ވާހަކަ: ގެއްލުނު ދުނިޔެ (5)

(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)

އޭނާއަށް މިގޮތަށް ހޯދަމުން ހިނގަމުން ރަށާ ދުރުގައިވާ ވަރަށް ބޮޑު ހުސް ތަނަކަށް ދެވިއްޖެއެވެ. ޚުދު އޭނާއަކަށް ވެސް މި ދެވެނީ ކޮން ތާކަށް ކީއްކުރަންކަން ވެސް ނޭނގެއެވެ. އެ ހިސާބުން އޭނާ ކުރިމަތިން ސިގުނަލު ނުލިބުމުގެ ސަބަބުން ހުއްޓައިލައިފައި އޮތް ޓްރޭނެއް ފެނިއްޖެއެވެ.

އޭނާ ކުއްލިއަކަށް އޭގެ ފުޓުބޯޑަށް އަރައިފިއެވެ. ޓުރޭން ދުއްވައިލައިފިއެވެ. ބަލަބަލާ ހުއްޓާ ވަރަށް ދުރަށް ހިނގައްޖެއެވެ.

ނޯތޭޖުގެ މަންޒިލަކީ ކޮބައިކަމެއް ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އަދި މަންޒިލަކަށް ވެސް އެ

މަންޒިލާ ދިމާއަށް އަންނަނީ ކާކު ކަމެއް ނޭނގެއެވެ. ޓުރޭން ދުމުގެ ވިލާތަކުގެ ތެރެ އަށް ގޮސް ގެއްލިއްޖެއެވެ.

މައުސޫމު ދަރިފުޅުގެ ގަބުރު އޮލަ ދުންގަނޑެއްގެ ތެރެއަށް ގެއްލިއްޖެއެވެ. ގީތާ އަޑުގެ ކޮޅަށް ރޯން ފަށައިފިއެވެ. ހޭނެތިގެން ވެއްޓިއްޖެއެވެ. އެތައް އަންހެނުންނެއް ބޮނޑިވެ ގީތާ ހޭއަރުވަން މަސައްކަތް ކުރަން ފަށައިފިއެވެ.

މެންދުރު 12 ޖަހައިފިއެވެ. ގީތާ ހިއްސެއް ހަރަކާތެއް ނެތް ބުދެއް ހެން އިނެވެ. އޭނާގެ ކުރިމަތީގައި ކާއެއްޗެހިތައް ހުއްޓެވެ.

"އެކޮއި ދެން ކާލާ." އަންހެނަކު އާދޭހާއެކު ބުންޏެވެ.

"ކިހާ ދުވަހެއްވަންދެންތަ ތިޔަހެން ނުކައި އިންނާނީ. މިއަދަށް މިހާރު މި ވަނީ ދެ ދުވަސް. ކަލެއާ ދޭތެރޭ ޚިޔާލު ނުކުރިޔަސް ކަލޭގެ ކުޑަ ދަރިފުޅާ ދޭތެރޭ ފިކުރު ކުރަންވާނެއެއްނު."

"ދެން ތާލާ މަންމާ." ކުޑަކުޑަ ދީޕު މަންމައާ ދިމާއަށް ފެންކަޅިވެގެން ބަލަން ހުރެފައި ބުންޏެވެ. އަދި ގީތާ ސިއްސައިގެން ގޮސް ދީޕުއާ އޮޅުލައިގަތެވެ.

"މަގޭ ލާލް…" އޭނާ ހިތުގައި ޖެހިޖެހިފައި ރޯން ފަށައިފިއެވެ.

"އޭނާވީ ކޮން ހިސާބެއްގައި ކަމެއް ވެސް ނޭނގޭ."

ނޯތޭޖުގެ ތުނބުޅި ދިގުވެއްޖެއެވެ. ހެދުން ތަތްވެއްޖެއެވެ. ދެލޯ ވަނީ ފިކުރުބޮޑުވެ ހައިރާންވެފައެވެ. އޭނާ މޮޔައެއް ފަދައިން ތަންތަން ބަލަމުން ހުރެދެއެވެ. މިހާރުވެސް އޭނާ އެހެރީ ފުލުހަކަށް ފިލަންވެގެން ހޯދައިލަހޯދައިލައެވެ. ކުއްލިއަކަށް ޑަބަލް ޑެކު ބަހެއްގެ ދަށުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. މީހަކު ނޯތޭޖުގެ އަތުގައި ހިފާ އޭނާއާ ދިމާއަށް އެވަރަށް ދަމައިނުގަތް ނަމަ ނޯތޭޖު ޗިސްޗިސްވީސްކަން ކަށަވަރެވެ.

"މިއޮތީ ބޮމްބޭ.މިތާނގައި ހިނގަންވާނީ ލޯހުޅުވައިގެން." އެމީހާ ބުނެލިއެވެ.

މިހާރު އޭނާ މަގަށް އެޅިއްޖެއެވެ. ނޯތޭޖު މިހާރު ހިނގައިފައި ދަނީ ފުޓުޕާތުންނެވެ. އޭނާ ހުރީ ވަރަށް ބަނޑުހައިގެންފައެވެ. އިރުއިރުކޮޅާ އޭނާގެ ބަނޑުހައި ނަޒަރުން ހޮޓާހޮޓަލާ ދިމާއަށް ބަލަމުން ގެންދެއެވެ. އެތަންތާނގައި ވަނީ މީރު ކެއުންތަކާއި ބުއިންތަކުގެ ފުނިފުނިވަރެވެ.

އޭނާ ކާން ތައްޔާރު ކުރާ ހޮޓަލެއްގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އިރުއިރުކޮޅުން އޭނާގެ ތުންފަތުގައި ދަތްއަޅައިލައެވެ. ތެތްކަމެއް ނެތް ދޫ، އޭނާގެ ހިކި ކުރަކިވެފައިވާ ތުންފަތް ތެންމުމުގެ ނާކާމިޔާބު މަސައްކަތް ކުރަމުން ގެންދެއެވެ.

މީހުންތައް ހޮޓަލުގެ ތެރޭގައި ކައިބޮއި ހަދަނީއެވެ. ހޮޓަލުގެ ކުރިމަތީގައި ވައްތަރުވައްތަރުގެ ކަވާބާއި ތެލުލި މަހާއި ފުށްޖެހި ބަކަރިމަހާއި ކަޓްލަޓްސް އާއި ޕެޓިސް އާއި ބާވަތްބާވަތުގެ މެޓާތައް، ވަރުވަރުގެ ކެޔޮގަނޑުގަނޑު ފެންނާން ހުއްޓެވެ. ވަނީ މީހުންތަކުން ފުރި ތޮއްޖެހިފައެވެ. މީހުންތައް ވިޔަފާރިކޮށް ހަދާއިރު ބަނޑުހައިވެފައިވާ އިންސާނަކު މި ހޮޓަލުގެ ކުރިމަތީގައި އެތަކެއްޗަށް ބަނޑުހައި ކަމުގެ ނަޒަރަކުން ބަލަން ހުރިކަމެއް އެކަކުވެސް ނުދެނަހުއްޓެވެ. އޭނާގެ ބަނޑުވަނީ ބުރަކަށީގައި ތަތްލައިފައެވެ. ކުޑަގޮހޮރު ވަނީ ކުރުގެޅިފައެވެ. މައިދާ ވަނީ ބަނޑުހައިކަމުގެ އަލިފާނުން އަނދައަނދައެވެ.

އެންމެފަހުން އޭނާއަކަށް ނުހުރެވުނެވެ. އެއްވެސް އިޚުތިޔާރަކާ ނުލައި އޭނާގެ އަތް ގޮސް އެ ތަބަކުގައި ނުޖެހި އުޅެނިކޮށް ކުއްލިއަކަށް އަތެއް އައިސް އޭނާގެ އަތުކުރީގައި ހިފަހައްޓައިފިއެވެ.

އޭނާ ސިއްސައިގެން ގޮސްފައި އެނބުރި ފަހަތް ބަލައިލިއެވެ. އެ އަތް އޭނާ މަޑުމަޑުން ދަމައިފައި އެއް ފަރާތަކަށް ގެންދާން ފަށައިފިއެވެ.

"ތިޔަ ކަންތައް ކިތަންމެހާ ވެސް ރަނގަޅު. ނަމަވެސް އަދި ކަލޭ ވަރަށް ތަޖުރިބާ މަދު." މީހަކު އޭނާ ގާތުގައި ބުނަނީއެވެ.

މީހަކު އޭނާ ގޮވައިގެން މަގުމައްޗަށް އަތުވެއްޖެއެވެ. އެތާނގައި ޓެކްސީއެއް ހުއްޓައިފައި އޮތެވެ.  އެމީހާ މީނާ ގޮވައިގެން ޓެކްސީ އަށް އަރައްޖެއެވެ. އެ ޓެކްސީ ދުއްވައިލައިފިއެވެ.

އޭނާ ބުންޏެވެ.

"ވަގެއް ހެން އަތްދިގުކުރުމަކީ ކުށެއް. އަތް އިސްކޮށް ގަދަބަދަވިކަމުން ކޮންމެވެސް އެއްޗެއް އަތުލައިގަތުމަކީ ހިތްވަރުގަދަ ކަމެއް…ވިސްނިއްޖެ." އޭނާ ވަރަށް ހަމަޖެހިފައިވާ ހަރުދަނާ ގޮތެއްގައި ބުންޏެވެ.

"އަހަރެން ކަލޭ މި ގެންދަނީ އެންމެ ގަދަފަދަ މުލައްދަނޑިތައް ވެސް ނުހަނު ފަސޭހަކަމާ އެކު ދިޔަފެލައިލެވޭ ފަދަ ދުނިޔެއަކަށް."

އޭނާ މަލާމާތުގެ ހިންޏެއް ހީނލައިފައި ބުންޏެވެ.

"އަހަރުމެންގެ ދުނިޔެ ވަނީ މި މޮޅިވެރިކަމުގެ ދުނިޔެއާ މުޅިން ވަކިން. އަހަރުމެންގެ ދުނިޔެއަކީ ކުސްތެޅުމެއް، ގިސްލުމެއްވާ ތަނެއް ނޫން. އަދި ކީއް. އަބަދު ވެސް ސަކަޔާއި ސަމާސަޔާއި ހުނުމުގެ އަޑު އިވިއިވި ހުންނަ ތަނެއް."

ސަކަޔާއި ސަމާސާއާ ހުނުމުގެ އަޑުން މުޅި ފަޒާ ވަނީ ގުގުމައިލައިފައެވެ. ނޯތޭޖުގެ ކަނުބަނދެފައި ހުރި ފޮތިގަނޑު މޮހައިލައިފިއެވެ. މި މަސްތުން ފުރިފައިވާ ޖޯޝީ ޖައްވު ދެކެފައި ނޯތޭޖަށް ބުނާނެ އެއްޗެއް ވެސް ނޭނގިފައި ހުރެވުނެވެ.

ހުރިހާ ރީއްޗެއް އެއްކޮށްފައިވާ އަންހެންކުއްޖަކު ނަށަނީއެވެ. ރާޅުޖަހަޖަހައި އޮތް ޒުވާން ކަމުގެ ކޯރެކެވެ. އެކި ދިމަދިމާއިން މީސްތަކުން ހީނ ނަގަނީއެވެ. އަޑުގަދަކޮށް ހަޅޭއްލަވަނީއެވެ. ނަށަނީއެވެ. ރާގެ ބުރުތައް ހިނގަނީއެވެ.

"އެންމެ ފުރަތަމަ އަހުރުމެންގެ ރަހުމަތްތެރިޔާއަށް ކާން ގެނޭ."

މިހެން ހަމަ ބުނުމާ އެކު ކާނާ ގެނެއްސިއެވެ. މިފަދަ ކާނާއެއް މީގެ ކުރިން ފަހަރެއްގައި ވެސް ނޯތޭޖު ދެކިފައެއް ނެތެވެ. ނޯތޭޖު ވަނީ ބަނޑުހައިގެންފައެވެ. މޮޔަވެފައިވާ މީހެއް ފަދައިން އޭނަ ކާއެއްޗެހީގެ މައްޗަށް ވެއްޓިގަތެވެ.

ނޯތޭޖު ހުދު ހެދުމެއް އަޅައިގެން އިން މީހެއްގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އޭނާ ނޯތޭޖަށް ބުނަނީއެވެ.

"މިއަދުން ފެށިގެން ކަލޭގެ ވޭތުވެދިޔަ ދުނިޔެ ހަނދާންނައްތާލާ…! މިއީ ކަލޭގެ ދުނިޔެ. މިދުނިޔެ ކަލޭގެ ދުނިޔެއަކަށް ހަދައިފައި ދެން ނިކަން ވޭތުވެ ދިޔަ ދިރިއުޅުމާ މި ދުނިޔެ ތަފާތުވެފައި ހިތްފަސޭހައީ ކިހާ ތަނެއްކަން ވިސްނައިލަބަލަ. ސޮސައިޓީ އާއި ގާނޫނާއި ތަހުޒީބަށް ބަދަލުހިފަން މިކަހަލަ ދަނޑިވަޅެއް ފަހަރެއްގައި ވެސް ކަލެއަކަށް ނުލިބޭނެ. ކަލެއަށް މުޖުތަމަޢު އާއި ސޮސައިޓިގެ ބޮޑެތި މީހުންނަށް ގުނަގުނައިން ބަދަލުހިފިދާނެ."

"އަހަރެންނަށް ސަރުޖުއާލާ ޕްރަޝާދުގެ ކިބައިން ވެސް ބަދަލުހިފިދާނެތަ؟" ނޯތޭޖު އޭނާގެ ލޮލުން ކަނިބުރުވައިލައިފައި ބުންޏެވެ.

އޭނާ ހީނލިއެވެ.

“އެއް ސަރުޖުއާލާ ޕުރަޝާދުތަ…! ކަލެއަށް އެއްފަހަރާ ހާސް ސަރުޖުއާލާ ޕްރަޝާދުގެ ކިބައިން ވެސް ބަދަލު ހިފިދާނެ. ކަލޭ އެ މީހުން މަރުގެ ތުންފަތް މައްޗަށް ދަމާ ގެންގޮސް ބާއްވައިގެން އެމީހުން އުޅާހަށް ދެމިދެމިއޮއްވާ މަރުވެގެން ދާތަން ޚުދު ކަލޭގެ ލޮލުން ދެކޭނެ…"

"އެހެންކަމަށް ވަނީވިއްޔާ މިއަދުން ފެށިގެން މި ދުނިޔެ މީ އަހަރެންގެ.” ނޯތޭޖު ޖަހާ މުށްކަވައިލައިފައި ބުންޏެވެ.

"ބާޢްޖަވެރިކަން ހުރި.!" އެމީހާ ބުނެލިއެވެ.

"އަހަރެންގެ ނަމަކީ ޖަގްދޭޝް… އަހަރެންނަކީ، މިގޭންގުގެ ސަރުދާރު. މިތާނގައި ކަންތައް ހިނގަމުން ދާނީ އަހަރެންގެ އިރުޝާދުގެ މަތިން."

"މިއަދުން ފެށިގެން ކަލޭގެ އިރުޝާދަކީ އަޅުގަނޑުގެ ވެސް ދީން ކަމުގައި ބަލާނަން."

"މާތް ރަސްކަލާނގެ ކަލެއަށް މި އާ ދުނިޔެ ބަރަކާތްތެރި ކުރައްވާށި."

ދެން ނޯތޭޖު މި ޕާޓީއަށް ވަން ކަމުގެ އުފަލުގައި ވަރަށް ޚާއްސަ ސެލިބްރޭޝަނެއް ބޭއްވުނެވެ. އެއަށް ފަހު ނޯތޭޖު އޭނާގެ މުލައްދަނޑީން ލޭދެއްކުމަށް ފަހު ސާބިތު ޤަދަމުގައި ހުރުމަށް ހުވާ ކޮށްފިއެވެ. އަދި އަހުދު ކުރިއެވެ. ފުރާނަ ވެސް ދީފާނަމެވެ. ނަމަވެސް މި ޕާޓީގެ އަބުރާއި އިއްޒަތަށް ހުތުރެއް އަޔަކު ނުދޭނަމެވެ.

ގީތާގެ ލޯ ރޮއިރޮއި ފާރުވެއްޖެއެވެ. އޭނާގެ ދަރިފުޅުގެ މަރުވުމަށް ވުރެ ބޮޑަށް އޭނާގެ ފިރިމިހާގެ ކުއްލި ގެއްލުމާ މެދު ކުރަން ޖެހުނު ހިތާމަ މާ ފުނެވެ. އޭނާގެ ފިރިމީހާ އޭނާއާ ވަކިވީއްސުރެ އެންމެ ސިކުންތަކަށް ވެސް އުފާވެރި ނިންޖެއް އޭނާއަކަށް ނުނިދެއެވެ. އަދި ކެވޭ ގޮތެއް ވެސް ނުވެއެވެ. އަދި ވާހަކަ ދައްކައި އަނގައިން ބުނެއުޅޭ ހިތެއްވެސް ނުވެއެވެ.

އޭނާގެ ފިރިމީހާ ހޯދުމުގައި މުޅި ރަށުގެ އެންމެ ދަތި ކަންކޮޅުތަކަށް ދަންދެން ބެއްޔެވެ. އެންމެ އަވަށެއް އެންމެ މަގެއް އެންމެ ގޯޅިއެއް ވެސް އޭނާގެ ފިރިމިހާ ފެނޭތޯ ނުހިނގާ ނެތެވެ. ނަމަވެސް ހުރިހާ ތަނަކުން ވެސް ވީ ނާކާމިޔާބެވެ. އެއްވެސް ތާކުން އޭނާއަކަށް އޭނާގެ ފިރިމީހާއަކާ ބައްދަލެއް ނުވެވުނެވެ.

އެ އަވަށުގެ މީހުންނާއި އޭނާގެ އަވަށްޓެރީން ވެސް ނޯތޭޖު ހޯދުމުގައި ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވައެވެ.

ނަމަވެސް ނޯތޭޖު ނުފެނުނުތާނގައި އޭނާއާ ބެހޭ މައުލޫމާތެއް ވެސް އެއްވެސް ތާކުން ނުލިބުނެވެ. އެންމެ ފަހުން ކުރާނެ ކަމެއް ނެތިގެން މަސައްކަތް ހުއްޓައިލައިގެން އިނެވެ. ހުރިހާ އެންމެން ވެސް ހީކޮށްގެން ތިބީ ނޯތޭޖު ކަނޑަށް އެރި އަމިއްލަ އަށް މަރުވީ ކަމަށެވެ. ދެން އޭނާގެ ހަށިގަނޑު ކަނޑުގެ ރާޅުތަކުގެ ތެރޭގައި ބެހިގެން ބޭރަށް ނުކުމެ ކަނޑުގެ ނުރައްކާ ހައިވާނުތައް އެ މަސްގަނޑު ބަހައިލައިގެން ކާލީ ކަމަށެވެ. ޚުދު ގީތާގެ ޚިޔާލަކީ ވެސް ގާތްގަނޑަކަށް މިއީއެވެ.

އެ ފަކިރު އެދެނީ އޭނާގެ ލޯބިވާ ފިރިމީހާ ނެތް ދުނިޔެއެއްގައި އަމިއްލައަށް މަރުވުމަށެވެ. ނަމަވެސް މިގަސްތައް، އިރުއިރުކޮޅުން ހުއްޓުން އަރުވައިލަނީ ދީޕެއްގެ ލޯތްބެކެވެ. އޭނާގެ ދަރިފުޅު ދީޕު ނެތްނަމަ އޭނާ މަރުވީހީ ކޮންއިރަކު ހެއްޔެވެ؟ އަދި މި ވޭނުން ފުރިގެންވާ ދުނިޔެއިން ސަލާމަތްވީހީ ވެސް ކޮން އިރަކު ހެއްޔެވެ؟

ނޯތޭޖު ގެއްލުނުތާ މިވީ ފަސް ދުވަހެވެ. އެއް ދުވަހަކު އެ ހިސާބުގަނޑުގެ އަވަށްޓެރިއަކު އައިސް ބުންޏެވެ. "ކޮއްކޮ ތިޔަހެން ވާލެއް އިޔާރެއް ނެތި މިތާނގައި އިންނާނީ ކިހާ ދުވަހެއްވަންދެން ބާވައޭ ހިތަށްއަރާ. ބޮމްބޭއަށް ދަމާ ހިނގާ. ތިޔައަށް ވުރެ ރަނގަޅުވާނެ. ބޮމްބޭއަކީ ވަރަށް ބޮޑު ތަނެއްވިއްޔަ. އެތަނުން ކަލެއަށް ކޮންމެވެސް ރަނގަޅު ކަމެއް ވެސް ލިބިދާނެ. އެތާނގައި އަހަރެންގެ ރައްޓެއްސަކު ވެސް ހުންނާނެ. އޭނާއަށް އަހަރެން ސިޓީއެއް ފޮނުވަބަލާނަން އިނގޭ. އޭނާ ކަލޭގެ ބޭނުން ހިފާނެކަން ޔަގީން… އަދި ކާކަށް އެނގެނީ އެތަނުން ފަހަރެއްގައި ނޯތޭޖާ ވެސް ބައްދަލުވެދާނެ! އޭނާ ދިރިހުރިއްޔާ ބޮމްބޭއަކީ ވަކިވެފައި ތިބޭ މީހުންނަށް ވަރަށް ގިނައިން ބައްދަލުވެވޭ ތަނެއް…"

މީން އެއް ޚިޔާލަކަށް ގީތާވެސް ބޮމްބޭ އަށް ދާހިތް ވެއްޖެއެވެ. އެއީ އެތަނުން އޭނާގެ ގެއްލިފައިވާ ފިރިމީހާއާ ބައްދަލުވެދާނެ ކަމުގެ އުންމީދުގައެވެ. އަދި އެނާގެ ހިތަށްއެރިއެވެ. މިތާނގައި ހުރެގެން ނިކަމެތިކަމާއި ބޭޒާރުތަކެއް ނޫން އެހެން އެއްވެސް ކަމެއް ނުވާނެއެވެ. މިހެން ހީކޮށްފައި އޭނާ ބޮމްބޭ އަށް ދާން ތައްޔާރުވެއްޖެއެވެ.

ގީތާގެ ރަހުމަތްތެރިޔާ ސިޓީއަކާއި ޓިކެޓެއް ދީފައި އޭނާ ރޭލަށް އެރުވިއެވެ. ދެން ބޮމްބޭ އަށް ފުރައފިއެވެ. ރޭލު ފުރުމާ އެކު ގީތާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާގެ ބޯއަނބުރައިގަތެވެ. އޭނާގެ މެއިން ހިތް ކުދިކުދިވެގެން ދިޔަ ފަދަ އާހެއް ނުކުތެވެ. އޭނާ ރޭލުގެ ކުޑަދޮރުގައި ވަރަށް ބާރަށް ހިފަހައްޓައިގެން ނީންނަމަ ހަމަ އެހިނދު އެތަނަށް ވެއްޓި ބޯފަޅައިގެންގޮސް މީހާ މުޅިން ލޭގަނޑަކަށް ވީސްކަން ޔަގީނެވެ. އޭނާގެ ވާލެއް އިޔާރެއް ނެތެވެ. މާތްރަސްކަލާނގެ މިޔޮއް ތަނަވަސް ދުނިޔޭގައި އޭނާގެ ކަރުނަތައް ފިޔަވައި އޭނާގެ ގިސްލުންތައް ފިޔަވައި އޭނާގެ އެއްވެސް އެހީތެރިއަކު ނެތެވެ.

ބޭރަށް ނުހަނު ބޯކޮށް ވާރޭ ވެހެނީއެވެ. އެތެރޭން ގީތާގެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހޮރެނީއެވެ. ހިތުން ދުން އަރަނީއެވެ. އޭނާގެ މޭވަނީ ފިރިމީހާ ވަކިވުމުގެ އަލިފާނުގައި އަނދައަނދައެވެ. އޭނާގެ ވާލެއް އިޔާރެއް ނެތެވެ. އަޅާލާނެ އެކަކުވެސް ނެތެވެ. އޭނާއަކީ މާތްރަސްކަލާނގެ މިޔޮއް ބޮޑު ރަސްކަންފުޅުގައި އެކަލާނގެ ފިޔަވައި އެއްވެސް އެހީތެރިޔަކުނެތް ދަތުރުވެރިއެކެވެ. ގީތާ އޭނާގެ ބަދުނަސީބު ތަޤުދީރުގެ މައްޗަށް ލޮލަކުން އަށްތިކި ކަރުނަ އަޅަމުން އޮވެދެއެވެ.

ރޭގަނޑު ދޭއްޖަހާ އެހާކަށްހާއިރެވެ. ގީތާ އިސްޓޭޝަނަކުން އޭނާގެ ދަރިފުޅަށް ފެންފޮދެއް ގެންނަން އޭނާގެ ޑިއްބާއިން ފައިބައިގެން ޕްލެޓުފޯމަށް އަތުވެއްޖެއެވެ. ޕްލެޓުފޯމުގެ އަނެއް ފަރާތުގައި އަދި އެހެން ރޭލެއް މަޑުކޮށްފައި އޮތެވެ. އިސްޓޭޝަންގެ ފެންއިސްކުރުގެ ކުރިމަތީގައި ޑިއްބާގެ ކައިރީގައި މީހަކު ސިނގިރެޓެއް ބޯން ހުއްޓެވެ. އޭނާގެ ފުރަގަސްވަނީ ގީތާއާ ދިމާއަށެވެ. އެމީހާއާ ދިމާއަށް ގީތާ އެވަރަކަށް ވިސްނުންތެރިކަމާ އެކު އެ ބަލަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ގީތާ އަށް ހީވަނީ އޭނާގެ ފިރިމީހާ ނޯތޭޖު އޭނާއާ ދިމާއަށް ފުރަގަސްދީގެން ހުރީ ކަމަށެވެ. އޭނާ އަދި އެހެން އެއްޗެއް ވިސްނާލަން އުޅެނިކޮށް އޭނާގެ ރޭލުގެ ކަށިގަނޑު ފުންމާލިއަޑު އިވިއްޖެއެވެ. ދެން އަވަސްއަވަހަށް އޭނާ ގެންދިޔަ އެއްޗަށް ފެންއަޅައިގެން ރޭލާ ދިމާއަށް އަތުވެއްޖެއެވެ. އެ ވަގުތު އެމީހަކު ކުއްލިއަކަށް އެދިމާއަށް އެނބުރިއްޖެއެވެ.

އެ މީހަކީ ނޯތޭޖެވެ. އޭނާ ހުރީ އޯވަރަކޯޓެއް ލައިގެންނެވެ. އަދި ފުލެޓު ކެޕެއް އަޅައިގެންނެވެ. އޭނާ ވަރަށް ވިސްނުންތެރިކަމާއެކު ރޭލާ ދިމާއަށް ހިނގައިފައިދާ އަންހެނަކާ ދިމާއަށް ބަލަން ހުއްޓެވެ. އެ ވަގުތު ހަލުވާ ހަދާމީހެއްގެ ފުރިހަމަ ދުއްކާނެއް އޭނާ އާއި އަންހެންމީހާއާ ދޭތެރޭގައި ހުރަސްވެއްޖެއެވެ. ކުޑައިރުކޮޅަކުން ގީތާ އަށް އޭނާގެ ޑިއްބާ އަށް ދެވިއްޖެއެވެ. ރޭލު ފުރައިފިއެވެ.

ނޯތޭޖު އޭނާގެ ތުނބުގައި ޖަހައިފައިވާ ސިނގިރޭޓު ޕުލެޓުފޯމުގެ ތަޅުންގަނޑު މައްޗަށް އެއްލައިލައިފިއެވެ. އެއަށް ފައިވާނުން އަރާ ފިސްފިސްކޮށްލައިފިއެވެ. ގީތާގެ ރޭލު ޕުލެޓުފޯމު މަތިން ހިނގައްޖެއެވެ. ނޯތޭޖުގެ ރޭލުވެސް ފުރަން އުޅެން ފަށައިފިއެވެ. އޭނާ އަވަސްއަވަހަށް އައިސް އޭނާގެ ޑިއްބާއަށް އަރައފިއެވެ. އޭނާ ހަގީގަތުގައި އޭނާގެ ދީޕު އަށް ޓަކައި ބޮމްބޭއިން ގެއަށް ދަނީއެވެ.

ގީތާ އަށް ބޮމްބޭ އަށް އާދެވުމާ އެކު އެނގިއްޖެއެވެ. އޭނާ އެޑްރެސް ހިފައިގެން އައި މީހަކީ ހަގީގަތުގައި އިންސާނިއްޔަތު ކަން ކުޑަ ޝައިތާނިއްޔަތުކަން ބޮޑު މީހެކެވެ. މި ގޮތް އޭނާއަށް ފުރަތަމަ ދުވަހު ވެސް އެނގިއްޖެއެވެ.

އެމީހާ ގީތާ އަށް ވަރަށް އުންމީދުތައް އިތުރުކޮށްދިނެވެ. ގީތާ މީނާގެ ގޭގައި ބެހެއްޓިއެވެ. ނަމަވެސް އޭނާއަކީ އެއްވެސް ކެތްތެރިކަމެއް ނެތް މީހެކެވެ. ރޭގަނޑުގެ އަނދިރިކަމަށް އިންތިޒާރު ކުރުމަކާ ނުލައި ގީތާގެ ކުރިމަތީގައި އޭނާގެ ލޯބި ހުށަހަޅަން ފެށިއެވެ. ގީތާ އަށް އެ ޖައްވުގެ ކުލަ އާއި ބާވަތް ފެނިފައި އެވަގުތު އެތަނުން ފިލައިގެން ހިނގައްޖެއެވެ. އެވަގުތު އޭނާވަނީ ކޮންމެވެސް ކަމަކު ބޭރަށް ގޮސްފައެވެ.

މި ގޮތުން އޭނާގެ އިއްޒަތް އެ ޑާކޫގެ ކިބައިން ސަލާމަތް ކުރިއެވެ. ނަމަވެސް ބޮމްބޭގެ އެ ފުރަތަމަ ރޭ އޭނާ ވޭތިކުރަން ޖެހުނީ ރޭލުވޭ ޕްލެޓްފޯމުގެ މަތީގައެވެ.

އަނެއް ދުވަހު ފަގީރު އަންހެނެއް ގީތާގެ މައްޗަށް ހަމްދަރުދީ ވެގެން ޖިފުޓިއަކަށް ގެންގޮސްފިއެވެ. ދެން އެތާނގައި އޭނާ އުޅެން ފަށައިފިއެވެ. އެހެން ގޭގޭގެ ތެލި ދޮވެދީ، ފަހާ، ސުވިޓަރ ވިޔެ ހަދަނީއެވެ. މިގޮތަށް މަސައްކަތް ކޮށްގެން އޭނާއާ އޭނާގެ ކުޑަދަރިފުޅުގެ ބަނޑުފުރާނަ މުއްތި ކުރެއެވެ.

އޭނާ ބޮމްބޭ އަށް އައިސް މި ގޮތަށް ދިރިއުޅެމުން ގެންދާތާ އެތަކެއް މަސްދުވަސް ވޭތުވެގެން ހިނގައްޖެއެވެ. މީގެ ތެރެއިން އެއް ދުވަހަކު އޭނާއަށް ވަރަށް ހިތާމަވެރި ހާދިސާއެއް މެދުވެރިވިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *