‏މާލޭ މޭޔަރުކަމަށް ވާދަކުރާ ފަރާތްތަކުގެ ބަހުސް އަންނަ މަހު 6 ގައި

މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެނޑިޑޭޓުންނަށް ޢަމާޒުކޮށް ޕީއެސްއެމުން އިންތިޒާމުކުރާ ބަހުސް އަންނަ މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެސްއެމުން ވަނީ މި ފެށޭ ހަފްތާގައި ބަހުސްގައި ބައިވެރިވަޑައިގަންނަވާ ހުރިހާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެއީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވާނެ ތަރުތީބު ކަނޑައެޅުމަށެވެ.

މާލޭ މޭޔަރ ކަމުގެ މަގާމުގައި ހުންނެވި، ޑރ. މުހައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް މޭޔަރ ކަމުން އިސްތިއުފާ ދެއްވުމާއެކު ހުސްވި އެ މަގާމަށް، ޖުމުލަ 5 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ؛

1) ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު ޢާޒިމާ ޝަކޫރު

2) އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

3) ދަ ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަން ކުރައްވަމުން ގެންދަވާ ސައިފް ފާތިހު

4) އަމިއްލަ ގޮތުން ކުރީގެ ސީޕީ ހުސައިން ވަހީދު

5) އަމިއްލަ ގޮތުން ޝުއައިބު އަލީ

މާލޭ މޭޔަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަނާއި، މާފަންނު ދެކުނު ދާއިރާއަށާއި މެދުހެންވޭރު ދާއިރާއަށާއި ހެންވޭރު ދެކުނު ދާއިރާ/ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ވެސް އޮންނާނީ އަންނަ މަހު 13 ގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *