(5 ޑިސެމްބަރ 2023 ނޫހާއި ގުޅޭ)
" އާލިމް.. ހިނގާ އަހަރެމެން ދުފާލަންދާން.. މި އަންހެންވެރިން ވާހަކަ ހުސް ނުވާނެ! "
ރަމްޒީ ތެދުވަމުން ބުނެލިއެވެ. އެހެންކަމުން އާލިމްވެސް ބެލްކަންޏަށް ދާން ހިނގައިގަތީ ރަމްޒީގެ ފަހަތުންނެވެ.
" މިހާރު މާލޭގަ ހުރިހާ ގެއެއްގައިވެސް ތިބޭނެ ގެންގުޅޭ މީހުން.. ޖެނީމެން ގޭގައި ނުހުރޭތަ؟ "
ހެވިފައި އިނދެ ޝަހުމާ އަހާލިއެވެ. އެއާއެކު ޖެނީއަށް ބަލައިލެވުނީ އާލިމަށެވެ. އޭރު އާލިމްހުރީ ރަމްޒީއާއެކު އޮލަ ވާހަކައިގައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ޖެނީއަށް އަނެއްކާވެސް ޝަހުމާގެ މޫނަށް ނަޒަރު ހިންގާލެވުނެވެ.
" ހޫމް.. ނުގެންގުޅެން. ހުރިހާ ކަމެއްވެސް ކުރަނީ އަމިއްލައަށް"
ޖެނީ އެހެން ބުނުމުން ޝަހުމާ ދެލޯ ބޮޑުކޮށްފައި ދެފަރާތަށް ބޯ ހޫރާލީ ބިރެއް ފެނިގެން އުޅޭ ފަދައިންނެވެ.
" ކުޑަކުޑަ ކުއްޖަކު ބަލަމުން، ކައްކާ، ދޮވެ އިސްތިރިކޮށް، ތަންތަން ސާފުކުރަނީ ހަމަ އެކަނިމާއެކަނިތަ؟ "
މިފަހަރުވެސް ޖެނީ ބޯ ޖަހާލިއެވެ. ނަމަވެސް އޭރު އޭނާގެ ހިތް އޮތީ ވަރަށް ބޮޑަށް ކިލަނބުވެފައެވެ. ޝަކުވާތައް ހިތުތެރެއަށް ފުނި ޖެހެމުންދެއެވެ.
" އަހަރެމެން އަންހެނުންނަކީ ނޯކަރުންގެ ގޮތުގައި ބައެއް ފިރިން ޤަބޫލު ކުރުމަކީ ވަރަށް ދެރަކަމެއް! އަހަރެމެންނަށް ނޯންނާނެ އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ވަގުތު ކޮޅެއް ވެސް! ގެދޮރު މަސައްކަތްކޮށްކޮށް އަހަރެމެން ތިބެން ޖެހެނީ ގެދަބުޅިގަނޑަކަށް ވެފައި! އެމީހުން ގެއަށް އަންނައިރު އަހަރެމެންގައިން މީރު ވަހެއް ނުދުވާތާ، އެމީހުންނަށް ފެންނާނީ އަބަދުވެސް އަހަރެމެންގެ ތެޔޮވެފައިވާ މޫނު.. ބާ ހެދުންގަނޑު ލައިގެން ހާމުންޑިއެއްހެން ބޯ ބަހައްޓައިގެން ދާހިއްލާ ފޯވެގެން، އަހަރެމެން އުޅޭ މަންޒަރު ބެލުމަކީ އެމީހުން އެހާ ކުރާހިތްވާނެ ކަމެއް ނޫން.. އޮފީހަށް ދާއިރު މޭކަޕްކޮށްފައި ތިބޭ ރީތި ކުދިން ބަލަބަލާފައި ގެއަށް އައިސް އަހަރެމެންނަށް ބަލައިލާހިތްވާނެތަ؟ ނުވާނެ! "
ދުރުގައި ތިބި ރަމްޒީމެންނަށް އިރުއިރުކޮޅާ ބަލައިލަމުން ޝަހުމާ ހުރިހާ ވާހަކައެއްވެސް ދެއްކީ ވަރަށް މަޑުންނެވެ. ޝަހުމާގެ ވާހަކަތައް ކިތަންމެ ރަނގަޅަކަށްވެސް ޖެނީއަށް ޤަބޫލު ކުރެވެމުންދެއެވެ.
" އަވަހަށް ތިގޮތް ބަދަލުކުރޭ! ބުނޭ ގޭގައި ގެންގުޅޭނެ މީހަކު ހޯދައިދޭށޭ! އޭރުން އޭނަ ގެއަށް އަންނައިރު ޖެނީ ހުންނާނީ އަބަދުވެސް ރީތިކޮށް.. ވަރުބަލިކަމެއް ނުހުންނާނެ… އަނެއްކޮޅުން އާލިމަށްވެސް ވަގުތު ދެވޭނެ"
މިފަހަރުވެސް ޖެނީ ބޯޖަހާލިއެވެ. އޭނާ ކިތަންމެހާވެސް އެގޮތް ބޭނުންވެއްޖެއެވެ. އެކަމަށް އެދި ކެތްމަދު ވެއްޖެއެވެ. ޖެނީއަކީ އެއްވެސް ވަރެއްގެ ކެތްތެރިކަމެއް ހުންނަ މީހެއް ނޫނެވެ. މިހާރުވެސް އޭނާ އެހުރީ އާލިމް ގާތު އެވާހަކަ ދައްކާ ހިތުން ހިތް އަވަސް ވެފައެވެ.
" އަހަރެން ތިކަމާ ވަރަށް ވިސްނާނަން"
ޖެނީ ބުނެލިއެވެ. އޭރު އާލިމްމެންވެސް އެމީހުންނާ ދިމާއަށް އާދެއެވެ.
" ޖެނީ! ހިނގާ ދާންދޯ! "
އާލިމްގެ އެންމެ ޖުމްލައަކުން ޖެނީ ވަގުތުން ތެދުވެއްޖެއެވެ. އޭނާ އަވަސް އަވަހަށް އާލިމްގެ އަތުގެ ތެރެއަށް އަތް މަހާލަމުން ޝަހުމާއަށް ބަލައިލިއެވެ.
" ދެން ދަނީ! ޝަހުމާމެންވެސް އަހަރެމެންގެއަށް އަންނަންވާނެ"
ހިނިތުންވެފައި ޖެނީ ބުންޏެވެ. އެއާއެކު ރަމްޒީ ބޯ ޖަހާލިއެވެ.
" ކާންވިއްޔާ އަހަރެމެން ދާނަން ނިކަން އަވަހަށް"
ރަމްޒީގެ ޖުމްލައިން އެންމެންނަށްވެސް ޖަހާލެވުނީ ހިނިގަނޑެކެވެ.
***
ކާރުގައި އިން އިރުގައިވެސް ޖެނީ ވިސްނަމުން ދިޔައީ ޝަހުމާ ދެއްކި ވާހަކަތައް ފަށާނެ ގޮތަކާ މެދުގައެވެ. އިރުއިރުކޮޅުން އާލިމްގެ މޫނަށް އޭނާއަށް ބެލެނީވެސް އެހެންވެގެންނެވެ. އެއްޗެއް ނުބުނެ ޖެނީ އިނުމުން، އޭނާގެ ހަމަހިމޭންކަން އާލިމްއަށް ދެނެގަނެވިއްޖެއެވެ.
" ކޮންކަމަކާތަ ތި ވިސްނަނީ؟ ހާދަ މަޑުމަޑުން ތިއިންނަނީ؟ "
އާލިމް ބޯ އަރިކޮށްލަމުން ބުނެލިއެވެ. އެއާއެކު ޖެނީއަކަށް މަޑަކުން ނީނދެވުނެވެ. ހިތުތެރޭގައި ކެކި އުތުރި އަރަމުންދާ ހުރިހާ ޝަކުވާތައް އެއްފަހަރާ ބޭރުކުރަން ފެށިއެވެ.
" ރަމްޒީ، ޝަހުމާ ދެކެ ކިހާ ލޯބިވޭ! ޝަހުމާ ބޭނުންވާ ހުރިހާކަމެއް ކޮށްދެޔޯ ބުނި! އެނގޭތަ؟ އެގޭގައި ގެންގުޅޭ ކައްކާއެއްވެސް.. ދޮވެ އިސްތިރިކޮށް ސާފުކުރާ މީހެއްވެސް.. ދެން ޝަހުމާއަށް ކިހާ ފަސޭހަވާނެ.. ބަލާބަލަ އެގޭގައި ރަމްޒީ ހޯދާފައި ހުރި އެއްޗެހި. އަޅެ ރީތި! އެގެއަށް ވަދެވުނީމަ އަހަރެން އަމިއްލަ ނަފްސުދެކެ ލަދުވެސް ގަތް.. "
އަވަސް އަވަހަށް އެހެން ބުނެލުމަށްފަހު ވަގުވަގަށް އާލިމްގެ މޫނަށް ޖެނީ ބަލައިލިއެވެ. އޭރު އާލިމްގެ މޫނުމަތިން ފެންނަނީ ލުއި ހިނިތުންވުމެކެވެ. ކުޑަ ވަގުތުކޮޅެއް ފަހަނަ އަޅައި ދިޔައިރުގައިވެސް އާލިމް އެއްޗެއް ނުބުނުމުން ޖެނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" އާލިމް ބޭނުމެއް ނުވާނެ އަހަންނަށް އެއްވެސް ފަސޭހައެއް ކޮށްދޭކަށް! އަހަރެންގެ ހިތްހަމަޖެހުމާމެދަކު ނުވިސްނާނެ.. އަސްލު އާލިމް އަހަރެންދެކެ ނުވޭ ލޯތްބެއް"
ޖެނީގެ ހާސަރުތައް އަޑުއަހަން އިނދެ އާލިމް ބަލައިލީ ހައިރާންކަމާއެކުގައެވެ.
" ސުބްޙާނަﷲ! ހާދަ މައްޗަކަށް ތި ދިޔައީ؟ އަހަންނަށްވުރެ މުއްސަނދި ބަޔަކު އުޅޭ ތާކަށް ގޮސް، އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އަހަރެންގެ ދިރިއުޅުން އަޅާކިޔަނީތި! އަދި އެވަރު ނުފުދިގެން އަހަރެން ޖެނީދެކެ ވާ ލޯތްބަށްވެސް ތި ޝައްކު ކުރަނީ"
އާލިމް ވާހަކަ ދެއްކީ ނުހަނު ހިތްހަމަ ނުޖެހިފައެވެ.
" އެމީހުން ކީއްވެތަ އާލިމަށްވުރެ މުއްސަނދިވާންވީ؟ އެ ރަމްޒީވެސް އުޅެނީ އާލިމާ އެއް މަޤާމެއްގައި! ދެމީހުންނަށް ލިބޭނީ އެއް މުސާރައެއް! "
" ޖެނީއަކަށް ނޭނގޭތަ ޝަހުމާއަކީ ސްކޫލެއްގެ ލީޑިންގ ޓީޗަރެއްކަމެއް! އަނެއްކާ ކޮންމެވެސް ދެ ކޮލެޖެއްގެ ލެކްޗަރާއެއް.. ރަމްޒީއަށްވުރެ ގިނައިން ޝަހުމާވެސް ލާރި ހޯދާނެ.. އެހާ ގިނަ ތަންތަނަށް އޭނަ ދާއިރު ގެދޮރު މަސައްކަތް ކުރަން ގެއަށް މީހުން ނުލައި ކިހިނެއް އެމީހުން ދިރިއުޅެނީ؟ އެކަމަކު އޭގެ ބަދަލުގައި ޖެނީ އަމިއްލައަށް ޖެނީގެ އަމިއްލަ ނަފްސާމެދު ވިސްނާލަބަލަ! ޖެނީއަކީ ވަޒީފާއަކަށް ދާ މީހެއް ނޫނެއްނު.. ގޭތެރޭގެ ހުރިހާ ކަމެއްވެސް ޖެނީއަށް އެހާ ފަސޭހަ ވާނެ.. އެއްޗެއް ގަންނަން ދާން ޖެހުނަސް، އާލްގެ ކަމެއްގައި ބޭރަށް ނިކުންނަން ޖެހުނަސް އެ ހުރިހާ ކަމެއް މި ކުރަނީ އަހަރެން ދޯ! ޝަހުމާއަށްވުރެ މާ އަރާމުގައި އަދިވެސް ތި އުޅެނީ ޖެނީ ކަންނޭނގެ!"
ޖެނީއަށް ވިސްނައިދިނުމުގެ ގޮތުން އާލިމް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އޭރު އެމީހުންނަށް ގެއާ ހަމައަށްވެސް އާދެވިއްޖެއެވެ. ކާރު މަޑުކޮށްލަމުން އާލިމް ޖެނީގެ މޫނަށް ބަލައިލި އިރު، އޭނާ އިނީ ކާރުގެ ކުޑަދޮރުން ބޭރު ބަލާށެވެ.
" ކީއްވެތަ އެއްޗެއް ނުބުނީ؟ އަހަރެން މި ދެއްކީ ދޮގު ވާހަކަ އެއްތަ؟ "
ނުހަނު ލޯބިން އާލިމް އަހާލީ އޭނާގެ ވާހަކަތަކުން ޖެނީއަށް ވިސްނުނުގޮތް އެނގެން ބޭނުންވާތީއެވެ.
" ވާހަކައިގެ ތެދާއި ދޮގު އެނގެންވާނީ އެ ވާހަކައެއް ދައްކާ މީހަކަށް! އަޑުއަހާ މީހާއަކަށް އެކަން ޖަޖެއް ނުކުރެވޭނެ!"
އެހެން ބުނެލުމަށްފަހު، ކާރު ތެރެއިން ބާރުބާރަށް ޖެނީ ނިކުމެއްޖެއެވެ. އޭނާ ނިކުމެގެން ގޮސް ގެއަށް ވަތް އިރުގައިވެސް އާލިމަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ލޯމަތިން ޖެނީ ގެއްލުމާއެކު އާލިމަށް ސީޓުގައި ބޯ ޖައްސާލެވުނެވެ. އެހިނދު އެކި ޚިޔާލުތަކުން އޭނާގެ ސިކުނޑި ޚަރާބު ކުރުވަން ފަށައިފިއެވެ. ޖެނީއަށް އެއަށްވުރެ ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ބޭނުން ވިއެވެ. ޖެނީ ބޭނުންވާ ކޮންމެ ކަމެއް ފުރިހަމަ ކޮށްދޭން ބޭނުންވިއެވެ. ނަމަވެސް ކޮންމެ ކަމެއް ކުރި ނަމަވެސް ފައިސާ ބޭނުންވާނެކަން ހަނދާންވުމާއެކު އާލިމަށް ލޯ ހުޅުވާލެވުނެވެ. އޭނާގެ އަތުގައި ނެތް އެއްޗަކީ އެއީއޭ ހިތަށް އެރުމާއެކު މާބޮޑަށް ހާސްވާގޮތް ވުމުން އޭނާ އަވަހަށް ކާރު ދުއްވާލީ ޕާކިން ޒޯނަށް ދާށެވެ.
***
އާލިމް ގެއަށް އައި އިރު އެނދުމަތީގައި ޖެނީ އޮތެވެ. ނިތްމަތީގައި އަތް ބާއްވާލައިގެން އޭނާ އޮތުމުން ކަމަކާ ވަރަށް ބޮޑަށް ފިކުރު ކުރާކަން އާލިމަށް އެނގުނެވެ. ޖެނީ އެފަދަ ޙާލަތެއްގައި އޮތުމުން އާލިމްގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. ލަސްލަހުން ގޮސް އެނދުގައި އިށީނދެ އޭނާ ޖެނީގެ އަތުގައި ހިފާލިއެވެ.
" ރުޅި އައިސްފަތަ؟ "
ޖެނީގެ ލޮލަށް ބަލައިލަމުން އާލިމަށް އަހާލެވުނެވެ. އެއާއެކު ހިތްހަމަ ނުޖެހޭ ގޮތަކަށް ޖެނީ އަތް ދަމައިގަތެވެ.
" އަހަރެން ރުޅި އަޔަސް އާލިމަށް ކީއްތަ؟"
ރުންކުރު ގޮތަކަށް ޖެނީ ބުނެލިއެވެ. އެއާއެކު އާލިމް ރަނގަޅަށް އެނދުގައި ހަމަޖެހިލިއެވެ. އަދި ހެޑްބޯޑުގައި ބުރަކަށި ލައްކޮށްލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ވަރަށް ވިސްނަން ޖެނީއާމެދު.. މި ދުނިޔެއިންވެސް އަހަރެން އެންމެ ލޯބިވާ މީހަކީ ތިއީ! އަހަރެންގެ ހުރި ހަމައެކަނި މީހަކީވެސް ތިއީ! އަހަންނަށް އާލްވެސް ލިބުނީ ޖެނީގެ ފުށުން.. އަސްލު އަހަރެން ބޭނުން ޖެނީ ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން! ޖެނީއަށް މަދުވާ އެއްވެސް އެއްޗެއް ހުރެގެން ނުވާނެޔޭ ހިތަށް އަރާ! އެކަމަކު.. އެކަމަކު ކީއްކުރާނީ؟ އަހަންނަށް ލިބޭ އެއްޗަކުންދޯ ޚަރަދު ކުރެވޭނީ.. "
އާލިމް ވާހަކަ ދެއްކީ އަސަރާއެކުގައެވެ. ނަމަވެސް އޭނާގެ ވާހަކަތަކުން ޖެނީގެ މޫނުމަތީގެ ކުލަވަރު ބަދަލެއް ނުވިއެވެ. އެ މޫނުމަތިން އަދިވެސް ފެންނަމުންދަނީ ފޫހިކަމުގެ އަސަރުތަކެވެ.
" ތިއީ އަބަދުވެސް އާލިމް ދައްކާ ވާހަކަތައް! އެކަމަކު މި ޙާލަތު ބަދަލުވާނެ ދުވަހެއް ނާދެ"
ބާރުބާރަށް އެހެން ބުނުމަށްފަހު ޖެނީ އާލިމަށް ފުރަގަސްދިނެވެ. އަދި ބާލީހެއް ނަގައި ބައްދާލަމުން ދެލޯ މަރާލިއެވެ. ޖެނީގެ ޢަމަލުތައް ހުރި ގޮތުން އާލިމްގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. ނަމަވެސް އިތުރަށް ޖެނީއާ ވާހަކަ ދެއްކިޔަސް، މާބޮޑު ކުރިއެރުމެއް ނުލިބޭނެކަން އާލިމަށް އެނގެއެވެ. އެހެންކަމުން އޭނާވެސް ނިދަން ތައްޔާރުވީއެވެ.
***
އާދައިގެ މަތިން ކޮންމެ ހުކުރު ދުވަހަކު އާލް ގޮވައިގެން ރަސްފަންނަށް މޫދަށް އެރެން ދިޔުމަކީ ޖެނީ ކުރަމުން އަންނަ ކަމެކެވެ. އާލިމް ދެކެ ހިތްހަމަ ނުޖެހިފައި ހުރުމުގެ ސަބަބުން މިއަދު އޭނާ އައީ އެކަންޏެވެ. އާލް މޫދުގައި ކުޅެން އުޅޭތަން ބަލަން، ދޮންވެލި ފަސްގަނޑުމަތީގައި ޖެނީ އިނެވެ. އޭރު އެ ސަރަޙައްދުގައި ޖެނީ ފަދައިން ބައިވަރު މީހުން ހޭލަމޭލަވެ އުޅެއެވެ. އާލްގެ ކުޅޭ އެއްޗެހިން ވެލި ކުޅެން އިން ޖެނީ ސިހުނީ ކުއްލިއަކަށް އޭނާގެ ނަމުން މީހަކު ގޮވާލުމުންނެވެ. އޭރު މާ ދުރުން އަންހެނަކު އަންނަތަން ފެނުނެވެ. އޭނާގެ އަތުގައި ހިފައިގެން ކުޑަވަރެއްގެ އަންހެން ކުއްޖަކުވެސް ހުއްޓެވެ. ނުދަންނަ ފަދަ ގޮތަކަށް ޖެނީ ބަލަހައްޓައިގެން އިންދާ އޭނާ އައިސް ޖެނީއާ ދާދި ގާތުގައި އިށީނދެލިއެވެ.
" ޖެނީއަށް އަހަރެން ނޭނގުނީތަ؟ "
އޭނާ އަހާލިއެވެ. އެއާއިއެކު ޖެނީގެ މޫނުމަތިން އުޖާލާކުރަނިވި ހިނިތުންވުމެއް ފެނިގެން ދިޔައެވެ.
" ހޭ! ޝަޒާތަ؟ ޝަޒާ ދޯ"
އުފާވެރި ރާގެއްގައި ޖެނީ ސުވާލު ކުރިއެވެ. އެއާއެކު ޝަޒާ ބޯ ޖަހާލަމުން އޭނާގެ ދަރިފުޅު އުނގުގައި ބައިންދާލިއެވެ.
" ހާދަ ބޮޑަކަށް ބަދަލުވެފައޭ ތިހުރީ! ފުރަތަމަ އަހަންނަކަށް ނުވެސް އެނގުނު.. އެކަމަކު އަނގައިން ބުނީމަ ޔަޤީން ވެއްޖެ! މިއީ ދަރިފުޅުތަ؟ "
ތިން އަހަރުގެ ލިވީގެ ކޮލުގައި ކޮއްޓާލަމުން ޖެނީ އަހާލިއެވެ. އެއާއެކު ޝަޒާ ހޫމް އަޅުވާލީ ލިވީގެ މޫނަށް ބަލައިލަމުންނެވެ.
" އެންމެންވެސް މީހުންނާ އިނދެ، ދަރިން ލިބޭ އިރުގައިވެސް ޚަބަރެއްދަބަރެއް ނުވެވޭދޯ! ކީއްކުރާނީ؟ ސްކޫލް ދައުރުގެ ރައްޓެހިންތައް މުޅިން ގެއްލިއްޖެ!"
މޫދުން އަރައިގެން އަންނަ އާލްއަށް ހަނާ އަޅާލަމުން ޖެނީ ބުންޏެވެ. ޝަޒާވެސް ޖެނީއާ ބައިވެރި ވުމުގެ ގޮތުން ހިނިތުންވެލިއެވެ.
" ޖެނީގެ ހުރީ މި ދަރިފުޅު އެކަނިތަ؟"
އާލް އައިސް ޖެނީ ގާތު އިށީނުމާއެކު ޝަޒާ އަހާލިއެވެ.
" އާނ! އަހަރެން ދެން ބޭނުމެއް ނޫން! އެކެއްވެސް އޯކޭ އެއްނު.."
ޖެނީ ބުންޏެވެ. އެހިނދު ޝަޒާ، ލިވީގެ ގައިގައި ބައްދާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން އަދިވެސް ބޭނުން.. އެކަމަކު…"
ޝަޒާގެ މޫނުމަތީގައިވާ އުފާވެރިކަން ގެއްލުމާއެކު ޖެނީގެ ހިތުގައި ސުވާލުތައް ފުނި ޖެހެން ފެށިއެވެ. ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން އިން ޖެނީގެ މޫނުމަތީގެ ކުލަވަރު ފެނުމުން ޝަޒާ ވާހަކަ ދެއްކީ ލިވީ އާއެވެ.
" ދަރިފުޅު ދޭބަލަ މޫދުން މި ފުޅިއަށް ލޮނު އަޅަން"
ރާޅުޖަހާފަށަށް އިޝާރާތްކޮށް ޝަޒާ އެހެން ބުނެލުމާއެކު ލިވީ ދުއްވައިގަތެވެ. ލިވީ ފަހަތުން އާލްވެސް ހިނގައިގަތީ ޖެނީގެ އެދުމަށެވެ.
" އެހާ ދުވަސްކޮށްފައި ފެނުނީމަ ލައްކަ ވާހަކަ އޮންނަންވާނެ ދޯ!"
ހެމުން ހެމުން ޝަޒާ ބުންޏެވެ.
" އަހަރެން ވަރިކޮށްފައި ހުންނަނީ! އެހެންވެ މިބުނީ އެހެން.."
ޝަޒާގެ ޖުމްލައިން ޖެނީގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ.
( ނުނިމޭ)
