(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
އޭނާ ހައިރާންވެ ފިކުރުބޮޑުވެގެން ހުއްޓާ އެ މާތްމީހާ އަނެއްކާ ބުނެފިއެވެ.
"މި ދަރިފުޅު ވަރަށް ރަނގަޅު. އަދި ވަރަށް ތޫނުފިލި ވެސްމެ. މިކަހަލަ މޮޅު ޒުވާން ކުދިން ވަނީ ގައުމުގެ އަމާނާތެއް ކަމުގައި. މިކަހަލަ ރަނގަޅު ކުދިން މިގޮތަށް ބަރުބާދުވިޔަ ދޭން ހެޔޮވެސް ނުވާނެ. އަހަރެން އެތަކެއް ދުވަހުއްސުރެ ހަމަ ކޮންމެ ދުވަހަކު މި ކުއްޖާ ކުރާ މަސައްކަތް ދެކެމުން އަބަ އަންނަން. ކޮންމެ ރެއަކު އެގާރަ ބާރަ ޖަހާ ދަންދެން ފުޓުޕާތުގައި އެހެރަ ބައްތި ދޮށުގައި ކިޔަވަން އިނދޭ. އެ ހުރިހާ އިރެއް ވަންދެން އެންމެ މިނިޓެއްގެ އިރަށް ވެސް އޭނާ އެތާކުން އެއް ފަރާތަކަށް ނުދޭ."
"ލައްބަ" ހިތްވަރު ގަދަކޮށްލައިފައި ބުނެލިއެވެ.
"އޭނާ ވަރަށް ބޮޑަށް ކިޔަވާހިތްވޭ."
"އެހެންވީއިރު އޭނާއަށް ކިޔަވައި ދޭންވާނެއެއްނު." އޭނާ ބުނެލިއެވެ.
"އަހަރެން އޭނާއަށް ކިޔަވައިދޭނަން. އަހަރެން އުޅެނީ މިހިރަ ކުރިމަތީގައި ހުރި ގޭގައި. ކޮއްކޯ މީނަ ގޮވައިގެން އަހަރެމެންގެ ގެއަށް ހިނގާ. މިއަދުން ފެށިގެން މީނާއަކީ މަގޭ ދަރިއެއް. ކަލޭ ތިޔައީ އަހަރެންގެ ހެޔޮ ކޮއްކޮ. ކަލޭ ހަމަ ހަގީގީ ކޮއްކޮއެއް ހެން އަހަންނާ އެކު އުޅެން ހިނގާ. އަހަރެން މިއީ ކަލޭގެ ރަނގަޅު ބޭބެ ކަމަށް ކަލޭ އަހަރެންގެ މައްޗަށް ފުރިހަމައަށް އިތުބާރު ކުރޭ."
މިއަޑު އަހައިފައި ވީ އުފަލުން ގީތާގެ ހިތް ބާރަށް ތެޅިގަތެވެ. ނަމަވެސް ގީތާ ބުންޏެވެ.
"އަޅުގަނޑަކީ ވަރަށް ނިކަމެތި އެކަނިވެރި އަންހެނެއް. އަދި ކަލާއަކީ…"
"އަހަރެންގެ މައްޗަށް އެއްގޮތަކަށް ވެސް ޝައްކު ނުކުރޭ ކޮއްކޯ! ކަލެއަށް އަހަރެން ބަލާނީ ހަމަ ސާފު ނަޒަރަކުން. އަޚަކާއި އުޚުތަކަށް އެހެންނާ ވެސް ބަލާ އުޅޭ ނަޒަރުން."
"އެކަމަކު…."
"އެކަމަކު މިކަމަކުގެ ބޭނުމެއް ނެތް." އޭނާ ބުންޏެވެ.
"މިކުޑަކުޑަ ދީޕު (ދީޕް ކިޔަނީ ބައްތިއަށެވެ.) ދުނިޔެއަށް އުޖާލާކަމާއި އަލިކަން ފެތުރުމަށް ޓަކައި، އަހަރެމެން ފުރިހަމަ ފުރުސަތު ހޯދައިދޭން ޖެހޭނެ. މިކުޑަކުޑަ ދީޕު ކޮންމެވެސް އެއް ދުވަހަކުން ހަނދާއި އިރަށް ވެގެން ދުނިޔޭގައި ވިދާނެ. އަދި މުޅި ދުނިޔެ އޭގެ އަލިން ވިދާ ބަބުޅާނެ. ވަޒަނާއި ރަށަށް ވެސް އޭގެ ފައިދާތައް މިންނެތް ވަރަށް ލިބޭނެ."
އޭނާ ބުނެއެވެ.
"އަހަރެންގެ ވެސް އަންހެންކުއްޖަކު އެބަހުރި. މި ދެބެން ކިޔަވާނީ އެކީގައި. އަހަރެމެން ހަގީގީ ދެބެންނަށް ވެގެން އެ ކުދިން ރަނގަޅަށް ބަލަހައްޓާނީ. މަގޭ ދަރިފުޅުގެ ވެސް މަންމަ މަރުވެއްޖެ. މަންމައެއް ނުލިބުނުތާ ތިޔަ ކަހަލަ ހެޔޮ އުޚުތެއްގެ ލޯބި ލިބުނަސް ވެސް އެއީ އޭނާ އަށް ވަރަށް ބޮޑު އެއްޗަކަށް ވާނެ. މިހާރު ދެން ކަލޭ ދެކޮޅު ހަދަން ނޫޅޭ."
ދެން ގީތާ އޭނާގެ ދަރިފުޅު ދީޕުއާ އެކުގައި އެ މީހާގެ އުޚުތެއްގެ ގޮތުން އުޅުމަށް އެގެއަށް ހިނގައްޖެއެވެ. އޭނާގެ ނަމަކީ ހަރްބިންސްއެވެ. އެހީތެރިކަމަށް އިންތިހާ ދަރަޖައަށް އެދިއެދި ހުރި ފަރާތަކަށް ބޭނުން ބާވަތަކުން އެހީ ލިބިއްޖެއެވެ.
އެ ދުވަހުން ފެށިގެން ގީތާއާއި ދީޕާ ދެމައިންގެ ނަސީބު ބަދަލުވެއްޖެއެވެ. ހީވަނީ އެ ދެމައިންގެ ކަލާނގެ މިހާ ގިނަ ދުވަސްވަންދެން ވޭނީ އިމްތިހާނުތަކެއް ކުރެއްވުމަށް ފަހު އެ ދެމައިންގެ މައްޗަށް އޯގާވެރިވެ ވޮޑިގަތީ ހެންނެވެ.
އޭގެ އަނެއް ދުވަހު، ދީޕު ސެންޓް ޖޯންސް ހައި އިސްކޫލުގެ ޔުނީފޯމުގައި އޭނާގެ މަންމަގެ ކުރިމަތީގައި ހީނލަހީނލައި ހުއްޓެވެ.
"މަންމާ…!" އޭނާ މަންމަ ގާތަށް ހިނގައްޖެއެވެ.
"އެ އިސްކޫލުގައި ކިޔަވަންވެގެން މަންމަ ގާތުގައި އަޅުގަނޑު ބޮޑާ ދެއްކި އިސްކޫލަކީ މީ."
ގީތާ އޭނާގެ ދަރިފުޅު މޭގައި ޖައްސައި ނުހަނު ބާރަށް ފިތައިލިއެވެ.
"ދަރިފުޅުގެ ހިތުގެ މުރާދު ފުރިހަމަ ކޮށްދެއްވި ކަލާނގެ ކިބަފުޅަށް ޝުކުރުކުރޭ! ދަރިފުޅާ! މި ހުރިހާ ކަމަކީ ވެސް ކަލޭ އަމިއްލަ އަށް ކުރި ހިއްމަތާއި މިންނަތުގެ ހެޔޮ ނަތީޖާ. މިހާ މަސައްކަތް ނުކޮށް އެ ވަރަށް ވަރުބަލި ނުވިނަމަކަ ދަރިފުޅުގެ އެދުމެއް ފަހަރެއްގައި ވެސް ނުފުދުނީސް."
“މަންމާ ދެން އަޅުގަނޑު ބަހުގައި ދާން ބޭރަށް ދަނީ އިނގޭތޯ." ދީޕު ބުންޏެވެ. "ދެން މަންމަ ބައްލަވަން ހުންނަވާ ބަސް އައިސް އަޅުގަނޑު ގޮވައިގެން ދާތަން."
"އެކޮއި ދާނީ ބަހެއްގައެއް ނޫން ދަރިފުޅާ." ހަރްބިންސް އައިސް ބުންޏެވެ.
"ދަރިފުޅާއި ލަތާ އާ ދެ ކުދިން އިސްކޫލަށް ދާނީ ކާރުގައި. ޑުރައިވަރު މިހާރު ކާރުގައި އަންނާނެ."
ދެން ދީޕާއި ލަތާ އާ ދެ ކުދިން ކާރުގައި އިސްކޫލަށް ހިނގައްޖެއެވެ. އޭނާގެ ދަރިފުޅު މި ގޮތަށް ކާރުގައި އިސްކޫލަށް ދާތަން ފެނިފައި ގީތާގެ ލޮލުން ކަރުނަތައް އޮހޭން ފަށައިފިއެވެ. ދުރަށް ދަމުންދަމުން ގޮސް ކާރު އޭނާގެ ނަޒަރުން އޮބައިލައިފިއެވެ.
ދީޕަކީ އެންމެ ފުރަތަމަ ވެސް ތޫނު ކުއްޖެކެވެ. މިހާރު އޭނާއަށް މި ދިމާވި އައު ޖައްވުގެ ސަބަބުން އިހަށް ވުރެ ވެސް ބޮޑަށް ވިދައިލައިފިއެވެ. އޭނާގެ ތައުލީމު ހާސިލު ކުރުމުގައި ސާބިތު ކުރަމުން ގެންދިޔަ ހިއްމަތާއި މިންނަތުން ޚުދު އޭނާ އިސްކޫލުގެ އުސްތާޒުން ވެސް ހައިރާންކޮށްލައިފިއެވެ.
އޭނާއަށް ވަދެވުނީ ތިންވަނަ ކުލާހަށެވެ. އެއް މަސް ދުވަހުގެ ތެރޭގައި އޭނާ ކުރިއަށް އަރައިގެން ދިޔަވަރުން އޭނާއަށް ހަތަރުވަނަ ކުލަހަށް ވަދެވިއްޖެއެވެ. ދެން މި ކުލާހުގެ ސެކެންޑް ޓެސްޓުގައި އޭނާ މުޅި އިސްކޫލުން އެއްވަނަ ހޯދައިފިއެވެ. އިސްކޫލުގެ އެއްވެސް ކުލާހެއްގެ އެއްވެސް ކުއްޖެއްގެ އެވްރެޖު އޭނާގެ އެވްރެޖަކަށް ވުރެ މައްޗެއް ނޫނެވެ. އޭނާއަށް ކާމިޔާބު ކުރެވިފައި ވަނީ ވަރަށް މަތިވެރި ދަރަޖައަކަށެވެ.
ދެން މަސައްކަތް ކޮށްގެން ހަމަ އެ އަހަރު ހަރްބިންސް އޭނާ ފަސްވަނަ ކުލާހަށް ވެއްދިއެވެ. އޭނާ މި ކުލާހުގައި ވެސް މަސައްކަތްކުރިލެއް މިހާ ފުރިހަމައެވެ. ހަމަ އެ އަހަރު ހަވަނަ ކުލާހަށް ގޮސްފައި ވެސް ކާމިޔާބު ކުރެވިދާނެއެވެ. ނަމަވެސް މިކަހަލަ ގަވައިދެއް އެތާކު ނެތެވެ. ވީމާ ހުރި ކުލާހުގައި ހުންނަން ޖެހުނީއެވެ. އެހެން ނޫންނަމަ އޭނާ ހަވަނަ ކުލާހުގެ އިމްތިހާނު ނަގައިގެން އަނެއް އަހަރު ހަތްވަނަ ކުލާހަށް ދިޔައީހެވެ.
ގީތާ ކޮޅެއް ވެސް ނެތްހާ ބޮޑަށް އުފާކުރިއެވެ. ހަރްބިންސް ވެސް އެހާބޮޑަށް އުފާކުރެއެވެ. އޭނާއަށް މިހާ ރަނގަޅު ވިސްނުންތެރި ކުއްޖަކު ހޮވުނީތީ ފަޚުރުވެރިވެއެވެ. އޭނާގެ ނަޒަރު އޭނާ އަށް ކެހިނުދިނީތީ އޭނާ ޝަރަފުވެރިވެއެވެ.
ދީޕު ކިޔަވަމުން އޮވެދެއެވެ. އޭނާ ފެނިފައި ހިތާއި ހަށިގަނޑުން ލަތާ ވެސް ކިޔަވަމުން ގެންދެއެވެ. އެ ކުދިންގެ މިބައިވެރި، ވާދަވެރި މަސއްކަތް ފެނިފައި ހަރްބިންސް އުފަލުން ފުރިފައި ހުއްޓެވެ.
އަނެއް ކޮޅުން ގީތާ ވެސް އެފަދަ މަތިވެރި ދަރަޖައަކަށް އުފާ ކުރެއެވެ. އޭނާގެ ރަނގަޅު އުޅުމާއި މަސައްކަތުން މި ގެއަކީ، ސުވަރުގޭގެ ނަމޫނާއަކަށް ހަދައިލިއެވެ. އޭނާ ހަރްބިންސަށް ޝުކުރުވެރިވެއެވެ. މިހެނީ އެ ހަޑިގަނޑުތެރެއިން އެ ދެމައިން ނެރެ އެ ދެމައިންނަށް މި ދަރަޖަ ދިނީ ހަރްބިންސެވެ. ހަރްބިންސް ގީތާއަށް ޝުކުރުވެރިވަނީ ގީތާ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މަގުސަދު ކަމުގައިވާ އަންހެން ދަރިފުޅު ލަތާއަށް ލޯބިވެރިކޮށް ހިތައި ކަމޭހިތައިދޭ ފުރިހަމަކަމަށް ޓަކައެވެ. އެފަދަ އެހީއެއް ލަތާގެ ހަގީގީ މަންމަ ފިޔަވައި އެހެން މީހެއްގެ ކިބައަކުން ނުލިބޭނޭކަން އޭނާއަށް ޔަގީނެވެ.
އެ ދެ މީހުން އެކަމަކު އަނެކަކަށް ޝުކުރުވެރިވެއެވެ. އެ ދެ މީހުން އެކަކު އަނެކަކު ދެކެވަނީ ހަގީގީ ބޭބެއަކު ހަގީގީ ކޮއްކޮއަކު ދެކެވާ، ހަގީގީ ކޮއްކޮއަކު ހަގީގީ ބޭބެއަކު ދެކެވާ ކަހަލަ ލޯތްބެކެވެ.
ދުވަސްތައް ވޭތުވަމުން އޮވެދެއެވެ. ހަޔާތުގެ ނާ ޒަމާނުގެ ރޭ ދުވާލާ އެކުގައި ރޯލު ކުރަމުން ރޯލު ކުރަމުން ކުރިޔަށް ދާ ފަދައިން އެބައިމީހުންގެ ހަޔާތް ވެސް އޮވެ ކުރިޔަށް ދެއެވެ.
ބާރަ އަހަރު ވޭތުވެ ހިނގައްޖެއެވެ. ބާރަ އަހަރަކީ ދިގު ޒަމާނެކެވެ. މަޝްހޫރުވެފައިވާ ފަދައިން ބާރަ އަހަރަށް ފަހު ފަގީރު މީހާގެ ދުވަސް ވެސް ފުރޮޅެއެވެ. މި ބާރަ އަހަރަށް ފަހު ގީތާގެ ލޮލުން ވެސް އުފާވެރިކަމުގެ ހަގީގީ ކުލަ ވިދައިގެންފިއެވެ. ދެލޯ އުޖާލާ ވެއްޖެއެވެ. ހިތް ފަރިވެ ފޮޅިއްޖެއެވެ. މޫނުމައްޗަށް ޒުވާންކަމުގެ ތާޒާ ކުލަތައް ފޭދިގެންފިއެވެ.
އޭނާގެ ދަރިފުޅު ދީޕު މަތީ ތައުލީމު ހާސިލު ކުރުމަށް ފަހު އޭނާއަށް މަންމަ ގޮވައިގެން އުޅެވޭ ވަރު ވެއްޖެއެވެ. އޭނާއަށް ފުލުހުންގެ މަޙްކަމާގެ ސަބް އިނިސްޕެކްޓަރެއްގެ ވަޒީފާ ލިބިއްޖެއެވެ.
އަދު މި އުފަލުގައި ރާއެބަހާދަރު ހަރްބިންސްލާލު ގެ ރީތި ގޭގައި ވަރަށް ޚާއްސަ ޕްރޮގުރާމަކަށް އިންސާފު ކުރެވުން އެބައޮތެވެ. ރާއެސާހަބު ދީޕު ސަބް އިނިސްޕެކްޓަރަކަށް ވުމުގެ މުނާސަބަތުގައި އޭނާގެ ރަހުމަތްތެރިންނާއި ތިމާގެ މީހުންނާއި ގާތް މީހުންނަށް ވަރަށް ޚާއްސަ ޕާޓީއެއް ދެނީއެވެ. އެ ގެ ވަނީ އައު ކައިވެންޏަކަށް ތައްޔާރު ކުރެވިފައިވާ އަންހެންކުއްޖެއް ފަދައިން ޒީނަތްތެރި ކުރެވިފައެވެ. އުފާވެރި މިޔުޒިކުތަކުން ލޭހިނގުން ހަލުއި ކުރަމުން ގެންދެއެވެ. ސަކައާއި ހުނުމުގެ އަޑުތަކުން ފަޒާ ގުގުމަމުން ދެއެވެ.
މި ޕާޓީގެ އުފަލުގައި އެންމެ ބޮޑަށް ފަރިވެ ފޮޅިފައި ވަނީ ލަތާއެވެ. ރާއޭ ބަހާދަރު ސާހަބުގެ އަންހެން ދަރިފުޅެވެ. ކުޑައިރުއްސުރެ ދީޕާއެކުގައި ކުޅެން އުޅުނު އެކުވެރިޔާއެވެ. ކުޑައިރުއްސުރެ މިހާތަނާ ހަމައަށް އެއްވެސް މީހަކަށް އޭނާގެ ހިތުން ތަންކޮޅެއް ދީފައިވާ ކަމުގައި ވަނީ ނަމަ، އެމީހަކީ ދީޕެވެ. ދީޕަކީ މިހާރު އެކާވީސް އަހަރުގެ ރީތި ފުރިހަމަ ޒުވާނެކެވެ. އެއީ ހަމަ ލަތާ ފަދަ ރީތި ފުރިހަމަ ޒުވާނެއްގެ ހިތުގެ ތެޅުންތަކުގައި އާބާދުވެފައިވާ ލޯބިވެރިއެކެވެ. ލަތާގެ ހިތުގެ ކޮންމެ ތެޅުމެއް ވަނީ ދީޕަށް ޓަކައި ވަގުފު ވެފައެވެ. ގާތްގަނޑަކަށް ދީޕުގެ ހާލަކީ ވެސް މިއެވެ. އެކަކު އަނެކަކަށް ޓަކައި ވަނީ ފިދާވެފައެވެ. އިންތިހާ ދަރަޖައަށެވެ.
ދީޕު ވެސް ވަނީ ލަތީފު ޖިންސުގެ ފުރިހަމަ ޒުވާނީ ހަރަކާތްތަކުން އަސަރު ކުރުމަށް އެކަށީގެން ވެފައެވެ. އޭނާ އެއްވެސް ލަތީފު ޖިންސުގެ ހަރަކާތަކުން އަސަރު ކުރުމަށް އެކަށީގެން ވަނީ ނަމަ އެހަރކާތްތަކުގެ ވެރިއަކީ ލަތާއެވެ. މި ޕާޓީގައި މި ދެންނެވި ހުރިހާ ޒުވާންކަމެއް ޖަމާވެފައި ވެއެވެ.
ކުލްދީޕު ބުނެލިއެވެ.
"މިއަދު ލަތާގެ ފައިންޕުޅުވެސް ނުފެނޭ އުތަ."
"ފައިންޕުޅު ފެންނާނެތަ؟" ސުދާ ބުނެލިއެވެ.
"އޭނާ އެހެރީ ފުލުހުންގެ ސަބް އިނިސްޕެކްޓަރަކާ އިޝްޤީ ވެފައި."
"އެކަމަކާ ކަލޭ ކީއްވެގެން ތިޔަ ވަރަކަށް ތިޔަ ހަސަދަވަނީ." ލަތާ ސުދާ އާ ދިމާކޮށްލިއެވެ.
"ކަލޭމެން ސަބް އިނިސްޕެކްޓަރެއް ނޫން މީހަކާ އިޝްޤީ ވީނަމަ ވެއްޖައިހެންނު."
"އޭނާގެ ނަސީބުގައި އެކަހަލަ ދިދަ ހޫރާ ފިރިއަކަށް ވާން އޮތީ މާކުރިންވެސް ލިއުއްވައިފައި." ރޫމާ ބުނެލިއެވެ.
"އޭނާ އަށް ވާނެ ވަރަކީ އަބަދުވެސް އަތާ މޫނު ކަޅުކޮށް ފޫނެތް ފަޔަށް ފެން ފުރުން."
"އަތާ މޫނު ކަޅުކުރަނީ އަހަރެމެންގެ ސުދާގެ ދުޝްމިނުންގެނު.” ޝަޝީ ސުދާގެ ބޮލުގައިވާ މާފަތިތައް ރަނގަޅުކޮށްލިއެވެ.
"އެހެންނަމަވެސް އަހަރުމެންގެ ރާނީގެ ހިތްހަމަޖައްސަން އެކުރާ ޗަކްޗަކް ދަތުރު ވަރަށް މަޖާވާނެ."
" ޗަކްޗަކް ދަތުރޭ؟" ކާންތާ ހިނިއައިސްގެން ގޮސް އަވަދިވެއްޖެއެވެ. އެއްގޮތަކަށް ނުވެސް އޮބެހެއްޓުނެވެ. އެ ކުދީން މި ގޮތަށް ހޭނތަން ފެނިފައި އެ ޕާޓީއަށް އައިސް ތިބި ފިރިހެން ކުދިންކޮޅަކަށް މަޑެއްކޮށް ނުތިބެވުނެވެ.
"އޭތް! ބަލަ ތަންކޮޅެއް ބަލައިގެން ހީނ!" ބިކްރަމް ހީވީ އެ ކުދިންނަށް މަޝްވަރާ ދިނީ ހެންނެވެ.
"އެހެން ނޫނީ ބާޒާރުގެ މަލުގެ އަގު ދަށްވާނެ. އެހެންވެއްޖިއްޔާ މާވިއްކައިގެން ކައިބޮއި އުޅޭ މީހުންތައް ބަނޑަށް ޖެހިދާނެ."
"ކަލޭމެން މަޝްވަރާ ދިނުމުގައި ވެސް ތަންކޮޅެއް ބަލައިގެން މަޝްވަރާދީ ހަދާ." ލަތާ ބުނެލިއެވެ.
"އެހެން ނޫނީ މުޅި ރަށުގެ ވަކީލު ފަކީރުންކޮޅު އަތްމަތި ދަތިވެގެން ކަމެއް ނުލިބިގެން މަދިރި މަރަން އުޅެން ޖެހިދާނެ."
"އޭރުން ފިލްޓު ހަދާ ކުންފުނިތައް ބަނގުރޫޓު ވެދާނެ." ރަމޭޝް ބުނެލިއެވެ.
"އަޅެ އެހެންނު ވާނީދޯ؟"
"އެހެން ކަމުގައި ވިޔަސް ވަކީލުން ދެން ވެސް އުޅޭނީ ވަރަށް މަޖަލުގައި. ވަކާލާތު ނުކުރިއަސް މަދިރި މަރަން އެބަލިބޭނު. ފިލްޓު ބޭނުން ހިފަން ޖެހޭނުން. އެކަމަކު އޭރުން ވެސް އެއްކަލަ މާވިއްކާ މީހުންނަކަށް ގޮތެއް ނެތެއްނު." ބިކްރަމް ބުނެލިއެވެ.
"އެފަކީރުންނާ ދޭތެރޭ ވެސް ކޮންމެވެސް ބޭހެއް ހޯދަ ބަލަ ކަލޭމެން."
"އެމީހުންނަށް ބޭހެއްވެސް ނޫން އެނގެނީ." ދީޕު ބުންޏެވެ.
"އެމީހުން ފޯރިހުންނަނީ ބަލިޖައްސަން."
"އޮހޯ!" ކުލްދީޕު ބުންޏެވެ.
"ބަލަ ކަލޭ ވެސް ފުންމައިގަތީތަ؟ އެންމެ ފުރަތަމަ ކަލޭގެ ބަލިހާލު ވިސްނަންވެއްޖެއެއްނު. މަސާހިބު."
އޭނާ ލަތާ ދައްކައިލިއެވެ.
"ދެން އެހެންވީއިރު އަޅުގަނޑުމެންނަށް ތުހުމަތުކުރައްވާ."
"ހީވަނީ." ޝަޝީ ބުނެލިއެވެ."އަހަރުމެންނަށް ތުހުމަތުކޮށްކޮށްތިއްބާ ކުށް ފާޅުވާނީ ކަލޭގެފާނުހެން." މިހެން ބުނުމުން އަނެއްކާ ވެސް ހުނުމުގެ ފައްވާރާއެއް އުފެދިގެން އައެއެވެ. ކާންތާ ބުނެލިއެވެ.
"އަހަރުމެން ރަށުގެ ހުރިހާ ހަކީމުން ޑޮކުޓަރުންގެ ހައްގު އަތުލައިގަންނާކަށް ނޫޅެން."
"ތިހައްގު އަތުލުމުގެ ވާހަކަ ބާއްވާ. ދެފައިގައި ހިފައިފައި މި ބުނަނީ." ލާނެތް ޖަގުތާބު ދިމާކޮށްލިއެވެ.” އެހެން ނޫނީ އަހަރެން ހައްގު އަތުލުމުގެ ރީތި ވާހަކައެއް ކިޔައިދީފާނަން."
"ކޮން ހައްގު އަތުލުމުގެ ރީތި ވާހަކައެއްތަ؟" ދީޕު އަހައިލިއެވެ.
"އެއީ އާޔާއެއް އައިސް ނުލާހިކު ރަނގަޅު ރީތި ނާޒުކު އަންހެންކުއްޖެއްގެ ހައްގު ދަމައިގަތް ގޮތުގެ ވާހަކަ."
މިއާ އެކުގައި އެ ލާނެތް އަންހެންކުދިންތައް އަލިފާން ކަހަލަ ހިންޏެއް ފަޅައިގެންދިޔައެވެ. ހެނމުންހެނމުން ގޮސް ބައެއް ކުދިންނަށް އެތާނގައި ނުތިބެވިގެން ފާޚާނާއާ ދިމާއަށް ދުވަން ފަށައިފިއެވެ.
"ދީޕު ނިކަން ބުނެބަލަ." މަނޯހަރު އަހައިލިއެވެ.
"ފުލުހުންގެ މަސައްކަތްތައް ކުރަމުން ގޮސް އެންމެ މޮޅު ކަމަކަށް ދެން ކަލޭ ކުރާނީ ކީއް؟"
"އެންމެ ފުރަތަމަ ތީޖް ސިންގު ޑާކޫ ހައްޔަރު ކޮށްލަނީ." ޖަގުމޯހަން ބުނެލިއެވެ.
"އޭނާ މުޅި ބޮމްބޭގެ މީހުން ސަލީބަށް އަރުވައިފި."
"މުޅި ބޮމްބޭގެއޭ ނުބުނުއްވާ." އަޖީތު ބުންޏެވެ.
"ހަމަ އެކަނި ބޮމްބޭގެ ލަކްޕަތީންނާއި ކުރޯޅުޕަތީންނޭ ބުނުއްވާ. އެއީ ހަމަގައިމުވެސް ތީޖް ސިންގ ސަލީބަށް އެރުވި މީހުން."
"ނިކަމެތީންގެ ދުއާތައް ވަނީ އޭނަޔާ އެކުގައި."
"ކުށް ވާނީ ކޮންމެ ގޮތެއްގައި ވެސް ކުށަށް." ދީޕު ބުނެލިއެވެ.
"އޭނާ އަށް ފަގީރުންގެ ދުއާގެ ބަރަކާތް ލިބުނަސް އަމީރުންގެ ނުބައި ދުއާތަކުގެ މުސީބާތް ޖެހުނަސް އަދި ނުޖެހުނަސް."
"އޭނާއަށް ކޮންމެ ގޮތެއްގައި ވެސް ޝަޒާ ލިބުން ހައްގު."
މަނޯހަރު ޖުމުލަ ފުރިހަމަކޮށްލިއެވެ.
"ހިއަރ ޔު އާރ." އޭނާ އަތްތިލަބަޑިޖަހައިލިއެވެ. "ކަލޭ ފުލުހުންގެ މަހުކަމާގެ ނަން ވިދުވާލަދޭނެކަން ޔަގީން."
"ކަލޭމެން މަރްހޫމު ޖަގްދޭޝްގެ ނަން ވިދުވާލާނެކަން ޔަގީން." މީހަކު ނޯތޭޖުގެ ބުރަކަށީގައި އަތުން ޖަހައިލިއެވެ.
"އަހަރުމެން ކަލޭގެ ސަރުދާރުކަމުގެ މައްޗަށް ފުރިހަމައަށް އިތުބާރު އެބަ އޮތް."
"އަހަރެން އެ ހަރާމުޖާދާ މުދާވެރިންގެ މަސްތައް ފުނިޖަހައިލާނަން." ނޯތޭޖު މުށްކަވައިލައިފައި ބުންޏެވެ.
"އެމީހުންގެ ވަކިވަކި ލާރިއަށް ދަންދެން ފަގީރުންގެ މެދުގައި ނުބެހޭހާ ހިނދަކު އަހަރެން ނޭވާއެއް ވެސް ނުލާނަން."
"ބޮމްބޭގެ ސަރުކާރު އަހަރުމެން ހައްޔަރު ކުރަން ބޭރުން ވެސް ފުލުހުން ގެންނަ ވާހަކަ އެބަ އަހަން. އެމީހުން މުޅި ދުނިޔޭގެ ހުރިހާ ފުލުހުން ވެސް ގެނަޔަދީ. އަހަރުމެން އެކައްޗަކަށް ވެގެން ތިބިހާ ހިނދަކު އެމީހުންނަށް އެއްކަމެއް ވެސް ނުކުރެވޭނެ."
"އަހަރުމެންގެ އެކުވެރިކަން ދުވަހަކުވެސް ވަކިވަކިކޮށެއް ނުލެވޭނެ." އެންމެން އެއް ދުލުން ބުންޏެވެ.
"މާތްރަސްކަލާނގެ ރުއްސެވިއްޔާ އަހަރުމެން އަބަދުވެސް އެކުވެގެން ތިބޭނީ ކިރާ ހަކުރުހެން."
"އެހެންވީއިރު އަހަރުމެންނަކަށް އެކަކަށް އެއްކަމެއް ވެސް ނުކުރެވޭނެ." ނޯތޭޖު ބުނެލިއެވެ.
(ނުނިމޭ)
