މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ކަމަށް ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ.
އެ ޚިދުމަތް ތައާރަފުކުރަން ގައުމީ އެއާލައިނާ ގުޅިގެން ދެ މަތިންދާ ބޯޓެއް ޚާއްޞަކުރަން ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. އެ ޚިދުމަތް ފޯރުކޮށްދޭނީ ޞިއްޙީ ކަންކަމާ ބެހޭ ވުޒާރާގައި މިހާރު ވެސް އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްޞަކޮށްފައިވާ ޑިޕާޓްމަންޓުންނެވެ.
ދެ އެއާ އެމްބިއުލާންސާ އެކު ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށި ނަމަވެސް ޚިދުމަތް ފުޅާވަމުންދާ މިންވަރަކުން ބޯޓުތައް އިތުރުކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް އެއަރ އެންބިއުލަންސްގެ ޚިދުމަތްތައް ފެށުމަކީވެސް އެމަނިކުފާނު ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަން ނިންމަވާފައިވާކަމެކެވެ.
