ވާހަކަ: އައިން (20)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ކުއްލިއަކަށް ވިދާލިވިދުވަރުން މުޅިތަނަށް އަލިވެގެން ދިޔައެވެ. އައިންއަށް ވަލުތެރޭގެ ބިރުވެރިކަން ފެނި ހުއްޓެވުނެވެ. އަދި ހާއިޝަށް ބަލާލެވުނެވެ.  އިސާހިތަކު ޖެހި ބާރުގުގުރިއެއްގެ ސަބަބުން އައިންގެ ކަންފަތުގައި އަތްއެޅުނެވެ. އޭރު ކަނާތް ފަރާތުގައި އެމީހުންނާ މާދުރުނޫން ހިސާބެއްގައި ހުރި ރުއްތަކަށް ހޮނުއަޅާއި އަލިފާން ހިފިތަން ބަލަން އެދެމީހުންނަށްވެސް ތިބެވުނީ ސިހިސިހިއެވެ. އަނެއްކާވެސް ދެވަނަ ފަހަރަށް ވިދާލި ވިދުވަރުން އައިން މާބޮޑަށް ބިރު ގަނެއްޖެއެވެ.

"މަންމާ." އައިންއަށް ދުވެފައި އައިސް ހާއިޝް ގައިގާ އޮޅުލައި ގަނެވިއްޖެއެވެ. ހާއިޝް އައިންގެ ގައިގާ ހިފަހައްޓާލިއެވެ. ހިތާމަޔާ ބިރުވެރިކަމުގެ ސަބަބުން އައިންއަށް ކެތް ކުރެވޭ ވަރުނުވީއެވެ. އޭނާ އައިންނަގާ އަތްދަޑިމައްޗަށް ލިއެވެ. އަދި ބާރުހިނގުމެއްގައި ހިނގަމުން ދިޔައީ ގަދަ ފިނިން އައިން ސަލާމަތް ކުރެވޭތޯއެވެ.

ހާސްވެފައި ހުރި ހާއިޝް އެންމެ ކައިރިއަށް ހުރި ގެއަށް ވަނެވެ. އެއީ މީހުން ނޫޅޭ ފަޅުގެއެކެވެ. ފަޅު ގެއެއްނަމަވެސް މިވިއްސާރައާއި ހޮނު އަޅަމުންދާ ގުގުރީގެ ތެރޭގައި ހޭނެތިފައިވާ އައިން ގެންދިއުން ރަނގަޅެއް ނުވާނެކަން ހާއިޝަށް އެނގެއެވެ. އެނޫންގޮތެއް ނެތުމުގެ ސަބަބުން ބައެއް ތަންތަން ވާރޭ ހިޔާނުވާ ބާވެ ހަސްނެތިފައިވާ ގެއަށް ހާއިޝް އައިން ވެއްދިއެވެ. ކުޑަކުދިން ކުޅެން ހަދާފައި ހުރިކަހަލަގޮތަކަށް ދޮންވެލިލާ ހަދާފައި ހުރި މިފެންޑާގައި ފިނިއަށްޓެއްހުއްޓެވެ. ހާއިޝް މަޑުމަޑުން އައިން އެފިނިއަށީގައި ބާއްވާލިއެވެ.

"އައިން." މޫނުގައި ދެތިންފަހަރަކު ޖަހާލިއެވެ.  އައިންގެ ޚަބަރެއް ނުވިއެވެ. މިނުރައްކާތެރި ދަނޑިވަޅުގައި ހާއިޝް ފަރުވާތެރިކަމާއެކު އައިން ރަނގަޅުކުރެވޭތޯ ބެލިއެވެ. ދެއަތާއި ދެފައިގާ ބާރަށް އަތްއުނގުޅާ ހޫނުކޮށްލާ ހެދިއެވެ.

"މަންމާ." އައިން މަޑުމަޑުން ދެލޯހަރަކާތް ކޮށްލިއެވެ.

"އައިން. މިހާރު ރަނގަޅުތަ؟ ލޯ ހުޅުވާލަބަލަ." ހާއިޝް އައިންގެ މޫނުގައި މަޑުމަޑުން ޖަހާލިއެވެ.

"ހާއިޝް." އައިން ހާއިޝްގައިގާ ބާރަށް ހިފަހައްޓާލިއެވެ. އައިން ބޭނުންވަނީ ލޯތްބެވެ. މައިންބަފައިން ނެތުމުގެ ހިތާމައާއި ހާއިޝާ ދުރުވުމުގެ ހިތާމައަކީ އޭނާއަށް ކެތްކުރެވޭ ކަމަކަށް ނުވިއެވެ. މިހުރިހާ ދުވަހު  ހިތާމަތަކަށް ކެތްކުރިނަމަވެސް މިރޭގެ  މި ހިނދުކޮޅު އެހަށިގަނޑު އެގޮތުގައި ހިފެހެއްޓުމުގެ ބާރެއް އޭނާގެ ގަޔަކު ނުވެއެވެ. އޭނާ އިންތިހާއަށް ލޯބިވާ ހާއިޝްގެ ބާރުގަދަ ހަށިގަނޑުގެ ހިމާޔަތް ހޯދިއެވެ. އައިންއަށް އައި މި ބަދަލުން ހާއިޝް އައިން އަށް ފުރިހަމައަށް ލޯބިދިނެވެ. އެ ދެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. އެދެމީހުން އެކަކު އަނެކަކަށްޓަކައި ވަގުތުގެ ނާޒުކުކަމާއި ހާލަތުގެ ނުރައްކާތެރިކަން ހަނދާން ނެތުނެވެ.

އައިންއަށް އޭނާގެ ހަށިގަނޑު ކޮންޓްރޯލް ނުކުރެވުނީތީ އޭނާގެ އަމިއްލަ ނަފުސުދެކެ ފޫހިވިއެވެ.  ކޮންމެފަހަރަކު ހާއިޝް އޭނާގެ އަޒުމު ބަލިކޮށްލާތީ އޭނާގެ ހިތުން އޭނާއަށް މަލާމަތް ކުރިއެވެ.

"ކީއްވެ. އަހަރެން ހާއިޝްގެ ލޯތްބެއް ބޭނުމެއްނޫން. ހާއިޝް ދިމާވާ ކޮންމެ ކަމަކުން އަބަދުވެސް  ނަގަނީ ފައިދާ. ކީއްވެ އަހަރެންނަށް ހާއިޝް ގާތަށް އާދެވެނީ. ތީ ބޭވަފާތެރިއެއްކަން އެނގިހުރެވެސް." ރޮވިފައިވާ އައިން  ކަންތައް ހިނގައިދިޔަގޮތުން ރުޅިއަށް ވުރެބޮޑަށް ދެރަވިއެވެ. އޭނާ ކުރިން ނުހަނު އިހުތިރާމު ކުރި ހަރުދަނާ ހާއިޝްގެ ކިބައިން ފެންނަން އެދުނު ސިފަތައް ނުފެނުނީމައެވެ.

"އައިން." ހާއިޝް އިތުރު އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ކުށެއްނެތްކަން އޭނާއަށް އެނގެއެވެ. އޭނާގެ ދުލުން އެވާހަކަ ކިތަންމެ ވަރަކަށް ބުންޏަސް އެމީހަކަށް އެކަން ގަބޫލުނުކުރެވޭނެ ނަމަ އެދެއްކި ވާހަކައެއް ވާނީ ބޭކާރުކަން އެނގެއެވެ. އޭނާ އައިންއަށް ބަލާލިއެވެ. އެބެލުމުގައިވި އާދޭސް އައިންއަށް އެނގޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ގެއަށްދާން ހިނގައިގަތެވެ.

އެހާދިސާގެ ފަހުން ދެމަސް ވީއިރުވެސް އެ ދެމީހުންނަށްވެސް ދިޔައީ ހިތާމައިގެ ދުވަސްތަކެކެވެ. ވާހަކަ ދެއްކުންވަނީ އެދެމީހުންގެ މިޒާޖުގައި ނެތް ކަމަކަށްވެފައެވެ. އެއްގެއެއްގައި އުޅުނު ނަމަވެސް އެދެމެދުގައި ވަނީ އެތައް މޭލެއްގެ ދުރުކަމެކެވެ. އައިން ކުރާ ކަމަކީ ތަންތަން ސާފު ކުރުމާއެކު ދެކުދިންގެ ކަންތައް ބެލެހެއްޓުމެވެ. އަދި ވަގުތެއް ލިބޭއިރަށް އެ ދެކުދީން ގޮވައިގެން އެކުދިންނާއެކު އުޅުމެވެ. އައިންގެ ފަރާތުން ކުޑަވެސް ހަމްދަރުދީއެއް ކުޑަކުޑަ ރިފާއަށާއި ހާއިޝަކަށް ނުލިބެއެވެ. އޭނާ އެމައުސޫމު ކުޑަ ކުއްޖާދެކެ ނަފުރަތު ކުރެއެވެ.

މިއަދު ހެނދުނުވެސް އާދައިގެ މަތީން ހާއިޝް އުޅުނީ ރިފާ ފެންވަރުވާ ރީތި ކުރުމަށެވެ. އޭރު ބަދިގެތެރޭގައި އައިން އުޅުނީ ސައިކެއްކުމުގެ މަސައްކަތުގައެވެ.

"މަންމާ." ކުއްލިއަކަށް އައިން ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ހާއިޝަށް އައިންގެ މިއަޑުން ސިހުމާއި ބިރުވެރިކަން އެކުލެވިގެންވާކަން ފާހަގަކުރެވުނެވެ. ހަމަ އެއާއެކު ރިފާ އުނދޯލީގައި ބާއްވާފައި ބަދިގެއާއި ދިމާއަށް އޭނާ ދުއްވައިގަތެވެ.

އޭނާ ބަދިގެއަށް ވަންއިރު އައިންއޮތީ އުނދުން ކައިރިއަށް  ވެއްޓިފައެވެ. އޭރު ކެކިކެކި ހުރި ހޫނު ސައިކުރާ އޮތީ މުޅިތަނަށް ބަންޑުންވެފައެވެ. އެއިން ފޭބި ހޫނު ސައިތަކުން އައިންގެ ދެފައި ތިލައަށްވެސް ވަނީ އެޅިފައެވެ. އަދި ބައެއް ފެންތައް ފެތުރެމުންގޮސް އައިންގެ ކަނާތާހަމައަށްވެސްވަނީ ފޯރާފައެވެ.

"އައިން." ހާއިޝް އަތްދަނޑިމައްޗަށް އައިން ލައިގެން ނިކުތެވެ.

"މުދިންބޭ." ހާއިޝް އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ. މުދިންބެ އޭރު ހުރީ ބޭރަށް ނެރެފައިހުރި ފަތްޖެހިއެނދު ކައިރީގައެވެ.

"ކިހިނެއްވީ." މުދިންބެ ހާސްވެފައި އެހިއެވެ.

"ނޭނގެ. ބަދިގެއަށް ވެއްޓިފައި އޮތީ. މިހުރީ ހޫނު ސައި އެޅިފައި. މުދިންބެ އައިންގެ ގާތު މަޑުކޮށްލާ."  ހާއިޝް ދުވެފައި ދިޔައީ ގިފިއްޔަށެވެ. އޭރު މުދިންބެ ފެން ފޮދެއްގެނެސް އައިންގެ މޫނުގައި ހޭކުމުން އައިން ލޯހުޅުވާލިއެވެ.

" އައިން." ހާއިޝް ގޮވާލިއެވެ. އަދި ފަތްޖެހިއެނދު ކައިރީގައި  ބޮޑު ބާލިދީއެއްގައި ފެން ބެހެއްޓިއެވެ.

"ތިއުޅެނީ ކީއްކުރަން. ފެންއެޅީމާ ފޮޅުނަގާފާނެ." މުދިންބެވެސް ހުރީ ކަންބޮޑުވެފައެވެ.

"މުދިންބެ އައިން ގައިގާ ހިފަހައްޓާލާ." މުދިންބެގެ ބަހަކަށް ޖަވާބު ދެވޭވަރަށްވުރެ ހާއިޝް ހުރީ ފަރުވާދިނުމުގައި އަވަސްވެފައެވެ. އޭނާ އައިންނަގާ ފަތްޖެހިއެނދު ގައި ބޭންދިއެވެ. އަދި އައިންގެފައި ފެން ބާލިދީއަށް ލިއެވެ. އަދި ސައި އެޅިފައި ހުރި އަތް ފެންތަށްޓަކަށް ލިއެވެ.

"ކީއްވެ ވެއްޓުނީ." ހާއިޝް އެހިއެވެ.

"ނޭނގެ. ބޮލަށް ފާޑަކަށް އެނބުރުން އެރީ." އޭނާ ޖަވާބުދިނީ މުދިންބެ ހުރީމައެވެ.

"އައިން މިހާރު މާމަދުން ކާތީއޭ އެހެންވަނީ. އެނބުރުން އަރަންޏާ އަވަހަށް އިށީންނަންވާނެއެއްނު." މުދިންބެ ބުންޏެވެ.

"އަހަރެން އެބައަންނަން." ހާއިޝް ބޭރަށް ދާން ހިނގައިގަތެވެ. ހާއިޝް ދުވެފައި ދިޔައީ ޖަމާއަތުގެ ސިއްހީ އެހީތެރިޔާ ގެއަށެވެ. އޭނާގެ އަތުގައި ބޭނުންކޮށްފައި އޮތް ބޭސްފުޅިއެއް އޮތެވެ. ހާއިޝް ވީހާވެސް އަވަހަކަށް އެގެއަށް ގޮސް ބޭސްފުޅި ހިފައިގެން އައެވެ.

"މުދިންބެ ކޮބާ؟" އައިން އެކަނި އިނުމުން ހާއިޝް ދެރަވިއެވެ. އައިން އަނގައަކުން ނުބުނެއެވެ.

"ފެން އެތިން ފައިނަގާ." ހާއިޝް ފައިނަގަން އެހީވަމުން ބުންޏެވެ. އޭނާ އުޅުނީ އައިންގެ ފައިގާ ބޭސް އަޅާށެވެ. އައިންގެ ފިހި ރަތްވެފައި ވާ ފައިން ދިލަނަގާތީ އޭރުވެސް ރޮވެނީއެވެ. ނަމަވެސް ހާއިޝްގެ އަތުން ބޭސް އަޅާކަށް އޭނާ ގަބޫލެއްނޫނެވެ. އެހެންކަމުން ދެފައި އޭނާގެ ގާތަށް ދަމާލިއެވެ.

"އައިން. ބޭސްނާޅާ ތިވަރުގެ ތަނެއް ރަނގަޅުކުރާނީ ކިހިނެއް؟" ހާއިޝް ހިތްހަމަހަމައެއް ނުޖެހުނެވެ. ނަމަވެސް އައިން ހުރީ ފައި ދޭ ގޮތަކަށް ނޫނެވެ. އޭނާ ހާއިޝްދެކެ ފޫހިވާ މިންވަރަކީ ކިތަންމެ ވޭނުގައި ވިޔަސް ހާއިޝްގެ އޯގާތެރިކަމެއް ބޭނުމެއް ނުވުމެވެ.

"އައިން. ބޮޑާ ނުހާކާ." ރުޅިއައިސްފައިވާ ހާއިޝް އައިންގެ ފައިގާ ހިފާލާ ތެދުކޮށްލިއެވެ. އަދި ބޭސް އުނގުޅައިދެމުން ދިޔައެވެ. އެކަކު އަނެކަކަށް ވާހަކަ ދެއްކުމެއް ނެތެވެ. އެ ދެމެދުގައިވަނީ ހިމޭންކަމެވެ. އައިންގެ ލޮލުން ފައިބާ ކަރުނަތައް ކޯތާފަތްމައްޗާ ހަމައަށް ފައިބައިގެން ދެއެވެ.

"އައިން އެއްޗެއް ކައިފިންތަ." ރޮއެރޮއެ ބަލިވެފައިވާ ރިފާ ގޮވައިގެން ގެއިން ނިކުތް މުދިންބެ އެހިއެވެ.

އައިން ނޫނެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ހާއިޝަށް އެވަގުތު އައިންގެ މޫނަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ކުރިއަސަރަކީ މީންދުވަހަކުވެސް އިހުސާސްކުރެވުނު ހިތާމައަށް ވުރެ ބޮޑު ހިތާމައެވެ. އައިންއަށް އެފަދަ އަނިޔާއެއް ލިބުމަކީ އޭނާ ނުހަނު ދެރަވާކަމެކެވެ. އައިންއަށް އެއްވެސް ގެއްލުމެއް ހިތާމައެއް ލިބުމަކީ އޭނާއަށް ކެތްކުރެވޭ ވަރުކަމެއް ނޫނެވެ. އޭނާއަށް އައިން ލިބުނީ ރަސްދަރިކަނބަލަކާއި އެއްފެންވަރެއްގައި އުޅެނިކޮންނެވެ. ނަމަވެސް މިއަދު އައިން އެވަނީ އޭނާގެ ސަބަބުން ނިކަމެތިވެފައެވެ.

"ކުދިންކޮޅު ކޮބާ." އައިން ރޮވިފައިވާ އަޑަކުން ބުންޏެވެ.

"ދެކުދިންނަށްވެސް ތިބީ ނިދިފައި." މުދިންބެ ޖަވާބުދިނެވެ. ހާއިޝް ތެދުވެގެން ދިޔައެވެ. ދެތިން މިނިޓެއްހާއިރު ތެރޭގައި އޭނާއައީ ޖެހިގެން ހުރިގެއިން ރޮށިކޮޅަކާއި ކުޅިމަސްކޮޅެއް ހިފައިގެންނެވެ.

ފަތްޖެހިއެނދު ކައިރީގައި ގޮނޑިއެއް ބަހައްޓާފައި ކާތަށި ބަހައްޓަމުން އައިންގެ ގާތުގައި ހާއިޝް އިށީދެލިއެވެ. އޭނާގެ އަވަސް ހަރަކާތަކާއެކު ރޮށިކޮޅެއް ނައްޓާލާފައި ކުޅިމަސްކޮޅުގައި ޖައްސާލިއެވެ. އަދި އައިންގެ އަނގަޔާ ދިމާއަށް ދިއްކޮށްލިއެވެ. އައިން އެނބުރުނީ އަނެއް ފަރާތަށެވެ. އޭނާގެ ކަރުނަޔާއި ހިތްދަތިކަން ހާއިޝަށް ނުދެއްކުމަށްޓަކައެވެ.

"އައިން. މީތިކޮޅު ކާލާ. އައިން ގަދަނުވަންޏާ ކުދިންނަށް ވާނީ ކިހިނެއް؟" ހާއިޝް ދެރަވެލާފައި ބުންޏެވެ. ނަމަވެސް އައިން މޫނުވެސް އަނބުރައެއް ނުލިއެވެ. އޭނާ ވަނީ ދެރަވެފައެވެ. ހަޔާތުގައި އޭނާއަށް ލިބުނު ހުރިހާ އެއްޗެއް ގެއްލުނީއެވެ. އޭނާ އެމީހަކަށްޓަކައި ހުރިހާ އެއްޗެއް ދޫކޮށްލާފައި އައި ހާއިޝްވެސް އޭނާއަށް ގެއްލުނީއެވެ. އޭނާ ހާއިޝަކަށް  ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. މިއަދު އެންމެފަހުން އޭނާގެ ސިއްހަތުވެސް ގެއްލުނީއެވެ.

"އައިން. ހިތްވަރުކުރޭ. އައިންއާނުލާ އަހަރެންނަށް ވާނީ ކިހިނެއް." ހާއިޝަށް އައިންގެ މޫނަށް ބަލާލެވުނެވެ. އައިންގެ މޫނުން ފެނުނީ ހާއިޝާމެދު ނުރުހިފައި އިންވަރެވެ. އިތުބާރު ގެއްލިފައިވުމާ ފަރުވާކުޑަކަމެވެ.

" މިބުނީ އެދެކުދިންނަށް ވާނީ ކިހިނެއް." ހާއިޝަށް ބޭއިޚްތިޔާރުގައި ބުނެވުނު ބަސްކޮޅު އޮޅުވާލެވޭތޯ އެންމެ ފަހުން ބުނެލިއެވެ.

"އައިން. ޕްލީޒް އެއްޗެއް ކާލަބަލަ." ހާއިޝް އެތައް މަސައްކަތަކާއެކު އައިންއަށް އެއްޗެއް ކާންދެވޭތޯ އުޅުނެވެ. ހާއިޝް ރޮށިކޮޅު ދިއްކުރި އަތް އައިން އަނގަޔާއި ކައިރިވަމުން ދިއުމުން އައިންގެ ރަނގަޅަށް އޮތް އަތުން ހާއިޝްގެ އަތް  ދުރުކޮށްލެވޭތޯ ބެލިއެވެ. ނަމަވެސް ހާއިޝް އައިންގެ އަތުގައި ވާތުން ހިފާލިއެވެ. އަދި ހާއިޝްގެ މޭގައި އެއަތް ޖައްސާލިއެވެ.

"އައިން. އަހަރެންދެކެ ކިތަންމެ ރުޅިއަޔަސް އައިންގެ ސިއްހަތަށް ބަލަންޖެހޭނެ. ދަރިންގެ ހައްގުގައި ނަމަވެސް މީތިކޮޅުކާލާ." ހާއިޝް މިބުނި ޖުމްލައިން އައިން ދެރަވިއެވެ. އޭނާ ދަރިންދެކެ ވަރަށް ލޯބިވެއެވެ. އޭނާއަށް ގޮތެއް ވެއްޖެއްޔާ ދަރިންނަށް ވާނެގޮތެއް ހިތަށްވެސް އަރުވާލަން ނޭނގެއެވެ. ހާއިޝްގެ ކުރިމަތީ ނުރޯން އުޅުނުނަމަވެސް އޭނާއަކަށް އެކަމެއް ނުކުރެވެއެވެ. އޭނާ ކަރުނުން ތެމިފައިވި ދެލޯ ފޮހެލިއެވެ. އަދި ތުރުތުރު އަޅާ ތުންފަތް ހުޅުވާލިއެވެ. ހާއިޝް އެރޮށި ހުސްވާންދެން އައިންއަށް ކާންދިނެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *