ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ފުލެޓްތަކުން ނަގާ ކުލި ކުޑަކުރަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުރެއްވި އަގުތައް ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް އަތޮޅު ތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ އަގުތައް 3330 ރުފިޔާއަށް ކުޑަކުރައްވާފައިވާކަމަށެވެ. މިކުލިތައް ރައީސް ކުޑަކުރެއްވީ ކުރިއަށް އޮތް 20 އަހަރު ދުވަހަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގައި ކުރިން 2500އަށް ކުލި ދައްކާ ހައުސިންގ ޔުނިޓްތައް ހުރިކަމަށާއި މިތަންތަނުގެ ކުލި ހަމަ ހުންނާނީ ހަމައެގަގުގައި ކަމަށެވެ.
ހަމަ މިއާއިއެކު ރައީސް ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް މިހާރު ދައްކަމުންދާ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، މަހުން މަހަށް ދައްކަންޖެހޭ އަގު ކުޑަކޮށްދެއްވުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެވައުދުފުޅެކެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަގާއި، މަހުންމަހަށް ދައްކަންޖެހޭ އަގުތައް ކުޑަކޮށްދީ ރައްޔިތުން އަތްފޯރާ ފަށަށް ގެނެސްދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ.
