ވާހަކަ: ގެއްލުނު ދުނިޔެ (3)

(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)

ނޯތޭޖު ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ދަނިކޮށް ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާއަޑު އޭނާއަށް އިވިއްޖެއެވެ. އޭނާ އެނބުރި ފަހަތް ބަލައިލައިފިއެވެ. އޭނާގެ ރައްޓެއްސަކު، ރެސްޓޯރެންޓެއްގެ ބޭރުގައި ހުރެގެން އޭނާއަށް ގޮވަނީއެވެ. އޭނާ އެނބުރި ހިނގައިގެންފިއެވެ.

"ކޮންތާކަށްތަ މިޔޮއް ހެނދުނު ފަތިހާ ތިޔޮއް ދަނީ؟" އޭނާގެ ރަހުމަތްތެރިޔާ އޭނާއާ ކައިރިއަށް އަންނާތީ ފެނިފައި ސުވާލުކުޅައެވެ.

"ކަމަކު" ނޯތޭޖު ބުންޏެވެ.

"މަގުތަކުގައި ފޫޓު އަޅަންތަ؟"

"ދެން އެންމެ ރަނގަޅު ނިކަން އައިސްބަލަ!"

އޭނާގެ ރަހުމަތްތެރިޔާ ރެސްޓޯރެންޓަށް އެތެރެއަށް ގެންގޮސްފިއެވެ.

"އަޅުގަނޑު މިތާ އިންދާ ކަލާ ކުއްލިއަކަށް ފެނުނީ." އޭނާ ގޮނޑީގައި އިށީންނަމުން ބުންޏެވެ.

"އެންމެ ފުރަތަމަ ކަލާ ބުނުއްވާ ކޮންއެއްޗެއްތަ ބޯނީ؟ ސައިތަ. ލައްސީތަ؟"

އެކައްޗެއް ވެސް ބޯހިތެއް ނެތް."

"ނާ އެހެން ހަދައިގެން ނުވާނެ. ކޮންމެވެސް އެއްޗެއް ބޯންވާނެ."

"އެއީ ކޮންމެހެން ކުރަންވެއްޖެ ކަމެއްތަ؟"

"އެހެންނަ ގައިމެއްނު."

"ބޯންދޭން ކެރުނު ކޮންމެ އެއްޗެއް ބޯނަން."

އޭނާގެ ރަހުމަތްތެރިޔާ ދެ ތަށި ލައްސީއަށް އޯޑަރު ކޮށްފިއެވެ.

"މިހާރު ތާކުން ކަމެއް ލިބިއްޖެތަ؟"

"އަދިއެއް ނުލިބޭ." ނޯތޭޖު ބުންޏެވެ.

"އެކަމަކު މިއަދު ލިބޭނެކަން ގައިމު."

"އެއީ ކީއްވެގެން." އޭނާގެ އެކުވެރިޔާ އަހައިލިއެވެ.

"މީހަކު ވައުދެއް ކޮށްފައި އޮތީތަ؟"

"ހޫނ!"

" ކާކު؟"

"އަހަރެންގެ އަންހެނުން." ނޯތޭޖު ހީނލިއެވެ.

މިހެން ބުނީމާ އޭނާ ވެސް ހީނގެންފިއެވެ. އަދި ސަމާސާ ކަނޑައިލައިފައި އޭނާ ބުންޏެވެ.

"އެކުވެރިޔާ. ހަގީގަތުގައި ކަލޭގެ އަންހެނުން އެއީ ކަލޭގެ ވަރަށް ބޮޑު ހިތްވަރެއް."

"އޭނާ ނެތްނަމަ އަހަރެން މިހާރު ޖަލަކަށް ނުވަތަ ޕާގަލްޚާނާއަކަށް ދާން ޖެހިއްޖައީސް ކަން ޔަގީން."

"އަސްތާ ހަމަ ދެންމެ އަހަރެން ނޫހެއްގައި ކޮންމެވެސް އިއްޒަތްތެރިއަކު ޕްރައިވެޓު ސެކެއްޓެރީއެއް ބޭނުންވެގެން ޖަހައިފައި އޮއްވާ ދުށީން." މިހެން ބުނެފައި އޭނާ އެ ނޫސް ނޯތޭޖަށް ދިއްކޮށްލިއެވެ.

"ބޭނުންވެއްޖެ." ކޮލަމުގެ ދެ ވަނަ ނަންބަރު ބަލައިލަބަލަ."

ނޯތޭޖު އެ ތަން ބަލައިލައިފައި އެޑްރެސް ނޯޓު ކުރަމުން ބުންޏެވެ.

"އޭނާ ވަކަރު ޖަހައިލަން ދާންވީތާ."

"އާނ ގޮސް ބަލަ. ހީވަނީ ކާމިޔާބު ވެސް ވެދާނެ ހެން." އޭނާގެ ރަހުމަތްތެރިޔާ ބުންޏެވެ.

ދެން ލައްސީ ބޮއިގެން ނޯތޭޖު މި އާ އުންމީދާ ކުރިމަތި ލައިފިއެވެ.

އޭނާ ވަރަށް ބޮޑު ޑުރޯއިން ރޫމެއްގައި އިށީނދެގެން ނަސީބަށް އިންތިޒާރު ކޮށްކޮށް އިނެވެ. ކުޑަކުޑަ އިރުކޮޅެއްގެ ފަހުން ދެބައި އުމުރަކަށް ގޮސްފައި ހުރި މީހަކު އެތަނަށް އަތުވެއްޖެއެވެ. އޭނާ ފެނިފައި ނޯތޭޖު ވަރަށް އަދަބުވެރިކަމާ އެކު ތެދުވެއްޖެއެވެ.

"އިށީނދޭ."

ނޯތޭޖު ވަރަށް އަދަބުވެރިކަމާ އެކު އިށީނދެއްޖެއެވެ. ކުޑައިރުކޮޅަކަށް ފަހު ނުހަނު ރީތި ވައްތަރު ހެއު ބުޅަލެއް އަތުވެއްޖެއެވެ. އައިސް ފުންމައިގެން އެ އިއްޒަތްތެރިޔާގެ އުނގަށް އަރައި އިށީނދެއްޖެއެވެ. އެސޮރު ހުރިހާ ފަރާތަކުން ބިރުކަނޑައިލައިގެން އެ އިއްޒަތްތެރިޔާއާ ކުޅެން ފަށައިފިއެވެ. ނޯތޭޖު ވަރަށް ވިސްނުންތެރިކަމާ އެކު މި މަންޒަރު ބަލަން އިނެވެ.

"މިއީ އާސާމުގެ ބުޅަލެއް. އަހަރެން މިސޮރު ކުޑައިރުއްސުރެ ގެންގުޅެ ބޮޑުކުރީ.” އޭނާ ބުޅަލުގެ މޫނުގައި ވަސްގަންނަމުން ބުންޏެވެ.

"އެހެންތޯ" ނޯތޭޖު ބުޅަލަށް ވިސްނުންތެރިކަމާއެކު ބަލައިލިއެވެ.

"ވަރަށް ރީތި ބުޅަލެއް."

އޭނާ ކުއްލިއަކަށް ބުންޏެވެ.

"ކަލޭ މަގޭ ގާތަށް ތިއައީ ކޮން ކަމަކާ."

"އަޅުގަނޑު މިއައީ ބޭނުންވެއްޖެ ކޮލަމުން ކަލާ އެދިލައްވައިފައިވާ އެދިލެއްވުން ފެނިގެން."

"އޯހް.’ އޭނާ ބުންޏެވެ. "ޕުރައިވެޓު ސެކެއްޓެރީއެއްގެ މައްސަލަ ތިޔައީ ވަރަށް ބޮޑު މައްސަލައެއް."

"އަޅުގަނޑާ ހުރެ އެއްވެސް ޝަކުވާއެއް ކުރައްވާކަށް ޖެހިއެއް ނުލައްވާނެ."

"ކޮލިފިކޭޝަން."

"އަޅުގަނޑަކީ ބީ.އޭ އަކީން."

"ދިރިއުޅުމުގެ ތަޖުރިބާ."

"ދިރިއުޅުމުގެ ވަރަށް ގިނަ ތަޖުރިބާ ލިބިފައި އެބަހުރި އަޅުގަނޑަށް."

"ސައުވީސް ގަޑިއިރު ވަންދެން މަސައްކަތުގައި ދެމި އިނދެވިދާނެތަ؟"

"އަޅުގަނޑު ވަނީ މަސައްކަތުގައި ދެމި އިންނަ ހިތް."

"މުސާރަ."

"ފެނިލައްވާ ވަރެއް."

"މަހަކު ދުއިސައްތަ ރުފިޔާ."

"އަޅުގަނޑު ގަބޫލު."

"އެހެންވީއިރު އެންމެ ރަނގަޅު." މޭޒަކާ ދިމާއަށް އިޝާރާތް ކޮށްލައިފައި ބުންޏެވެ.

"އެންމެ ފުރަތަމަ ކަލޭގެ އެޕޮއިންޓުމަންޓު ލެޓަރ އަމިއްލައަށް ޓައިޕުކޮށްލާ. އެއަށް ފަހު އެހެން މަސައްކަތެއް ދައްކާނަން."

ނޯތޭޖު ގޮސް މަޑުމަޑުން ޓައިޕްރައިޓަރ ކައިރީގައި އިށީނދެއްޖެއެވެ. އޭނާ ކުއްލިއަކަށް ބުންޏެވެ.

"ޓައިޕު ކުރަން ދަންނަމުތަ؟"

"ލައްބަ."

ދެން ނޯތޭޖު އޭނާގެ އެޕޮއިންޓުމެންޓު ލެޓަރ ޓައިޕު ކޮށްފިއެވެ. އޭނާގެ އިނގިލިތައް ތުރުތުރުއަޅައެވެ. އަދި އެޕޮއިންޓުމެންޓު ލެޓަރ ހިފައިގެން އޭނާ ގާތަށް ގޮސްހުރިއިރު އަތް ވެސް ތުރުތުރުއަޅައެވެ.

"މާދަމާ ހަވީރު އަހަންނަށް ޖަލްސާއެއްގެ ރިޔާސަތު ފަޅުފިލުވަން ޖެހިފައި އެބަ އޮތް."

"ލައްބަ."

"އާނއެކޭ ތިޔަ ބުނީ ކިހިނެއް؟" އޭނާ ބުންޏެވެ.

"އެ ޖަލްސާއަށް ކަލޭ އެޑުރެހެއް ލިޔެ ދޭންވީ."

"ކޮން ކަހަލަ ޖަލްސާއެއްތޯ؟"

"ކޮލެޖެއްގެ އަހަރީ ޖަލްސާއެއް. އެ ކޮލެޖުން އެ ޖަލްސާގެ ރައީސަކަށް ހޮވީ އަހަރެން."

"އެޑްރެސް ތައްޔާރު ކޮށްލެވިދާނެ."

"ދައުވަތު ކާޑު އެހެރަ ވަތްގަނޑުގައި އޮންނާނެ. ބަލައިލަބަލަ."

"ލައްބަ މި ބަލައިލަނީ."

"މާދަމާ އަންނާނީ ކިހާއިރަކު."

"ކަލާ ބުނުއްވި އިރަކަށް."

"ހެނދުނު ނުވައެއް ޖަހާއިރަށް އަންނަން ވާނެ." އޭނާ ބުންޏެވެ.

"އަދި ފަހަރުގައި ފަހެއްޖަހާއިރު ވެސް އަންނަން ޖެހިދާނެ."

"ހޫނ." އޭނާ ކުޑަކޮށް ވިސްނައިލައިފައި ބުންޏެވެ.

"ކަލޭ ތިޔައީ ސަރުޖުއާލާ ޕްރަޝާދުގެ ޕުރައިވެޓު ސެކެއްޓެރީކަން އަބަދު ހަނދާން ކުރަނިކޮށް އެންމެ ރަނގަޅު."

"ލައްބަ."

"ދެން އަހަރެންގެ ޕަރސަނަލް ސިޓީތަކުގެ ޖަވާބުތައް ލިޔޭ."

ނޯތޭޖު ސަރުޖުއާލާ ޕްރަޝާދުގެ ޕަރސަނަލް ސިޓީތަކުގެ ޖަވާބު ލިޔަން ފަށައިފިއެވެ. އޭނާ އެ ލިޔަމުން ގެންދަނީއެވެ. އަދި އޭނާގެ އަންހެނުންނާ ދޭތެރޭގައި ވިސްނަނީއެވެ. އޭނާ ހިތަށްއަރައެވެ. އަނެއްކާ އޭނާގެ ގީތާ އެއީ ހަގީގީ ދޭވީއެއް ނޫން ބާވައެވެ. އޭނާ ބުނާ ކޮންމެ ކަމެއް އޭނާ އެ ބުނާ ގޮތަކަށް ވެ ނިމި ދެއެވެ.

އޭނާ މިއަދު ވަޒީފާއެއް ލިބޭނެކަން ގައިމޭ ބުނީ ކިހާ އިތުބާރަކާއި އިއުތިމާދަކާ އެކީގައި ހޭ ނިކަން ބަލާށެވެ. މިޔޮއް ވަޒީފާއެއް ލިބުނީއެވެ. މިހާރު އޭނާގެ ޑިއުޓީ އަދާކުރަނީއެވެ. އޭނާގެ ހިތަށްއަރައެވެ. އޭނާ އުދުހިފައި ގެއަށް ގޮސް އޭނާގެ ދޭވީއާ އޮޅުލައިގެންފައި އަންނަން ޗުއްޓީއެއް ލިބޭނީ ކިހިނަކުން ބާވައެވެ.

އޭނާ ސިޓީ ލިޔަން އިނެވެ.

ސަރުޖުއާލާ ޕްރަޝާދު އޭނާގެ އާސާމީ ބުޅަލާ ކުޅެން އިނެވެ. އިރުކޮޅަކުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ނޯތޭޖު އަދިވެސް އެއިން ގޮތަށް ލިޔަން އިނީއެވެ.

ހަވީރު ފަޔަކުން ނޫނެވެ. އަދި ކީއްހޭ ވައިގެ އަހަކަށް ސަވާރުވެގެން ނޯތޭޖު ގެއަށް ހިނގައްޖެއެވެ. އޭނާ ފެނުމާއެކު ގީތާ އޭނާ ގާތުގައި ބުންޏެވެ.

" ކޮބައިތޯ އަވަހަށް މެޓާ ދެއްވާ!"

"ހެނދުނު އަހަންނަށްވީ ޝައްކެއް. އެކަމަކު މިހާރު މުޅިން ޔަގީންވެއްޖެ. ކަލޭ ތިޔައީ ދޭވީއެއް.” ނޯތޭޖު ހައިރާން ކަމުގެ ތެރެއަށް ގެނބިގެން ޖަވާބު ދިނެވެ.

"އަހަންނަށް ވަޒީފާއެއް ލިބިއްޖެކަން ކަލެއަށް އެނގުނީ ކިހިނެއްތަ؟ އަހަރެން އައިސް މިގެއަށް ވަނީ އެއްވެސް ކަހަލަ

ކަމެއް ނުލިބޭ ކަހަލަ ގޮތެއް ދައްކައިގެން. އަދި މިއައީ އެހެން ވެސް ދުވަސްދުވަސް ފަދައިން އެއްވެސް ކަމެއް ނަމެއް ނުލިބިގެން އެނބުރި އަންނަ ގޮތަށް.”

"އެއީ ހަމަ ކަލާގެ ހުރި ގަސްތުގެ ހަރުދަނާކަން." ގީތާ ބުންޏެވެ. އޭނާ ދުވެފައި އައިސް ނޯތޭޖުގެ އަނގަޔަށް މެޓާތަކަކާއި ކަޑަލައިގެ މުށްވަރެއް ގަންނަވައިލިއެވެ.

"ތިޔަޔޯ؟"

"ހަނޫމާންގެ ފައްޅިއަށް ގޮސް ބުނި ނަދުރު" އޭނާ ބުންޏެވެ.

"އަޅުގަނޑު މިއައީ ދުއާކޮށް ނަދުރުބުނެ ހަދައިފަ. އަދު ކަލާއަށް ވަޒީފާއެއް ލިބިއްޖެއްޔާ ކަޑަލަ އާއި މެޓާ ބަހަން."

"އަހަރެން އައުމުގެ ކުރިންވެސް ކަލެއަށް އޮތީ އެނގިފައިތަ އަހަންނަށް ވަޒީފާއެއް ލިބިއްޖެކަން.”

"ލައްބަ." ގީތާ ވަރަށް ހިތްހަމަޖެހުމާ އެކު ބުންޏެވެ.

"އަޅުގަނޑުގެ ހިތެއް ދޮގެއް ނުބުނާނެ ވާހަކަ ކުރީންވެސް ނަންގަތީމު ނޫންތޯ." އޭނާ ހީނލިއެވެ.

"ދެން ބުނުއްވަ ބައްލަވާ ކޮން ކަހަލަ ވަޒީފާއެއްތޯ ލިބިލެއްވީ؟ ކޮންތާކުންތޯ؟ ކިހާ މުސާރައެއްތޯ؟"

"ތިޔަ ހުރިހާ އެއްޗެއް ވެސް ކަލޭގެ ހިތް ކުރެން އަހަންވީނު؟"

"ހުރިހާ ވާހަކައެއް ހިތް ކުރެން އަހަން ވެއްޖިއްޔާ ކަލާ ކުރެން އަހާނެ ވާހަކައެއް ނޯންނާނެނު. އެހެންވީމާ ހިތަށް އުނދަގޫ ނުޖެއްސީ."

އޭނާއަށް ވަރަށް ބޮޑަށް ހެވިއްޖެއެވެ.

"ކަލާ ހުންނަވާ ހިނދު ހިތުގެ މިހާ ގިނަ އިހުސާންތެރިކަން ގަބޫލުކުރަންވީ ކީއްކުރަންތޯ. އެކަމާ މެދު ވެސް

ވިސްނަން ޖެހޭނެ ނޫންތޯ؟"

"ހަމަ ތެދެއްތަ؟"

"ލައްބަ."

"ދެން އަހާ. އަހަރެންވީ ސަރުޖުއާލާ ޕްރަޝާދުގެ ޕުރައިވެޓު ސެކެއްޓެރީއަކަށް. ގޮސް އައިސްވުމުގެ ޚަރަދާއި އެހެންވެސް ކުދި ޚަރަދާ ވަނީ އޭނާ ހަވާލުވެފަ."

"މާތް ރަސްކަލާކޮ! އިބަރަސްކަލާނގެ ކިހާ އޯގާވަންތަވެ ވޮޑިގެންވަންތޯ؟" ތުރުތުރުއަޅައަޅާ ހުރި ގީތާގެ ދެ ތުންފަތުގެ ދެމެދުން މި ލަފުޒުތައް ނިކުތެވެ. އަދި އޭނާގެ ލޮލުން ޝުކުރުވެރިކަމާއި އިހުސާންތެރިކަން ގަބޫލުކުރާކަމުގެ ކަރުނަތައް ފޫދިގެން އައެވެ.

"އެހެން ނަމަވެސް މުސާރަ ލިބޭނީ އެއް މަސްދުވަސް ފަހުން." ނޯތޭޖު ފިކުރުބޮޑުވެފައިވާ އަޑަކުން ބުންޏެވެ.

"އެހާތަނާ ހަމައަށް…."

ގީތާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

"ތިޔަ ދައްކަވަން އުޅުއްވަނީ ކޮން ކަހަލަ ވާހަކައެއްތޯ؟ މާތް ރަސްކަލާނގެ މިހާތަނަށް މި ލެހެއްޓެވީ އެއްވެސް ކަމެއް ލިބުމަކާ ނުލައި ނޫންތޯ. މިހާރު މި އޮތީ ވަޒީފާއެއް ލިބިފައިވިއްޔަ. ދެން އެއް މަސްދުވަހަކީ އެހައި ދުވަހެއް ނޫނެއް ނޫންތޯ. ކަލާ ފިކުރު ބޮޑުނުކުރައްވާ. ހުރިހާ ކަމެއް ހަމަޖެހޭނެ. މިހާރު އަޅުގަނޑަށް ބޮޑާވެލައިފައި ގޮސް ގާތް އަވަށްޓެރިއެއްގެ ގާތުން ދަރަންޏަށް ވެސް ނަގަން ކެރިދާނެ. ނުދޭނީ ކާކުތޯ؟"

އެރޭވީ އެ ގޭގައި ހިތިވިލޭރެއަކަށެވެ. މިއީ ނޯތޭޖުގެ ހަޔާތުގައި ހިތުގެ އަޑިން ހީނ އުޅުނު ފުރަތަމަ ރެއެވެ. އަދި ގަޔާވެގެން މަޖަލުގައި ވާހަކަދައްކާ އުޅުނު ފުރަތަމަ ފަހަރެވެ. އެ ދެމަފިރިންގެ ހިތްވަނީ އުފަލާއި ފާގަތިކަމުގެ ފުން ކަނޑަކަށް ގެނބިފައެވެ.

ކޮލެޖު ޖަލްސާ ވަރަށް ކާމިޔާބުވިއެވެ. ސަރުޖުއާލާ ޕްރަޝާދުގެ ތަގުރީރު ކޮޅެއްވެސް ނެތްހައި ބޮޑަށް ރަނގަޅެވެ. އޭގެ ކުރިއަކުން އެއްވެސް ޖަލްސާއެއްގައި އޭނާގެ ރިޔާސަތުގެ ތަގުރީރެއް މިހާ ކާމިޔާބުވެފައެއް ނެތެވެ. މީސްތަކުން ވަރަށް ތައުރީފު ކުރިއެވެ. ނޫސްތަކުގައި އޭނާއަށް ތައުރީފާ އެކުގައި އެ އެޑްރެހުގެ ތަންތަންކޮޅު ނަކަލުކޮށްފައި ވެސް ހުއްޓެވެ. ސަރުޖުއާލާ އިހަށްވުރެ ވެސް ފަރިވެ ފޮޅިއްޖެއެވެ.

ނަމަވެސް ނޯތޭޖުގެ ގާތުގައި އޭނާގެ މި ކާމިޔާބީއާ ބެހޭ ގޮތުން އެކައްޗެއް ވެސް ނުބުނެއެވެ. ހަމައެކަނި އޭނާގެ ގާތުގައި ބުނީ މިހެންނެވެ.

“އެމެރިކާއިން އައިސް އުޅޭ ޑެލިގޭޝަނަކަށް މި އަންނަ މަހު މުނިސިޕަލް ބޯޑުގެ ފަރާތުން އެޑްރެހެއް ދޭން ޖެހޭނެ. އެ ގޮތަކީ އަހަރެން މިއީ މުނިސިޕަލް ބޯޑުގެ ރައީސް. އެހެންވީމާ މި އެޑްރެސް ދޭން ޖެހޭނީ އަހަންނަށް. އަހަރެން ހިތުން އަހަރެން މި ބުނި އެއްޗެއް މިހާރު ކަލެއަށް އެނގިދާނެ.”

"ލައްބަ." ނޯތޭޖު މިހެން ބުނީ އޭނާ އެބުނީ ކިހިނެއް ކަމެއް ސަރުޖުއާލާ ޕްރަޝާދަށް ނޭނގޭ ކަހަލަ ގޮތަކަށެވެ.

"އަޅުގަނޑަށް ކަލާ ތިޔަ ބުނުއްވާ އެއްޗެއް އެނގިއްޖެ."

"މިއީ ވަރަށް މޮޅަށް ގެންދަންވީ ކަމެއް އިނގޭ."

"ލައްބަ."

"ވެރީ ގުޑް!" އޭނާ ހީނލައިފައި ބުންޏެވެ. އަދި އިރުކޮޅަކު ވިސްނައިލައިފައި ބުނެފިއެވެ.

"ކަލޭ ޅެން ވެސް ދަންނަމުތަ؟"

"ލައްބަ."

ނޯތޭޖު މޭޒު ކައިރީގައި އިސްޖަހައިލައިގެން އިނދެ އެއްޗެއް ލިޔަނީއެވެ. އެހެން އިނދެފައި އިސް އުފުލައިލައިފައި

ސަރުޖުއާލާ ޕްރަޝާދާ ދިމާއަށް ބަލައިލައިފިއެވެ.

"އަހަރެން މި ބުނާ އެއްޗަކީ ޅެންބައިތުތައް ލައިގެން އެ ލިޔެ ނިންމައިލުމަށް." އޭނާ ތަފުސީލު ކުރަމުން ގެންދިޔައެވެ.

"ކަލޭ ޅެން ހަދަން ދަންނަމުތަ؟"

"އަޅުގަނޑަކަށް ޅެން ހަދާކަށް ނޭނގެ."

"އެހެންވިއްޔާ ކޮންމެވެސް އިހުގެ ޅެންވެރިއެއްގެ ޅެމުން ބައިތުކޮޅެއް ލިޔެލާ." ސަރުޖުއާލާ ޕްރަޝާދު ނޯތޭޖަށް މަޝްވަރާ ދިނެވެ.

"އެޑްރެސްގައި ޅެން ލިޔެލީމާ ވަރަށް މަޖާވާނެ. އެއީ ކާކުގެ ޅެމެއްތަ؟"

"އެހެން ދުވެފައި މިހެން ދުވެފައި ލިބޭ ނިޢުމަތް ގަބޫލު ނުކޮށް

ފަހުން ޒިއްލަތު ލިބެން ޖެހުނީ ދެ މީދާފެހި ބުޅާ ނޫންހޭ؟"

މިކަހަލަ ކޮންމެވެސް ރަނގަޅު ޅެމެއް. ވާހަކައަކީ މި ކަހަލަ މަޖާއެއްޗެހި ލިޔެލީމާ ވަރަށް އަހާހިތްވާނެ."

"ލައްބަ ލިޔެލަފާނަން." ހަމަޖެހިލައިފައި ބުންޏެވެ.

"ހައް!ހައް! ހައް!"

އޭނާ ބާރަށް ކަކަކަކަ އަޅައިފައި ހީނގެންފިއެވެ. އަދި އޭނާގެ އާސާމީ ބުޅާ އޭނާގެ މޫނުގައި ވަސްގަންނަން ފަށައިފިއެވެ.

"ދެއަރ ޔޫ އާރ."

އޭނާ ބުޅާ ނަގައި މޭގައި ޖައްސައި އޮޅުލައިގަތެވެ.

ގީތާ އޭނާގެ ކުޑަދަރިފުޅު މޭގައި ލައްކޮށްލައިގެން އިނެވެ. ދަރިފުޅު ރޮނީއެވެ.

"މަގޭ ހިތާއޭ މަގޭ ދެ ލޮލާއޭ!" އޭނާއަށް ރޮވުމުން ދަރިފުޅަށް ގޮވައިލެވުނެވެ.

"ތާތު ރޮނީ. މަންމާ." މައުސޫމު ދީޕު އަހައިލިއެވެ.

"ކޮއްކޮ ބުއްބޮވައިގަތީ."

"ދެން ތޮއްތޮއަށް ބުއްދޭންވީނު."

"އަދި ކިރު ގެންނަ މީހާ ކިރެއް ނުގެނޭ."

"ތާތު ނުދެންނަނީ؟"

"އޭނާއަށް ދޭންވެފައި އޮތް ލާރި ގިނަވީމާ ކިރު ދޫކުރުން ހުއްޓައިލީ. އަދި ބުނަނީ ވެސް މިހާރަކު ކިރެއް ނެތޭ."

"އެކަމަކު ކީއްވާނީ." ދީޕު ބުންޏެވެ.

"ކިރު އަޅާއެތި ދެއްވާ. އަހަރެން މިހާރު ކިރު ގެނެސްފާނަން." އޭނާ އެނދުން ފައިބައިފިއެވެ.

"ބޭރުގައި އެހެރަ ފިހާރައިގައި ބައިވަރު ކިރު ހުންނާނެ."

"މަގޭ ދަރިފުޅާ." ގީތާ ދީޕު ގައިގައި އޮޅުލައިގަތެވެ.

"އެއީ އަހަރުމެންނަކަށް ނޫން. ފައިސާވެރިންނަށް ބަހައްޓައިފައި ހުރި އެއްޗެއް."

ހީވީ ޚުދު އޭނާ އަމިއްލައަށް ބުނެލި ހެންނެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހެން ފެށިއެވެ. ކިރު ގެންނަ އެތި ބަދިގޭގައި ބަންޑުން ބާއްވައިލައިފައި އޮތެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *