އާސަރުކާރުގެ ތަޢުލީމީ ސިޔާސަތު – ގިނަ މުދައްރިސުންނަށް އުއްމީދެއް

– ދިރާސީ އަހަރު ފެށޭ މަސް ބަދަލުކުރުމަކީ ރަނގަޅު ނިންމުމެއް

– ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ސްކޫލުގައި އިތުރު ހަރަކާތްތައް ހިންގަން ޕްރިންސިޕަލުންނަށް އެންގުން އެއީ ފައިދާ ހުރިކަމެއް

– އޯލެވެލް ގަދަ 10 ހޮވުން ހުއްޓާލުމަކީ އެދޭ ބަދަލެއް

– ހާޒިރީ އެލަވަންސަކީ އިސްލާހުކޮށްލަން ޖެހިފައިވާ ކަމެއް

– އިންތިހާއަށް ކުޅިވަރު ހަރަކާތްތައް ގިނަވުމަކީ އުނދަގޫ ކަމެއް

 

އާ ސަރުކާރު ވެރިކަމާއި ޙަވާލުވިތާ ހަފްތާއެއް ވީއިރު، ނޫސްތަކުގެ ސުރުޚީތަކުން ޖާގަ ހޯދަމުން އަންނަ އެއް ވަޒީރަކީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢެެވެ. ތައުލީމީ ދާއިރާއާއި ގުޅުން ހުރި ބައެއް ކަންތައްތަކަކަށް ބަދަލު ގެންނަން އުޅޭ އިޝާރާތެއް ވަޒީރުވަނީ ކުރައްވާފައެވެ. ހަމަ މިއާއެކު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ. ފާހަގަކޮށްލެވުނު އެއްކަމަކީ ވަޒީރުގެ ނިންމުންތައް ގިނަ މުދައްރިސުންނާއި، ދާއިރާގައި އުޅޭ ގިނަ ބަޔަކު ވަރަށް ފައްސިކޮށް ނަގާފައިވާކަމެވެ.

މިހާތަނަށް ވަޒީރު ނިންމާފައިވާ ނިންމުންތަކާއި ދޭތެރޭ މުދައްރިސުންގެ ވިސްނުން ހުރިގޮތް ބަލައިލުމަށާއި، އާ ވަޒީރުގެ ފަރާތުން މުދައްރިސުން ކުރާ އުއްމީދުތައް ދެނެގަތުމަށް އަޅުގަނޑުގެ އެކުވެރި މުދައްރިސުން ކޮޅަކާއި ބައްދަލުކޮށް މަޝްވަރާކޮށްލީމެވެ. އެ އެންމެންނަކީވެސް 2008 އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ މުދައްރިސުންނެވެ.

އެންމެ ފުރަތަމަ ދިރާސީ އަހަރު ފެށޭ މަސް ބަދަލުކުރުމެވެ. ދަރިވަރުންނަށް ގެއްލުން ނުވާނޭހެން އެކަން ކުރަން ފެންނަކަމަށް ހުރިހާ މުދައްރިސުންވެސް އެއްބަސްވިއެވެ. ކަންދިމާކުރި ގޮތުން އަޅުގަނޑުގެ ހުރިހާ އެކުވެރިންނަކީވެސް ގްރޭޑް 10 އަކަށް ކިޔަވައިދެއްވާ މުދައްރިސުންނެވެ. އެހެންކަމުން އެމުދައްރިސުންގެ ވިސްނުން ހުރީ އޯލެވެލް އާއި ގުޅިފައެވެ. ސަރުކާރު ސްކޫލުތަކުގައި އާއްމުކޮށް ސިލަބަސް ނިންމައި އުޅެނީ ފުރަތަމަ ޓާރމުގެ މިޑް ޓާރމް ޗުއްޓީގެ ކުރިއަށެވެ. އެހެންކަމުން އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރަން ފަށަނީ އެ ޗުއްޓީއަށް ފަހުގައެވެ. ހުރިހާ މުދައްރިސުންވެސް އެއްބަސްވާ އެއްކަމެއް އެބަ އޮތެވެ. އެއީ ޖެނުއަރީ މަހުގައި ތައުލީމީ އަހަރު ފެށުމުން އޯލެވެލް އަށް ކުދިން ތައްޔާރުކުރަން ލިބޭ މުއްދަތު އިތުރުވުމެވެ.

ކަމުގެ ޙަޤީގަތް ބަލާލަން 2018 ގެ އެކެޑެމިކް ކަލަންޑަރާއި، 2024-2023 ގެ ކަލަންޑަރު އަޅާކިޔާލީމެވެ. ޓާމް ޗުއްޓީ ނުހިމަނައި 2018 ވަނަ އަހަރު ފުރަތަމަ ޓާމުގެ މިޑް ބްރޭކަށްފަހު އޯލެވެލް ފެށުމާއި ދެމެދު 26 ހަފްތާ ލިބިފައިވާ އިރު މި އަހަރު ލިބެނީ 22 ހަފްތާއެވެ. ނިމިދިޔަ ސަރުކާރުން ކޮވިޑްގެ ޙާލަތާއި ގުޅިގެން ތަޢުލީމީ އަހަރު ފެށޭ މަސް ބަދަލުކުރުމުގެ ބަދަލުގައި އެ އަހަރު ބާކީވި 6 މަސް ދުވަސް އޮންލައިން ކްލާސްތަކުގައި ކިޔަވައިދިން ބައިތައް މުތާލިއާ ކުރަން ނިންމި ނަމަ މާ ރަނގަޅުވީސް ކަމަށް އެންމެންވެސް އެއްބަސްވެއެވެ. ސަބަބީ އޮންލައިންކޮށް ކިޔަވައިދީގެން އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައިވާކަމަށް އެ މުދައްރިސުން ގަބޫލުނުކުރާތީއެވެ.

ދެވަނަ ކަމަކަށް ފާހަގަކޮށްލެއްވީ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ސްކޫލުގައި އިތުރު ހަރަކާތްތައް ހިންގަން ޕްރިންސިޕަލުންނަށް އެންގުމެވެ. "މުދައްރިސުން ޔުނިޓް ޕްލޭން މި ހަދަނީ ޓާމް ފެށޭއިރު. ކޮންމެ ގޮތެއް ހަދާފައިވެސް އެ ނިންމަން އެބަޖެހޭ ޓާމް ނިމުމުގެ ކުރިން. އެންޓި ބުލީން ވީކް، ސްމައިލް ކެމްޕެއިންގ، ކައިންޑްނެސް ވީކް.. މީ މި ދިޔަ އަހަރު ކުއްލިއަށް އައި އެއްޗެހި ތަކެއް. އެތަކެއް ޓީޗަރުންގެ ގަޑި ގެއްލިގެން ދިޔަ. އަދި އޮންނާނެ އެކި ޑިޕާޓްމަންޓުތަކުން ގެންދާ ހަރަކާތްތައްވެސް ސެޝަން ތެރެއަށްލާފައި. މި ގޮތަށް ގަޑި ގެއްލުނީމާ އެކްސްޓްރާ ކްލާސްތަކެއް ނަގައިގެން މިސްވި ބައިތައް ކަވަރ ކުރަން މި ޖެހެނީ" އެތަނުން އެއް މުދައްރިސަކު ބުނުއްވިއެވެ.

ތިންވަނަ ކަމަކަށް އޯލެވެލް ގަދަ 10 ހޮވުން ހުއްޓާލަންޖެހޭ ކަމަށް ވަޒީރުގެ ވިސްނުން ހުރީ ރަނގަޅަށްތޯ ސުވާލުކޮށްލީމެވެ. އެންމެންވެސް އެއްބަސްވި އެއްކަމެއް އެބައޮތެވެ. އެ ރަސްމިއްޔާތަށް ތައްޔާރުވުމަށް ވަރަށް ގިނަ ހޭދައާއި، ދަރިވަރުންތަކަކާއި މުދައްރިސުންގެ ވަގުތު އެކަމަށް ހޭދަވާ ކަމެވެ. އޯލެވެލް ގަދަ 10 އެއް ހޯދަންވީ ގޮތް މުރާޖާކުރަން ޖެހޭކަމަށް މުދައްރިސުން ގަބޫލުކުރައްވައެވެ. " އޯލެވެލް ހަދާ ކުދިންގެ ތެރެއިން މަދު ކުއްޖެއް ދޯ ޓޮޕް 10 އަށް މިދަނީ. މިސާލަކަށް 2021 ގަ ގާތްގަނޑަކަށް ހަ ހާސް ކުދިން އޯލެވެލް ހެދި… ޓޮޕް 10 އަށް މި ދިޔައީ 400 ކުދިން… އެ ކުދިން ކުރި މަސައްކަތުގެ އަގު ވަޒަންކުރެވެން ވާނެ. ޓޮޕް 10 ނުބާއްވަންޏާ ޕްރައިޒް ޑޭ ބާއްވާ އިރު ޓޮޕް އެޗީވަރޒް ބައި ތަންކޮޅެއް ގްރާންޑްކޮށް ބާއްވަންވީ. ޓޮޕް 10 ކެންސަލް ކުރަންޏާ ކަލަރސް އެވާޑްވެސް ހަމަ ކެންސަލްކޮށްލަން ފެނޭ." މުދައްރިސަކު އޭނާގެ ޚިޔާލު ހުރިގޮތް ހިއްސާކޮށްލިއެވެ.

ބާކީ ތިބި އެހެން މުދައްރިސުންގެ ވިސްނުން ހުރީ ވަޒީރުގެ ވިސްނުމާއި ދާދި އެއްގޮތަކަށެވެ. ނަމަވެސް އެމުދައްރިސުން ދެކިލައްވާ ގޮތުގައި ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކީ ސްޓޭޖް ވައިސްކޮށް ނަމަވެސް ދަރިވަރުންނަށް އިނާމް ދޭން  ފަށަންވެއްޖެއެވެ. އާ ކަރިކިއުލަމް ބޮޑަށް ބާރު އަޅަނީ އިންޓްރިންސިކް މޯޓިވޭޝަނަށް ވިޔަސް ގިނަ ދަރިވަރުން ގްރޭޑް 9 އަކަށް އަންނަ އިރު ތިބެނީ ކަންނެތް ވެފައެވެ. ދަށް ގްރޭޑް ތަކުން ފެށިގެން ކުޑަ މަސައްކަތަކުން "ފުލީ އެޗީވް" ލިބޭތީ އެކަމަށް ހޭނިފައެވެ.

އާ ސަރުކާރަކާއި، އާ ވަޒީރަކާއި އެކު މުދައްރިސުންގެ އުއްމީދުތައް ހުރި ގޮތްތައް ބަލާލަންވެސް އަޅުގަނޑު ޝައުޤުވެރިވިއެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް ފާހަގަކޮށްލެއްވީ އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ލިބޭނޭ ގޮތް ހައްދަވައި ދެއްވުމެވެ. ނުވަތަ އިތުރު ގަޑި ހަމަވުމުން މަސައްކަތްނުކުރުވުމެވެ. " ރަސްމީ ގަޑީގެ ބޮޑުބައި މި ހޭދަކުރަނީ ކްލާސްރޫމްގައި. ސެޝަން ނިމިގެން ދާއިރު އަނެއް ދުވަހުގެ ފިލާވަޅަށް ތައްޔާރުވާނޭ ވަގުތެއް ނުލިބޭ ހަމަ ހަގީގަތުގަވެސް. ކޮންމެ ދުވަހަކު މީމިސްއަށް އެންޓަރކުރާ ޑޭޓާ އެބަ ޖެހޭ އަތުން ލިޔެ ފައިލްކުރަން. ސެޝަން ގަޑީގައި ފޮތް މާކުކޮށް އެންޓަރ ކުރަން އެބަ ޖެހޭ. ޕޭޕަރ ނުވަތަ ވާރކްޝީޓްތައް މި މާރކް ކުރަނީ ގޭގައި. ފިލާވަޅަށް ތައްޔާރުވަނީ ގޭގައި. ނުވައެއް، ދިހައެއްގެ ޓީޗަރުން އެބަޖެހޭ އިރު އޮއްސުމާއެކު އެކްސްޓްރާ ކްލާސްތައް ނަގަން. އެކަމަކުވެސް އިތުރު ގަޑިއަށް މި ލިބެނީ ބޭސިކް މުސާރައިގެ ދިހަ އިންސައްތަ. ބޮޑު ފަންކްޝަން އެއް ސްކޫލްގައި ނޯންނަ މަހެއް ނުދޭ. ހޮނިހިރު ދުވަހުވެސް އޯޓީ މި ލިބެނީ އަށް ގަޑި އިރަށްވުރެ އިތުރަށް މަސައްކަތްކޮށްފިނަމަ" އެ ތަނުން އެއް މުދައްރިސަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރެއްވިއެވެ.

ހާޒިރީ އެލަވަންސަކީވެސް އިސްލާހުކޮށްލަން ޖެހިފައިވާ ކަމެއްކަމުގައި ފާހަނގަކޮށްލިއެވެ. މިހާރު އޮތް ގޮތުންނަމަ ސެޓްފިކެޓް މަތިވި ވަރަކަށް ހާޒިރީ އެލަވަންސް ބޮޑުވެއެވެ. އެކަމަކު އެންމެންވެސް ވަޒީފާގައި ހޭދަކުރާ ވަގުތާއި، ކުރާ މަސައްކަތް އެއްގޮތެވެ. ހާޒިރީ އެލަވަންސް އިން އިސްލާހުކުރަންވީ އަނެއްކަމެއް ގޮތުގައި ފާހަގަކޮށްލީ ޗުއްޓީގައި މުސާރައިން ބައެއް ކެނޑުމެވެ. " ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާ ފިޔަވައި އަހަރީ ޗުއްޓީ ލިބުމުން މުސާރައިން އުނިވާ އެހެން ސިވިލް ސާރވެންޓުން ތިބިކަމެއް އެނގިފައެއް ނެތް. ކޮންމެ ޗުއްޓީއަކާއި އެކު ޓީޗަރުންގެ މުސާރައިން ބައެއް އެބަ އުނިވޭ. މިސާލަކަށް މާސްޓާސް ޓީޗަރ އަކަށް އެބަ އުނިވޭ 3300 ރުފިޔާ. މިޑް ޓާމް ބްރޭކް، ޓާމް ބްރޭކް ތަކަކީ އޮޓޯ އިން ލިބޭ އެއްޗެހި. އެހެންވީމަ މިކަން ރަނގަޅު ވެގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން. ކުރީގެ މިނިސްޓަރ ގެ ސަމާލުކަމަށްވެސް މިކަން ގެނެވުނު. އެކަމަކު ދިނީ ބީރު ކަންފަތެއް" އެހެން މުދައްރިސެއް ބުނުއްވިއެވެ.

ދެން އޮތް ކަން ބޮޑުވުމަކީ އިންތިހާއަށް ކުޅިވަރު ހަރަކާތްތައް ގިނަވުމެވެ. އެކެޑެމިކް އަހަރު ފެށުމާއެކު މުބާރާތްތަކުގެ ޕްރެކްޓިސް ފެށެއެވެ. ދަރިވަރުންގެ ކުރިއެރުމަށް ކުޅިވަރު ހަރަކާތް ބޭއްވުމަކުން މައްސަލައެއް ނޫނެވެ. "ގިނަ ސްކޫލްތަކުގައި މި ތިބެނީ ދެ ސެޝަންގައި މަސައްކަތްކުރާ ދެ ސްޕޯޓްސް ސުޕަވައިޒަރ. ކުދިންގެ ނިސްބަތުން ސްޕޯޓްސް ސުޕަވައިޒަރސް ތިބޭނަމަ ޓީޗަރުންގެ ލޯޑް ކުޑަވެގެން ދާނެ. މިހާރު މި އޮންނަ ގޮތުން ކޮންމެ ޓީޗަރަކީވެސް ކޮންމެވެސް ދެ ކުޅިވަރެއްގެ ޒިންމާ ނަގަންޖެހޭ ޓީޗަރެއް. ކުދިން ޕްރެކްޓިސް އިން ފެށިގެން މުބާރާތް ފެށި ނިމެންދެން އެ ޓީޗަރުން އެބަ އުޅެން ޖެހޭ. ހައްތަހާވެސް ޓީޗަރ ބާރން އަައުޓަށް މަގު ފަހިވާ ކަންކަން މިހުންނަނީ. މިކަން ރަނގަޅުކޮށްލަ ދެއްވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުގަ މިތިބީ." އުއްމީދީ ރާގެއްގައި އެ މުދައްރިސް ބުނުއްވިއެވެ.

މި ދިޔަ ސަރުކާރުގެ ތައުލީމީ ވަޒީރާއާއި މެދުވެސް ގިނަ ޓީޗަރުން ފޮނި އުއްމީދުތަކެއް ކުރިއެވެ. ނަމަވެސް ވަޒީރުގެ އަމާޒު ހުރީ ދާއިރާ ކުރިއެރުވުމަށްވުރެ ބޮޑަށް ސަރުކާރު ހިންގެވުމަށްކަމަށް ގިނަ މުދައްރިސުން ދެކިލައްވައެވެ. މިހާރުގެ ވަޒީރަކީވެސް ދާއިރާގައި ވަރަށް ގިނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި ގިނަ މުދައްރިސުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއްކަން ފާހަނގަކުރެވެއެވެ. އުއްމީދަކީ ވަޒީރުގެ މާމިލީ ކަމުގައި މޯޅިވެފައިވާ ތަޢުލީމީ ދާއިރާ ކޮޅަށްޖެހިގެންދާ ތަން ފެނުމެވެ. ފަންނީ، ޢިލްމީ، ކެރުންތެރި އަދި ޤާބިލް ދަރިންތަކެއްް މި ފަސް އަހަރު ތެެރޭގައި އުފެދިގެން ދިއުމެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *