(26 ޑިސެމްބަރ 2023 ނޫހާއިގުޅޭ)
ނަމަވެސް ޝަޒާއާ ދާދި ގާތުގައި ހުރި ކޮތަޅުން ފެންފުޅިއެއް ނަގަން ގުދުވެލި އާލިމަށް، ޖަންބުކުލަ އަރަމުންދާ ޝަޒާގެ މޫނު ފޮރުވޭނެ ގޮތެއް ނުވިއެވެ. މާޔޫސްވެ ދެރަވެފައިވާ ޝަޒާގެ މޫނަށް އާލިމަށް ބަލައިލެވުނެވެ. ނަމަވެސް އެވަގުތު އެއްވެސް ސުވާލެއް ކުރަން ނުކެރުމުން އާލިމް އެއްޗެއް ނުބުނެ އެނބުރި މޫދާ ދިމާއަށް ހިނގައިގަތެވެ.
މޫދުގަައި އުޅެމުންވެސް އާލިމަށް އިރުއިރުކޮޅުން ބަލައިލެވެނީ ވެލިގަނޑުމަތީގައި އިން ޝަޒާއަށެވެ. ކޮންމެވެސް ކަމަކާ އޭނާ ދެރަވެފައި އިންކަން އާލިމަށް ޔަޤީން ކުރެވުނީ ދާދި ދެންމެއަކު އޭނާއަށް ފެނުނު މަންޒަރުންނެވެ. ޝަޒާ އެވަރަށް ރޯން ޖެހުނު ސަބަބެއް ހޯދަން އޭނާގެ ހިތް ކެތްމަދުވަނީ ކީއްވެކަމެއް އާލިމަކަށްވެސް ނޭނގުނެވެ.
" ޝަޒާ! އާދެބަލަ"
އެއް އަތުން ޝަޒާއަށް ހަނާ އަޅާލަމުން ޖެނީ ގޮވާލީ ތަންކޮޅެއް ބާރަށެވެ. ނަމަވެސް މޫދަށް އެރެން ބޭނުން ނުވާތީ އަވަސް އަވަހަށް ޝަޒާ ދެފަރާތަށް ބޯ ހޫރާލިއެވެ. އޭރު ކުޅެން އިން ލިވީ ވެސް ދުވެފައި ޝަޒާއާ ދިމާލަށް އާދެއެވެ. ލިވީ ވެލިކުޅެން ހުރި އެއްޗެހިތައްވެސް އެހުރި ތަނުގައި ބަހައްޓާފައެވެ.
" ކިހިނެއްވީ ދަރިފުޅު؟ "
ލޯތްބާއެކު ޝަޒާ އަހާލީ ލިވީގެ ގައިގައި އަތް ޖައްސާލަމުންނެވެ.
" ގެއަށް ދާން! ލިވީ ފޫހިވަނީ"
ފޫހިކަމާއެކު ލިވީ އެހެން ބުނެލުމުން ޝަޒާ ލުއި ގޮތަކަށް ހީލިއެވެ. ދަރިފުޅުގެ އެދުމަށް ދެކޮޅު ހަދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން މަޑުމަޑުން ތެދުވެ ގައިން ވެލި ފޮޅާލަމުން އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ މޫދާ ދިމާއަށެވެ. އޭރު އާލިމް އެއްގަމަށް އަރައިގެން އާދެއެވެ.
" ކިހިނެއްވީ ލިވީ؟ "
އަތުގައި އޮތް ފެންފުޅި ވެލިގަނޑުމަތީގައި ބަހައްޓަމުން އާލިމް ލިވީ އާ ދިމާއަށް ގުދުވެލަމުން އަހާލިއެވެ. އެއާއެކު އާލިމްގެ ސުވާލަށް ޖަވާބު ދިނީ ޝަޒާއެވެ.
" ލިވީ ފޫހިވާތީ ގެއަށް ދާން މިދަނީ"
" ޝަޒާ ކީއްވެ މޫދަށް ނޭރުނީ؟ ލިވީއަށްވެސް މަޖާވީސް ޝަޒާވެސް އައިނަމަ"
ބޭއިޚްތިޔާރުގައި އާލިމަށް ބުނެލެވުނެވެ. އެއާއެކު ފުންނޭވާއެއް ދޫކޮށްލަމުން ޝަޒާ ހިނިތުންވެލީ އާލިމްގެ ވާހަކައަށް އެއްވެސް ރައްދެއް ދޭން ބޭނުން ނުވާފަދަ ގޮތަކަށެވެ. ޝަޒާއާ ވާހަކަ ދައްކަން ގިނަ އިރު އެތަނުގައި ހުންނަން ނުކެރިގެން އާލިމްވެސް އިތުރަށް އެއްޗެއް ނުބުނެ އަނެއްކާވެސް މޫދާ ދިމާއަށް ހިނގައިގަތެވެ.
" އާލިމް! "
ޝަޒާގެ އަޑަށް ، ހުއްޓުމަށްފަހު އާލިމް ފަހަތް ބަލައިލިއެވެ.
" ޖެނީގާތު ބުނޭ ލިވީ ނިދިއައިސްގެން އަހަރެން ގޮއްސިއޭ!"
މިފަހަރު އާލިމް ބޯ ޖަހާލިއެވެ. އޭރުވެސް ޝަޒާގެ މޫނުމަތިން އާދަޔާ ޚިލާފް އަސަރުތަކެއް އާލިމަށް ފާހަގަ ކުރެވުނެވެ.
***
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ނިދިވަނީ އާލިމާ މާދުރުގައެވެ. މާދަމާ ހެނދުނު ޑިޔުޓީއަށް ދާންޖެހޭކަން އެނގޭ އިރުގައިވެސް އާލިމަކަށް ނުނިދުނެވެ. ދާދި ގާތުގައި ނިދާފައި އޮތް ޖެނީގެ މޫނަށް ބަލައިލުމަށްފަހު އޭނާ ތެދުވެގެން ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. އެއާއެކު ޖެނީގެ ފޯނަށް މެސެޖެއް އައި އަޑު އިވި އޭނާ ހުއްޓުނެވެ. ޑްރެސިންގ ޓޭބަލް މަތީގައި ސްކްރީން ދިއްލިފައި އޮތް ޖެނީގެ ފޯނާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިން ހުރުމަށްފަހު އާލިމް އެދިމާއަށް ހިނގައިގަތީ ލަސް ފިޔަވަޅުތަކެއްގައެވެ.
ފޯނު ސްކްރީނަށް އަރާފައިވާ ޝަޒާގެ ނަން ފެނި، އާލިމްގެ ހިތަށް ފިނިވެގެން ދިޔައެވެ. އެހެންކަމުން މިރޭ އޭނާއަށް ލިބެމުންދާ އުނދަގޫތަކުގެ އަސްލަކީ ޝަޒާ ބާވައޭ އޭނާގެ ހިތަށް އެރިއެވެ.
" ލިވީ ހުން އައިސް ހުރީމަ މާދަމާ ނުދެވޭނެތީވެ ބުނެލަން ވެގެން މެސެޖްކޮށްލީ! "
ޝަޒާގެ މެސެޖް ކިޔާލުމަށްފަހު، އާލިމް އަވަހަށް އޮތްތަނުގައި ފޯނު ބޭއްވިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާއަށް ހިނގައިގަނެވުނީ އެނދާ ދިމާއަށެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ.
***
" ބިސްކޯދެއް ނުކާނަން! "
އޮފީހަށް ދާން ތައްޔާރު ވެގެން ނިކުތް އާލިމްގެ ލޮލުގައި އަޅައިގަތީ ރޮވިފައި އިން އާލްއެވެ. ޖޫސްތައްޓަކާއެކު އާލްއަށް ބިސްކޯދު ކާންދޭން އިން ޖެނީ ވަރަށް ބޮޑަށް ރުޅި ގަދަވެފަައި އިންކަންވެސް އޭނާއަށް ފާހަގަ ކުރެވުނެވެ.
" އާލް ކީއްވެ ރޮނީ؟ "
ކަރުގައި އޮތް ޓައިގައި އަތް ޖައްސާލަމުން އާލިމް އަހާލިއެވެ.
" ނޭނގެ! ރޮއްޓޯ ކާނީ! އެއްގޮތަކަށްވެސް މިއެއް ނުކޭ! މީގެ ކުރިންވެސް ހެނދުނު ހަމަ ބިސްކޯދާ ޕާންދޯ އާލް ކެއީ! "
ބާރުބާރަށް ތެދުވަމުން ޖެނީ ބުންޏެވެ. އެއާއެކު އާލް ޖެނީއާ ދިމާއަށް ލޯއަޅާލިތަން އާލިމަށް ފެނުނެވެ.
" ޝަޒާދައްތަ މާ މީރު އެއްޗެހި ހަދާނެ! ބިސްކޯދު އާލްއަށް މީރެއް ނޫން"
އާލްގެ ޖުމްލައިން ޖެނީއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" ޝަޒާދައްތައެއްވެސް އަބަދަކު ނާންނާނެދޯ! ލިވީ ކޮއްކޮ ބަލިވެގެންނޭ އުޅެނީ.."
މޭޒުމަތީގައި ހުރި ޖޫސްތަށި ނަގަމުން ޖެނީ ބުންޏެވެ. އެއާއެކު އާލިމްގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސް ވެއްޖެއެވެ. ހިތްހަމަ ނުޖެހި ނުރުހުން ވެއްޖެއެވެ.
" ދެން އާލްއަށް ޖޫސްވެސް ނުދެނީތަ؟ "
" ނުބޯނަމޯ އެކިޔަނީ! ކިހިނެއްތަ ގަދަކަމުން ދޭނީ؟"
ޖެނީ ބާރުބާރަށް ގޮސް ސިންކަށް ޖޫސްތަށި އޮއްސާލިއެވެ. އެމަންޒަރު ބަލަން އިން އާލް ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭނާ އެދިޔައީ ރޯންކަން އާލިމަށް އެނގުނެވެ. ނަމަވެސް ޖެނީގެ މާ ބޮޑު ފަރުވާލެއް އެކަމާމެދު ނެތްކަންވެސް އާލިމަށް އެނގެއެވެ.
" ދެން ޖެނީ ކީއްތަވާނީ އާލް ކާހިތްވާ އެއްޗެއް ތައްޔާރުކޮށްލިއްޔާ! މިހާރު އޭނަ ކިތައް ދުވަސް މިވަނީ ހެނދުނު ރޮށި ކާތާ! "
ބޫޓު ހަރާ ދިމާއަށް ހިނގައިގަންނަމުން އާލިމަށް ބުނެވުނީ ރުންކުރު ގޮތަކަށެވެ. އެއާއެކު ޖެނީ މޫނު ކުނިކޮށްލީ އާލިމަށް ލޯ އަޅާލަމުންނެވެ.
" ދެން ހަމަ އެންމެ ފަހަރަކު ޕާންވެސް ކެވިދާނެދޯ! އަބަދު ރޮށި ކާކަށް ނުވާނެ"
އެއްޗެއް ބުނުމުގެ ކުރިންވެސް ޖެނީއާ ބަހުސް ކުރުމަކީ ބޭކާރު ކަމެއްކަން އާލިމަށް އެނގެއެވެ. އެހެންކަމުން އަވަސް ހަރަކާތަކާއެކު ބޫޓަށް އެރުމަށްފަހު އާލިމް ހިނގައިގަތީ ދޮރާ ދިމާއަށެވެ.
" އާލް ރުޅި ނާރުވައްޗޭ! ކޮންމެވެސް އެއްޗެއް ދެވޭތޯ ބަލާތި"
ދޮރު ހުޅުވާލުމަށްފަހު، ފަސްއެނބުރި ބަލައިލަމުން އާލިމް ބުނެލިއެވެ. އޭރުވެސް ޖެނީގެ މޫނުމަތީގައި ހުރި ރުޅިވެރިކަމެއް ނުފިލައެވެ.
" އާލްވެސް ދެން މާ ކަންތައް ބޮޑީ! "
އާލިމްގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް ޖެނީ ބުންޏެވެ. އެއާއެކު އާލިމް ގާތަށް އިންތިހާއަށް ރުޅި އަތުވެއްޖެއެވެ. އެހެންކަމުން ބޭރަށް ނުނިކުމެ އޭނާ ދޮރު ލައްޕާލިއެވެ.
" ޖެނީ ޕްލީސް! އެއީ ކުޑަކުއްޖެކޭ! އެކުދިންގެ މޫޑު އެކި ފަހަރު ހުންނާނީ އެކި ގޮތަށް! ތިއީވެސް މަންމައެއް.. މިހާރު އާލްގެ ގޮތް އެނގެން ޖެހޭނެ! އެހެން ނޫނަސް ޖެނީ ތިހާ ވަރަަށް ރުޅި އަންނަން ޖެހޭނެތަ؟ "
" ރުޅި އަންނާނެއެއްނު.. ޝަޒާ ނައީމަ އަހަރެންގެ ދަތުރު ކެންސަލްކުރަން މި ޖެހުނީ!"
ޖެނީގެ ޖުމްލައިން އާލިމަށް ލިބުނީ ހައިރާންކަމެވެ. ޖެނީ އެ ދައްކަނީ ކޮން ދަތުރެއްގެ ވާހަކައެއްތޯ އޮޅުން ފިލުވާހިތުން އޭނާ ގޮސް ޖެނީގެ ކުރިމަތީގައި ހުއްޓުނެވެ. އެއަށްފަހު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.
" ކޮން ދަތުރެއް ކެންސަލްވީ؟ "
" އެއީ ކުރީގެ ކްލާސްމޭޓްސްއާއެކު ކުޑަގިރިއަށް ދާންވެގެން"
މިފަހަރުވެސް އާލިމަށް ލިބުނީ މާބޮޑު ހައިރާންކަމެކެވެ. އޭރު ޖެނީވެސް ލޮލުގެ ހިމަކޮޅުން އާލިމަށް ބަލާކަން އާލިމަށް ފާހަގަ ކުރެވުނެވެ.
" ކުޑަ ގިރިއަށޭ؟ އަހަރެން ގާތު ނުވެސް ބުނަމެއްނު! "
" މިއަދު މެންދުރުފަހު ދާން ކިޔާފަ އޮތީ! މިރޭ ކަންނޭނގެ އަންނަނީ.. ދެން ކުރީގެ އެކުވެރިންތައް އާދޭސް ކުރާތީ އަހަރެން ބުނިން ދާނަމޭ! ހިތަށް އެރީ އާލް ގާތު ޝަޒާ ބަހައްޓާފައޭ ދާނީ.. ދެން އަހަރެންވެސް އުފާކުރަން ޖެހޭނެއެއްނު.. ބޭރަށް ނުގޮސް ހަތަރުދަމު ގޭގައި މި ހުންނަނީ"
ކުޑަކުއްޖަކު ފަދައިން ޖެނީ ވާހަކަ ދެއްކީ އާލިމްގެ ޝައުޤުވެރިކަން ދަމައިގަތުމަށެވެ. ނަމަވެސް ކަންތައްވީ ޖެނީ ހީކުރި ގޮތަކަށް ނޫނެވެ. އާލިމް ގާތަށް އައިސް ހުރީ އިންތިހާއަށް ރުޅިއެވެ.
" ކަންކަން ރާވާ ހިންގާލާއިރު އަހަރެންގާތު އަހާލުމެއްވެސް ނެތް.."
" އަހަރެން ނޫޅެމޭ ދާކަށް.. ދެން އަހަންނަކަށް ނުދެވޭނެއެއްނު! އެ ޝަޒާއަށްވެސް މިއަދު އާދެވޭ ކަމަކަށް ނުވި! ލިވީ ހުން އައިސް އޮތަސް މިގޭގައިވެސް ބޭއްވޭނެ ދޯ!"
ޖެނީގެ ޖުމްލައިން އާލިމްގެ ރުޅި އިތުރު ވެގެން ދިޔައެވެ.
" ދަރިޔަކު ބަލިވީމަ އެދަރި ކައިރީގައި ތާއަބަދު ހޭހަން ކޮށްދޭން އިންނާނީ ދަރިންދެކެ ލޯބިވާ މައިން! ލިވީ ސޯފާގައި ބާއްވާފައި އޭނަ ބޭނުންވާނެތަ މަސައްކަތްކުރަން ބަދިގޭގައި ހުންނަން.. ޖެނީއަކީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަކަށް ކުރިން ހިއެއް ނުކުރަން!"
އާލިމް އެހެން ބުނުމަށްފަހު ނިކުންނަން ހިނގައިގަތީ އިތުރަށް ޒުވާބު ކުރަން ބޭނުން ނުވެގެންނެވެ. އޭނާ ގޮސް ދޮރާ ހަމައަށް އެރިތަނާ މިފަހަރުވެސް އިވުނީ ޖެނީގެ އަޑެވެ.
" އާލިމް! އާލް އެގެއަށް ގެންގޮސްދޭންވީނު! އަހަރެން ބޭނުން އެދަތުރު ދާން"
ތަޅުގައި އަތް ޖައްސާލައިގެން ހުރި އާލިމަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
" ހުން އައިސް ހުރި ކުއްޖަކު ގާތަށް އާލް ގެންދަން ތިއުޅެނީ؟ މިހާރު މިއުޅެނީ ވަރަށް ވަރުގަދަ ރޯގާއެއް! ކުޑަކުދިން ރައްކާތެރިކުރުމަކީ މައިންބަފައިންގެ ޒިންމާއެއްކަން ޖެނީއަށް ނޭނގެނީތަ؟ "
އާލިމްގެ ރުންކުރު ޖުމްލައިން ޖެނީއަށް ތުންތަޅުވާލެވުނެވެ.
" ދެން އާލިމް.. ތިހާ ރުޅި ނައިސްބަލަ! އަހަންނަށް އެނގެޔޭ ޝަޒާ އެވަރު ވިސްނާނެކަން! ޕްލީޒް އާލިމް.."
ދުރުގައި ހުރި ޖެނީ އައިސް އާލިމްގެ ބުރަކަށީގައި ތަތްވެގަތެވެ.
" ޕްލީޒް ޕްލީޒް"
ޖެނީ އަނެއްކާވެސް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު އޭނާގެ ބަނޑުގައި ހިއްޕާލާފައި އޮތް ޖެނީގެ އަތް ނައްޓުވާލަމުން ބުނެލިއެވެ.
" ހޫމް! އާލް ގެނޭ! އަހަރެން އޮފީހަށް ދަމުން އޭނަ އެގެއަށް ލައިފަ ހިނގައިދާނަން.. ޝަޒާއަށް ގުޅާފައި ބުނެލާތި"
އާލިމަށް އެހެން ބުނެވުމާއެކު ޖެނީ ބަރުބާރަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އާލިމަށް ހިންދިރުވާލެވުނީ ބޮލަށް އުނދަގޫ ވެފައި ހުރި ހާލުގައެވެ.
***
ގޭގެ ދޮރު ހުޅުވާލެވުމާއެކު ޝަޒާއަށް ލިބުނީ ހައިރާންކަމެވެ. ދޮރުމަތީގައި ހުރި އާލިމްއާއި އާލް ފެނި ޝަޒާ ހިނިތުންވެލީ ސުވާލުގެ ނަޒަރަކުންނެވެ.
" ޖެނީ… ނުގުޅާތަ؟ "
އެތެރެއަށް ނުވަދެ ހުރެ ފުރަތަމަވެސް އާލިމް އަހާލިއެވެ. އެއާއެކު ޝަޒާ ބޯ ޖަހާލިއެވެ.
" ކިހިނެއްވީ؟ ޖެނީއެއް ނުގުޅަ! އާދޭ އެތެރެއަށް،. އާލް އާދޭ"
ދޮރު ބޮޑަށް ހުޅުވާލަމުން ޝަޒާ އެދުނީ ހިނިތުންވެލަމުންނެވެ. އެއާއެކު އާލިމްގެ އަތުގައި ހިފައިގެން އާލް އެތެރެއަށް ވަނެވެ. ފުރަތަމަވެސް އާލިމަށް ނަޒަރު ހިންގާލެވުނީ ޝަޒާ އުޅޭ އެޕާޓްމަންޓަށެވެ. ސާފުތާހިރުކަމާ އެއްވަރަށް އެހާ ތަރުތީބުވެފައި ތަނުން ދުވަނީ އެހާމެ މީރު ވަހެކެވެ.
" ކޮބާ މަންމަ؟ ބަލީތަ؟ "
އާލްގެ ދަތްދޮޅީގައި އަތް ޖައްސާލަމުން ޝަޒާ އަހާލިއެވެ. އެއާއެކު ފޯނުން ގަޑި ބަލައިލަމުން އާލިމް ވާހަކަ ދައްކަން ފެށިއެވެ.
" ނޫނެ! ޖެނީ ރައްޓެހިންތަކަކާއެކު ދަތުރު ދާން ވެގެން.. މިރެޔޯ އެމީހުންނަށް އާދެވޭނީ.. އެހެންވެ އާލް ބަހައްޓާލަދޭށޯ"
" އާލް ހުންނާނެޔޭދޯ ދައްތަގާތު.. ލިވީ މިހާރު ހުމެއް ނެތް.. އެކަމަކު ވަރަށް ކެއްސާ! އާލް ވާނެ ކޮއްކޮއާ ދުރުން އުޅެން އިނގޭ.. ސައިބޮއިފިންތަ؟ "
ދެމީހުންގެ މޫނަށް ބަލައިލަމުން ޝަޒާ ބުނެލިއެވެ. އެއާއެކު އާލް ދެފަރާތަށް ބޯ ހޫރާލަމުން އާލިމްގެ މޫނަށް ބަލައިލިއެވެ.
" އަހަރެން ދަނީ! ގަޑިވެސް ޖެހިއްޖެ"
އެއްޗެއް ނުބުނެ އާލިމް ނިކުންނަން ހިނގައިގަތުމާއެކު ޝަޒާ ގޮވާލިއެވެ.
" އާލިމް! "
އެއާއެކު އާލިމަށް އަނެއްކާވެސް ފަސްއެނބުރި ބަލައިލެވުނެވެ. އެއާއެކު ޝަޒާގެ މާނައިން ފުރިގެންވާ ހިނިތުންވުން ފެނި އޭނާއަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ.
" މެންދުރު.. ކާން އަންނައްޗޭ! "
ޝަޒާގެ ޖުމްލައިން އާލިމަށް ހިނިތުންވެލެވުނެވެ.
" ހޫމް…"
ބޯޖަހާލަމުން އާލިމަށް އެހެން ބުނެވުނު އިރު އޭނާއަށްވެސް ހުރެވުނީ ހިނިތުންވެވިފައެވެ. އެއާއެކު ޝަޒާއަށްވެސް ތަންކޮޅެއް ބޮޑަށް ހީލެވުނެވެ.
( ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
ތިޔަ ކަންތަކާ ޖެހުނީ. ކީއްކުރާނީ…. ބައެއް މީހުނަށް ޖަވާހިރެއް ލިބުނަސް ބަލައިގަންނާކަށް ނޭނގޭވިއްޔަ. ހުރިހާ މޮޅަކާއި އުފަލެއްވިއްޔަ ބޭނުންވަނީ. މިވާހަކަ ވަރަށް ރީތި.
މިވާހަކަ ހަފްތާގެ 3 ދުވަހު ގެނެސްދޭން ވީނު