(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"އައިން. ހާއިޝާއެކު އައިން ދިއުމުން އަހަރެން ވަރަށް ދެރަވި. ހަނދާން ނައްތާލެވޭތޯ ވަރަށް ބެލިން. އެހެން ދިރިއުޅުމެއްފެށީވެސް އައިންހަނދާން ނައްތާ ނުލެވިގެން."
"ހުސެން ތީދެން ކޮންބޭކާރު ވާހަކަތަކެއް."
"އައިންއަށް މިއީ ބޭކާރު ވާހަކަތަކެއްހެން ހީވަނީތަ؟ ދުވަސްގަނޑަކަށްފަހު އަހަރެމެން ދެމީހުން އެއްކުރައްވައި ދެމީހުން އެއްގެއެއްގައި އުޅެވެން މެދުވެރިކުރެއްވީ ސަބަބެއް ނެތިއެއްނޫކަން މަށަށް ޔަގީން. މިއީ ރަނގަޅު ފުރުސަތެއް ނޫންތަ؟ އައިން ތި ދަތި ހާލުން އަހަރެން ސަލާމަތް ކޮށްދީފާނަން. އައިންގެ އާއިލާގެ ހުރިހާއެންމެންގެ ލޯބި ހޯދާދޭނަން."
"ހުސެން ހުއްޓާލާ. އަވަހަށް މިކޮޓަރިން ނިކުމޭ." އައިން ރުޅިއަތުވެއްޖެއެވެ.
"ވިސްނާލަބަލަ އައިން. އަހަރެން އައިންދެކެ ވަރަށް ލޯބިވޭ. އައިންއަށް ކުރީގެ އުފާވެރި ދިރިއުޅުން އަހަރެން ހޯދަދޭނަން." ހުސެން ވިސްނައިދެމުން ދިޔައެވެ.
"ނިކުމޭ. އަހަރެން ދެކެ ލޯބިވެގެން ދެން އަންނާނެ މީހަކު ނުހުންނާނެ. އެހެން ނޫނަސް އަހަރެން ތިދެމަފިރިންގެ ދިރިއުޅުން ހަލާކު ކުރާކަށް ބޭނުމެއްނޫން." އައިން ހުސެން ކޮށްޕާލަމުން ބުންޏެވެ. އޭނާއަށް މިހެން ބުނެވުނުއިރު ހުރީ ރޮވިފައެވެ.
"ނޫން އައިން. މިދިރިއުޅުމެއް ހަލާކެއްނުވާނެ. އަހަރެން ނުހާއަކަށް ދެރަގޮތެއް ނުހަދާނަން." އައިން އޭނާ ކޮށްޕާލަން އުޅުނު އަތުގައި ހިފާ އެކަންތައް ވިޔަނުދިނުމަށްޓަކައި އައިން ފާރާލާ ކައިރިކޮށްލިއެވެ. ހުސެން ހީކުރީ އައިން އެހެން ބުނަނީ ހުސެންއަކީ މިހާރު މީހެއްގެ ފިރިއަކަށް ވާތީކަމަށެވެ.
"ހުސެން މިތަނުން ނިކުމޭ. އަހަރެން ދުވަހަކުވެސް ފިރިހެނެއްގެ އޯގާތެރިކަން ބޭނުމެއްނޫން." އައިންއަށް ރޮވެން ފެށުނެވެ.
"ނޫން އައިން. ނުރޮއި. އަހަރެން އައިން ދެރަވިޔަކަ ނުދޭނަން." ރޮވިފައިވާ އައިންގެ ކަރުނަ ފޮހެދެމުން ހުސެން ބުންޏެވެ.
"އެންމެންވެސް ބުނަނީ ތިހެން." މާޔޫސްވެފައިވާ އައިންގެ ހިތުގެ އުދާސްތައް ބޭރުވިއެވެ.
"އައިން. އަހަރެންނަށް އިތުބާރުކުރޭ. އަހަރެން އައިން ބޭނުން." އޭނާ އައިންއާއި ގާތްވެލިއެވެ.
"ހުސެން. ކަލޭމެން ތިހާ ވިޔާނުދާވާނެކަމަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ؟" ނުހާ ރޮމުން ދުއްވައިގަތެވެ. ހުސެންދެއްކި ހުރިހާވާހަކައެއް ނުހާ އަޑުއެހިއެވެ.
ގޮތްހުސްވެފައިވާ ނުހާ ރޮމުން ސިޓިންރޫމްގައި އިށީނެވެ. އައިންއަކީ އޭނާއަށް ނުހަނު އޯގާތެރި ވީމީހެއްނަމަވެސް އޭނާއަކަށް އޭގެ ބަދަލުގައި ހުސެންނެއް ނުދެވޭނެއެވެ. ދެން އޭނާއަކަށް އައިން މިގޭގައި ނުވެސް ބެހެއްޓޭނެއެވެ.
"ނުހާ. އަހަރެން ދުވަހަކުވެސް ހުސެންއަކާއި ލޯބީގެ ގޮތުން ނުގުޅެން. އެއީ ނުހާގެ މީހެއް. ތި ދެމީހުންގެ ދޭތެރެއަށް ނުވަންނާނެކަމަށް އަހަރެން ވަޢުދުވަން." ނުހާ ގާތުގައި އައިން އިށީނެވެ.
"އައިން ދެން އޮޅުވާލަން މަސައްކަތް ނުކުރޭ. ހަމަރަނގަޅަށްވެސް އައިން އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލައިފި."
"ނޫން ނުހާ. އަހަރެންގެ ދިރިއުޅުން އެހެން އަންހެނަކު ހަލާކުކޮށްލާ އޭގެ ހިތި ފެނިފައިވާތީ ދުވަހަކުވެސް އަހަރެން މީހެއްގެ ފިރިޔަކާ ގުޅުމެއް ނުބާއްވާނަން." އޭނާ ނުހާގެ އަތުގައި ހިފާލިއެވެ.
"އައިން އަހަރެން އައިންގާތު އާދޭސް މިކުރަނީ މިގެއިން ދިއުމަށް. އައިން އަހަރެންނަށް ވަރަށް އޯގާތެރިވި. ނަމަވެސް އޭގެ ބަދަލުގައި އަހަރެންގެ ދަރިފުޅުގެ ބައްޕަ ދެވޭނީ ކިހިނެއް." ނުހާ އައިންގެ އަތް ނަގާ ފަހަތަށް އެނބުރުނެވެ.
"ނުހާ. ތިކަހަލަ އެއްޗެއް ހިތަށްވެސް ނާރުވާތި. އަހަރެން ނުހާއަށް އޯގާތެރިވީ އޭގެ ބަދަލެއް ހޯދުމަކަށް ނޫން."
"ދެން އެހެންވީރު އައިން މިގެއިން ދޭ. ޕްލީޒް އައިން. އަހަރެންނަށް މާފުކޮށް އަހަރެންގެ މިދިރިއުޅުމުން ދުރަށްދޭ."
"ނުހާ މޮޔަވީތަ؟ މިދަންވަރު އޭނާ ގޮސްވަންނާނީ ކޮންތާކަށް؟" ހުސެން ބުންޏެވެ.
"އެހެންވީއިރު ތި ދެމީހުން މިގޭގައި ތިބޭ އަހަރެން މިދަނީ. އަހަރެންނަކަށް ހުސެން އެހެންމީހެއްގެ މީހަކަށް ވާތަން ފެންނާކަށް ނޭދެން." ނުހާ އަށް ރޮވެނީއެވެ.
"ނޫން. ނުހާ މަޑުކުރޭ. އަހަރެން މިދަނީ." އައިން އޭނާގެ ނިދިފައިވާ ދެކުދިންނަށް ގޮވިއެވެ. އަދި އެއްކުއްޖަކު ކޮޑަށްލައިގެން އަނެއްކުއްޖާ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.
"އައިން ހެނދުނުވުމުން ދާން މަޑުކޮށްލަންވީނު. އައިން ގޮސް ވަންނާނީ ކޮންތާކަށް؟" ހުސެން ދެރަވެލާފައި އެހިއެވެ.
"އަހަރެންނަށް ނުވިސްނާ. ހުސެންގެ ދިރިއުޅުން ރަނގަޅު ކުރެވޭތޯބަލާ. ނުހާގެ ބަނޑުގައިވާ ހުސެންގެ ދަރިއަށް އަޅާލާ ލޯބިދީ. އޭރުން އަހަރެން މަތިން ހަނދާން ނެތިދާނެ." އައިން ހުސެންގެ އިތުރު ޖަވާބަކަށް މަޑުވެސް ނުވެ ނިކުމެގެން ދިޔައެވެ.
އައިންއަކަށް މިހާރަކު ނު ރޮވެއެވެ. ހާއިޝް އޭނާ ތަރުބިއްޔަތު ކޮށްދިން ކަންތަކުން މިހާރު ފައިދާ ކުރާކަން އޭނާ ގަބޫލުކުރެއެވެ. އޭނާގޮސް އޭނާގެ ގޭގެ އަސްކަނި ދޮށުގައި މަޑުކޮށްލިއެވެ. ޓަކިޖަހަން އަތް ނަގާފައިވެސް ބައްޕަގެ ވާހަކަތައް އޭނާއަށް ހަނދާންވުމުން ޓަކިނުޖަހާ އެއަތް ތިރިކޮށްލިއެވެ. ދާނެ އިތުރު ތަނެއް ނެތުމުން އޭނާ އެތާގައި މަޑުކޮށްލިއެވެ. ގަދައަށް ގުގުރާލުމާއެކު ބޯކޮށް ވާރޭވެހެން ފެށިއެވެ. އޭނާގެ ދެކުދިން ބިރުން ރޯންފަށައިފިއެވެ.
"ދަރިފުޅާ ނުރޮއި. ހެނދުނުވުމުން ކޮންމެވެސް ގެއަކަށް ދާނީ." ނުރޯން ހުރިނަމަވެސް އައިންއަށްވެސް ރޮވެން ފެށިއެވެ. އެދެމައިން އެތާ ބިންމަތީގައި އިށީނދެގެން ތިބީ ވާރޭ ހުއްޓާތޯ ދުއާކުރާ ހާލުގައެވެ. ފަތިސްވީއިރުވެސް ވާރޭ ހުއްޓައެއްނުލައެވެ. ވާރޭ ހުއްޓާ ނުލިނަމަވެސް މިގޭ މީހުން ހޭލަންވާއިރަށް އޭނާ އެތަނުން ދާން ބޭނުންވެއެވެ. އެހެންކަމުން ތެމިގެން ނަމަވެސް އޭނާ ދާން ހިނގައިގަތެވެ.
"އައިން؟" ނަތާ ގޮވާލިއަޑަށް އައިންއަށް ހުއްޓެވުނެވެ. ނަމަވެސް އައިން ހިނގައިގަތީ ނަތާއަށް އިތުރު ސަމާލުކަމެއް ނުދިނުމުގެ ގޮތުންނެވެ.
"އައިން މަޑުކޮށްބަލަ. ކީއްވެތަ އެކުދިން އެރޮނީ." އައިންގެ އަތުގައި ހިފައިގެން ހުރި ކުއްޖާ އުރާލަމުން ނަތާ ބުންޏެވެ. އޭރުވެސް އައިން ވާހަކައެއް ނުދައްކައެވެ.
"ޔާރައްބީ. މިކުއްޖާ މިވަނީ ހުންއައިސްފައި. ހިނގާ ހޮސްޕިޓަލަށް ދާން." ނަތާ ކާރެއް ހުއްޓުވަމުން ބުނެލިއެވެ. އައިން އިތުރުއެއްޗެއް ބުނުމަކާ ނުލާ ކާރަށް އެރިއެވެ. އެމީހުން ދިޔައީ އައިޖީއެމްއެޗް އަށެވެ. އެންމެ ފުރަތަމަ ނަތާ އެ ތިންމައިން ގޮވައިގެން ވަނީ ކެންޓީނަށެވެ. ބަނޑުހައިވެފައިވާ އައިން އަވަސް އަވަހަށް ކާންފެށިއެވެ. ނަތާއަށް އައިންއަށް އައިސް ފައިވާ ބަދަލު ފެނުމުން ލޮލުން ފެންކަޅިވިއެވެ. އެއީ އެއްއިރެއްގައި އެކަކު އަނެކަކާ ނުލާ އެއްވެސް ކަމެއް ނުކުރެވުނު ދެ ރަހުމަތްތެރިންނެވެ. ނަމަވެސް މިއަދު ވަނީ މުޅިން ބަދަލުވެފައެވެ.
"އައިން. ހާއިޝް ކޮބާ؟" ނަތާ މިސުވާލު ކުރުމުން ކަމުންދިޔަ އައިންއަށް ހުއްޓުން އެރިއެވެ. އަދި ފަރުވާތެރިކަމާއެކު ނަތާއަށް ބަލާލިއެވެ. މިފަހަރުވެސް އައިން ވާހަކައެއް ނުދައްކައެވެ.
"އައިން ދިއުމުން ޒޫނާވެސް ދިޔައީ. ނޭނގެ އޭނާ ދިޔަތަނެއްވެސް. އަދިއަދަށްވެސް އޭނާގެ ޚަބަރެއްނުވޭ." ޒޫނާގެ ވާހަކަ ދައްކަމުން ދިޔައިރު އައިންގެ ފަރާތުން އެވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޭނާ ކަޅިޖަހާނުލާ ބަލަމުން ދިޔައީ ކެންޓީނުގެ ތަންކޮޅެއް ދުރުގައި އިން މުޅި ބޯ ހުދުވެފައިވާ މުސްކުޅި ފިރިހެނަކަށެވެ. އެމީހާ ތުރުތުރުއަޅާ އަތުން ކަޅު ސައިތައްޓެއް ހިފައިގެން އަނގަޔާ ކައިރި ކުރަމުން ދެއެވެ. އައިން އެމީހާއާއި ދިމާއަށް ދިޔައެވެ.
"މުދިންބޭ."
"އައިން. އެކޮއި މިތަނުގައިތަ؟"
"ދެ ކުދިން ހުންއައީ. މުދިންބެ ކީއްވެތަ މިތަނުގައި."
"ނިޝާ ނިޔާވީއްސުރެ ފާތުމާއްތަ ހެއެއްނާރާ. ކުޅުދުއްފުއްޓަށް ގެންދިޔުމުން ވަގުތުން އެމީހުން މާލެ ފޮނުވީ."
"ނިޝާ މަރުވީތަ."
"އެކޮއިއަކަށް ނޭނގޭތަ؟" ދަރިފުޅުގެ މޫނުވެސް ނުފެނި ނިޝާ މަރުވީ. އޭނާ ބަނޑު ބޮޑުކަން އެނގޭ އެކަކުވެސް އޭނާ ވިހަންވީއިރުވެސް ނެތް. އެކަންތައް ވީގޮތެއް އެކަކަށްވެސް ނޭނގޭ." މުދިންބޭ ކަރުނަ ފޮހެލިއެވެ. ނަމަވެސް އައިންއަށް ހުރިހާ އެއްޗެއް އެނގެއެވެ. ނިޝާ އާ ހާއިޝާ އޮތްގުޅުމާއި އެގުޅުމުން ކުއްޖަކު ލިބުނުކަން އެނގެއެވެ.
"މުދިންބޭ. ފާތުމާއްތަ ކޮބާ؟" އައިން ބޭނުންވީ ފާތުމާއްތަގެ ޚަބަރެއް ބެލުމަށެވެ. އެއީ އޭނާ އާއިލާ ދޫކޮށް ފަރިދޫއަށް ދިޔައިރު އޯގާތެރިވީ ދެމަފިރިންނެވެ. އެހެންކަމުން އޭނާއަކަށް އެދެމީހުން ހާލުގައިވަނިކޮށް ދޫކޮށްލާފައެއް ނުދެވޭނެއެވެ. އައިން މަޑުމަޑުން މުދިންބެއާ އެކު ހިނގާފައި ދިޔައީ އައިސީޔޫއަށެވެ. އެދެމީހުންގެ ފަހަތުން ނަތާވެސް ދެކުދިން ގޮވައިގެން އާދެއެވެ.
"އެތެރެއަށް ވަދެވޭނެހެންނެއް ހިއެއްނުވޭ. ހާލު ބޮޑުކަމުން ދެދުވަސްވެއްޖެ އަހަރެންނަށްވެސް ނުފެންނަތާ. ނަރުހުންބުނީ ހަވީރު ފެންނަވަރު ވެދާނެކަމަށް." އައިސީޔޫ ދޮރުމަތީ ހުރެފައި މުދިންބެ ބުންޏެވެ.
"އެހެންވީއިރު އަހަރެން ހަވީރު ވަންދެން މަޑުކޮށްލާނީ." އައިން އިށީނީ އައިސީޔޫ ކައިރީގައި ހުރި ގޮނޑިތަކުގައެވެ. އޭރު އޮޕްރޭޝަން ތިއޭޓަރު ކައިރީގައި އެތައްބަޔަކު މަޑުކޮށްގެން ތިބީ އެމީހުންގެ ގާތް މީހުން ތިއޭޓަރުގައި ވާތީއެވެ.
"އައިން. ގެއަށް ހިނގާ. މިކުދިންވެސް އެއުޅެނީ ބަލިވެއެއްނު." ނަތާ ބުންޏެވެ. އައިން މިފަހަރުވެސް ނަތާއަކާ ވާހަކައެއް ނުދައްކައެވެ. އޭނާ އިސްޖަހާލީ ނަތާ އެކުރި ސުވާލުގެ ޖަވާބު ނަތާއަށްވެސް އެނގޭނެކަން އޭނާއަށް ޔަގީންވާތީއެވެ.
"އައިން. އެހުރީ ހުސެންނެއްނު." ނަތާ މިހެންބުނިއިރު އައިންއަށްވެސް ހުސެން ފެނުނެވެ. ތުއްތު ކުއްޖަކު ފޮތިގަނޑަކަށް ލައިގެން އުރާލައިގެން ހުރިއިރު ނުހާ އޮޕްރޭޝަން ތިއޭޓަރަށް ވައްދަނީއެވެ. އައިން ދުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް ދިޔައެވެ.
"ހުސެން. ކިހިނެއްވީ."
"އައިން. އަހަރެންނަށް ރަނގަޅީ ދުވަހަކުވެސް އައިން އަހަރެން ގާތަށް ނައިއްޔާ. ދުރަށްދޭ." ހުސެން ހުރީ ރުޅިއައިސްފައެވެ.
"ނުހާއަށް ކިހިނެއްވީ."
"ނުހާ ރޭގައި ވިހެއީ ގޭގަ. ދޮރު ތަޅުލައިގެން އޭނާ އުޅުނީ އަހަރެންދެކެ ރުޅިއައިސްގެން. އެންމެފަހުން އޭނާގެ ހާލު ދަށަށް ދިޔައީ ވިހެމުގެ ތެރޭގަ."
"ކީއްވެ އޭނާ އެހެން ހެދީ."
"އައިންއަކަށް ނޭނގޭތަ. ކަލެއާއި ހެދި އޭނާ އަހަރެންދެކެ ރުޅިއައީ."
"އަހަރެންނާ ހެދިއޭ. ހުސެންނެއްނު ހުރިހާ ވާހަކައެއްވެސް ދެއްކީ."
"އާނ. ކަލޭ އަހަރެންގެ ދިރިއުޅުމުން ކުރިން ދިޔަގޮތަށް ދިޔަނަމަ މިހެނެއް ނުވީސް. ކަލެއަށް ރަނގަޅަށް އެގޭނެ އަހަރެން ކަލޭދެކެ ލޯބިވާކަން. ދެންކީއްވެ އަލުން އަހަރެންގެ ދިރިއުޅުމަށް ތިއައީ." ހުސެންއަށް ރޮވެން ފެށުނެވެ.
"ހުސެން." އައިން ގޮވާލިއެވެ.
"ދުރަށްދޭ. ހަމަމިހާރު މިތަނުންދޭ. ދުވަހަކުވެސް އަހަރެންގެ ކުރިމައްޗަށް ނާންނާތި." ހުސެން ހަޅޭއްލަވައިގަތެވެ. އައިން ހިމޭންވިއެވެ. އޭނާއަށްވަނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
"މިބުނީނު މިތަނުން ދާށޭ. އިތުރު ދެރަކަމެއް ނުހިނގަނީސް މިތަނުން ދޭ." ކުރިއަށްވުރެ ބާރަށް ހުސެން ހަޅޭއްލަވައިގަތެވެ.
"ހުސެން. ހަޅޭއްނުލަވާ. މީހުން އެއޮއް ބަލަނީ." ގާތުގައި ހުރި ފިރިހެނަކު އޭނާ ހުއްޓުވޭތޯ ބެލިއެވެ.
އައިން ދުއްވައިގަތީ މާބޮޑަށް ދެރަވެފައި ލަދުގެންފައި ވާތީއެވެ. އެތާ ތިބި އެންމެން އެމީހުންނަށް ބަލާތީއެވެ. އޭނާ ހުސެންގެ ދިރިއުޅުން ހަލާކެއް ނުކުރެއެވެ. އެ ދޮގު ތުހުމަތު މިއަދު އޭނާގެ ބޮލުގައި އެއަޅުވަނީ އޭނާގެ ކުށެއްނެތިއެވެ. އޭރު ހުސެން އޭނާއަށް އޯގާތެރިވީ ކަމުގައި ހީކުރެވުނީ ކީއްވެހެއްޔެވެ؟ ކޮންމެ މީހަކީވެސް ކޮންމެވެސް އަމިއްލަ އެދުމެއްގައި މަސައްކަތް ކުރާ މީހެކެވެ.
އައިން ދުވެފައި ދިޔައީ ކުރިންވެސް އޭނާއިން ގޮނޑިބަރި ތަކާ ދިމާއަށެވެ. އޭރު މުދިންބެވެސް އައިސީޔޫއާއި ދިމާއަށް އަންނަނީއެވެ. ކުއްލިއަކަށް އައިސީޔޫ ދޮރު ހުޅުވާލިއެވެ. އަދި މީހެއްގެ ގައިމަތީ ހުދު ފޮތުގަނޑެއް އަޅައިގެން ނެރެނީއެވެ. މޫނު ނިވާ ނުކުރާތީ މަރުވެފައިވަނީ ފާތުމާއްތަކަން އެނގޭކަށް މާ ގިނައިރުތަކެއް ނުނެގިއެވެ. އިސާހިތަކު އެމީހެއްގެ ދަރިންނާއި ތިމާގެ މީހުން އެތަން ވަށާލިއެވެ. އެއީ ފަރިދޫ ދޫކޮށް މާލޭގައި ވަޒަން ވެރިވެފައިވާ ކުދިންނެވެ.
"ނަތާ." ފުރަތަމަ ފަހަރަށް އޭނާ ނަތާއާ ވާހަކަ ދެއްކިއެވެ.
"އައިން. އެއީ ކާކު."
"ނަތާ." އައިން ނަތާގައިގާ އޮޅުލައިގަތެވެ. އައިންއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ. އެއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި އެންމެ ހިތާމަވެރި ދުވަސް ތަކުގައިވެސް ނުހަނު އޯގާވެރިވީ މީހެކެވެ. އެހެންކަމުން އޭނާ ހުންނަނީ ފާތުމާއަށް މައިކުލުނު ޖެހިފައެވެ.
(ނުނިމޭ)
