ސިޔާސީ މަސައްކަތާއި ދުރަށްދާން ނިންމައިފިން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ މަސައްކަތާއި މިވަގުތު ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަހަރުތަކަކަށް ސިޔާސީ މައިދާނާއި ދުރަށް ވަޑައިގަތުމަށް ނިންމާފައިވާކަމަށާއި، ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައިވެސް ވާދަ ނުކުރުމަށް ނިންމާފައިވާކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާކުރުމުގައި ވީ މިންވަރަކުން ރައްޔިތުންނަށް ޚިދުމަތްކޮށްދިނިން ކަމަށާއި، އެންމެ ބޮޑަށް މަސައްކަތްކުރީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށް ނިޒާމެއް ގާއިމްކުރުމަށާއި، ޓެކްސް ނިޒާމެއް ގާއިމްކުރަން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ދެ ކަންތައް ވެސް ވަނީ ކޮންމެވެސް މިންވަރަކަށް ފުރިހަމަވެފަ އެވެ،"

ނަމަވެސް ނަޝީދު ވިދާޅުވީ ދައުލަތުގެ ޚަރަދަށް ޒިންމާވުމާއި، ވެރިންގެ ޚިޔާނާތްތެރިކަމުން ރާއްޖެ މިންޖުކުރުމަށް ކުރި އުއްމީދު ހަގީގަތަކަށް އަދި ބަދަލުނުވުމަކީ ހިތާމައެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އަންނަ ޖެނުއަރީން ފެށިގެން މަސައްކަތް ކުރައްވާނީ ތިމާވެށްޓާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ މަގާމުގައި ކަމަށެވެ. ނަޝީދުގެ ރައީސްކަމުގައި ރާއްޖެ އިސްކޮށް އޮވެ އުފެއްދި އެ ޖަމާއަތަށް މިހާރު 68 ގައުމު އިތުރުވެ މިހާރު އެއީ އިންޓަ ގަވަމަންޓަލް ޖަމާއަތެކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ޖަމާއަތުގެ ވަޒީފާގައި ހުރެ، އަޅުގަނޑަށް ރާއްޖެ އަށް ޚިދުމަތްކޮށްދެވޭ މިންވަރު އިންތިހާ އަށް ތަނަވަސްވާނެ އެވެ،" ބަޔާނުގައިވެ އެވެ.

ނަޝީދުގެ ބަޔާނުގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި އެކި ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅާއެވެ. އަދި އެމަނިކުފާނަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައާއި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން އުފެއްދި ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *