއް މިންޖުކުރީން. ނިކަން ބުނުއްވަ ބައްލަވާ. އެ ގެނެސް ދައްކަންތޯ."

އޭނާގެ އަންހެނުންގެ ހުރި މި ޅަގޮތަށް ޓަކައި ނޯތޭޖު ފިދާވެއްޖެ ކަހަލައެވެ. އޭނާ ގީތާގެ ތުންފަތުގައި ލޯބިން ކިސްކޮށްލުމާއެކު ހީވީ އޭނާގެ މޮޅިވެރިކަން އަބަދަށް ޓަކައި ފަނާކޮށްލައިފިހެންނެވެ.

"މާތްރަސްކަލާނގެ ހަމަ ކޮންމެ މީހަކަށް ވެސް ތިޔަ ކަހަލަ އަންބަކު ދެއްވާނެ ނަމައެވެ."

"ކަލާ ކަހަލަ ފިރިއެއް ވެސް އަންބަކަށް ނުދެއްވާނެ ނަމައެވެ." ގީތާ ހިނިތުންވެލިއެވެ.

"ކުޑަކުޑަ ކަމެއް މެދުވެރިވާއިރަށް ސިކުނޑި ސުމަކަށް ދަނީވިއްޔަ. އަދި ހުރިހާ ހިތްވަރެއްވެސް ބަލިވަނީވިއްޔަ.”

"ތިޔައީ ހަމަ ތެދެއް…"

"ވާނީ ތެދު ނޫން ކޮން އެއްޗަކަށްތޯ؟"

ގީތާ ނޯތޭޖަށް ފެން ހިފައިގެން އަތުވެއްޖެއެވެ.

"ދެން އަތްފައި ދޮންނަވައިގެން ކޭން ބައްލަވަން އުޅުއްވާ."

"ކާށޭ. ކޮން އެއްޗެއް ކާންތަ؟" ނޯތޭޖު އުންމީދެއް ނެތް ގޮތުގައި ބުންޏެވެ.

"ހީވަނީ އަހަރެންގެ ނަމުގައި ހުރި ރިޒުޤު އަރުއްވައިގެންފިހެން."

"އަނެއްކާވެސް ކުކުޅެއްގެ ހުރީ އެއްފަޔޭ ކިޔުއްވަފާނެ." ގީތާ ބުންޏެވެ.

"މާދަމާ ކަލާއަށް ކޮންމެވެސް ވަޒީފާއެއް ލިބޭނެކަން ކަށަވަރު. މާދަމާ މަސައްކަތެއް ލިބިނުލައްވައިފިނަމަ ހުރިހާ ކަމަކާ އަޅުގަނޑާ ހަވާލު.” އޭނާ ނުލާހިކު ލޯބިވެރި ގޮތެއްގައި ބުނެލިއެވެ.

"އިންސާނުންނަށް ފަހަރެއްގައި ވެސް ހިތްވަރު ދޫނުކޮށްލުންހުރި."

"އެންމެ ރަނގަޅު." ނޯތޭޖު ބުނެލިއެވެ.

"އެނގިދާނެތާ. ހިތްވަރެއް ދުލެއްނުކުރާނަން." މިހެން ބުނެފައި ތެދުވެއްޖެއެވެ. ދެން ދެމަފިރިން އެކުގައި ކާގެއަށް ގޮސް ކާން ފަށައިފިއެވެ.

ނޯތޭޖު ބީ.އޭ. ފާސްކުރީ ބީއޭގެ އެންމެ އަހަންމިއްޔަތުކަން ބޮޑުއިރުއެވެ. ބީ.އޭ ގެ އަހަންމިއްޔަތުކަން އެހާ ބޮޑުއިރު ވެސް އޭނާއަށް އެއްވެސް ތާކުން އެއްވެސް ވަޒީފާއެއް ނުލިބުނެވެ. ފަގީރު ބައްޕަ އޭނާ ބީ.އޭ ފާސްކުރުމަށް ޓަކައި ލިބިފައި ހުރިއްޔާ ހުރި މުދަލެއް އޭނާ ތައުލީމު ހާސިލުކޮށްގެން ފައިސާއިން ގެ ފުރާލާނެ ކަމުގެ އުންމީދުގައި ހޭދަކުރިއެވެ.

އޭނާގެ ދަރިފުޅު ބީ.އޭ. ފާސްކުރިއެވެ. އޭނާގެ ދަރިފުޅު ބީ.އޭ ފާސްވީހިނދު އޭނާ ވީ އުފަލުގެ ކޮޅެއް ނެތެވެ. ވީއުފަލުގެ ބޮޑުކަމުން ލޮލުން ކަރުނަ އައެވެ. އުފަލުން ނެށުނެވެ. އެ އުފާވެރިކަމުގެ މުނާސަބަތުގައި ހިތުގައި ނެތްވަރަށް ޚަރަދު ކުރިއެވެ. ތިމާގެ އެންމެންނަށް ޖާފަތްދިނެވެ. އެތައް ދައުވަތެއް ދިނެވެ. މުއްސަނދިން އޭނާއަށް އެންމެފަހު ދަރަނި ދީފައި އޭނާގެ މުދަލާ ވެސް އެކު ދޭން ނިންމިއެވެ.

ނަމަވެސް ނޯތޭޖުގެ ބައްޕަ އެކަމާ ބެހޭ ގޮތުން އެއްވެސް ފިކުރެއް ނުކުރެއެވެ. އޭނާގެ ހިތަށްއަރާހާ ވެސް އެއްޗަކީ އޭނާގެ ދަރިފުޅު ބީ.އޭ ފާސްކޮށްފިއެވެ.

މިހާރު އޭނާގެ ދަރިފުޅު ކޮންމެވެސް ތަނެއްގެ ޑިޕިއުޓީ ކަލެކްޓަރަކަށްވުމާއެކު އެންމެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި އެ މުއްސަނދިންގެ އަތުން މުދަލާއި ގެދޮރު އަނބުރާ ލިބިދާނެ ކަމަށް އޭނާ ހީކުރިއެވެ.

ނަމަވެސް ކަންވީ މިހެނެވެ. ނޯތޭޖަކަށް އެއްވެސް ތަނެއްގެ ޑިޕިއުޓީ ކަލެކްޓަރކަން ނުލިބުނުތާނގައި ތަނެއްގެ ކާތިބުކަން ވެސް ނުލިބުނެވެ. އޭނާގެ މުސްކުޅި ބައްޕަ މި ހިތާމައިގައި މުޅިން ހަލާކުވާން ކައިރިވެއްޖެއެވެ. އޭނާގެ ދަރިފުޅު މީހަކާ ކައިވެނި ކުރުވީ ވެސް ޅީދަރިފުޅެއް އައުމުން ގޭގެ ކަންތައް ހަމަޖެހިދާނެކަމަށް ހީކޮށެވެ. އަދި ފަހަރުގައި ޅީދަރިފުޅުގެ ނަސީބުން ނޯތޭޖަށް އެފަދަ މަގާމެއް ލިބިދާނެކަމަށް ވެސް ހީކުރަމުންނެވެ. ނަމަވެސް ނޯތޭޖު މަސައްކަތް ކޮށްކޮށް ވެސް އެއްވެސް ކަހަލަ ކަމެއް ނުލިބުނެވެ. އަދި އެންމެ ފަހުން އޭނާގެ މުސްކުޅި ބައްޕަ އޭނާއަށް ޑިޕިއުޓީ ކަލެކްޓަރެއްގެ ބައްޕައޭ ކިޔާނެ ކަމުގެ އުންމީދުގައި ހުރެ މަރުވެއްޖެއެވެ.

ނޯތޭޖްގެ ބައްޕަ މަރުވުމުން މުދާވެރިން އައިސް އޭނާގެ މުދަލާއި ގެ އަތުލައިފިއެވެ. ދެން ނޯތޭޖަށް ބޯހިޔާކޮށްލާނެ ތަންކޮޅެއް ވެސް ނުލިބުނެވެ.

ދެން އެ ދެމަފިރިން ކުޑަދަރިފުޅާއެކު ރަށަށް އަތުވެއްޖެއެވެ. ރަށަށް އައިސް ނޯތޭޖު ވަޒީފާއެއް ލިބޭތޯ އުޑާ ބިމާ އެއްކުރަން އުޅުނެވެ.

އެތައް އަހަރެއް ވޭތިވެގެން ހިނގައްޖެއެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އޭނާއަށް އެތައްތާކުން ކުދިބޮޑު މަސައްކަތް ލިބެމުން ވަކިވަމުން ދިޔައެވެ. މި އެނބުރުންގަނޑުގެ ތެރޭގައި އޭނާއަކީ ދެ ކުދިންގެ ބައްޕަކަމުގައި ވެއްޖެއެވެ.

ޒަމާން ބަދަލުވެއްޖެއެވެ. ނަމަވެސް އޭނާގެ ދުނިޔެ ބަދަލެއް ނުވިއެވެ. އެންމެ ފަހުން އޭނާ ސަރުކާރުގެ ވަޒީފާގެ ޚިޔާލު ދޫކޮށްލައިފައި ޕްރައިވެޓް ވަޒީފާއެއް ހޯދަން މަސައްކަތް ކުރަންފަށައިފިއެވެ.

ނަމަވެސް ޕްރައިވެޓް ވަޒީފާއެއް ވެސް ހަރުދަނާ ގޮތެއްގައި އޭނާއަށް އެއްވެސް ތާކުން ލިބޭ ގޮތެއް ނުވިއެވެ. ދެން ޒަމާނުގެ މި ހަނގުރާމައިގައި އޭނާގެ ދިރިއުޅުމުގެ ދުވަސްތައް ވޭތުކުރަމުން ގެންދާން ފަށައިފިއެވެ.

ނޯތޭޖުގެ ހަޔާތުގައި ގީތާ ކަހަލަ އަންބަކު ލިބިފައިނުވާނަމަ އޭނާ މިހާރު އަމިއްލައަށް މަރު ވެސް ވެއްޖައީސްކަން ޔަގީނެވެ. ނަމަވެސް އޭނާ އެކި ފިޔަވަޅަށް ވަކިވަކިން އެހީވަމުން ކުރިއަށް ގެންގޮސްދެނީ ހަމަ ގީތާއެވެ. އޭނާ ފަހަރެއްގައި ވެސް ފިރިމީހާ މޮޅިން ނުވަތަ ހިތުގައިޖެހިފައި ހުއްޓާ ދެކޭކަށް ނޭދެއެވެ. ކޮންމެ ރެއަކު ވެސް އިރުއޮއްސޭއިރަށް ދުވާލުދާ ހަތަރުދަމު ތެޅިފޮޅުމަށްފަހު ހާސްކަމާއި ހިތްދަތިކަމާއެކު ގެއަށް އައުމުން ގީތާ ހިތުގައި ނެތްވަރަށް ޚިދުމަތްކުރެއެވެ. ހިތްވަރުދެއެވެ. ހިތްހަމަޖައްސައިދެއެވެ. އަބަދުވެސް އޭނާ ބުނަނީ މިހެންނެވެ. މާދަމާ ކަލާއަށް ވަޒީފާއެއް ލިބިނުލައްވައިފިނަމަ ހުރިހާ ކަމަކާ އަޅުގަނޑު ޒިންމާވާނަމެވެ.

އޭނާ ނޯތޭޖުގެ ކިބައަކުން ފަހަރެއްގައި ވެސް އެއްޗަކަށް ނޭދެއެވެ. އަދި ޝަކުވާގެ އެންމެ ލަފުޒެއް ވެސް އޭނާގެ ދުލަކުން ބޭނުމެއް ނުކުރެއެވެ. ފިރިމީހާގެ ނިތްކުރިއަށް އެންމެ ރުލެއްވެސް އެރިއަކަ ނުދެއެވެ. އަދި އޭނާގެ ބޭނުމެއް އެންމެ ލަފުޒަކުން ވެސް ފާޅެއް ނުކުރެއެވެ. ދުވާލުދާ ހަތަރުދަމު އޭނާ ބަނޑުހައިވެގެން ހުއްޓަސް ފިރިމީހާގެ ގާތުގައި ބުނަނީ، އޭނާ މެންދުރުކެއީ ހަލުވާ ހިލައިގެން ކަމަށެވެ. މީހާރު ބަނޑުހައިވުމުގެ ކަންފުޅެއް ވެސް ނެތް ކަމުގައެވެ. ގީތާ ގިނަފަހަރަށް މިހެން ބުނަނީ، ގޭގައި އެ ދެމަރިންނާއި ކުދިން ބަނޑުހައިހޫނުކަން ފިލުވާލެވޭފަދަ ވެސް ނެތް ވަގުތުތަކަށެވެ. ވީމާ ޚުދު އޭނާ ބަނޑުހައިހޫނު ކަމުގައި ނިދަން ވެސް ފިރިމީހއަށް ދޮގުހަދައިގެން ކާންދެނީއެވެ. އަދި ކުދިންކޮޅުގެ ކުދިކުދި ބޭނުންތައް ފުއްދައިލައިގެން އުޅެނީއެވެ. އޭނާގެ ހަޔާތަކީ މިއީއެވެ. އޭނާ މި ދިރިއުޅަމަށް ހީކުރަނީ އެއީ ހަޔާތުގެ ބައެއް ކަމުގައެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: މި ވާހަކައަކީ ދިވެހި ބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިޤު "ބީފާނު" ނޫހަށް ހަދިޔާ ކުރައްވާފައިވާ ވާހަކަ އެކެވެ. މިވާހަކަ ގެނެސްދޭނީ ކޮންމެ ބުރާސްފަތި ދުވަހަކުއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *