ހަރުދަނާ ޝަޚުޞިއްޔަތުތަކެއް ލިބިފައިވާ މީހުންނަކީ މީހުން ބަލައިގަންނަ އަދި އެހެންމީހުން އޭނާއަށް އިހުތިރާމް ކުރާ ބައެކެވެ. ގޮތްހުރި ޝަހުސިއްޔަތުގެ ވެރިންނަކީ ތޫނުފިލި ބައެކެވެ. އެމީހުންގެ ކިބައިގައި ގިނަ ފަހަރަށް ތަނަވަސް ޚިޔާލުތަކާއި އާ ވިސްނުންތައް ހުރެއެވެ. އަދި އެމީހުންގެ އެ އާޚިޔާލުތައް ކޮންމެތަނެއްގައިވެސް ފާޅުކުރާކަށް ޖެހިލުމެއް ނުވެއެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ގްރޫޕް ޑިސްކަޝަންތަކުގައި ނުވަތަ ފާހަގަ ކުރެވޭ ބަހުސްތަކުގައި އެމީހުންނަކީ އެންމެންގެވެސް ލޯތައް އަމާޒުވާ ފަރާތެވެ. އެމީހުންނަކީ މޮޅު ވާހަކަދެއްކުންތެރިންނަށްވިޔަސް އަދި ހިޔާލު ތަނަވަސް ބައެއް ކަމުގައިވިޔަސް ޚިޔާލު ބަދަލުކުރަންޖެހޭ ތަންތަނުގައި އެހެންމީހުންގެ ޚިޔާލުތަކަށްވެސް އިޙްތިރާމްކޮށް އެހެންމީހުންގެ ވާހަކަތައްވެސް އަޑުއަހަން އެހެންމީހުންނަށް ފުރުސަތުދީ އަދި މަޝްވަރާކުރުމަށް ޖާގަދޭބައެކެވެ. މިއީ އެހެން މީހުންނަށް، ޚާއްޞަކޮށް ޝުޢޫރާއި ޚިޔާލު ފާޅުކުރަން ޖެހިލުންވާ ނުވަތަ ލަދުވެތި މީހުންނަށް ބިރުވެރި ކަމަކަށް ވެދާނެއެވެ. ނަމަވެސް އެމީހުންނަށް އެއީ ލިބިފައިވާ މޮޅު ހުނަރެކެވެ.
ވަރުގަދަ ޝަޚުޞިއްޔަތުތަކެއް ހުންނަ މީހުންނަކީ އާންމުކޮށް ތެދުވެރިކަމާއެކު ފާޅުގައި ވާހަކަ ދައްކާ އަދި އެކަމާ މެދު މާފަށް އެދޭ ބައެއްވެސް ނޫނެވެ. މިފަދަމީހުން ވާހަކަދެއްކުމުގައި އެހެންމީހުން ދެކޭގޮތް އެއީ މާ މުހިއްމު ކަމެއްގެ ގޮތުގައެއް ނުބަލައެވެ. އެމީހުން ބޭނުންވާ މައުލޫއަކަށް މީހުންގެ ވިސްނުމާއި ކުޅެލާނެ ތަފާތު އުކުޅުތައް ބޭނުންކޮށްގެން އެމީހުން ވާހަކަ ދައްކައެވެ. އަދި ދެކެވޭ ވާހަކައިގެ ބާވަތުން މީހުންގެ މަގުބޫލުކަން ނުލިބުނު ނަމަވެސް އެމީހުންގެ ޚިޔާލު ފާޅުކުރުން ކުރިއަށް ގެންދިއުމަށް ޖެހިލުމެއް ނުވެއެވެ.
ގިނަފަހަރަށް ގޮންޖެހުންތައް ގިނަ މަޝްވަރާތަކާއި އެފަދަ ކުރިމަތިލުންތަކަށް އެމީހުން ޖެހިލުންނުވާތީ، އެމީހުންގެ ނަޒަރިއްޔާތުތައް ފާޅުކުރެވޭ ގިނަ ބަހުސްތަކުގައި ބައިވެރިވުމަކީ އެމީހުންނަށް އޮތް ފަހި ފުރުސަތުތަކެއްގެ ގޮތުގައިވެސް އެމީހުން ބަލައިގަނެއެވެ. ފަހަރުގައި މިއީ ބައެއް ފަހަރު އާދައިގެ މީހުންނަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ބައެއް މީހުންނަށް މިފަދަ ގޮންޖެހުންތައް އެކުލެވޭ ވާހަކަތަކާއި އަދި ކަންތައްތަކާ ކުރިމަތިލާން އުނދަގޫވެ، ބިރުގަނެވޭނެއެވެ. ވީމާ، ދެކޮޅުވެރިކަމެއްގެ ކުރިމަތީގައިވެސް ޚިޔާލުފާޅުކުރަން ފަސްނުޖެހޭ މީހުންނަކީ ވަރުގަދަ ޝަޚުޞިއްޔަތެއް ހުރިކަމުގެ ނިޝާނެކެވެ.
ވަރުގަދަ ޝަޚުޞިއްޔަތެއް ހުރުމުގެ މާނައަކީ ޤުދުރަތީ ގޮތުންވެސް ލީޑަރޝިޕް ދައްކުވައިދިނުމެވެ. އެހެންކަމުން މިފަދަ މީހުންނަށް ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމައި، އިސްނެގުމާއެކު ކުރިއަށްދާން އެނގެއެވެ. ހަގީގަތުގައި މިފަދަމީހުން ލީޑަޝިޕް މަގާމުތަކަށް މާ އަވަހަށް ފުރުސަތު ތަނަވަސްވެގެން ދެއެވެ. އެއީ އެމީހުންގެ ކިބައިގައި އެހެން މީހުންނަށް ނުފޫޒު ފޯރުވުމުގެ ގުދުރަތީ ޤާބިލުކަން ހުރުމާއި، ބޭނުން ވަގުތެއްގައި ކަންކަން ކޮންޓްރޯލް ނަގަން އެމީހުން ޖެހިލުން ނުވާތީއެވެ.
އެކަމަކު ހަނދާންކުރަންވީ ކަމަކީ މި ސިފަތަކަކީ ގިނަ ހާލަތްތަކުގައި ފައިދާހުރި ސިފަތަކެއް ނަމަވެސް، ބައެއް މީހުންނަށް މިއީ ބިރުވެރި ސިފަތަކެއްގެ ގޮތުގައި ވެސް ފެނިދާނެ އަދި އެކަމުގެ ސަބަބުން އެހެންމީހުން އޭނާއާއިމެދު ހަސަދަވެރިވެ ނުރައްކާތައް ކުރިމަތި ކުރުވާނެ ކަމަކަށްވެސް ވެއެވެ.
ހަރުދަނާ ޝަޚުޞިއްޔަތުތަކެއް ހުންނަ މީހުންނަކީ ގިނަ ފަހަރަށް ކަންކަން ކާމިޔާބު ކުރުމަށް މަތީ މިންގަނޑުތަކަށް ވިސްނާ، ހަރުދަނާ އުސޫލުތައް ހިފަހައްޓާ، ފޮނި ހުވަފެންތަކާއި އަދި އުންމީދުތައް ހުންނަ ބައެކެވެ. އެމީހުން ކުރާ ހުރިހާ ކަމެއްގައި ވެސް މޮޅުވުމަށް މަސައްކަތް ކުރާއިރު، އެހެން މީހުންނަށް ވެސް އެކަން ކުރުމަށް ހިތްވަރު ދެއެވެ. އެމީހުން އެދޭނީ އެހެންމީހުންނަކީވެސް ހަރުދަނާ އަދި ކުރިއަށް ދިއުމަށް ބާރުއަޅާ ބަޔަކަށް ވުމުން އޭނާއަށްވެސް އެމީހުންގެ އެހީއާއިއެކު ކުރިއަށް ދިއުމަށް މަގުފަހި ވާނެކަމަށެވެ.
އެކަމަކު މި ވިސްނުމުގެ ސަބަބުން ބައެއް ފަހަރު ބައެއްމީހުންނަށް ބިރުވެރިކަން އިހުސާސް ކުރެވެއެވެ. ބައެއް މީހުންނަށް ހީވާނީ މިފަދަ ހަރުދަނާކަމެއްގެ ސަބަބުން އެމީހުންނަށް ޕްރެޝަރު އިހުސާސް ކުރެވޭ ނުވަތަ އޭނާގެ އުންމީދުތަކާ އެއްވަރަށް އުޅެވޭކަށް ނެތް ކަމުގެ ބިރެވެ.
އެހެންނަމަވެސް އެފަދަމީހުން ކަންކަން ނިންމުމުގައި އެއީ ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރެވޭނަމަ އެކަމެއްގައި ފައިތިލަ ސާބިތުކުރެއެވެ. އެއީ އެކަނި ހުންނަން ޖެހުނުކަމުގައި ވީނަމަވެސް ގަބޫލުކުރާ ގޮތެއްގައި ސާބިތުކަމާއިއެކު ހުރެވޭތޯ ބަލާބައެކެވެ.
