ވާހަކަ: ތޫފާން 7

" އަހަރެން މިދަނީ ޝަޒާއަށް ގުޅާފަ ބުނަން.. ދެން މިގެއަށް ނާންނާށޭ…"

އެހެން ބުނުމަށްފަހު އަތްވެސް ނުދޮވެ ޖެނީ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ބޭނުންވާ ކަމެއް ލަހެއްފަހެއް ނެތި ޖެނީ ކުރާނެކަން އާލިމަށް އެނގެއެވެ. އެހެންކަމުން ޖެނީ ހުއްޓުވުމަށްޓަކައި ޖެނީގެ ފަހަތުން އާލިމްވެސް ހިނގައިގަތެވެ.

" ދެން ތިއީ ކޮންކަމެއް؟ ކޮންމެހެން އަހަރެން އޭނަ ނުގެންނަން ވެގެންނެއްނޫނޭ އެގޮތަށް ވާހަކަ ދެއްކީ! "

ކޮޓަރިއަށް ވަނުމާއެކު ދޮރުލެއްޕުމަށްފަހު އާލިމް ހިތްހަމަ ނުޖެހޭ ގޮތް ދެއްކިއެވެ.

" އަހަރެން ހުރީ ފައިސާއަށް ވިސްނާފައި މެއިޑެއް ނުހޯދަން ވެގެން.. އެކަމަކު ޝަޒާއާ ދިމާވީމަ ހިތަށް އެރީ އޭނައަށް ފައިސާ ލިބޭނެ ދޮރެއް ހުޅުވައިދޭނަމޭ.. އެހެން މީހަކު ނަމަ އަހަރެން އެގޮތަށް މިގެއަށް ނުވެސް ގެނައީމުސް"

އަދިވެސް ޖެނީ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.

" އެންމެ ރަނގަޅޭ! ފުރަތަމަ ހަމަޖެހިލަބަލަ! ޖެނީއަށް އެނގޭތަ ޖެނީ ތިގޮތަށް ރުޅި އައިސްގެން އަހަރެން ކުށްވެރިކުރާ ކޮންމެ ފަހަރަކު އަހަރެން ހާދަ ދެރަވެޔޭ! ކައިވެނިކުރީއްސުރެ އަދިވެސް އަހަރެންގެ ހުރިހާވެސް މީހަކީ ޖެނީ! "

އާލިމްގެ އަސަރުގަދަ އަޑުން ބުނެލިއެވެ. އެއާއެކު ރުޅިވެރިކަމާއެކު އާލިމަށް ބަލަހައްޓައިގެން ހުރި ޖެނީއަށް އިސްޖަހާލެވުނެވެ.

" ސޮރީ! "

އާދައިގެ މަތިން ޖެނީ މިފަހަރުވެސް މަޢާފަށް އެދުނެވެ. ދުވަހެއް ނިމިގެން ދާއިރު ދެމަފިރިންގެ ދެމެދުގައި އެތައް ފަހަރަކު ކުނި ޖެހެއެވެ. ކޮންމެ ފަހަރަކުވެސް އާލިމަށް ޖެހެނީ ޖެނީއަށް ވިސްނައިދޭށެވެ. ޖެނީގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް ރަނގަޅު ކުރުމަށް އެތައް ފަހަރަކު އާލިމް އެދެއެވެ. ނަމަވެސް ޖެނީއަކަށް އެއީ މާ ބޮޑު ކަމަކަމަށް ނުވެއެވެ. އާލިމް އޭނާދެކެ ލޯބިވާވަރު އެނގޭތީ ޖެނީއަށް އަބަދުވެސް ހުރެވެނީ ދިރިއުޅުމާމެދު ވަރަށް ބޮޑު ޔަޤީންކަމެއްގައެވެ.

***

ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމާލުމަށްފަހު އާލިމް ގެއަށް އަންނަނީ ވަރުބަލިކަމާއެކުގައެވެ. ގައިން ވަރު ދޫވެ، ބަނޑުހައި ކަންމަތީގައެވެ. މިރޭވެސް ތަންކޮޅެއް ދުރުގައި ކާރު ޕާކުކޮށްފައި އާލިމް ގެއަށް އައީ ހިނގާފައެވެ. އޭރު އޭނާގެ ބުރަކަށީގައި ނުރިއްސާ ތަންކޮޅެއް ނެތެވެ. އަވަސްވީ ގޮތަކަށް އޮށޯވެ، ނިދަން ބޭނުންވި ނަމަވެސް ބަނޑުހައި ވެފައި ހުރުމުގެ ސަބަބުން ފުރަތަމަ ބޭނުންވީ ރަނގަޅަށް ކާށެވެ. އެހެންކަމުން މޯޅިއަކަށް ދެމިލުމަށްފަހު އޭނާ ގޮސްވަނީ ކޮޓަރިއަށެވެ. އޭރު ޖެނީވެސް އޮތީ ނިދިފައެވެ. އެނދުގެ މަގަތުގައި އިށީންނަމުން އާލިމް ޖެނީގެ ގައިގައި ކޮއްޓާލިއެވެ.

" އޫމް.."

ނިދި އަޑުން ޖެނީ އެހެން ބުނެލި އިރުގައިވެސް އޭނާގެ ލޮލެއް ނުހުޅުވެއެވެ.

" ވަރަށް ބަނޑުހައިވެއްޖެ.. ކޯއްޗެއްތަ ކާން ހުރީ؟ "

ވަގުތު ބޭކާރު ނުކޮށް އާލިމް އަހާލިއެވެ. އެއާއެކު ޖެނީ ތުންތަޅުވާލިއެވެ.

" ދޭބަލަ ބަލައިލަން! މެންދުރު ހުރި ބަތްކޮޅު ފްރިޖަށް ލައިފައި ހުންނާނީ! މައިކްރޯވޭވްގަ ހޫނު ކޮށްގެން ކާލަބަލަ! "

ޖެނީގެ ޖުމްލަ އަޑު އިވިފައި އާލިމްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އެވަރުގެ ކުޑަ ކަމެއް ކޮށްލާނެ ހިތްވަރުވެސް އޭނާގެ ކިބަޔަކު ނެތެވެ. ޝަކުވާ ކުރަން ބޭނުން ނުވި ނަމަވެސް އާލިމްގެ ދޫ ހަރަކާތްކުރަން ފެށިއެވެ.

" ޖެނީއަށް އެނގެއެއްނު އަހަންނަކީ އެގޮތަށް އެއްޗެހި ފްރިޖަށް ލައިގެން ކައިއުޅޭ މީހެއް ނޫންކަން! ރޭގަނޑަށް އެއްޗެއް ނެތިއްޔާ، އަހަރެން ކާން ޖެނީ ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލިނަމަ"

" ދެން އެއީ އެހާވަރުގެ ކަމެއްތަ؟ "

އާލިމަށް ބަލައިލުމަށްފަހު ޖެނީ ބުންޏެވެ. އެވަގުތު އާލިމް ފުންމައިގެން ތެދުވިއެވެ. އަދި ކުރިމަތީގައި ހުރި ހެދުންއަލަމާރީގައި ލެނގިލުމަށްފަހު އޭނާއަށް ހިތުގެ އުދާސްތައް ބޭރުކުރަން ފެށުނީ ބޭއިޚްތިޔާރުގައެވެ.

" މިހަފްތާ ފެށުނީއްސުރެ އަހަރެން މިއުޅެނީ މިގޮތަށް! ހެނދުނު އޮފީހަށް ދާ ގޮތަށް ހަވީރު އައިސް، އަނެއްކާ މި އަރަނީ ކާރަށް! ގެއަށް މި އާދެވެނީ އެގާރަ ޖެހީމަ. "

ތަންކޮޅެއް ބާރަށް އާލިމް އެހެން ބުނުމާއެކު، އަޑުއަހަން އޮތް ޖެނީ ތެދުވަން އުޅުނެވެ. ނަމަވެސް އާލިމް އޭނާ ހުއްޓުވިއެވެ.

" މަޑުކުރޭ ދެން.. އަހަންނަށް އެކަނި ކެވޭނެ."

އާލިމް އެހެން ބުނެލުމަށްފަހު ފަރުވާކުޑަ ގޮތަކަށް ޖެނީގެ މޫނަށް ބަލައިލިއެވެ. ޖެނީވެސް އިނީ ނުރުހުމުގެ ލޮލަކުން އާލިމަށް ބަލާށެވެ. ސިޓިންގރޫމަށް ނިކުމެ އާލިމަށް އަނެއްކާވެސް ދޫކޮށްލެވުނީ ވަރުބަލިކަމުގެ ފުން ނޭވާއެކެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ފްރިޖުން ކަހަނބު ނެގުމަށްފަހު މައިކްރޯވޭވަށް ލިއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައި ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ކާން އިށީނުމަށްފަހު އޭނާއަށް އިރުކޮޅަކު އިނދެވުނީ ހިތަށް ހަމަޖެހުމެއް ލިބިގެން ނޫނީ އަރުތެރެއިން އެއްވެސް އެއްޗެއް އެތެރެ ނުވާނެކަން އެނގޭތީއެވެ. އެއާއެކު އޭނާއަށް ބަދިގެ ތެރެއަށް ކަޅި ހިންގާލެވުނެވެ. އެއަށްފަހު މުޅި ގޭތެރެއަށް ނަޒަރު ހިންގާލެވުނެވެ. ޝަޒާ އައިސް ގޭތެރޭގެ މަސައްކަތްތައް ކުރަން ފެށި ފަހުން މުޅި ގެއަށްވެސްވަނީ ތަފާތު ކަމެއް އައިސްފައެވެ. ބަދިގެތެރެއާއި ސިޓިންގރޫމްވެސް ފެންނަނީ އަބަދުވެސް ވަރަށް ސާފުކޮށް އޮންނަ ތަނެވެ. މީގެ ކުރިން އާލްގެ ކުޅޭ ސާމާނަކީ ދާއިމަށް މުށިތައްމަތީގައި ހުންނަ އެއްޗެއްސެވެ. ނަމަވެސް ހަވީރު ޝަޒާ ދަމުން ހުރިހާ އެއްޗެއް ނަގައި ސާފުކުރާތަން ބައެއް ފަހަރު އާލިމަށްވެސް ހުރީ ފެނިފައެވެ. އެހެންކަމުން ޝަޒާ އައުމަށްފަހު، މުޅި ގެއަށް އައިސްފައިވާ ބަދަލަކީ ޝަޒާގެ މުރާލިކަމޭ އާލިމްގެ ހިތަށް އެރިއެވެ. އެކަންކަމާމެދު ވިސްނާލެވުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އެހެންކަމުން އޭނާ ބެލީ އަވަހަށް ކެވޭތޯއެވެ. އެއާއެކު ޝަޒާއަކީ ކެއްކުމުގެ ހުނަރުވެސް ލިބިފައިވާ ގެވެހި އަންހެނެއްކަން އޭނާއަށް އެނގުނެވެ. ހޮޓަލުން ގެނެސްގެން އެއްވެސް އެއްޗެއް ކާކަށް މިހާރަކު އާލިމަކަށް ނުޖެހެއެވެ. ބަދިގެތެރޭގެ ޚަރަދު އެތައް ގުނައަކަށް ކުޑަކަންވެސް އޭނާއަށް ފާހަގަ ކުރެވުނެވެ.

" އަހަރެންގެ އަނބިމީހާގެ ކިބައިގައި އެސިފަތައް ހުންނާނެނަމަ… ގައިމު ޝަޒާއަކީ އެކަނިވެރިމައެއް.. އެކަނިމާއެކަނި އުޅެނީ! ފިރިއެއްގެ ލޯތްބެއް ނުލިބޭތާ އޭނާގެ އެކަކުވެސް ނެތްހެން ހީވަނީ"

އާލިމްގެ ސިކުނޑި ބުނަމުން ދިޔައެވެ.

" އާލިމް… ރުޅި އައިސްފައިތަ؟ އަހަންނަށް ނިދުނީއޭ.."

ކޮޓަރިން ނިކުމެގެން އައި ޖެނީގެ އަޑަށް ސިހިފައި އާލިމަށް ބަލައިލެވުނެވެ. ރައްދުގައި އެއްވެސް އެއްޗެއް ބުނާކަށް އާލިމް ބޭނުމެއް ނުވިއެވެ. ޖެނީ އައިސް ކާމޭޒު ކައިރީ އިށީނުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" އަހަންނަށްވެސް ހަމަ ނިދި ދާނެއެއްނު"

" ދުވާލު އެހާ ގިނައިރު ނިދާފައި އަދި ރޭގަނޑުވެސް ނިދޭތަ އެހާ އަވަހަށް؟"

އާލިމަށް ބުނެވުނެވެ. އެއާއެކު އާފުރެމުން ޖެނީ ބޯ ޖަހާލިއެވެ.

" ހޫމް.. މިހާރު ކުރާނެ ކަމެއް ނެތީމަ ފޫހިވެގެން އަބަދު ނިދެނީ! ނިދި އައިސް ހުންނަނީ! އެހެންވެ އަހަންނަށް ހީވޭ މިހާރު އަހަރެން ފަލަވެސް ވެއްޖެހެން.. ބައެއް ހެދުންތައް ބާރުވެސް ވެއްޖެ!"

" ދެން އެހެންވިއްޔާ ޝަޒާއާއެކު ބައެއް ކަންކަމުގައި އެހީވާން އުޅެންވީނު! ހެލިފެލިވެ ނޫޅެންޏާ ފަލަވެސް ވާނެ.. "

އާލިމް ބުންޏެވެ. ނަމަވެސް އާލިމްގެ ޖުމްލައިން ޖެނީއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" ނޫން.. އެހާ ބައިވަރު ލާރި ދީފައި ޝަޒާ ގެނައީ އަހަންނަށް ފަސޭހަ އަކަށް..  ދެން ކީއްކުރަން އަހަރެން މަސައްކަތް ކުރަންވީ؟"

ޖެނީ ހުރީ އެއްބަސްވާ ގޮތަކަށް ނޫނެވެ. އެކަމާ ޖެނީ ދެކޮޅު ހެދުމުން، އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކަން އާލިމް ބޭނުމެއް ނޫނެވެ. ކައިގެން އޭނާ އަވަސް އަވަހަށް ތެދުވެއްޖެއެވެ.

" އާނ އޯކޭއޭ! "

އާލިމް ތަންކޮޅެއް ބާރަށް ބުނެލީ ފަށަފަށައިގެން ޖެނީ އެވާހަކަ ދައްކަފާނެތީއެވެ.

****

ޖެހިގެން އައީ ހުކުރު ދުވަހެވެ. އޭނާގެ އޮފް ދުވަސް ކަމަށްވާތީ، ހެނދުނުހެނދުނާ  އާލިމް ކާރަށް އެރިއެވެ. ހުސްކޮށް ދަނިކޮށް އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތަކުން ހިނގާފައިދާ ޝަޒާއާއި ލިވީއެވެ. ޝަޒާގެ އެއްއަތުގައި ބޮޑު ބާޒާރު ކޮތަޅެއް ބަރާކޮށްފައި އޮތެވެ. އަނެއް އަތުގައި ހިފަހައްޓައިގެން ހުރީ ލިވީއެވެ. އެމަންޒަރު ފެނި އާލިމް އަވަސް އަވަހަށް ކާރު މަޑުކޮށްލުމަށްފަހު، ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.

" ޝަޒާ! "

ޝަޒާގެ ނަމުން އޭނާ ގޮވާލި މިއީ ފުރަތަމަ ފަހަރެވެ. ސިހިފައި ޝަޒާ އެނބުރިލިއެވެ. އެއާއެކު އާލިމް ފެނުމުން އޭނާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގަތެވެ.

" އާދޭ! "

އަވަސް އަވަހަށް އާލިމް ބުންޏެވެ. އެއާއެކު ޝަޒާއައިސް ކާރަށް އެރިއެވެ.

" ކޮންތާކަށް ގެންގޮސްދޭންވީ؟ "

ފަހަތު ސީޓުގައި އިން ޝަޒާގެ މޫނަށް އާލިމް ބަލައިލީ އޭނާގެ ބޮލާ ދިމާ މަތީގައި ހުރި ބިއްލޫރިކޮޅުންނެވެ.

" ތިގެއަށް! "

ޝަޒާ ބުންޏެވެ. އެއާއެކު އާލިމަށް ލިބުނީ ހައިރާންކަމެކެވެ.

" އަހަރެމެންގެއަށް ތިދަނީ ބާޒާރުކޮށްގެންތަ؟ "

" ހޫމް.. ހުކުރު ދުވަސްވީމަ އަވަހަށް ކައްކަން ޖެހޭނެއެއްނު.. އެހެންވެ ޖެނީ އެހާ މައިރާ ނުހޭލެވި އޮވެދާނެތީ ފިހާރަ ބަންދުކުރަން ވާއިރަށް އެއްޗެހި ގަންނަންވާނެތާ! އިއްޔެ އައީ ޖެނީއަތުން ލާރި ނަގައިގެން މިކަމަށް…"

ޝަޒާ ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެ ލަސްލަހުންނެވެ. އެ ވާހަކަތަކަކީ އާލިމަށް އެހާ އަޑުއަހަން ފަސޭހަ ވާހަކަ ތަކަކަށް ނުވިއެވެ. ޖެނީ އެހާ ބޮޑަށް ފަރުވާކުޑަ ވެދާނެބާވައޭ އޭނާގެ ހިތަށް އެރިއެވެ. މުސާރަ ދީފައި އޭނާގެ އެކުވެރިޔަކު ގެއަށް ގެނައި ނަމަވެސް، ކޮންމެވެސް ވަރެއްގެ އިންސާނިއްޔަތުކަމެއް ހުންނަން ޖެހޭނެޔޭވެސް އޭނާގެ ހިތް ބުނަމުން ދިޔައެވެ. އާލިމް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އެއްޗެއް ބުންޏަސް މައްސަލަ ޖެހޭނެކަން އޭނާއަށް އެނގެއެވެ.

" ޖެނީއަށް އެނގޭނެ އަހަރެން މިއަދު އޮފްވާނެކަން! އަހަރެންވެސް ޝޮޕިންގ ކޮށްދޭނެއެއްނު."

އާލިމް ބުނެލިއެވެ. އެއާއެކު ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ޝަޒާ ބަލައިލިތަން އާލިމަށް ފެނުނެވެ.

" އެކަމަކު މިހާރު އަހަންނެއްނު އެ ހުރިހާ ކަމަކާ ޙަވާލުވެ މި ހުރީ! އެހެންވީމަ އަހަންނަކަށް މިއީ މައްސަލައެއްނޫނޭ! ކޮންމެ މަސައްކަތެއްވެސް އަހަރެން މިކުރަނީ ވަރަށް ކުރާހިތުން.."

" އަހަރެމެންގެ ގޭތެރެއަށް ނަޒަރު ހިންގާލީމަ އެކަން އެނގޭ މިހާރު"

ބޭއިޚްތިޔާރުގައި އާލިމަށް ބުނެވުނެވެ. އެއާއެކު ޝަޒާއަށް ލަދުން އިސްޖަހާލެވުނެވެ. އޭނާގެ މަސައްކަތަށް މީހަކު ތައުރީފު ކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

" ވަރަށް އުފާވޭ ޖެނީ އަހަރެންގެ މަސައްކަތަށް ހިތްހަމަޖެހޭތީ! އަދި އެއަށްވުރެ އުފާވޭ އާލްއަށް އަހަރެން ކަމުދާތީވެ.. މިހާރު އެހާވަރުން ކުޅޭކަށް ނޫޅެ.. ބަދިގެއަށް އައިސް ކައްކާތަން ބަލަން އުޅެނީ. ކުރާ ކޮންމެ ކަމަކާ ބެހޭގޮތުން ސުވާލުވެސް ކުރޭ!  އެއީ ވަރަށް ލޯބި ކުއްޖެއް"

ޝަޒާގެ ވާހަކަ އެހިސާބަށް ދިޔައިރު ގެއާ ހަމައަށް އާދެވިއްޖެއެވެ.

" އެހެންވީމަ ޝަޒާއަށް އޭނަ ގެންގުޅެން އެނގޭ! ޖެނީއާ ދެމީހުން ޖެހުނިއްޔާ ނިކަން ޝަކުވާ އޮންނާނެ! އަހަރެން އައިސްގެން ޖެހޭނީ ޙައްލުކުރަން"

ހިނިގަނޑެއް ޖަހާލަމުން އާލިމް ބުނެލިއެވެ. އެއާއެކު ޝަޒާވެސް ހީލިއެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ޝަޒާއާއި ލިވީ ކާރުން ފައިބައިގެން ދިޔައެވެ. ސީޓުގައި ބޯ ޖައްސާލައިގެން އިރުކޮޅަކު އިނދެލުމަށްފަހު އާލިމް ކާރު ދުއްވާލިއެވެ. އެއާއެކު އޭނާގެ ހިތަށް ވެރިވެފައިވާ އުފާވެރިކަން އަމިއްލައަށް ފާހަގަ ކުރެވުނެވެ. ހިތަށް ހަމަޖެހުން ލިބިފައިވާކަންވެސް އެނގުނެވެ. މޫނުމަތީގައިވާ ހިނިތުންވުން ފެނުނީ ކާރު ލޯގަނޑުންނެވެ. އެހާ ހިތްހަމަޖެހިގެން އޭނާއަށް ހިނިތުންވެލެވުނު ދުވަހެއް ހަނދާންވެސް ނެތެވެ. އެހެން ހިތަށް އެރުމާއެކު އިތުރަށް އޭނާއަށް ހިނިތުން ވެވުނެވެ.

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *