(8 ޑިސެމްބަރ 2023 ނޫހާއިގުޅޭ)
" އެހާ ދުވަސްކޮށްފައި ފެނުނީމަ ލައްކަ ވާހަކަ އޮންނަންވާނެ ދޯ!"
ހެމުން ހެމުން ޝަޒާ ބުންޏެވެ.
" އަހަރެން ވަރިކޮށްފައި ހުންނަނީ! އެހެންވެ މިބުނީ އެހެން.."
ޝަޒާގެ ޖުމްލައިން ޖެނީގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. އަދި ސުވާލުގެ ނަޒަރުން އޭނާއަށް ޝަޒާގެ މޫނަށް ބަލަން ފެށުނެވެ.
" އަނިޔާ ކުރާތީ ވަރިވީ!"
ޝަޒާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޖެނީއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
" އެނގޭތަ؟ އޭނަ ރުޅި އަޔަސް ބަނޑުހައި ވިޔަސް، މަށަށް ހުރިހާ ވަރެެއް ކުރާނީ! އެއްވެސް މަސައްކަތެއް ނުކުރާނެ.. ގޭގައި އިނދެގެން ހެދިކާ ހަދަައިގެން އަހަރެން ހޯދާ ރުފިޔާކޮޅުވެސް އޭނަ ބޭނުން ކުރާނީ.. އަބަދު ސިނގިރެޓްބޮއި ފޯނަށް ލާރި އަޅާ ހަދަން މަގޭ އަތުން ލާރި ހޯދާނީ އަނިޔާ ކޮށްގެން.. އަހަރެންގެ ބައްޕަ ނިޔާވި އިރު މަށަށް އެތަންކޮޅު ލިބިފައި ނެތް ނަމަ މަށާ، މިދަރިފުޅު މިއަދު މަގުމަތިވީސް"
އަސަރާއެކު ޝަޒާ ދެއްކި ވާހަކަތައް އަޑުއަހަން ޖެނީއަށް އިނދެވުނީ އާޝޯހް ވެފައެވެ. ހިތްދަތިކަމުގައިވެސް މީހުން ދިރިއުޅޭކަން ހިތަށް އެރިއެވެ.
" ދެން މިހާރު އޭނަ ޚަރަދު ކުރޭތަ؟ "
ޖެނީ އަހާލިއެވެ.
" ނޫން! އޭނަ ނުދޭ އެއްވެސް އެއްޗެއް.. މިހާރު އޭނަ އުޅޭ ނޫޅޭ ތަނެއްވެސް ނޭނގެ.. އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ވަރިކުރި ފަހުންވެސް! "
ދުރުގައި ކުޅެން އިން ލިވީއަށް ބަލަހައްޓައިގެން އިނދެ ޝަޒާ ވާހަކަ ދެއްކިއެވެ. އޭރުވެސް ޖެނީގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދެއެވެ.
" ދެން ކިހިނެއް ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަނީ؟"
ލިވީއަށް ބަލައިލަމުން ޖެނީ އަހާލިއެވެ.
" އެކަނިވެރި މައިންނަށް ލިބޭ ފައިސާގެ އިތުރުން އަހަރެން އަދިވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ފައިސާ ހޯދަން! ކޭކު އަޅައިގެން ފިހާރަ ތަކަށް ލަނީ.. ކައިގެން ބޮއިގެން އުޅެވޭވަރުވަނީ ކިރިޔާ! އެކަމަކުވެސް އަހަރެން ބަލަން މަހަކު ފަސްސަތޭކަ ރުފިޔާގަނޑުވެސް ރައްކާކުރެވޭތޯ"
ޝަޒާގެ ވާހަކަތަކުން ޖެނީގެ ހިތް، ރަހުމުން ފުރުނެވެ. ޝަޒާއާމެދު ހަމްދަރުދީ ވެވުނެވެ. އެހެންކަމުން ކޮންމެވެސް ގޮތަކަށް އޭނާއަށް އެހީތެރިވާންވެސް ޖެނީ ބޭނުންވިއެވެ.
" މަންމީ! ނިދި އަންނަނީ.."
ދުވެފައި އައިސް ލިވީއަށް ބުނެވުނީ ރޮވެމުންނެވެ. އެއާއެކު ޝަޒާ އަވަސް އަވަހަށް ލިވީގެ ގައިން ވެލި ފޮޅަން ފެށިއެވެ.
" އާނ! ވަރަށް އިރުވެއްޖެޔޭދޯ އަހަރެމެން އައިސްގެން އުޅެނީ.. ހިނގާދޯ ދާން.."
ޝަޒާ ތެދުވަމުން ބުންޏެވެ. އެއާއެކު އިސްއުފުލައި ޝަޒާއަށް ބަލައިލަމުން ޖެނީ ބުނެލިއެވެ.
" އޭ މަށަށް ނަންބަރު ދޭންވާނެ އެއްނު.. އަހަރެން ގުޅާނަން އަދި ބައްދަލުވެލަން"
ޖެނީގެ އެދުމަށް ދެމީހުން އެކަކު އަނެކަކަށް ނަންބަރު ދިނެވެ. އެއަށްފަހު ލިވީ އުރާލައިގެން ޝަޒާ ހިނގައިގަތީ މަގާ ދިމާއަށެވެ. ޝަޒާ ދިޔުމާއެކު ޖެނީވެސް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.
***
" ގައިމުވެސް އަހަންނަކަށް އެގޮތަކަށް ނޫޅެވޭނެ.. ޝަޒާ ހާދަ ކެތްގަދައޭ! "
އެނދުމަތީގައި އޮތް އާލިމްއާ ވާހަކަ ދައްކަމުން ޖެނީ ބުންޏެވެ.
" ފިރިއަކާނުލައި ދަރިޔަކު ބޮޑުކުރަނީ ފައިސާގެ އެހީއެއްވެސް ނެތި! އަހަންނަށް މިއަދު އަބަދާއަބަދު އެކަމާ މި ވިސްނެނީ! އަހަރެން ބޭނުން ޝަޒާއަށް އެހީވާން"
ޖެނީގެ ޖުމްލައިން އާލިމް ކުރު ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ޖެނީއަށްވެސް އެނގޭނެ އަހަރެމެންނަށް މި ލިބޭ ލާރިން ކިރިޔާ މި އުޅެވެނީ! އެހެންވީމަ ފައިސާގެ އެހީތެރިކަން ކޮންމެ މަހަކު ނުދެވިދާނެ.. އެކަމަކު އަހަރެން ކޭހުން މި ގަންނަ ކާއެއްޗެހިން އޭނައަށް ކައްކާނެ އެއްޗެހި ދެވިދާނެއެއްނު"
އާލިމް އެހެން ބުނުމުން ޖެނީ ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން އިސްތިރި ކުރަން، ނެގި ގަމީސްވެސް ބާއްވާފައި އޭނާ އައިސް އާލިމްގާތު އިށީނދެލިއެވެ.
" އާލިމް ފަހުން ބުނީމެއްނު މިގޭގެ ކަންތައްތައް ކުރަން ބޭރު މީހަކު ގެންނަން އޯކޭއޭ.. ޝަޒާއަށް ވަންޏާ، އެ މުސާރަ އޭނައަށް ދީގެން މިގެއަށް ޝަޒާ ގެންނަންވީނު.. އޭރުންވެސް އޭނައަށް އެހީއެއް ވެވުނީއެއްނު"
ޖެނީ އިނީ ސީދާ އާލިމްގެ މޫނަށް ބަލާށެވެ. ހިތްހަމަ ނުޖެހޭފަދަ ގޮތަކަށް އާލިމް ޖެނީއަށް ބަލައިލީ ހައިރާންކަމާއެކުގައެވެ.
" ދެން ޕްލީޒް އާލިމް…"
ޖެނީ ކުރުނުކޮށް ކިޔާނެކަން އެނގޭތީ އާލިމަށް ޖެހުނީ އެންމެ ފަހުން އެކަމަށް އެއްބަސްވާށެވެ.
" ހޫމް.. އެންމެ ރަނގަޅު.. އަޅެ ތިބުނާ ކުއްޖަކު ގާތު އަހާބަލަ އެގޮތް ރަނގަޅުތޯ! އެކަމަކު އަހަންނަށް ދެވޭނީ ގިނަވަގެން ތިން ހާސް ރުފިޔާ! ފަހުންވެސް މުސާރަ ބޮޑެއް ނުކުރެވޭނެ"
ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު އާލިމް އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ. ބޭރު މީހަކު ގެއަށް ގެންނަންވެސް އޭނާ އެއްބަސްވީ ޖެނީގެ އާދޭހަށެވެ. އާލިމް ކިތަންމެ ދެކޮޅު ހެދި ނަމަވެސް އެންމެފަހުން ކަންތައްވެ ނިމެނީ ޖެނީ ބޭނުންވާ ގޮތަށެވެ. އެއީ އަބަދުވެސް ކަންތައް ވާނެގޮތްކަން އާލިމަށް އެނގެއެވެ.
އާލިމް ދިޔުމާއެކު ޖެނީ އަވަސްވެގަތީ ޝަޒާއަށް ގުޅާށެވެ.
" އަހަރެންގެ ފިރިމީހާ ބޭނުންވޭ އަހަންނަށް އެހީވެދޭން މިގެއަށް ބޭރު މީހަކު ގެންނަން.. އެކަމަކު އެއީ އަހަރެން އެހާ ހިތްހަމަ ޖެހޭ ގޮތެއް ނޫން!"
" ކީއްވެ ހިތްހަމަ ނުޖެހެންވީ؟ ޖެނީއަށްވެސް ފަސޭހަ ވާނެއެއްނު "
ޝަޒާ ސުވާލުކުރިއެވެ.
" އެއީ..ދެން ބޭރު މީހުންވީމަ! އަަހަރެން ބޭނުންވަނީ ދިވެއްސެއް.. "
ޝަޒާގެ އިތުރު ސުވާލެއްގެ އިންތިޒާރުގައި ޖެނީ މަޑުކޮށްލިއެވެ.
" މިހާރު ވަރަށް ދިވެހިން ނޫޅެއެއްނު ގޭގޭގައި މަސައްކަތް ކުރަން.. ކިޔަވާ ކުދިންވެސް އުޅެނީ ލާރި ދީގެން ގޭގޭގައި"
ޝަޒާގެ ވާހަކަ ހުރި ގޮތުން ޖެނީއަށް އިތުރަށް ވިސްނާލަން ޖެހުނެވެ. ނަމަވެސް އޭނާގެ ހުށަހެޅުން ޝަޒާ ގަބޫލު ކުރޭތޯ ބަލަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.
" ޝަޒާއަށް އަަހަރެން ވަޒީފާއެއް ދިނިއްޔާ ގަބޫލު ކުރާނަންތަ؟ "
އިތުރަށް ލަސްކުރުމެއްނެތި ޖެނީ އެހިއެވެ. ޖެނީގެ ސުވާލުން ޚުދު ޝަޒާއަށްވެސް ވިސްނަން މަޖުބޫރުވިއެވެ.
" އަހަންނަށް؟ ކޮންކަހަލަ ވަޒީފާއެއް؟ "
ޝަޒާއަށް އަހާލެވުނީ ނުހަނު އަވަހަށެވެ. އެއާއެކު ޖެނީ ކުޑަކޮށް ހީލި އަޑު ޝަޒާއަށް އިވުނެވެ.
" ބޭރުމީހަކަށް އަހަރެން ދޭން މިއުޅުނު ވަޒީފާ! ޝަޒާ އެކަން ގަބޫލު ކޮށްފިއްޔާ ޝަޒާއަށް މަހަކު ދޭނަން ހަތަރުހާސް ރުފިޔާ! "
އެއާއެކު ޝަޒާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
***
" ކީކޭ؟ ހަތަރުހާސް ރުފިޔާއޭ؟ ޖެނީ! ޖެނީ! އަހަރެން ކިހިނެއް ހަތަރުހާސް ރުފިޔާ ދޭނީ؟ ޕާޓް ޓައިމްކޮށް ދެތިން ގަޑިއިރު މަސައްކަތްކޮށްލަން ބޭރު މީހުންވެސް އައިސްދޭނެ މަހަކު އެއްހާސް ރުފިޔާއަށް! މި ގޭތެރެ ފޮޅާ ސާފުކޮށްލަން އެގޮތަށް މީހަކު ގެންނަން އަހަރެން އެއްބަސްވީ! އެކަމަކު… އަހަރެން ކިހިނެއް ހަތަރުހާސް ރުފިޔާގެ މުސާރައެއް ދޭނީ؟"
އިސްޖަހާލައިގެން އެނދުމަތީގައި އިން ޖެނީގެ ކުރިމަތީގައި ހުރެ އާލިމް ބުނެލީ ނުހަނު ބާރަށެވެ.
" އެކަމަކު… އަހަންނަށް ބުނެވިއްޖެ އެވަރު ދޭނަމޭ! އޭނަ ހުރީ އަންނަގޮތަށް"
ޖެހިލުންވެ އިނދެ ޖެނީ ބުންޏެވެ. އެއާއެކު އާލިމް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އެއް އަތް ކޮށްޕާލުމަށްފަހު ބާރުބާރަށް ހިފާލިއެވެ.
" އާހް! ޖެނީ ކީއްވެތަ ކަންތައްތައް ނިންމާއިރު އަހަންނާ ހިއްސާ ނުކުރަނީ؟ ފައިސާ ހޯދަން އަހަރެން އުޅޭ ހާލު ޖެނީއަށް އެނގެއެއްނު! މިއަދުވެސް ޑިޔުޓީ ނިންމިގޮތަށް ހަތަރު ގަޑި އިރު ކާރުގައި އުޅެފައި މިއައީ! "
މަޑުމައިތިރި ރާގެއްގައި އާލިމް ވާހަކަ ދެއްކީ ޖެނީއަށް ވިސްނައިދޭށެވެ.
" ކޮންމެ މަހަކު ކާރުންވެސް ލިބެއެއްނު ފަނަރަ ވަރަކަށް ހާސް ރުފިޔާ! "
އާލިމް ދެއްކި ވާހަކަތައް ގަބޫލު ކުރުމެއްނެތި ޖެނީ ބުންޏެވެ. އޭނާގެ ޖުމްލައިން ޖެނީއަށް އެއްޗެއް އޮޅުންފިލުވައި ދިނުމަކީވެސް ބޭކާރު ކަމެއްކަން އާލިމަށް އެނގުނެވެ. އެހެންކަމުން އޭނާ ފުންމައިގެން ތެދުވެ ޖެނީއަށް ފުރަގަސްދިނެވެ.
" މިގޭގައި މި ހިނގާ ހުރިހާ ޚަރަދު ތަކަކަށް ފަންސަވީސް ހާސް ރުފިޔާ އަރައޭ! އެ ފައިސާ ޚަރަދުކޮށްފައި ރައްކާކުރަން އަހަރެމެން އަތުގައި އޮންނަ އެއްޗެއްވެސް ތިއުޅެނީ ޖެނީ ބޭނުން ގޮތަކަށް ބުރުވާލަން! "
އެހެން ބުނެލުމަށްފަހު އާލިމް ބާރުބާރަށް ނިކުމެގެން ދިޔައެވެ. ދޮރާ ދިމާއަށް ބަލަހައްޓައިގެން ޖެނީއަށް ހުރެވުނީ ނުހަނު ކަންބޮޑުވެފައެވެ. ނިދިފައި އޮތް އާލްއަށް ބަލައިލުމަށްފަހު ޖެނީވެސް ނިކުތީ ބޭރަށެވެ. ކޮޓަރިން ނިކުތުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި އޮތް އާލިމެވެ. ބޯމަތީގައި އަތް ބާއްވާލައިގެން އޭނާ އޮތް ގޮތުން އެކަމާ އޭނާ ވިސްނަނީކަން ޖެނީއަށް އެނގުނެވެ.
" އަހަރެން އޭނަ ގާތު ބުނެފާނަން ދެން ނާންނަން"
ސޯފާގެ ކޮޅުގައި އިށީންނަމުން ޖެނީ ބުނެލިއެވެ. އެއަޑަށް އާލިމް ބޯހިއްލާލުމަށްފަހު އިސްޖަހައިގެން އިން ޖެނީއަށް ބަލައިލިއެވެ. އޭނާ މަޑުމަޑުން ތެދުވެ، ޖެނީއާ ޖެހިގެން އިށީނދެ ހަމަޖެހިލަމުން ދެއަތުން މޫނު ފުހެލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.
" އާހް! ތިހުރީ ޖެނީ ކަންތައް ކުރާ ގޮތް.. ދެން ތިހެން ބުނަންވީމަވެސް ޖެނީދޯ ލަދު ގަންނާނީ؟ އަހަރެން އަބަދުވެސް މި ބުނަނީ ލާރި ރައްކާކުރަން މަސައްކަތް ކުރާށޭ! އަޅެ ވިސްނާލަބަލަ! މީހަކު ގެނެސްގެން ކަންތައްތައް ކުރާހާ މިގެ ބޮޑީތަ؟ ނޫނީ ނުކެއްކިގެން ތިއުޅެނީ ހަމަ މިގޭގައި އެހާވެސް މީހުން ގިނައީތަ؟ "
އާލިމް ވާހަކަ ދެއްކީ އޯގާތެރިކަން އެކުލެވޭ ރާގެއްގައި އެހާމެ މަޑުންނެވެ. އޭނާގެ އެންމެ ފަހު ޖުމްލައާއެކު ޖެނީ ތެދުވެއްޖެއެވެ.
"ތިއީ އަހަންނަށް އެހީވާން މީހަކު ގެންނަ ވާހަކަ ބުނި ހިސާބުން އާލިމް ދެއިރު ދެދަޅައަށް ކުރާ ސުވާލުތަކެއް! އަހަރެން މިހާރު ބުނެފީމެއްނު އަހަރެން މީހަކު ގެންނާކަށް ނޫޅެމޭ! "
ބާރުބާރަށް ޖެނީ އެހެން ބުނުމަށްފަހު ހިނގައިގަތެވެ. ނަމަވެސް ޖެނީގެ އަތުގައި ހިފުމަށްފަހު އާލިމް އޭނާ ހުއްޓުވަމުން ކޮޅަށް ތެދުވިއެވެ. އަދި ލުއި ހިނިތުންވުމެއްގައި ހުރެ ޖެނީގެ ގައިގައި ފަހަތުން ބައްދާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ހާދަ އަވަހަކަށް ރުޅި އައީ؟ "
އާލިމްގެ ޖުމްލައަށް އެއްވެސް އެއްޗެއް ބުނުމެއްނެތި މަޑުމަޑުން ޖެނީ ހުއްޓެވެ.
" މުޅި ދުވަހު އަހަރެން މި މަސައްކަތްކުރަނީ ހަމަ ޖެނީގެ އުފަލަށް! އެހެންވީމަ.. ދެންވެސް އަހަންނަށް މަސައްކަތް ކުރެވޭނެ! ތި ބުނާ ފްރެންޑްގާތު ބުނޭ މާދަމާއިން ފެށިގެން މަސައްކަތަށް ނިކުންނަން! އޭނައަށް މުސާރަދެވޭ ބަލަން އަހަރެން ރޭގަނޑުވެސް ކާރަށް އަރާނަން."
އަސަރާއެކު އާލިމް އެހެން ބުނެލުމުން ޖެނީ ތެޅިގަނެފައި އާލިމަށް ބަލައިލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. އާލިމްގެ ކަރުގައި އެލިގަންނަމުން ޖެނީ ހެވިފައި ވާހަކަ ދައްކަން ފެށިއެވެ.
" އަޅެ ހަމަ އަސްލުތަ؟ އަހަރެން މިދަނީ ހަމަ މިހާރު އޭނައަށް ގުޅަން… އެހެންވީމަ ދެން އަހަރެން ނުޖެހޭނެތާ އެއްވެސް ކަމަކަށް ވިސްނާކަށް! އެހާ ބޮޑު މުސާރައެއް ދެންޏާ އޭނަ ޖެހޭނެ ވަރަށް ގިނަ ވަގުތު މަސައްކަތް ކުރަން"
އާލިމްގެ މޫނުގައި ފިރުމާލުމަށްފަހު ޖެނީ ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. ލޯމަތިން ޖެނީ ގެއްލެން ދެން އާލިމަށް ހުރެވުނީ ބަލާށެވެ. ލުއި ހިނިތުންވުމެއްގައެވެ. ނަމަވެސް އެ މޫނުމަތީގައި އަދިވެސް ހުރީ ކަންބޮޑު ވުމުގެ އަސަރުތަކެވެ. އިތުރަށް ކުރަންޖެހޭ މަސައްކަތް ބޮޑުވީ ވަރަކަށް ސިކުނޑިއަށްވެސް ބަރުވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ޖެނީގެ އުފަލަށްޓަކައި ކޮންމެ ކަމެއްވެސް އޭނާއަށް ކުރެވިދާނެކަން ޖެނީއަށް އަންގައިދޭން އާލިމް ބޭނުންވެއެވެ.
( ނުނިމޭ )
