މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހަވީރު ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހަވީރު އޮންނާނީ މާދަމާ 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމުގައެވެ. "މިފްކޯ ކުޑަ ކުދިންގެ ހަވީރު" ގެ ނަމުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހަވީރަކީ، މަސްވެެރިންގެ ދުވަހާ ގުޅުވައިގެން އެ ސިނާއަތާއި ގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނަށް ހިއްސާކޮށް އެ ސިނާއަތާއި މެދު ސްކޫލް ކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި ބާއްވާ ހަވީރެއްކަމުގައިވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
އެ ހަރަކާތް އިންތިޒާމް ކުރަނީ އެ ވުޒާރާ އާއި މިފްކޯ ގުޅިގެންނެވެ. އެ ހަވީރުގެ ހޯސްޓިން ޕާޓްނަރަކީ އާބަންކޯއެވެ.
އެ ހަވީރަކީ ހުނަރުވެެރި ހޭލުންތެރި އަދި ޝައުގުވެރިކަމާއިއެކު ކުދިންނަށް ހޭދަކޮށްލެވޭ ވަގުތު ކޮޅަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ހަވީރެއް ކަމަށް ވެސް ވުޒާރާއިން ބުންޏެވެ. މަސްވެރިކަމާ ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް ފެނިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނި ގޮތުގައި އެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ގެ ނަމުގައި މުބާރާތެއް އޮންނާނެ އެވެ، މުބާރާތުން ހޮވާލެވޭ ކުދިންނަށް ޚާއްޞަ އިނާމްތަކެއް ވެސް ލިބޭނެއެވެ.
އޭގެ އިތުރުން އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ޝައުގުވެރިވާފަދަ ތަފާތު ކުޅިވަރުތަކެއް ކުރިއަށްގެންދާނެ އެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަކޮށްގެން ކުޅިވަރުތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
ރާއްޖޭގެ މަސްވެރިންގެ ދުވަހަކީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ.
