(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"ކީއްވެ؟ އެމީހަކަށްޓަކައި ހަޔާތުގެ އެންމެ އަގުހުރި ވަގުތުތައް ހޭދަކޮށް އެއިން ދެވަނަ ފަހަރަށްވެސް ބޭވަފާއާއި އޮޅުވާލުން ލިބޭތޯ ދޯ." އައިން މާލާމާތުގެ ރާގެއްގައި ބުނެލިއެވެ.
"ކޮއްކޮމެން އާދެބަލަ." އައިން ވާހަކަ ދާގޮތުން ކުދިން ކުރިމަތީ ރައްދު ދޭކަށް ހާއިޝް ބޭނުމެއް ނޫނެވެ. ހާއިޝް އެ ދެކުދިންގެ އަތުގައި ހިފާލިއެވެ. އަދި އެކުދިން ގޮވައިގެން ބޭރުގައި ހުރި އުނދޯލީގައި ބޭންދިއެވެ.
"ބައްޕަ އަންނަންދެން ކުޅެން ތިބޭ." ހާއިޝް ކުޅޭއެއްޗިހިތައް އުނދޯލީގައި ބެހެއްޓިއެވެ. ދެން އައިންގެ ގާތަށް ދިޔައެވެ. އޭރުވެސް އޭނާ ފޮށި ތައްޔާރު ކުރަމުން ދެއެވެ.
"އައިން. މިތާ އިށީނދެބަލަ. ތި ނިންމުން ނިންމުމުގެ ކުރިން ދެމީހުންނަށާއި ދަރިންނަށްވެސް ރަނގަޅުގޮތެއް ވާނެގޮތެއްވެސް އޮތްތޯ ބަލަން ހިނގާ."
"ހާއިޝަށް ދުވަހަކުވެސް އަހަރެން ކަމަކު ނުދާނެ. ކައިވެނީގެ އިތުރުން އެހެން އަންހެން ބައިވެރިންވެސް ތިބެގެން ނޫނީ ނޫޅެވޭނެ."
"އައިން. މިހާރު ތިހުރީ ހައްދު ފަހަނައަޅާފައި." އައިންގެ މުލައްދަނޑީގައި ހިފާ އައިން ހުއްޓުވުމަށް ހާއިޝް ބުންޏެވެ.
"ހައްދު ފަހަނަ އެޅީ ކާކުކަމެއް އަދިވެސް ނޭނގޭދޯ. ދެން ދުވަހަކުވެސް ހާއިޝްގެ އޯގާތެރިކަމެއް ބޭނުމެއްނޫން." އައިން ލުތްކެއްޖަހާ ހާއިޝްގެ އަތުން ވީއްލިގަތެވެ. ދެން ހުރި އެއްޗިހިތައް ފޮއްޓަށް އަޅާ ޒިބު ދަމާލިއެވެ.
"ކޮންމެ ގޮތެއްވިޔަސް ވަރިހަމަ. އައިންއަކަށްދެނެއް އެއްވެސް ތާކަށް ނުދެވޭނެ." މުޅި ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ ހާއިޝްގެ ގޮތް ހުސްވެފައިވާ މޮޅިވެރި އަޑެވެ.
"އެހެންތަ؟ އަހަރެން ދާތަން ބަލަން ހުރޭ."
"އައިން ހަނދާން ކުރާތި؟ ތީ އަހަރެންގެ އަނބިމީހާ. ދުވަހަކުވެސް އަހަރެން އައިންއަކަށް ހަރުކަށްޓެއް ނުވަން. އަނިޔާއެއް ނުކުރަން. ދާންބޭނުންވާ އެއްވެސް ތަނަކަށް ދިއުމަކަށް މަނައެއް ނުކުރަން." ހާއިޝްގެ ހަރުކަށި އަމުރު އިއްވިއެވެ.
"މަނާ ނުވެސް ކުރެވޭނެ. މަނާ ނުކުރަނީ ކުރެވުނު ކުށްތަކަށް ލަދުން." އައިން ހަޅޭއްލަވައިގަތެވެ. މީގެކުރިން ދުވަހަކުވެސް ހާއިޝްގެ ކުރިމަތީގައި އެފަދަ އަދަބުކުޑަ ގޮތަކަށް އޭނާ ވާހަކައެއް ނުދައްކައެވެ.
"އައިންއަކަށް އެއްވެސް ތާކަށް ނުދެވޭނެ. ހަނދާންކުރާތި. ދެނެއް ދަރިންނާއި މަށެއް ވަތްކެއް ނުކުރެވޭނެ. މިހާރު އައިންގެ ބަނޑުގައި އެވަނީ އަހަރެންގެ ކުއްޖެއް. އައިން މަށާއި ހިދުކޮޅަކަށްވެސް ދުރަށްދާން ހިތަށްވެސް ނާރުވާތި." ހާއިޝް އިންޒާރު ދިނެވެ.
"އެހެންތަ؟ އަހަރެން ދުވަހަކުވެސް ކަލެއާއެކު އުޅޭކަށް ބޭނުމެއްނޫން. އަހަރެން ދޫކޮށްލާ؟" އައިން ބާރުއަޑުން ބުންޏެވެ.
"އަހަރެން ތިކަމާ ވިސްނާނަން. އެކަމަކު އެދަރިންނާއި މަށާ ވަތްކެއް ނުކުރެވޭނެ." މިފަހަރު ހާއިޝްގެ އަޑުގައި ހަރުކަށި ކަމުގެ ބަދަލުގައި ވަނީ މޮޅިވެރިކަމެވެ. އެ ރީތި ލޮލު ގައިވަނީ މާޔޫސްކަމެވެ. އެހެން ފަހަރުތަކޭވެސް އެއްގޮތަށް ހާއިޝް އައިންއަށް ދޫކޮށްލީއެވެ. އިތުރު އެއްޗެކޭ ނުބުނެ އޭނާ ނިކުމެގެން ދިޔައެވެ.
ހަގީގަތުގައި ކިތަންމެ ހިތްވަރު ހުރިކަމަށް ހާއިޝްގެ ކުރިމަތީގައި ދެއްކިއަސް ހާއިޝްގެ އިންޒާރުން އައިން ޖެހިލުންވިއެވެ. ފަހުން އައިން ބޭނުންގޮތަށް ހާއިޝް ދޫކޮށްލުމުން ދެރަވެސްވިއެވެ. އޭނާ ހާއިޝް ދެކެ އިންތިހާއަށް ލޯބިވާކަން އިހުސާސްވަނީ މިފަދަ ހާލަތް ތަކުގައެވެ. ދެން ހަނދާނެ ގޮތެއް ނޭނގިގެން އޭނާއަށް މަޑުމަޑުން އެނދުގައި އިށީނދެވުނެވެ.
އަލަމާރިން ވެރިފައިހުރި އެއްޗިހިތައް ރަނގަޅު ކުރަމުން ތަރުތީބު ކުރަމުން ދިޔައިރު ހާއިޝްގެ މޮޅިވެރިކަމާ މެދު އޭނާ ކަންބޮޑުވުމާއެކުވެސް މާލެ ދިޔުމުގެ ޚިޔާލަކަށް ބަދަލެއް ނާދެއެވެ. ދެން ނިންމަންވީގޮތެއް ނޭނގިފައި އޮވެވުނު އައިންއަށް ނިދުނީ ކޮން އިރަކުކަމެއްވެސް ނޭނގެއެވެ.
ހުކުރުދުވަސްކަމުން ނަތާ އިނީ އޭނާގެ ދަރިފުޅު ގޮވައިގެން ކުޑަކުދިންގެ ބަގީޗާގައެވެ. ނަތާ އިނީ އޭނާގެ ކިރިކިރިޔާ ހިނގޭ އެއްއަހަރުގެ އަރީން ގޮވައިގެން ހިނގާތަން ބަލާށެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ މީގެ ތިން އަހަރުކުރީން އޭނަޔާއެކު ކޮލެޖުގައި ނުހަނު އެކުއެކީގައި އުޅުނު ޒޫނާއެވެ. ޒޫނާ ފެނުމުން ކުރީގެ ހަނދާންތައް އާވެ އުފާވެރިކަމުން ހިތް ފުރިގެން ދިޔައެވެ. ޒޫނާ ގާތުގައި ކުއްޖެއް އުރައިގެން އެހުރީ އޭނާގެ ފިރިމީހާ ނޫން ދެވަނަ މީހެއް ނޫންކަން އެދެމީހުންގެ އޯގާތެރި ޢަމަލުތަކުން ފެންނަން ހުއްޓެވެ. ނަތާ އޭނާގެ ފިރިމީހާއަކީ ކާކުތޯ ބަލާލައި އެމީހުންގެ ހާލު އަހުވާލު ބަލާލާ ހިތްވިއެވެ.
ޒޫނާ ފެނުމުން ނަތާ އެދިމާއަށް ދުއްވައިގަތެވެ. ޒޫނާއަށް ނަތާ އަންނަތަން ފެނުމުން ގަހެއްގެ އަނެއް ފަރާތުގައި ފިލިއެވެ. ދެތިންހަތަރު ފަހަރަކު އޭނާއަށް ޒޫނާ ފެނިފައި ގެއްލުނެވެ. ހަގީގަތުގައި ޒޫނާވެސް ނަތާފެނުމުން އުފާވިއެވެ. ނަމަވެސް ފިރިމީހާއާ އެކީ ނަތާ ކުރިމައްޗަށް އެރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. މިހުރިހާ ދުވަހުވެސް ނަތާއާއި ފިލައިގެން އުޅުނީ ކީއްވެގެންކަން ފަޅާއަރާކަށް އޭނާ ބޭނުމެއް ނޫނެވެ.
"ޒޫނާ." އެންމެފަހުން އޭނާއަށް ޒޫނާ ނިކުންނަނިކޮށް ފެނުނެވެ.
"ނަތާ." ސިއްސައިގެން ގޮސްފައި ޒޫނާއަށް ބުނެލެވުނެވެ.
"މިހުރިހާ ދުވަހު ކޮންތާކު ތިއުޅެނީ. ޚަބަރެއްވެސް ނުވޭ."
"ފިރިމީހާ ކިޔަވާތީ ޔޫކޭގަ އުޅެނީ. މިއުޅެނީ ޗުއްޓީއަކަށް އައިސް. އަދި ނުދެވިގެން މިއުޅެނީ. އަދި ދާނަން އިނގޭ." ނަތާގެ ފަރާތުން ސަލާމަތްވޭތޯ ދާން ހިނގައިގަންނަމުން ބުންޏެވެ.
"ޒޫނާ. އަހަރެން އެބައަންނަން." އަންހެން ކުއްޖެއް އުރައިގެން ހުރި އެފިރިހެން މީހާ ޒޫނާގެ އަތަށް ކުއްޖާ ދިއްކޮށްލިއެވެ.
"އެއީ ރިފާއުސަރދޯ. އޭނަޔާ ކައިވެނިކުރީތަ؟" ނަތާ އެއްޗެއް ޔަގީންވާގޮތަކަށް ހައިރާންވެފައި ހުރެގެން އެހިއެވެ.
"ނަތާ. ޕުލީޒް." ބިރުގެންފައިވާ ޒޫނާ ހުރީ ހާސްވެފައެވެ.
"ޒޫނާ. ކީއްވެ އެހެން ހެދީ. އެހާބޮޑު އޮޅުވާލުމެއް. ކީއްވެ؟" ދެރަވެފައިވާ ނަތާ ހުރީ ގޮތް ހުސްވެފައެވެ.
"އޮޅުވާލާކަށް އަހަރެން އެއްވެސް ކަމެއްނުކުރަން. ހުރިހާ އެއްޗެއްވެސް ކީ ނަތާއެއްނު."
"ހިނގާދާން." އެމީހާ ކާރު މަޑުކޮށްލާ ދޮރު ހުޅުވާލާފައި ބުންޏެވެ. ޒޫނާ އެއްވެސް އެއްޗެކޭ ނުބުނެ ބަލާވެސް ނުލާ ކާރަށް އަރައިގެން ހިނގައްޖެއެވެ. ނަތާ ކަޅިވެސް ޖަހާނުލާ ޒީނާމެންނަށް ބަލަމުން ދިޔައެވެ. އޭރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަނީއެވެ.
މިހާބޮޑު އޮޅުވާލުމެއް ޒޫނާގެ ފަރާތުން އޭނާއަށް ލިބިދާނެ ހެއްޔެވެ؟ އޭނާއަށް ޒޫނާ އެފަދަ ކަމެއް ކޮށްފާނެކަމަށް ގަބޫލު ނުކުރެވުނީ ކީއްވެބާއެވެ؟ ނޫނެކެވެ. އެއީ އަހަރެންނަށް ހީވި ހީވުމެކެވެ. މިފަދަ ބޮޑު ކުށްހީއެއް އަހަރެންނަށް ވެވުނީ ކީއްވެ ހެއްޔެވެ؟ ނަތާ އަށް ބާރަށް ރޮއިގަނެވުނެވެ.
ހާއިޝްގެ ފަރާތުން ދުވަހަކުވެސް ހަރުކަށިކަމާ ރުޅިވެރިކަން ފެނިފައިނުވާ އައިންއަށް މިއަދު ހާއިޝްގެ ކިބައިން އެއަސަރުތައް ފެނުމުން އޭނާގެ ހިތުގައި ރާވަމުން ދިޔަ މާލެއަށް ދިއުމުގެ ޚިޔާލާއި މެދު ވިސްނަން އޮއްވާ ނިދުނު އިރެއް ނޭނގުނެވެ. ނިދާފައިވާ ކުދީން ތަންމަތީގައި ބޭއްވުމަށްފަހު ނިދިފައި އޮތް އައިންގާތަށް ހާއިޝް ދިޔައެވެ. މުޅިތަނަށް ވެރިވެފައިވަނީ މަރުގެ ހިމޭން ކަމެވެ. އެނދުގެ މަގަތުގައި ހާއިޝް އިށީނދެލިއެވެ. އަދި ނިދުމުގެ ތެރޭގައި އެއްއަތް ބޭރަށް އެލިފައި އޮތް އައިންގެ އަތް ނަގާ އެނދުގައި ބާއްވާލިއެވެ. އޭނާ އައިންގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅު ކޮށްލިއެވެ. ދެން ފުން ނަޒަރަކުން އައިންއަށް ބަލާލިއެވެ.
"އައިން. އަހަރެންނަށް މާފުކުރޭ. ވަގުތު ޖެހުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަދި އިތުރަށް ހިތްވަރުކޮށްލާ. އަހަރެން ދުވަހަކުވެސް އައިން ދެރަކުރާކަށް އަދި ހިތުގައި ޖައްސާކަށް ބޭނުމެއް ނޫން. މިއަދު އަހަރެންނަށް އައިންއާއި ދިމާއަށް އެއްޗިހި ކިޔުނީތީ ވަރަށް ހިތާމަކުރަން." ހާއިޝް ލޮލުން ކަރުނަ ފޮހެލާފައި މަޑުމަޑުން އައިންގެ ނިތްކުރިއަށް ބޮސްދިނެވެ. ދެން އައިންއަށް އެޑްރެސްކޮށް ލިޔެފައިވާ ކަރުދާސްކޮޅެއް އައިންގެ އަތުތެރެއަށް ލިއެވެ. އޭނާ ނިކުމެގެން ދިޔަތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ.
އައިންއަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭރު އިރުގެ އަލިން ދުނިޔެ ހޭލައްވައިފިއެވެ. ހަމަހިމޭން ރަށް އިހުނަށްވުރެ ވެސް ހިމޭންކަން އައިންއަށް އިހުސާސް ވިއެވެ. ކުއްލިއަކަށް ރޭގެ ހަނދާންތައް އާވިއެވެ. ހާއިޝް ކިތަންމެ ރުޅިއަޔަސް މިއަދު މެންދުރު އޮންނަފެރީން އޭނާ އަބަދަށްޓަކައި ހާއިޝްގެ ދިރިއުޅުމުން ވަކިވާނެއެވެ.
ފޮށްޓަށް އެއްޗިހި އަޅާ ބާކީހުރި އެއްޗިހި އޭނާ ތަރުތީބު ކޮށްލިއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ އަލަމާރި ކައިރީގައި ވެއްޓިފައި އޮތް ފައިލަށެވެ. އެއީ އޭނާ އެއްޗިހިއަޅަން އުޅުނު އިރު ވެއްޓިފައިވާ ފައިލެއްކަން ހަނދާންވިއެވެ. އޭނާ ގޮސް އެފައިލު ހުޅުވާލިއެވެ. ފަރުވާތެރިކަމާއެކު އެފައިލު ބަލާލިއެވެ.
އެއީ ނިޝާގެ ފައިލެކެވެ. ކޮންމެވެސް ބައްޔެއްގެ ތަފުސީލީ ފައިލެކެވެ. އިނގިރޭސިން ލިޔެފައިވި ބޭސްސިޓީތަކާއި ރިޕޯޓްތަކުން އައިންއަށް އެއިން އެނގޭ އެއްޗިއްސަށްވުރެ ގިނައީ ނޭނގޭ އެއްޗިއްސެވެ. ނަމަވެސް ފައިލު އެއްކޮޅުން އަނެއްކޮޅަށް ބަލަމުން ދިޔައިރު އޭނާގެ ލޯކަރުނުން ތެމިއްޖެއެވެ.
ހަމަ އެވަގުތު އެނދުގައި "އައިންއަށް" ޖަހާފައި އޮތް ގަނޑު ކޮޅެއްފެނުނެވެ. އޭނާ އަވަސް އަވަހަށް އެގަނޑުކޮޅު ނިއުޅާލިއެވެ. އޭނާ އެގަޑުކޮޅު ކިޔަންފެށިއެވެ.
"އައިންއެވެ. އަހަރެން ދުވަހަކުވެސް އައިން ދެރަކުރާކަށް ބޭނުމެއްނުވެއެވެ. އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާތަކުގައި އަހަރެންނާ އެކުގައި ވީ އައިންއެވެ. ރާއްޖޭގެ އެންމެން ހުތުރު ނަޒަރަކުން ދުށް ދުވަހު އަހަރެންނަށް އިތުބާރު ކުރީ އައިންއެވެ. ވީއިރު ދުވަހަކުވެސް އައިން ދެރަކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ރޭގައި ދިމާވި ހާދިސާއާމެދު އަހަރެން ވަރަށް ކަންބޮޑުވެ ދެރަވަމެވެ. އައިންއެވެ. އައިން ބޭނުންނަމަ މިއަދުވެސް ދާންވީއެވެ. އައިން މިނިވަން ކޮށްދިނުމަށްޓަކައި އަހަރެން މަސައްކަތް މިފަށަނީއެވެ.
އައިން ކަރުދާސްކޮޅު ކިޔާލާ ނިމުމާއެކު ބާރަށް ރޮއިގަތެވެ. ދެން އެކަރުދާސް ގަނޑު އޭނާގެ މެޔާލާ ބޮނޑި ކޮށްލިއެވެ. އެއާއެކު އޭނާއަށް ދުއްވައި ގަނެވިއްޖެއެވެ.
"ބައްޕަ ކޮބާ؟" އުނދޯލީގައި ތިބި ދެކުދިންގާތު އައިން އެހިއެވެ.
"ނެތް." އާރިޒް ބުންޏެވެ.
އައިންއަށް ހާއިޝް ވީތަނެއް ނޭނގުނެވެ. އޭނާ ހާއިޝް ހޯދަން މުޅި ގޭދޮށުގައި ހިނގިއެވެ. ހާއިޝް ހިނގައިދާނެހެން ހީވާ އަތިރީގެ ދޮންވެލިގަނޑަށް ދިޔައެވެ. އައިން ވަށައިގެން ހޯދާލިއެވެ. ނަމަވެސް އޭނާ ދެކެން ބޭނުންވާ އޭނާގެ ލޯބިވާ ވަފާތެރި ފިރިމީހާއެއް ނުފެނުނެވެ. އެއީ ކިހާ އޯގާތެރި ފިރިއެއްހެއްޔެވެ؟ ނިޝާއަށްޓަކައި އެވީ ގުރުބާނީއަކީ އޭނާ ޝައްކުކުރަން ހެޔޮވެސް ނުވާވަރުގެ ގުރުބާނީއެކެވެ. އެފަދަ ކެތްތެރި އިންސާނެއް ދުވަހަކުވެސް އައިން ދެކެފައެއް ނުވެއެވެ. އައިންގެ ފަރާތުން ހިތްވަރު ދިނުމުގެ ބަދަލުގައި އޭނާއަށް ދެވުނީ ވޭނާ ހިތާމައެވެ. އަޅާނުލުމާއި އެކަހެރި ކުރުމެވެ. އައިންއަށް ހުރިދިމާ ބިންމަތީ އިށީނދެ ވިއްޖެއެވެ. އޭނާއަށް ރޮވެނީއެވެ. ދުވަހަކުވެސް އޭނާ އެހާ ދެރަވެ ލަދެއް ނުގަނެއެވެ. މިއަދު ހާއިޝްގެ ކުރިމައްޗަށް އަރަން އޭނާ ޖެހިލުންވެ ލަދުގަނެއެވެ.
"ވީހާވެސް އަވަހަކަށް އައިން މިނިވަންވުމުގެ މަސައްކަތް އަހަރެން މިފަށަނީއެވެ." އައިންއަށް ހާއިޝްގެ މިޖުމްލަ ހަނދާން ވުމުން ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އާއެކެވެ. އަހަރެން ކަހަލަ ކެތްތެރިކަމެއްނެތް މީހަކަށް ހާއިޝްއާއެކު އުޅުމުގެ ފެންވަރެއް ނެތެވެ. އެއީ ކިހާ އަޒުމް ވަރުގަދަ ޒިންމާދާރު މީހެއް ހެއްޔެވެ؟ އޭނާއަކާ އަހަރެންކަހަލަ ފިނޑިޔަކާއި ހަމަހަމަ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)
