ވާހަކަ: ގެއްލުނު ދުނިޔެ (7)

(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)

އޭނާ ރުޅިއައިސްގެން ކުރިމަތިގައި ހުރި އިސްޓޫލުގައި ފައިން ޖެއްސެވެ. އިސްޓޫލު ވައިގެ ތެރެއަށް އުދުހިގެން ހިނގައްޖެއެވެ. ޖަގުދޭޝް އެއިރު ކޮޓަރިއަށް ވަންނަނީއެވެ. އޭނާއާ އެކުގައި އޭނާގެ ހަތަރު އަހަރަށްދާ އަންހެންދަރިފުޅު ޝަޝީ ވެސް ހުއްޓެވެ.

“ކޮން ވަޑާމެއް މިއަދު މާ ރުޅިއެއް އައިސްގެން ތިއުޅެނީ؟" އޭނާ އިސްޓޫލު އެއް ފަރާތެއްގައި ބަހައްޓައިލިއެވެ.

" ކާކު ދެކެތަ ތިޔަ ރުޅި އަންނަނީ؟"

" ދުނިޔޭގެ ފަގީރުންނަށް ނެތިފައި އަމީރުންނަށް އޮންނަ ގާނޫނު ދެކެ."

ޖަގްދޭޝް ވަރަށް ހަމަޖެހުމާ އެކު ގޮނޑީގައި އިށީނދެލައިފިއެވެ.

"ކަލޭގެ ތިޔަ ރުޅި އަދިވެސް ހޫނުކުރޭ ތީޖްސިންގ! ދުނިޔޭގައި ފަގީރުންނަށް ނިކަމެތިކަމާއި އަނިޔާވެރިކަން ދެމިއޮތްހާ ހިނދަކު އަހަރުމެން ރުޅީގެ މި އަލިފާންގަނޑަށް ހަމަ ފުމެ އަންދަމުން ގެންދަންވީ." އޭނާ ވަރަށް ސާބިތުކަމާ އެކު ބުނެލިއެވެ. "އަހަރެމެންގެ މީހުން، ޖިތޫބާއީ ޗައޮދަރީ ސާހަބުގެ ފިހާރަ ފަޅާލައިފި."

"ތިޔައީ ވަރަށް އުފާވެރި ޚަބަރެއް."

"އަނެއް ކަމެއް ކޮށްދޭންވީ ތީޖްސިންގް!

"އެއީ ކޮންކަމެއްތޯ؟"

"ރާމްނަރާއިން ދާމޫދުރީ ޕްރަޝާދު މާދަމާ އަހުމަދުއާބާދުން އަންނާނެ."

"ދެން."

"އޭނާ ފަސްޓް ކުލާސް އެއަރކޮންޑިޝަންގައި ގަތުލުކޮށްލަންވީ."

"ކީކޭތަ؟"

"އޭނާ އޭނާއާ އެކުގައި ދެލައްކައިގެ ކުކީން ބޮމްބޭއަށް ގެންނަނީ. ބޮމްބޭގެ ކަސްޓަމުގެ ހުރިހާ މީހުންނަކީ އޭނާގެ ރަހުމަތްތެރިން."

"ތިޔަ ކަންތައް ހަމަޖައްސައިލާނަން." ނޯތޭޖު ފަރުވާކުޑަ ގޮތެއްގައި ބުނެލިއެވެ.

"އަދި މާދަމާ މަލާބާރު ހިލްގެ އެއްކަލަ ކުރޯޅުޕަތީގެ ވެސް ޚަބަރު ބަލައިލަންވާނެ."

"ތީޖްސިންގް!" ޖަގްދޭޝް ބުނެލިއެވެ. "ކަލާ އައުމުން އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ. އަހަންނަށް ފަހު، ކަލޭގެ އެކުވެރިންނާއި އަހަރެންގެ މި ކުޑަދަރިފުޅަށް ކަލޭ ވަރަށް ޚާއްސަ ގޮތެއްގައި ބަލާތި އިނގޭ!" އޭނާ ހިސާބަކަށް ފެންކަޅިވެލައިފިއެވެ.

މިއީ މައެއް ނެތް ކުއްޖެއް. އަހަރެން މިހާރު މުސްކުޅިވެއްޖެ. އަހަންނަކަށް ދެން އޭނާއާ އެކީގައި އުޅޭކަށް ދެމިއެއް ނުހުރެވޭނެ. އޭނާގެ ބޮލުގައި އަތްފިރުމޭ ފަދަ މީހަކަށް މިހާރު ހުރީ ކަލޭ."

"ތިޔަ ދައްކަވަނީ ކޮން ކަހަލަ ވާހަކައެއްތޯ؟" ނޯތޭޖު ބުންޏެވެ.

"މާތްރަސްކަލާނގެ ކަލާ އަޅުގަނޑުމެންނަށް ހިޔަލެއްގެ ގޮތުގައި ދަމަހައްޓަވާނެ! އަޅުގަނޑު އަބަދުއްސުރެ ވެސް ޝަޝީއާ މެދު ހީކުރަނީ އެއީ އަޅުގަނޑުގެ އަމިއްލަ ދަރިފުޅެއް ކަމަށް."

"ވަރަށް ރަނގަޅު. ތިޔަހެން އޭނާއާ މެދު ހީކުރޭ އިނގޭ" ޖަގްދޭޝް ބުންޏެވެ.

"ކަލޭ ތިޔަހެން ބުނުމުން އަހަރެންގެ ހިތުގެ ބުރަދަން މުޅިން ލުއިވެގެން ހިނގައްޖެ." ދެން އޭނާ ތެދުވެއްޖެއެވެ.

"އަހަރެން ހިސާބަކަށް ބޮމްބޭގެ ފުލުހުންގެ ޚަބަރު ބަލައިލާނަން. ފުލުސް ފަކީރުންނަށް އަހަރުމެންނާ ހުރެ މިހާރު ރޭގަނޑު ހަތަރުދަމު ހަމަޖެހިގެން ނިދައިވެސް ނުލެވޭ."

ދެން އޭނާ ތެދުވެގެން ހިނގައްޖެއެވެ. ނޯތޭޖު ބޭރަށް ދާން ތައްޔާރުވާން ފަށައިފިއެވެ.

ހެނދުނެވެ. ކުދިން އިސްކޫލަށް ދިއުމަށް ފުޓުޕާތުގައި އެ ކުދީންގެ ފޮތްބޮނޑިތަކާއި ދަބަސް ހިފައިގެން ތިއްބެވެ. އިސްކޫލު ބަހަށް އިންތިޒާރު ކުރަނީއެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކާ ސަމާސާ ކުރަނީއެވެ. ފުޓުޕާތުގެ އަނެއް ފަރާތު ޖިފުޓިތަކުގެ ކައިރީގައި ކުޑަކުޑަ ދީޕު ވަރަށް ހިތާމައާ އެކު ހިތާމައިން ފުރިގެންވާ ނަޒަރަކުން އެ ނަސީބު ރަނގަޅު ކުދީންނާ ދިމާއަށް ބަލަން ހުއްޓެވެ. އޭނާ އެ ކުދިންގެ އިސްކޫލު ޔުނީފޯމަށް ބަލަނީއެވެ. އެ ކުދިންގެ ފޮޅިފައިވާ މޫނަށް ބަލަނީއެވެ. އެ ކުދިންގެ މަޖާ ސަމާސާތަކަށް ބަލަނީއެވެ.

ކުޑައިރުކޮޅަކުން، އިސްކޫލުގެ ވިލާތުކުންނާރު ކުލައިގެ ރީތި ސާފު ބަސް އަތުވެއްޖެއެވެ. އިސްކޫލުގެ މުލާޒިމުން ބަހުން ފައިބައި އެ ކުދިން ބަހަށް އަރުވައިފިއެވެ. ދެން ބަސް ފުރައިފިއެވެ.

ދީޕު ވަރަށް ގިނައިރު ވަންދެން ހިތާމައިން ފުރިގެންވާ ގޮތަކަށް މިތަން ބަލަން ހުއްޓެވެ. ބަސް ވަރަށް ދުރަށް ގޮސް މަގުގެ ކޮޅުން ލަނބާލީމާ ލޮލުން ކަރުނަތައް ފުރިގެން ހުރެ ޖިފުޓިއަށް އަތުވެއްޖއެވެ. އައުމާ އެކު އޭނާގެ މަންމަގެ ކަރުގައި އޭނާގެ މައުސޫމު ދެއަތުން ބައްދައިގެންފައި ރޯން ފަށައިފިއެވެ.

"ކީއްތަވީ ދަރިފުޅާ؟" އޭނާގެ މަންމަ ފެހުން ހުއްޓައިލައިފައި އަހައިލިއެވެ.

"މަންމާ އަޅުގަނޑު ވެސް ކިޔަވާނަން."

"އެހެންވީއިރު ކިޔަވަންވީނު ދަރިފުޅާ!" އޭނާގެ މަންމަ އޭނާގެ މޫނުގައި ދޮނެއް ދީފައި ބުންޏެވެ.

"މާތްރަސްކަލާނގެ ރުއްސެވިއްޔާ ދަރިފުޅު ވެސް ކިޔަވައިގެން މޮޅު މީހަކަށް ވާނެ."

ދެން ހަމަ އެ ވަގުތު އޭނާގެ މަންމަ ގެއިން ނިކުމެގެން އޭނާ ގޮވައިގެން ކައިރީގައި ހުރި މުނިސިޕަލްޓީގެ ލޯވަރ ޕްރައިމަރީ އިސްކޫލުގައި އޭނާގެ ނަން ރަޖިސްޓަރީ ކުރުވައިފިއެވެ.

ހަވީރު ވީމާ، އިސްކޫލުން އައިއިރު މޫނުމަތި ހުރީ މިލައިލާފައެވެ. ހުރީ ރޮވުމަކާ ދާދި ކައިރިވެފައެވެ.

"ބަލަ ކީއްތަވީ މަގޭ ދަރިފުޅާ!" އޭނާ އަހައިލިއެވެ.

"އަޅުގަނޑު އެ އިސްކޫލަކުން ނުކިޔަވާނަން." އޭނާ ރުއިމަކާ ގާތް އަޑަކުން ބުނެލިއެވެ.

"ބަލަ ކިހިނެއްތަވީތަ އެ އިސްކޫލު."

"އެ އިސްކޫލުގައި ކިޔަވަނީ ހަޑި ކުދިން. އެ ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާ ތޮޅެނީ. އަދި އެއްޗެހި ވެސް ކިޔަނީ." އޭނާ ފޫހި ގޮތެއް އަނގައަށް ހަދައިލައިފައި ބުންޏެވެ.

"އަޅުގަނޑު އެ އިސްކޫލަކަށް ލައްވައިދޭށެކޭ ނަމެއް ނުގަންނަން."

"ދެން؟" އޭނާގެ މަންމަ އަހައިލިއެވެ.

"އަޅުގަނޑު މާދަމާ ހެނދުނު ނަންގެންފާނަން ކިޔަވާހިތްވާ އިސްކޫލު."

"މިހާރު ބުނަންވީނު؟"

"މިހާރަކު ނޫން. ހެނދުނު."

"މިހާރު ކީއްތަވީ؟"

"މިހާރު ނަންގަތީމަ މަންމައަކަށް އެނގިއެއް ނުލައްވާނެ.”

"އެހެންތަ؟" އޭނާގެ މަންމަ ހީނލިއެވެ.

"އެއީ ކީއްވެގެންތަ؟"

"މިނަންގަތީ ނޫންތޯ މަންމައަކަށް އެނގިއެއް ނުލައްވާނެއޭ."

"އެންމެ ރަނގަޅު ބާބާ!" އޭނާގެ މަންމަ ލޯބިން އޭނާގެ ކޮލުގައި މަޑުމަޑުން ޖަހައިލައިފައި ބުނެލިއެވެ.

"ހެނދުނު ބުނާނަންދޯ؟ އެންމެ ރަނގަޅު."

ދެން އޭނާ ކާން ހަދައިފިއެވެ.

ހެނދުނު ދީޕު އޭނާގެ މަންމަ ގޮވައިގެން ފުޓުޕާތަށް ގޮސް ހުއްޓެވެ. އަދި ބުންޏެވެ." މަންމާ ހުރޭ. އިރުކޮޅަކުން އަހަރެން ބުނާނަން އަހަރެން ކިޔަވާހިތްވާ އިސްކޫލުގެ ވާހަކަ."

އިރުކޮޅަކުން އިސްކޫލަށް ދާ ކުދިންތައް ގޭގެއިން ނުކުމެގެން ފުޓުޕާތަށް އައިސް ބަހަށް އިންތިޒާރު ކުރަން ފަށައިފިއެވެ. އެ ކުދިން ފެނިފައި ދީޕު ބުންޏެވެ.

"މަންމައަށް އެތިބަ ކުދިން ފެނޭތަ؟"

"އަޅުގަނޑު ކިޔަވާނީ އެ އިސްކޫލުން. އެ ހުރިހާ ކުދިން ކިޔަވަން އެދާ އިސްކޫލުން."

މިއަޑު އަހައިފައި އޭނާގެ މަންމަގެ ލޮލުން ކަރުނަ ހިނގައިފިއެވެ. އަދި އޭނާގެ ކުޑަކުޑަ ދީޕު އޭނާގެ މޭގައި ޖައްސައިލިއެވެ.

"ދަރިފުޅަށް އެ އިސްކޫލަށް ދެވޭނީ ކިހިނަކުން…" ބެދިފައިވާ އަރަކުން ރޮވިފައިވާ އަޑުން ބުންޏެވެ.

"އެ ކުދިން ކިޔަވަންދާ އިސްކޫލަކީ ބޮޑެތި މީހުންގެ ދަރީން ކިޔަވަންދާ އިސްކޫލެއް."

"ކުދި މީހުންގެ ދަރިންނަކަށް އެ ތަނަށް ކިޔަވަން ނުދެވެނީ ކީއްވެތޯ؟" އޭނާ ބޮޑާ ދައްކައިލައިފައި ހިނގައިގަތެވެ.

"އަޅުގަނޑު ކިޔަވާނީ އެ އިސްކޫލުން. އަޅުގަނޑަށް ވެސް އެކަހަލަ ހެދުން ފަހައިދީ މަންމާ."

އޭނާގެ މަންމަ ކަރުތެރެ ސާފުކޮށްލުމުގެ ގޮތުން ކަރުކެހިލަނީ އިސްކޫލުގެ ބަސް އައީއެވެ. އަދި ހުރިހާ ކުދިން އެއަށް އަރުވައިގެން ގޮސް އޮބައިލައިފިއެވެ.

"ކޮން އެއްޗެއްތޯ ތިޔަ ވިސްނަވަނީ މަންމާ."

"ދަރިފުޅާ…!" އޭނާގެ މަންމަ ސާޅީގެ އެއް ކަނުން އޭނާގެ ލޮލުން ފޫދެން ފަށައިފައި ހުރި ކަރުނަތައް ފުހެލައިފައި ބުންޏެވެ. “ފުރަތަމަ ދަރިފުޅު އިއްޔެ ތިޔަ ދިޔަ އިސްކޫލުން ކިޔަވާ. އޭގެ ފަހުން ދަރިފުޅު ތިޔަ ބުނާ އިސްކޫލަށް ފޮނުވާނަން.”

"މިހާރު އެ އިސްކޫލަށް ނުފޮނުވާންވީ ކީއްވެތޯ؟"

"ކުދިން އެ އިސްކޫލަށް ދަނީ މި އިސްކޫލުން ކިޔެވުމަށް ފަހު. ފުރަތަމަ ދަރިފުޅު ނިކަން ރަނގަޅަށް މަސައްކަތް ކޮށްގެން މި އިސްކޫލުގައި ކިޔަވާނީ. އޭގެ ފަހުން…"

އޭގެ އިތުރަކަށް އޭނާއަކަށް އެކައްޗެއް ވެސް ނުބުނެވުނެވެ. އޭނާގެ އަޑު ކަރުބައްދައިފައިވާ ޚަލްގާއިގެ ތެރެއަށް އަޑިއަށް ހިނގައްޖެއެވެ. އޭނާގެ ދަރިފުޅުގެ އަތުގައި ހިފާ ދަމާފައި ގެއާ ދިމާއަށް ގެންގޮސްފިއެވެ.

ދަރިފުޅުގެ މި ބޮޑާ ދެއްކުމާ އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ދެވޭކަށް ނެތެވެ. އާދެ! އޭނާ އެ އިސްކޫލަށް ކިޔަވަން ނުފޮނުވަންވީ ކީއްވެގެން ހެއްޔެވެ.

ގީތާއަށް އޭނާގެ ނިކަމެތިކަން އެންމެ ގަދަފަދަ ގޮތެއްގައި އިހުސާސްވެ ތަގުދީރާ މެދު ޝަކުވާ ބަންނަން މަޖުބޫރުވި ފުރަތަމަ ފަހަރަކީ މިއަދެވެ. އެ ވަގުތު އޭނާގެ ކަލާނގެ ކިބަފުޅަށް އޭނާގެ ހިތުން އެތައް ޝަކުވާތަކެއް ކުރެވެމުން އެބަދެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށް މުންކިރު ވުމަށް އޭނާގެ ހިތަށްއަރައެވެ. އޭނާއަށް ސާފު ބަހުން ބުނެވުނެވެ. ދުނިޔޭގައި ކަލާނގެ ވޮޑިގެންވަނީ ހަމައެކަނި ފައިސާވެރިންނަށް ޓަކައެވެ. ނިކަމެތި ފަގީރުން ތިބީ ހަމައެކަނި އެމީހުންގެ ދެރަ ހާލުގެ މައްޗަށް ރުއިމަށް ޓަކައެވެ. ޒަމާނުގެ ހުރިހާ ބޮނޑިއަކަށް ކެތްކޮށްގެން ޝުކުރުކޮށްކޮށް ތިބުމަށް ޓަކައެވެ. އަދި ކަލާނގެ ކުރައްވާ ކޮންމެ ކަމެއް އެ ކުރައްވަނީ ރަނގަޅަށޭ މި ނުބައިކަމުގައި މާތްރަސްކަލާނގެ ކޮންމެވެސް މަސްލަހަތެއް ލައްވައިފައިވާނެކަން ޔަގީނެވެ. މިހެން ހީކޮށް ތިބުމަށް ޓަކައެވެ.

އޭނާ އިރުއިރުކޮޅާ ބުނެއެވެ. ބަގުވާނަކީ ވެސް ފައިސާއެވެ. ކަލަކީ ވެސް ފައިސާއެވެ. ދުނިޔޭގައި ފައިސާ ނޫން އެހެން އެކައްޗެއް ވެސް ނުވެއެވެ.

ދީޕުވީ ވަރަށް ހިތްއަލި ކުއްޖަކަށެވެ. އަދި އެއާއެކު ވަރަށް މަސައްކަތްތެރި ވެސް ކުއްޖަކަށެވެ. ލިޔެކިއުމުގެ މަސައްކަތަށް ހިތުގެ އަޑިން ލޯބިކުރެއެވެ. އޭނާ ލިޔެކިޔުމުގެ މަސައްކަތް ހިތާ ފުރާނައިން ފަށައިފިއެވެ.

އޭނާގެ މަންމައަކީ ކޮޅެއްވެސް ނެތްހާ ބޮޑު ފަގީރެކެވެ. އެ ފަކީރުގެ އަތުގައި އޭނާގެ ލާއިގު ޒުވާން ދަރިފުޅަށް އިސްކޫލުގެ ފޮތްތަކާއި އެހެނިހެން ތަކެތި ގަނެދޭހާ ފައިސާއެއް ނެތެވެ. އޭނާގެ ދަރިފުޅުގެ ހިތް އަލިކަމާއި މަސައްކަތްތެރިކަމުގެ ސަބަބުން ހަމަސް ދުވަހުގެ ތެރޭގައި ތިންވަނަ ކުލާހުގައި ވެސް އޭނާ އެހެން ހުރިހާ އެކުވެރިންނަށް ވުރެ ހަލުއިވެފައި ފެންވަރު މައްޗެވެ.

ތިންވަނަ ކުލާހުގެ ފޮތްތަކާއި އެހެނިހެން ތަކެތީގެ ޚަރަދު ގީތާއަށް ފަސޭހަ ކަމާއެކު އުފުއްލުމަކީ އާދައިގެ ކަމަކަށް ނުވިއެވެ. ދީޕުގެ އަތުގައި އޭނާގެ ކޯހުގެ ހުރިހާ ފޮތެއް ނެތެވެ. ވުމާއެކު އޭނާ މަސައްކަތެއް ކުރަން ފަށައިފިއެވެ. ދީޕު ކޮންމެ ދުވަހަކު، އޭނާގެ ކޮންމެވެސް ރަހުމަތްތެރިއަކަށް އާދޭސްކޮށްގެން އެއިން ކުއްޖެއްގެ ފޮތް ރޭގަނޑަށް އަތުލަނީއެވެ. އަދި ހެނދުނު ފޮތް އަނބުރާ ދޭން ކުރާ ވައުދާއި އެއްގޮތަށް ރޭގަނޑު ހަތަރުދަމު އެ ފޮތުން ފިލާވަޅު ދަސްކުރަނީއެވެ. އަދި ކީއްތޯއެވެ. ފިލާވަޅަށް ވުރެ މައްޗަށް ވެސް ދަސްކުރަނީއެވެ.

އެ ފަކީރު ކުއްޖާފުޅުގެ ގޭގައި ރޭގަނޑު ވާން ހުންނަ އަލިކަންފުޅުގައި ވެސް ހުންނަނީ ބޭނުމެއް ހިފޭ ގޮތަކަށް ނޫނެވެ. ވުމާއެކު އޭނާ އަބަދުވެސް ގޮސް އިންނަނީ ފުޓުޕާތުގައެވެ. މި ގޮތަށް މުނިސިޕަލްޓީގެ އިލެކްޓްރިކު އަލީގައި ރޭގަނޑު އެގާރަ ބާރަ ޖަހަންދެން ކިޔަވަން އިންނަނީއެވެ.

މިއީ އޭނާގެ އާދައަކަށް ހަދައިފިއެވެ. އެކުވެރިންގެ އަތުން ފޮތް އަތުލައިގެން ރޭގަނޑު އެގާރަ ބާރަ ޖަހަންދެން ފުޓުޕާތުގައި ބޮކި އަލީގައި ފިލާވަޅު ދަސްކުރަމުން ގެންދަނީއެވެ.

މިހާރު އެ ފުޓުޕާތު ހީވަނީ އޭނާގެ ސްޓަޑީ ރޫމް ހެންނެވެ. އެ ތަނުން ތަނެއްގައި އިށީނދެގެން މަސައްކަތް ކުރުމަށް އޭނާ އަށް އާދަވެއްޖެއެވެ. އޭނާ ހެނދުނު ފަތިހު ވެސް ގެއިން ނުކުމެގެން އައިސް އިސްކޫލުގެ ވަގުތު ޖެހެންދެން މި ލޭމްޕް ޕޯސްޓު ދަށުގައި ކިޔަވަން އިނދެއެވެ.

މި ފުޓުޕާތުގެ ހަމަ ދިމާ ކުރިމަތީގައި ފައްކާ ގެއެއް ހުރެއެވެ. މި ފައްކާ ގޭގައި ވަރަށް ބޮޑު މުއްސަންޖަކު ދިރިއުޅެއެވެ. މި ފައްކާ ގެއަކީ އޭނާގެ ޒާތީ އަރާމު ގެއެކެވެ. އޭނާ ކޮންމެ ދުވަހަކު ވެސް މި މަންޒަރު ދެކެއެވެ. ފަގީރު ކުއްޖަކު ރޭގަނޑުދާ ހަތަރުދަމު މަގުމަތީގައި ހުންނަ އެ އަލިކަމުގެ ދަށުގައި ހަމަ ކިޔަވާނަގަނީއެވެ. ހެނދުނު ވެސް މަދުރަސާ ގަޑިޖެހެންދެން ހަމަ އެތަނަށް އައިސް އިނދެގެން އޭނާ ކިޔަވަމުން ގެންދަނީއެވެ.

އެއް ދުވަހަކު ހަމަ ހެނދުނު ދީޕު އެތާނގައި އިދެގެން ކިޔަވަމުން ގެންދަނިކޮށް މީހަކު އައިސް އޭނާ ކައިރިއަށް ހުއްޓިއްޖެއެވެ. ނަމަވެސް ދީޕަކަށް އޭގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާ އިނީ ހިތާއި ހަށިގަނޑު ކިޔެވުމުގެ ތެރެއަށް ގެނބިގެންނެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ކައިރީގައި ދެބޫޓު ހުއްޓައެވެ. ކުއްލިއްކަށް އޭނާ ބިރުން ފުންމައިގެން ތެދުވެއްޖެއެވެ.

"ކޮން ނަމެއްތަ ކިޔަނީ ކަލެއަށް؟”

"މިއީ ކަލާގެ ތަނެއްތޯ؟" ދީޕު ބިރުގެންފައި އަހައިލިއެވެ. " އެހެންކަމަށް ވަނީވިއްޔާ އަޅުގަނޑަށް މާފުކޮށްދެއްވާ! ދެން އަޅުގަނޑު ދުވަހަކު ވެސް މިތަނަށް އައިސް އިށީނދެގެންނެއް ނީންނާނަން."

"ބިރުނުގަނޭ ދަރިފުޅާ!" އެމީހާ ވަރަށް ލޯތްބާ އެކު ދީޕުގެ ބޮލުގައި އަތް ފިރުމައިލައިފައި ބުނެލިއެވެ.

"ކަލޭ ވަރަށް ކިޔަވާހިތްވޭތަ؟"

"ލައްބަ….!"

"ކޮން ނަމެއްތަ ކިޔަނީ؟"

"ކަލޭ ކަހަލަ ދަރިއެއް ލިބިފައި ތިބި މަންމައަކާއި ބައްޕައެއް ވަރަށް ވެސް ނަސީބު ރަނގަޅު.” ހީވީ ޚުދު އޭނާ އަމިއްލައަށް ބުނެލި ހެންނެވެ.

ޖަވާބުގައި ދީޕު ބުންޏެވެ.

"ނޫން އަޅުގަނޑުގެ ބައްޕައެއް ނެތް އިނގޭތޯ."

"މަންމަ އެބައިންތަ؟"

"ލައްބަ." އޭނާ ބުންޏެވެ.

"އަޅުގަނޑުގެ މަންމަ އެބައިން."

"ކޮން ގެއެއްގައިތަ އުޅެނީ؟"

ޖަވާބުގއި ދީޕު އޭނާ އުޅޭ ކުޑަކުޑަ ޖިފުޓިއާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.

"އަޅުގަނޑު އުޅެނީ އެހެރަ ޖިފުޓީގައި."

"އޯ….! ކަލޭ އުޅެނީ އެ ތާނގައި ދޯ!" ހީވީ އޭނާގެ ހިތުގައި މީހަކު ބާރަށް ޖެހި ހެންނެވެ.

"އެހެންތަ؟" އޭނާ ބުންޏެވެ.

"އަހަރެން ކަލޭގެ މަންމަ ގާތަށް ގެންގޮސްދީފާނަންތަ؟"

"ހިންގަވާ"

ދެން އެތަނުން ހިނގައިގެންފިއެވެ. ކުރިމަތީގައި ހުންނަނީ ދީޕުއެވެ. ފަހަތުގައި އޭނާއެވެ. ދެން ދީޕު އޭނާގެ ޖިފުޓީގެ ކައިރިއަށް ގޮސްފައި މަންމައަށް ގޮވައިލިއެވެ.

"މަންމާ…!"

އޭނާގެ މަންމަ އަށް ދަރިފުޅުގެ އަޑު އިވިގެން ކަންބޮޑުވެގެން ބޭރަށް ނުކުމެއްޖެއެވެ. ބޭރަށް ނުކުމެ ބަލައިލިއިރު އޭނާގެ ދަރިފުޅާ އެކުގައި ކޮންމެވެސް ބޮޑު މީހަކު ވެސް އެބަ ހުއްޓެވެ. އޭނާ ފިކުރުބޮޑުވެގެން ކުރާނެ ކަމެއް ނޭނގިގެން ހުރެ އަދަބުވެރިވެފައި ބުންޏެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ކިބައިން ކުށެއް ވެވުނީ ވިއްޔާ އޭނާއަށް މާފުކޮށްދެއްވާ. އެއީ ވަރަށް މޮޔަ ކުއްޖެއް އިނގޭތޯ. އަޅުގަނޑު ކަލާގެ ދެފައިގައި ހިފައިފައި މާފަށް އެދެން." މިހެން ބުނަމުން އޭނާ ދީޕު ދަމައިގެންފައި އޮޅުލައިގެންފިއެވެ.

"މިއީ ވަރަށް ވެސް ނިކަމެތި ކުއްޖެއް. އޭނާ އަށް އޯގާތެރިވެ ދެއްވާ! އޭނާގެ ކިބައިން ކަލާއަށް އެއްވެސް ގެއްލުމެއް ލިބުނު ކަމަށް ވަނީ ނަމަ، ހަމަ މިހާރު އަޅުގަނޑު އޭގެ އަގު އަދާކުރަން މިހިރީ."

"ކަމެއްވީކީ ނޫން ކޮއްކޯ." އޭނާ ބުނެލިއެވެ.

މި މާތް މީހާގެ ދުލުން އޭނާއަށް ޓަކައި "ކޮއްކޯ" މި ލަފުޒު އަހައިފައި ގީތާ ވަރަށް ބޮޑަށް ހައިރާން ވެއްޖެއެވެ. އޭނާ ހިތަށް އަރަން ފެށިއެވެ. ދުނިޔޭގައި ޒުވާން ނަމަވެސް އަޅާލާނެ މީހަކު ނެތް އަންހެނަކު ފެނިފައި، އެހެން ގޮތެއް ހެދުމުގެ ބަދަލުގައި ކޮއްކޯ މި ނަމުން މުޚާޠަބު ކުރާވަރުގެ ފައިސާވެރިން އަދިވެސް އެބަ ތިބިދޯއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *