ލީމާ އަކީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ލީމާގެ މައިންބަފައިން ބޭނުންވީ ދަރިފުޅު، އެމީހުން ފަދަ ތަނަވަސް މީހަކާއި ކައިވެނިކުރުވާށެވެ! ނަމަވެސް ލީމާ އެކަން ޤަބޫލުނުކޮށް ބޭނުންވީ ތަނަވަސްކަމެއް ނެތް ޒުވާނަކާއި ކައިވެނިކުރާށެވެ.
ލީމާގެ މައިންބަފައިންގެ އެންމެ ބޮޑު ބޭނުމަކީ ދަރިފުޅުގެ ހިތްހަމަޖައްސައިދީ އުފަލުގައި ގެންގުޅުންކަމަށްވާތީ ލީމާ ކައިވެނިކުރަން ބޭނުންވި ޒުވާނާ އާއި ކައިވެނިކޮށްދިނެވެ. އަދި އެމީހުންގެ ކުންފުންޏަކުން އިސް މަޤާމެއްވެސްދީ ރަނގަޅު މުސާރައެއްވެސް ދޭން ފެށިއެވެ.
މިފަދަ ރަނގަޅުގޮތްތަކެއް އޭނާއަށް މެދުވެރިވުމުން އޭނާ ޝުކުރުވެރިއެއް ނުވިއެވެ. އޭނާއަށް ޤަބޫލުކުރެވުނީ އޭނާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ލީމާ އޭނާދެކެ ލޯބިވާތީ ރުހިގެން ހުންނާނެ ކަމަށެވެ. އެހެންވެ ލީމާއާއިމެދު އިހާނެތި ގޮތްގޮތަށް ކަންކަން ކުރަން ފެށިއެވެ.
އެކަން އިޞްލާޙު ކުރުވޭތޯ ލީމާ ކުރި މަސައްކަތުގެ ތެރެއިން ސިއްރު އައިޑީއަކުން ފިރިމީހާ އާއި ޗެޓްކުރަން ފެށިއެވެ. ދުވަސްކޮޅެއްވީތަނާ އޭނާ ކައިވެނިކޮށްގެން އުޅޭ ލީމާ ދެކެ އެއްގޮތަކަށްވެސް ލޯބިނުވާކަމާއި ލީމާ އާއި ވަކިވާން ވިސްނަމުން އަންނަކަމަށް ބުނަން ފަށައިފިއެވެ. އަދި ޗެޓްލީމާ ބޭނުންނަމަ މިހާރުވެސް ލީމާ ވަރިކޮށްލާފައި ކައިވެނިކޮށްފާނެ ކަމަށްވެސް ބުނަން ފަށައިފިއެވެ.
ދެމީހުން އެކުގައި ތިބެގެން ޗެޓްކުރަމުންވެސް ލީމާ، އޭނާ ގޮވައިގެން ބޭރަށްދާން ފިރިމީހާ ގާތުގައި ބުނެފިނަމަ ބުނަނީ "ވަރަށް ބިޒީ" ކަމަށެވެ. ލީމާ މިކަންކަމަށް ކެތް ނުކުރެވިގެން އެންމެފަހުން މަންމަގެ ޚިޔާލެއް ހޯދުމުން ބުނީ ދަރިފުޅު އަޅައިވެސް ނުވާ މަޑުން ހުރުމަށާއި އަންނަ ހަފްތާ ބަންދުގައި ތިއަ މައްސަލަ ރަނގަޅު ގޮތަކަށް ޙައްލުކުރާނެ ކަމަށެވެ.
ހަފްތާ ބަންދުގައި ލީމާގެ ފިރިމީހާ މަސައްކަތްކުރާ ކުންފުނީގެ ހުރިހާ މުވައްޒިފުންނަށް ޚާއްޞަކޮށްގެން ޙަފްލާއެއް ބޭއްވިއެވެ. އެ ހަފްލާގައި ލީމާގެ ބައްޕަ ބުނީ އުމުރުން ދުވަސްވާތީ މަސައްކަތް މަދުކުރަން ބޭނުން ވެގެން އެކުންފުނީގެ ސީއީއޯއަކަށް އޭނާއަށް އިތުބާރުކުރެވޭ އަދި މުވައްޒިފުންނަށްވެސް އިތުބާރުކުރެވޭ ރަނގަޅު މީހަކު ހޮވުން އެރޭ އޮންނާނެ ކަމަށެވެ. ޝަރުޠަކީ އެއްވެސް މީހަކަށް، ޚާއްޞަކޮށް ކައިވެނިކޮށްގެން ހުރިނަމަ ބައިވެރިޔާއަށް ދޮގާ މަކަރު ނުހަދާ މީހަކު ކަމުގައިވުން ކަމަށެވެ.
މިގޮތަށް އިޢުލާނުކުރުމުން އެންމެންނަށްވެސް ހީވީ ލީމާގެ ފިރިމީހާއަކީ އެހައި މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ނުވުމުން ލީމާގެ ފިރިމީހާއަށް އެ މަޤާމްދޭން ބޭނުންވެގެން ހުށަހެޅި ޝަރުޠެއް ކަމަށެވެ. އެހެންވެ އަވަސް އަވަހަށް އެމަޤާމަށް އޭނާ ކުރިމަތިލިއެވެ. އެހެން 2،3 މުވައްޒިފަކުވެސް ކުރިމަތިލިއެވެ.
ލީމާގެ ބައްޕަ ފުރަތަމަ އިންޓަރވިޔުކުރީ ލީމާގެ ފިރިމީހާ އާއިއެވެ. އޭނާ ލީމާ ދެކެ ލޯބިވަންތޯ ލޯބިވާ އެހެން އަންހެނަކު ހުންނާނެތޯ ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ބުނީ ނުހުންނާނެ ކަމަށެވެ. އެހެން ބުނުމުން ޗެޓްލީމާ އާއި އޭނާ ދައްކާފައިވާ ވާހަކަތަކުގެ ޗެޓްލޮގް ސްކްރީނަށް އަރުވާ އެންމެންނަށް ދެއްކުމުން ބުނީ އެއީ އޭނާގެ ނަން ބޭނުންކޮށްގެން ކޮންމެވެސް މީހަކު ކޮށްފައިވާ ވައްކަމެއް ކަމަށެވެ. ލީމާ ދެކެ ލޯބިނުވާކަމަށާއި ވަކިވާން ބޭނުން ނުވާކަމަށް ދުވަހަކުވެސް އެއްވެސް މީހެއްގެ ގާތުގައި ބުނެފައި ނުވާނެ ކަމަށެވެ.
އެހިސާބަށް ފިރިމީހާގެ ވާހަކަދިއުމުން ލީމާ ގޮސް ސްޓޭޖަށް އަރައި ބައްޕަ ގާތުގައި ހުރި މައިކް ބޭނުންކޮށްގެން ބުންޏެވެ. "އަހަރެންވެސް ޤަބޫލުކުރަން ބޭނުންވަނީ އަހަރެންގެ ފިރިމީހާ އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ޔަޤީންކޮށްލަން ޖީބުގައި ތިއައޮތް ފޯނު ނިކަން ދީބަލާށެވެ!" އޭނާއަކަށް ފޯނެއް ނުދެވުނެވެ. ދެން ލީމާ، ފިރިމީހާ އާއި އޭނާއަށް އޮޅުވާލައިގެން ޗެޓްކުރަން ބޭނުންކުރި ނަމްބަރުން ފިރިމީހާއަށް ގުޅާލާފައި، އެގުޅަނީ ކާކުކަން މިތިބަ އެންމެންނަށް ފެންނާނެ ގޮތަށް ފޯނު ނަގައި ދައްކާލަން ބުންޏެވެ.
ފިރިމީހާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ހަތަރު އުދަރެސް ފެނުޖެހި ނިމުނީއެވެ. ލީމާ އިޢުލާނު ކުރީ އޭނާގެ ފިރިމީހާގެ 2 ވަޒީފާވެސް މިވަގުތުން ފެށިގެން ގެއްލުނީ ކަމަށެވެ. އެއީ ކުންފުނީގެ ވަޒީފާ އާއި އޭނާގެ ފިރިމީހާ ކަމުގެ ވަޒީފާ ކަމަށްވެސް ބުންޏެވެ.
އެހިސާބުން ލީމާގެ ބައްޕަ ވާހަކަދައްކަން ފެށިއެވެ. "އިންސާނުންނަށް މިވާ ގޮތަކާއިމެދު ވިސްނަން އެބަޖެހެއެވެ. އަހަރެންގެ ދަރިފުޅު ލީމާގެ ފިރިމީހާއަކީ ހިއްސުތައް ސަލާމަތުން ހުރި މީހެއް ނަމަ ގެއަށް އައިއިރު އޭނާ ހުރި ހާލު އޭނާއަށް އެނގޭނެއެވެ. ނަމަވެސް މިއަދު އޭނާ އަށް އެހުރެވެނީ ކޮން ހާލަކުކަން ޚުދު އޭނާއަށްވެސް އެނގޭހެން ހިއެއް ނުވެއެވެ. މިރޭ އަހަރެން ބުނި ފަދައިން ކުންފުނީގެ ސީއީއޯގެ މަޤާމަށް ވަރަށް އަވަހަށް މީހަކު ޢައްޔަނުކުރާނަމެވެ. މުވައްޒިފުންދޭ ވޯޓާއިވެސް އެކުގައެވެ. އަދި އަހަރެންނަކީ އިޖުތިމާޢީ ކަންކަމަށް ވިސްނައި ހޭދަވެސްކުރާ، ނިކަމެތިންނަށް އެހީތެރިވާ މީހަކަށްވާތީ އަހަރެން ހިފަހައްޓާނެ ޕޮލިސީއެއްވެސް ބުނާނަމެވެ. އަންހެނަކަސް ފިރިހެނަކަސް ބައިވެރިޔާއަށް މަކަރުހަދާ ހިތުގައި ޖައްސާ އެއްވެސް މީހަކަށް އަހަރެންގެ އެއްވެސް ކުންފުންޏަކުން އިސް މަޤާމެއް ނުދޭނަމެވެ. ޕްރޮމޯޝަނެއްވެސް ނުދޭނަމެވެ. އަހަރެން ބޭނުންވަނީ ކުންފުނީގެ ވަޒީފާއަށް ޙުރުމަތްތެރިކޮށް ހިތާ ފަދައިން ޢާއިލީ ދިރިއުޅުމަކީވެސް ވަޒީފާއެއް ކަމަށް ބަލައި އެވަޒީފާގައިވެސް ތެދުވެރިވުމަށެވެ. ޢާއިލީ ދިރިއުޅުމުގައި ހަމަޖެހުން ނެތް މީހަކަށް ރަނގަޅަށް ކުންފުނީގެ ވަޒީފާގައި މަސައްކަތްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އަހަރެންނަކީވެސް މަސައްކަތް ފެށިއިރު ތަނަވަސްކަމެއް ހުރި މީހެއް ނޫނެވެ. ލިބުނު ހުރިހާ ކުރިއެރުމެއްގެ ސިއްރަކީ އަނބިމީހާއެވެ. ދެމީހުން އުފަލުގައި އެކުގައި ތިބެން ކުރި މަސައްކަތްތަކެވެ."
އަނެއް ދުވަހު ނޫސްތަކުގެ އެންމެ ފަލަ ސުރުޚީގައިވަނީ ޢާއިލީ ދިރިއުޅުމާއިބެހޭ ގޮތުން ލީމާގެ ބައްޕަ ދެއްކި ވާހަކަތަކެވެ.
މިވާހަކަ ސޯޝަލް މީޑިއާއިން ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީ މިއީ ވަރަށް މުހިންމު ވާހަކައެއް ކަމަށް ޤަބޫލުކުރެވިގެންނެވެ. ޗެޓްކުރަމުން ގޮސް އަމިއްލަ ބައިވެރިޔާ އާއި ޗެޓްކުރެވޭއިރުވެސް ނޭނގޭ ހިސާބަށް ހަމަ އަޅުގަނޑުމެންގެ މެދުގައިވެސް ކަންކަން މިވަނީ ގޮސްފައެވެ. އަޅުގަނޑަކީ އެކަން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްގެން ހުރި އަންހެނަކީމެވެ. 2 ދަރިން ތިއްބައިވެސް ފުރަތަމަ ފިރިމީހާ އާއި ވަކިވީ އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަކީ ހިލޭ އަންހެނަކު ކަމަށްހީކޮށް ވައިބަރއިން އަޅުގަނޑަށް އޭނާގެ ޚާއްޞަ ފޮޓޯތަކެއްވެސް ފޮނުވުމުންނެވެ. އޭނާ ބޭނުންވީ އެންމެ ނުބައި ޢަމަލުތައް ކުރާށެވެ.
މިއީ އަންހެނުން ދައްކާ ވާހަކަ ކަމަށްވުމުން ބަލައިނުގެންފާނެއެވެ. ނަމަވެސް ލީމާގެ ބައްޕަ އެބުނި ފަދަ ފިޔަޅުތައް އަޅާނަމަ މިހާރަށްވުރެ އެކަންކަން މަދުވީސްކަމަށްވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް ހިތާމައަކީ އެފަދަ ފިޔަވަޅު އަޅަން ތިބި ވެރިންނާއި ތަނަވަސްމީހުންގެ ޙާލުހުރިގޮތެވެ!
– ޝަޒީލާ
