(22 ޑިސެމްބަރ 2023 ނޫހާއިގުޅޭ)
ހިނިގަނޑެއް ޖަހާލަމުން އާލިމް ބުނެލިއެވެ. އެއާއެކު ޝަޒާވެސް ހީލިއެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ޝަޒާއާއި ލިވީ ކާރުން ފައިބައިގެން ދިޔައެވެ. ސީޓުގައި ބޯ ޖައްސާލައިގެން އިރުކޮޅަކު އިނދެލުމަށްފަހު އާލިމް ކާރު ދުއްވާލިއެވެ. އެއާއެކު އޭނާގެ ހިތަށް ވެރިވެފައިވާ އުފާވެރިކަން އަމިއްލައަށް ފާހަގަ ކުރެވުނެވެ. ހިތަށް ހަމަޖެހުން ލިބިފައިވާކަންވެސް އެނގުނެވެ. މޫނުމަތީގައިވާ ހިނިތުންވުން ފެނުނީ ކާރު ލޯގަނޑުންނެވެ. އެހާ ހިތްހަމަޖެހިގެން އޭނާއަށް ހިނިތުންވެލެވުނު ދުވަހެއް ހަނދާންވެސް ނެތެވެ. އެހެން ހިތަށް އެރުމާއެކު އިތުރަށް އޭނާއަށް ހިނިތުން ވެވުނެވެ.
***
ގަޑިން 11 ޖަހާ ބޮޑުވެއްޖެއެވެ. ކައްކާ ނިންމާލުމަށްފަހު ބަދިގެތެރެ ސާފު ކުރުމުގައި އަވަދި ނެތި ޝަޒާ އުޅެއެވެ. އޭރު ކޮފީތައްޓެއް ހިފައިގެން ޖެނީ އިނީ ސޯފާގައެވެ. ހަމަޖެހިލައިގެން ފޯނާ ކުޅޭށެވެ. އާލްއާ ލިވީ ކުޅެން ތިއްބެވެ. އަވަސް ހަރަކާތްތަކާއެކު ޝަޒާ ދިޔައީ ކަމަކަށްފަހު ކަމެއް ނިންމަމުންނެވެ.
" ޝަޒާ! އާލިމް ސައިބޯން އައިތަ؟ "
އެހެން އިނދެ ޖެނީ ބުނެލިއެވެ.
" ނޫން! ނާދެ.."
ކުރު ޖަވާބުން ޝަޒާ ނިންމާލީ ތަންކޮޅެއް ބުރަކޮށް އުޅޭތީއެވެ. ހަމައެވަގުތެވެ. ސިޓިންގރޫމްގެ ދޮރު ހުޅުވުނު އަޑަށް ޖެނީވެސް ފަހަތަށް އެނބުރިލުމަށްފަހު ބަލައިލިއެވެ. އޭރު އާލިމް އެތެރެއަށް ވަދެއްޖެއެވެ.
" އާލިމް ސައިވެސް ނުބޮންތަ؟ "
ރުންކުރު ގޮތަކަށް ޖެނީ އަހާލިއެވެ. އެއާއެކު ބަދިގެތެރޭގައި ހުރި ޝަޒާއަށްވެސް ބަލައިލެވުނީ ޖެނީގެ މޫނަށެވެ.
" އަހަންނަށް ގުޅާލިނަމަ ސައިބޯން އައީމުސް"
ލާނެތް ގޮތަކަށް އާލިމް އެހެން ބުނަމުން ޖެނީއާ ދިމާއަށް ހިނގައިގަތެވެ. އާލިމް ސަމާސާ ކޮށްލި ނަމަވެސް ޖެނީއަކަށް އެ ޖުމްލަ ކަމަކު ނުދިޔައެވެ.
" ބަނޑުހައިވީމަ އަމިއްލައަށްވެސް ސައިބޯން އަންނަން އެނގޭނެއެއްނު! ކޮންމެ ފަހަރަކު އަހަރެން ކިހިނެއް ގުޅާނީ؟ "
އާލިމް އައިސް ޖެނީގާތު އިށީނުމާއެކު ޖެނީ ޝަކުވާކުރިއެވެ. މަޑުމަޑުންނެވެ. އެއާއެކު އާލިމް ކުރު ހިނިގަނޑެއް ޖަހާލިއެވެ.
" ކިހިނެއްވީ؟ ޖެނީ މިހާރު އެހާ ފްރީކޮށް ހުންނައިރު، ހަމައެކަނި އަހަރެންގެ ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެއްނު"
އާލިމްވެސް ވާހަކަ ދެއްކީ އެހާމެ މަޑުމަޑުންނެވެ. އިތުރަށް އެއްޗެއް ނުބުނެ ޖެނީ ތުނބުގައި ކޮފީޖޯޑު ޖެހި އިރުގައިވެސް އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. އެހެންކަމުން އިތުރަށް އެއްޗެއް ނުބުނެ އިނދެ އާލިމްއަށް މޫނު އަނބުރާލެވުނެވެ. އެއާއެކު އޭނާގެ ނަޒަރު ހުއްޓުނީ ދުރުގައި ބަލަން ހުރި ޝަޒާގެ މޫނަށެވެ. ތަށިތައް ފުހެން އޭނާ ހުރީ ސީދާ އާލިމަށް ބަލަހައްޓައިގެންކަން އާލިމަށް އެނގުނެވެ. ދެމީހުންގެ ނަޒަރު ބައްދަލުވީ ހިނދު ޝަޒާ އަވަސް އަވަހަށް އިސްޖަހާލުމަށްފަހު، އަތްމަތި އަވަސްކޮށްލިއެވެ. އެއާއެކު އާލިމަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ބަލައިލީ ޖެނީއަށެވެ. އޭރުވެސް ޖެނީ އިނީ ފޭސްބުކަށް ވަދެގެންނެވެ.
" ދެން ހުކުރުން އައިސް ކާނީ! މިދަނީ ފެންވަރަން"
އާލިމް ކޮޅަށް ތެދުވަމުން ބުނެލިއެވެ. އެއާއެކު އާލިމް ހުކުރަށްދާން ލާނެ އެއްޗެހި އިސްތިރި ނުކުރެވޭކަން ޖެނީ ހަނދާންވިއެވެ.
" ޝަޒާ! ނުނިމޭތަ؟ "
ޖެނީގެ އަޑަށް އާލިމަށްވެސް ހުއްޓެވުނެވެ.
" ނޫން.. ނިމިއްޖެ.. ކިހިނެއްވީ ޖެނީ؟ "
ޝަޒާ ބުނެލިއެވެ.
" އާލިމްގެ ގަމީހެއް އިސްތިރިކޮށްލަން ވެގެން"
ޖެނީގެ ޖުމްލައިން އާލިމަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ޝަޒާއަށްވެސް ބަލައިލެވުނީ އާލިމްގެ މޫނަށެވެ.
" އަހަރެން މި އަންނަނީ ހިފައިގެން"
ކޮޅަށް ތެދުވަމުން ޖެނީ ބުނެލިއެވެ. ޝަޒާ ބޯ ޖަހާލުމާއެކު ޖެނީ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އިތުރު އެއްޗެއް ނުބުނެ އާލިމް ޖެނީގެ ފަހަތަުން ކޮޓަރިއަށް ހިނގައިގަތެވެ.
" އަހަރެން ބޭނުންވަނީ އަހަރެންގެ ކަންތައްތައް ޖެނީ ކުރަން!"
ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު އާލިމް ބުނެލިއެވެ. އެއާއެކު މޫނުމައްޗަށް ހައިރާންކަން ވެރިކުރުވަމުން ޖެނީ ވާހަކަ ދައްކަން ފެށިއެވެ.
" ދެން؟ މިއީ އެހާވަރުގެ ކަމެއްތަ؟ "
އަލަމާރިން ގަމީހަކާއި ފަޓްލޫނެއް ނެގުމަށްފަހު ޖެނީ ދޮރާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އާލިމް ޖެނީގެ އަތުގައި ހިފައި އޭނާ ހުއްޓުވިއެވެ.
" ތިއީ އެހާވަރުގެ ކަމަކަށް ނުވަންޏާ ޖެނީވެސް ތިކަން ކޮށްލަންވީނު"
އާލިމް ވާހަކަ ދެއްކީ އަސަރާއެކުގައެވެ. ނަމަވެސް ޖެނީގެ ވިސްނުން މުޅިން ތަފާތެވެ. އެނދުމައްޗަށް ގަމީސް އެއްލަމުން އޭނާ ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށިއެވެ.
" އަޅެ އާލިމް! ތިއީ ދެން ކޮން ކަމެއް؟ އެހެންވިއްޔާ މިގޭގައި އިތުރު މީހަކު އެއްވެސް ކަމެއް ކުރާނެކަމެއް ނެތް! މިހާރުވެސް ތިކަނީ އަހަރެން ކައްކާ އެއްޗެއްސެއް ނޫނެއްނު! އެހެންމީހަކު އާލިމްގެ އެއްޗެއް އިސްތިރިކޮށްލިއްޔާ އާލިމްގެ ގައި ހިރުވަނީތަ؟ "
މަލާމާތުގެ ރާގަކަށް ޖެނީ ވާހަކަ ދެއްކުމުން އާލިމް ގާތަށް ނުހަނު ރުޅި އައެވެ. އެހެންކަމުން އެނދުމައްޗަށް ޖެނީ އެއްލާފައި އޮތް ގަމީހާއި ފަޓްލޫން ނެގުމަށްފަހު އާލިމް ޖެނީގެ ކުރިމަތީގައި ހުއްޓުނެވެ.
" މި ހިފައިގެން ގޮސް އަހަންނަށްވެސް ޝަޒާގެ އަތަށް ދެވިދާނެ! މިވަރުވެސް ޖެނީ ކުރާނެކަމެއްނެތް"
ހިތްހަމަ ނުޖެހިފައި ހުރެ އާލިމް ހިނގައިގަތުމުން މިފަހަރު އާލިމް ހުއްޓުވީ ޖެނީއެވެ. ބާރުބާރަށް ދޮރާ ދިމާއަށް ދިޔަ އާލިމް ހުއްޓި ފަހަތް ބަލައިލީވެސް ރުޅިއައިސްފައެވެ.
" މިހާރު ކިިހިނެއްވީ؟ "
އާލިމް ސުވާލު ކުރިއެވެ. ރުންކުރު ގޮތަކަށެވެ. އޭނާގެ އަޑާއި ރާގުން، ރުޅި އައިސް ހުރި މިންވަރު ޖެނީއަށް އެނގުނެވެ.
" ކޮންމެހެން އަހަރެމެން ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް އެހެން މީހުންނަށް އަންގާނެކަމެއް ނެތް.. ތިހެން ދިޔައީމަ ޝަޒާއަށްވެސް އެނގޭނެއެއްނު"
ޖެނީ ބޭނުންވާގޮތް އޭނާ ހާމަ ކުރުމުން އާލިމަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" ޖެނީ! ތިގޮތަށް ކަންތައްތައް ކުރަންޏާ ކިތަންމެ ސިއްރުން އުޅުނަސް ދޮރުންވެސް އެކަންކަން ބޭރުވާނޭ! އަހަރެންގެ ގަމީހެއް އިސްތިރިކޮށްލަން އަހަރެން މި އެދެނީ ޖެނީގާތު.. އަހަރެންގެ އަނބިމީހާގާތު! އެކަން ކުރަން ޖެނީއަށް ބޮޑުކަމަކަށް ވެގެން ނުވާނެ! އަހަރެން ހީކުރީ އަހަރެންގެ ކަންތައްތައް ޖެނީ ވަރަށް އުފަލުން ކޮށްދޭނެކަމަށް.. ގެއަށް މެއިޑެއް ގެނައީ މިކަހަލަ ކަންކަން ކުރުވާކަށް ނޫނެއްނު.. "
އަތުގައި އޮތް ގަމީސް ޖެނީއަށް ދިއްކޮށްލަމުން އާލިމް ވާހަކަ ދެއްކިއެވެ. ނުހަނު މަޑުމަޑުންނެވެ.
" އަސްލު އާލިމަށް ވަރަށް ނުވިސްނޭ! އަހަރެން މި ބުނަނީ ޝަޒާއާއެކު ނިދަން ދާށޭތަ؟ އާލިމް ލާ ގަމީހެއް އެހެން މީހަކު އިސްތިރިކޮށްލުން އެއީ މައްސަލައެއްތަ؟ "
ކިތަންމެ ލޯބިން ނަޞޭޙަތްތެރިވެދިނަސް ޖެނީއަށް ނުވިސްނޭނެކަން އާލިމަށް އެނގުނެވެ. އެހެންކަމުން އޭނާ އިތުރަށް އެއްޗެއް ނުބުނެ ގޮސް އެނދުގައި އިށީނދެ ދެއަތުން މޫނު ފުހެލިއެވެ.
" ބުނެބަލަ އާލިމް! "
އާލިމްގެ ކުރިމަތީގައި ހުއްޓެމުން ޖެނީ އެހިއެވެ. އެއާއެކު އާލިމް އިސްއުފުލައިލުމަށްފަހު ޖެނީއަށް ބަލައިލިއެވެ.
" މައްސަލައެއް ނޫން! އެކަމަކު އޭނައަށްވެސް ބުރަވާނެއެއްނު.. އަހަރެމެން އަގު ކަނޑައަޅާފައި ގެނައީ ވަކި ކަންތައްތަކެއް ކުރުވަން! ދެން.. އަހަރެން ބޭނުން ނުވަނީ! "
އާލިމްގެ ވާހަކަތައް އަޑުއަހަން ހުރެ ޖެނީއަށްވެސް ތުންތަޅުވާލެވުނެވެ.
" ހޫމް.. ދެން އެންމެ ރަނގަޅޭ! އަހަރެން މިދަނީ"
ފުންނޭވާއެއް ދޫކޮށްލަމުން ޖެނީ ނިކުތުމާއެކު އާލިމް އެނދުމަތީގައި އޮށޯވެ، ހަށިގަނޑު ދަމާލިއެވެ.
***
ހުކުރުން އައިސް ގެއަށް ވަނުމާއެކު އާލިމަށް ފެނުނީ މީރުކޮށް ތައްޔާރުކޮށްފައި ހުރި ކާއެއްޗެހިތަކުން ދުން އަރާ މަންޒަރެވެ. އެއާއެކު މުޅި ގޭތެރެއަށް އޭނާއަށް ނަޒަރު ހިންގާ ލެވުނެވެ. ޝަޒާ ފިޔަވާ އިތުރު މީހަކު ސިޓިންގރޫމަކު ނެތެވެ. ދޮރު ލެއްޕުނު އަޑަށް އެވަގުތު ޝަޒާއަށްވެސް ފަހަތް ބަލައިލެވުނީ ސިހިފައެވެ. އެއާއެކު ލަދުރަކި ގޮތަކަށް އޭނާއަށް ހިނިތުންވެލެވުނެވެ.
" ކޮބާ އެމީހުން؟ "
އާލިމް އަހާލީ އާދައިގެ ގޮތަކަށެވެ.
" ޖެނީ ގޮއްސި އެމީހުން ގޮވައިގެން ކޮޓަރިއަށް! އާލް ފެންވަރަން ދާތީ، ލިވީވެސް ބޭނުންވީ ދާން"
ހިނިތުންވެލަމުން ޝަޒާ ބުންޏެވެ. އެއާއެކު އާލިމްއަށް ނަޒަރު ހިންގާލެވުނީ ސުފުރާ މައްޗަށެވެ. އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޝަޒާ ތައްޔާރުކޮށްފައިވާ ކާއެއްޗެހި ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.
" ހާދަ ބައިވަރެއް ހަދާފައި މިއޮތީ؟"
އާލިމަށް ބުނެލެވުނެވެ.
" ނޫނޭ ވައްތަރުތައް ގިނަވާނީ! އެކަމަކު ކޮންމެ އެއްޗަކުންވެސް އެތިކޮޅެއް މިހުރީ! އިސްރާފެއް ނުވާނެ އިންޝާﷲ! "
ފެންތައްޓެއް އަޅަމުން ޖެނީ ބުނެލިއެވެ.
" މީހަކު ގޮވައިގެން އާދެވުނު ނަމަ…"
ބޭއިޚްްތިޔާރުގައި އާލިމަށް ބުނެލެވުނެވެ. އެއާއެކު ޖެނީގެ ހިނިތުންވުން ފުޅާ ވެގެން ދިޔައެވެ.
" އަހަރެން ކައްކާ އެއްޗެހި ކަމުދަންޏާތާ! "
ލާނެތް ގޮތަކަށް ޝަޒާ ބުނެލިއެވެ. އެއާއެކު އާލިމް މޭޒުކައިރީ އިށީނުމަށްފަހު އަނެއްކާވެސް ތަށިތަކަށް ބަލައިލިއެވެ.
" ކަމުދާތީއެއްނު ބޭރުން ކާން ނުޖެހެނީ މިހާރު"
އާލިމް ބުނެލީ މަޑުމަޑުންނެވެ. އެއާއެކު އިތުރަށް ބުނާނެ އެއްޗެއް ޝަޒާއަކަށް ނޭނގުނެވެ. އާލިމްގެ ކުރިމަތީގައި ހުންނަން ނުކެރިގެން އޭނާ ހިނގައިގަތީ ސޯފާއާ ދިމާއަށެވެ. އޭރު ޖެނީމެންވެސް ކޮޓަރިން ނިކުމެގެން އާދެއެވެ.
" އާލިމް! މިއަދު ހިނގާބަލަ ކައިގެން މޫދަށް ދާން.. އާލް ހަމަ މޫދަށް ދާން ރޮނީ! ފެންވަރަން ވެއްދީމަ ފެނެއް ނުވެރި.."
ދުވެފައި ނިކުތް އާލްއާ ލިވީއަށް ބަލަމުން ޖެނީ ވާހަކަ ދެއްކިއެވެ. އޭރު ޝަޒާވެސް ހުރީ ސޯފާ ކައިރީ ހުއްޓިލައިގެންނެވެ.
" މޫދަށް؟ އާނ ބައްޕިއަށް ދެވޭނީ މިއަދު.. ހިނގާ ދާންދޯ!"
އާލްގެ ބުރަކަށީގައި ފިރުމާލަމުން އާލިމް ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.
" ލިވީ ވެސް ގެންދަން ބޭނުން"
ކައިރީގައި ހުއްޓި ހުރި، ލިވީއަށް ބަލައިލަމުން އާލް ބުނެލީ ނުހަނު އުފާވެރި ރާގެއްގައެވެ. އެއާއެކު ޖެނީއަށް ބަލައިލެވުނީ ޝަޒާގެ މޫނަށެވެ.
" ހިނގާ ދާން އަހަރެމެންނާއެކު.. މިއަދު ދެން މަސައްކަތްވެސް ނިމުނީއެއްނު"
ޖެނީ އެހެން ބުނުމުން ޝަޒާއަށް ބޭއިޚްތިޔާރުގައި އާލިމްގެ މޫނަށް ބަލައިލެވުނެވެ. އޭރު އާލިމަށްވެސް ހުރެވުނީ ޝަޒާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެމޫނުމަތިން ފާޅުވަމުންދާ އަސަރުތަކުން ޝަޒާއަށް ބޭއިޚްތިޔާރުގައި އިސްޖަހާލެވުނެވެ. ޝަޒާ ގެންދަން އާލިމްވެސް ބޭނުންވާކަހަލަ އިހްސާސެއް އެވަގުތު އޭނާއަށް ކުރެވުމާއެކު ޝަޒާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" ނޫނޭ.. މިގަޑީގައި ދިޔައީމަ ލިވީ ނިދަން އުނދަގުވެދާނެ.. ދެން ހަވީރު ނިދޭނީ"
ޝަޒާ ބަހަނާ ދައްކަން ފެށުމާއެކު އާލް ބާރުބާރަށް ނޫނެކޭ ބުނެ އެންމެން ސިއްސުވާލިއެވެ.
" ނޫން.. ލިވީ ކޮއްކޮ ގެންދާނަން.. އެހެން ނޫން އާލް ނުދާނަން"
އެންމެ ފަހުން އާލްގެ އެދުމަށް ޝަޒާއަށް ޖެހުނީ އެއްބަސްވާށެވެ.
" ތެދެއް ޝަޒާ ދެން ހިނގާބަލަ ދާން.. މޫދަށް އެރިލާފައި އަންނާނީއޭ.. "
ޝަޒާގެ ކޮނޑުގައި އަތް ޖައްސާލަމުން ޖެނީވެސް އެދުނެވެ. ހިނިތުންވެލަމުން ޝަޒާ ބޯ ޖަހާލުމާއެކު ކުޑަކުޑަ ލިވީވެސް ހީލިތަން ޝަޒާއަށް ފެނުނެވެ.
***
ދޮންވެލިތުނޑިމަތީގައި އިށީނދެ އިނދެ ޝަޒާ ދިޔައީ ލިވީގެ ހަރަކާތްތަކަށް ބަލާށެވެ. ރާޅުޖަހާ ފަށުގައި އިށީނދެ އިނދެ ލިވީ ވެލިކުޅެމުން ދިޔައެވެ. އޭރު ތަންކޮޅެއް ބޭރުގައި ޖެނީއާއި އާލިމް އުޅުނީ އާލް ގޮވައިގެން ފަތަން ދަސްކޮށްދޭށެވެ. އެކަނިމާއެކަނި އިން ލިވީއާމެދު ވިސްނާލެވުމާއެކު ޝަޒާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އެއާއެކު އޭނާއަށް ގިސްލެވެން ފެށުނީ ދެލޮލުގައި ހުރި ކަރުނަތައް ހިފެހެއްޓޭގޮތް ނުވީމައެވެ. ބައްޕައަކާ ނުލައި ބޮޑުވަމުންދާ ލިވީއަށް ބައްޕަގެ ލޯބި ބޭނުންވާނެވަރު އޭނާއަށް މިހާރު މާބޮޑަށް އިޙްސާސް ކުރެވެން ފެށުނެވެ. އާލިމްއާ އާލްގެ ގުޅުން ފެނި، ލިވީއަށްވެސް އެފަދަ ލޯތްބެއް ހޯދައިދޭ ހިތްވިއެވެ.
އެފަދަ ފުން ޚިޔާލްތަކުގައި އިންދާ، އޭނާއަށް ފެނުނީ އެއްގަމަށް އަރައިގެން އަންނަ އާލިމެވެ. އޭރު އާލިމް ހުރީވެސް އޭނާއާ ފުދޭވަރަކަށް ކައިރީގައެވެ. އެހެންކަމުން ޝަޒާ އަވަސް އަވަހަށް އިސްޖަހާލީ އޮހޮރެމުންދާ ކަރުނަތައް ސިއްރުކުރަން ބޭނުންވާތީއެވެ. ނަމަވެސް ޝަޒާއާ ދާދި ގާތުގައި ހުރި ކޮތަޅުން ފެންފުޅިއެއް ނަގަން ގުދުވެލި އާލިމަށް، ޖަންބުކުލަ އަރަމުންދާ ޝަޒާގެ މޫނު ފޮރުވޭނެ ގޮތެއް ނުވިއެވެ. މާޔޫސްވެ ދެރަވެފައިވާ ޝަޒާގެ މޫނަށް އާލިމަށް ބަލައިލެވުނެވެ. ނަމަވެސް އެވަގުތު އެއްވެސް ސުވާލެއް ކުރަން ނުކެރުމުން އާލިމް އެއްޗެއް ނުބުނެ އެނބުރި މޫދާ ދިމާއަށް ހިނގައިގަތެވެ.
( ނުނިމޭ )

ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ރީތި ވާހަކައެއްމީމާޝާﷲ