ބައެއްފަހަރު މީހުންނާ އިނުމުގެ ކުރިން ބައެއް ކަންކަން އަޅުގަނޑުމެން ބަލަމުއެވެ. އެއީ ވަޒީފާއެއްގައި އުޅޭ މީހެއްތޯ ނުވަތަ އާމްދަނީ ހޯދަން ކުރާ މަސައްކަތެވެ. ގިނަފަހަރަށް ރީތި މީހެއް ނުވަތަ ހިތްކިޔާ މީހަކު ފެނުމުން އިތުރުކަމެއް ބެލުމެއްނެތި ކައިވެނި ކުރެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް ކާމިޔާބު ކައިވެންޏަކަށްޓަކައި ބައިވެރިޔާގެ ބައެއް ސިފަތައް ބަލާލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ފޯނު ފޮރުވާ މީހަކާ ރައްޓެހި ނުވާށެވެ.
ބައެއް މީހުން އެމީހުންގެ ބައިވެރިޔާއަށް ފޯނު ފެނިދާނެތީ ބިރުގަނެއެވެ. ފޯނު ފޮރުވައިގެން ގެންގުޅުމަކީ ތިމާގެ ގުޅުމަށް އެއްވެސް އިތުބާރެއް ނެތްކަން ސާފުކޮށް އެނގެން އޮތް ހެއްކެކެވެ. އޭނާގެ އަތުގައި ފޮރުވަންޖެހޭ އެއްވެސް އެއްޗެއް ނެތް ނަމަ އަދި ތިމާއަށް ތެދުވެރިވާނަމަ ފޯނު ފޮރުވާކަށް ނުޖެހޭނެއެވެ. އޭނާގެ ފޯނުގައި ތިމާއަށް އެނގެން ބޭނުން ނުވާ ބައެއް ކަންތައްތަކާއި އަދި އެ ފެނިއްޖެނަމަ ދިގު މުއްދަތަކަށް މައްސަލައަކަށް ވެދާނެ ކަންތައްތަކެއް ވެސް ހުރެދާނެ އެވެ.
ދޮގު ހަދާމީހުން ހަޔާތުގެ ބައިވެރިޔާއަށް ނުހަދާށެވެ.
ބައެއްފަހަރު މީހުން ވަރަށް އާދައިގެ ކަންކަމުގައިވެސް ދޮގުހަދައެވެ. އެއީ ކުޑަ އަދި އާދައިގެ ކަމަކަށް ހަދާފައި މާފުދެވޭ ފަހަރު އާދެއެވެ. ހަޔާތުގެ ބޮޑުގެ ކަމެއްގައި ދޮގު ހެދުމުން ދެމީހުންގެ މެދުގައި މައްސަލަ ޖެހޭ ފަހަރު އާދެއެވެ. އެއީ އެވަގުތުގެ ގޮތުން ނުވަތަ ފަހުން ދިމާވެދާނެ މައްސަލައަކަށް ރައްކާތެރިވުމުގެ ގޮތުން ބިރުން ހުރެ ހެދި ދޮގަކަށްވިޔަސް އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ނުވަތަ އޭނާ ތިމާއަށް އަނިޔާއެއް ދޭން ބޭނުން ނުވާތީ ތިމާ ރައްކާތެރި ކުރުމަށްޓަކައި ތިމާއަށް ދޮގުހެދިއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ އެ ހުރިހާ އެއްޗަކީ ވެސް ތިމާއަށް އޮޅުވާލަން ބުނާ އިތުރު ދޮގުތަކެއްކަމެވެ.
ތިމާއަކީ ތިމާގެ ގޮތުގައި ބަލައި ނުގަނެވޭ މީހަކާ ރައްޓެހި ނުވާށެވެ.
ގިނަފަހަރަށް ބައިވެރިޔާ ވަނީ އަނެއްބައިވެރިޔާ އުޅޭގޮތާއި ކަންކަމާ ދޭތެރޭ ވިސްނާގޮތާއި ކަންކަމަށް ގޮތްނިންމާގޮތާއިމެދުވެސް ގޮތް ފާޑުކިޔާމީހަކަށެވެ. ނުވަތަ ތިމާ ހިޔާރުކުރާ ބައިވެރިޔާއަކީ ތިމާގެ މިޒާޖާއި އުފާވާކަންކަމާއި އަދި ކޮންމެ ދުވަހެއްގެ އާދާތައް ބަދަލުކުރަން ބޭނުންވާ މީހަކަށެވެ. އަދި ބައެއްފަހަރު ތިމާގެ އަސްލާއި، ބޭނުންވާ ކަންކަމާއި އަދި މިޒާޖުގައި ހުރި ގޮތް އޭނާއަށް ކަމުނުދާނަމަ އޭނާއާއެކު ކުރިއަށް ދާންވީ އެގޮތްތައް ތިމާ ބަދަލުކޮށްގެން ކަމަށް ބުނެހަދައެވެ. ގަބޫލުކުރަންވީ ހަގީގަތަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް މީހަކު ހުރެއެވެ. އޭނާއަކީ ތިމާގެ މީހެއް ނޫނެވެ. ތިމާގެ މިލްކިއްޔާތެއްވެސް ނޫންކަމެވެ. ވީމާ އަބަދުވެސް އަނެކާ ބަލައިގަންނަންޖެހޭނީ އޭނާގެ ގޮތުގައެވެ. ވީމާ ތިމާގެ ގޮތުގައި ބަލައި ނުގަނެވޭ މީހަކާއެކު ދިރިއުޅެން ފެށުމުން ހިތްނުތަނަވަސްވުމާއި ކަންބޮޑުވުން ނޫންކަމެއް ނުވާނެއެވެ.
ތިމާއަށް އިސްކަން ނުދޭ މީހާއާ ދުރުވާށެވެ.
ކައިވެނީގެ ކުރިންވެސް ތިމާއަށް އިސްކަންނުދޭކަން އިހުސާސްވާނަމަ އެމީހަކާ އަވަހަށް ދުރުވާށެވެ. އެމީހުންނަކީ އަބަދުވެސް އަމިއްލަ ނަފްސު އިސްކުރާ މީހެކެވެ. އޭނާ އިސްކަންދޭނީ އޭނާގެ ވަޒީފާޔާއި އޭނާގެ އުފާތަކަށެވެ. އޭނާގެ ރައްޓެހިންނާއި އޭނާގެ ބޭނުންތަކަށެވެ. އެފަދަ ބައިވެރިޔަކަށް އިންތިޒާރުކޮށް ކަރުނައަޅަން އިންނަ މީހަކަށް ތިމާ ނުވާށެވެ. ހަގީގަތަކީ އެއީ ތިމާގެ ބޭނުންތަކާއި ލޯބިވާން ބޭނުންވާ ހަގީގަތް ވެސް ނުފެންނަ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއްކަމެވެ.
ކަމެއް ދިމާވުމުން ތިމާއަށް ރުޅިގަނޑު ބާލާ މީހުންނާވެސް ކައިރި ނުވާށެވެ.
މޫޑު ގޯސްވުމުން ނުވަތަ ދުވަހުގެ މަސައްކަތުގައި ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން އެހެންމީހުންނަށް ރުޅިގަނޑު ބާލާލާ މީހުންނާއެކު ދިރިއުޅެން އުނދަގޫވާނެއެވެ. ތިމާ އަބަދުވެސް ހުންނާނީ އޭނާ ރުޅިގަނޑު ތިމާގެ މައްޗައް ބާލާލާނީ ކޮންއިރެއްކަމެއް ނޭނގި ބިރުންނެވެ. ތިމާގެ ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކައިވެނީގެ ގުޅުން މިފަދަމީހުންނާއި ނުބާއްވާށެވެ.
ތިމާގެ ވާހަކަތައް އަޑުނާހާ މީހަކާ ރައްޓެހި ނުވާށެވެ.
ދިރިއުޅުމެއް ވޭތުކުރާއިރު ވަރަށް ގިނަ މައްސަލަތަކާއި ވާހަކަތައް ދައްކަންޖެހޭ ފަހަރު އަންނާނެއެވެ. ތިމާގެ ވާހަކަތައް ކަނުލާ އަޑުނާހާނަމަ ދިރިއުޅުން ކުރިއަށް ގެންދަން އުނދަގޫވާނެއެވެ. ވާހަކަތައް އަޑުނާހާ ބައިވެރިޔަކީ ތިމާގެ މައްސަލަތަކަކީ އެންމެ މުހިއްމު މައްސަލަތަކުގައި ބައިވެރިނުވާ އަދި ތިމާގެ ކަންކަން މުހިއްމު ކަމަށް ގަބޫލު ނުކުރާ މީހެކެވެ.
ތިމާއަށް ހުރިހާ ވަގުތެއްގައި ފާޑުކިޔާ މީހަކާ ރައްޓެހި ނުވާށެވެ.
ދުވަހަކުވެސް ތިމާ ކުރި ނުވަތަ ނުކުރާ ކަންކަމާ މެދު ހުރިހާ ވަގުތެއްގައިވެސް ފާޑުކިޔާ އަދި ކުއްވެރިކުރާ މީހަކާ ރައްޓެހި ނުވާށެވެ. ގިނަފަހަރަށް އެމީހުންނަށް ހެޔޮ އެއްގޮތްވެސް ނޯވެއެވެ. އެފަދަ މީހުންނާއެކު އުޅުމުން ތިމާގެ އަމިއްލަ ނަފުސުގެ އިތުބާރުގެއްލި އަބަދު ހާސްކަމުގައި އުޅެން ޖެހެއެވެ.
