ވާހަކަ: އައިން (21)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

އައިން ފިހުނު ފަހުން ތިންދުވަސް ވެއްޖެއެވެ. އަމިއްލައަށް އެއްވެސް ކަމެއްނުކުރެވެއެވެ. އައިންގެ ހުރިހާ ކަމަކާ ދަރިންގެ ކަންތަކުގެ އިތުރުން ގޭތެރޭގެ މަސައްކަތްތައްވެސް ކުރަމުން ދަނީ ހާއިޝް އެކަނިމާއެކަންޏެވެ. އައިން ކިތަންމެ ވަރަކަށް އެކަނި ފާޚާނާއަށް ގޮސްހެދުމާއި ކައިހަދަން އުޅުނު ނަމަވެސް އެއީ ކުރެވޭ ކަމަކަށް ނުވެއެވެ. ހާއިޝް ކޮންމެ ފަހަރަކުވެސް އައިން އުފުލާ ހަދައިގެން  ފާޚާނާއަށް ގެންގޮސްދީ ހެދުމާއި ބޭސްއަޅައިދީ ހަދަނީ ވަރަށް ފަރުވާތެރި ކަމާއެކުގައެވެ. މިކަންތައްތަކުގެ ސަބަބުން އައިންއަށް ލިބެނީ އިތުރު ހިތްދަތިކަމެކެވެ.

އޭނާއަށް ހާއިޝް އެހާރަނގަޅު އިރުވެސް އޭނާއަށް ހާއިޝަށް އިތުބާރު ނުކުރެވެނީއެވެ. ހާއިޝްގެ ބޭވަފާގެ ސަބަބުން އޭނާއަށް ލިބުނު ހިތްދަތިކަމާއި އެކަނިވެރިކަން ހަނދާން ނުނެތެނީއެވެ. އޭނާ އިންތިހާއަށް ހާއިޝް ދެކެ ލޯބިވެއެވެ. ނަމަވެސް އޭނާ ދުވަހަކުވެސް ހާއިޝަކަށް މާފެއް ނުކުރާނެއެވެ.

ހެނދުނުގަޑިއެވެ. އައިން މިއަދު ސައިބުއީ އަމިއްލައަށެވެ. ފިހިފައިވާ އަތް މިހާރު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ. އައިން ސައިބޮއިގެން ފެންތަށި ބޯލިއެވެ. ކުއްލިއަކަށް މޭނުބައިވާކަހަލަ ގޮތެއްވެފައި މުޅިތަނަށް ހޮޑުލެވުނެވެ. ދެކުދިންނަށް ސައިދޭން ހުރި ހާއިޝަށް އައިންއާއި ދިމާއަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އޭރު އެދެކުދިންވެސް އައިން ގާތަށް އަތުވެއްޖެއެވެ.

"މަންމީ. ޗީ ލެވުނީދޯ." ދެއަހަރުގެ އާލިން ބުންޏެވެ.

"ލައްބަ. މަންމި ވަރަށް ބަލި. ކޮއްކޮމެންދޭ ކުޅެން. ބައްޕަ މަންމައަށް އެހީވާނަން."

"ކޮއްކޮ ހުންނާނީ މިތާނގަ" އާރިޒް އައިންގެ ގައިގާ ލައްވެލިއެވެ.  އާރިޒަކީ އައިންދެކެ މާ ލޯބިވާ ކުއްޖެކެވެ. އޭނާ ބޮޑަށް ވައްތަރުވަނީ ހާއިޝާއެވެ. އުމުރަށްވުރެ ދިގު އިސްކޮޅާއި ތަނަވަސް ނިތްކުރިއާއި ފަންއިސްތަށިކޮޅު ހީވަނީ ކުޑަކުޑަ ހާއިޝްހެންނެވެ.

"ކޮއްކޮ ދޭ ދޮންބެއާއެކު ކުޅެލަން." އައިން މަޑުމަޑުން ބުންޏެވެ.

"މަންމަ ބަލީދޯ. ކޮއްކޮ ދާންވީދޯ." އާރިޒް ބުންޏެވެ.

ފާތުމާއްތަ ދުނިޔޭގައިވެސް އެގެއަށް ގިނައިން އައިސްއުޅޭ ފޫޅުމާ ދައިތައަށް އެގެއަށް އައިސް ވަދެވުނީ އައިން ސާފުކޮށް ނިމުނު ފަހުންނެވެ.

"އައިން މިހާރު ކިހިނެއް؟"

"ފިހުނުތަން ވަރަށްބޮޑަށް ރަނގަޅު." އައިން ބުންޏެވެ.

"ރަނގަޅުވާނީ ކިހިނެއް. އައިން ކަނީ ވަރަށް މަދުން. އެހެންވެގެން ކަންނޭނގެ މާބޮޑަށް ވައިގެ އުދަގޫވަނީ." ހާއިޝް ޝަކުވާކުރާގޮތަކަށް ބުންޏެވެ.

"އައިންއަށް ވައިގެ އުނދަގޫވޭތަ؟"

"އެހެން ވެގެންނެއްނު ހޮޑުލެވުނީ."

"ވެދާނެ ވައި ހުންނަނީކަމަށްވެސް. އެކަމަކު ދައިތައަށް ހީވަނީ އައިން އިންނަނީ ވަރަށް ގޮތަކަށްހެން." އައިންއާއި ދިމާއަށް ބަލާލާފައި ފޫޅުމާދައިތަ ބުންޏެވެ.

"ތިބުނީ ކިހިނެއް؟"

"މިބުނީ އެގޮއްޔަ އެއިނީ ރަނގަޅަކަށް ނޫނޭ. އަޅެ ދީބަލަ ދައިތަ ބަލާލަން." ފޫޅުމާދައިތަ ތެދުވެގެން ގޮސް  އައިންގެ ބަނޑުގައި ދެއަތުން ފިރުމާލާ ފިތާލާހެދިއެވެ. އަދި ލޮލާއި ދޫބަލާލިއެވެ.

"ކިހިނެއްތަ ހީވަނީ." ޝައްކުވެފައިވާ ހާއިޝް ޔަގީންކުރަން ބޭނުމެވެ.

"އާނ. އައިން މިއިނީ ބަލިވެ. އެކަމަކު ތަންކޮޅެއް ލޭމަދުހެން ހީވަނީ. ގިނައިން ރަނގަޅު އެއްޗިހި ކާންދީ." ފޫޅުމައިދައިތަ އިރުކޮޅަކު އިނދެލާފައި ދިޔައެވެ.

"ކީއްވެހެއްޔެވެ؟ ހާއިޝް އަހަރެން އަމިއްލައަށް އުޅުނަ ނުދެނީ އޭނާގެ ކެހިވެރިކަމުގެ ތެރޭގައި ގައިދުކުރަންހެއްޔެވެ؟ މާތްކަލާކޯއެވެ. މިއަޅާ އަބަދުވެސް ހާއިޝާ ދުރަށްދާން މަސައްކަތް ކުރާއިރުވެސް  މިހެންވަނީ ކީއްވެހެއްޔެވެ؟" އައިންގެ ހިތަށް މިހެން އެރުމާއެކު އޭނާއަށް ރޮވެން ފެށުނެވެ. އޭނާއަށް މިއަދު މި އިވުނު ޚަބަރުން ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާ ބޭނުމީ ހާއިޝާ ދުރުވާށެވެ. ދިރިއުޅޭނެ ގޮތެއް ފެންނަންދެން ހާއިޝްގާތު ހުރިނަމަވެސް ރަނގަޅުގޮތެއް ވާއިރަށް އޭނާ ހާއިޝްގެ ދިރިއުޅުމުން އަބަދަށްޓަކައި ވަކިވާށެވެ.

"އައިން." ހާއިޝް މަޑުމަޑުން ގޮވާލިއެވެ. އޭނާ މާނަވީ ގޮތަކަށް އައިންއަށް ބަލާލެވުނެވެ. އައިންގެ ހަށިގަނޑަށް އައިސްފައިވާ ނިކަމެތިކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ދޮންރީތި މޫނު ވަނީ ގަދައަވީގެ ހޫނުން އަނދާފައެވެ. އަބަދުވެސް ޒުވާންކަމާއި ހިނިތުންވުމުން ތާޒާވެފައިވާ މޫނުވަނީ މޮޅިވެފައެވެ. ލޫޅާފަތި ހަށިގަނޑު ވަނީ އަނަރޫފަވެފައެވެ. އެފަދަ ހާލެއްގައި ތިންވަނަކުއްޖެއް އުފަންކުރުމަށް އޭނާ އެވަނީ ކޮންފަދަ ގުރުބާނީއެއްހެއްޔެވެ؟

"އިތުރު ކުއްޖަކު އުފަން ކުރުމުގެ ބޭނުމެއްކޮބާ؟ އެކުއްޖާގެ ބައްޕައަކީ ބޭވަފާތެރިއެއް." އޭނާ ހިތި ގޮތަކަށް ބުނެލިއެވެ. އައިން ކޮރުޖަހަމުން ކަހަލަގޮތަކަށް ވަރަށް އުނދަގުލުން ހިނގާފައި ގެއަށް ވަނުމަށް ދާން ހިނގައިގަތެވެ.

"ނޫން އައިން އިހަށް މަޑު ކޮށްލަބަލަ." ހާއިޝް އައިންގެ އަތުގައި ހިފާލިއެވެ. އައިންއަށް ހުރިހާ ވާހަކައެއް މިވަގުތު އޭނާ ކިޔައިދޭން ބޭނުންވެއެވެ. ދެނެއް އޭނާއަކަށްވެސް އައިންގެ ނުރުހުންވުން ދެކޭކަށް ކުޅަދާނައެއް ނުވާނެއެވެ. އައިން އެކަނި އެގޮތަށް ދިއުމަކީ އޭނާ ދެކެން ބޭނުންވާކަމެއް ނޫނެވެ.

"އަހަރެން އެކަނި ދިޔަދީ. އަހަރެންނަށް އެއްވެސް މީހެއްގެ އޯގާތެރިކަމެއް މިހާރަކު ބޭނުމެއްނޫން." އައިން ހާއިޝާ ހަތަރުކަޅި ހަމަކޮށްލިއެވެ. މި ހިތްދަތި ވަގުތުގައި އޭނާ ބޭނުންވަނީ އެކަނިވެލާށެވެ. ދުނިޔޭގެ ކެހިވެރިކަން ހިނދުކޮޅަކަށް ވިޔަސް ހަނދާން ނައްތާލާށެވެ.

"އައިންއެވެ. ކެތްކުރާށެވެ. ނޭވާކޮޅަށް ދަންދެންވެސް އަހަރެން މަސައްކަތް ކުރާނަމެވެ. ވަގުތަށް އިންތިޒާރު ކުރާށެވެ. އިރާދަ ކުރެއްވިޔާ އައިންއަށް ވަރަށް ގިނަ އެއްޗެތި ވިސްނިދާނެއެވެ." އަސަރާއެކު ހާއިޝަށް ބުނެވުނެވެ.

ހާއިޝާއި އައިންއަށް ލިބެންއުޅޭ ތިންވަނަ ދަރިފުޅު އައުމަށް ދެންއޮތީ ހަތަރު މަހެވެ. ނަމަވެސް އެ ދެމީހުންގެ ވާހަކަ ދެއްކުމާ ގުޅޭމިންވަރު ކުރިއަށް ވުރެވެސް މަދެވެ. އެގުޅުމުގައި ވަނީ މިހާރު ފަޅުކަމާއި ވީރާނާކަމެވެ. އައިން އިނީ ދެކުދިން ފެންވަރުވައިގެން ރީތި ކުރާށެވެ.

"މަންމާ. އެއީ އަންހެން ކޮއްކޮއެއްދޯ." އާލިން ބުންޏެވެ.

"އާލިން ބޭނުމީ އަންހެން ކޮއްކޮއެއްތަ؟"

"ނޫން."

"އަޅުގަނޑު ބޭނުމީ އަންހެން ކޮއްކޮއެއް." އާރިޒް ބުންޏެވެ.

"އެއީ ކީއްވެ؟"

"ނޭނގެ" އާރިޒް ބުނެލިއެވެ. އައިންއަށް އާރިޒްގެ ހަރަކާތާއި ވާހަކަ ހުންނަގޮތުން ބައެއްފަހަރު ވަރަށް މަޖާވެއެވެ. ގޭތެރެއަށް ވަދެގެން އައި ހާއިޝަށް އައިންއާ ދެކުދިން އެކުގައި މަޖާ ކުރާތަން ފެނުމުން އެ އުފަލުގައި ބައިވެރިވާ ހިތްވެއެވެ. އަދި މިއަދު އޭނާއަށް ލިބުނު އުފާވެރި ޚަބަރު އައިންއަށް ދޭހިތްވަނީ ވަރަށް ލޯބިންނެވެ. އެއީ އެޚަބަރެއްގެ ސަބަބުން އައިންގެ މުޅި ދިރިއުޅުން ބަދަލުވާނެ ފަދަ އުފާވެރި ޚަބަރެކެވެ.

"ބައްޕަމެން ބޭނުމީ އަންހެން ކޮއްކޮއެއް. އޭރުން ހީވާނީ ކުޑަކުޑަ މަންމި އެއްހެންދޯ. އޭރުން މަންމަ ވަރަށް އުފާވާނެދޯ." ހާއިޝް ދެކުދިން ގާތު އިށީނެވެ. އޭނާ އަބަދުވެސް އައިންގެ ގާތްކަން ހޯދަން ބޭނުމެވެ.

"އޭރުން މަންމި ނުރޯނެ ދޯ." ކުޑަކުޑަ އާރިޒް ބުންޏެވެ. އެވަގުތު ހާއިޝާއި އައިންއާ ދެމީހުންނަށް ބަލާލެވުނެވެ. އަދި ދެމީހުންގެ ހަތަރުކަޅި ހަމަ ކޮށްލެވުނެވެ. ހަމައެވަގުތު އައިން އިސްޖަހާލިއެވެ. ހާއިޝް އަތުގައި އޮތް ސިޓީއުރަ އައިންއަށް ދިއްކޮށްލިއެވެ. އައިން އޭގައި ނުހިފަން އަނެއް ފަރާތަށް އެނބުރުނެވެ.

"އައިން. މީގައި ހިފާ. މިއީ މިރަށު ކޯޓުން އައިންއަށް ހަވާލުކުރި އެއްޗެއް." ހާއިޝް އަދިވެސް އެ ސިޓީއުރަ ދިއްކޮށްލައިގެން ހުއްޓެވެ. އައިން ސިޓީއުރާގައި ހިފިއެވެ. އަދި އަވަސް އަވަހަށް ސިޓީއުރަ ކަނޑާލިއެވެ. އޭނާ އޭގައިވާ ލިޔުން ކިޔާލިއެވެ. ދެން ހާއިޝަށް ދައްކާލިއެވެ.

އެލިޔުމުގައިވަނީ އައިންގެ ބައްޕަޔާ މަންމަ ނިޔާވުމުން އެދެމީހުންގެ ތަރިކަމުދާ ބަހާފައިވާގޮތުގެ ތަފުސީލެވެ. އައިންއަށް ބައްޕަގެ ބޮޑުގޭގެ ހަތަރު ބައިން އެއްބައި ލިބިފައިވާއިރު ބައްޕަގެ ވިޔަފާރިންވެސް ކުއްޖަކަށް އަށްލައްކަ ފަސްދޮޅަސް ހާސް ރުފިޔާ ލިބިފައިވެއެވެ. އަދި ބައްޕަގެ ރިޒޯޓު ހަތަރު ކުދިންނަށް ހިއްސާވާގޮތުގެ މަތީން އައިންއަކީ އެ ރިސޯޓުގެ ހަތަރު ހިއްސާދާރުންގެ ތެރެއިން އެކެކެވެ.

މަންމައާއި ބައްޕަ އޭނާ ދޫކޮށް ނުލާކަން އެނގުމުން އޭނާވީ އުފަލެއް ނޫނެވެ. މަންމައާއި ބައްޕަ ނެތްކަމަށް އޭނާ ހާއިޝާއެކު ދިޔަ ދިއުން އެއީ ގޯސްކަމެއްކަން އޭނާއަށް ވިސްނެއެވެ. ނަމަވެސް މިއަދު އޭނާއަށް ކުރެވޭނެ ކަމެއްނެތެވެ. އޭނާގެ މިނިންމުމުގެ ސަބަބުން މަންމަ ނިޔާވީއެވެ. އެންމެ ފަހުން ބައްޕަ ނިޔާވީ އޭނާއަށް އެމީހުންގެ ރުހުންވެސް ނުލިބި ވަނިކޮށެވެ. ނަމަވެސް އެމީހުން އޭނާ ދުލެއް ނުކޮށްލައެވެ. ހުރިހާ ހަނދާނެއް އައުމުން އޭނާއަށް ހިފެހެއްޓުމެއްނެތި ބާރަށް ރޮވުނެވެ.

"އައިން. ހުއްޓާލާ. އެމީހުން އައިން ދެކެވަރަށް ލޯބިވޭ." ހާއިޝަށް އައިން ވިސްނަމުން ދާކަންތައް އިހުސާސްވިއެވެ.

"އަހަރެން ހާއިޝްދެކެ ލޯބިވެވުނީ އެމީހުންނަށްވުރެ މާބޮޑަށް. އެކަމަކު….." އައިން އަކަށް ނުބުނެވުނެވެ.

"އައިން. އައިންއަށް ތިދިމާވި ހުރިހާ ކަމަކަށް އަހަރެން މާފަށް އެދެން."

"މިއަދު އެއިން ކުރާނެ ފައިދާއެއްނެތް." އައިން ރޮމުންބޭރަށް ނިކުތެވެ.

 

އެދުވަހުގެ ހަވީރެވެ. އިރުއޮއްސުމުގެ ކުރީން ދެކުދިންނަށް ކާންދީ ނިންދެވޭތޯ އައިން ހަރަކާތް ތެރިވިއެވެ. އޭރުވެސް އޭނާގެ ހިތުގައި ހިނގަމުން ދަނީ މި އުފަލެއް ނެތް ދިރިއުޅުމުން ސަލާމަތްވާނެ ގޮތެކެވެ. އޭނާގެ ކުރިމަތީގައި ކޮންމެ ދުވަހަކު ޒީނާގެ ދަރިފުޅާމެދު ހާއިޝް އެ ބާއްވާ ގާތްކަން ފެނެއެވެ. އަދި ކޮންމެ ފަހަރަކު ނަފުރަތުގެ އަލިފާންގަނޑު އަނދައިގެން ދެއެވެ. އެންމެ ފަހުން އެކަންތައް ފުން ހިތާމައަކަށް ބަދަލުވެގެން ދެއެވެ.

މިއަދު އައިން ދިރިއުޅުމާމެދު ވަރަށް ވިސްނައިފިއެވެ. މިހާރަކު އައިން ދެރައެއް ނުވެއެވެ. ހާއިޝާ ނުލާ އޭނާއަށް އުޅެން ވަނީ ދަސްވެފައެވެ. ހާއިޝް ވަނީ އެހެން މީހެއްގެ ދަރިއެއް ބެލުމުގައި އަވަދިނެތިއެވެ. އޭނާގެ ކުރިމަތީގައި އެދަރިވަނީ ހާއިޝްގެ ހިތުން އެންމެ ފުރިހަމައަށް ޖާގަ ހޯދާފައެވެ. ޒުވާންކަމާއި ޒުވާންކަމުގެ މިނިވަންކަމާއި ރީތިކަމާއި އެރީތިކަމުގެ އުފަލާއި މުއްސަނދިކަމާއި އެމުއްސަނދި ކަމުގެ އަރާމު އޭނާ ގުރުބާން ކުރި ހާއިޝަށް މުހިންމުވީ އޭނާއެއްނޫނެވެ. އޭނާއަކީ ގުރުބާނީއާއި ލޯބި އަގުވަޒަން ކުރަން ނޭނގުނު ބޭވަފާތެރި ފިރިއެކެވެ.

މިއަދު އައިން ވަނީ ތަނަވަސް ވެފައެވެ. ދުވަހަކު މީހެއްގެ އެހީތެރިކަމެއް ނުލިބުނަސް ދުނިޔޭގައި މުއްސަނދި ދިރިއުޅުމެއް އުޅެވޭވަރު ފެންވަރުގައެވެ. ވީއިރު ބޭވަފާތެރި ފިރިއަކަށްޓަކައި މިދަތި ހާލުގައި އުޅެންވީ ކީއްވެ ހެއްޔެވެ؟

އައިން ބާރުބާރަށް ހިނގާފައި ދިޔައެވެ. އަދި ފޮއްޓަށް އެއްޗިހި އަޅަން ފެށިއެވެ. މިކަމުގައި އަވަދިނެތި އުޅެމުން ދާއިރު މާދަމާ މެންދުރުގެ ފެރީން ކުޅުދުއްފުއްޓަށް ގޮސް ކުޅުދުއްފުށިން ހަނިމާދޫއަށް ދާން އޭނާ ހިތުގައި ރާވާލިއެވެ. އޭރު ދެކުދިންވެސް އައިންގާތު ހުއްޓެވެ.

"އައިން. އިހަށް މަޑުކޮށްލަބަލަ. ތިއީ ރަނގަޅު ގޮތެއްނޫން." ހާއިޝް އުޅުނީ މިވީހާތަނަށް ހިނގާދިޔަ ހުރިހާ ކަމަކާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *