(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
އޭނާ އެ މަސައްކަތް ކުރާ ގެއަކީ ވަރަށް މަޝްހޫރު ބޮޑު މިލިއަނަރެއްގެ ގެއެކެވެ. އޭނާއަށް އެންމެ ފުރަތަމަ ގީތާ ފެނުނީ ގޭގައި މަސައްކަތް ކޮށްކޮށް އިންދައެވެ. ނަމަވެސް ގީތާގެ ކިބައިން އެދުންވެރިކަމުގެ ކަރުހިއްކުން ފިލުވާލަން ދަނޑިވަޅެއް ލިބުނީ ގީތާ ގޭގެ މަސައްކަތްތަކުން ނިމިގެން އޭނާގެ އަންހެނުންގެ ފައިމޮޑެދީފައި ގެއަށް ދާން ނިކުންނަނިކޮންނެވެ. ގީތާ ގެއިން ބޭރަށް ފައިއެޅުމާއެކު އޭނާ އޭނާގެ މީހުން ލައްވާ ގީތާ އަތުލައިގަތެވެ. އަދި އޭނާގެ ކާރަށް ލައިގެން ޖުހޫގައި ހުންނަ އޭނާގެ ގެއަށް ގެންގޮސްފިއެވެ. މުޅި މަގުމަތީގައި ގީތާއަށް އަޑުގެ ކޮޅަށް ހަޅޭއް ނުލެވުނީ އެ އަނިވެރިން އޭނާގެ އަތްފައި ބަނދެ އަދި އެއާއެކު އޭނާގެ އަނގަޔަށް ފޮތި ގަންނަވައިފައިވާތީއެވެ.
"ހަނދާންކުރޭ! ކަލޭ އަޑުގަދަ ކުރަން ހަޅޭއްލަވަން ކުޑަވެސް މަސައްކަތެއް ކޮށްފިއްޔާ އަހަރެން ކަލޭ ގަޔަށް ފިސްތޯލަ ޖަހާނަން." އޭނާ ގީތާ އަށް ފިސްތޯލަ ދައްކަމުން ބުންޏެވެ. އޭނާގެ މީހުން ގީތާގެ އަނގައިން ފޮތިގަނޑު ނެރެފިއެވެ.
"މާތްރަސްކަލާގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑު ދޫކޮށްލައްވާ.” ގީތާގެ ލޮލުން ކަރުނަތައް ފޫދިގެން އާދެއެވެ. އަދި ދެއަތް ޖޯޑު ކޮށްފައި ބުންޏެވެ.
"އަހަރެންވެސް މި ބުނަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި އަހަރެންގެ އެދުމަށް ދޫކޮށްލާ…"
"ކަލޭ ލަދުގަންނަން ޖެހޭނެނު."
"ލަދުގަންނަންވީ ކަލޭގެ ކަލާނގެ. މަގޭ ހިތުގައި ކަލެއާ މެދު މި ލޯބި އުފެއްދީ އެކަލާނގެ."
"އަހަރެންގެ ފުރާނަވެސް ދީފާނަން. އެހެން ނަމަވެސް އިއްޒަތެއް ނުދެވޭނެ."
"އަހަރެންގެ ބޭނުން ފުދުމުގެ ކުރިން ކަލޭ މަރުވިޔަދޭހާ އަހަރެން ވެސް މޮޔައެއް ނޫން."
"މީހަކު ކަލޭގެ އަނތްބަކާ ދޭތެރޭ ތިޔަ ގޮތަށް ކަންތައް ކޮށްފިއްޔާޔޯ؟"
"މަޑުން ހުރޭ! ދޫނުބައި…” އޭނާ ރުޅިއައިސް ރަތްވެގެން ގީތާގެ ކޮލުގައި ވަރުގަދަ އަށް ބޮނޑިއެއް އަޅައިފިއެވެ.
"ވިޔާނުދާ އަނގައެއް ގަދަކޮށްފިއްޔާ ކަލޭގެ ދޫ ދަމައިގަންނާނަން."
"ކަލެއަށް ކަލޭގެ އިއްޒަތް ހުރުމަތްތެރި އެއްޗަކަށް ވާހެން އަހަންނަށް އަހަރެންގެ އިއްޒަތް ވެސް ހުރުމަތްތެރި އެއްޗަކަށްވޭ."
"މީހަކު އެ މީހާގެ އެ އިއްޒަތް ސަލާމަތްކުރާ ނަމަ ތިޔަ ކަހަލަ އަންހެންކުއްޖަކު ދޫކޮށްލައިގެން އަމިއްލަ މޫނެއް ހަޑިއެއް ނުކުރާނެ." މިހެން ބުނެފައި އޭނާ ގީތާއާ އޮޅުލައިގަތުމަށް މަސައްކަތް ކުރަން ފަށައިފިއެވެ. ގީތާ، އޭނާގެ ތެޅިތެޅި އޮތް ހިތާ އެކު މޭގައި ޖައްސާލަން ގަސްދުކުރިއެވެ. ގީތާ އަމިއްލަ ސަލާމަތް ކަމަށް ޓަކައި، ފުރާނައިގެ އިމްތިހާނު ކުރަން ފަށައިފިއެވެ. މި ތެޅިފޮޅުންގަނޑުގެ ތެރޭގައި، ގީތާ މުޅިން ލޭގަނޑަކަށް ވެއްޖެއެވެ. އެނުލަފާ މީހާ ތަޅާ ހާނީއްކަކޮށް ގީތާގެ އެކި ކަށިކޮޅު ވަކި ކޮށްލައިފިއެވެ.
އޭނާ ގީތާ ނަގައިގެންފައި ޖެހިޖެހީނުން އެ ފަކީރުގެ ބޯ ލޭގަނޑަކަށް ވެއްޖެއެވެ. އޭނާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމާ އެކު ބިންމައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު އޭނާ ގޮސް ގީތާގެ ގައިމައްޗަށް ވެއްޓިގަތެވެ. ނަމަވެސް ގީތާ އަނެއްކާވެސް ފުންމައިގެން ތެދުވެއްޖެއެވެ.
އެނުލަފާ މީހާ ގީތާގެ މޫނުމަތީގައި ވަރަށް ވަރުގަދަ އެތިފަހަރެއް ޖަހައިފިއެވެ.
އަނެއް ކޮޅުން މައުސޫމު ދީޕު އަނދިރި ކުޑަކުޑަ ޖިފުޓިގަނޑެއްގެ ތެރޭގައި ނިދައިފައި އޮވެފައި، ކުއްލިއަކަށް ހަޅޭއްލަވައިގެންފައި ތެދުވެއްޖެއެވެ. އަދި މަންމާ… މަންމާއޭ ގޮވަގޮވާފައި ރޯން ފަށައިފިއެވެ. ރޮއިރޮއިފައި ނިދައިފިއެވެ.
ނޯތޭޖު މޮޔައެއްހެން، ކުއްލިއަކަށް އޭނާގެ ހިތުގައި ހިފަހައްޓައިގެން އިށީނދެއްޖެއެވެ.
"އަހަރެން އެ ހަރާމްޖާދާގެ ފުރާނަދުއްވާލާނަން."
"އެހެންވިއްޔާ ބިސްމިﷲ.” ޖަގްދޭޝް ބުންޏެވެ.
"މިއީ ވާނީ ކަލޭގެ ފުރަތަމަ ގަތުލު ކަމަށް… ތިޔަ ކަމުގެ އުފަލުގައި އަހަރެމެން ޚާއްސަ ސެލިބްރޭޝަނެއް ބާއްވާނަން."
"އޭނާ އަދިވެސް އެއްލައްކަ ރުފިޔާއެއް ނުފޮނުވާދޯ؟" ނޯތޭޖު ނުހަނު ބާރަށް އަހައިލިއެވެ.
"އާނ." ޖަގްދޭޝް ބުންޏެވެ. "އޭނާ އެއް ލައްކަ ރުފިޔާ ހިފައިގެން އަންނަން ބުނިތަނުން އަހަރެމެންގެ މީހުން ނާކާމިޔާބުވެގެން އައީ ހަމަ ދެންމެ. އަހަރުމެންގެ މީހުން އޭނާ ބުނެފައި އޮތް ވަގުތައް ވުރެ ވެސް އިތުރަށް ބައިގަޑިއިރު ބެލި. އެހެން ނަމަވެސް އެބޮޑާ ޝައިތާނެއް ނައި."
"އޭނާގެ ބޮޑާ ކަނދުރާ އަހަރެންގެ ބަޑިން އަބަދަށް ޓަކައި ލަންބާލާނަން."
"އެހެންވީ އިރު އަވަސްކުރޭ." ޖަގްދޭޝް ބުންޏެވެ.
"އޭނާ އޭނާގެ ޖުހޫގައި ހުންނަ ގެއިން މިހާރު ފެނިދާނެ."
މިއަޑު އަހައިފައި ތީރެއްހައި ހަލުވިކޮށް ނޭތޭޖު ބޭރަށް ނުކުމެއްޖެއެވެ. އަދި މޮޓޯސައިކަލު ނުހަނު ހަލުއިކަމާއެކު އެހާ ބާރަށް ގޮސް އޮބާލައިފިއެވެ.
ނުލަފާ މީހާގެ ގޮތްކުޑަކަން މިހާރު އެންމެ މަތީ ދަރަޖައަށް ހިނގައްޖެއެވެ. އޭނާ، ފަކީރު އެހީތެރިއެއް ނެތް އަންހެނެއްގެ އަބުރުވެރިކަން ފޭރިގަތުމުގެ ޖުނޫނުގައި ވަނީ މޮޔަވެފައެވެ. އެ މާތް އަންހެނާ ޚުދު އޭނާ އެ މިނިކާވަގުގެ ވަކިތަކުން ސަލާމަތް ވުމަށް މަސައްކަތް ކޮށްކޮށް ވަރުބަލި ވެއްޖެއެވެ. މިހާރު އޭނާގެ އަތްދަށުވާން ހަމަ ތައްޔާރު ވެއްޖެއެވެ. އެ ކުރަނީ އެންމެ ފަހުގެ މަސައްކަތެވެ. ކޮޓަރީގެ ތަންޑު ނައްޓައިލައިފައި ބޭރަށް ނުކުމެގެން ފިލުމުގައި އޭނާ އަށް ކާމިޔާބު ވެއްޖެއެވެ.
ގީތާ ބޭރުން އަނދިރީގެ ތެރެއަށް ނުކުމެފައި، އެއް ފަރާތަކަށް ދުއްވައިގަތްތަނާ ނޯތޭޖު ވެސް އެ ނުލަފާ މީހާގެ މަރުގެ ސިފައިގައި އެތަނަށް އަތުވެއްޖެއެވެ. އެ ވަގުތު ނޯތޭޖު އޭނާގެ ކަނދުރާގެ މިން ބަލައިލައިފިއެވެ.
މިހާރު އޭނާ ހުރީ ނޯތޭޖު ބޭނުން ގޮތެއް ހެދޭނޭ ގޮތަކަށެވެ.
"ވަރަށް ތާހިރު ކުޅިވަރެއް ތިކުޅެނީ ކަލޭ ގޮތްކުޑަ!"
ނޯތޭޖު އޭނާގެ މޫނުމަތީގައި އެތިފަހަރެއް ޖެއްސެވެ. ޖެހިލެއް ބާރުކަމުން ހަމަ އެތަނަށް އަނގަވަތަށްލައި އޭނާ ވެއްޓިއްޖެއެވެ.
"ކީކޭތަ ހީކުރަނީ!"
ނޯތޭޖު އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި އުފުއްލައިލިއެވެ.
"ކޮބާ؟ އެއްކަލަ ރުފިޔާ."
ނޯތޭޖު ހުރިގޮތް ފެނިފައި އޭނާ ރޫރޫ އަޅަން ފަށައިފިއެވެ.
"މިހިރީ."
އޭނާ ހާސް ހާހުގެ ނޫޓު ބަންޑެލިތަކެއް ޖީބުން ނަގައި ނޯތޭޖަށް ދިއްކޮށްލިއެވެ.
"ވެރީ ގުޑް." ނޯތޭޖު އެ ބަންޑެލިތައް ރައްކާކޮށްފިއެވެ.
"ދެން އަހަރެންގެ ފުރާނަ ސަލާމަތްކޮށްދީ."
"ކަލޭ ނިކަމެތި އަންހެނަކަށް އަނިޔާ ކުރަނިކޮށް އަހަރެންގެ ލޮލަށް ނުފެނުނު ނަމަ އަހަރެން ކަލޭގެ ފުރާނަ ސަލާމަތްކޮށްދީފީމުސް." މިހެން ބުނެފައި ނޯތޭޖު އޭނާގެ ނިތްކުރީގައި ފިސްތޯލައިގެ ކޮޅު ޖައްސައިލިއެވެ. އޭނާގެ މުޅި
ހަށިގަނޑާ ފުރާނަ އަށް ދާންދެން ތުރުތުރު އަޅަން ފަށައިފިއެވެ.
"އެއީ އަހަރެންގެ ކޮއްކޮ." އޭނާ ބިންމަތީގައި ފައިވެސް ހަރުނުލާ ކަހަލައެވެ.
"އޯހ!" ނޯތޭޖު ދަތްކުނޑި ވިކައިލައިފައި ބުންޏެވެ.
"ބަލަ! އެވަރުގެ ގޮތްކުޑައެއްދޯ. ކޮއްކޮ އަށް ވެސް ބަލައިލުމެއް ނެތް. ކޮންތާކު ހަޔާތްކުޑައެއް. ކޮންތާކު ހަރާމްޖާދާއެއް." އޭނާ ފިސްތޯލައިގެ ވަޒަން އެ ގޮތްނެތް އިންސާނާގެ ސިކުނޑިއަށް ފޮނުވައިލިއެވެ. ދެން ނުހަނު އަވަސްކަމާ އެކު އޭނާގެ މޮޓޯ ސައިކަލަށް އަރައި އިށީނދެ ވައިރޯޅިއެއް ހެން ގޮސް އޮބައިލައިފިއެވެ.
ގީތާ ހަލުއި ހަލުއި ފިޔަވަޅުތަކެއް އަޅަމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ފަހަތުން މޮޓޯ ސައިކަލެއް އަންނާތީ ފެނިފައި ކައިރީގައި އޮތް ބޯ ގަސްތަކެއްގެ ތެރެއަށް ވަދެ ފިލައފިއެވެ. މޮޓޯ ސައިކަލު ތީރެއްހާ ހަލުވިކޮށް ގޮސް އޮބައިލައިފިއެވެ.
އޭނާ ގަސްތަކުގެ ތެރެއިން ނިކުމެއްޖެއެވެ. ބިރުން ތުރުތުރުއަޅަމުން ހުރެ އެއް ފަރާތަކަށް ހިނގައްޖެއެވެ.
ޖަގްދޭޝް ކުރިމަތީގައި ހާސް ހާހުގެ ނޫޓުތައް ފުނިޖަހައިފައި ހުއްޓެވެ. ކުރިމަތީގައި ނޯތޭޖު ފަޚުރުވެރިކަމާ އެކު މޭފުއްޕާލައިގެން ހުއްޓެވެ.
"ޒިންދާބާދް. ތީޖް ސިންގ!" ޖަގްދޭޝް ފުންމައިގެން ތެދުވެފައި ނޯތޭޖުގެ ބުރަކަށީގައި އަތުން ޖަހައިލިއެވެ.
"ސާބާޝް!"
"އަޅުގަނޑު އެ ނުތާހިރު ދިރިއުޅުން ނިންމައިލައިފިން." ނޯތޭޖު އޭނާގެ ފިސްތޯލަ މައްޗަށް އެއްލަމުން ބުނެލިއެވެ.
"އެއް ލައްކަ ރުފިޔާ އަތުލައިފައި ވެސް؟"
"އަޅުގަނޑަށް ފެނުނީ އޭނާ މާތް އަބުރުވެރި އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަންނަން މަސައްކަތްކުރަނިކޮށް."
"އެހެންކަމަށް ވަނީވިއްޔާ ވަރަށް ރަނގަޅަށް ތިޔަ ކަންތައް ކުރީ.” ޖަގްދޭޝް ނޯތޭޖުގެ ކޮނޑަށް ދެއަތް އެއްލައިފައި ނަގައިފިއެވެ.
"ޒިންދާބާދް."
ދެން ނޯތޭޖުގެ މި ފުރަތަމަ ކާމިޔާބަށް ޓަކައި މުޅި ގޭންގުގައި ހަޔާތުގެ ރާޅެއް ދުއްވައިގަތެވެ. އަދި އެންމެން މިޔުޒިކާއި ނެށުމުގެ މަހެފިލެއްގެ ތެރެއަށް ގެނބިއްޖެއެވެ. ނޯތޭޖު އޭނާގެ އަންހެނުންނާއި ކުޑަދަރިފުޅުގެ ހަނދާނަށް ގެއްލިއްޖެއެވެ.
ނޯތޭޖު ނުވަތަ ތީޖު ސިންގުގެ މި ފުރަތަމަ ގަތުލުގެ ސިލްސިލާގައި އެއްކޮޅުން ރޭގަނޑު ހަތަރުދަމު މަޖާ ނަގައި އުފާކޮށް ހެދީއެވެ. އަނެއްކޮޅުން ފަތިސްވުމާ އެކު މުޅި ބޮމްބޭ ޝަހަރު ހަލުވައިލައިފިއެވެ. އެންމެ މަޝްހޫރު ކުރޯޅުޕަތީ އޭނާގެ ޖުހޫގައި ހުންނަ ގޭގައި މަރުވެފައި ޙުދު އޭނާގެ ލެއިން ތަތްތެޅިފައި އޮއްވާ ފެނުނީއެވެ.
ސީ.އައި.ޑީ އާއި ޕޮލިސް ގެ ފުރިހަމަ މެޝީނަރީ ހިނގައިގެންފިއެވެ. އަދި ތަހުގީގު ކުރުމުގެ ބާޒާރު ހޫނުވެއްޖެއެވެ.
ގީތާ ފިކުރު ބޮޑުވެ ހައިރާންވެ ހިއްސެއް ހަރަކާތެއް ނެތް ގޮތެއްގައި ހުރެ އޭނާގެ ޖިފުޓީގެ ތެރެއަށް ދެވުނުއިރު އޭނާގެ ކުޑަދަރިފުޅު ދީޕު ރޮއިރޮއިފައި ދެވަނަ ފަހަރަށް ނިދައިފިއެވެ. އޭނާގެ ޒަޚަމްތައް ދޮވުނީ ވެސް، އެތަންތާނގައި ބޭސް އެޅީ ވެސް އޭނާ އަމިއްލައަށެވެ. ހެނދުނު ކައިރީ ހިސާބުގެ އަވަށްޓެރީން ގާތުގައި ބުނެލީ މިހެންނެވެ. ރޭގައި ގެއަށް އަންނަނިކޮށް ކާރަކުން ޖެހުނީއެވެ. ދެން ކާރު ތިމަން އެހެން އޮއްވާ ފިލާ ރައްކާވީއެވެ.
މިހެންވުމާ އެކު މީހަކު މިކަމާ މެދު ޝައްކެއް ވެސް ނުކުރެއެވެ. އަދި މިއީ ކިހިނެއްވެގެން ވެފައިވާ ކަމެއްތޯ ބަލާކަށް ވެސް ނޫޅެއެވެ.
މިހާރު ގީތާ ވަނީ އެއްވެސް ބޮޑުމީހެއްގެ ގޭގައި ނޯކިރީ ނުކުރުމަށް އަހުދު ކޮށްފައެވެ. އޭނާގެ މި އަޒުމު ވަރަށް ހަރުދަނާއެވެ. އޭނާއަށް ބޮމްބޭގައި އުޅެވިގެން ބޮޑެތި މީހުންގެ ފެންވަރު ވަރަށް ރަނގަޅަށް ފިލައްޖެއެވެ. އެ ހުދު ހެދުންތައް އަޅައިގެން އުޅޭ މީހުންގެ ހިތް ކިހާ ކަޅުކަން މިހާރު އޭނާއަށް ރަނގަޅަށް ވަޒަން ކުރެވިއްޖެއެވެ.
އަދި އެމީހުންގެ ހުރި ގޮތްކުޑަކަމާއި ހަގީގަތުގައި ނިކަމެތިކަން ވަރަށް ރަނގަޅަށް މިނެލެވިއްޖެއެވެ.
އެގޮތްކުޑަ އާވާރާ ސޭޓު ރޭގައި ކޮންމެވެސް މީހަކު ގަތުލު ކޮށްލައިފިއެވެ. އެކަމާ މެދު ކުރިން އޭނާއަށް ވީ ޝައްކެކެވެ. ނަމަވެސް ހެނދުނު ނޫސްތަކުން މި ޚަބަރު ފެނުމާއި ރަށުތެރޭގައި ދެކެވުނު ވާހަކަތަކުން މާތްރަސްކަލާނގެ ކުޅަދުންވަންތަވެރިކަމުގެ މައްޗަށް އޭނާއަށް ފުރިހަމަ ޔަގީންކަން އަތުވެއްޖެއެވެ. އޭނާއަށް ހީކުރެވޭން ފެށިއެވެ. ރޭގައި އޭނާ ސަލާމަތްވީ ޣައިބުގެ ކޮންމެވެސް އެހީއަކުންނެވެ. އެ ނުލަފާ މީހާ ގަތުލުވީކަން އެއީ މާތްރަސްކަލާނގެ ލެއްވި ކޯފާއެކެވެ. ނަމަވެސް މައްސަލާގައި އޭނާ ހަމަހިމޭނުން ހުރީއެވެ. އެ ގަތުލާ ބެހޭ ގޮތުން އޭނާއާ ވެސް ސުވާލު ކުރަން ފަށާފާނެކަމަށް ބިރުންނެވެ. މިހެންވުމާ އެކު ވެސް މައްސަލާގައި މީހަކު އޭނާ ކުރެން ހޭވެސް އަހާ ނުލައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ގަބަރާވެ ހައިރާންވެފައިވާ ތަބީއަތް ހަމަޖެހިއްޖެއެވެ.
އެތަކެއް އަހަރު ވެއަތުވެ ހިނގައްޖެއެވެ. ކުޑަކުޑަ ދީޕުގެ އުމުރުން މިހާރު އޮތީ އަށް އަހަރަށެވެ. ހަގީގަތުގައި މިހާރު ގީތާ ދިރިހުރީ މި ކުޑަކުޑަ ދީޕަށް ޓަކައެވެ. އޭނާ ސާންތާ ކުރޫޒުގެ ޖިފުޓިއެއްގައި ދރިއުޅެމުން ގެންދެއެވެ. މަސައްކަތާއި ފައިސާ ހޯދުމުގެ ކަންތައްތައް އެ ގޭގައި ކުރަމުން ގެންދެއެވެ. އޭނާ ކޮށްއުޅުނީ ޖަރީގެ މަސައްކަތާއި ކެއްކުމުގެ މަސައްކަތެވެ. ގޭގެއިން ހަވާލުކުރާ މަސައްކަތް ގޭގައި އިނދެގެން ކޮށް ހަދައިގެން ފައިސާ ހޯދަނީއެވެ. ބައެއް ފަހަރު ބިޑި ވެސް އަނބުރައެވެ.
ޚުދު އޭނާ އެއްވެސް ތާކަށް ނުދެއެވެ. ޚުދު އޭނާ އެއްވެސް ތާކަށް ނުދިއުން އެއީ އޭނާ ކޮށްފައިވާ އަހުދެކެވެ.
"ދޭދީ!" ކުއްޖަކު އައިސް އޭނާ ގާތުގައި ބުންޏެވެ. "ރުފިޔާ ބޭނުމީވިއްޔާ ދައްތައަށް ގަމީސް ފެހުމުގެ މަސައްކަތް ލިބޭ ގޮތް ހަދައިދީފާނަން. މިތާ ދާދި ކައިރީގައި ގަމީސް ފެހުމާއި ޖަރީ ކުރުމުގެ މަސައްކަތް ހިންގާނޭ ކާރުޚާނާއެއް ހުޅުވައިފި. އެ ތާނގައި އަހަރެންގެ ރައްޓެއްސެއް ހުންނާނެ. ބުނުއްވަނިކޮށް އެ ތަނުން ތަކެތި ގެއަށް ގެންނަން ލިބޭ ގޮތަށް ހަދައިދީފާނަން."
"އަވަސް އަވަހަށް ގެނެސްދީ ކޮއްކޯ!" ގީތާ ބުނެލިއެވެ.
"މާތްރަސްކަލާނގެ ކަލެއަށް ރަހުމަތްލައްވާނެ."
"މާދަމާ އަޅުގަނޑު ދައްތައަށް މަސައްކަތް ގެނެސްދޭނަން." އޭނާ ބުނެލިއެވެ.
"ގަމީހަކަށް ބާރަ އަނާ ލިބޭނެ."
"ހާދަ ރަނގަޅޭ. އަހަރެން ތިޔަ މަސައްކަތް ކުރާނަން."
އެ މީހާ މި ޖިފުޓިން ނިކުތުމާ އެކު ދީޕު އަތުވެއްޖެއެވެ. އެ އައިގޮތަށް އައިސް މަންމައާ އޮޅުލައިގެންފައި ރޯން ފަށައިފިއެވެ.
" އޫން. މަގޭ ލާލް. ކީއްތަވީ؟" އޭނާގެ މަންމަ ކަންބޮޑުވެފައި އަހައިލިއެވެ. "ތިޔަ ރޮނީ ކޮންކަމަކާ؟ ރަސް ދަރިފުޅާ." އޭނާ އިރުކޮޅަކުން ދީޕުގެ ބޮލުގައި ފިރުމައެވެ. ކަރުނަ ފޮހެދެއެވެ. މޭގައި ޖައްސައިލައެވެ.
"ކުދިން އަޅުގަނޑަށް ހަމަ އެއްޗެހި ކިޔަނީ." ގިސްލަމުން ގިސްލަމުން ބުންޏެވެ.
"އެ ކުދިން ކިޔަނީ… އަޅުގަނޑުގެ ބައްޕައެއް ނެތޭ." އޭނާ މަންމަގެ ކަރުގައި އޮޅުލައިގަތެވެ.
"ބުނުއްވަ ބައްލަވާ މަންމާ! އަޅުގަނޑުގެ ބައްޕައަކީ ކާކުތޯ؟ މިހާރު ވީ ކޮން ތަނެއްގައިތޯ؟" ދަރިފުޅުގެ އަނގައިން މިއަޑުއަހާފައި ގީތާއަށް ހީވީ މީހަކު އަތްދަމައިފައި އޭނާގެ ހިތުގައި ޖެހިހެންނެވެ. އޭނާގެ މޫނުމައްޗަށް ހިތާމައާއި ވޭނުގެ ވިލާތައް ފެތުރިގެންފިއެވެ. ލޮލުން ހިތާމަތަކުގެ ގަބުރު ނެރެވެން ފަށައިފިއެވެ. ހިތް އޭނާގެ ކުރިމަތީގައި ކަތިލެވިފައިވާ ކުކުޅެއްހެން ތެޅެން ފަށައިފިއެވެ.
“ދަރިފުޅާ ބައްޕަ އެބަ ހުންނެވި.” ވޭނެއް އެޅިހެން އޭނާގެ ޚަލްގާއިން މިއަޑު ނުކުތެވެ.
“ދެން ބައްޕަ ނުދުރުވަނީ ކީއްވެގެން.”
"ބައްޕަ ދުރުވީ މަންމަ ދެކެ ރުޅިދުރުވެގެން." އޭނާ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިގެން އިނދެ ބުންޏެވެ.
"ދެން ބައްޕަ ރަނގަޅު ކުރައްވަންވީ ނޫންތޯ މަންމާ!"
"ރަނގަޅު ކުރާނަން ދަރިފުޅާ!"
އޭނާ ދީޕު އަނެއް ފަހަރު މޭގައި ޖައްސައިލިއެވެ.
"މާތް ރަސްކަލާކޯއެވެ…!” އޭނާގެ ތުންފަތް މަޑުމަޑުން ތަޅުވަން ފަށައިފިއެވެ. އޭނާވީ ކޮން ތަނެއްގައި ކޮން ހާލެއްގައި ކަން ވެސް ނޭނގެއެވެ. ހިތަށްއެރިއެވެ. އޭނާ މިހާރު ދުނިޔޭގައި ހުންނާނެކަން ވެސް ނޭނގެއެވެ. މިހެން ހިތަށްއެރުމާ އެކު ކުއްލިއަކަށް އޭނާގެ ކުރީގެ ހަނދާން ވެއްޖެއެވެ. އަދި މޮޔައެއް ހެން ފުންމައިގެން ތެދުވެ ބަގުވާން ކުރިޝަން ބުދުގެ ކައިރިއަށް ގޮސް ހުއްޓިއްޖެއެވެ. އަދި ތަސްވީރުގެ ފުރޭމުގައި ހިފާ ހަލުވައިލައިފައި ބުންޏެވެ.
“އަޅުގަނޑު އަޅުގަނޑުގެ ފިރިމީހާ މި އެދެނީ ކަލާ ކިބައިން ބަގުވާން! ހަމަ ކަލާ ކިބައިން. ކަލާއަށް އަޅުގަނޑުގެ ފިރިމީހާ ދެއްވެން ޖެހޭނެ. އަޅުގަނޑުގެ ފިރިމީހާ ނެތިވެ ހިނގައްޖެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަދި ގަބޫލެއް ނުވެސް ކުރާނަން."
ނޯތޭޖު ވަނީ އޭނާގެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިގެންނެވެ. އެކަނިމާއެކަނި ކޮޓަރީގައެވެ. ތެދުވެ ހިނގާން ފަށައިފިއެވެ.
"ގީތާ…!" އޭނާ ދިގު ފިނި ވޭނީ ނޭވާއެއް ދަމައިލައިފައި ބުނެލިއެވެ. "ކަލޭ ވަނީ ކޮންތަނެއްގައިހޭ؟ ކަލެއާ ނުލައި އަހަރެންގެ ހަޔާތުގެ ކޮންމެ ހިނދުކޮޅެއް ވަނީ ބޭކާރު ވެފައެވެ. މާނައެއް ނެތިފައެވެ." އޭނާ، އޭނާގެ ތުންފަތުގައި ދަތް އަޅައިލައިފައި ބުނެލިއެވެ. "އަހަރެން މިވަނީ ކަލޭގެ ވަކިވުމާ ހުރެ މޮޔަވެފައެވެ. ކަލޭ ނުލިބިއްޖިއްޔާ އަހަރެން މުޅި ދުނިޔޭގައި އަލިފާން ޖަހާނަމެވެ. ދުނިޔޭން އެކި ސަރުޖުއާލާ ޕްރަޝާދުންގެ މަރު ވަކިވަކިން ނުހިފޭހާ ހިނދަކު މަޑަކުން ނުހުންނާނަމެވެ. އަހަރެންގެ އާރޯ ތާޒާ ބަގީޗާގައި ހުޅުޖެހުނީ ދުނިޔޭގައި ތިބި އެކަހަލަ ސަރުޖުއާލާ ޕްރަޝާދުންތަކުގެ ސަބަބުންނެވެ. އަހަރެން އަހަރެންގެ ހިތުގެ އަލިފާން އެ ސަރުޖުއާލާ ޕްރަޝާދުންތަކުގެ ލެއިން މުޅިން ނުނިވޭހާ ހިނދަކު ނިވަމުން ގެންދާނަމެވެ."
(ނުނިމޭ)
