ވާހަކަ: އައިން (23)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ތަންކޮޅެއް ދުރުގައި ހުރި ހާއިޝަށް އައިން ހިތާމައިގެ އިންތިހާގައި ވަނިކޮށް ފެނުނެވެ. އޭނާ ދުވެފައި އައިސް އައިންގެ ކުރިމަތީގައި ހުއްޓިލިއެވެ. އައިންއަށް އޭނާގެ ލޯބިވާ ފިރިމީހާ އޭނާ ގާތުގައި ހުރުމުން ވީ އުފަލެއް ބުނަންވެސް ނޭނގުނެވެ.

"ހާއިޝް. އަހަރެން ނަށް މާފުކޮށްދީ." އައިން ހާއިޝްގެ ތަނަވަސް މޭގައި ލައްވެލިއެވެ.

"ކިހިނެއްވީ. ރޮނީ ކީއްވެ؟" ރަނގަޅަށްވެސް ރޮވިފައިވާ އައިން އޭނާގެ ދެއަތުން އައިން ގައިގާ ވަށައިގެން ވާކަހަލަގޮތަކަށް ހިފަހައްޓައިގެން ހުރެ ސުވާލުކުރިއެވެ.

"އަހަރެންނަށް މާފުކުރޭ." އައިން އަށް ގިސްލެވެނީއެވެ.

"އައިން. ވީގޮތެއް ބުނެބަލަ. މީހަކު އެއްޗެއް ކީތަ. މާފަށް އެދޭވަރުގެ ކަމެއް އައިންއަށް ކުރެވުނީ ކޮންކަމެއް."

"ހާއިޝް. މީކޮން އެއްޗެއް؟" ވެއްޓިފައި އޮތް ފައިލު ނަގާ ދައްކާލަމުން ކުރަކިވެފައިވާ އަޑުން އޭނާއަށް އަހާލެވުނެވެ.

"އައިންއަށް ފެނުނީ ދޯ." ހާއިޝް ފުރަގަހަށް އެނބުރިލިއެވެ.

"ކީއްވެ ނިޝާއަށް އެހެންވީ."

"ނޭނގެ. އެހާ ޒުވާން ރީތި ކުއްޖަކަށް އެހާ އަވަހަށް ގޮހޮރުގެ ކެންސަރު ޖެހުނީތީ އަހަރެންވެސް ހައިރާންވި. އޭނާއަށް ކެންސަރު ޖެހިފައިވާކަން ޔަގީންވިއިރު އޭނާ ވަނީ އެބަލީގެ ފަހު ހަރުފަތުގައި. އޭގެ އިތުރުން އޭނާވަނީ ކައިވެނީގެ ބޭރުން މަންމައަކަށް ވާން ތައްޔާރުވެފައި." ހާއިޝް އަދިވެސް ހުރީ އައިންގެ ފުރަގަހަށް ވާގޮތަށެވެ.

"ދެން ކީއްވެ ފަރުވާ ނުކޮށް މިރަށަށް އައީ." އައިން ހާއިޝްގެ ކުރިމައްޗަށް އެރިއެވެ.

"މާބަނޑު މީހަކަށް ކީމޯތެރަޕީއެއް ދެވޭނީ ކިހިނެއް."

"މަންމަގެ ސަލާމަތަށްޓަކައި ދަރިފުޅު މިދުނިޔެއަށް ނުގެނެސް އޭނާއަށް ފަރުވާ ހޯދިދާނެއެއްނު."

"އެބައްޔަކީ ރަނގަޅުނުވާނެ ބައްޔަކަށް ވާއިރު ކުއްޖާ ދުނިޔެއަށް ގެނައުން އޭނާއަށް މުހިންމުވީ."

"ކީއްވެ؟"

" ނިޝާ ރައްޓެހިވެގެން އުޅުނު މީހާ އޭނައާއި ކައިވެނި ކުރާކަށް އެއްބަހެއްނުވި. އޭނާގެ ހާލަތު ބުނެދެން ދިޔައިރު އޭނާވަނީ އެހެން ކުއްޖަކާ ކައިވެނި ކުރަން ތައްޔާރުވެފައި. އަދި ކެންސަރު ޖެހިފައި ވީމާ އޭނާއަށް ނިޝާއާއި އިންނާކަށް ނުކެރުނު."

"އެއީ ކާކު؟"

"އެމީހެއް ނުބުނަން އަހަރެން ވާނީ ވައުދުވެފައި. އަނެއްކާ އެއީ…" ހާއިޝް މާ ނޭވާއެއްލިއެވެ.

"ކީއްވެ ހުއްޓާލީ."

"ދެން އަޅާނުލާ. އެމީހެއް ހޯދުމުގެ ބޭނުމެއްދެން ކޮބާ؟" ހާއިޝް ލޮލުން ކަރުނަ ފޮހެލިއެވެ.

"ދެންކީއްވެ އަހަރެން ގާތު ނުބުނީ."

"އަހަރެން ވަނީ އެވާހަކަތައް ނުބުނަން ވައުދުވެފައި. ނަމަވެސް ބައެއްފަހަރު އައިންއަށް ވިސްނޭގޮތަށް އަހަރެން ވާހަކައެއް ބުނަން އުޅުނަސް އަންނާނީ ރުޅި."

"އަހަރެންނަށް މާފުކުރޭ." އައިން ހާއިޝްގެ މޭގައި ލައްވެލިއެވެ. އަދި ހިތާމަވެރި ގޮތަކަށް ހާއިޝަށް ބަލާލިއެވެ. އޭނާއަށް ހާއިޝްގެ ލޮލުން ފެނުނީ ވަފާތެރިކަމެވެ. ތެދުވެރިކަމާ މައުސޫމުކަމެވެ. އެއީ ކިހާ ކެތްތެރި އޯގާތެރި މީހެއްހެއްޔެވެ؟ މިފަދަ މީހަކާމެދު އޭނާއަށް މިވިސްނުނީ ކިހާ ގޯސްކޮށްހެއްޔެވެ؟

"ނޫން. އައިން އަދި ކުށެއް ނުކުރޭ. ތިއީ ކެތްތެރި ކިޔަމަންތެރި ކުއްޖެއް. އަހަރެން އައިންދެކެ ވަރަށް ލޯބިވޭ." ހާއިޝް އައިން އޭނާގެ ގަޔާލާ ފިއްތާލިއެވެ.

"ޝުކުރިއްޔާ." އައިން ހާއިޝަށް ބުނެލިއެވެ. އޭނާއަށް އަދިވެސް ރޮވެނީއެވެ. އޭނާ ބޭނުމީ ހިތުގައި މިހުރިހާ ދުވަހު އަނދަމުން ދިޔަ އުދާސްތައް ކަރުނަތަކެއްގެ ސިފައިގައި މިގޮތަށް ހާއިޝަށް ހާމަކޮށްލުމަށެވެ.

"އައިން. ހުއްޓާލާ. ކުދިވެރިން ތިބޭނީ އެކަނި. އަނެއްކާ މިލޯބި ކުޑަކުޑަ އައިންއަށް ތިގޮތަށް ގެއްލުން ދޭކަށް ނުވާނެ." ހާއިޝް އައިންގެ ބަނޑުގައި ފިރުމާލިއެވެ. އަދި އައިންގެ ކަރުނަ ފޮހެލާ އަތުގައި ހިފާލިއެވެ. އެދެމީހުން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

 

ހެނދުނުގެ ވަގުތެވެ. އޮށިން ހަދާފައިވާ ބަދިގޭގައި ހުރި ތިރިމޭޒެއްގައި ހާއިޝް އިނީ ދެކުދިން ގޮވައިގެންނެވެ. އޭރު ދަރުއުނދުން ކައިރީގައި ރޮށިފިހަން އިން އައިން ރޮށި ފިހެވޭވަރުން އެމީހުންނަށް ދެމުންދެއެވެ. ކުއްލިއަކަށް ގޭތެރެއިން ކުއްޖަކު ރޯންފެށިއަޑަށް ހާއިޝް ދުއްވައިގަތެވެ. ބާކީހުރި ފުށްތައް ބަހައްޓާފައި އައިން ތެދުވެފައި އަތް ފޮޅާލިއެވެ. އޭރު ހާއިޝް ދިހަމަހުގެ ރިފާ އުރައިގެން އައިސް ބަދިގެއަށް ވަންނަނީއެވެ.

"ދީ އަހަރެންގެ އަތަށް." އައިން ހާއިޝަށް ބަލަހައްޓައިގެން ހުރެ އަތް ދިއްކޮށްލިއެވެ. ހާއިޝް ވެސް އައިންއަށް ބަލަހައްޓައިގެން ހުރެ ރިފާ ދިނެވެ. ފުރަތަމަ ފަހަރަށް އެލޯބި އަންހެން ކުއްޖާ އައިން އުރާލިއެވެ. އަދި މެޔާލާ ބޮނޑިކޮށްލިއެވެ.

"ކުޑަކުޑަ ރިފާ. މަންމައަށް މާފުކުރޭ. ދެން ދުވަހަކުވެސް ރިފާ ދޫކޮށެއް ނުލާނަން." އައިން ވަނީ ދެރަވެފައެވެ. ރިފާ އުރާލި ވަގުތު އޭނާއަށް ލިބުނު އާދަޔާ ޚިލާފު ހިތްހަމަޖެހުމަކުން އޭނާއަށް ރޮވޭ ގޮތްވިއެވެ. އޭރުވެސް ރިފާ ރޮނީއެވެ.

"ނޫން. ނޫން. މީ މަންމިގެ ދޮންދޫނި. ދޮންބެމެންނާއެކު ކާންހިނގާ ދޯ." އައިން ރޮށިކޮޅެއް ނައްޓާލާ ރިފާއަށް ލަވާލިއެވެ. ފެންކަޅިވެފައިހުރި ހާއިޝަށް އައިންގެ މި އޯގާތެރިކަން ފެނުމުން އައިން ގާތަށް އައެވެ.

"އައިން. ޝުކުރިއްޔާ." އައިންއާ ރިފާ އޭނާއާއި ގާތްކޮށްލިއެވެ.

"މާތްﷲ މިވަނީ އަހަރެމެންނަށް އަންހެން ދަރިއެއް ދެއްވާފައި. މީ ހާއިޝްގެ އޯގާތެރިކަމުގެ ބަދަލު. ދުވަހަކުވެސް އަހަރެންނަށް ހާއިޝާ އެއްވަރަކަށް ނާދެވޭނެ." އައިން އިސްޖަހާލިއެވެ. ހާއިޝް އައިންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

ބަދިގެ ދޮރުމަތީގައި ހާއިޝާއި އައިންގެ ލޯބިވެތި މަންޒަރު  ބަލަން ހުރި ނަތާއަށް އެމީހުންގެ ނިކަމެތިކަމާއި ފަގީރުން ފެނުނެވެ. ދިރިއުޅުމުގައި މިހާ ދަތި ދިރިއުޅުމެއް އެހެން މީހަކު އުޅޭ ތަނެއް އޭނާއަށް  އައިންމެން ނޫނީ ނުދެކެއެވެ. ނަމަވެސް އެދެމެދުގައި ވަނީ އޯގާތެރިކަމާއި ލޯތްބެވެ. އަޅާލުމާއި އިތުބާރެވެ.

"އައްސަލާމް ޢަލައިކުމް." ބަދިގެ ނިވަލުގައި ފިލައިގެން ހުރެ ނަތާ ސަލާމް ގޮވާލިއެވެ.

"އަހަރެން އެބަ އަންނަން." ރިފާ އުރާލައިގެން އައިން ބޭރަށް ނިކުތެވެ. އުނދޯއްޔާއި އަރާ ހަމަކުރަމުން ދިޔަ ޒުވާން އަންހެން ކުއްޖާ ހުއްޓުނީ ދެވަނަ ފަހަރަށް އައިން ސަލާން ބަލައިގަތީމައެވެ. އައިންއަށް ފުރަތަމަ ފަހަރުންވެސް އެއީ ނަތާކަން އެނގުނެވެ. ނަމަވެސް މިހާ ހެނދުނު ވަގުތު ނަތާ އެކަނި މިރަށަށް އަތުވެދާނެކަމާ މެދު އޭނާ ޝައްކުވިއެވެ.

"ނަތާ." ހައިރާން ކަމާއެކު އައިން ގޮވާލިއެވެ.

"އައިން. އަހަރެން މިއައީ ވަރަށް ބޮޑުކަމަކު." ނަތާ ހުއްޓިފައި އައިންގެ ކުރިމައްޗަށް ވާގޮތަށް އެނބުރުނެވެ.

"ކިހިނެއްވީ." ހައިރާން ކަމާއެކު އައިން ސުވާލުކުރިއެވެ.

"އިއްޔެ ޕާކުގައި އިންދާ ޒޫނާއާއި ދިމާވި." ނަތާއަށް ވަނީ ވާހަކަ ފަށާނެ ގޮތް ނޭނގިފައެވެ.

"ދެން." ޒޫނާގެ ވާހަކަ ބުނުމުން އައިން ފޫހިވާގޮތް ވިއެވެ.

"އޭނާ އުޅެނީ ރިފާއު އާއި ކައިވެނި ކޮށްގެން."

"ކޮންރިފާއުއެއް؟ ހާއިޝާއެކު ކޮލެޖުގައި އުޅުނު ރިފާއުތަ؟" ޝައްކުވެގެންހުރެ އައިން އެހިއެވެ.

"އާން. އެދެމީހުންނަށް މިހާރު ކުއްޖަކުވެސް އެބައޮތް." ނަތާއަށް ކޮށްފައިވާ އަސަރުން ބުނަން ބޭނުންވާއެތި އަދިވެސް ނުބުނެވެއެވެ.

"ނަތާ ދުރަށްދޭ. ކީއްކުރަން މިތަނަށް ތިއައީ. މިއަދު ތިވާހަކަ ބުންޏަކަސް ފައިދާއެއް ނެތް." އައިން ރޯން ފަށައިފިއެވެ. ނަތާ ބުނަން އުޅުނު ވާހަކަ އައިންއަށް މާކުރީން ދޭހަވެއްޖެއެވެ.

"އައިން. އަހަރެންނަށް މާފުކުރޭ."

"ކީއްވެ. އެދުވަހު އަހަރެން ކިހާ އާދޭހެއް ކުރީން. އަހަރެން އޭރުވެސް ބުނިން އެއީ ހާއިޝެއް ނޫނޭ. އަހަރެން އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް އޭނާއަށް އިތުބާރުކުރަން."

"އެހާދިސާ ހިނގުމުގެ ކުރިން އަހަރެންނަށް އައިންނާ ހާއިޝް އެތަނުން ފެނުނީމަ ހީކުރީ."

"ހީކުރީ ހާއިޝްކަމަށް. އޭގެ އަނެއްދުވަހު ޒޫނާ އެތަނުން ފެނުމުން ރަނގަޅަށް މޫނު ނުފެނި ޔަގީން ނުވެ ހީއެއްގެ މައްޗަށް ކުރެވުނު ކަމެއްގައި ނަތާ އެކަން ސާބިތު ކޮށްދޭކަށް ނުވާނެއެއްނު."

"އޭނާ ކުޑަ ދޮރުން ފުންމާލިއިރު އަހަރެން އޭނާގެ މޫނު ދުށް ހަނދާން މިހާރު އެބަވޭ. އެއީ ހާއިޝެއްނޫން. އެދުވަހު އޭނާހުރީވެސް ހަމަ ހާއިޝް ލާފައިހުރި ކަހަލަ ގަމީހެއް ލައިގެން. އަހަންނަށް އޮޅުނީ. ޒޫނާވެސް މިހާރު އެކަން ޔަގީން ކޮށްދީފި. އަހަރެންނަށް މާފުކޮށްދީ އައިން." ނަތާއަށް ރޮވެން ފެށިއެވެ.

"އައިން." ބަދިގެ ތެރެއިން ހާއިޝް ގޮވާލިއެވެ. ނަމަވެސް އައިންއަކަށް ޖަވާބެއް ނުދެވުނެވެ. އޭނާއަށް ރޮވެނީއެވެ. ހާއިޝަށް ބޭއިންސާފުން މިލިބުނު އަނިޔާއިން އެފަކީރަށް ކިހާ ހިތްދަތިކަމެއް ލިބުނު ހެއްޔެވެ؟  އައިންގެ ޚަބަރެއް ނުވުމުން ހާއިޝް ބޭރަށް ނުކުތެވެ. ރޮވިފައިވާ އައިން ފެނުމުން ހާއިޝްއައިން ގާތަށް ދުއްވައިގަތެވެ. އައިން ހާއިޝްގައިގާ އޮޅުލައިގަތެވެ.

"ކިހިނެއްވީ." ގިސްލެވެމުންދާ އައިން ރޯތީ ހާއިޝް ވަނީ ހާސްވެފައެވެ. ނަމަވެސް އައިންއަކަށް ޖަވާބެއް ނުދެވުނެވެ.

"ކާކުތަ އައީ. މީހަކު އެއްޗެއްކީތަ؟" ހާއިޝް ވަށައިގެން ބަލާލަމުން ބުންޏެވެ. އޭނާއަށް ކުއްލިއަކަށް ނަތާ ފެނުނެވެ.

"ކީއްކުރަން މިތަނަށް ތިއައީ. އަދިވެސް ދެވުނު އަނިޔާ ކުޑަވީމަތަ؟" ހާއިޝް ވާހަކަ ދެއްކީ ހަރުކަށިކޮށްނަމަވެސް މަޑުމަޑުންނެވެ.

"އަޅުގަނޑަށް މާފުކުރޭ. ޒޫނާއާއި ދިމާވެގެން ހުރިހާ އެއްޗެއް އަޅުގަނޑަށް ސާފުވެއްޖެ. އަޅުގަނޑު ހީކުރީ އެއީ ހާއިޝްކަމަށް." ނަތާ އިސްޖަހާލައިގެން ހުރެ ދެއަތް ދެއަތާއި ކުޅެލަ ކުޅެލަ ހުއްޓެވެ.

"ހީކުރީއްޔޭ. ކަލޭގެ ތި ހީގެ ސަބަބުން އަހަރެންގެ ދިރިއުޅުން ސުންނާފަތި ކޮށްލައިފި. ދިރިއުޅުމަށްޓަކައި އަހަރެން ކުރި ހުވަފެންތައް ވިއްސި ވިހާލިކޮށްފި. ކުރިއަށް ދިއުމަށް ކުރި މަސައްކަތާއި ލިބިފައިވާ ރީތިނަން ސިކުންތެއްގެ ރޭގައި ވެއްޔާ މޮޑެލައިފި. ކަލެއަށް މާފުކުރާނީ ކިހިނެއް؟  އަހަރެންގެ އެންމެ ލޯބިވާ އައިންގެ މައިންބަފައިން ގެއްލުނީ ތި ކުށްހީގެ ސަބަބުން. މި ދަތި އުނދަގޫ ދިރިއުޅުމުގައި ކުދިން ގޮވައިގެން މިފަދަ ރަށެއްގައި އުޅުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭނީ ކަލޭވެސް އައިސް އުޅެލުމުން."

ރުޅި އައިސް ރަތްވެފައިވާ ހާއިޝް ނަތާއާއި ދިމާއަށް ދިޔައެވެ. ދުވަހަކުވެސް މީހަކުދެކެ މިހާ ރުޅިއައިސް ފައި ހުއްޓައެއް އައިންއެއް ނުދެކެއެވެ. އަދި ޚާއްޞަކޮށް ހާއިޝްގެ ކިބައިގާ މީ ނެތްކަމެކެވެ. އައިން ހާއިޝް ހިފެހެއްޓޭތޯ ދިޔައީ އެރުޅީގައި ހާއިޝް ކޮންމެ ފަދަކަމެއްވެސް ކޮށްފާނެތީ ބިރުންނެވެ. ހާއިޝް އައިން ދުރަށް ކޮށްޕާލިއެވެ. ވިހަން ތައްޔާރު ވެފައިވާ އައިން ނުވެއްޓުނީ ކިރިޔާއެވެ. ނަމަވެސް ހާއިޝް އައިންއާ މެދު ވިސްނައެއް ނުލެވުނެވެ.

"މިވީ ފަސް އަހަރުތެރޭގައި އަހަރުމެންގެ ދިރިއުޅުމުގައި އައިންއަށް އަހަރެންނަށް އިތުބާރު ނުކުރެވުނީ ކަލޭގެ ސަބަބުން. އޭގެ ސަބަބުން އަހަރެމެންނަށް ލިބުނު ވޭނާއި ހިތްދަތިކަމަކީ ކަލޭމެންނަށް އިހުސާސް ކުރެވޭނެ ކަމެއްނޫން."

ހާއިޝްއަށް ނަތާއާއި ވަރަށް ކައިރިއަށް ދެވުނެވެ. އައިން ދުވެފައިގޮސް ހާއިޝްއާއި ނަތާގެ ދެމެދަށް ވަނެވެ. އަދި ހާއިޝް އަތުގައި ހިފަހައްޓާ އޭނާ މަތަކުރިއެވެ.

"އެދުވަހު އައިންއާ ދެމީހުން ހަމަ އެތާ ތިއްބާ ފެނުމުން މާބޮޑަށް ޝައްކު ކުރެވުނީ. އެދުވަހު ޒޫނާގެ ޢަމަލުތައް ހުރިގޮތުން ބޮޑަށް އެގޮތަށް ބުރަވެވުނީ." ނަތާ ހުރިހާ އެއްޗެއް ހަގީގަތަށް ކިޔައިދިނެވެ.

"އަހަރެންނަށް ގޯހެއްނުހެދެނީސް މިތަނުން ދުރަށްދޭ. ކަލޭތިހުރީ އައިންގެ އެންމެ ގާތް ރަހުމަތްތެރިއާއަށް ހުރެފަ އައިންގެ ދިރިއުޅުމުގައި ހުޅުޖަހާފަ. ފަސްއަހަރަކީ ބޭއިންސާފުން އަނިޔާ ލިބޭކަށް މަދު ދުވަސްކޮޅެއް ނޫން. ކުރިންވެސް ކަލޭ ތިކަމާއި އުޅުނުނަމަ މިއަދު އަހަރެމެން މިހާލުގައި އުޅޭކަށް ނުޖެހުނީސް." ހާއިޝް އައިން ދުރަށް ދޭތޯ އަތުން ހަރަކާތްތެރި ވަމުން ދިޔައެވެ. އޭނާއަށް ބޮޑަށް ގަދަހަދަން ނުކެރުނީ އައިންއަށް ގެއްލުމެއް ވެދާނެތީއެވެ.

"ހާއިޝް. ހެޔޮނުވާނެ." އައިން ހާއިޝްގެ ގައިގާ ބައްދާލިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *