އަޅުގަނޑުމެންގެ ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާން އެބަޖެހޭ – ޑރ. މުޢިއްޒު

އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ބޭނުންވާކަމާއި ގައުމު ކުރިއެރުވުމުގައި އެންމެން އެކަތިގަނޑަކަށް ވާން އެބަޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު  ދެއްވި ޚާއްޞަ މެސެޖެއްގައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފައެވެ.

އެ މެސެޖުގައި އިންތިޚާބީ ރައީސް ވަނީ ރާއްޖޭގެ ޖުމްހޫރީ ވެރިކަން މިހާ ހިސާބަށް ގެނެސްދިނުމުގައި މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާއި ކެބިނެޓުގެ ވަޒީރުންނާއި ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ، ރައްޔިތުންނާއި ސަރުކާރާ ގުޅިގެން، ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވީ، 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ފުރަތަމަ ރައީސަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އޭގެ ފަހުން އަނެއްކާވެސް ރަސްކަމަކަށް ބަދަލުވި އެވެ. ދެވަނަ ޖުމްހޫރިއްޔާ ފެށުނީ  1968 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ. ދެވަނަ ޖުމްހޫރިއްޔާ ގެ ފުރަތަމަ ރައީސަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ދެވަނަ ރައީސަކީ އަލްއުސްތާޛް މައުމޫނު ޢަބްދުލް ގައްޔޫމެވެ. ތިންވަނަ ރައީސަކީ، މުޙައްމަދު ނަޝީދެވެ. ހަތަރު ވަނަ ރައީސަކީ، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ފަސް ވަނަ ރައީސަކީ، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. ހަވަނަ ރައީސަކީ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.  ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގެ ހަތްވަނަ ރައީސެވެ.

ޑރ. މުޙައްމަދު މުޢިއްޒު ރައީސް ކަމުގެ ހުވާކުރަން ހަމަޖެހިފައިވަނީ 17 ނޮވެމްބަރ 2023 ވާ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *